ހިއްތަންފިލާގައިވާ ލިއުން
މާލޭ މަސްޖިދުއްތަޤުވާގެ ޤިބުލަ ފާރުގެ އެތެރޭގައި
ހަރުކޮށްފައިވާ ހިލައަކީ، ދިވެހިރާއްޖޭގެ މުހިންމު އާސާރީ
ތަރިކަތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އަދި އެއީ،
ދިވެހިރާއްޖޭގައިވާ ޤަދީމީ ލިއުމުގެ މުހިންމު
މަޞްދަރެކެވެ. އެ ހިލައަށް ކިޔޭ އެއް ނަމަކީ،
"ހިއްތަންފިލާ" އެވެ. "ހިއްތަން" އަކީ، މޫދުގައި އުޅޭ
ހަންދަ ޒާތުގެ ބޮޑު އެއްޗެއްގެ ނިޔަފަތި ކަމަށާއި، އެއީ
ބޭހަށް ގެންގުޅޭ އެއްޗެއް ކަމަށާއި، އެ އޮންނާނީ ބޮޑުކޮށް
ސަނދަރަ ބޮއްޔެއްހެން ކަމަށް ދިވެހި ބަސްފޮތުގައި ވެއެވެ.
އެ ހިލައަށް "ހިއްތަންފިލާ" އެވެ، ކިޔެނީ، އެއީ، ހިއްތަނާ
ދާދި އެއްގޮތް ސަންގުމަރުމަރު ހިލައިން ހަދާފައިވާ
އެއްޗެއް ކަމުގައި ވާތީ ކަމަށް ބެލެވެއެވެ. "ހިއްތަންފިލާ"
މި ނަން އަޑުއިވިފައިވަނީ ދޫދޫމަތިންނެވެ.
އެ
ހިލައަށް ކިޔޭ އަނެއް ނަމަކީ، "ކަންބަތު ސްޓޯން" އެވެ.
"ކަންބަތު" އަކީ، އިންޑިއާގެ ގުޖުރާތު ސަރަޙައްދުގެ
ސަހަރެކެވެ. އެ ހިލައަށް މި ނަން ކިޔެނީ، އެއީ ކަންބަތު
(Khambhat) ސަހަރުން ގެނެސްފައިވާ ހިލައެއް ކަމުގައި ވާތީ
ކަމަށް ބެލެވެއެވެ. އެ ހިލަ ގެނެވުނީ ކަންބަތުން ކަމަށް،
(Coral Stone Mosques of Maldives) އެވެ، ކިޔާ ފޮތުގެ 76
ވަނަ ޞަފުޙާގައި ވެއެވެ.
ކަންބަތުން ގެނެސްފައިވާ
ސަންގުމަރުމަރު ތިން ހިލައެއް ދިވެހިރާއްޖޭގެ އާސާރީ
ތަކެތީގެ ތެރޭގައި ވާކަން އެނގިފައި ވެއެވެ. އެއިން އެއް
ހިލައަކީ، މި މަޒުމޫނުގައި އަލިއަޅުވާލެވޭ ހިލައެވެ. އެ
ހިލަ ވަނީ، ނަންގަނެވިދިޔަ ފަދައިން، މާލޭ
މަސްޖިދުއްތަޤުވާގެ ޤިބުލަ ފާރުގައި ހަރުކޮށްފައެވެ.
އަނެއް ދެ ހިލަ ފެނިފައިވަނީ، ބ. ކިނޮޅަހުންނެވެ. އެ ދެ
ހިލަ އަކީ، އެ ރަށުގައިވާ، ޢުޘްމާނު ތަކުރުފާނު ޒިޔާރުގައި
ޖަހާފައިވާ ދެ މަހާނަގަލެވެ. އެ ދެ ހިލައިގެ ތެރެއިން އެއް
ހިލަ، މިހާރު ވަނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ
ބެއްލެވުމުގެ ދަށުގައެވެ. އަނެއް ހިލަ ވަނީ، ބ.
ކިނޮޅަހުގައި އިހުމާލުކުރެވިފައި ކަމަށް މަޢުލޫމާތު
ލިބިފައި ވެއެވެ. އެރަށު މީހުންނަށް އެ ދެ ހިލައިގެ
މުހިންމުކަން އެނގިފައިނުވާތީ، ވަޅި ތޫނުކުރުމަށް ވެސް އެ
ދެ ހިލަ ނުވަތަ އެއިން އެއް ހިލަ ބޭނުންކުރެވިފައި ވެއެވެ.
މަސްޖިދުއްތަޤުވާގައިވާ ހިއްތަންފިލައިން އޮޅުންފިލާ
މުހިންމު މަޢުލޫމާތުތަކެއް ވެއެވެ. އެ ފިލައިން އެނގޭ
ގޮތުގައި، އެ
ހިލަ ބެހެއްޓުނު މިސްކިތުގެ ނަމަކީ، "މަސްޖިދު ސުލްޠާނު
ޖަލާލުއްދީނު ޢުމަރު ޞަލާޙު" (مسجد سلطان جلال الدين عمر
صلاح) އެވެ. "ސުލްޠާން ޖަލާލުއްދީނު ޢުމަރު ޞަލާޙު" އަކީ،
ރެހެންދި ޚަދީޖާގެ ބައްޕާފުޅެވެ. އެހެންކަމުން، އެ
މިސްކިތަކީ އެ ރަދުންގެ ޒަމާނުގައި ބިނާކުރެވުނު
މިސްކިތެއްކަމަށް ޤަބޫލުކުރެވެއެވެ. އެ ރަދުން
ރަސްކަންކުރެއްވީ، ހިޖުރީ ސަނަތުން 706 އިން 735 އަށެވެ.
މީލާދީ ސަނަތުން 1306 އިން 1335 އަށެވެ.
"މަސްޖިދު
ސުލްޠާނު ޖަލާލުއްދީނު ޢުމަރު ޞަލާޙު" (مسجد سلطان جلال
الدين عمر صلاح) އަކީ، އެތައް ފަހަރަކު އާކޮށް
މަރާމާތުކުރެވިފައިވާ މިސްކިތެކެވެ. އަދި އެ މިސްކިތަށް،
ފަހުން އެހެން ނަންތަކެއް ދެވިފައި ވެއެވެ. އެ ނަންތަކުގެ
ތެރޭގައި، "ހެންވޭރު އާ މިސްކިތް" އާއި، "ސީދީ މިސްކިތް"
އާއި، "ބާ މިސްކިތް" އާއި، "މަސްޖިދުއްތަޤުވާ" (مسجد
التقوى) ހިމެނެއެވެ. މިހާރު އެ މިސްކިތުގެ ނަމެއްގެ
ގޮތުގައި، އެ މިސްކިތުގެ ނަންބޯޑުގައި ލިޔެވިފައިވަނީ،
"މަސްޖިދުއްތަޤުވާ" އެވެ. ޘުލުޘު ލިއުމުން އެ ނަން
ލިއުއްވާފައިވަނީ، ދިވެހިރާއްޖޭގެ ފުންނާބުއުސް
އަތުލިއުންތެރިޔާ އަލްމަރްޙޫމް ޢަލީ ފަހުމީ (ތަބައް
އަލިފުޅު) އެވެ. މާތް ﷲ އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ
ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން!
"މަސްޖިދުއްތަޤުވާ" ގެ ޤިބުލަފާރުގައި ހުރި، ހިއްތަންފިލާ
ގައި ލިޔެފައިވަނީ، ޢަރަބި އަކުރުންނެވެ. ލިއުންތައް
ބަހާލެވިފައިވަނީ، 9 (ނުވަޔެއް) ފޮޅުވަތަށެވެ. ތިރީގައި
މިވަނީ، (މަތިން ތިރިއަށް) އެ ފޮޅުވަތްތަކުގައިވާ
ލިއުމެވެ.
ފުރަތަމަ ފޮޅުވަތް:
وأن المساجد لله
فلا تدعوا مع الله أحدا
ދެވަނަ ފޮޅުވަތް:
بسم
الله الرحمن الرحيم
ތިންވަނަ ފޮޅުވަތް:
لا إله
إلا الله
ހަތަރުވަނަ ފޮޅުވަތް:
محمد رسول الله
ފަސްވަނަ ފޮޅުވަތް:
މި ފޮޅުވަތް ވަނީ ކިޔަން ނޭނގޭ
ވަރަށް ހަލާކުވެފައެވެ.
ހަވަނަ ފޮޅުވަތް:
هذا
المحراب بمسجد
ހަތްވަނަ ފޮޅުވަތް:
سلطان جلال
الدين
އަށްވަނަ ފޮޅުވަތް:
عمر صلاح (ދެން އޮތް
ބައި ވަނީ ކިޔަން ނޭނގޭ ވަރަށް ހަލާކުވެފައެވެ.)
ނުވަވަނަ ފޮޅުވަތް:
މި ފޮޅުވަތް ވަނީ ކިޔަން ނޭނގޭ
ވަރަށް ހަލާކުވެފައެވެ.
ފިލާގައިވާ ލިއުންތަކަށް
ބަލާއިރު، ދެ ބާވަތެއްގެ ލިއުން އޭގައި ހިމެނޭކަމަށް
ޤަބޫލުކުރެވެއެވެ. އެއީ، އިހުގެ ޘުލުޘު ލިއުމާއި، ކޫފީ
ލިއުމެވެ. އޭގައިވާ ކޫފީ ލިއުމަކީ، ތަރައްޤީވެ
ކުރިއަރާފައިވާ ކޫފީ ލިއުމުގެ ބާވަތެއްކަން އެނގެއެވެ.
އެކަން އެނގެނީ، އަކުރުތަކުން ހަލާކުނުވެހުރި
ބައިތަކުންނާއި، އަކުރުތަކާ ގުޅިފައިވާ ޒަޚުރަފާއިންނެވެ.
ކޫފީ ލިއުމުން ލިޔެފައިވަނީ އެންމެ ފޮޅުވަތެކެވެ. އެއީ
ދެވަނަ ފޮޅުވަތެވެ. އެ ފޮޅުވަތުގައިވަނީ، ބިސްމިއެވެ.
ފިލާގައިވާ އެހެން ލިއުންތައް ލިޔެފައިވަނީ، ޘުލުޘު
ލިއުމުންނެވެ.
ފިލާގެ ފުރަތަމަ ފޮޅުވަތުގައި ބިސްމި
ނެތީ ކީއްވެތޯ ސުވާލު އުފެދިދާނެތީ ދަންނަވަމެވެ. އެކަން
ގުޅިފައިވަނީ ފިލާގެ ފަރުމާއާއެވެ. ފިލާ
ފަރުމާކުރެވިފައިވަނީ، އޮލަނބަށް ބަލާއިރު ދެބަޔަކަށެވެ.
މަތީގައިވާ ބައި ޚާއްޞަކޮށްފައިވަނީ، ޢިމާރާތެއް
ތަމްސީލުކުރުމަށެވެ. އެބައިގައި ވަނީ، މިސްކިތެއް
ތަމްސީލުކޮށްދޭ ކުރެހުމެއް ކަމަށް ބެލެވެއެވެ. އެ
ކުރެހުމުގެ ތިރީގައި ލިޔެފައިވާ ލިއުން ތަމްސީލުކުރަނީ،
ބިންގަލެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އެ ލިއުން
ތަމްސީލުކުރަނީ، އެ ކުރެހުމުގައިވާ މިސްކިތުގެ ބިންގަލެވެ.
ލިޔެފައިވަނީ، މިސްކިތާބެހޭ އާޔަތެކެވެ. ތިރީގައި މިވަނީ،
އާޔަތާއި އޭގެ މާނައެވެ.
(وَأَنَّ الْمَسَاجِدَ
لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا)
ސޫރަތުލް
ޖިންނި: 18
މާނައީ، "އަދި މިސްކިތްތައް ވަނީ ﷲ
އަށެވެ. ފަހެ، ތިޔަބައިމީހުން ﷲ އާއެކު އެހެން އެއްވެސް
ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!"
ފިލާގެ
ދެވަނަ ބައި ޚާއްޞަކުރެވިފައިވަނީ، ލިއުމަށެވެ. އެބައި
ފެށިފައިވަނީ، ބިސްމިންނެވެ. އެއަށްފަހު ޝަހާދަތުގެ
ދެކަލިމައެވެ. ބައެއް ފޮޅުވަތްތައް ވަނީ ކިޔަން ނޭނގޭ
ވަރަށް ހަލާކުވެފައެވެ. އެހެނަސް، ރަނގަޅު އައްޔެއްގައި،
ވިސްނުންތެރިކަމާއެކު ކިޔަން މަސައްކަތްކުރެވިއްޖެނަމަ، އެ
ފޮޅުވަތްތަކުގައި ލިޔެފައިވާ އެއްޗެއް މޭރުންވެދާނެ ކަމަށް
ލަފާކުރެވެއެވެ. ކިޔަން އެނގޭ ބައިތަކުގެ ތެރޭގައި،
މިސްކިތުގެ ނަން ލިޔެފައިވާ ފޮޅުވަތް ހިމެނެއެވެ.
ހިންތަންފިލާ ނުވަތަ ކަންބަތު ސްޓޯނުން އޮޅުންފިލާ އެއް
ޙަޤީޤަތަކީ، ސުލްޠާން ޖަލާލުއްދީނު ޢުމަރު ވީރުގެ
ޒަމާނުގައި، ކޫފީ ލިއުމާއި ޘުލުޘު ލިއުން،
ދިވެހިރާއްޖެއަށް ތަޢާރަފުވެފައިވާ ކަމެވެ. އެ ފިލާގައިވާ
އެ ދެ ލިއުމަށް ބަލައިގެން، އެ ނަކަލުކޮށް، އެގޮތަށް
ލިޔަން ދަސްކުރި ބަޔަކު ދިވެހިރާއްޖޭގައި އޭރު އުޅޭނެ
ކަމަށް ލަފާކުރެވެއެވެ. އަދި ހިއްތަންފިލާގައިވާ ލިއުމަށްވުރެ
ކުރިން މިރާއްޖެއަށް ޢަރަބި ލިއުން ތަޢާރަފުވެފައިވާނެ
ކަމަށް ވެސް ބެލެވެއެވެ. އެހެނަސް، އެއިން ލިއުމެއް
މިހާތަނަށް އަޅުގަނޑަށް ފެނިފައެއް ނެތެވެ. މިހާތަނަށް
މިރާއްޖެއިން އަޅުގަނޑަށް ފެނިފައިވާ އެންމެ ދުވަސްވީ
ޢަރަބި އަތުލިއުމަކީ، ހިއްތަންފިލާގައިވާ ޢަރަބި ލިއުމެވެ.
އެއީ، ނަންގަނެވިދިޔަ ފަދައިން އައްސުލްޠާން ޖަލާލުއްދީނު
ޢުމަރު ވީރު ސިރީ ލޯކަ އަބާރަނަ މަހާރަދުން (706-735 ހ.)،
(1306-1335 މ.) ގެ ޒަމާނުގެ ލިއުމެކެވެ.
މާތް ﷲ،
އައްސުލްޠާން ޖަލާލުއްދީނު ޢުމަރުވީރާއި، އެ ރަދުން
ބިނާކުރެއްވި މިސްކިތަށް ޚިދުމަތްކުރެއްވި އެންމެހައި
ރަސްރަސްކަލުންނާއި، މަސައްކަތްތެރިންގެ ފާފަތައް
ފުއްސަވައި، އެއުރެންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް
މިންވަރުކުރައްވާށިއެވެ! އާމީން!