ތަފާތުކުރުމުގެ ނަތީޖާ
ހިސާބު ކިޔަވާދެއްވާ ޓީޗަރަކު، އޭނާގެ ދަރިވަރުންގެ
ކިބައިގައި ބުއްދި ހުރި މިންވަރެއް
ވަޒަންކޮށްލެއްވުމަށްޓަކައި އެ ކުދިންނަށް ވާހަކައެއް
ކިޔައިދެއްވިއެވެ. އޭނާ އެ ކުދިންގެ ގާތުން އެދިލެއްވީ
ވާހަކަ ކިޔައިދޭއިރު، ރަނގަޅަށް ކަނުލައި އަޑުއަހަން
ތިބުމަށެވެ. އަދި ސުވާލެއް ކުރަން، ނުވަތަ ޖަވާބެއް ދޭން
ބޭނުން ކުއްޖަކު އަތް އުފުލާލައިގެން ހުއްދަ ހޯދުމަށްފަހު
އެކަން ކުރުމަށެވެ.
ދަރިވަރުންނަށް އޭނާ ކިޔައިދެއްވިއެވެ.
އެއްދުވަހަކު ބައްޕައަކު އޭނާގެ ދެ ފިރިހެން ދަރިންކުރެ
ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދެއްވިއެވެ. ހަދިޔާ ވަނީ
ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހަދިޔާ
ދެއްވުމަށްފަހު، ބައްޕަ ގެއިން ބޭރަށް ދުރުވުމުން، އެ ދެ
ކުދިން، ބައްޕަ ދެއްވީ ކޮން އެއްޗެއްތޯ ބެލިއެވެ.
ބައްޕަ އެއްކުއްޖަކަށް ދެއްވި ސިޓީއުރައިގައި ވަނީ -/40 ރ.
(ސާޅީސް ރުފިޔާ) އެވެ.
އަނެއް ކުއްޖަކަށް ދެއްވި ސިޓީއުރައިގައި ވަނީ -/80 ރ.
(އަށްޑިހަ ރުފިޔާ) އެވެ.
ބައްޕަ ދެ ކުދިންނަށް ދެއްވި ދެ ހަދިޔާގެ ދެމެދުގައި ބޮޑު
ފަރަގެއް ވެއެވެ. އެއް ކުއްޖަކަށް ލިބުނު ރުފިޔާ މަދެވެ.
އަނެއް ކުއްޖަކަށް ލިބުނު ރުފިޔާ ގިނައެވެ. މަދުން ލިބުނު
ކުއްޖާ ބުންޏެވެ.
"ބައްޕަ ތިމަންނާ އަށް ދެއްވީ މާ މަދުންނެވެ. ތިބާ އަށް
ދެއްވީ މާގިނައިންނެވެ. މީގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟"
ގިނައިން ލިބުނު ކުއްޖާ ބުންޏެވެ.
"ތިމަންނާ އަބަދުވެސް ހިސާބުން ފޭލްވެއެވެ. އެހެންކަމުން،
ބައްޕަ ދެ ކުދިންނަށް ދެއްވި ފައިސާ ހިސާބުކޮށް މީގެ
ނަތީޖާ ދެނެގަންނާކަށެއް ނޭނގެއެވެ."
މަދުން ލިބުނު ކުއްޖާ ބުންޏެވެ.
"ތިމަންނާ އަބަދުވެސް ހިސާބުން ފާސްވެއެވެ. ތިމަންނާ މީގެ
ނަތީޖާ ހަދައިފީމެވެ. ތިމަން ކުރާ ކަމެއް އެހެން މީހަކަށް
ނުފެންނާނެ ތަނަކަށް ހިނގާށެވެ! އޭރުން ނިކަން ސާފުކޮށް
ޖަވާބު އަންގައިދީފާނަމެވެ!"
މި ހިސާބަށް މިވާހަކަ ކިޔައިދެއްވުމަށްފަހު، ޓީޗަރު
ދަރިވަރުންނާ ސުވާލެއް ކުރެއްވިއެވެ.
"މި ވާހަކައިގައި ނަންގަނެވުނު ބައްޕަ އޭނާގެ ދެ
ދަރިންނަށް ދެއްވި ފައިސާގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟"
ދެން، އަތް އުފުލައި ހުއްދަ ހޯދުމަށްފަހު، ފަހަރަކު
ކުއްޖަކު ޖަވާބުދޭންފެށިއެވެ.
އެއް ކުއްޖަކު ބުންޏެވެ.
"އޭގެ ނަތީޖާއަކީ، އެ ދެ ޢަދަދު އެއްކުރީމާ ލިބޭ ނަތީޖާ
އެވެ. އެއީ، 120 އެވެ."
އެހެން ކުއްޖަކު ބުންޏެވެ.
"އޭގެ ނަތީޖާއަކީ، ބޮޑު ޢަދަދުން ކުޑަ ޢަދަދު ކެނޑީމާ ލިބޭ
ނަތީޖާ އެވެ. އެއީ، 40 އެވެ."
އެހެން ކުއްޖަކު ބުންޏެވެ.
"އޭގެ ނަތީޖާއަކީ، ކުޑަ ޢަދަދުން ބޮޑު ޢަދަދު ކެނޑީމާ ލިބޭ
ނަތީޖާ އެވެ. އެއީ، 40- (އިދި ސާޅީސް) އެވެ."
އެހެން ކުއްޖަކު ބުންޏެވެ.
"އޭގެ ނަތީޖާއަކީ، އެ ދެ ޢަދަދު ގުނަކުރީމާ ލިބޭ ނަތީޖާ
އެވެ. އެއީ، 3200 އެވެ."
އެހެން ކުއްޖަކު ބުންޏެވެ.
"އޭގެ ނަތީޖާއަކީ، ކުޑަ ޢަދަދުން ބޮޑު ޢަދަދު ގެއްލީމާ
ލިބޭ ނަތީޖާ އެވެ. އެއީ، 2 އެވެ."
އެހެން ކުއްޖަކު ބުންޏެވެ.
"އޭގެ ނަތީޖާއަކީ، ބޮޑު ޢަދަދުން ކުޑަ ޢަދަދު ގެއްލީމާ
ލިބޭ ނަތީޖާ އެވެ. އެއީ، 0.5 އެވެ."
އެހެން ކުއްޖަކު ބުންޏެވެ.
"އޭގެ ނަތީޖާއަކީ، އެ ދެ ޢަދަދު އެއްސަފަކަށް އެތުރީމާ
ލިބޭ ނަތީޖާ އެވެ. އެއީ، 4080 އެވެ. ނުވަތަ 8040 އެވެ."
މިފަދަ އެތައް ޖަވާބުތަކެއް އެކުދިން ދިނެވެ. ނަމަވެސް
އެއިން އެއްވެސް ޖަވާބެއް ރަނގަޅެއްނުވިއެވެ.
ދެން ކޮންމެވެސް ކުއްޖަކު ހިސާބާއި ކިތާބުގެ ފިކުރުން
ބޭރުވެ، އެހެން ގޮތަށް ފިކުރު ހިންގުމަށްފަހު ޖަވާބެއްދިނެވެ.
"އޭގެ ނަތީޖާއަކީ، އެ ދެ ކުދިންގެ ދެމެދުގައި ނަފުރަތު
އުފެދުމެވެ. އެ ދެ ކުދިން އަރާރުންވުމެވެ. އެ ދެ
ކުދިންކުރެ އެކަކު އަނެކަކު ދެކެ ރުޅިއައުމެވެ."
ރަނގަޅު ޖަވާބު ކަމަށް ޓީޗަރު ނިންމެވީ މި ޖަވާބެވެ!!!