އާދަމުގެފާނުން ފެށިގެން ކީރިތި ރަސޫލާގެ ނަސަބުފުޅު
ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ،
މައްކާގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 22 އޭޕްރީލް
571 މ. ގައި ކަމަށް ވާރިދުވެފައި ވެއެވެ. އެއީ ފީލު
އަހަރު ކަމަށާއި، އެއީ ރަބީޢުލްއައްވަލު މަހެއް ކަމަށް
ވެސް ވާރިދުވެފައި ވެއެވެ. މާތް ﷲ، އިތުރުއެކަލޭގެފާނަށް
ވަޙީ ބާވައިލެއްވީ، އިތުރުއެކަލޭގެފާނުގެ ޢުމުރުފުޅުން
ސާޅީސް އަހަރުފުޅު ފުރިހަމަވުމުންނެވެ.
އިތުރުއެކަލޭގެފާނު، މައްކާއިން ޔަޘްރިބަށް
ހިޖުރަކުރެއްވީ، މީލާދީ ސަނަތުން 622 ވަނަ އަހަރުގަ އެވެ.
ޔަޘްރިބުގެ ނަން މަދީނާގެ ނަމަށް ބަދަލުކުރެއްވީ
އިތުރުއެކަލޭގެފާނެވެ. އިތުރުއެކަލޭގެފާނު
އާރާސްތުކުރެއްވި މަދީނާއަކީ، މިޒަމާނުގެ ތަހުޒީބާއި
ތަމައްދުނުގެ ފެށުމެވެ.
އިތުރުއެކަލޭގެފާނަކީ، މީސްތަކުންނަށް ތެދުމަގު
ދެއްކެވުމަށްޓަކައި މާތް ﷲ ފޮނުއްވެވި އެންމެ ފަހުގެ
ރަސޫލާއެވެ. ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި،
އެކަލާނގެ އިތުރުއެކަލޭގެފާނު ފޮނުއްވެވީ އެންމެހައި
މީސްތަކުންގެ ގާތަށެވެ. އިތުރުއެކަލޭގެފާނަކީ،
މީސްތަކުންކުރެ އެންމެ މަތިވެރި އިންސާނާއެވެ.
އިތުރުއެކަލޭގެފާނުގެ ނަންފުޅު ނަންގަނެވޭ ހިނދު،
އިތުރުއެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް
ލެއްވުންއެދި ދުޢާކުރަންޖެހެއެވެ. އެކަމަކީ، ނުހަނު
މަތިވެރި ސަވާބާއި ދަރުމަ ޙާޞިލުވާ ކަމެކެވެ.
އެކަމަށްޓަކައި މުސްލިމުން އާންމުކޮށް ކިޔައިއުޅޭ
ޢިބާރާތަކީ، (صلى الله عليه وسلم) އެވެ. ކީރިތި
ޤުރުއާނާއި ޠާހިރު ސުންނަތުގައިވާ ގޮތުގެ މަތިން، މިނޫން
ޢިބާރާތައް ވެސް ކިޔައެވެ.
ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ،
މުސްލިމުންގެ ހިތްތަކަށް ދޫކުރައްވާފައިވާ ހެޔޮ އަސަރު
ވަނީ މުސްލިމުންގެ ޙަޔާތުގެ ހުރިހާ މިންތަކަކަށް ފެތުރިފައެވެ. އިޚުލާޞްތެރި ކޮންމެ މުސްލިމަކުމެ މަސައްކަތްކުރަނީ،
އެމީހަކަށް އޮޅުންފިލާފައިވާ އިމުގެ ތެރޭގައި،
އިތުރުއެކަލޭގެފާނުގެ ސުންނަތާ ތަބާވުމަށެވެ.
އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ދުޢާތަކާއި،
ޒިކުރުތައް ތާއަބަދުމެ އަޅުގަނޑުމެން މުސްލިމުންގެ
ދޫތަކުން ތަކުރާރުކުރެވެއެވެ. އިތުރުއެކަލޭގެފާނަކީ،
އިންސާނީ ތާރީޚު ދުށް އެންމެ ވަރުގަދަ ޝަޚުޞިއްޔަތު ކަމަށް
އިންޞާފުވެރި ޣައިރު މުސްލިމުން ވެސް ވަނީ ހެކިވެފައެވެ.
ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ،
ސުވަރުގެވަޑައިގަތީ، 8 ޖޫން 632 ގައި ކަމަށް ވާރިދުވެފައި
ވެއެވެ. ތިރީގައި މިވަނީ، ސަލާމްލެއްވި އާދަމުގެފާނާ
ހަމައިން ފެށިގެން އިތުރުއެކަލޭގެފާނުގެ ނަސަބުފުޅުގެ
ސިލްސިލާއެވެ.
ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި
ވަސައްލަމަ އަކީ:
1. ސަލާމްލެއްވި އާދަމުގެފާނުގެ ދަރިކަލުން،
2. ޝީޘުގެ ދަރިކަލުން،
3. އަނޫޝްގެ ދަރިކަލުން،
4. ޤީނާނުގެ ދަރިކަލުން،
5. މަހްލަލްއީލުގެ ދަރިކަލުން،
6. ޔާރަދުގެ ދަރިކަލުން،
7. އަޚުނޫޚޫގެ ދަރިކަލުން، (އަޚުނޫޚަކީ، ސަލާމްލެއްވި
އިދުރީސުގެފާނު ކަމަށް ވާރިދުވެފައި ވެއެވެ.)
8. މަތޫޝާލަޙުގެ ދަރިކަލުން،
9. ލާމަކުގެ ދަރިކަލުން،
10. ސަލާމްލެއްވި ނޫޙުގެފާނުގެ ދަރިކަލުން،
11. ސާމުގެ ދަރިކަލުން،
12. އަރުފަޚުޝަދުގެ ދަރިކަލުން،
13. ޝާލިޚުގެ ދަރިކަލުން،
14. ޢާބިރުގެ ދަރިކަލުން،
15. ފާލިޣުގެ ދަރިކަލުން،
16. އަރްޣުވާގެ ދަރިކަލުން،
17. ސާރޫޣުގެ ދަރިކަލުން،
18. ނާޙޫރުގެ ދަރިކަލުން،
19. ތާރިޙުގެ ދަރިކަލުން،
20. ސަލާމްލެއްވި އިބްރާހީމުގެފާނުގެގެ ދަރިކަލުން،
21. ސަލާމްލެއްވި އިސްމާޢީލުގެފާނުގެ ދަރިކަލުން،
22. ޤީދާރުގެ ދަރިކަލުން، (ބައެއް ރިވާޔަތްތަކުގައި
"ޤީދާރު" ގެ ބަދަލުގައި ވަނީ، "ނާބިތު" އެވެ. ނާބިތަކީ،
ސަލާމްލެއްވި އިސްމާޢީލުގެފާނުގެ ދޮށީ ދަރިކަލުންނެވެ.)
23. އަލްހަމީސަޢުގެ ދަރިކަލުން،
24. ޔަޝްޖުބުގެ ދަރިކަލުން،
25. ޔަޢުރުބުގެ ދަރިކަލުން،
26. ތީރަޙުގެ ދަރިކަލުން،
27. ނާޙޫރުގެ ދަރިކަލުން،
28. މުޤައްވިމުގެ ދަރިކަލުން،
29. އައްދުގެ ދަރިކަލުން، (ބައެއް ރިވާޔަތްތަކުގައި އައްދު
ނުހިމަނައެވެ. އަދި ބައެއް ރިވާޔަތްތަކުގައި ޔަޢުރުބުން
ފެށިގެން އައްދުއާ ހަމައަށް ތިއްބެވި ބޭކަލުން ނުހިމަނަ
އެވެ. ބައެއް ބޭކަލުން އެބޭކަލުންގެ ބައްޕާފުޅަށް
ނިސްބަތްކުރުމުގެ ބަދަލުގައި، އަޖުދާދުންގެ ތެރެއިން
ބޭކަލަކަށް ވެސް ނިސްބަތްކުރެވިފައި ވެއެވެ. މިކަމަކީ
ނަސަބު މެދުކެނޑޭނެ ކަމެއް ނޫނެވެ.)
30. އަދަދުގެ ދަރިކަލުން،
31. ޢަދުނާނުގެ ދަރިކަލުން،
32. މަޢައްދުގެ ދަރިކަލުން،
33. ނިޒާރުގެ ދަރިކަލުން،
34. މުޟަރުގެ ދަރިކަލުން،
35. އިލްޔާސުގެ ދަރިކަލުން،
36. މުދުރިކަތުގެ ދަރިކަލުން،
37. ޚުޒައިމަތުގެ ދަރިކަލުން،
38. ކިނާނަތުގެ ދަރިކަލުން،
39. އައްނަޟިރުގެ ދަރިކަލުން،
40. މާލިކުގެ ދަރިކަލުން،
41. ފިހުރުގެ ދަރިކަލުން،
42. ޣާލިބުގެ ދަރިކަލުން،
43. ލުއައްޔުގެ ދަރިކަލުން،
44. ކަޢުބުގެ ދަރިކަލުން،
45. މުއްރަތުގެ ދަރިކަލުން،
46. ކިލާބުގެ ދަރިކަލުން،
47. ޤުޞައްޔުގެ ދަރިކަލުން،
48. ޢަބްދުމަނާފުގެ ދަރިކަލުން،
49. ހާޝިމުގެ ދަރިކަލުން،
50. ޢަބްދުލްމުއްޠަލިބުގެ ދަރިކަލުން،
51. ޢަބްދުﷲގެ ދަރިކަލުން،
52. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި
ވަސައްލަމައެވެ.
އިތުރުއެކަލޭގެފާނުގެ ލޮބުވެތި ދަރިކަނބަލުން،
ފާޠިމަތުއްޒަހުރާގެ ދަރިކަލުން،
ޙުސައިނުގެފާނުގެ ދަރިކަލުން،
ޢަލީ ޒައިނުލްޢާބިދީންގެ ސުލާލަތު ދިވެހިރާއްޖެއަށް ވެސް
ވަނީ ވާޞިލުވެފައެވެ. އެ ސުލާލަތުން ވަޑައިގެންނެވި
ބޭކަލުންގެ ދަރިފަސްކޮޅުތައް ވަނީ، ދިވެހި މުޖުތަމަޢުގައި
ފުނަށް މޫލާފައެވެ. މިކަމަކީ، ދިވެހިރާއްޖެއަށް
ލިބިފައިވާ ނުހަނު މަތިވެރި އިސްލާމީ ޝަރަފެކެވެ.
މާތް ﷲ، ކީރިތި މާތް ނަބިއްޔާ އަށާއި އިތުރުއެކަލޭގެފާނުގެ
އާލުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ! އަދި
އިތުރުއެކަލޭގެފާނުގެ އަހުލުބައިތުންގެ ސުލާލަތުން
ވަޑައިގެންނެވި އެންމެހައި ބޭކަލުންނަށާއި ބޭކަނބަލުންނަށް
ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށިއެވެ! އާމީން!