ޢިލްމީ ދިރާސާއެއް ލިޔާނީ ކިހިނެއް؟



ޢިލްމީ ދިރާސާ (Research)، (البحث العلمي) ގެ މަންހަޖާއި، އޭގެ (Techniques) ތިގަނުތަކަށް އަހުލުވެރިކޮށްދޭ ޢިލްމަކީ، މިހާރު ޚާއްޞަ ޢިލްމެކެވެ. އެ ޢިލްމީ ފަންނުގައި އެތައް އެތައް ފޮތްފޮތާއި، ތީސީސްތަކާއި، ދިރާސާތައް ވަނީ ލިޔެވިފައެވެ. ޔުނިވަރސިޓީގައި ދަރިވަރުންނަށް ޢިލްމީ ދިރާސާގެ މާއްދާ ކިޔަވައިދެނީ، އެމީހުންނަށް ޢިލްމީ ތަރުބިއްޔަތު ދީ، އެމީހުންނަކީ، މަންހަޖީ ގޮތެއްގައި މަސައްކަތްކުރާނެ އުސްތާޛުންނާއި މުޙައްޤިޤުންނަށް ހެދުމަށްޓަކައެވެ. އެކެޑަމިކް ޢިލްމީ ދިރާސާތައް ކުރުމަށާއި، އެކިއެކި ރޮނގުރޮނގުން ތަޙުޤީޤުކުރުމަށްޓަކައި އެމީހުންނަށް މަގުދައްކައިދީ އެ ރޮނގުން އެމީހުން ބިނާކުރުމަށްޓަކައެވެ. ޔުނިވަރސިޓީތަކުން ދަސްވެނިވާ ދަސްވެނިންނަކީ، އިންސާނީ މަޢުރިފާތަކުގެ މައިދާން މުއްސަނދިކޮށްދޭނެ ޢިލްމީ ވަސީލަތްތައް ލިބިގެންވާ ޤާބިލު ބަޔަކަށް ހެދުމަށްޓަކައެވެ. އެމީހުންގެ ތަޚައްޞުޞުތަކުގެ ރޮނގުރޮނގުން އާ ހޯދުންތައް ހޯދައި، އެމީހުންގެ ބައިވެރިވުން ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައެވެ. އަދި މި މައިދާނުގައި ދިރާސާކުރާ މުޙައްޤިޤެއްގެ އެންމެ މުހިންމު ވަސީލަތް ކަމުގައިވާ މަކާރިމުލްއަޚުލާޤު، އެމީހުންގެ ނަފުސުގައި އަށަގެންނެވުމަށްޓަކައެވެ. އެހެންކަމުން، މި މަޒުމޫނުގައި އަލިއަޅުވައިލާނީ، މި ޢިލްމުގެ ފުރިހަމަ ތަޞައްވުރެއް ފޯރުކޮށްދިނުމުގެ މައްޗަށެވެ. އެންމެނަށް، އެންމެ އެދެވޭ މަންފާ ފޯރުކޮށްދެވޭތޯއެވެ.


ޢިލްމީ ދިރާސާގެ ތަޢުރީފު

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ޢިލްމީ ދިރާސާ (البحث العلمي) އަކީ، ވަކި މައްސަލައެއްގެ ޙައްލު ހޯދުމަށްޓަކައި ކުރެވޭ ފާޑުކިއުމުގެ މަސައްކަތެކެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ޢިލްމީ ދިރާސާއަކީ، މުޖުތަމަޢުގައިވާ އާންމު ހަމަތަކުގެ އިމުގެތެރޭގައި، ޙަޤީޤީ ޢިބާރާތްތައް ބޭނުންކޮށްގެން، ކޮންމެވެސް ޙަޤީޤަތެއް ހާމަކުރުމަށްޓަކައި ކުރެވޭ ޝަރަޙައެކެވެ. އޭގެ ތަޢުރީފު ކޮންމެ ގޮތަކަށް ކުރެވުނު ކަމުގައިވިޔަސް، އެއީ، ދިރާސާކުރެވި، ތަރުތީބުން އިންތިޒާމުކުރެވިފައިވާ ފިޔަވަޅުތަކެކެވެ. އެ ބިނާވެފައިވަނީ، ވަކި މައްސަލައަކާ ބެހޭ ގޮތުން ޖަމާކުރެވޭ މަޢުލޫމާތުގެ މައްޗަށެވެ. އެ މައްސަލަ ވާނީ، ތަޙުލީލުކޮށް ރަނގަޅަށް ދިރާސާކުރެވިފައެވެ. އެއީ، އެ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރާ ކަމެކެވެ.

ޢިލްމީ ދިރާސާއަކީ ކޮން އެއްޗެއްކަން ބުނެދޭ އެންމެ ސާދާ އެއް ތަޢުރީފުގައި ވެއެވެ. ޢިލްމީ ދިރާސާއަކީ، އިންތިޒާމުކުރެވިފައިވާ ފިކުރެވެ. އެ ފިކުރު އިންތިޒާމުކުރާ ފަރާތަކީ، "މުޙައްޤިޤު" އެވެ. އޭނާ އެކަން ކުރަނީ، "ދިރާސާގެ މައުޟޫޢު" ގެ ނަމުން ނަންދެވިފައިވާ މައްސަލައެއް ޙައްލުކުރުމަށްޓަކައި ބޭނުންވާ ޙަޤީޤަތްތަކަށް ވާޞިލުވުމަށްޓަކައެވެ. އެކަމުގައި އޭނާ ތަބާވާ ޢިލްމީ މަގަށް ކިޔަނީ، "ދިރާސާކުރާ މަންހަޖު" އެވެ. އޭނާ ކުރާ ދިރާސާއިން ހޯދޭ ޙައްލުތަކަށް ކިޔަނީ، "ދިރާސާގެ ނަތީޖާ" އެވެ.


ޢިލްމީ ދިރާސާގެ ލަނޑުދަނޑިތައް

ޢިލްމީ ދިރާސާގެ މުހިންމު ލަނޑުދަނޑިތަކަކީ، ސިފަކުރުމާއި، ޝަރަޙަކުރުމާއި، ޚަބަރުކުރުމާއި، މައްސަލަ ޙައްލުކުރުމާއި، އާ ޙަޤީޤަތްތަކެއް ހޯދުމާއި، އިންސާނީ މަޢުރިފާ ތަރައްޤީކުރުމާއި، އިންސާނާގެ ވަށައިގެންވާ ވެށީގެ މުހުތާދުތަކާ ކުރިމަތިލުމެވެ.


ޢިލްމީ ދިރާސާގެ އަސާސްތައް

ޢިލްމީ ދިރާސާއެއް ބިނާވެފައިވަނީ، އެއިން ވަކިކޮށްނުލެވޭނެ އަސާސްތަކެއްގެ މަތީގައެވެ. އެއިން މުހިންމު އަސާސްތަކަކީ:

1. ޢިލްމީ އަމާނާތްތެރިކަމާއި، ޢިލްމީ ހަމަތަކުން މަޞްދަރު ބަޔާންކުރުން،
2. އީޖާދުކުރުމާއި، އަޞްލުކަން ދެމެހެއްޓުން،
3. މައްސަލަ ހުށަހެޅުން،
4. ސާބިތުނުވާރުހުންތައް (Hypotheses) ކަނޑައެޅުން،
5. ކުރީގެ ދިރާސާތައް ސާފުކޮށް ޝާމިލުކޮށް ހުށަހެޅުން،
6. ދިރާސާކުރުމަށްޓަކައި ޖަމާކުރާ މަޢުލޫމާތުގެ ޞައްޙަކަން،
7. ތަޙުލީލުކުރުމުގެ ފުންކަން،
8. ނަތީޖާތަކާއި، ރިކަމެންޑޭޝަން (التّوصيات) ޞައްޙަވުން،
9. ބަސްމަގު ސާދާވެފައި ރިވެތިވުން،
10. މަޞްދަރުތަކުގެ ފަސް ކަމާއި، ދިރާސާއާ އެއާ ހުރި ގުޅުން، މިއެވެ.


ޢިލްމީ ދިރާސާގެ ފިޔަވަޅުތައް

އެކި ފެންވަރުގެ، އެކި ފަންވަރުގެ ދިރާސާތައް ވެއެވެ. ގިނަ ދިރާސާތައް ގިންތިކުރެވިފައިވަނީ، ޢިލްމީ ދިރާސާގެ ގޮތުގައެވެ. އެހެނަސް، ޢިލްމީ ދިރާސާއެއްގައި ހުންނަންޖެހޭ ގިނަ ޝަރުޠުތައް، ބައެއް ދިރާސާތަކުގައި ފުރިހަމަނުވާކަން ފާހަގަކުރެވެއެވެ. އެފަދަ ޢިލްމީ ދިރާސާގެ ޚުޠޫރަތްތެރިކަމަކީ، ޙަޤީޤަތްތަކެއް ބިނާކުރުމުގައި އޭގެ މައްޗަށް ބަރޯސާވުމެވެ. ނުވަތަ އެހެން ދިރާސާތައް ކުރުން ފަދަ ކަންކަމުގައި ވެސް އޭގެ މައްޗަށް ބަރޯސާވުމެވެ.

ޢިލްމީ ދިރާސާއެއްގެ އުންސުރުތަކުގެ ތެރެއިން އުންސުރެއްގައި ޚަލަލެއް ވާނަމަ، ނުވަތަ ޞައްޙަ ޢިލްމީ ދިރާސާއެއްގައި ހުންނަންޖެހޭ ޝަރުޠުތައް އޭގައި ފުރިހަމަވެފައި ނުވާނަމަ، އެ ވާނީ، ޖަމާކުރެވިފައިވާ މަޢުލޫމާތުތަކަކަށެވެ. އެހެންކަމުން، ޢިލްމީ ދިރާސާއެއް ލިއުމަށްޓަކައި ތަބާވާންޖެހޭ ފިޔަވަޅުތައް ދެނެގަންނަން ޖެހެއެވެ. ތިރީގައި މިވަނީ އޭގެ ޚުލާޞާއެކެވެ.


1. ދިރާސާގެ މައްސަލަ އިޚުތިޔާރުކުރުން

ދިރާސާގެ މައުޟޫޢު ކަނޑައެޅުމަށްޓަކައި، ވަކި ކަމަކާ ބެހޭ ގޮތުން މުޙައްޤިޤު ކަނޑައަޅާ ސުވާލުތަކެއްގެ ތެރެއިން ދިރާސާގެ މައްސަލަ ނާރެސްވެއެވެ. ދިރާސާގައި އެ ސުވާލުތަކަށް ސާފު ޖަވާބު ގެނެސްދޭންޖެހެއެވެ. މިސާލަކަށް، ކުޑަކުދިންގެ ތަޢުލީމީ ފެންވަރަށް ޓެކްނޮލޮޖީން ކުރާ އަސަރާ ބެހޭ ގޮތުން އުފައްދާ ސުވާލުތަކެކެވެ. އެ ސުވާލުތަކަކީ، ކިޔަވައިދިނުމުގެ މަސައްކަތާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ގުޅުވައިދޭ އެއްޗެކެވެ. އަދި އެއީ، ކުޑަކުދިންގެ އުނގެނުމަށް އެ ވަސީލަތްތަކުން އަސަރުކުރާ މިންވަރު ބެލުމަށްޓަކައި ޓެސްޓްތައް ހެދުމަށް ވެސް ޖައްސާނެ އެއްޗެކެވެ.

ވަކި މައިދާނެއްގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ވެސް، ދިރާސާއެއްގެ މައުޟޫޢު ދެނެގަނެވިދާނެއެވެ. ދިރާސާކުރަމުންދާއިރު، އެއްޗެއް އެހެން އެއްޗަކާ ގުޅިފައިވާ ގުޅުމާއި، އެކަތިން އަނެކައްޗަށް ކުރާ އަސަރު ދެނެގަތުމަށް، މުޙައްޤިޤު ބޭނުންވާނެއެވެ. ޔުނިވަރސިޓީތަކުގެ ދަރިވަރުންނާ ޙަވާލުކުރެވޭ ދިރާސާތަކުގެ މައުޟޫޢުތައް، އެމީހުންގެ މަހާއެދުރުން ކަނޑައަޅުއްވައިދެއްވައެވެ. ތިމާވެށިން ފެންނަ ކަންކަމާބެހޭ ގޮތުން އުފެދޭ ސުވާލުތަކުން ވެސް ދިރާސާކުރާނެ މައުޟޫޢުތައް ކަނޑައެޅެއެވެ. ދިރާސާކުރެވޭ ކަމަކީ، ބާވަތުގެ ގޮތުން އާ ކަމެއް ކަމުގައި ވާންވާނެއެވެ. ނުވަތަ ކުރިން ހޯދިފައިނުވާ އާކަމެއް ހޯދައި އިތުރުކޮށްދޭ ކަމެއް ކަމުގައި ވާންވާނެއެވެ. އެއްކަމެއް ކުރުން ތަކުރާރުވިޔަ ނުދިނުމަށާއި، މަޢުރިފާ އިތުރުކުރުމަށްޓަކައެވެ.

މުޙައްޤިޤު، އޭނާ ދިރާސާކުރާ ކަމަކާއި، އެކަން ދިރާސާކުރުމާބެހޭ ގޮތުން އޭނާ ދެކޭ ގޮތް ޤަބޫލުކުރަންވާނެއެވެ. ދިރާސާކުރުމަށްޓަކައި ބޭނުންވާނެ އެންމެހައި މަޢުލޫމާތެއް ހޯދައި ޖަމާކުރުމަކީ ވެސް އޭނާ ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމެކެވެ. އެއާ ނުލައި ދިރާސާގެ ޞައްޙަކަމާއި އިތުބާރު ކަށަވަރުނުކުރެވޭނެތީއެވެ.


2. ވަޒަންކުރުމުގެ ކިއުން

ދިރާސާއަކީ، ފައިދާހުރި އެއްޗެއްތޯ އާއި، އެއީ، އިތުރު މަޢުރިފާއެއް ގެނެސްދޭ އެއްޗެއްތޯ ބަލަންޖެހެއެވެ. އެކަމަށްޓަކައި ދިރާސާ ކިޔައި މުޠާލަޢާކުރަންޖެހެއެވެ. ދިރާސާގެ ފީޒިބިލިޓީއާމެދު ސުވާލު އުފައްދައި އޭގެ ޖަވާބު ހޯދަންޖެހެއެވެ. ދިރާސާކުރެވިފައިވާ ކަމަކީ، ޢިލްމީ ދިރާސާއެއްގެ އިމުގެ ތެރޭގައި ހޯދައި ބަލައި ދިރާސާކުރަންޖެހޭ ވަރުގެ ކަމެއްތޯ ވެސް ސުވާލު އުފައްދަންޖެހެއެވެ.


3. ސާބިތުނުވާރުހުން ކަނޑައެޅުން

ދިރާސާ ނުވަތަ ދިރާސާކުރާ މައްސަލައާ ބެހޭ ގޮތުން އުފެދޭ ހުރިހައި ސާބިތުނުވާރުހުމެއް (Hypotheses) ކަނޑައަޅަންވާނެއެވެ. ސާބިތުނުވާރުހުމަކީ، ދެ އެއްޗެއްގެ މައްޗަށް ބަރޯސާވާ ލަފާވުމެކެވެ. އެއިން އެކައްޗަކީ، "މުސްތަޤިއްލު ބަދަލުވާ" އެވެ. އަނެކައްޗަކީ، "ތަބާވާ ބަދަލުވާ" އެވެ. ކުޑަކުދިންނަށް ކިޔަވާދިނުމުގައި، ޓެކްނޮލޮޖީގެ އަސަރު ދެނެގަތުމުގެ މައްސަލާގައި، "މުސްތަޤިއްލު ބަދަލުވާ" އަކީ، ޓެކްނޮލޮޖީގެ އަސަރެވެ. "ތަބާވާ ބަދަލުވާ" އަކީ، ކުޑަކުދިންނަށް ކިޔަވާދިނުމެވެ. މި ޙާލަތުގައި ދިރާސާކޮށް ކަނޑައަޅާނީ، ޓެކްނޮލޮޖީގެ އަސަރާބެހޭ "ސާބިތުނުވާރުހުމެވެ." އޭގެ މައްޗަށް ހުރިހައި ފަރާތަކުން ނަޒަރު ހިންގައިލަންވާނެއެވެ. އަދި ކޮންމެ "ސާބިތުނުވާރުހުމެއް" ވަކިވަކިން ބަޔާންކުރަންވާނެއެވެ.


4. ދިރާސާގެ ޕްލޭން ފަރުމާކުރުމުގެ ފިޔަވަޅުތައް

ޢިލްމީ ދިރާސާގެ އެންމެ މުހިންމު އެއް މީޒާއަކީ، ތަޚައްޞުޞުގެ އަހުލުވެރިންނަށް އޭގެ ދަރަޖަ ދެނެގަނެވޭ ކަމެވެ. ފިޔަވަޅުތަކަކީ، އެ ދިރާސާ ތައްޔާރުކުރުމަށްޓަކައި ތަބާވާ ފިޔަވަޅުތަކެވެ. ގިނަ މުޙައްޤިޤުންނަކީ، ދިރާސާކުރުމަށްޓަކައި އެމީހުން އިޚުތިޔާރުކުރާ މައުޟޫޢުތަކަށް އަހުލުވެރިވެފައިވާ، އެ މައުޟޫޢުތައް ރަނގަޅަށް ދަންނަ ބަޔެކެވެ. އެހެނަސް، ޢިލްމީ ދިރާސާއެއް ތައްޔާރުކުރުމަށްޓަކައި ތަބާވާންޖެހޭ ފިޔަވަޅުތަކާ ތަބާވުމުގައި ކުރެވޭ ކުށެއްގެ ސަބަބުން، ދިރާސާގެ ފޭރާން ދެރަވެދެއެވެ. އެއީ، ދިރާސާ ތައްޔާރުކުރާ މުޙައްޤިޤަށް މައުޟޫޢު ނޭނގުމުގެ ސަބަބުން ވާ ކަމެއް ނޫނެވެ. އެކަމަކު، ދިރާސާ ތައްޔާރުކުމުގައި ތަބާވާންޖެހޭ ފިޔަވަޅުތައް އޭނާއަށް ނޭނގޭތީ ވާ ކަމެކެވެ. ޢިލްމީ ދިރާސާ ތައްޔާރުކުރާނެ ގޮތް، ޔުނިވަރސިޓީތަކުގައި އުނގަންނައިދެވެއެވެ. އެއަށް ކިޔަނީ، ރިސާޗް މެތޮޑޮލޮޖީ (Research Methodology) ނުވަތަ މަނާހިޖުލް ބަޙުޘިލް ޢިލްމީ (مناهج البحث العلمي) އެވެ. އޭގެ މައިދާނަކީ، ނުހަނު ތަނަވަސް މައިދާނެކެވެ.

ތިރީގައި މިވަނީ، ރަނގަޅު ޢިލްމީ ދިރާސާއެއް ތައްޔާރުކުރުމަށްޓަކައި ތަބާވަންޖެހޭ އަސާސީ ފިޔަވަޅުތަކެވެ.


1. ދިރާސާގެ މައުޟޫޢު:
މައުޟޫޢު އޮންނަންވާނީ، ދިރާސާއަކީ ކޮބައިކަން ބުނެދޭ ކުރު ޢިބާރާތަކުން ޢިބާރާތްކުރެވިފައެވެ. ޢިލްމީ ދިރާސާއަކަށް ކަމުދާނެ މައުޟޫޢުތަކާއި، ކަމުނުދާނެ މައުޟޫޢުތައް ވެއެވެ. ކަމުނުދާނެ މައުޟޫޢެއްގެ މިސާލަކީ، "ތަޢުލީމަށް ޓެކްނޮލޮޖީގެ އަސަރު" އެވެ. މި މައުޟޫޢު ކަމުނުދަނީ، ދިރާސާކުރެވެނީ ކޮންބަޔެއްގެ މައްޗަށް ކަމާއި، ދިރާސާކުރެވެނީ ކޮން މުއްދަތެއްކަން ނޭނގޭތީއެވެ. އެހެންކަމުން، ރަނގަޅު މައުޟޫޢު ކަމުގައި ވާނީ، "1 މާރޗް 2014 އިން 10 އޮގަސްޓް 2014 އާ ދެމެދުގައި، ފަލަސްޠީނުގެ ކުޑަކުދިންގެ ތަޢުލީމަށް ޓެކްނޮލޮޖީން ކުރި އަސަރު" އެވެ. މިފަދަ މައުޟޫޢެއްގައި، މުއްދަތު ބަޔާންކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ.

2. ދިރާސާގެ މުޤައްދިމާ:
މުޤައްދިމާގައި ކުރުކޮށް ބަޔާންކުރާނީ، ދިރާސާކުރެވޭ ކަމެކެވެ. މުޤައްދިމާ ފަށާނީ އާންމު ކަންކަމުންނެވެ. ކުރިއަށްދާ ވަރަކަށް އެބައި ކުޑަކޮށް، ޚުޞޫޞިއްޔަތު (Privacy) އިތުރުކުރަންވާނެއެވެ. ނިމޭ ހިސާބަށް ދާއިރު، މުޙައްޤިޤު ދިރާސާކުރާ އަސްލު މައްސަލަ ބަޔާންކުރަންވާނެއެވެ. މުޤައްދިމާ ނިންމައިލާނީ، ދިރާސާ ތައްޔާރުކުރުމުގައި ހިއްސާވި ހުރިހާ ފަރާތްތަކަށް ޝުކުރާއި ތަޢުރީފު ރައްދުކުރަމުންނެވެ. އާންމު ގޮތެއްގައި، މުޤައްދިމާ ލިޔަނީ، ދިރާސާ ލިޔެ ނިންމުމަށްފަހުފައެވެ.

3. ދިރާސާގެ މައްސަލަ:
ދިރާސާ އަށް ޚާއްޞަ މައްސަލައިގެ ޞީޣާ ޢިބާރާތްކުރާނީ، ސާފުކޮށް އޮޅުންފިލާނެހެންނެވެ. އެ މައްސަލަ ދިރާސާކުރުމުގެ މުހިންމުކަން ބަޔާންކޮށްދެމުންނެވެ. ބޮޑަށް ރަނގަޅީ، މައްސަލައަކީ ކޮބައިކަން އޮޅުންފިލުވައިދޭނެ ސުވާލުތަކެއްގެ ތެރެއިން މައްސަލައިގެ ޞީޣާ ގެނެސްދިނުމެވެ.

4. ދިރާސާގެ ސުވާލުތައް:
ދިރާސާގެ ސުވާލުތަކަކީ، ދިރާސާކުރާ މައްސަލައާ ނުވަތަ ދިރާސާގެ މައުޟޫޢާ ގުޅިލާމެހިފައިވާ ސުވާލުތަކެއް ކަމުގައި ވާންވާނެއެވެ. ދިރާސާގެ މައްސަލައިގެ ޞީޣާ ގެނެސްދިނުމަށް އެންމެ މޮޅު އެއް ގޮތަކީ، މައި ސުވާލެއްގެ ގޮތުގައި އެ ބައްޓަންކޮށް، އެއިން ފަޅާ ކުރިތަކެއްގެ ގޮތުގައި އިތުރު ސާނަވީ ސުވާލުތައް ގެނެސްދިނުމެވެ. ސާނަވީ ސުވާލުތައް އަމާޒުކުރާނީ، އަޞްލު މައްސަލައާ ގުޅިފައިވާ އެހެން މައްސަލަތަކަށެވެ.

5. ދިރާސާގެ އަމާޒުފަތްގަނޑު:
އާންމު ގޮތެއްގައި، ދިރާސާގެ އަމާޒުފަތްގަނޑުން ޖަވާބުދޭނީ، ދިރާސާކުރާ މުޙައްޤިޤު އޭނާގެ އަމިއްލަ ނަފުސާ ކުރާ ސުވާލުތަކަށެވެ. އޭނާ އެ ސުވާލުކުރާނީ، ދިރާސާކުރަނީ ކީއްވެކަން ދެނެގަތުމަށްޓަކައެވެ. ދިރާސާއިން މުޙައްޤިޤު ވާޞިލުވުމަށް ބޭނުންވާ މަންޒިލްމަޤުޞޫދަކީ ކޮބައިކަން، ދިރާސާގެ އަމާޒުފަތްގަނޑުން ސާފުކޮށް އޮޅުންފިލާނެއެވެ.

6. ދިރާސާގެ އަހައްމިއްޔަތު:
ވަރަށް ކުރުކޮށް ބުނާނަމަ، އެއީ، ދިރާސާ އަމާޒުކުރެވިފައިވާ މައިދާނަށް، ދިރާސާއިން އިތުރުކޮށްދޭ މަޢުރިފާއެވެ.

7. ދިރާސާގެ ސާބިތުނުވާރުހުންތައް:
ދިރާސާގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މުޙައްޤިޤު އެކަށައަޅާ "ސާބިތުނުވާރުހުންތައް" ސާބިތުކުރާނީ، ނުވަތަ ނަފީކުރާނީ، ދިރާސާގެ ނަތީޖާ އާއި، ރިކަމެންޑޭޝަންގައެވެ.

8. އިޚުތިޔާރުކުރާ ސާމްޕަލް:
ދިރާސާކުރުމަށްޓަކައި އެކަށީގެންވާ މިންވަރެއްގެ ސާމްޕަލެއް ނެގުމަކީ، މުޙައްޤިޤު ކުރަންޖެހޭ ކަމެކެވެ. ދިރާސާގައި ހިމަނާނެ ސާމްޕަލް ކަނޑައަޅައި ޢައްޔަންކުރާނީ އޭނާއެވެ.

9. ދިރާސާގެ ޕްލޭން:
ދިރާސާގެ ޕްލޭންގައި ވާނީ، މައުޟޫޢުގައި ކުރިން ކުރެވިފައިވާ ދިރާސާތަކެވެ. ނުވަތަ މައުޟޫޢާ އެއްފަދަ އެހެން މައުޟޫޢުތަކުގައި ކުރިން ކުރެވިފައިވާ ދިރާސާތަކެވެ.

ނޯޓް:
ނަންގަނެވިދިޔައީ، މި މަޒުމޫނުގެ މުޞަންނިފު ބަޔާންކޮށްފައިވާ، "ދިރާސާގެ ޕްލޭން" ގެ މިންވަރެވެ. އެހެނަސް ބައެއް މަޞްދަރުތަކުގައި އެއަށްވުރެ ތަފުޞީލުކޮށް، ދިރާސާގެ ޕްލޭން ބަޔާންކުރެވިފައި ވެއެވެ. އެހެންކަމުން، މިތާނގައި އެއިން މިންވަރެއް ބަޔާންކުރަމުން ކުރިއަށް ދާނަމެވެ.

ބައެއް މަޞްދަރުތައް ބުނާ ގޮތުގައި، ދިރާސާގެ ޕްލޭނަކީ، ދިރާސާކުރުމަށްޓަކައި، މުޙައްޤިޤު އަކަށައަޅާ "ފަލަރޮނގުތަކެވެ." އޭނާ އެ ފަލަރޮނގުތައް އަކަށައަޅަނީ، އެއިން މަގުފަހިކުރުމަށްޓަކައެވެ. ދިރާސާގެ ޕްލޭނަކީ، ޢިލްމީ ދިރާސާއެއް ކުރަމުންދާއިރު މުޙައްޤިޤަށް މަގުދައްކައިދޭ އާރުކާޓީއެވެ. އޭނާގެ ދިރާސާއާއިގެން ކުރިއަށް ދާންވީ މަގު ދައްކައިދޭނީ، އެ އާރުކާޓީއެވެ. ތިރީގައި މިވަނީ، ޢިލްމީ ދިރާސާއެއްގެ ޕްލޭންގައި ވާނެ ނުކުތާތަކެވެ.

1. ދިރާސާގެ މައުޟޫޢު
2. ދިރާސާގެ މައްސަލަ
3. ދިރާސާގެ ސާބިތުނުވާރުހުން
4. މުސްތަޤިއްލު ބަދަލުވާ އާއި، ތަބާވާ ބަދަލުވާ
5. މި ދިރާސާ ނުކޮށްފިނަމަ، އުނިވާނެ ކަންތައްތައް
6. ދިރާސާގެ އަމާޒުފަތްގަނޑު
7. ދިރާސާއިން ފައިދާކުރާނެ ފަރާތްތައް
8. ދިރާސާގެ އިންތައް
9. ތަޖުރިބާ އާއި، އިޖުރާއާތުތައް
10. ދިރާސާގެ ޓޫލްތައް
11. މަޢުލޫމާތު ތަޙުލީލުކުރުން
12. ލަފާކުރެވޭ ނަތީޖާތައް
13. ކޮންކްލޫޖަންސް ނުވަތަ ނިންމުން
14. ޢަމަލީ ގޮތުން ބޭނުންހިފޭނެ ގޮތްތައް
15. މަޞްދަރުތައް
16. ދިރާސާކުރި ސަބަބު

ކޮންމެ ޢިލްމީ ދިރާސާއެއްގެ ޕްލޭންގައި ހިމެނޭ އުންސުރުތަކެއް ވެއެވެ. އެއީ:

1. ދިރާސާގެ މައުޟޫޢު
2. މައްސަލަ އަންގައިދިނުމުން ނިންމައިލާ މުޤައްދިމާއެއް
3. ދިރާސާކުރާ މައްސަލަ
4. ދިރާސާގެ ސުވާލުތައް
5. ދިރާސާގެ އަމާޒުފަތްގަނޑުތަކާއި، އޭގެ އަހައްމިއްޔަތު
6. ދިރާސާގެ ސާބިތުނުވާރުހުންތައް
7. ދިރާސާގެ އިސްޠިލާޙުތައް (ލަފުޒާއި ޢިބާރާތުގެ މާނަ)
8. ދިރާސާގެ މެތަޑާއި އޭގެ ޓޫލްތައް
9. ދިރާސާގެ މުޖުތަމަޢާއި ދިރާސާގެ ސާމްޕަލް
10. ދިރާސާގެ އިންތައް
11. ކުރީގެ ދިރާސާތައް
12. ދިރާސާގައި ބޭނުންކުރެވުނު މަޞްދަރުތަކުގެ ލިސްޓް

ކޮންމެ ދިރާސާއެއްގެ ޕްލޭންގައި މި ހުރިހާ އުންސުރުތައް ހިމެނޭކަށެއް ނުޖެހެއެވެ. މީގެތެރެއިން ދިރާސާގައި ހިމަނާނެ އުންސުރުތަކެއް ކަނޑައެޅެނީ، ދިރާސާގެ ބާވަތުންނެވެ. އަދި ނަންގަނެވިދިޔަ ތަރުތީބުން ތަރުތީބުކުރުމަކީ ވެސް ލާޒިމުކަމެއް ނޫނެވެ. ދިރާސާގެ ޠަބީޢަތާއި ބުއްދީގެ ހަމަތައް ނިޔާކުރާ ގޮތަކަށް ތަރުތީބުކުރުމުން ފުދޭނެއެވެ. ހަމައެފަދައިން ނަންގަނެވިދިޔަ ކޮންމެ ނުކުތާއެއް އަކުރުންއަކުރަށް ހިމެނުންވެސް ލާޒިމެއް ނޫނެވެ. ދިރާސާގައި އޭގެ ކޮންޓެންޓް ހިމެނުމުން ފުދޭނެއެވެ.

ނޯޓްގެ ދަށުގައި ބަޔާންކުރި މި ފޮޅުވަތްތަކަކީ، ތަރުޖަމާކުރަމުންމިދާ މަޒުމޫނުގައި ހިމެނޭ ފޮޅުވަތްތަކެއް ނޫނެވެ. ދެން އެނބުރިދާނީ، ތަރުޖަމާކުރަމުންދާ މަޒުމޫނަށެވެ.

10. މަޢުލޫމާތު ޖަމާކުރުން:
ޖަމާކުރެވޭ މަޢުލޫމާތު ތަޙުލީލުކުރަމުން ގެންދަންވާނެއެވެ. އާންމު ގޮތެއްގައި އެ ތަޙުލީލުކުރެވެނީ، އިޙުޞާއީ ނުވަތަ ސްޓެޓިސްޓިކަލް ތަޙުލީލުންނެވެ. އެކަންކުރަނީ، ނަތީޖާތައް ނެރުމަށްޓަކައެވެ.

11. ލަފައާއި އިރުޝާދު ނުވަތަ ސަޖެސްޝަންސާއި ރިކަމެންޑޭޝަންސް:
މިބައި ފުރިހަމަކުރާނީ، ޙާޞިލުވާ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އަދި އެހެން ދިރާސާތަކުގެ ލަފައާއި އިރުޝާދާ އަޅާބެލުމަށްފަހުގައެވެ.

12. މަޞްދަރުތަކުގެ ލިސްޓް:
މަޞްދަރުތަކަކީ، ދިރާސާގައި ބޭނުންކުރެވުނު މަރްޖިޢުތަކެވެ. ނުވަތަ ރެފަރެންސްތަކެވެ. (ހަމަޖެހިފައިވާ އުޞޫލަކުން) އޭގެ ލިސްޓެއް ބަޔާންކުރަންވާނެއެވެ. އެ ލިސްޓް ލިޔާއިރު، ކަށަވަރުކުރަންޖެހޭ މަޢުލޫމާތުގެ ތެރޭގައި، މުއައްލިފާއި، މަޞްދަރުގެ ނަމާއި، ޗާޕްގެ ވަނަ އާއި، ނެރުނު ފަރާތުގެ މަޢުލޫމާތާއި، މަޞްދަރުގެ ބައިތަކެއް ވާނަމަ ކިތައްވަނަ ބައި ކަން ހިމެނެއެވެ. މަޞްދަރުތައް ތަރުތީބުކުރާނީ، ހިޖާއީ ތަރުތީބުންނެވެ. އެއީ، އަލްފަބެޓިކަލް އޯޑަރެވެ. ނުވަތަ ހަށަނަރައިގެ ތަރުތީބެވެ.

މަޞްދަރު:
http://www.al-forqan.net/articles/5071.html
އިތުރު މަޞްދަރުތައް.

އަޞްލު މަޒުމޫނުގެ ތާރީޚު: 27 ޖެނުއަރީ 2016

ޕީޑީއެފް ނަކަލެއް