ރ. މީދޫ ހިރިގަލު މިސްކިތުގައިވާ ބައެއް ލިއުން


މި މަޒުމޫނުގައި ގެނެސްދީފައި މިވަނީ، ރ. މީދޫ ހިރިގަލު މިސްކިތު (1705 މ.) ގެ ނަމާދުކުރާ ތަނުގެ ހަތަރުފާރުގައިވާ ލިޔުންތަކެވެ. މި ލިއުންތައް ވަނީ، އެ ފާރުތަކުގެ މަތީ ކައިރީގައި (ފުރާޅުގެ މަތިވަޑާންގަނޑުގެ ތިރީގައި) ހަރުކޮށްފައިވާ ފިލާތަކެއްގައެވެ. ލިއުންތައް ލިޔެފައިވަނީ، ލާފެންކޮށްގެން ކަމަށް ބެލެވެއެވެ. (މިކަން ކަށަވަރުކުރުމަށްފަހު، މިތާގައި ޞައްޙަ މަޢުލޫމާތު ފަހުން ބަޔާންކުރެވޭނެއެވެ.)

ލިއުންތައް ފެށިފައިވަނީ، ޤިބުލަ ފަރާތު ފާރުގެ ކަނާތްފަރާތު ކަނުންނެވެ. ތިރީގައި މިވަނީ ކޮންމެ ފިލައެއްގެ ލިއުން ވަކިންނެވެ. މި ލިއުންތައް ދިރާސާކުރުމުން އެނގިދާނެ މުހިންމު އެއް ކަމަކީ، އޭރު ދީނީ ފިކުރު އޮތް ގޮތެވެ.

1 ވަނަ ފިލާ:
بسم الله الرحمن الرحيم الحمد لله رب العالمين

2 ވަނަ ފިލާ:
الرحمن الرحيم مالك يوم الدين إياك نعبد

3 ވަނަ ފިލާ:
وإياك نستعين اهدنا الصراط المستقيم صراط

4 ވަނަ ފިލާ:
الذين انعمت عليهم غير المغضوب عليهم ولا

5 ވަނަ ފިލާ:
الضالين وقال النبي صلى الله عليه وسلم

6 ވަނަ ފިލާ:
ينبغي للداخل فى المسجد عشر خصال أولها أن يتعاهد خفيه أو

7 ވަނަ ފިލާ:
نعله وأن يبدأ برجله اليمنى وأن يقول إذا دخل بسم الله وسلام

8 ވަނަ ފިލާ:
على رسول الله وعلى ملائكة الله، اللهم افتح

9 ވަނަ ފިލާ:
لنا أبواب رحمتك إنك أنت الوهاب وأن يسلم على

10 ވަނަ ފިލާ:
أهل المسجد وأن يقول إذا لم يكن فيه أحد السلام علينا

11 ވަނަ ފިލާ:
وعلى عباد الله الصالحين وأن يقول أشهد أن لا

12 ވަނަ ފިލާ:
إله إلا الله وأن محمدا رسول الله صلى الله عليه وسلم ولا يمر بين يدي المصلى وأن لا يعمل بعمل الدنيا

13 ވަނަ ފިލާ:
ولا يتكلم بكلام الدنيا وأن لا يخرج حتى يصلى ركعتين

14 ވަނަ ފިލާ
وأن لا يدخل إلا بوضوء قال عليه الصلاة والسلام

15 ވަނަ ފިލާ:
الصلاة عماد الدين فمن أقامها فقد أقام الدين

16 ވަނަ ފިލާ:
ومن هدمها فقد هدم الدين ومن تركها فقد ترك الدين لا له إلا النار قال

17 ވަނަ ފިލާ:
النبي المصطفى صلى الله عليه وسلم لنا

18 ވަނަ ފިލާ:
لا تأكلوا مع تارك الصلاة قال

19 ވަނަ ފިލާ:
قال عليه الصلاة والسلام من تكلم بكلام الدنيا

20 ވަނަ ފިލާ:
في المسجد أحبط الله عليه عمله أربعين سنة قال عليه

21 ވަނަ ފިލާ:
الصلاة والسلام من تكلم بكلام الدنيا

21 ވަނަ ފިލާ:
في وقت الأذان يتلجلج لسانه عند الموت قال
މި ފިލާގައި، يتلجلج (ޔަތަލަޖްލަޖް) ގެ ފުރަތަ ޖީމުގެ މަތީގައި އަބަފިއްޔާއެކު ތަޝްދީދު ޖަހާފައި ވެއެވެ. އެ ތަޝްދީދަކީ ކުށެކެވެ. އެއާއެކު ކިޔޭނީ "ޔަތަލައްޖަލަޖް" ކަމަށް ވާތީއެވެ.

22 ވަނަ ފިލާ:
عليه الصلاة والسلام من سجد بغير الله تعالى فقد كفر

މިސްކިތުގެ ދާލައާ ވިދިގެން އަންނަ މައި ދޮރުގެ މަތީގައި ބަހައްޓާފައިވާ ލިއުންތައް، ފަހުން މި މަޒުމޫނަށް އިތުރުކުރެވޭނެއެވެ. އަދި ލިއުންތަކުގެ މާނަ ވެސް ފަހުން އިތުރުކުރެވޭނެއެވެ.

ބަޔާންވެދިޔަ ލިއުންތަކުގެ އިތުރުން، މިސްކިތުގެ ލާގޭގައި ވެސް ލިއުންތަކެއް ވެއެވެ. އެހެނަސް، އެ ލިއުންތައް ސާފުކޮށް ފޮޓޯނެގިފައި ނުވާތީ، އެ ލިއުން ހިމަނައިނުލެވުނީއެވެ. އެހެން ފަހަރަކުން އެ ލިއުންތައް ވެސް ގެނެސް ދިނުމަށް އުންމީދުކުރަމެވެ.


ތިރީގައި މިވަނީ، އަލްޙަމްދަށްފަހު ލިޔެފައިވާ ލިއުންތަކުގެ މާނައެވެ.


މާނަ: 5 ވަނަ ފިލާގެ 2 ވަނަ ލަފުޒުން ފެށިގެން 14 ވަނަ ފިލާގެ މެދުގެ ނިޔަލަށް

އަދި، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މިސްކިތަށް ވަންނަ މީހާގެ ކިބައިގައި ދިހަ ޚަޞީލަތެއް ހުންނަންޖެހެއެވެ.

އެއިން ފުރަތަމަ ކަމަކީ، އޭނާގެ ދެ ޚުއްފު ނުވަތަ ދެ ފައިވާންކިބަ ނަޖިހުން ޠާހިރުކުރުމެވެ.

އަދި ކަނާތު ފައި އިސްކުރުމެވެ.

އަދި (މިސްކިތަށް) ވަދެފި ހިނދު، (بسم الله وسلام على رسول الله وعلى ملائكة الله، اللهم افتح لنا أبواب رحمتك إنك أنت الوهاب) މިހެން ކިއުމެވެ. (މާނައީ، ﷲ ގެ އިސްމުފުޅުން ފަށަމެވެ. ﷲ ގެ ރަސޫލާ އަށާއި، ﷲ ގެ މަލާއިކަތްބޭކަލުންނަށް ސަލާމް ހުއްޓެވެ. ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އިނބަރަސްކަލާނގެ ރަޙުމަތުގެ ދޮރުކޮޅުތައް އަޅަމެންނަށް ތަނަވަސްކޮށްދެއްވައިފާންދޭވެ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ، ހެޔޮކަންތައްތައް ދެއްވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ.)

އަދި މިސްކިތުގެ އަހުލުވެރިންނަށް ސަލާމް ގޮވާލުމެވެ.

އަދި އެ ތާނގައި (އެބަހީ: މިސްކިތުގައި) މީހަކު ނެތްނަމަ، (السلام علينا وعلى عباد الله الصالحين) މިހެން ކިއުމެވެ. (މާނައީ، އަހުރެމެންގެ މައްޗަށާއި، ﷲ ގެ ޞާލިޙު އަޅުތަކުންގެ މައްޗަށް ސަލާމް ހުއްޓެވެ.)

އަދި (أشهد أن لا إله إلا الله وأن محمدا رسول الله) މިހެން ކިއުމެވެ. (މާނައީ، ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަންވެވޭ ކަލަކު ވޮޑިގެންނުވާ ކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވަމެވެ.)

އަދި ނަމާދުކުރާ މީހާގެ ކުރިމަތިން ނުހިނގުމެވެ.

އަދި ދުންޔަވީ މަސައްކަތްތަކުގެ ތެރެއިން ކަމެއް ނުކުރުމާއި، ދުންޔަވީ ކަންކަމުގެ ވާހަކަ ނުދެއްކުމެވެ.

އަދި ދެ ރަކުޢަތް ނުކޮށް މިސްކިތުން ނުނިކުތުމެވެ.

އަދި ވުޟޫ ކޮށްގެން ނޫނީ (މިސްކިތަށް) ނުވަނުމެވެ.


މާނަ: 14 ވަނަ ފިލާގެ މެދުން ފެށިގެން 22 ވަނަ ފިލާގެ ނިޔަލަށް

ސަލާމާތް ޞަލަވާތް ލެއްވި އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
ނަމާދަކީ ދީނުގެ ތަނބެވެ. ފަހެ، ނަމާދު ޤާއިމުކޮށްފި މީހާ، ދީން ޤާއިމުކޮށްފިއެވެ.
އަދި އެ މުގުރައިފި މީހާ ދީން މުގުރައިފިއެވެ.
އަދި އެ ދޫކޮށްފި މީހާ ދީން ދޫކޮށްފިއެވެ. އޭނާއަށް ނަރަކަ ނޫން ތަނެއް ނެތެވެ.
ނަބިއްޔާ އަލްމުޞްޠަފާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އަހުރެމެންނަށް ޙަދީޘްކުރެއްވިއެވެ.
ނަމާދު އަޅައިފި މީހާއާ އެކުގައި ނުކާށެވެ!
ސަލާމާއި ޞަލަވާތް ލެއްވުނު އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މިސްކިތުގައި ދުންޔަވީ ވާހަކައިން ވާހަކަދައްކައިފި މީހާގެ (ހެޔޮ) ޢަމަލުތައް، ސާޅީސް އަހަރު ވަންދެން ﷲ ބާޠިލުކުރައްވާނެތެވެ.
ސަލާމާއި ޞަލަވާތް ލެއްވި އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ބަންގީގެ ވަގުތުގައި ދުންޔަވީ ވާހަކައިން ވާހަކަދައްކައިފި މީހާ މަރުގެންނެވޭ ހިނދު އޭނާ ވާހުށީ އާގަންނަ މީހެއްގެ ގޮތުގައެވެ.
ސަލާމާއި ޞަލަވާތް ލެއްވި އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ﷲ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަކޮށްފި މީހާ، ކާފިރުވެއްޖެކަން ކަށަވަރެވެ.


ފާހަގަކުރެވުނު ނުކުތާތަކެއް

ބަޔާންވެދިޔަ ލިއުންތަކަކީ، އޭރު ދިވެހިރާއްޖޭގައި އޮތް އިސްލާމީ ފިކުރު ދެނެގަތުމަށްޓަކައި ދިރާސާކުރެވިދާނެ އެއްޗެކެވެ.
ލިއުންތައް ފަށާފައިވަނީ ބިސްމިންނެވެ.
ބިސްމިއަށްފަހުގައި ލިޔެފައިވަނީ، ސޫރަތުލްފާތިޙާއެވެ.
ލިއުންތައް ފަށާފައިވަނީ، މިސްކިތުގެ ނަމާދުކުރާ މައި އޭރިއާގެ ވަރުވާކަނުންނެވެ.
ސޫރަތުލްފާތިޙާ އަށްފަހު، ލިޔެފައިވަނީ، ކީރިތި މާތް ނަބިއްޔާގެ ޙަދީޘްފުޅުތަކެކެވެ.
އެ ޙަދީޘްފުޅުތަކަށް ބަލާއިރު، ތަރުޣީބުގެ ފިކުރުގެ ބަދަލުގައި، ތަރުހީބުގެ ފިކުރު އިސްކޮށްފައިވާކަން އެނގެއެވެ.
ތަރުޣީބުގެ ފިކުރަކީ، ޝައުޤުވެރިކަން ހިތުގައި އުފެއްދުމުގެ ފިކުރެވެ.
ތަރުހީބުގެ ފިކުރަކީ، ބިރުވެތިކަން ހިތަށް ވެއްދުމުގެ ފިކުރެވެ.
އެހެންކަމުން، އޭރު އޮތީ އިސްލާމްދީނަށް ފުރަގަސްދިނުމުގެ އޮއިވަރެއްކަމަށް ޤަބޫލުކުރެވެއެވެ.
އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް މީހުން ލެނބިގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަން ވެސް އެނގެއެވެ.
އެކަން އެނގެނީ، ލިޔެފައިވާ ޙަދީޘްފުޅުތަކުގެ ސިޔާޤުންނެވެ.
އެހެނީ، ޙަދީޘްފުޅުތަކުން އެންމެފުރަތަމަ ބަޔާންކޮށްދީފައިވަނީ، މިސްކިތަށް ވަންނަ މީހާ ޢަމަލުކުރަންޖެހޭ ގޮތެވެ.
އެއަށްފަހު، އަލިއަޅުވާލެވިފައިވަނީ ނަމާދުގެ މުހިންމުކަމުގެ މައްޗަށެވެ.
ނަމާދުކުރުމަށް ބާރުއެޅުމުގެ މައްޗަށެވެ.
އެހެނަސް ތަރުހީބުގެ މަގުންނެވެ.
ނަމާދު ކުރާ މީހާއަށް ހުރި ދަރުމައާއި ޘަވާބުގެ ވާހަކަ ބަޔާންކުރައްވާފައިވާ ޙަދީޘްފުޅެއް ނެތެވެ.
އެކަމަކު ލިޔެވިފައި ވަނީ، ނަމާދު ނުކުރާ މީހާއަށް ހުރި އަޒާބުގެ ވާހަކަ ބަޔާންކުރައްވާފައިވާ ޙަދީޘްފުޅެވެ.

ޙަދީޘްފުޅުތަކުން ގެނެސްދީފައިވާ މައިގަނޑު ފިކުރުތަކަކީ:

1. ނަމާދަކީ ދީނުގެ ތަނބެވެ.
2. ނަމާދު ޤާއިމުކުރުމަކީ ދީން ޤާއިމުކުރުމެވެ.
3. ނަމާދު ދޫކޮށްލުމަކީ، ދީން ދޫކޮށްލުމެވެ.
4. ދީން ދޫކޮށްލައިފި މީހާ ދާނީ ނަރަކައަށެވެ.
5. ނަމާދު ނުކުރާ މީހަކާ އެކު، ކާކަށް ނުވާނެއެވެ.
6. މިސްކިތުގައި ދުންޔަވީ ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ފާފައެކެވެ.
7. އެ ފާފަ ކޮށްފި މީހާ ކުރާ ހެޔޮ ޢަމަލުތައް، ސާޅީސް އަހަރު ވަންދެން، މާތް ﷲ ބާޠިލުކުރައްވާނެއެވެ.
8. ބަންގީގެ އަޑު އިވޭއިރު، ދުންޔަވީ ވާހަކަ ދެއްކުމަކީ، ވަރަށް ބޮޑު ފާފައެކެވެ.
9. އެ ފާފަ ކޮށްފި މީހާ މަރުވާއިރު، އޭނާ ވާނީ އާގަންނަ މީހެއްގެ ގޮތުގައެވެ.
10. މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަކޮށްފި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ.

މި ފިކުރުތައް ވަޒަންކުރާއިރު، އޭރު އިސްލާމްދީނުގައި މީހުން ފުރިހަމައަށް ސާބިތުވެގެން ނެތްކަން ދޭހަވުމުގެ ފުރުޞަތު އެބައޮތެވެ. މީހުން ރަނގަޅަށް އިސްލާމްދީނާ ތަބާވެގެން އުޅުނުނަމަ، ލިޔެފައިވާނީ، ދަރުމައާއި ޘަވާބު ބަޔާންކޮށްދީފައިވާ ޙަދީޘްފުޅުތައް ކަމަށް ބެލެވޭތީއެވެ. މިހެން މިދެންނެވީ މިކަމާމެދު ވަކި ގޮތެއް ކަނޑައެޅުމުގެ ނިޔަތެއްގައެއް ނޫނެވެ. މިކަމަކީ، އިތުރަށް ދިރާސާކުރެވިދާނެ ކަމެކެވެ.