މަންމަ ދިން ޖާފަތް
އެއްދުވަހަކު ޒުވާން ފިރިމީހާ ބުރަ މަސައްކަތުގައި
އުޅެފައި ގެއަށް ދިޔައެވެ. އެހިނދު، ޒުވާން އަނބިމީހާ
ދުވަހަކުވެސް ނޭދޭ ކަމަކަށް އެނދުނެވެ. އެއީ، އަނބިމީހާގެ
މައިދައިތަ ދެކިލަން ފިރިމީހާ ވަރަށް އަވަހަށް ދިއުމެވެ.
އޭރު ފިރިމީހާ އޭނާގެ މުސްކުޅި މަންމަ ނުދެކޭތާ ގިނަ
ދުވަސްތަކެއް ވަނީ ވެފައެވެ. އަނބިމީހާގެ އެދުނު ކަންތައް
ކުރުމަށްޓަކައި ފިރިމީހާ އަވަސްވެގަތެވެ. މަންމައަށް
ފޯނުކޮށް، މަންމަ ކައިރިއަށް ދާނެ އިރުވަރެއް
ހަމަޖެއްސިއެވެ. އޭނާގެ މުސްކުޅި މަންމައާ
ބައްދަލުކުރުމުން މަންމަ ދުވަހަކުވެސް ނުކުރާ ސުވާލެއް
ކުރިއެވެ.
"ދަރިފުޅުގެ އާއިލާގެ ހުރިހާ ކަމެއް
ރަނގަޅުތަ؟"
"ހުރިހާ ކަމެއް ރަނގަޅު" ކަމަށް ބުނެ
ޖަވާބުދިނުމުން އަނެއްކާވެސް މަންމަ ސުވާލުކުރިއެވެ.
"ދަރިފުޅުގެ އާއިލާގެ ހުރިހާ ކަމެއް ރަނގަޅުތަ؟"
"ހުރިހާ ކަމެއް ރަނގަޅު" ކަމަށް ބުނެ ޖަވާބުދިނުމުން
އަނެއްކާވެސް މަންމަ ހަމަ އެ ސުވާލު ތަކުރާރުކުރިއެވެ.
މަންމަ އެ ސުވާލު ތަކުރާރުކޮށް ކުރަންފެށުމުން، މަންމަ
ވަކި ކަމެއް އޮޅުންފިލުވަން ބޭނުންވެގެން އުޅޭހެން އޭނާ
އަށް ހީވިއެވެ. ދެން އެފަދަ ކަމެއް އެބައޮތްތޯ
ސުވާލުކުރިއެވެ.
"ދަރިފުޅުގެ އަންހެނުން ކޮބާތަ؟"
"ގަދަވެ ހެޔޮ ޙާލުގައި އެބައިން!" އޭނާ ޖަވާބުދިނެވެ.
"އޭނާ ގޮވައިގެން ނައީ ކީއްވެ؟" މަންމަ
ސުވާލުކުރިއެވެ.
"ދެން ފަހަރަކު އޭނާ ގޮވައިގެން
އަންނާނަން!"
އޭނާ މި ޖަވާބު ދިނުމުން، ހާސަރު
ފިލައިގެން ދިޔަކަމުގެ ނިޝާނެއް މަންމަގެ މޫނުން ފާޅެއް
ނުވިއެވެ. .... އެދުވަހު މަންމަގެ ހިތްހަމަޖައްސައިދެވޭތޯ
މަންމަ ގޮވައިގެން ހިނގާލަންދިޔައެވެ. މަންމަ ބޭނުންވީ
ގޭދޮށުގައިވާ ޕާކަށް ގޮސް، އެ ޕާކުގައިވާ ރެސްޓޯރެންޓުން
ކެއުމަށެވެ. އޭނާ އެކަން މަންމަ އަށް ކޮށްދިނެވެ.
ރެސްޓޯރެންޓަށް ގޮސް، ކާނެ އެއްޗެއް ކަނޑައެޅުމަށްޓަކައި
މަންމަ މެނޫ ހުޅުވާލިއެވެ. އެހެނަސް މަންމަގެ
ލޯބޯކޮށިކަމުގެ ސަބަބުން މެނޫގައިވާ އެއްޗެއް
އޮޅުންފިލާވަރެއް ނުވިއެވެ. ދެން އޭނާ، މަންމައަށް މެނޫ
ކިޔާދޭންފެށިއެވެ. އެހިނދު މަންމަ ބުންޏެވެ.
"ދަރިފުޅު ކުޑައިރު، ތިޔަހެން، މަންމަ ދަރިފުޅަށް ފޮތް
ކިޔައިދެން!"
މަންމަ މިހެން ބުނުމުން، އޭނާ އަށް
ވަރަށް ފުން އަސަރުކުރިއެވެ. އެދުވަހު އެތައް އިރެއް
ވަންދެން އޭނާ މަންމައާއެކު ވާހަކަދައްކަން އިނެވެ. ގެއަށް
ދިޔައީ، ނިދާގަޑި ޖެހުމުންނެވެ. ނިދަން އޮތްއިރު ވެސް
އޭނާގެ ވިސްނުމާއި ފިކުރުގައި ވަނީ މަންމައެވެ. ޖެހިގެން
އައިދުވަހު ދެމަފިރިން އެކުގައި މަންމަ ގާތަށް ދިޔައެވެ.
އެދުވަހު އެމީހުންނަށް ދެވުނީ މަންމަގެ ފަހު އިރުވަރަށް
ކަމެއް އެމީހުންނަކަށް ކުރިން ހީކުރެވިފައެއް ނުވެއެވެ.
އެހެނަސް ކަންވީ އެހެންނެވެ. މަންމަ މިދުނިޔެއާ ވަކިވީ އެ
ދެމަފިރިންނަށް ހެޔޮދުޢާކުރަމުންނެވެ.
މަންމަގެ
ޖަނާޒާއިން ނިމިގެން، ހިތާމައިގެ ދުވަސްތައް
ހޭދަކުރަމުންދަނިކޮށް، މަންމައާއެކު ކާންދިޔަ
ރެސްޓޯރެންޓުގެ ސިޓީއެއް ޕޯސްޓުން ލިބުނެވެ. ސިޓީއުރަ
ކެނޑިއިރު އޭގައިވަނީ، މަންމަ ކުރިއަށް ފައިސާ
ދައްކާފައިވާ ރޭގަނޑު ކެއުމެއްގެ އަގުބޮޑު ބިލެކެވެ! އެއީ،
އޭނާގެ އަންހެނުންނަށް ބައިވެރިނުވެވުނު ރޭގަނޑު ކެއުން
ދިނުމަށްޓަކައި މަންމަ ކޮށްފައިވާ ކަމެއް ކަމާމެދަކު
ޝައްކެއް ނެތެވެ! އެ ބިލުގެ އަނެއް ފަރާތުގައި ވަނީ
މަންމަގެ ވަޞިއްޔަތަކާއި ދުޢާއެކެވެ.
"މަންމަ
މިދުނިޔޭގައި ނެތަސް، ޒަވާޖީ ޙަޔާތް ރޫޅައިނުލާށެވެ! މާތް
ﷲ، ތިޔަ ދެކުދިންގެ ޒަވާޖީ ޙަޔާތުގައި ބަރަކާތް
ލައްވާށިއެވެ! އާމީން!"
މަންމަ މިދުނިޔެއާ
ވަކިވެގެން ހިނގައްޖެއެވެ. އެހެނަސް މަންމަގެ ލޯތްބަކަށް
ނިމުމެއް ނެތެވެ. މަންމަގެ ހެޔޮ ދުޢާއަކަށް ވެސް ނިމުމެއް
ނެތެވެ! މިކަން އެ ޒުވާން ދެމަފިރިންނަށް އެދުވަހު
މޭރުންވިއެވެ. އެދުވަހަށްފަހު، އެ ދެމަފިރިންގެ
މައިންބަފައިންނަށް ހެޔޮ ދުޢާ ކުރުން
މެދުކަނޑައެއްނުލައެވެ. އަދި އެދުވަހަށްފަހު، އެ
ދެމަފިރިން ޙަޔާތުގެ ދުވަސްތައް ވޭތުކުރަމުން ގެންދިޔައީ
އެގޮތުގައެވެ.