ނަކަލުކުރުމުގެ ތަފާތު، މުޙައްޤިޤުންގެ ސަމާލުކަމަށް


މާލޭ ހުކުރުމިސްކިތުގައިވާ ލިއުންތައް އެންމެ ފުރިހަމައަށް ނަކަލުކުރެވިފައިވާނެ މަޞްދަރު ކަމަށް ބެލެވޭ ފޮތަކީ، "މާލޭ ހުކުރު މިސްކިތް" އެވެ، ކިޔާ ފޮތެވެ. ހުކުރުމިސްކިތުގައިވާ ލިއުންތަކާއި، އެ ފޮތުގައިވާ ލިއުންތައް އަޅާބަލާއިރު، ބައެއް ލިއުމުގައި ނަކަލުކުރުމުގެ ތަފާތު ހުރިކަން ފާހަގަކުރެވެއެވެ. މި މަޒުމޫނުގެ ބޭނުމަކީ، އެ ފޮތުގެ މައްޗަށް ބަރޯސާވެވަޑައިގަންނަވާ މުޙައްޤިޤުންގެ ސަމާލުކަމަށް މިކަން ގެނައުމެވެ. އެ ފޮތް ލިއުމުގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް ބޭފުޅަކާމެދު ބަދުބަހެއް ބުނުމެއް ނޫނެވެ. އެ ބޭފުޅުންނަށް މަސައްކަތްކުރެއްވިފައި އެވަނީ، އޭރު ފަހިވެފައިވާ ވަސީލަތްތަކުގެ މިންވަރުންނެވެ.

މިއީ، ފިލާގައި ލިޔެވިފައިވާ ލިއުމުގެ ތަޞްވީރެކެވެ.

އޭރު ހުރި ވަސީލަތްތަކުގެ އެހީގައި ނަކަލުކުރެވުނުއިރު، ތަފާތުވެފައިވާ ކަމަށް ފާހަގަކުރެވުނު އެއް ޢިބާރާތަކީ، ހުކުރު މިސްކިތު މިޙްރާބު ފިލާގައިވާ ވާ ޢިބާރާތެކެވެ. ތިރީގައި މިވަނީ، އެ ޢިބާރާތް "މާލޭ ހުކުރުމިސްކިތް" އެވެ، ކިޔާ ފޮތުގައި ނަކަލުކުރެވިފައިވާ ގޮތެވެ.

امر ببناء هذا المسجد المحترم لله العلي السلطان بن السلطان الهمام الاسكندرى الغازي ابراهيم بن السلطان محمد ن الشجاعي المحلي المخرف

ފިލާގައިވާ އަޞްލު ޢިބާރާތާ އަޅާބަލާއިރު، ނަކަލުކުރުމުގެ ތަފާތުހުރި ހަތަރު ލަފުޒެއް މި ޢިބާރާތުން ފާހަގަކުރެވެއެވެ. ތިރީގައި މިވަނީ އެ ލަފުޒުތަކެވެ.

ފުރަތަމަ ލަފުޒު: ފިލާގައިވަނީ، امين އެވެ. ނަކަލުކުރުމުގައި ވަނީ امر އެވެ.
ދެވަނަ ލަފުޒު: ފިލާގައިވަނީ، ببنا އެވެ. ނަކަލުކުރުމުގައި ވަނީ ببناء އެވެ.
ތިންވަނަ ލަފުޒު: ފިލާގައިވަނީ، الاسكندر އެވެ. ނަކަލުކުރުމުގައި ވަނީ الاسكندرى އެވެ.
ހަތަރުވަނަ ލަފުޒު: ފިލާގައިވަނީ، المحروسي އެވެ. ނަކަލުކުރުމުގައި ވަނީ المخرف އެވެ.

މީގެ ތެރެއިން ލަފުޒެއްގެ މައްޗަށް ބަލައިލާނަމެވެ. އެއީ ހަތަރުވަނަ ލަފުޒެވެ. ފިލާގައިވާ المحروسي (އަލްމަޙްރޫސީ) އަކީ، المخرف (އަލްމުޚައްރަފު) ކަމަށް ލިޔެވިފައިވާ ލަފުޒެވެ. المخرف (އަލްމުޚައްރަފު) އަކީ ޞައްޙަ ލަފުޒެއް ކަމަށް ބަލައިފިނަމަ، އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު (1 ވަނަ) އާމެދު ދެކޭގޮތް ބަދަލުވެގެން ހިނގައިދާނެއެވެ. ޢުމުރުފުޅުން ދުވަސްވެ، މުސްކުޅިފުޅުވުމުގެ ސަބަބުން، ހަށިކޮޅާއި، ބުއްދިފުޅުގެ ބާރު ދަށްވުމުގެ މައްސަލަ، އެ ރަދުންނަށް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް އެ ލަފުޒުން ދޭހަވެއެވެ. އެ ލަފުޒުގެ މައްޗަށް އަލިއަޅުވާލަން ޤަޞްދުކުރީ މި ސަބަބަށްޓަކައެވެ.

مُخرَّف (މުޚައްރަފު) އަކީ، خَرَّفَ (ޚައްރަފަ) ގެ اسم مفعول (އިސްމު މަފްޢޫލު) އެވެ. އޭގެ މަޞްދަރަކީ، خَرَف އެވެ. ޚަރަފަކީ، ޢުމުރުން ދުވަސްވެ މުސްކުޅިވުމުގެ ސަބަބުން ހަށިގަނޑާއި ބުއްދީގެ ބާރު ދަށްވުމެވެ. އެހެންވީމާ، މުޚައްރަފަކީ، ޢުމުރުން ދުވަސްވެ މުސްކުޅިވުމުގެ ސަބަބުން ހަށިގަނޑާއި ބުއްދީގެ ބާރު ދަށްވެފައިވާ މީހާއެވެ. ދުޅަހެޔޮކަމުގެ ނަޒަރުން ބަލާއިރު، ޚަރަފަކީ ބައްޔެކެވެ. އެބަލި ޖެހުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ، އެލްޒައިމަރ ބަލި (Alzheimer's disease) އެވެ.

مخرف (މުޚައްރަފު) ގައި އެއް ގޮތަށްވުރެ ގިނަ ގޮތްގޮތަށް ފިލިޖެހެއެވެ. ފިލި ބަދަލުވުމުން، މާނަ ބަދަލުވެއެވެ.

މާލޭ ހުކުރުމިސްކިތު މިޙުރާބުގޭގައި އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ފިލައެއްގައި، އެ ރަދުންގެ މާތް ބައްޕާފުޅަކީ، މުޚައްރަފެއް ކަމުގައި ލިޔެވިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ބަޔާންކުރެވޭނެ ކަމަށް ޤަބޫލުކުރެވެނީ، އެ ރަދުންގެ މާތް ސިފަފުޅުތަކެވެ. އެހެންކަމުން، المخرف (އަލްމުޚައްރަފު) އަކީ، ނަކަލުކުރުމުގެ ތަފާތެއް ކަމަށް ޤަބޫލުކުރެވެއެވެ. ރަނގަޅު ގޮތަކީ، المحروسي (އަލްމަޙްރޫސީ) ކަމަށް ފެނެއެވެ. المخرف (އަލްމުޚައްރަފު) ގެ ޚާއާއި، ފާފުގައި ޖެހިފައިވާ ދެ ނުކުތާއަކީ، المحروسي (އަލްމަޙްރޫސީ) ގެ ފަހު އަކުރު ކަމުގައިވާ ޔާގެ ދެ ނުކުތާ ކަމަށް ބެލެވެއެވެ.

މި މަޒުމޫނުގައި މުޙައްޤިޤުންގެ ސަމާލުކަމަށް މި ގެނެސްދިން ކަމަކީ، އިތުރަށް ބަލައި މުރާޖަޢާކުރެވިދާނެ ކަމެކެވެ. މާލޭ ހުކުރުމިސްކިތު މިޙްރާބު ފިލާގައިވާ ޢިބާރާތުގައި ވަނީ، ކީކޭތޯ ބެލުމުގެ ދޮރު މިހިސާބުން ބަންދެއް ނުވެއެވެ. އެ ފިލާ އިތުރަށް މުރާޖަޢާކުރައްވައި، ދިރާސާކުރެއްވުމަކީ، މުޙައްޤިޤުންނަށް ކުރެއްވިދާނެ ކަމެކެވެ. މި މަޒުމޫނުގެ ބޭނުމަކީ، އިސްވެ ދެންނެވި ފަދައިން، "މާލޭ ހުކުރުމިސްކިތް" އެވެ، ކިޔާ ފޮތް ލިއުމުގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް ބޭފުޅަކާމެދު ބަދުބަހެއް ބުނުމެއް ނޫނެވެ. އެކަމަކު، ނަކަލުކުރުމުގެ ތަފާތުތަކެއް އެ ފޮތުގައި ވާކަން، މުޙައްޤިޤުންގެ ސަމާލުކަމަށް ގެނައުމެވެ.