ޞަޙީޙު މުސްލިމުގައި ރިވާވެފައިވާ ދަތުރުދުޢާ


ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ދަތުރެއް ކުރެއްވުމަށްޓަކައި ފުރާވަޑައިގަންނަވާއިރު، ދުޢާފުޅެއް ކުރައްވާ ކަމަށް ޞަޙީޙު މުސްލިމުގައި ވާރިދުވެފައި ވެއެވެ. ތިރީގައި މިވަނީ އެ ދުޢާފުޅެވެ.

اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ،
سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ،
وَإِنَّا إِلَى رَبِّنَا لَمُنْقَلِبُون،
اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى،
وَمِنَ الْعَمَلِ مَا تَرْضَى،
اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا،
وَاطْوِ عَنْا بُعْدَهُ،
اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الْأَهْلِ،
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ،
وَكَآبَةِ الْمَنْظَرِ،
وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالْأَهْلِ،

މި ދުޢާފުޅާއި މީގެ މާނަ ތިރީގައި މިވަނީއެވެ.

اللَّهُ أَكْبَرُ،
މިދުނިޔޭގައި ވާހައި އެއްޗަކާއި ކަމަކަށްވުރެ، މާތް ﷲ އާއި، އެކަލާނގެ ކުޅަދުންވަންތަކަން މާބޮޑެވެ.

اللَّهُ أَكْبَرُ،
މިދުނިޔޭގައި ވާހައި އެއްޗަކާއި ކަމަކަށްވުރެ، މާތް ﷲ އާއި، އެކަލާނގެ ކުޅަދުންވަންތަކަން މާބޮޑެވެ.

اللَّهُ أَكْبَرُ،
މިދުނިޔޭގައި ވާހައި އެއްޗަކާއި ކަމަކަށްވުރެ، މާތް ﷲ އާއި، އެކަލާނގެ ކުޅަދުންވަންތަކަން މާބޮޑެވެ.

سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ،
އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރި ކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެކަމަށް ކުޅަދާނަވެގެންވާ ބަޔަކު ކަމުގައި ނުވަމުއެވެ.

وَإِنَّا إِلَى رَبِّنَا لَمُنْقَلِبُون،
އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟުރަތަށް އަޅަމެން ރުޖޫޢަވާނެކަން ކަށަވަރެވެ.

اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ مَا تَرْضَى،
ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ މި ދަތުރުގައި، ތަޤުވާވެރިކަމާއި ހެޔޮކަން ލެއްވުމަށާއި، ޢަމަލުތަކުގެ ތެރެއިން އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ޢަމަލުތައް ލެއްވުމަށް، އިނބަރަސްކަލާނގެ ޙަޟުރަތުގައި އެދި ދަންނަވަމުއެވެ.

اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا،
ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! މި ދަތުރު އަޅަމެންނަށް އަޅަމެންގެ މި ދަތުރު ލުއިކޮށްދެއްވައިފާންދޭވެ!

وَاطْوِ عَنَّا بُعْدَهُ،
އަދި އަޅަމެންނަށް މި ދަތުރުގެ ރާސްތާ ކުރުކޮށްދެއްވައިފާންދޭވެ!

اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الْأَهْلِ،
ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! މި ދަތުރުގައި އަޅަމެންވަނީ، އިބނަރަސްކަލާނގެ ޢިނާޔަތްތެރިކަމުގެ ދަށުގައެވެ. އަދި އަޅަމެން ދޫކޮށްފައިވާ އަޅަމެންގެ އަހުލުން ވަނީ އިނބަރަސްކަލާނގެ ރިޢާޔަތްތެރިކަމުގެ ދަށުގައެވެ.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكَآبَةِ الْمَنْظَرِ، وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالْأَهْلِ،
ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! ދަތުރުގެ ދަތިތަކާއި އުނދަގޫތަކާއި، (ދަތުރުމަތީގައި ފެނިދާނެ) ހިތްދަތި މަންޒަރުތަކާއި، ނުރަނގަޅު އެނބުރި ރުޖޫޢުވުމުން ސަލާމަތްކޮށްދެއްވުމަށާއި، ވަދާޢުކިޔާފައިވާ އަހުލުންނާއި މުދާ ރައްކާތެރިކޮށްދެއްވުން އެދި، ހަމަކަށަވަރުން މިއަޅާ އިނބަރަސްކަލާނގެ ޙަޟުރަތުގައި ދަންނަވަމެވެ.

ދަތުރުން އެނބުރިވަޑައިގަތުމަށްފަހު ވެސް، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މި ދުޢާފުޅު ކުރައްވައެވެ. އަދި އިތުރަށް ވިދާޅުވެއެވެ.

آيِبُونَ، تَائِبُونَ، عَابِدُونَ لِرَبِّنَا حَامِدُونَ.

މާނައީ:

آيِبُونَ،
އަޅަމެން އެނބުރި މިއައީ ހެޔޮކަންކަމާއިގެންނެވެ.

تَائِبُونَ،
ކުށްފާފަތަކުން ދިންނެވުމަށްޓަކައި ތައުބާވާ ޙާލުގައެވެ.

عَابِدُونَ لِرَبِّنَا حَامِدُونَ.
އަޅަމެން އަޅުކަންކޮށް ޙަމްދުކުރަމުން މިގެންދަނީ، އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟުރަތަށެވެ.

ބަޔާންވެދިޔައީ، ޞަޙީޙު މުސްލިމުގައި ރިވާވެފައިވާ ދަތުރުދުޢާ އާއި އޭގެ މާނައެވެ. ގިނަ މީހުން ކިޔައިއުޅޭތަން ފެންނަނީ ދަތުރު ދުޢާއިން ކުޑަ މިންވަރެކެވެ. މޮޅުއިތުރުކަން ބޮޑީ، ދުޢާ އެއްކޮށް ކިޔައި، ދަތުރު ފެށުމެވެ. އަދި ދަތުރުން އެނބުރި ރުޖޫޢަވުމަށްފަހު، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ކަންކުރެއްވި ފަދައިން، ކަންކުރުމެވެ.