ސަލާމްލެއްވި ނޫޙުގެފާނު


ސަލާމްލެއްވި ނޫޙުގެފާނަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ފޮތްފޮތުގައި ވެސް ބަޔާންކުރައްވާފައިވާ ބޭކަލެކެވެ. އެކަލޭގެފާނަކީ، އާދަމުގެދަރީންގެ ދެވަނަ ބައްޕަ އެވެ. އެހެނީ، މިހާރު ދުނިޔޭގައިވާ މީހުން ނިސްބަތްވަނީ، އެކަލޭގެފާނުގެ ދަރިފަސްކޮޅަށެވެ. އިންސާނުންނާއި ދިރޭތަކެތީގެ ދަރިފަސްކޮޅު، ޠޫފާނުން ސަލާމަތްކުރެއްވުމަށްޓަކައި އެކަލޭގެފާނު ހެއްދެވި ނާކޮޅު މަޝްހޫރުވެފައިވަނީ އެކަލޭގެފާނުގެ ނާކޮޅުގެ ނަމުންނެވެ. އާދޭހެވެ. އެއީ، ނޫޙުގެފާނުގެ ނާކޮޅެވެ.

ނޫޙުގެފާނު ދުނިޔެއަށް ވަޑައިގަތީ، އާދަމުގެފާނު އަވަހާރަވިތާ 126 އަހަރު ފަހުން ކަމަށް އިބްނު ޖަރީރު ވިދާޅުވެފައި ވެ އެވެ. އަހުލުކިތާބީންގެ ފޮތްތައް ބުނާ ގޮތުގައި، އާދަމުގެފާނު އަވަހާރަވުމާއި، ނޫޙުގެފާނު ދުނިޔެއަށް ވަޑައިގަތުމާ ދެމެދުގައި ފާއިތުވެފައިވާ މުއްދަތަކީ، 146 އަހަރެވެ.

އަލްޙާފިޡު އަބޫ ޙާތިމު ބްނު ޙިއްބާން (ابْنُ حِبَّان) ގެ ޞަޙީޙުގައި ވާރިދުވެފައިވާ ޙަދީޘްފުޅެއްގައި ވެ އެވެ.

(أَنَّ رَجُلًا قَالَ: يَا رَسُولَ اللَّهِ أَنَبِيٌّ كَانَ آدَمُ؟ قَالَ: نَعَمْ. قَالَ: فَكَمْ كَانَ بَيْنَهُ وَبَيْنَ نُوحٍ؟ قَالَ عَشَرَةُ قُرُونٍ.)
ރިވާކުރެއްވީ: އިބްނު ޙިއްބާން.

މާނައީ، "މީހަކު ދެންނެވި އެވެ. ﷲ ގެ ރަސޫލާ އެވެ! އާދަމުގެފާނަކީ، ނަބީބޭކަލެއްތޯ އެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. އާދޭހެވެ. އޭނާ ދެންނެވި އެވެ. އެކަލޭގެފާނާއި ނޫޙުގެފާނާ ދެމެދުގައި ވަނީ ކިހާ މުއްދަތެއްތޯ އެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. ދިހަ ޤަރުނެވެ."

ޞަޙީޙު ބުޚާރީގައި ވާ އިބްނު ޢައްބާސްގެފާނުގެ ބަސްފުޅެއްގައި ވެ އެވެ.

"އާދަމުގެފާނާއި، ނޫޙުގެފާނާ ދެމެދުގައި ވަނީ ދިހަ ޤަރުނެވެ. އެ ޤަރުނުތަކުގެ މީސްތަކުން ތިބީ އިސްލާމްދީނުގަ އެވެ."

މިފަދަ ބަސްފުޅުތަކުގައި ވާ ޤަރުނުގެ މާނައަކީ، އާންމު ގޮތެއްގައި މީހުން މާނަކުރާ ފަދައިން 100 އަހަރު ކަމަށްވަނީނަމަ، އާދަމުގެފާނާއި ނޫޙުގެފާނާ ދެމެދުގައިވާނީ އެއްހާސް އަހަރެވެ. އެހެނަސް ކީރިތި ޤުރުއާނާއި، ޠާހިރު ސުންނަތުގައި ވާރިދުވެފައިވާ ބަސްފުޅުތަކަށް ބަލާއިރު، ޤަރުނަކީ، ޖީލެއް ކަން އެނގެ އެވެ. އެ ޒަމާންތަކުގައި މީހުންގެ ޢުމުރު ދިގެވެ. އެހެންކަމުން ޤަރުނެއްގެ ދިގުމިން 100 އަހަރަށްވުރެ ދިގުވާނެ އެވެ. އަދި އާދަމުގެފާނާއި، ނޫޙުގެފާނާ ދެމެދުގައި ފާއިތުވެފައިވާ މުއްދަތު، އެތައް ހާސް އަހަރުތަކަކުން ގުނާލެވޭނެ ކަމަށް ވެސް ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.

މާތްވެގެންވާ އިސްލާމްދީނުގައި، ނޫޙުގެފާނަކީ، ނަބީބޭކަލެކެވެ. އަދި ރަސޫލުބޭކަލެކެވެ. ކީރިތި ޤުރުއާނުގެ އެތައް ސޫރަތެއްގެ، އެތައް އާޔަތެއްގައި އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވާފައި ވެ އެވެ. މާތް ﷲ އެކަލޭގެފާނު ފޮނުއްވީ، އެކަލާނގެ ޙަޟުރަތަށް އަޅުކަންނުކޮށް، ބުދަށް އަޅުކަންކުރާ ޤައުމަކަށެވެ. އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އެމީހުން ދިނީ ބީރު ކަންފަތެކެވެ. އެމީހުންގެ ތެރެއިން އެކަލޭގެފާނަށް އީމާންވި މަދު މީސްކޮޅަށާއި، އެކަލޭގެފާނަށް އެމީހުން ދިނީ ރަޖަމްކުރާނެ ކަމުގެ ހަރުކަށި އިންޒާރެވެ. އެމީހުން ދެމިތިބެން ބޭނުންވީ ބުދަން އަޅުކަންކުރުމުގެ މަތީގަ އެވެ.


ނަންފުޅު:

ނޫޙުގެފާނުގެ ނަންފުޅު ކަމުގައިވާ "ނޫޙު" އަކީ، ސާމިއްޔަ ނަންފުޅެކެވެ. އެ ނަންފުޅުގެ ސާމިއްޔަ މާނައަކީ، "އަރާމުކުރުން" (rest) އެވެ.

ނޫޙުގެފާނުގެ ނަންފުޅަކީ، ޢަރަބި ބަހުގެ ނަމެއް ކަމުގައި ބަލައިގެން ބައެއް ފަރާތްތަކުން މާނަކޮށްފައި ވެ އެވެ. އެގޮތަށް ބަލާއިރު، އެ ނަންފުޅުގެ މާނަތަކުގެ ތެރޭގައި، ޝުކުރުވެރިވުމާއި، ފާފަފުއްސެވުމަށް އެދި ދެންނެވުމުމުގެ މާނަ ހިމެނެ އެވެ.
ނޫޙުގެފާނުގެ ނަންފުޅުގައި އެތައް މާނައެއް އެކުލެވެ އެވެ. އެއިން ވަކި މާނައެއް ޞައްޙަކޮށް، ވަކި މާނައެއް އެކަހެރިކުރެވެން ނެތް ކަމަށް ބުނެވެ އެވެ.

ނޫޙުގެފާނުގެ ނަންފުޅުގެ ޢިބްރާނީ މާނަތަކުގެ ތެރޭގައި، ހަމަހިމޭންކަމާއި، ޤަރާރުވުމާއި، އިސްތިޤުރާރުވުމާއި، އިށީނުމާއި، ފޭބުމާއި، އަރާމުކުރުމާއި، ހުއްޓުން ފަދަ އެތައް މާނަތަކެއް ހިމެނެ އެވެ.

ނޫޙުގެފާނުގެ ނަންފުޅުގެ މާނައަކީ، "ގެދޮރު" (السكن) ނުވަތަ ގެދޮރުގައި ދިރިއުޅޭ މީހާ (الساكن) ކަމަށް، ބައެއް މުފައްސިރުން ވިދާޅުވެފައި ވެ އެވެ. އެއީ، އަހުލުކިތާބީންގެ ފަރާތުން އައިސްފައިވާ މާނައެއް ކަމަށް ބުނެވެ އެވެ.

ގިނަ މުފައްސިރުން ވިދާޅުވެފައިވަނީ، ނޫޙުގެފާނުގެ ނަންފުޅުގައި އެކުލެވޭ މާނަތަކަކީ، ޢަރަބި ބަހުގެ ނަވާޙު (النواح) ގެ މާނަތައް ކަމަށެވެ. އެ މާނަތަކުގެ ތެރޭގައި، ރުއިމާއި، މާތް ﷲ ގެ ޙަޟުރަތަށް މުނާޖާ ދެންނެވުމާއި، ފާފަ ފުއްސެވުން އެދި ދުޢާކުރުން ހިމެނެ އެވެ.

ނޫޙުގެފާނުގެ ނަންފުޅުގެ މާނައަކީ، "ތަނެއްގައި ދިގު މުއްދަތަކަށް ޤާއިމުވެގެން ހުރުން" ކަމުގައި ވެސް ވާރިދުވެފައި ވެ އެވެ. މި މާނަ ގުޅުވާލެވެނީ، އެކަލޭގެފާނުގެ ޤައުމުގައި ދީނަށް ގޮވާލެއްވުމަށްޓަކައި ހޭދަކުރެއްވި ދިގު މުއްދަތާ އެވެ. އެއީ 950 އަހަރެވެ. އަދި މާތް ﷲ އެކަލޭގެފާނަށް ދެއްވި ދިގު ޢުމުރުފުޅާ އެވެ. މި މޭރުމުން ބަލާއިރު، އެކަލޭގެފާނުގެ ނަންފުޅުގެ މާނަތަކުގެ ތެރޭގައި، ރަށްވެހިވުމާއި، ޢުމުރު ދިގުވުމާއި، ދުނިޔޭގެ ބިމުގައި ގިނަދުވަހު ދިރިއުޅުން ހިމެނެ އެވެ.

ޢުމުރުފުޅު ދިގުވުމަކީ، ނޫޙުގެފާނުގެ ޤައުމުގެ މީހުންނާ ޚިލާފަށް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޚާއްޞަ މީޒާއެއް ކަމަށާއި، އެކަލޭގެފާނުގެ ނަންފުޅުގެ މާނައަކީ އެއީ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.

ނޫޙުގެފާނުގެ ނަންފުޅަކީ، ޝާމުކަރަ އާއި، ޢިރާޤުގެ ބޯދާ ބަސްބަހުގައިވާ ނަމެކެވެ. އެފަދަ ބަސްތަކުގެ ތެރޭގައި، އާރާމީ ބަހާއި، ކަންޢާނީ ބަހާއި، އާރާމިއްޔަ ނަބަޠީ ބަސް ހިމެނެ އެވެ. އެ ބަސްބަހުގައިވާ ނޫޙު (نوح) އާ ދިމާވަނީ، ޢަރަބި ބަހުގެ ނޫޚު (نوخ) އެވެ. މިއަދާ ހަމައަށްވެސް ޝާމުކަރައިގެ ބައެއް ރަށްތަކުގައި ނޫޙުން ނެގިފައިވާ ނަންނަމުން ކުދިންނަށް ނަންކިޔުމުގެ އާދަ އެބައޮތެވެ.

އިނގިރޭސި ބަހާއި ޔޫރަޕުގެ ބައްރުގައިވާ ބައެއް އެހެން ބަހުރުވަތަކުން ރޭގަނޑަށް ކިޔާ ނަން ކަމުގައިވާ "ނައިޓް" (night) ގެ އަޞްލަކީ، "ނޫޙު" އެވެ. ނޫޙުގެފާނުގެ ނަންފުޅުން ރޭގަނޑަށް ނަންދެވިފައިވަނީ، އެއީ، އަރާމުކުރުމާއި، ހަމަހިމޭންކަމުގެ ވަގުތު ކަމުގައި ވާތީ އެވެ.

ނޫޙުގެފާނުގެ ނަންފުޅާ ގާތްކުރާ ނަމެއް، މިޞްރުގެ ބޯދާ ބަހުގައި ވާކަން ވެސް ފާހަގަކުރެވެ އެވެ. އެއީ، ނަޙަޙަ (نحح) އެވެ. މި ނަމުގެ މާނަތަކުގެ ތެރޭގައި، ދިގު މުއްދަތަކަށް ދެމިހުރުމާއި، ދާއިމީވުމާއި އާއި، ޚުލޫދުގެ މާނަތައް ހިމެނެ އެވެ. އެމީހުން ކަށްވަޅަށް ދީފައިވާ ނަމަކީ، ދާއިމީ މަންޒިލެވެ. މިނަމުގައިވާ ދާއިމީ އަށް ބޭނުންކޮށްފައިވަނީ "ނަޙަޙަ" އެވެ. އަދި ދާއިމީ ތަނާއި، ދާއިމީ ގެއާއި، ދާއިމީ ބިމަށް ނަން ކިޔުމުގައި ވެސް އެ ނަން ބޭނުންކޮށްފައި ވެ އެވެ. މިޞްރުގެ ބޯދާ ބަހުން ޢުމުރު ދިގުވުމަށް ކިޔަނީ، ނަޚަޚަ (نخخ) އެވެ. މިއީ، ޢަރަބި ބަހުގެ ނޫޚު (نوخ) އާ ތިމާގެ ނަމެކެވެ.

ނޫޙުގެފާނުގެ ނަންފުޅުގެ މާނަތަކަށް ބަލާއިރު، އެ މާނަތަކާ އެކަލޭގެފާނާ ގުޅޭކަން ފާހަގަކުރެވެ އެވެ. އާދޭހެވެ. ކާފިރުންގެ ދުއްތުރާތަކުން ސަލާމަތްވެވަޑައިގަތުމުން، އެކަލޭގެފާނުގެ ހިތްޕުޅަށް އުފާފާގަތިކަމާއި އަރާމު ލިބިވަޑައިގަތެވެ. އެކަލޭގެފާނު ދެމިހުންނެވީ މާތް ﷲ ގެ ޙަޟުރަތަށް ޝުކުރުވެރިވެ ވަޑައިގަތުމުގެ މަތީގަ އެވެ. އެކަލޭގެފާނަކީ، ދިގު މުއްދަތެއް ވަންދެން ދުނިޔޭގެ ރަށްވެހިކަމުގައި ދެމިހުންނެވި ބޭކަލެކެވެ. އެކަލޭގެފާނަށް ދިގު ޢުމުރުފުޅެއް ލިބިވަޑައިގެންފައި ވި އެވެ. އެކަލޭގެފާނުގެ ހެޔޮ ޒިކުރާތައް، އެކަލޭގެފާނުގެ ވާހަކަފުޅާއެކު މިއަދާ ހަމައަށް ވާޞިލުވެފައި ވެ އެވެ.


ނަސަބުފުޅު:

ނޫޙުގެފާނުގެ ނަސަބުފުޅު ބަޔާންވެފައިވާ މަޞްދަރުތައް ބުނާ ގޮތުގައި، އެކަލޭގެފާނަކީ، އާދަމުގެފާނުގެ، ޝީޘު (شِيثُ) ގެފާނުގެ، އަނޫޝް (أَنُوشُ) ގެ، ޤީނާނު (قِينَانُ) ގެ، މަހްލަލްއީލު (مَهْلَلْئِيلُ) ގެ، ޔާރަދު (يَارَدُ) ގެ، އަޚްނޫޚު (أَخْنُوخُ) ނުވަތަ އިދުރީސުގެފާނުގެ، މަތޫޝާލަޙު (مَتُوشَالَحَ) ގެ، ލާމަކް (لاَمَكُ) ގެ، ނޫޙުގެފާނު (نُوحٌ) އެވެ. ނޫޙުގެފާނަށް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ސާމު (سام) އާއި، ޙާމު (حام) އާއި، ޔާފަޘު (يَافَثَ) ހިމެނެ އެވެ.


ޤައުމު:

ނޫޙުގެފާނު ދުނިޔެއަށް ވަޑައިގެންނެވީ، ނޫޙުވަލްދު (نوح ولد) އެވެ، ކިޔާ ރަށެއްގައި ކަމަށް ބުނެވެ އެވެ. އެއީ، މިހާރުގެ ނަހާވަންދު (Nahavand) އެވެ. މިހާރު އެ ރަށް ވަނީ އީރާނުގަ އެވެ. އެހެން ރައުޔެއް ބުނާ ގޮތުގައި އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވީ މެސޮޕޮޓޭމިޔާ (Mesopotamia) ގަ އެވެ. އެއީ މިހާރުގެ ޢިރާޤެވެ. އޭރު ޢިރާޤުގައި އުޅުނީ މާތް ﷲ އަށް އަޅުކަންކުރުން ދޫކޮށް، މަގުފުރެދިފައިވާ ބަޔެކެވެ. އެމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، މާތް ﷲ، އެމީހުންގެ ގާތަށް ނޫޙުގެފާނު ފޮނުއްވި އެވެ. އެކަލޭގެފާނަކީ، މީސްތަކުންގެ ގާތަށް ފޮނުއްވުނު ފުރަތަމަ ރަސޫލާ ކަން، ޞަޙީޙު ބުޚާރީއާއި ޞަޙީޙު މުސްލިމުން އެނގެ އެވެ.

އަލްބަޤަރާ ސޫރަތުގެ 213 ވަނަ އާޔަތް ޝަރަޙަކުރައްވަމުން އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވެ އެވެ. "އާދަމުގެފާނުން ފެށިގެން ނޫޙުގެފާނުގެ ނިޔަލަށް ދިހަ ޤަރުނުގެ މުއްދަތު ފާއިތުވެގެން ދިޔަ އެވެ. ނޫޙުގެފާނުގެ ޖީލާ ހަމައަށް، އެ މުއްދަތުގެ ތެރޭގައި މީހުން އުޅެމުން ގެންދިޔައީ، ޞައްޙަ ދީނުގަ އެވެ. އެއަށްފަހު، މީސްތަކުން ދެބަސްވެ، ޙައްޤު ތެދު މަގުން އެއްކިބާވި އެވެ. ދެން މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތް ﷲ ނަބީބޭކަލުން ފޮނުއްވި އެވެ. އެބޭކަލުން ވަޑައިގެން ތެދުމަގު އިޚުތިޔާރުކުރި މީހުންނަށް އުފާވެރި ޚަބަރު ދެއްވައި، ކާފިރުވީ މީހުނަށް އިންޒާރު ދެއްވި އެވެ."

ނޫޙުގެފާނުގެ ޤައުމުގެ ބައެއް މީހުންނަށް، ޝައިޠާނާ ޝިރުކުކުރުމަށް މަގުދެއްކި އެވެ. ޝައިޠާނާގެ ބަހަށް ހެއްލުނު މީހުން ބުދަށް އަޅުކަންކުރަންފެށި އެވެ. މިކަން ބަޔާންކުރައްވައި، މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدّاً وَلَا سُوَاعاً وَلَا يَغُوثَ وَيَعُوقَ وَنَسْراً)
ނޫޙު: 23

މާނައީ، "އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވައްދާއި، ސުވާޢާއި، ޔަޣޫޘާއި، ޔަޢޫޤާއި، ނަސްރާއި (މިހުރިހައި ބުދުތައް) ދޫކޮށްނުލާހުށިކަމެވެ!"

އާދަމުގެ ދަރީންގެ ތެރެއިން އެންމެފުރަތަމަ ޢަޤީދާގައި ތެދުމަގުން އެއްކިބާވި ބަޔަކީ، ނޫޙުގެފާނުގެ ޤައުމުގެ މީހުންނެވެ.

އިބްނު ޖަރީރުއްޠަބަރީ ވިދާޅުވެފައިވެ އެވެ.

އާދަމުގެފާނާއި ނޫޙުގެފާނާ ދެމެދުގައި، ހެޔޮލަފާ ޞާލިޙު ބޭކަލުންތަކެއް އުޅުއްވި އެވެ. އެ ބޭކަލުންނަކީ، ވައްދާއި ސުވާޢާއި، ޔަޣޫޘާއި، ޔަޢޫޤާއި، ނަސްރެވެ. އެބޭކަލުންނާ ތަބާވެގެން އުޅުނު ބަޔަކު ވެސް އުޅުނެވެ. އެބޭކަލުން އަވަހާރަވުމުން، އެބޭކަލުންނާ ތަބާވެގެން އުޅުނު މީހުން ބުންޏެވެ. އެބޭކަލުންގެ ތަޞްވީރުތައް ކުރަހައިފިނަމަ، ތިމަންމެންނަށް އެބޭކަލުންގެ މަތިން މާބޮޑަށް ހަނދުމަކުރެވޭނެ އެވެ. އަދި ތިމަންމެންގެ ހިތްތަކުގައި އަޅުކަންކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ އެވެ. މިހެން ކިޔައި، އެމީހުން އެބޭކަލުންގެ ތަޞްވީރުތައް ކުރެހި އެވެ. ދެންފަހެ، އެ ތަޞްވީރުތައް ކުރެހި މީހުން މަރުވެ، އެމީހުންނަށްވުރެ ފަހުން އައި މީހުންނަށް އިބްލީސް ވަސްވާސް ދިނެވެ."

"ތިޔަބައިމީހުންނަށްވުރެ ކުރީގެ މީހުން އެ ތަސްވީރުތަކަށް އަޅުކަންކުރި އެވެ. އެމީހުން ވާރޭ ވެއްސަނީ ވެސް އެ ތަޞްވީރުތަކަށް ދަންނަވައިގެންނެވެ."

ދެން އެމީހުން އިބްލީހުގެ ބަހަށް ހެއްލި، އެ ތަޞްވީރުތަކަށް އަޅުކަންކުރަން ފެށި އެވެ. އެއިން ކޮންމެ ތަޞްވީރަކަށް ވަކި ގިންތިއެއްގެ ބަޔަކު އަޅުކަންކުރި އެވެ. އެއަށްފަހު، ޒަމާންތަކެއް ފާއިތުވެގެން ދިޔައިރު، އެމީހުން ކުރަހާފައިވާ ތަޞްވީރުތަކުގެ ސިފައިގައި ބުދުތަކެއް ހެދި އެވެ. އެއީ ކުރެހުންތަކަށްވުރެ ބުދުތަކުގެ ސާބިތުކަމާއި ފާޅުކަން ބޮޑުކަމަށްޓަކަ އެވެ. ދެން މާތް ﷲ އަށް އަޅުކަންނުކޮށް، އެމީހުން އެ ބުދުތަކަށް އަޅުކަންކުރަމުން ގެންދިޔަ އެވެ. އެމީހުން އެއަށް އަޅުކަންކުރުމުގައި އެތައް ގޮތްތަކަކަށް ޢަމަލުކޮށް އުޅުނެވެ.

އިބްނު ޢައްބާސުގެފާނާއި އެހެން ޢިލްމުވެރިން ވިދާޅުވެފައި ވަނީ، ނޫޙުގެފާނުގެ ޤައުމުގެ މީހުން އަޅުކަންކުރި ބުދުތައް، ފަހުން ޢަރަބީންގެ ތެރޭގައި ފާޅުވި ކަމަށެވެ.

ވަރަށް ގިނަ ޒަމާންތަކުގައި ބުދަށް އަޅުކަންކުރަން ފެށިފައިވަނީ، އެކަން ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި ފެށުނު ގޮތަށެވެ. ޢިލްމުވެރިއަކާ ތަބާވެ، އެއީ ތިމަންމެންގެ ސާހިބުމީހާ ކަމަށް ދެކިގެން އުޅޭ ކޮންމެވެސް ބަޔަކު، އެ ޢިލްމުވެރިޔާ އަވަހާރަވުމުން، އޭނާގެ ތަސްވީރު ކުރަހަ އެވެ. އެމީހުންނަށް ސާހިބުމީހާ ފެންނަ ކަމަށްވަނީނަމަ، ޚުޝޫޢަތްތެރިކަމާއެކު އަޅުކަންކުރަން ފަސޭހަވާނެ ކަމަށް ހީކޮށްގެންނެވެ. މިގޮތަށް ފެށޭ އަޅުކަންކުރުން ދުވަސްތަކަކަށްފަހު، ބުދަށް އަޅުކަންކުރުމަށް ބަދަލުވެގެންދެ އެވެ.

މާތް ﷲ ނޫޙުގެފާނު ފޮނުއްވީ، މީސްތަކުން ޠާޣޫތަށާއި ބުދަށް އަޅުކަންކުރަން ފެށުމުންނެވެ. އަދި މީސްތަކުން މަގުފުރެދި ކުފުރުވުމުންނެވެ. އެކަލާނގެ އެކަލޭގެފާނު ފޮނުއްވީ، މީސްތަކުންނަށް ރަޙުމަތެއް ކަމުގަ އެވެ. އެމީހުންނަކީ އެކަލޭގެފާނުގެ ޤައުމުގެ މީހުންނެވެ. އެ ޤައުމުގެ މީހުންނަށް ކިޔަނީ، ބަނޫ ރާސިބު (بنو راسب) ކަމަށް އިބްނު ޖަރީރާއި އެހެން ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. އެމީހުންނަށް އެނަން ދެވުނު ސަބަބު ކަމުގައި ބެލެވޭ ދެ ގޮތެއް ބަޔާންވެފައި ވެ އެވެ.
އެއް ގޮތަކީ، އެމީހުން ޠޫފާނުގައި ޣަރަޤުވުމެވެ. އަނެއް ގޮތަކީ، ދިގު މުއްދަތެއް ވަންދެން އެމީހުން ދުނިޔޭގައި ދިރިއުޅުމެވެ. ޞައްޙަ ގޮތް ކަމަށް ބުރަވެވިފައިވަނީ ފުރަތަމަ ގޮތެވެ.


ރިސާލަތު:

މާތް ﷲ ނޫޙުގެފާނު ރަސޫލުކަމާއިގެން ފޮނުއްވިއިރު، އެކަލޭގެފާނުގެ ޢުމުރުފުޅަކީ 50 އަހަރު ކަމުގައި ރިވާވެފައި ވެ އެވެ. އަދި އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 350 އަހަރު ކަމުގައި ވެސް ރިވާވެފައި ވެ އެވެ. އިބްނު ޖަރީރު ވިދާޅުވެފައިވަނީ، އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 480 އަހަރު ކަމަށެވެ.

މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
(كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللّهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُواْ فِيهِ)
އަލްބަޤަރާ: 213

މާނައީ، "އެންމެހައި މީސްތަކުން އެއް އުންމަތެއްގެ ބަޔަކުކަމުގައިވި އެވެ. ދެންފަހެ، ﷲ، އުފާވެރިކަމުގެ ޚަބަރުދޭ ބަޔެއްގެ ގޮތުގައްޔާއި، އަދި އިންޒާރުކުރަނިވި ބަޔެއްގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވި އެވެ. އަދި މީސްތަކުން އެއުރެންގެ މެދުގައި ޚިލާފުވި ކަންތައްތަކުގައި ޙުކުމްކުޅައުމަށް، އެބޭކަލުންނާ އެކުގައި ޙައްޤު ގޮތުގައި ފޮތް ބާވައިލެއްވި އެވެ."

ނޫޙުގެފާނު، ރަސޫލުބޭކަލެއްގެ ހައިސިއްޔަތުން، މާތް ﷲ ގެ ދީނަށް ގޮވާލެއްވުމުގައި 950 އަހަރު ދެމިހުންނެވި އެވެ. ރޭގަނޑާއި ދުވާލުގައި، އަދި ސިއްރާއި ފާޅުގައި އެކަލޭގެފާނު ދީނަށް ގޮވާލެއްވި އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(وَلَقَدْ أَرْسَلْنَا نُوحاً إِلَى قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَاماً)
އަލްޢަންކަބޫތު: 14

މާނައީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު ދީނަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވި އެވެ."

ނޫޙުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ގޮވާލެއްވުމަށް ދިނީ ބީރު ކަންފަތެކެވެ. އެމީހުންނަކީ ހިތް ހަރު ބަޔަކު ކަމުގައިވި އެވެ. އެމީހުންގެ ތެރެއިން އެކަލޭގެފާނުގެ ގޮވާލެއްވުމަށް އިޖާބަދިނީ ވަރަށް މަދު ބަޔެކެވެ. އެނޫން އެންމެން ކާފިރުކަންމަތީގައި ދެމިތިބީ އެވެ. ނަމަވެސް އެކަލޭގެފާނު ނާއުންމީދުވެވަޑައެއް ނުގަންނަވަ އެވެ.

ނޫޙުފާނުގެ ޤައުމުގެ މީހުންގެ ދުއްތުރާކުރުން އިންތިހާ ދަރަޖައަށް ދިއުމުން، ކާފިރުންގެތެރެއިން ހަމައެކަކުވެސް މި ބިންމަތީގައި ނުބެހެއްޓެވުމަށް އެކަލޭގެފާނު މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވި އެވެ.
އެކަލޭގެފާނު ކުރެއްވި ދުޢާފުޅު ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެ އެވެ.

(وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّاراً)
ނޫޙު: 26

މާނައީ، "އަދި ނޫޙުގެފާނު ވިދާޅުވި އެވެ. އަޅުގެ ވެރިރަސްކަލާކޮ! ކާފިރުންގެތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ!"

މާތް ﷲ، ނޫޙުގެފާނުގެ މި ދުޢާފުޅު އިޖާބަކުރައްވައި، ޠޫފާން ފޮނުއްވެވި އެވެ. އެ ޠޫފާނުގައި ކާފިރުންނާއި އެމީހުންގެ ގެދޮރާއި ބިނާވެށި ހަލާލުވެގެންދިޔަ އެވެ. އެއަށްފަހު، ދުނިޔެ ޢިމާރާތްކޮށް، ބިނާވެށި އާރާސްތުކުރުމުގެ އާ ދައުރެއް ފަށްޓަވައި ދެއްވީ އެކަލޭގެފާނެވެ.


އެކި ސަގާފަތުތަކުގައި:

ނޫޙުގެފާނު ނުވަތަ އެކަލޭގެފާނު ފަދަ ބޭކަލެއްގެ ވާހަކަ، ދުނިޔޭގެ އެކިއެކި ސަގާފަތުތަކުގައި ވާރިދުވެފައި ވެ އެވެ. މިއީ، ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަދި މިއީ، އެކަލޭގެފާނުގެ ވާހަކަ ފުލޯކު ވާހަކައަކަށް ހެދުމަށްޓަކައި ދެއްކޭނެ ޙުއްޖަތެއް ވެސް ނޫނެވެ. އެހެނީ، އެކަލޭގެފާނަށް އީމާންނުވި މީހުން ޠޫފާނުގައި ނެތިދިޔައީ އެވެ. އެއަށްފަހު، ދެމިއޮތީ އެކަލޭގެފާނުގެ ނަސްލެވެ. އެހެންކަމުން، އެކަލޭގެފާނުގެ ނަސްލުން ދުނިޔެއަށް އައި މީހުން، އެކަލޭގެފާނުގެ ވާހަކަ ދައްކާނެ އެވެ.

އެފަދަ ވާހަކައެއް އިހުގެ ޔޫނާނީ ސަގާފަތުގައި ވެ އެވެ. އެ ވާހަކަ ބުނާ ގޮތުގައި، ބޭކަލަކު އެކަލޭގެފާނުގެ ދަރިފަސްކޮޅާއި، ޖަނަވާރުތައް، ނާކޮޅެއްގައި ބިޔަ ޠޫފާނަކުން ސަލާމަތްކުރެއްވި އެވެ.

ޔޫރަޕުގެ ބައްރުގެ އެހެން ސަގާފަތެއްގައި ރިވާވެފައިވާ އެފަދަ އެހެން ވާހަކައެއް ބުނާ ގޮތުގައި، ޠޫފާނުން ސަލާމަތްވުމަށްޓަކައި އެކަލޭގެފާނުގެ ނާކޮޅު، ހަތް އަހަރު ވަންދެން ކަނޑުމަތީގައި ވި އެވެ. އެ ޠޫފާނުގައި ޔޫރަޕުގެ ބައްރުގެ ރަށްތައް ވެސް ޣަރަޤުވި އެވެ.

އިހުޒަމާނުގެ ލިޔުންތަކުގެ ތެރެއިން (Epic of Gilgamesh) ގިލްގާމިޝްގެ ދާސްތާނުގައި ވެސް ޠޫފާނެއްގެ ވާހަކަ ބަޔާންވެފައި ވެ އެވެ. ގިލްގާމިޝް އަކީ، މީލާދުގެ ކުރީގެ 26 ވަނަ ޤަރުނުގައި އުޅުނު ރަސްކަލެކެވެ. އޭނާ ރަސްކަންކުރީ މެސޮޕޮޓޭމިޔާ ގަ އެވެ. އެ ދާސްތާނަކީ، އިންސާނީ ޙަޟާރަތުގެ އެންމެ ދުވަސްވީ އަދަބީ އުފެއްދުމެވެ. އެއީ، އިންސާނީ ތާރީޚުގައި އެންމެ ފުރަތަމަ ޠޫފާނުގެ ވާހަކަ ބަޔާންކުރެވުނު ލިޔުން ކަމުގައި ވެސް ބުނެވެ އެވެ. އެހެނަސް ގިނަ ޢާލިމުން ޤަބޫލުކުރައްވާ ގޮތުގައި، އެ ވާހަކަ އަކީ، ގިލްގާމިޝްގެ ދާސްތާނުގެ 11 (އެގާރަ) ވަނަ ފިލައަށް އެހެން މީހަކު އިތުރުކޮށްފައިވާ ވާހަކައެކެވެ. އެ ވާހަކައިގެ އަޞްލަކީ، އަތުރަޙަސިސްގެ މަލްޙަމާގައިވާ ޠޫފާނުގެ ވާހަކަ އެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، އަތުރަޙަސިސް (اتراحسيس) (Atrahasis) އަކީ، ސަމާވީ ދީންތަކުގައި ބަޔާންކުރައްވާފައިވާ ނޫޙުގެފާނުގެ ފަދަ ޝަޚުޞިއްޔަތެކެވެ.


ކީރިތި ޤުރުއާނުގައި:

ނޫޙުގެފާނަކީ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ރަސޫލުބޭކަލެކެވެ. އެކަލޭގެފާނުގެ ނަންފުޅުން ނަންދެއްވާފައިވާ ސޫރަތެއް، ކީރިތި ޤުރުއާނުގައި ވެ އެވެ. އެކަލޭގެފާނަކީ، އުލުލްޢަޒުމުގެ ފަސް ރަސޫލުބޭކަލުންގެ ތެރެއިން ބޭކަލެކެވެ. މާތް ﷲ، އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވީ، މީސްތަކުން ތައުޙީދުގެ މަގުން އެއްކިބާވެ، ބުދުތަކަށާއި، ޠާޣޫތަށް އަޅުކަންކުރަން ފެށުމުންނެވެ. ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައި ވެ އެވެ. އެއީ، އެކަލޭގެފާނަށް އީމާން ނުވި މީހުންގެ މައްޗަށް ޠޫފާން ފޮނުއްވި ވާހަކައާއި، އެކަލޭގެފާނާއި، އެކަލޭގެފާނަށް އީމާންވެ ނާކޮޅަށް އެރި މީހުން ސަލާމަތްކުރެއްވި ވާހަކަ އެވެ.

މިދަންނަވަނީ، އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތްތަކެވެ.

އަލްއަޢުރާފު ސޫރަތުގެ 59 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 64 ވަނަ އާޔަތުގެ ނިޔަލަށް.
ޔޫނުސު ސޫރަތުގެ 71 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 73 ވަނަ އާޔަތުގެ ނިޔަލަށް.
ހޫދު ސޫރަތުގެ 25 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 49 ވަނަ އާޔަތުގެ ނިޔަލަށް.
އަލްއަންބިޔާއު ސޫރަތުގެ 76 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 77 ވަނަ އާޔަތުގެ ނިޔަލަށް.
އަލްމުއުމިނޫން ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 30 ވަނަ އާޔަތުގެ ނިޔަލަށް.
އައްޝުޢަރާއު ސޫރަތުގެ 105 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 122 ވަނަ އާޔަތުގެ ނިޔަލަށް.
އަލްޢަންކަބޫތު ސޫރަތުގެ 14 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 15 ވަނަ އާޔަތުގެ ނިޔަލަށް.
އައްޞާއްފާތު ސޫރަތުގެ 75 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 82 ވަނަ އާޔަތުގެ ނިޔަލަށް.
އަލްޤަމަރު ސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 17 ވަނަ އާޔަތުގެ ނިޔަލަށް.
އަދި އެއް ސޫރަތެއްގައި ހަމައެކަނި އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވާފައި ވެ އެވެ. އެއީ، އެކަލޭގެފާނުގެ ނަންފުޅުން ނަންދެއްވާފައިވާ، ނޫޙު ސޫރަތެވެ.

މީގެ އިތުރުން އެކަލޭގެފާނުގެ ނަންފުޅު، ކީރިތި ޤުރުއާނުގެ މޫރިތި އެތައް އާޔަތެއްގައި ނަންގަނެވިފައި ވެ އެވެ. ކީރިތި ޤުރުއާނުގައި އެކަލޭގެފާނުގެ ނަންފުޅު، 33 ފަހަރު ވާރިދުވެފައި ވެ އެވެ.

ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން އެނގޭ ގޮތުގައި، ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރޭގައި، 950 އަހަރު ވަންދެން ދީނަށް ގޮވައިލެއްވުންމަތީ ދެމިހުންނެވި އެވެ. އެ މުއްދަތަށްފަހު އެކަލޭގެފާނު ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅަކީ، ނާކޮޅުގައި މުއުމިނުންނާއި، ދިރޭތަކެތި ސަލާމަތްކުރެއްވުމުގެ މަސައްކަތްޕުޅެވެ. ދެން ބަލައިލާނީ، އެ ނާކޮޅުގެ މައްޗަށެވެ.


ނާކޮޅު:

ނޫޙުގެފާނުގެ ކުރީގައި އެނގިފައި ނެތް ޢިލްމަކާއި ފަންނެއް އެކަލޭގެފާނުގެ އަރިހުން އުފަންވި އެވެ. އެއީ، ނޭވަލް އާކިޓެކްޗަރ ގެ ޢިލްމެވެ. ނުވަތަ ބިޔަ އުޅަނދުފަހަރު ބަނުމުގެ ޢިލްމާއި ފަންނާއި ހުނަރެވެ. އެ ޢިލްމާއި ފަންނާއި އޭގެ ހުނަރުތައް އެކަލޭގެފާނަށް އުނގަންނަވައިދެއްވީ މާތް ﷲ ގެ އަމުރުފުޅަށް، ޖިބުރީލުގެފާނެވެ. މިކަން ތަފުސީރު ފޮތްތަކުން އެނގެ އެވެ. އެކަލޭގެފާނު ނާކޮޅު ބެންނެވީ، (أَلْوَاح) އަލްވާޙާއި (دُسُرُ) ދުސުރުންނެވެ. އަލްވާޙަކީ، ލައުޙުގެ ގިނަ ގޮތެވެ. އެއީ ލަކުޑި ފިލަ އެވެ. ދުސުރަކީ، މަޢުދަނުން ހަދާފައިވާ މޮހޮރާއި އިސްކުރު ފަދަ އެއްޗެއްސެވެ.

ނޫޙުގެފާނު ނާކޮޅު ބެންނެވި ގޮތާއި، އިސްލާމީ ޒަމާންތަކުގައި އޮޑިފަހަރު ބަނދެ އުޅުނު ގޮތް ތަފާތުކަން ފާހަގަކޮށްލަންޖެހެ އެވެ. އިސްލާމީ ޒަމާންތަކުގައި މަޢުދަނުން ހަދާފައިވާ މޮހޮރުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ވަލެވެ. އެ ޒަމާންތަކުގައި ވާ ބޭނުންކޮށްފައިވަނީ، ކަނޑުމަތީގައި މަރާމާތުކުރަން ފަސޭހަ ކަމަށްޓަކަ އެވެ. އޮޑިފަހަރު ބަނުމަށް ބޭނުންކުރާ މޮހޮރާއި އިސްކުރު ފަދަ އެއްޗިއްސަށް ޢަރަބި ބަހުން ކިޔަނީ ދުސުރު އެވެ. އަދި އެކަމަށްޓަކައި ބޭނުންކުރާ ވަލާއި ރޯނު ފަދަ އެއްޗިއްސަށް ވެސް ކިޔަނީ ދުސުރު އެވެ.

ބައެއް މީހުން ހީކުރާ ފަދައިން، ނޫޙުގެފާނަކީ، އާދައިގެ ވަޑިއެއް ނޫނެވެ. އެކަމަކު މިޒަމާނުގެ ބަހުން ބުނާނަމަ އެކަލޭގެފާނަކީ، ފުންނާބުއުސް ފަންނުވެރި ނޭވަލް އާކިޓެކްޓެކެވެ. ކަނޑު ދަތުރުފަތުރުކުރާ ބޮޑެތި އުޅަނދުފަހަރު ބަނުމުގެ މޭސްތެރިކަމަށް އެކަލޭގެފާނު ގެންނެވީ ވަރަށް ބޮޑު އިންޤިލާބެކެވެ. އެކަލޭގެފާނު ބެންނެވި ބިޔަ ނާކޮޅަކީ، މޫދާއި ކަނޑުގައި ޢިމާރާތްކުރުމުގެ ޢިލްމާއި ފަންނުގެ ފެށުން ވެސް މެ އެވެ. އެކަލޭގެފާނަށްވުރެ ކުރިން ދުނިޔެއަށް ވަޑައިގެންނެވި ބޭބޭކަލުން ޢިމާރާތްކުރައްވާފައިވަނީ، ދުނިޔޭގެ ބައްރުގަ އެވެ. ބިނާވެށި، މާކަނޑަށް ނަގުލުކުރެއްވީ އެކަލޭގެފާނެވެ. އެކަލޭގެފާނު ބެންނެވި ނާކޮޅުގެ ސަބަބުން، އެއާ ވިދިގެން އައި ޒަމާންތަކުގައި، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ބަނުމުގެ ޢިލްމާއި ފަންނާއި އޭގެ ހުނަރުތައް ވަރަށް ބާރަށް ތަރައްޤީވެ ކުރިއަރައިގެން ދިޔަކަން ތާރީޚުގެ ޞަފުޙާތަކުން އެނގެ އެވެ.

ކީރިތި ޤުރުއާނުގެ ތަފުސީރު ފޮތްފޮތުން އެނގޭ ގޮތުގައި، ނާކޮޅު ބެންނެވުމަށްޓަކައި ނޫޙުގެފާނު ގަސް ހައްދަވައި، ގަސް ކަނޑުއްވައި، ގަހުގެ ލަކުޑި ހިއްކެވި އެވެ. އެ މަސައްކަތްޕުޅުގައި އެކަލޭގެފާނު ސަތޭކަ އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި އެވެ. އަދި ނާކޮޅު ބެންނެވުމުގެ މަސައްކަތްޕުޅުގައި ވެސް އެފަދަ ދިގު މުއްދަތެއް ހޭދަކުރެއްވި އެވެ. ނޫޙުގެފާނު އެ ނާކޮޅުގެ އެތެރެފުށާއި ބޭފުށުގައި ތާރު ލެއްވި އެވެ. އެ ނާކޮޅުގައި ތިން ފަންގިފިލާ ވާކަމަށް ރިވާވެފައި ވެ އެވެ. ތިރީ ފަންގިފިލާ ޚާއްޞަކުރައްވާފައިވަނީ، ޖަންގަލީގެ ޖަނަވާރުތަކަށެވެ. ދެވަނަ ފަންގިފިލާ ޚާއްޞަކުރައްވާފައިވަނީ، އިންސާނުންނަށެވެ. ތިންވަނަ ފަންގިފިލާ ޚާއްޞަކުރައްވާފައިވަނީ، ދޫނިސޫފާސޫތްޕަށެވެ.

ނޫޙުގެފާނު، ނާކޮޅު ބަންނަވަމުން ގެންދެވިއިރު، އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް މަލާމާތްކޮށް އާޑަކިޔައި ފުރައްސާރަކުރަމުން ގެންދިޔަ އެވެ.

އެމީހުން ބުނެއުޅުނެވެ.

"އޭ ނޫޙުގެފާނެވެ! ކަލޭގެފާނު ނަބީކަން ދޫކޮށްލެއްވީތޯ އެވެ؟ އަދި އެކަން ދޫކޮށްލައްވާފައި ވަޑިއަކަށް ވެވަޑައިގެންނެވީތޯ އެވެ؟"

އެމީހުން ބުނެއުޅުނެވެ.

"އޭ ނޫޙުގެފާނެވެ! ކަލޭގެފާނު ތިޔަ ކުރައްވަނީ ކޮން ކަމެއްތޯ އެވެ؟"

އެކަލޭގެފާނު އެމީހުންނަށް ޖަވާބުދެއްވަމުން ވިދާޅުވެ އެވެ.

"ތިމަންކަލޭގެފާނު މިހައްދަވަނީ، ފެންމަތީގައި ދުވާނެ ގެއެކެވެ. ބޮޑު ޢިމާރާތެކެވެ."

އަދިވެސް އެކަލޭގެފާނު ވިދާޅުވެ އެވެ.

"މިއަދު ތިމަންކަލޭގެފާނު މި ނާކޮޅު ބަންނަވާތީ ތިޔަބައިމީހުން މަލާމާތްކުރާ ގޮތަށް، މާދަމާ ތިޔަބައިމީހުން ޣަރަޤުވާތީ ތިޔަބައިމީހުންނަށް މަލާމާތްކުރެއްވޭނެ އެވެ."

މާތް ﷲ، ޠޫފާން ފޮނުއްވާނެ ވަގުތު ޖެހިއްޖެ ކަމުގެ ޢަލާމާތެއް ނޫޙުގެފާނަށް އެންގެވި އެވެ. އެއީ، (التنور) ތަންނޫރުން ފެން އުތުރިއަރަންފެށުމެވެ. ތަންނޫރަކީ އުނދުނެވެ. އެ ޢަލާމާތް ފެނިވަޑައިގަތުމާއެކު، ނާކޮޅުގައި ސަލާމަތްކުރައްވަންވީ އެއްޗެހިތައް، ނާކޮޅަށް ލައްވަން ފެށްޓެވި އެވެ. އެއީ، ދުނިޔޭގައިވާ ދިރޭތަކެތީގެ ތެރެއިން ކޮންމެ ވައްތަރަކުން ޖޯޑަކާއި، އެކަލޭގެފާނަށް އީމާންވި މީހުންނެވެ. އެމީހުންނަކީ ވަރަށް މަދު ޢަދަދެއްގެ ބަޔެއް ކަމަށް ރިވާވެފައި ވެ އެވެ. އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވަނީ، އެމީހުންގެ ޢަދަދަކީ، 80 ކަމަށެވެ. އެމީހުންގެ ތެރޭގައި، އެކަލޭގެފާނުގެ ދެ އަނބިކަނބަލުން ކުރެ އެއް އަނބިކަނބަލަކު ނުހިމެނެ އެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އީމާންކަން ފާޅުކޮށް، އުރެދުން ވަންހަނާކޮށްގެން ހުރި ދަރިކަލަކު ވެސް ނުހިމެނެ އެވެ.

ނޫޙުގެފާނު ނާކޮޅަށް ލައްވަންޖެހޭ އެއްޗެހި ލެއްވުމަށްފަހު، މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކުރެއްވި އެވެ. އަދި ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދިވަޑައިގެން އެކަލާނގެ ޙަޟުރަތަށް ދުޢާފުޅު ކުރެއްވި އެވެ. ދެން، ބިމުން އުތުރިއަރަމުންދިޔަ ފެނާއި، އުޑުން ވެހެމުންދިޔަ ވާރެއިން ބިމުގައި ފެންބޮޑުވުމުގެ ޠޫފާނެއް އުފެދި، ބިން ޣަރަޤުވި އެވެ. އޭރު ނާކޮޅު ވަނީ، ފެންގަނޑުގެ މަތީގަ އެވެ. ބިމުގައި ތިބި ކާފިރުވީ މީހުން، ޠޫފާނުގެ ފެންގަނޑުގެ ތެރެއަށް ޣަރަޤުވެ މަރުވީ އެވެ. ސަލާމަތްވީ ނާކޮޅުގައި ވާ މީހުންނާއި ދިރޭ އެއްޗެއްސެވެ. މާތް ﷲ، މުއުމިނުން ސަލާމަތްކުރައްވައި، ކާފިރުން ހަލާކުރެއްވީ އެގޮތުގެމަތިންނެވެ. އެ ކާފިރުންނަކީ، ކުރިން ބިންމަތީގައި ބޮޑާކަމާއެކު ގެދޮރު ބިނާކޮށް، ބުދަށް އަޅުކަންކުރަން އުޅުނު މީހުންނެވެ.

މާތްﷲ، ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ލެއްވި ކޯފާގެ ޠޫފާން ނިމުނު ހިނދު، އުޑުން ވެހެމުންދިޔަ ވާރެއާއި ބިމުން އަރަމުންދިޔަ ފެން އެރުން ހުއްޓުނެވެ. އަދި ޖޫދިއްޔު ފަރުބަދަމަތީގައި ނާކޮޅު ބީހި، ހަމަޖެހިލިއެވެ. އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވަނީ، 150 ދުވަސް ވަންދެން ޠޫފާނުގެ ފެންގަނޑުގެ މަތީގައި ނާކޮޅު ވި ކަމަށެވެ. ފެންގަނޑު ހިނދި ދުނިޔެ އަމާންވެއްޖެކަން، މާތް ﷲ އެންގެވުމުން، ނޫޙުގެފާނު ނާކޮޅުން ފޭބެންނެވި އެވެ. އެކަލޭގެފާނާއެކު އެހެން މީހުންނާއި ޖަނަވާރުތަކާއި ސޫފިތައް ވެސް ނާކޮޅުން ފޭބި އެވެ. އެގޮތުގެ މަތިން، އެކަލޭގެފާނު އިންސާނުންނާއި ދިރޭ ތަކެތީގެ ޙަޔާތުގެ އާ ދައުރެއް އަލުން ފަށްޓަވައިދެއްވި އެވެ.

ނޫޙުގެފާނުގެ ނާކޮޅު ހޯދުމުގެ މަސައްކަތްތަކެއް ކުރެވިފައި ވެ އެވެ. އެ މަސައްކަތްކުރި މީހުން ހީކުރީ، އެ ނާކޮޅު ބީހިފައި ވަނީ، ތުރުކީވިލާތުގައިވާ އަރާރާތު ފަރުބަދަ މަތީގައި ކަމަށެވެ. އެހެނަސް، އެ ނާކޮޅު ހޯދުމަށްޓަކައި ކުރެވުނު މަސައްކަތުން އެނގުނު ގޮތުގައި، އެ ނާކޮޅު ބީހިފައި ވަނީ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން، ޖޫދިއްޔު ފަރުބަދަ މަތީގަ އެވެ. ޖޫދިއްޔު ފަރުބަދައަކީ، އަރާރާތު ފަރުބަދަ ކައިރީގައިވާ ފަރުބަދައެކެވެ. މިއިން ހާމަވި ޙަޤީޤަތަކީ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ނޫޙުގެފާނުގެ ވާހަކައިގެ ޞައްޙަ ކަމެވެ. ޖޫދިއްޔު ފަރުބަދަ މަތީގައި ނޫޙުގެފާނުގެ ނާކޮޅު ބީހި ހަމަޖެހިފައިވާ ގޮތުގެ އަސަރު، މިއަދާ ހަމައަށް ވެސް ފެންނަން އެބަހުއްޓެވެ. އެ ފަރުބަދަ މަތީގައި ގާވެފައިވާ ނާކޮޅުގެ ދިގުމިނަކީ، 160 މީޓަރެވެ. އޭގެ ފުޅާމިނަކީ، 60 މީޓަރެވެ. މިހާރު ފެންނަންހުރި އޭގެ އުސްމިން ވަނީ، 5 މީޓަރާއި 6 މީޓަރާ ދެމެދުގަ އެވެ.


ޠޫފާން:

ނާކޮޅާބެހޭ ގޮތުން ހޯދުނު ފަދައިން، ޠޫފާނާ ބެހޭ ގޮތުން ވެސް ޢިލްމީ ހޯދުންތަކެއް ހޯދިފައި ވެ އެވެ. އެ ހޯދުންތަކުން އެނގޭ ގޮތުގައި، އިހުޒަމާނުގައި މެދުއިރުމައްޗަށް، ވަރަށް ބޮޑު ޠޫފާނެއް އައިސްފައި ވެ އެވެ. އެ ޠޫފާން، މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ކަމެއް، ޢިލްމީ ހޯދުންތަކުން ކަށަވަރެއް ނުކުރެވެ އެވެ. އެ ހޯދުންތަކުން އެނގުނު ގޮތުގައި ދުނިޔޭގެ ހޫނުކަން މައްޗަށް ދިއުމުގެ ސަބަބުން، ގަނޑުފެން ގިރި، ކަނޑުގެ ލޮނުގަނޑު އުފުލުނެވެ. އެކަމުގެ ސަބަބުން މީގެ 7000 އަހަރު ކުރިން މެޑިޓްރޭނިއަން ކަނޑަށް ބިޔަ ޠޫފާނެއް އައިސްފައި ވެ އެވެ. އެ ޠޫފާން ދަތުރުކޮށްފައިވަނީ، ތުރުކީވިލާތާ ވީ ފަރާތަށެވެ.

ފޮސިލްސްތަކާ ބެހޭ ގޮތުން ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި، މީލާދުގެ ކުރީގެ 4000 އަހަރާއި 2000 އަހަރާ ދެމެދުގައި، ދެ ކޯރުގެ ދެމެދުގައިވާ ބިމަށް ފެންބޮޑުވުމުގެ ޠޫފާންތަކެއް އައިސްފައި ވެ އެވެ. ދެ ކޯރަކީ، ދިޖުލާ ކޯރާއި ފުރާތު ކޯރެވެ. އެ ދެ ކޯރުގެ ދެމެދުގައިވާ ބިން، ތުރުކީވިލާތާއި، ސީރިޔާ އާއި، ޢިރާޤުގައި ހިމެނެ އެވެ.

ނޫޙުގެފާނުގެ ޒަމާނުގައި ދުނިޔެއަށް އައި ބިޔަ ޠޫފާނަކީ، އިހުޒަމާނުގައި އައިސްފައިވާ އެފަދަ ޠޫފާންތަކުގެ ތެރެއިން ޠޫފާނެކެވެ. އެ ޠޫފާން އައިސްފައިވަނީ ދިޖުލާ ކޯރާއި ފުރާތު ކޯރުގެ ސަރަޙައްދަށާއި އެ ސަރަޙައްދުގެ ވަށައިގެންވާ ހިސާބުތަކެވެ. އޭރު މީހުން ދިރިއުޅުނީ އެ ސަރަޙައްދުގަ އެވެ. އެ ސަރަޙައްދުގައި ކުރެވުނު އާސާރީ ދިރާސާތަކާއި، ޖިޔޮލޮޖިކަލް ދިރާސާތަކުން އެނގުނު ގޮތުގައި އެހިސާބަށް ވަރަށް ބޮޑު ޠޫފާނެއް އައިސްފައި ވެ އެވެ. އެއީ، މަށްޓާއި ކިސަޑުގެ ޠޫފާނެއް ކަމާއި، އެ ޠޫފާން އައިސްފައިވަނީ، އިހުޒަމާނުގައި ޢިރާޤުގައި އުޅުނު ސުމޭރިއަނުންގެ ޒަމާނުގައި ކަން ވެސް އެނގިފައި ވެ އެވެ.

މުސްލިމު ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާ ގޮތުގައި، ނޫޙުގެފާނުގެ ޒަމާނުގައި ދުނިޔެއަށް އައި ޠޫފާނަކީ، މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ޠޫފާނެކެވެ. މި ބަސްފުޅުގައިވާ މުޅި ދުނިޔެ އަކީ، އޭރު ދުނިޔޭގައި މީހުން ދިރިއުޅުނު ސަރަޙައްދު ކަމަށް މާނަކުރެވިދާނެ އެވެ.

އަލްބިދާޔާ ވައްނިހާޔާ (البداية والنهاية) އެވެ، ކިޔާ ފޮތުގައި އިބްނު ކަޘީރު (ابن كثير) ވިދާޅުވެފައި ވެ އެވެ.

"މާތް ﷲ ފޮނުއްވި ރަސޫލުބޭކަލުންގެ އަރިހުން ތަވާތުރުގެ މަގުން ހުރިހައި ޒަމާނެއްގެ މީހުން ނަޤުލުކުރަމުންދާ ވާހަކަތައް އިޖުމާޢުވެފައިވަނީ، ޠޫފާނުގެ ޒަމާނުގައި، ޠޫފާނުގެ ހާދިސާ ހިނގި ކަމަށެވެ. އަދި އެ ޠޫފާން މުޅި ދުނިޔޭގެ ހުރިހާ ރަށްތަކަށް ފެތުރިގެންދިޔަ ކަމަށެވެ. މަޢުޞޫމު ނަބިއްޔާ (އެބަހީ: ނޫޙުގެފާނު) ކުރެއްވި ދުޢާފުޅު އިޖާބަކުރައްވައި، އިސްވެ މިންވަރުކުރައްވާފައިވާ ގޮތުގެމަތިން، އަޅުތަކުންގެ ތެރެއިން އެންމެ ކާފިރަކު ވެސް އެ ޠޫފާނުން ސަލާމަތެއް ނުވާ ކަމަށެވެ."

އަހުލު ކިތާބީންގެ ފޮތްތައް ބުނާ ގޮތުގައި، ޠޫފާނަށްފަހު، ދުނިޔެއަށް އައި މީހުން އައިސްފައިވަނީ، ނޫޙުގެފާނުގެ ތިން ބޭފުޅެއްގެ ނަސްލުންނެވެ. އެއީ، ސާމު އާއި، ޔާފިޘު އާއި، ޙާމު އެވެ.
ސާމުގެ ދަރިކޮޅުން އައި މީހުންނަކީ، އާޝޫރީންނާއި، ޢިބްރާނީންނާއި، ޢަރަބީންނާއި އާރާމީންނެވެ.
ޔާފިޘުގެ ދަރިކޮޅުން އައި މީހުންނަކީ، ޔޫރަޕުގެ ބައްރުގައިވާ މީހުންނެވެ.
ޙާމުގެ ދަރިކޮޅުން އައި މީހުންނަކީ، އެފްރިކާގެ ބައްރުގައިވާ މީހުންނެވެ.

ނޫޙުގެފާނުގެ ވާހަކަ ބަޔާންވެފައިވާ އިސްލާމީ މަޞްދަރުތައް ބުނާ ގޮތުގައި، އެކަލޭގެފާނުގެ ބޭފުޅުންގެ ތެރެއިން ޠޫފާނުގައި ޣަރަޤުވީ ޔާމު (يام) އެވެ. ނުވަތަ ކަންޢާނު (كنعان) އެވެ.


އަވަހާރަވުން

ޠޫފާނަށްފަހު، އެތައް އަހަރެއް ވަންދެން ނޫޙުގެފާނު ދުނިޔޭގައި އުޅުއްވި ކަމަށް ރިވާވެފައި ވެ އެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަޤީޤީ ޢުމުރުފުޅު، 950 އަހަރަށްވުރެ ދިގު ވާނެ ކަން އެނގެ އެވެ.

ނޫޙުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވިއިރު، އެކަލޭގެފާނުގެ ދަރިކަލުންނަށް ވަޞިއްޔަތްޕުޅުތަކެއް ކުރެއްވި އެވެ. އެ ވަޞިއްޔަތްޕުޅުތަކުގެ ތެރޭގައި، ތައުޙީދުގެ ދީނުގައި ދެމި ތިބުމާއި، މާތް ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަންކުރެވޭ އެހެން އިލާހަކު ނުވާ ކަމަށް އީމާންވުން ހިމެނެ އެވެ. އަދި ހޫދުގެފާނު ވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރާއި، އެކަލޭގެފާނާ ތަބާވުން ވެސް ހިމެނެ އެވެ.

ނޫޙުގެފާނު އަވަހާރަވުމުން، އެކަލޭގެފާނު ފަސްދާނުލެވުނު ތަނަކާމެދު، ޚިލާފު އުފެދިފައި ވެ އެވެ. އެންމެ ޞައްޙަ ރައުޔުގައި ވަނީ، ނޫޙުގެފާނާއި، ހޫދުގެފާނާއި، ޝުޢައިބުގެފާނާއި، ޞާލިޙުގެފާނު ފަސްދާނުލެވިފައިވަނީ، ޒަމްޒަމްވަޅުކޮޅާއި، ރުކުނުލް ޙަޖަރުލްއަސްވަދާއި، އިބްރާހީމުގެފާނުގެ މަޤާމުފުޅުން ކަނޑައެޅޭ ސަރަޙައްދުގެ ތެރޭގައި ކަމަށެވެ.

އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ، ދިމަޝްޤުގެ ހުޅަނގުފަރާތުގައިވާ ބިމެއްގައި ކަމަށް ވެސް ބުނެވެ އެވެ. އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ، ޢިރާޤުގެ މަސްޖިދުލްކޫފާގައި ކަމަށް ވެސް ބުނެވެ އެވެ. އަދި އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ، ލުބްނާނުގެ ކިރްކު ނޫޙު އެވެ، ކިޔާ ރަށުގައި ކަމަށް ވެސް ބުނެވެ އެވެ.

ނޫޙުގެފާނު، އެކަލޭގެފާނުގެ މައްޗަށާއި، އެކަލޭގެފާނުގެ މަންމާފުޅާއި، ބައްޕާފުޅުގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން ހެޔޮ ދުޢާފުޅު ކުރެއްވި އެވެ. އަދި ފިރިހެން މުއުމިނުންގެ މައްޗަށާއި، އަންހެން މުއުމިނުންގެ މައްޗަށް ވެސް އެފަދައިން ހެޔޮ ދުޢާފުޅު ކުރެއްވި އެވެ. މި ބައި ނިންމައިލާނީ، އެކަލޭގެފާނު ކުރެއްވި އެ މާތް ދުޢާފުޅުންނެވެ.

(رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا)
ނޫޙު: 28

މާނައީ، "އަޅުގެ ވެރިރަސްކަލާކޮ! މި އަޅާ އާއި، މި އަޅާގެ މައިންބަފައިންނާއި، އީމާންވެގެންހުރެ މި އަޅާގެ ގެއަށް ވަދެއްޖެ މީހަކާއި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް ފާފަ ފުއްސަވާންދޭވެ! އަދި އަނިޔާވެރިންނަށް ހަލާކު ނޫން އެހެން ކަމެއް އިތުރު ނުކުރައްވާނދޭވެ!"