އަލްބަދަލު (الْبَدَلُ)


ބަދަލުގެ ތަރުކީބު އެކުލެވިގެންވަނީ، ދެ ބަޔަކުންނެވެ. ފުރަތަމަ ބަޔަށް ކިޔަނީ، "އަލްމުބްދަލު މިންހު" (المُبْدَلُ مِنْهُ) އެވެ. ދެވަނަ ބަޔަށް ކިޔަނީ، "އަލްބަދަލު" (الْبَدَلُ) އެވެ. ވާހަކަދައްކާ ފަރާތުގެ އަސާސީ މަޤުޞަދަކަށް ވާނީ، އޭގައިވާ ބަދަލެވެ.

الْبَدَلُ އަކީ، މަޤުޞަދު ބަޔާންކުރުމަށްޓަކައި ގެނެވޭ (ތަބާވާ) ލަފުޒެކެވެ. އެ ލަފުޒު ވާނީ، އޭގެ ޒާތުގައި މަޤުޞަދެއް ނެތް ލަފުޒެއްގެ ފަހަތުގައެވެ. އެއަށް ކިޔަނީ، المُبْدَلُ مِنْهُ އެވެ.

މިސާލު:

الْإِمَامُ مالِكٌ أَحَدُ الْأَئِمَّةِ الْأَرْبَعَةِ.

(އަލްއިމާމު – މާލިކު – އެކެއް – އިމާމުން – ހަތަރެއް) "އިމާމު މާލިކަކީ، ހަތަރު އިމާމުންގެ ތެރެއިން އިމާމެއް" އެވެ.

މި މިސާލުގައި:
المُبْدَلُ مِنْهُ އަކީ، الْإِمَامُ އެވެ.
الْبَدَلُ އަކީ مَالِكٌ އެވެ.

އިޢުރާބުކުރުމުގައި، المُبْدَلُ مِنْهُ އާ الْبَدَلُ ތަބާވެއެވެ. މީގެ މާނައަކީ:
المُبْدَلُ مِنْهُ މަރުފޫޢުވެއްޖެނަމަ، الْبَدَلُ މަރުފޫޢުވާނެއެވެ.
المُبْدَلُ مِنْهُ މަންޞޫބުވެއްޖެނަމަ، الْبَدَلُ މަންޞޫބުވާނެއެވެ.
المُبْدَلُ مِنْهُ މަޖުރޫރުވެއްޖެނަމަ، الْبَدَلُ މަޖުރޫރުވާނެއެވެ.

މިސާލު:
1. މަރުފޫޢުވެފައި: جاءَ الْأُسْتَاذُ خَالِـدٌ (އަތުވެއްޖެ – އަލްއުސްތާޛު – ޚާލިދު) "އުސްތާޛު ޚާލިދު އަތުވެއްޖެ" އެވެ.
2. މަންޞޫބުވެފައި: زُرْتُ الْأُسْتَاذَ خَالِـدًا (ޒިޔާރަތްކޮށްފިން – އަލްއުސްތާޛު – ޚާލިދު) "އުސްތާޛު ޚާލިދަށް ޒިޔާރަތްކޮށްފިން" އެވެ.
3. މަޖުރޫރުވެފައި: مَرَرْتُ بِالْأُسْتَاذِ خَالِـدٍ (އަހުރެން ގޮސްފިން – އުސްތާޛު ކައިރިން – ޚާލިދު) "އަހުރެން އުސްތާޛު ޚާލިދުގެ ކައިރިން ގޮސްފިން" އެވެ.

المُبْدَلُ مِنْهُ އާ الْبَدَلُ ގެ ދެމެދުގައިވާ ގުޅުމަށް ބަލާއިރު، الْبَدَلُ ބެހިގެންވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެއީ:

1. މުޅިއެތިން މުޅިއެތީގެ ބަދަލު: މިއަށް ކިޔަނީ، بَدَلُ الشَّيْءِ مِنَ الشَّيْءِ އެވެ. އަދި بَدَلُ الْكُلِّ مِنَ الْكُلِّ މިހެންވެސް ކިޔައެވެ.

މީގެ މިސާލަކީ: جَاءَ زَيْدٌ أَخُوكَ (އަތުވެއްޖެ – ޒައިދު – ތިބާގެ އަޚާ) "ތިބާގެ އަޚާ ޒައިދު އަތުވެއްޖެ" އެވެ.

މި މިސާލުގައި المُبْدَلُ مِنْهُ އަކީ، زَيْدٌ އެވެ. الْبَدَلُ އަކީ، أَخُوكَ އެވެ.

މި މިސާލުގައި زَيْدٌ އަކީ، أَخُوكَ އެވެ. އެއީ ހަމަ އެކެކެވެ. المُبْدَلُ مِنْهُ އަކީ އޭނާއެވެ. الْبَدَلُ އަކީ ވެސް އޭނާއެވެ.

2. އެއްޗަކުން ބަޔެއްގެ ބަދަލު ނުވަތަ ބައިކުޅަބައިގެ ބަދަލު: މިއަށް ކިޔަނީ بَدَلُ الْبَعْضِ مِنَ الْكُلِّ އެވެ.

މީގެ މިސާލަކީ: أَكَلْتُ الرَّغِيفَ نِصْفَهُ (އަހަރެން ކައިފިން – ރޮށި – އޭގެ އެއްފަޅި) "ރޮށީގެ އެއްފަޅި އަހަރެން ކައިފިން" އެވެ.

މި މިސާލުގައި المُبْدَلُ مِنْهُ އަކީ، الرَّغِيفَ އެވެ. الْبَدَلُ އަކީ، نِصْفَهُ އެވެ. نِصْفَهُ އަކީ "ރޮށީގެ އެއްފަޅި" އެވެ. އެއީ ރޮށީގެ ބަޔެކެވެ. ނުވަތަ ބައިކުޅަބަޔެކެވެ.

3. އެކުވި ބަދަލު: މިއަށް ކިޔަނީ بَدَلُ الِاشْتِمالِ އެވެ.

މީގެ މިސާލަކީ: نَفَعَنِي زَيْدٌ عِلْمُهُ (އަހަރެންނަށް ފައިދާކޮށްފި – ޒައިދު – އޭނާގެ ޢިލްމު) "ޒައިދުގެ ޢިލްމުން އަހަރެންނަށް ފައިދާކޮށްފި" އެވެ.

މި މިސާލުގައި المُبْدَلُ مِنْهُ އަކީ، زَيْدٌ އެވެ. الْبَدَلُ އަކީ، عِلْمُهُ އެވެ. عِلْمُهُ އަކީ، "ޒައިދުގެ ޢިލްމު" އެވެ. މި ޙާލަތުގައި، ޒައިދުގެ ޢިލްމަކީ އޭނާއާ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. ޢިލްމުވަނީ އޭނާގެ ކިބައިގައި އެކުވެ ޝާމިލުވެފައެވެ.

4. ތަފާތު ބަދަލު: މިއަށް ކިޔަނީ بَدَلُ المُغَايِرِ އެވެ.

މި ބާވަތުގެ ބަދަލުގެ ތިން ބާވަތެއް ހިމެނޭ ކަމަށް ބައެއް މަޞްދަރުތަކުގައި ވެއެވެ. އެ ތިން ބާވަތަކީ، ދެ ނުކުތާގެ ގޮތުގައި މި ގެނެސްދޭ ތިން ބާވަތެވެ. އެއީ، بَدَلُ الغَلَطِ وَالنِّسْيَانِ އާއި بَدَلُ الإِضْرَابِ އެވެ. ކުށާއި ހަނދާންނެތުމުގެ ބަދަލާއި، ދެބަސްވުމުގެ ބަދަލެވެ. (ނުވަތަ ކުށުގެ ބަދަލާއި، ހަނދާންނެތުމުގެ ބަދަލާއި، ދެބަސްވުމުގެ ބަދަލެވެ.)

4.1. ކުށާއި ހަނދާންނެތުމުގެ ބަދަލު: މިއަށް ކިޔަނީ بَدَلُ الغَلَطِ وَالنِّسْيَانِ އެވެ.

ބައެއް މަޞްދަރުތަކުގައި އެއް ގިންތިއަކަށް ލާފައިވާ މި ދެ ބާވަތުގެ ބަދަލުގައި، المُبْدَلُ مِنْهُ އަކީ ކުށްބަހެކެވެ. الْبَدَلُ އަކީ އެ ކުށް އިޞްލާޙުކުރުމަށްޓަކައި ގެނެވޭ ލަފުޒެކެވެ.

މީގެ މިސާލަކީ: بَنَى الرُّوْمَانُ الأَهْرَامَاتِ (ބިނާކުރީ – ރޫމީން – ޕިރަމިޑްތައް) "ޕިރަމިޑްތައް ބިނާކުރީ ރޫމީން" އެވެ. މިހެން ބުނުމަށްފަހު، މި ޢިބާރާތުގައި ކުށްބަހެއް ވާކަން ވިސްނިގެން ވާހަކަދައްކާ ފަރާތުން ކުށް އިޞްލާޙުކުރުމަށްޓަކައި ބުނާނީ بَنَى الفَرَاعِنَةُ الأَهْرَامَاتِ (ބިނާކުރީ – ފިރުޢައުނުން – ޕިރަމިޑްތައް) "ޕިރަމިޑްތައް ބިނާކުރީ ފިރުޢައުނުން" އެވެ.

މި މިސާލުގައި ފިރުޢައުނުންގެ ބަދަލުގައި ފުރަތަމަ ރޫމީންނޭ ބުނެވުނީ ކުށްބަހެއްގެ ގޮތުގައި ކަމަށްވަނީނަމަ، ގެނެވުނު ބަދަލަކީ، ކުށުގެ ބަދަލެވެ. އެހެން ބުނެވުނީ ހަނދާންނެތިގެން ކަމަށްވަނީނަމަ، ގެނެވުނު ބަދަލަކީ، ހަނދާންނެތުމުގެ ބަދަލެވެ.

4.2. ދެބަސްވުމުގެ ބަދަލު: މިއަށް ކިޔަނީ، بَدَلُ الإِضْرَابِ އެވެ. މިއީ ވާހަކަދައްކަމުންދާއިރު، ޚިޔާލު ބަދަލުވުމުގެ ސަބަބުން ގެނެވޭ ބަދަލެކެވެ.

މީގެ މިސާލަކީ، هَذَا مُعْجَمٌ عَظِيْمٌ مَوْسُوْعَةٌ (މިއީ – ބަސްފޮތެއް – ބޮޑު – އެކުމާފާނެއް) "މިއީ ބޮޑު ބަސްފޮތެއް، އެކުމާފާނެއް" މިހެން ބުނުމެވެ.

މި މިސާލުގައި، ވާހަކަ ދެއްކި ފަރާތުން ފުރަތަމަ ބުނީ، "މިއީ ބޮޑު ބަސްފޮތެއް" ކަމަށެވެ. ނަމަވެސް "ބޮޑު ބަސްފޮތެއް" ކަމުގައި ބުނުމުން މަޤުޞަދު ޙާޞިލުނުވާތީ ޚިޔާލު ބަދަލުކޮށް، "އެކުމާފާނެއް" ކަމަށް ބުނީއެވެ.

މި ބާވަތުގެ ބަދަލު ގެންނައިރު، ބަދަލުގެ ކުރިއަށް އިޟުރާބުގެ އަކުރު ގެނައުން ރަނގަޅެވެ. އިޟުރާބުގެ އަކުރަކީ "ބަލް" (بَلْ) އެވެ.

މީގެ މިސާލަކީ، سَافَرَ عَلِيٌ فِيْ قِطَارٍ بَلْ سَيَّارَةٍ (ފުރައިފި – ޢަލީ – ގައި – ރޭލެއް – ނޫން – ކާރެއް) "ރޭލެއްގައި ޢަލީ ފުރައިފި، ނޫން ކާރެއްގައި" އެވެ.

ވާހަކަ ދައްކާއިރު މިބާވަތުގެ ބަދަލުން އެއްކިބާވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. މި ބާވަތުގެ ބަދަލަކީ، ވާހަކަދައްކާ ފަރާތުގެ އިތުބާރު ގެއްލިދާނެ ބަދަލެއް ކަމުގައި ވާތީއެވެ.

ބަޔާންވެދިޔައީ، މި މައުޟޫޢުގައި ހިމެނޭ ބައެއް މުހިންމު ނުކުތާތަކެވެ. މި މަޒުމޫނުގައި ގެނެސްދީފައިނުވާ ކިތަންމެ މަޢުލޫމާތެއް މި މައުޟޫޢުގައި ހިމެނެއެވެ.