ހުކުރުމިސްކިތު މިޙްރާބު ފިލާގައިވާ ލިއުމެއް


މާލޭ ހުކުރުމިސްކިތް ބިނާކުރެއްވުމަށް އަމުރުކުރެއްވީ ކޮން ރަސްކަލެއްކަން ބުނެދޭ ލިއުމެއް، އެ މިސްކިތު މިޙްރާބު ފިލާގައި ލިޔެފައި ވެއެވެ. މި މަޒުމޫނާއެކުގައިވާ ތަޞްވީރަކީ، އެ ލިއުމުގެ ފޮޓޯއެކެވެ. ތިރީގައި ނަކަލުކޮށްފައި މިވަނީ، އޭގައިވާ ޢިބާރާތެވެ.

امين ببنا هذا المسجد المحترم لله العلي السلطان ابن السلطان الهمامي الاسكندر الغازي ابراهيم ابن السلطان محمد ن الشجاعي المحروسي

ދެން މި ބަޔާންކުރަނީ، ޢިބާރާތުގައިވާ ލަފުޒުތަކުގެ މާނައެވެ.

امين (އާމީން ނުވަތަ އަމީނު): "އާމީން" އަކީ، ދުޢާކުރުމަށްފަހު، ދުޢާ އިޖާބަކުރެއްވުމަށް ދެންނެވުމުގެ ގޮތުން ކިޔާ ލަފުޒެކެވެ. "އަމީނު" ގެ މާނައަކީ، "އަމާނާތްތެރިޔާ" އެވެ. ބަހުގެ ގޮތުން ބަލާއިރު މި ތާނގައި އޮންނަންޖެހޭ ރަނގަޅު ލަފުޒަކީ، أمر (އަމަރަ) އެވެ. "އަމަރަ" ގެ މާނައަކީ، "އަމުރުކޮށްފި" އެވެ.

ببنا (ބިބިނާ): ބަހުގެ ގޮތުން ބަލާއިރު، މިތާނގައި އޮންނަންޖެހޭ ރަނގަޅު ލަފުޒަކީ (ބިބިނާއި) އެވެ. އިސްވެދިޔަ ލަޒުފުގެ މަޤާމުގައި އޮންނަންޖެހޭ ރަނގަޅު ލަފުޒާއެކު މިތާނގައި އޮންނަންޖެހޭ ރަނގަޅު ލަފުޒު ކިޔޭނީ، أمر ببناء "އަމަރަ ބިބިނާއި" މިހެންނެވެ. ލަފުޒީ މާނައަކީ، "ބިނާކުރުމުގެ އަމުރުކޮށްފި" އެވެ.

هذا (ހާޛާ): މި.
المسجد (އަލްމަސްޖިދު): މިސްކިތް.
المحترم (އަލްމުޙްތަރަމް): އިޙްތިރާމު ލިބިގެންވާ، ޤަދަރު މަތިވެރި.
لله (ލިއްލާހި): މާތް ﷲ ގެ ދީދާރުފުޅަށްޓަކައި، މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި.
العلي (އަލްޢަލިއްޔު): މަތިވެރިވެގެންވާ.
السلطان (އައްސުލްޠާނު): ރަސްގެފާނު.
ابن (އިބްނު): ފިރިހެންދަރިއެއް.
السلطان (އައްސުލްޠާނު): ރަސްގެފާނު.

الهمامي (އަލްހުމާމީ): الهُمَامُ (އަލްހުމާމު) އަށް ނިސްބަތްވާ މީހާ. ޢަރަބި ބަހުގެ الهُمَامُ (އަލްހުމާމު) ގެ މާނަތަކުގެ ތެރޭގައި، "ބޮޑު ރަސްގެފާނު" ނުވަތަ "ހައިބަހުރި ރަސްގެފާނު" ފަދަ މާނަތައް ހިމެނެއެވެ.

الاسكندر (އަލްއިސްކަންދަރު): މިއީ، Alexander އަށް ޢަރަބި ބަހުން ކިޔާ ނަމެވެ. ދިވެހިބަހުގެ ރަދީފުގައި، "އިސްކަންދަރު" ގެ ދެ މާނައެއް ވެއެވެ. އެއް މާނައިގައި އެއީ، 1058 ހ. ވަނަ އަހަރު ރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގެންނެވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީކުލަ ރަންމީބަ ކައްތިރިބަވަނަ މަހާރަދުންނާއި އޭގެ ފަހުގައި އިސްވެވަޑައިގެންނެވި ބައެއްރަސްކަލުންގެ ނަންފުޅުގެ ފަހަތަށް ގެންނަ ލަޤަބެކެވެ. އަނެއް މާނައިގައި އެއީ ލާރިއެވެ.

الغازي (އަލްޣާޒީ): ހަނގުރާމަވެރިޔާ.

ابراهيم (އިބްރާހީމު): މިއީ، ފިރިހެނުންނަށް ކިޔާ ނަމެކެވެ.
ابن (އިބްނު): ފިރިހެންދަރިއެއް.
السلطان (އައްސުލްޠާނު): ރަސްގެފާނު.
محمد (މުޙައްމަދު): މިއީ، ފިރިހެނުންނަށް ކިޔާ ނަމެކެވެ.

ن (ނި): މިއީ، ތަންވީނުގެ ސުކުންޖެހޭ ނޫނުގެ ފަހަތަށް ال (ތަޢުރީފުގެ އަލިފު، ލާމު) އައުމުން، ކިޔާ ގޮތް ބަޔާންކޮށްދިނުމުގެ ގޮތުން ލިޔެފައިވާ އަކުރެކެވެ.

الشجاعي (އައްޝުޖާޢީ): އައްޝުޖާޢު ނުވަތަ އައްޝުޖާޢިއްޔާ އަށް ނިސްބަތްވާ މީހާ. ފަލަސްޠީނުގެ ޣައްޒާގައި، އައްޝުޖާޢިއްޔާ (الشجاعية) އެވެ، ކިޔާ ސަހަރެއް ވެއެވެ. ޢަރަބި ބަހުން الشُّجَاعُ (އައްޝުޖާޢު) ގެ ލަފުޒީ މާނައަކީ، "ހިތްވަރުގަދަ ފަހުލަވާނު" އެވެ.

المحلي (އަލްމަޙައްލީ): ދިވެހިރާއްޖެ އަށް ނިސްބަތްވާ މީހާ.

المحروسي (އަލްމަޙްރޫސީ): އަލްމަޙްރޫސަށް ނިސްބަތްވާ މީހާ. المحروس (އަލްމަޙްރޫސު) ގެ ލަފުޒީ މާނައަކީ، "ޙިމާޔަތް ލިބިފައިވާ" އެވެ.

ދެން މިގެނެސްދެނީ، ޢިބާރާތާއި އޭގެ ތަރުޖަމާއެވެ.

امين ببنا هذا المسجد المحترم لله العلي السلطان ابن السلطان الهمامي الاسكندر الغازي ابراهيم ابن السلطان محمد ن الشجاعي المحلي المحروسي

މި ޢިބާރާތް ރަނގަޅަށް ތަރުޖަމާކުރުމަށްޓަކައި، މި ޢިބާރާތުގެ ފުރަތަމަ ލަފުޒު ބަދަލުކޮށް، ދެވަނަ ލަފުޒު އިޞްލާޙުކުރަން އެބަޖެހެއެވެ.

ފުރަތަމަ ލަފުޒު އޮތް ތަނުގައި އޮންނަންވީ ރަނގަޅު ލަފުޒަކީ، امر (އަމަރަ) އެވެ.

ދެވަނަ ލަފުޒަށް ގެންނަންޖެހޭ އިޞްލާޙަކީ، އެ ލަފުޒުގެ ފަހަތަށް ހަމްޒާއެއް (ކުރުއަލިފެއް) އިތުރުކޮށް بِبِنَاءِ (ބިބިނާއި) މިގޮތަށް ލިއުމެވެ.

މި ބަދަލާއި އިޞްލާޙު ގެނައުމުން ޢިބާރާތް އޮންނާނެ ގޮތް ތިރީގައި މިވަނީއެވެ.

امر ببناء هذا المسجد المحترم لله العلي السلطان ابن السلطان الهمامي الاسكندر الغازي ابراهيم ابن السلطان محمد ن الشجاعي المحلي المحروسي

މި ޢިބާރާތުގެ ތަރުޖަމާއަކީ:

"ޤަދަރު މަތިވެރިވެގެންވާ މި މުޙުތަރަމު މިސްކިތް، މާތް ﷲ ގެ ދީދާރުފުޅަށްޓަކައި ބިނާކުރުމަށް އަމުރުކުރެއްވީ، އަލްހުމާމީ ރަސްގެފާނުގެ ދަރިކަލުން ކަމުގައިވި ރަސްގެފާނެވެ. (އެއީ) މުޙައްމަދު ރަސްގެފާނު އައްޝުޖާޢީ، އަލްމަޙައްލީ، އަލްމަޙްރޫސީގެ ދަރިކަލުން، އަލްޣާޒީ އިސްކަންދަރު އިބްރާހީމެވެ."

މާލޭ ހުކުރުމިސްކިތު މިޙްރާބުގޭ ފިލާގައި ލިޔެވިފައިވާ މި ޢިބާރާތުގެ ފެށުމުގައި އެވަނީ، ދެ ކުށެއް ލިޔެވިފައެވެ. ފުރަތަމަ ކުށް ލިޔެވިފައި ވަނީ، އެ ލިއުން ލިއުނު އަތުލިއުންތެރިޔާ އަށް، ޢަރަބި ބަސް ނޭނގުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. އެހެނީ، "އާމީން" އާއި "އަމީނު" އާއި، "އަމަރަ" އަކީ، ޘުލުޘު ލިއުމުގައި އެއްގޮތަކަށް ލިޔެވިދާނެ ލަފުޒުތަކެކެވެ. އެހެންކަމުން، ޘުލުޘު ލިއުމުން ލިޔެފައިވާ ޢިބާރާތެއްގެ ލަފުޒަކަށް، އަތުލިއުންތެރިޔާ ގެނައި ފަންނީ ބަދަލެއްގެ ސަބަބުން އެ ލަފުޒު، އެހެން ލަފުޒަކަށް ބަދަލުވީ ކަމަށް ބެލެވިދާނެއެވެ.

އަޞްލު ޢިބާރާތުގައި އެ ލަފުޒު ލިޔެވިފައިވާނެ ގޮތް ކަމަށް ލަފާކުރެވޭ ގޮތް ތިރީގައި މިވަނީއެވެ.

ޘުލުޘު ލިއުމުގެ މި ލަފުޒު އެތައް ގޮތަކަށް ކިއުމުގެ ފުރުޞަތު އެބައޮތެވެ. އެ ގޮތްތަކުގެ ތެރޭގައި، އަމަރަ އާއި، އައްމަރަ އާއި، އަމީރު އާއި، އަމްރު އާއި، އާމީން އާއި، އަމީން އާއި، އައްމަނަ އާއި، އަމަނަ އާއި، އާމަނަ އާއި، އަމްނު ފަދަ އެތައް ގޮތްތަކެއް ވެއެވެ. އެހެންކަމުން، ނުކުތާ އާއި ފިލި ޖެހުމެއް ނެތި، ޢިބާރާތެއްގެ ތެރޭގައި މި ލަފުޒު ޘުލުޘު ލިއުމުން ލިޔެވިފައިވާނަމަ، ކިޔަންވީ ރަނގަޅު ގޮތް އޮޅުންފިލާނީ، އެ ޢިބާރާތުގެ ސިޔާޤުންނެވެ.

ދެވަނަ ލަފުޒުގެ ހަމްޒާ އުނިވެފައިވަނީ، ފިލާ އުފެއްދުމުގައި ހިމެނޭ ކޮންމެވެސް ފަރާތެއްގެ އިހުމާލުން ކަމަށް ބެލެވެއެވެ. އަޞްލު ޢިބާރާތް ލިއުނު ލިއުންތެރިޔާގެ އަތުން އެ ހަމްޒާ ނުލިޔެވުނީއެވެ. ނުވަތަ އަތުލިއުންތެރިޔާއަށް އެ ހަމްޒާ ނުލިޔެވުނީއެވެ. ފިލާ ގެންގުޅުމުގެ ތެރޭގައި އެ ހަމްޒާ ހަލާކުވީ ކަމަށް ބުނުމުގެ ފުރުޞަތެއް އޮތްތޯ ބެލީމެވެ. ހަމްޒާއެއް ހަލާކުވެފައިވާ ކަމުގެ އަސަރެއް އެއިން ނުފެނުނެވެ. އަދި ހަމްޒާއެއް އޮންނާނެ ހުސް ޖާގައެއް ވެސް އެއަކުން ނުފެނުނެވެ.

އައްސުލްޠާން މުޙައްމަދު (ޢިމާދުއްދީނު، 1 ވަނަ) އަކީ، "އައްޝުޖާޢީ" ކަމަށް ލިޔެފައިވުމުން، އެމަނިކުފާނު، ފަލަސްޠީނުގެ ޣައްޒާގެ "އައްޝުޖާޢިއްޔާ" އެވެ، ކިޔާ ސަހަރުގެ ރައްޔިތެއް ކަމުގައި ބުނުމުގެ ފުރުޞަތު އެބައޮތެވެ. ހުކުރުމިސްކިތުގައިވާ އެހެން ފިލައެއްގައި "ޔޫސުފުލް ބަރްބަރީ" އެވެ، ލިޔެވިފައިވާތީ، އެ ޔޫސުފަކީ، މަޣުރިބުކަރައިގެ ރައްޔިތެއް ކަމުގައި ބުނެވޭ ބީދައިންނެވެ. އަދި އެ މިސްކިތުގައިވާ އެހެން ފިލައެއްގައި، "ޔޫސުފުއް ތަބްރީރީ" އެވެ، ލިޔެވިފައިވާތީ، އެ ޔޫސުފަކީ، ފާރިސްކަރައިގެ ރައްޔިތެއް ކަމުގައި ބުނެވޭ ބީދައިންނެވެ.

ފަލަސްޠީނުގެ އައްޝުޖާޢިއްޔާ ސަހަރުގެ އުތުރު ބައި ބިނާކުރެވުނީ، އައްޔޫބީންގެ ޒަމާނުގައެވެ. އެ ސަހަރު ނިސްބަތްވަނީ، ޝުޖާޢުއްދީނު ޢުޘްމާނު އަލްކުރުދީ (شجاع الدين عثمان الكردي) އަށެވެ. އޭނާއަކީ، 637 ހ. (1239 މ.) ވަނަ އަހަރު، މުސްލިމުންނާއި، ޞަލީބީންނާ ދެމެދުގައި ކުރެވުނު ހަނގުރާމައެއްގައި ޝަހީދުވި ބަޠަލެކެވެ. އޭނާއަކީ، ޞަލާޙުއްދީނުލް އައްޔޫބީ (صلاح الدين الايوبي) ގެ ލަޝްކަރުގައި އުޅުއްވި ކުޅަދާނަ ލީޑަރުންގެ ތެރެއިން ލީޑަރެކެވެ.

އެކިއެކި މަޞްދަރުތަކުން އެނގޭ ގޮތުގައި، އިސްކަންދަރު ރަސްގެފާނުގެ ބައްޕާފުޅު، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (1 ވަނަ) އަކީ:

ބާރަށު (ގައި އުޅުއްވި) ކަޅު ޙަސަންކަލޭގެ (ޙަސަން ތަކުރުފާނު) ގެ ދަރިކަލުން،
އުތީމު ކަޅު ޢަލީ ޚަޠީބުތަކުރުފާނު (އާއި މާޅޮސްމަޑުލު ހޮރުބަދޫ ބޭކަނބަލެއް) ގެ ދަރިކަލުން،
އުތީމު ޙުސައިން ޚަޠީބު ތަކުރުފާނު (އާއި މާރަންދޫ ތޭރަވާ މުދިންކަލޭގެ ދަރިކަނބަލުން) ގެ ދަރިކަލުން،
އުތީމު ޢަލީ ތަކުރުފާނު (އާއި ތަކަންދޫ ބޭކަނބަލެއް) ގެ ދަރިކަނބަލުން،
މަރްޔަމް ކަނބައިދި ކިލެގެ (އާއި ކިނޮޅަހު ނާއިބު ޙަސަންކަލޯ) ގެ ދަރިކަނބަލުން،
އާމިނާ މާވާ ކިލެގެ (އާއި ތ. މަޑިފުށީ ޢުމަރު މާފަތްކިލެގެ) ގެ ދަރިކަލުން،
އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު (1 ވަނަ) އެވެ.

މި ނަސަބުފުޅު، ފަލަސްޠީނުގެ "އައްޝުޖާޢިއްޔާ" ސަހަރާ ގުޅިފައިވޭތޯ ނުވަތަ ނޫންތޯ ދިރާސާކުރައްވައި ނަތީޖާއެއް ހޯއްދެވުމަކީ، މުޙައްޤިޤުންނަށް ކުރެއްވިދާނެ ކަމެކެވެ.

މި މަޒުމޫނު ނިންމާލުމުގެ ކުރިން، ހުކުރުމިސްކިތު މިޙްރާބު ފިލާގައިވާ ޢިބާރާތް އަދި އެއްފަހަރު މުރާޖަޢާކޮށްލަން އެބަޖެހެއެވެ. އެ މިސްކިތް ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނު ކަމަށް އެ ޢިބާރާތުގައި ވާތީއެވެ. އެހެން ރަސްކަލަކު އެ ތާނގައި މިސްކިތެއް ބިނާކުރެއްވިކަން ދޭހަވާނެ އެންމެ ލަފުޒެއް ވެސް އެ ޢިބާރާތުގައި ނެތަތީއެވެ. އަދި ކުރިން ބިނާކުރެވިފައިވާ މިސްކިތެއް ބާވުމުން، އަލުން އެތާނގައި އެހެން މިސްކިތެއް ބިނާކުރެއްވި ކަމުގެ އިޝާރާތެއް ވެސް ނެތަތީއެވެ.

އެކިއެކި މަޞްދަރުތަކުން އެނގޭ ގޮތުގައި، އެންމެ ފުރަތަމަ ހުކުރު މިސްކިތް ބިނާކުރެއްވީ ދަރުމަވަންތަ ރަސްގެފާނެވެ. އެއަށްފަހު، މީލާދީ ސަނަތުން 1338 ގައި، ޝިހާބުއްދީނު ރަދުން އެ މިސްކިތް އާކުރެއްވިއެވެ. ބައެއް މަޞްދަރުތަކުގައި ވަނީ، ޝިހާބުއްދީނު ރަދުން އެ ތާނގައި އަލުން މިސްކިތެއް ބިނާކުރެއްވީ ކަމަށެވެ. ނަމަވެސް ޝިހާބުއްދީނު ރަދުން ބެހެއްޓެވި ފިލާގައި ވަނީ، މިސްކިތް ބިނާކުރެއްވުމުގައި ދަރުމަވަންތަ ރަސްގެފާނަށް ޙައްޤުވެގެންވާ މަތިވެރި ދަރަޖަ ދެއްވާފައެވެ. އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި، މިޙްރާބު ފިލާގައި، ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅަށް ނުވަތަ ޝިހާބުއްދީނު ރަދުންގެ ނަންފުޅަށް އެއްވެސް އިޝާރާތެއް ނެތެވެ.