ޙަޤީޤަތް ނުބަލައި ގޮތެއް ނުނިންމާށެވެ!
ޙިކުމަތްތެރި ވާހަކައެއްގައިވެ އެވެ. އެއްދުވަހަކު،
ދަތުރުކޮށްފައި ދިޔަ ރޭލެއްގެ ތެރޭގައި މުސްކުޅިއަކާއި
އޭނާގެ ފަންސަވީސް އަހަރު ވެފައިވާ ފިރިހެން ދަރިފުޅު ވި
އެވެ. ނަމަވެސް އެ ދަރިފުޅު ވާހަކަދައްކަމުން ދިޔައީ ކުޑަ
ކުއްޖެއް ފަދައިންނެވެ.
ރޭލުގެ ކުޑަދޮރުން ބޭރު ބަލާލާފައި އޭނާ ބުންޏެވެ. "ބައްޕާ
އެވެ! އަހަރެމެން ފަސްދީ ހުރިހައި ގަސްތަކެއް ދުވަނީ އެވެ.
މިއީ ހާދަހާ މަޖާކަމެކެކެވެ!"
ދަރިފުޅު މިހެން ބުނުމުން، ދަރިފުޅުގެ މަޖަލުގައި
ބައިވެރިވެލުމުގެ ގޮތުން ބައްޕަ ހިނިތުންވެލި އެވެ.
ފަންސަވީސް އަހަރުގެ ޒުވާނާ، ކުޑަކުއްޖެއް ފަދައިން ވާހަކަ
ދައްކަމުން ދިޔައިރު، އެމީހުންގެ ކުރިމަތީގައި
ދެމަފިރިއަކު ތިއްބެވެ. އެ ޒުވާނާ އުޅޭ ގޮތުން އެމީހުން
ތިބީ ހިތްހަމަނުޖެހިފަ އެވެ.
އަނެއްކާވެސް ޒުވާނާ ބާރަށް ހީނގެންފައި ބުންޏެވެ.
"ބައްޕާ އެވެ! އެ އޮތް ފެންގަނޑުގައި އެތިބީ ހާދަހާ ރީތި
ޖަނަވާރު ތަކެކެވެ."
"ބައްޕާ އެވެ! ވިލާތައް އުދުހެމުންދާ ގޮތް ނިކަން
ދެކިބަލާށެވެ!"
ޒުވާނާ މިޒާތުގެ ވާހަކަތައް ދައްކަމުންދިޔައިރު،
(ކުރިމަތީގައި) ހިތްހަމަނުޖެހިފައި ތިބި ދެމަފިރިންގެ
ހިތުގައި އެތައް ޝުޢޫރެއް އުފެދެމުންދިޔަ އެވެ. "މިއީ
ކޮންމެވެސް ވަރަކަށް ހަމަނުޖެހޭ ޒުވާނެއްތާ އެވެ." "މީނާގެ
ބައްޕަ، މީނާއަށް އެއްވެސް ފަރުވާއެއް ނުކުރަނީތާއެވެ!"
އެ ދެމަފިރިން، މިފިކުރެއްގައި ތިއްބާ އަނެއްކާވެސް ޒުވާނާ
ވަރަށް ބޮޑަށް ހީނގެންފައި ހަޅޭލަވައިގެންފި އެވެ.
"ބައްޕާ އެވެ! ވާރޭވެހެނީ އެވެ! ނިކަންދެކިބަލާށެވެ! ވާރޭ
މިވެހެނީ އަހުރެންގެ އަތަށެވެ!"
މިފަހަރު ޒުވާނާ އުޅުނު ގޮތުން ކުރިމަތީގައި ތިބި
ދެމަފިރިންނަކަށް ކެތެއް ނުކުރެވުނެވެ. އެދެމަފިރިން
މުސްކުޅިޔާއާ މުޚާޠަބުކޮށް ބުންޏެވެ.
"ތިބާގެ ދަރިފުޅު ޑަކުޓަރަށް ދައްކައި، އޭނާއަށް
ބޭސްނުކުރަނީ ކީއްވެ ހެއްޔެވެ؟"
ޖަވާބުގައި މުސްކުޅިޔާ ބުންޏެވެ.
"ތިމަންނާ މިދަނީ ދަރިފުޅަށް ބޭސްކޮށްގެން ގެއަށެވެ. މިއީ
ތިމަންނާގެ ދަރިފުޅުގެ ބަލި ފަސޭހަވި ފަހަރެވެ. ކުރިން
އޭނާގެ ލޮލަކަށް ނުފެނެ އެވެ. އޭނާގެ ޙަޔާތުގައި، ފުރަތަމަ
ފަހަރަށް އޭނާގެ ލޮލަށް ފެންނަން ފެށީ މިއަދު އެވެ."
ކުޑަ ކުއްޖެއްހެން ޒުވާނާ އުޅެނީ ކީއްވެގެންކަން
އެނގުމުން، އެ ދެމަފިރިން އޭނާއާމެދު ވަރަށް ބޮޑަށް
ހަމްދަރުދީވެ، އޭނާއާއެކު މަޖާކުރި އެވެ!
ޢިއްޒަތްތެރި ކިއުންތެރިޔާ އެވެ!
މިވާހަކައިން ޢިބްރަތެއް ޙާޞިލްކުރައްވާށެވެ!
ތިމާއަށް ޙަޤީޤަތް ނޭނގޭ ކަންކަމުގައި، މީހުންނާމެދު ވަކި
ގޮތެއް ނުނިންމަވާށެވެ!
މަޞްދަރު: މަޖާލިސުލް ކަޘީރީ