އާދަމުގެފާނާއި ޙައްވާގެފާނުގެ ދުންޔަވީ ޙަޔާތްޕުޅު
މާތް ﷲ، އާދަމުގެފާނާއި ޙައްވާގެފާނު ހެއްދެވުމަށްފަހު
އެ ދެކަނބަލުން ދިރިއުޅުއްވާނެ ތަނެއް ކަމުގައި ލެއްވީ
ސުވަރުގެ އެވެ. އެ ސުވަރުގެ ވީތަނެއް ސާފުކޮށް
އޮޅުންފިލާކަށެއް ނެތެވެ. އެއީ، ކޮން ތަނެއްގައިވާ
ސުވަރުގެއެއްކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި
ނުވާތީ އެވެ. ނަމަވެސް ބައެއް މުފައްސިރުން އެ
ސުވަރުގެއާމެދު ވާހަކަފުޅު ދައްކަވާފައި ވެ އެވެ. އެ
ބޭކަލުންގެ އަރިހުން ވާރިދުވެފައިވަނީ މައިގަނޑު ފަސް
ރައުޔެކެވެ.
ފުރަތަމަ ރައުޔުގައި ވަނީ، އެ
ސުވަރުގެއަކީ، ޖަންނަތުލްމައުވާ ކަމަށާއި، އެ ސުވަރުގެ
ވަނީ، އުޑުގައި ކަމަށެވެ.
ދެވަނަ ރައުޔުގައި ވަނީ،
އެއީ ޖަންނަތުލްމައުވާ ނޫން ކަމަށެވެ. އެހެނީ، އެއީ
ޖަންނަތުލްމައުވާ ކަމަށް ވީނަމަ، އިބްލީހަށް އެ
ސުވަރުގެއަކަށް ނުވަދެވޭނެ ކަމަށެވެ. އަދި އެތާނގައި
އާދަމުގެފާނާއި ޙައްވާގެފާނު އުރެދިވަޑައިގަތުމަކީ ވެސް
ޖާއިޒުވެގެންވާނެ ކަމެއް ނޫން ކަމަށެވެ.
ތިންވަނަ
ރައުޔުގައި ވަނީ، އެއީ އާދަމުގެފާނާއި
ޙައްވާގެފާނަށްޓަކައި މާތް ﷲ ހެއްދެވި ޚާއްޞަ ސުވަރުގެއެއް
ކަމަށެވެ.
ހަތަރުވަނަ ރައުޔުގައި ވަނީ، އެއީ
ދުނިޔޭގެ ބިންމަތީގައިވާ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް
ކަމަށެވެ. އަދި އެ ބަގީޗާވީ، އުސް ބިމެއްގެ މަތީގައި
ކަމަށެވެ.
ފަސްވަނަ ރައުޔުގައި ވަނީ، އެއީ
ކޮންތަނެއްގައިވާ ސުވަރުގެއެއްކަން ނޭނގޭ ކަމަށެވެ. އެ
ސުވަރުގެ ވީތަނެއް ދެނެވޮޑިގަތުން ބޮޑީ މާތް ﷲ ކަމަށެވެ.
މީގެތެރެއިން މޮޅުއިތުރު ރައުޔު ކަމަށް ޢިލްމުވެރިން
ބުރަވެވަޑައިގަންނަވަނީ، ފަސްވަނަ ރައުޔަށެވެ. އެއީ، އެ
ސުވަރުގެ ވީތަނެއް ނޭނގޭ ކަމުގައި ބުނާ ރައުޔެވެ. އެ
ސުވަރުގެ ވީ ތަނަކުން ޙާޞިލުވާ ޢިބްރަތަށްވުރެ، އެ
ސުވަރުގޭގައި ހިނގި ހާދިސާއިން ޙާޞިލުވާ ޢިބްރަތް މާ
ބޮޑެވެ. އެހެންކަމުން، އިބްރަތް ލިބިގަނެ، ދިރިއުޅުމަށް
ހެޔޮ ބަދަލު ގެންނަންވީ، އެ ސުވަރުގޭގައި ހިނގި
ހާދިސާއިންނެވެ.
ސުވަރުގޭގައި އާދަމުގެފާނާއި
ޙައްވާގެފާނު ދިރިއުޅުއްވީ އުފާފާގަތިކަންމަތީގަ އެވެ.
އާދަމުގެފާނާއި ޙައްވާގެފާނާ ދެކަނބަލުން، ސުވަރުގޭގައި
ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާފައިވާ ކަމަށް
ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. މާތް ﷲ ވަނީ، އެ
ސުވަރުގޭގައިވާ އެންމެ ގަހެއް ފިޔަވައި އެހެން ހުރިހައި
އެއްޗަކުން އުފަލާއި އަރާމު ޙާޞިލުކުރެއްވުން، އެ
ދެކަނބަލުންނަށް ހުއްދަކުރައްވާފަ އެވެ. އެކަލާނގެ
އަމުރުފުޅަށް ޠާޢަތާއި ކިޔަމަންތެރިކަން އަދާކުރައްވައި،
އެ ދެކަނބަލުން ތިއްބެވީ އެ ގަހާ ދުރުހެލިވެ
ވަޑައިގެންނެވެ. އެ ގޮތުގައި ދުވަސްތައް
ހޭދަވަމުންދަނިކޮށް، ލަޢުނަތްލެއްވިގެންވާ އިބްލީސް،
އާދަމުގެފާނަށް ވަސްވާސް ދޭން ފެށި އެވެ. އާދަމުގެފާނުގެ
ކިބައިގައި ލައްވާފައިވާ އިންސާނީ ސިފަފުޅުތަކުގެ ތެރެއިން
ހަނދާންނެތުމުގެ ސިފަފުޅު، ނަހަމަގޮތުގައި
ބޭނުންކޮށްގެންނެވެ.
ކެނޑިނޭޅި، އިބްލީސް
އާދަމުގެފާނަށް ވަސްވާސްދެމުންގެންދިޔަ އެވެ. އެކަން
ބަޔާންކުރައްވައި، މާތް ﷲ ކީރިތި ޤުރުއާނުގައި
ވަޙީކުރައްވާފައި ވެ އެވެ.
(فَوَسْوَسَ إِلَيْهِ
الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَىٰ
شَجَرَةِ الْخُلْدِ وَمُلْكٍ لَّا يَبْلَىٰ)
ޠާހާ: 120
މާނައީ، "ފަހެ، ޝައިޠާނާ އެކަލޭގެފާނަށް ވަސްވާސްދީ
ބުންޏެވެ. އޭ އާދަމުގެފާނޭވެ! (އެ ގަހުން
ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް
ދެމިހުންނަވާނެ) ޝަޖަރަތުލްޚުލްދި ގަހާއި، ފަނާވެގެން
ނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯ އެވެ؟"
އިބްލީހުގެ މި ވަސްވާހުގެ ސަބަބުން އާދަމުގެފާނުގެ
ހިތްޕުޅުގައި ސުވާލުތަކެއް އުފެދުނެވެ.
އެ ގަހުން
ފަރިއްކުޅުއްވައިފިނަމަ، ވާނީ ކިހިނަކުންތޯ އެވެ؟
އެއީ،
ޙަޤީޤަތުގައި ވެސް، "ޝަޖަރަތުލްޚުލްދި" ތޯ އެވެ؟
ޚުލޫދަށް ނުވަތަ އަބަދަށް ދެމިހުރުމަށް ލޯބިކުރުމުގެ
ސިފައަކީ އިންސާނާގެ ކިބައިގައި ލައްވާފައިވާ ސިފައެކެވެ.
އެހެންކަމުން އާދަމުގެފާނާއި ޙައްވާގެފާނު އެކަމާމެދު
ފިކުރުފުޅުކުރައްވަން ފެށްޓެވި އެވެ. އެ ފިކުރުފުޅުގެ
ފުންކަނޑުގައި އެ ދެކަނބަލުން އެތައް ދުވަހެއް ވަންދެން
ތިއްބެވުމަށްފަހު، އެއްދުވަހަކު އާދަމުގެފާނުގެ ހިތްޕުޅަށް
އެރި އެވެ.
"އެ ގަހުން އެއްޗެއް ފަރިއްކުޅުއްވަންވީ
އެވެ."
އެހިނދު، އެ ގަހަކީ، އެ ގަހުން
ފަރިއްކުޅުއްވުން ނަހީކުރައްވާފައިވާ ގަހެއްކަން
އެކަލޭގެފާނު ވަނީ ހަނދުމަފުޅު ނެތިފަ އެވެ. އާދަމުގެފާނު
އެގަހުން މޭވާއެއް ބިންނެވި އެވެ. އެ މޭވާ އެކަލޭގެފާނު،
ޙައްވާގެފާނަށް ދެއްވި އެވެ. ދެން އެ ދެކަނބަލުން އެ މޭވާ
ފަރިއްކުޅުއްވި އެވެ. އެއީ، ޙަރާމްކުރައްވާފައިވާ
އެއްޗެއްކަން ހަނދުމަފުޅު ނެތިފައިވާ ޙާލުގަ އެވެ.
މިތާނގައި ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއެއް
އެބައޮތެވެ. އެއީ، އެ ގަހުން ފަރިއްކުޅުއްވުމުގެ ޒިންމާ،
ޙައްވާގެފާނުގެ އިސްތަށިފުޅުގައި އެޅުވޭ ކަމެވެ. އަދި
އެކަމަނާގެ ސަބަބުން އާދަމުގެފާނު އުރެދިވަޑައިގަތް ކަމަށް
ބުނުމެވެ. މިއީ، ޔަހޫދީން ދައްކާ ވާހަކައެކެވެ. މި
ވާހަކައިގެ މަޞްދަރަކީ، މުސްލިމުންގެ ދީނީ ފޮތްތަކެއް
ނޫނެވެ. މުސްލިމުންގެ ތެރެއަށް މިވާހަކަ އައިސްފައިވަނީ،
ޔަހޫދީންގެ ކިބައިންނެވެ. ނަހީކުރައްވާފައިވާ ގަހުން
ފަރިއްކުޅުއްވުމުގައި ޙައްވާގެފާނުގެ ދައުރެއް އޮތް
ކަމަކަށް ކީރިތި ޤުރުއާނުގައި އަންގަވާފައެއް ނެތެވެ.
އެކަމަކު، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން އެނގޭ
ގޮތުގައި، އެކަން ކުރައްވަން ފެށްޓެވީ އާދަމުގެފާނެވެ.
ކުށަށް މަގުދެއްކީ އިބްލީހެވެ. އެކަލޭގެ އެ ކުށް ކުރީ،
ބޮޑާކަމާއި ކިބުރުވެރިކަމުންނެވެ. އާދަމުގެފާނަށް އެ ކުށް
ކުރެއްވުނީ، ނަހީކުރައްވާފައިވާކަން ހަނދުމަފުޅު ނެތުމާއި،
އަޖުމަ ބެއްލެވުމަށް ލޯބިފުޅު ކުރެއްވުމުގެ ސަބަބުންނެވެ.
ނަހީކުރައްވާފައިވާ ގަހުގެ މޭވާ ފަރިއްކުޅުއްވުމާއެކު،
އާދަމުގެފާނާއި ޙައްވާގެފާނަށް އާކަމެއް ކަޝްފުވެ
ވަޑައިގަތެވެ. އެއީ، އެ ދެކަނބަލުން ތިއްބެވީ ހެއްދެވި
ގޮތަށް ކަމާއި، އެ ދެކަނބަލުން ތިއްބެވީ، އެއްވެސް
އެއްޗެއް ތުރުނުކުރައްވައިކަމެވެ. ދެން އެ ދެކަނބަލުން،
ގަސްގަހާގެހީގެ ފަތްތައް ބިންނަވައިގެން އެއިން، ޢައުރަ
ނިވާކުރެއްވި އެވެ. ނަހީކުރައްވާފައިވާ ގަހުން
ފަރިއްކުޅުއްވުމުގެ ޖަޒާއަކަށްވީ، އެ ދެކަނބަލުން
ސުވަރުގޭގައި ދިރިއުޅުއްވުމުގެ މުއްދަތު ނިމުމެވެ.
އެއަށްފަހު، މާތް ﷲ، އެ ދެކަނބަލުން ފޮނުއްވެވީ ދުނިޔޭގެ
ބިމަށެވެ.
ދުނިޔޭގެ ބިމުގައި:
ދުނިޔޭގެ
ބިމަށް ފޭބެންނެވުމަށްފަހު، އާދަމުގެފާނާއި ޙައްވާގެފާނު،
ތައުބާވެވަޑައިގެން، ފާފަފުއްސެވުމަށް އެދި މާތް ﷲ ގެ
ޙަޟުރަތުގައި ދެންނެވި އެވެ. އެކަލާނގެ އެ ދެކަނބަލުންގެ
ދުޢާފުޅު އިޖާބަކުރައްވައި، އެ ދެ ކަނބަލުންނަށް ތައުބާ
ލެއްވެވި އެވެ. އެއާއެކު، އެކަލާނގެ އެ ދެކަނބަލުންނަށް
އެންގެވި ކަންތައްތަކެއް ވެ އެވެ.
ދުނިޔޭގެ ބިމަކީ،
އެ ދެކަނބަލުންގެ އަޞްލު މަންޒިލް ކަމާއި،
އެ
ދެކަނބަލުން ދިރިއުޅުއްވަންވީ އެ ބިމުގައި ކަމާއި،
އެ
ދެ ކަނބަލުން އަވަހާރަވާނީ ވެސް އެ ބިމުގައި ކަމާއި،
އާޚިރަތްދުވަހުން އެ ދެކަނބަލުން އަލުން ދިރުއްވައި
ނެރުއްވާނީ ވެސް އެ ބިމުންކަން އެންގެވި އެވެ.
ބައެއް މީހުން ހީކުރަނީ، އާދަމުގެފާނާއި ޙައްވާގެފާނު،
ސުވަރުގެއިން ބޭރުކޮށްލެއްވުނީ، އެ ދެކަނބަލުންނަށް
ކުރެއްވުނު ފާފައިގެ ސަބަބުން ކަމަށެވެ. އަދި އެ ފާފަ
ނުކުރެއްވުނު ނަމަ، މިއަދާ ހަމައަށްވެސް އެ ދެކަނބަލުން
ތިއްބަވާނީ ސުވަރުގޭގައި ކަމަށެވެ. ޙަޤީޤަތުގައި، މިއީ
ކުށްހީއެކެވެ. އެހެނީ، މާތް ﷲ، އާދަމުގެފާނު ހެއްދެވުމަށް
އިރާދަކުރެއްވި ހިނދު، މަލާއިކަތުންނަށް އެކަލާނގެ
ވަޙީކުރައްވާފައި ވަނީ، ބިމުގައި ޚަލީފާއަކު ލައްވާނެ
ކަމަށެވެ. މިކަން އަލްބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުން
އެނގެ އެވެ. އެ އާޔަތުގައި އަންގަވާފައިވަނީ، ސުވަރުގޭގައި
ޚަލީފާއަކު ލައްވާނެ ވާހަކައެއް ނޫނެވެ. އެކަމަކު،
ދުނިޔޭގެ ބިމުގައި ޚަލީފާއަކު ލައްވާނެ ވާހަކަ އެވެ.
ފާހަގަކޮށްލަންޖެހޭ އަނެއް ނުކުތާއަކީ، މާތް ﷲ،
އާދަމުގެފާނު ބިމަށް ފޮނުއްވެވި ފޮނުއްވެވުމަކީ،
ދެރަކުރެއްވުމުގެ ގޮތުން ނުވަތަ ނިކަމެތިކުރެއްވުމުގެ
ގޮތުން ފޮނުއްވެވި ފޮނުއްވެވުމެއް ނޫން ކަމެވެ. އެކަމަކު،
އެއީ އެކަލާނގެ، އެކަލޭގެފާނަށް ކުރެއްވި ވަރަށް ބޮޑު
ތަކުރީމެއް ކަމެވެ. އެކަލާނގެ އާދަމުގެފާނާއި
ޙައްވާގެފާނު، ސުވަރުގޭގައި ލެއްވި އިރު ވެސް، އެ
ދެކަނބަލުންނަށް، ނަހީކުރައްވާފައިވާ ގަހުން
ފަރިއްކުޅުއްވޭނެ ކަމާއި، އެއަށްފަހު އެ ދެކަނބަލުން
ދުނިޔޭގެ ބިމަށް ފޮނުއްވޭނެކަން އެކަލާނގެ ދެނެވޮޑިގެންވެ
އެވެ.
އާދަމުގެފާނާއި ޙައްވާގެފާނު، ސުވަރުގޭގައި
ދިރިއުޅުއްވުން ތަޖުރިބާކުރެއްވުމަކީ، ދުނިޔޭގެ ބިމުގެ
ޚަލީފާވެރިކަން އަދާކުރެއްވުމުގެ ރުކުންތަކުގެ ތެރެއިން
ރުކުނެއް ކަމުގައި ވި އެވެ. އެ ރުކުން ލެއްވީ، އެ
ދެކަނބަލުންނަށް ސުވަރުގޭގައި ނުތިއްބެވުނީ، ޝައިޠާނާގެ
ވަސްވާހުގެ ސަބަބުންކަން، އެ ދެކަނބަލުންގެ ނަސްލުން
ދުނިޔެއަށް އަންނާނެ އެންމެން ދެނެގަތުމަށްޓަކަ އެވެ.
އަދި، އާޚިރަތުގައި ސުވަރުގެ ޙާޞިލުވާނީ، ދުންޔަވީ
ޙަޔާތުގައި، މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވެ،
ޝައިޠާގެ ވަސްވާސްތަކަށް ނުހެއްލުމުން ކަން ވެސް
ދެނެގަތުމަށްޓަކަ އެވެ.
މާތް ﷲ، ކީރިތި
ޤުރުއާނުގައި، އާދަމުގެފާނުގެ ދުންޔަވީ ޙަޔާތްޕުޅުގެ
ތަފުޞީލު ބަޔާންކުރައްވާފައެއް ނުވެ އެވެ. ނަމަވެސް، އެ
ކަލޭގެފާނުގެ ދެބޭފުޅެއްގެ ދެމެދުގައި ހިނގި ހާދިސާއެއްގެ
ވާހަކަ ބަޔާންކުރައްވާފައި ވެ އެވެ. އެއީ، ހާބީލާއި،
ޤާބީލާ ދެ ބޭފުޅުންގެ ދެމެދުގައި ހިނގި ހާދިސާ އެވެ. އެ
ހާދިސާގައި، އެއިން އެއްބޭފުޅަކު، އަނެއް ބޭފުޅަކު
ޤަތުލުކުރެއްވި އެވެ. އެއީ، އިންސާނުންގެ ތެރޭގައި ހިނގި
ފުރަތަމަ ޤަތުލުގެ ހާދިސާ އެވެ. އަދި ދުނިޔޭގެ
ބިންމަތީގައި ހިނގި ފުރަތަމަ އިންސާނީ މަރަކީ ވެސް އެއީ
ކަމަށް ބުނެވެ އެވެ. އެ ހާދިސާގެ ވާހަކަ ވާރިދުވެފައިވަނީ
މިދަންނަވާ ގޮތަށެވެ.
ޙައްވާގެފާނުގެ ބަނޑުފުޅުން
ކޮންމެ ފަހަރަކު ދުނިޔެއަށް ވަޑައިގަންނަވަނީ، އަންހެން
ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ. އޭގެތެރެއިން ނިބޫ
ބޭފުޅުންގެ މެދުގައި ވަނީ ކާވެނި ޙަރާމްކުރައްވާފަ އެވެ.
ކާވެނި ހުއްދަކުރައްވާފައިވަނީ، އެއްބަނޑުފުޅުގެ ފިރިހެން
ބޭފުޅަކާ، އަނެއް ބަނޑުފުޅުގެ އަންހެން ބޭފުޅެކެވެ. މި
އުޞޫލާ ޚިލާފަށް ކާވެނިކުރައްވަން އުޅުއްވީ، ޤާބީލެވެ.
ޤާބީލު ބޭނުންފުޅުވީ، (ހާބީލު ކާވެނިކުރައްވަން
ހަމަޖެއްސެވިފައިވާ) ޤާބީލުގެ ނިބޫ އުޚުތާ
ކާވެނިކުރެއްވުމަށެވެ. އާދަމުގެފާނަށް މިކަން
އެނގިވަޑައިގަތުމުން، އެ، ދެ ދަރިކަލުން، ޤުރުބާނެއް
ހުށަހެޅުއްވުމަށް އެންގެވި އެވެ. އެއީ، މާތް ﷲ، އެ
ދަރިކަލެއްގެ ޤުރުބާން ޤަބޫލުފުޅުކުރައްވާ ދަރިކަލަކަލާ އެ
އުޚުތާ ކާވެނިކޮށްދެއްވުމަށެވެ. ދެ ދަރިކަލުން
ހުށަހެޅުއްވި، ދެ ޤުރުބާނުގެ ތެރެއިން އެކަލާނގެ
ރުއްސަވައިވޮޑިގެންނެވީ، ހާބީލުގެ ޤުރުބާނަށެވެ. ޤާބީލުގެ
ޤުރުބާނަކަށް ނޫނެވެ. މި ހާދިސާގެ ވާހަކަ، އަލްމާއިދާ
ސޫރަތުގެ 27 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 31 ވަނަ
އާޔަތުގެ ނިޔަލަށް، ބަޔާންކުރައްވާފައި ވެ އެވެ. މާތް ﷲ
ވަޙީކުރައްވާފައި ވެ އެވެ.
وَاتْلُ عَلَيْهِمْ
نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا
فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ
الْآخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا
يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ (27)
27.
އާދަމުގެފާނުގެ ދެ ދަރިކަލުންގެ ޚަބަރު، ޙައްޤު ގޮތުގައި
ކަލޭގެފާނު އެއުރެއްނަށް ވިދާޅުވެދެއްވާށެވެ! އެއީ، އެ ދެ
ދަރިކަލުން ޤުރުބާނެއް ކުރިމަތިކުރެއްވި ހިނދު (ކަން ހިނގި
ގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެ ދަރިކަލުންކުރެ އެއް
ދަރިކަލެއްގެ ކިބައިން (ޤުރުބާން) ޤަބޫލުކުރެއްވި އެވެ.
އަނެއް ދަރިކަލުންގެ ކިބައިން ޤަބޫލެއް ނުކުރެއްވި އެވެ.
އެ ދަރިކަލުން ވިދާޅުވި އެވެ. ތިމަން ކަށަވަރުން ވެސް ތިބާ
ޤަތުކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވި އެވެ. ﷲ
ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިންނެވެ.
لَئِن بَسَطتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا
بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ
اللَّهَ رَبَّ الْعَالَمِينَ (28)
28.
ހަމަކަށަވަރުން، ތިމަން ޤަތުލުކުރުމަށްޓަކައި ތިބާގެ އަތް
ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ތިބާ
ޤަތުލުކުރުމަށްޓަކައި، ތިމަންގެ އަތް ތިބާޔާ ދިމާޔަށް
ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ.
ހަމަކަށަވަރުން، ޢާލަމްތަކުގެ ވެރި ﷲ ދެކެ ތިމަން
ބިރުގަންނަމެވެ."
إِنِّي أُرِيدُ أَن تَبُوءَ
بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ ۚ
وَذَٰلِكَ جَزَاءُ الظَّالِمِينَ (29)
29.
ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ތިބާގެ
ފާފައާއިގެން (ﷲ ގެ ޙަޟުރަތަށް) ތިބާ ރުޖޫޢުވުމެވެ. އޭރުން
ތިބާ ވާހުށީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ.
އެއީ، އަނިޔާވެރިންގެ ޖަޒާ އެވެ.
فَطَوَّعَتْ لَهُ
نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنَ
الْخَاسِرِينَ (30)
30. ދެން އޭނާގެ އަޚާ
ޤަތުލުކުރުމަށް، އޭނާގެ ނަފުސު އޭނާޔަށް ޒީނަތްތެރިކޮށް
ދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ، އޭނާގެ އަޚާ
ޤަތުލުކުޅަ އެވެ. ދެން އޭނާ، ގެއްލެނިވެގެންވާ މީހުންގެ
ތެރެއިން ވި އެވެ.
فَبَعَثَ اللَّهُ غُرَابًا
يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي
سَوْءَةَ أَخِيهِ ۚ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ
أَكُونَ مِثْلَ هَٰذَا الْغُرَابِ فَأُوَارِيَ سَوْءَةَ
أَخِي ۖ فَأَصْبَحَ مِنَ النَّادِمِينَ (31)
31.
ދެން އޭނާގެ އަޚާގެ (ފުރާނަ ނެތް) މަސްގަނޑު ނިވާކުރާނީ
ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން
ހާވާނޭ ކާޅެއް، ﷲ ފޮނުއްވި އެވެ. ދެން، އޭނާ ބުންޏެވެ. އޭ،
އަހުރެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ! އަހުރެންގެ
އަޚާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިން ވުމަށް
ވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ
ހިތާމަކުރާ މީހުންގެ ތެރެއިން ވި އެވެ.
މި
އާޔަތްތަކުގެ ތަފުސީރުގައި އިބްނު ކަޘީރު ވިދާޅުވެފައި ވެ
އެވެ.
ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި
ވަސައްލަމަގެ އަޞްޙާބުބޭކަލުންގެ އަރިހުންނާއި، އިބްނު
މަސްޢޫދުގެ އަރިހުންނާއި، އިބްނު ޢައްބާސްގެ އަރިހުން
ރިވާވެފައިވާ ކަމަށް ސުދައްޔު ވިދާޅުވެފައި ވެ އެވެ.
އާދަމުގެފާނަށް ޤާބީލާއި ހާބީލު
ލިބިވަޑައިގެންފުމަށްދާންދެން، ކާވެނިކޮށްދެއްވަމުން
ގެންދެވީ، އެއް ބަނޑުފުޅުގެ ފިރިހެން ބޭފުޅަކާ، އަނެއް
ބަނޑުފުޅުގެ އަންހެން ބޭފުޅެކެވެ. ޤާބީލަކީ، ދަނޑުވެރިއެއް
ކަމުގައި ވި އެވެ. ހާބީލަކީ، ބަކަރިގޮތްވެއް ކަމުގައި ވި
އެވެ. އެ ދެ ބޭފުޅުންކުރެ ދޮށީ ޤާބީލެވެ. ޤާބީލުގެ ނިބޫ
އުޚުތަކީ، ހާބީލުގެ ނިބޫ އުޚުތަށްވުރެ ބުރުސޫރަ ރިވެތި
އަންހެން ބޭފުޅެކެވެ. ހަމަޖެހިފައިވާ އުޞޫލުގެ މަތިން،
ޤާބީލުގެ އުޚުތާ ކާވެނި ކުރެއްވުމަށް، ހާބީލު
އެދިވަޑައިގަތެވެ. އެހިނދު، ޤާބީލު އެކަމާ ދެކޮޅުހެއްދެވި
އެވެ. އަދި ވިދާޅުވި އެވެ.
"މިއީ ތިމަންގެ
އުޚުތެވެ. އެކަމަނާ އަކީ، ތިމަންނައާއެކު ފުރަސޫތާވެ
އުފަންވި އުޚުތެކެވެ. ތިބާގެ އުޚުތަށްވުރެ އެކަމަނާގެ
ބުރުސޫރަ މާރިވެއްޗެވެ. އެކަމަނާއާ ކާވެނިކުރުން
ޙައްޤުކަން ބޮޑީ ތިމަންނާ އެވެ."
ހަމަޖެހިފައިވާ
އުޞޫލުގެމަތިން، ޤާބީލުގެ ނިބޫ އުޚުތާ، ހާބީލު
ކާވެނިކުރެއްވުމަށް އާދަމުގެފާނު އެންގެވި އެވެ. ނަމަވެސް
ޤާބީލު އެކަމާމެދު ދެކޮޅު ހެއްދެވި އެވެ. ދެން
އާދަމުގެފާނު އެންގެވި އެވެ. ތިޔަ ދެ ދަރިކަލުން މާތް ﷲ ގެ
ޙަޟުރަތަށް ޤުރުބާނެއް ކުއްތަންކުރާށެވެ! އެ
ދަރިކަނބަލުންނާ ކާވެނިކުރުން ޙައްޤުކަން ބޮޑީ، އެކަލާނގެ
އެ ދަރިކަލެއްގެ ޤުރުބާން ޤަބޫލުފުޅުކުރައްވައިފި
ދަރިކަލެކެވެ.
ދެން އާދަމުގެފާނު އެ ދެ
ދަރިކަލުންނާ ދުރަށް ވަޑައިގެންނެވި އެވެ. އެކަލޭގެފާނު
ވަޑައިގެންނެވީ މައްކާއަށެވެ. މާތް ﷲ އެކަލޭގެފާނަށް
ވަޙީކުރެއްވި އެވެ. ތިމަންރަސްކަލާނގެ ގެފުޅެއް ދުނިޔޭގެ
ބިމުގައި ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންފައި ވޭތޯ
އެވެ؟ އެކަލޭގެފާނު ދެންނެވި އެވެ. ތިމަންކަލޭގެފާނަށް
އެނގިވަޑައިގެންފައެއް ނުވެ އެވެ. އެކަލާނގެ ވަޙީކުރެއްވި
އެވެ. ތިމަންރަސްކަލާނގެ ގެފުޅެއް މައްކާގައި ވާނެ އެވެ.
އެ ގެފުޅަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ބައެއް
ރިވާޔަތްތަކުގައި ވަނީ، ގެފުޅު ބިނާކުރެއްވުމަށް، މާތް ﷲ،
އާދަމުގެފާނަށް އެންގެވި ކަމަށެވެ. އެކަލޭގެފާނު ގެފުޅު
ބިނާކުރައްވައި ނިންމެވުމުން، މަލާއިކަތް ބޭކަލަކު
ވަޑައިގެން އެކަލޭގެފާނަށް، ޙައްޖުގެ މަނާސިކުތައް
އުނގަންނަވައިދެއްވި ކަމަށެވެ.
އާދަމުގެފާނު
މައްކާއަށް ޙައްޖަށް ވަޑައިގަތުމުން، ޤާބީލާއި ހާބީލު،
މާތް ﷲ ގެ ޙަޟުރަތަށް ޤުރުބާން ކުއްތަންކުރެއްވި އެވެ.
ޤާބީލު ހުށަހެޅުއްވީ ހުއިބޮނޑިއެކެވެ. ހާބީލު ހުށަހެޅުއްވީ
މަސްފަލަ ބަކަރިއެކެވެ. ދެން އުޑުން ފޭބި އަލިފާނެއް
އައިސް ހާބީލުގެ ޤުރުބާން ކާލި އެވެ. އެ ގޮތުގެމަތިން،
މާތް ﷲ ޤަބޫލުފުޅުކުރެއްވީ، ހާބީލުގެ ޤުރުބާންކަން
ބަޔާންވެގެން ދިޔަ އެވެ. ޤާބީލު އެކަމާމެދު
ކޯފާއިސްކުރެއްވި އެވެ. އަދި ވިދާޅުވި އެވެ.
"ތިމަންގެ އުޚުތާ ތިބާ ކާވެނިކުރުން
މަނާކުރެއްވުމަށްޓަކައި، ތިމަންނަ ތިބާ
ޤަތުލުކުރައްވާނަމެވެ."
ހާބީލު ވިދާޅުވި އެވެ.
"ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ
ކިބައިންނެވެ."
މިވާހަކަ، މި ނޫން ގޮތްގޮތަށް ވެސް
ރިވާވެފައި ވެ އެވެ. ބައެއް ރިވާޔަތްތަކުގައި ވަނީ،
އާދަމުގެފާނުގެ ހާޒިރުގައި ދެ ދަރިކަލުން ޤުރުބާން
ހުށަހެޅުއްވި ކަމަށެވެ.
ޤާބީލު، ހާބީލު
ޤަތުލުކުރެއްވި ގޮތް ވާރިދުވެފައިވާ ރިވާޔަތެއްގައި ވެ
އެވެ.
ޤާބީލަށްވުރެ ހާބީލު، މާ ބާރުގަދަ އެވެ.
އެހެނަސް ޤާބީލާ ދެކޮޅަށް ހާބީލު ކަމެއް ނުކުރެއްވީ،
އޭނާގެ އަތްޕުޅުން ޤާބީލު އަވަހާރަވެދާނެތީ އެވެ.
އެހެން ރިވާޔަތެއްގައި ވެ އެވެ.
ބަކަރިހުއިހައްޕަވަން ވަޑައިގެންފައި، އެއް ރެއަކު ހާބީލު
އެނބުރި ގެއަށް ވަޑައިގަތުން ލަސްވި އެވެ. ދެން ޚަބަރު
ބެއްލެވުމަށްޓަކައި، އާދަމުގެފާނު، ޤާބީލު ފޮނުއްވެވި
އެވެ. ހާބީލާ ބައްދަލުވެ ވަޑައިގަތުމުން ޤާބީލު ވިދާޅުވި
އެވެ.
"ތިމަންގެ ޤުރުބާން ޤަބޫލުފުޅެއް
ނުކުރެއްވުނެވެ. ޤަބޫލުފުޅުކުރެއްވުނީ ތިޔަ އަޚުގެ
ޤުރުބާނެވެ."
ހާބީލު ވިދާޅުވި އެވެ.
"ﷲ
ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ
ކިބައިންނެވެ."
އެހިނދު ޤާބީލު ކޯފާއިސްކުރައްވައި،
އަތްޕުޅުގައި އޮތް ދަގަނޑު ހަތިޔާރަކުން ޖައްސަވައި ހާބީލު
އަވަހާރަކޮށްލެއްވި އެވެ.
އެހެން ރިވާޔަތެއްގައި
ވަނީ، ހާބީލު އަވަހާރަފުޅުލައްޕަވާފައި ވަނިކޮށް،
އިސްތަށިފުޅުގައި ހިލައަކުން ޖައްސަވައި
އަވަހާރަކޮށްލެއްވީ ކަމަށެވެ.
އަދި އެހެން
ރިވާޔަތެއްގައި ވަނީ، އެއް ޖަނަވާރު އަނެއް ޖަނަވާރާ
ހަމަލަދޭހެން، ހަމަލަދެއްވައި، ހާބީލުގެ ހަށިކޮޅުގައި
ދަތްޕުޅު އަޅުއްވައި، ނޭވާލެއްވުމަށް ހުރަސްއަޅުއްވައި،
އެފަދަ ކަންތައްތަކެއް ކުރެއްވުމުން އަވަހާރަވީ ކަމަށެވެ.
މި ރިވާޔަތްތަކަށް ބަލާއިރު، އޭރު ބިނާވެށި
އުފެދިފައިވާ މިންވަރު ދޭހަވާ ސިފަކުރުންތަކެއް ވާކަން
އެނގެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި:
ގެދޮރު ބިނާކުރެވިފައިވާ ކަމާއި،
ދަނޑުވެރިކަން
ކުރުން އުފެދިފައިވާ ކަމާއި،
ޖަނަވާރުތައް އޮޅުކޮށްގެން
ގެންގުޅުން ވުޖޫދަށް އައިސްފައިވާ ކަމާއި،
ދަގަނޑު ފަދަ
މަޢުދަންތަކުން އެކިއެކި އާލަތްތައް އުފެއްދިފައިވާ
ކަމާއި،
ޝަރުޢީ ހަމަތަކެއްގެ މަތިން ހިނގަމުންދިޔަ
އިންސާނީ މުޖުތަމަޢެއް ބިނާވެފައިވާކަން އެނގެ އެވެ.
އަދި އޭރުވެސް މާތްވެގެންވާ މައްކާއަށް ގޮސް، ކަޢުބަތުﷲ
ގެފުޅަށް ޙައްޖުވުން ޝަރުޢުކުރައްވާފައިވާކަން ވެސް އެނގެ
އެވެ.
ޤާބީލު، އޭނާގެ އަޚު ހާބީލު
ޤަތުލުކުރެއްވުމަށްފަހު، ކަން ހިނގި ގޮތް، އަލްމާއިދާ
ސޫރަތުގެ 31 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ.
އެ އާޔަތުން އެނގޭ ގޮތުގައި، މާތް ﷲ، ޤާބީލުގެ ގާތަށް
ކާޅެއް ފޮނުއްވެވި އެވެ. އަދި އެ ކާޅު ބިން ހާވާތަން
ދައްކަވައި، އެ ކާޅު ކަންކުރި ފަދައިން ކަންކޮށް، އޭނާގެ
އަޚާ ފަސްދާނުލައްވާނޭ ގޮތް ދެއްކެވި އެވެ. ދެން ޤާބީލު
އެފަދައިން ކަންތައް ކުރައްވައި، އޭނާގެ އަޚާ
ފަސްދާނުލެއްވި އެވެ. އެއަށްފަހު، އޭނާގެ އަޚާ
ޝަހީދުކޮށްލެއްވުނީތީ އެކަމާމެދު ހިތާމަކުރެއްވި އެވެ.
ތާރީޚު ޢިލްމުވެރިންނާއި، ސީރަތުގެ ޢިލްމުވެރިން
ވިދާޅުވެފައި ވެ އެވެ.
ހާބީލު މި ދުނިޔެއާ ވަކިވެ
ވަޑައިގަތުމުން، އާދަމުގެފާނު އެކަމާމެދު ވަރަށް ބޮޑަށް
ހިތާމަފުޅުކުރެއްވި އެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅަށް
ވެރިވި ހިތާމަފުޅުތައް، ޅެންބަހުން ބަޔާންކުރެއްވި އެވެ.
ޅެންވެރިކަމުގެ ފެށުމަކީ އެއީ އެވެ. ބައެއް ޢިލްމުވެރިން
ވިދާޅުވެފައިވަނީ، އާދަމުގެފާނު އެ ޅެންތައް
ހައްދަވާފައިވަނީ، އެކަލޭގެފާނު ވާހަކަފުޅު ދެއްކެވި
ބަހުން ކަމަށެވެ. އެ ބަހަކީ، ޢަރަބި ބަސް ކަމަށް
ރިވާވެފައި ވެ އެވެ.
އިބްނު ކަޘީރު ލިޔުއްވި،
އަލްބިދާޔާ ވައްނިހާޔާ އެވެ، ކިޔާ ފޮތުގައި ވެ އެވެ.
ޤާބީލު އޭނާގެ އަޚާ ހާބީލު ޤަތުލުކުރެއްވުމުން، އެ
އަޚާގެ ބަދަލުގައި، ޙައްވާގެފާނުގެ ބަނޑުފުޅުން
އާދަމުގެފާނަށް އެހެން ދަރިކަލަކު ލިބިވަޑައިގަތެވެ. އެ
ދަރިކަލުންގެ ނަންފުޅަކީ ޝީޘު (شِيثُ) އެވެ.
އާދަމުގެފާނަށް އެ ދަރިކަލުން ލިބިވަޑައިގަތްއިރު،
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 130 އަހަރެވެ. އެއަށްފަހު
އެކަލޭގެފާނު 800 އަހަރު ދުނިޔޭގައި އުޅުއްވި އެވެ.
ޝީޘުގެފާނަށް ދަރިކަލަކު ލިބިވަޑައިގަތެވެ. އެ
ދަރިކަލުންގެ ނަންފުޅަކީ، އަނޫޝް (أَنُوشُ) އެވެ. އޭރު
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 165 އަހަރެވެ. އެއަށްފަހު
އެކަލޭގެފާނު 807 އަހަރު ވަންދެން ދުނިޔޭގައި އުޅުއްވި
އެވެ. އަނޫޝް ފިޔަވައި އެހެން އަންހެން ބޭފުޅުންނާއި،
ފިރިހެން ބޭފުޅުން، ޝީޘުގެފާނަށް ލިބިވަޑައިގަތެވެ.
އަނޫޝްގެ ޢުމުރުފުޅުން 90 އަހަރުގައި އެކަލޭގެފާނަށް
ފިރިހެން ދަރިކަލަކު ލިބިވަޑައިގަތެވެ. ނަންފުޅަކީ، ޤީނާނު
(قِينَانُ) އެވެ. އެއަށްފަހު، އަނޫޝް 815 އަހަރު
ދުނިޔޭގައި އުޅުއްވި އެވެ. ޤީނާނު ފިޔަވައި އެހެން
އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން އެކަލޭގެފާނަށް
ލިބިވަޑައިގަތެވެ.
ޤީނާނުގެ ޢުމުރުފުޅުން 70
އަހަރުގައި އެކަލޭގެފާނަށް މަހްލަލްއީލު (مَهْلَلْئِيلُ)
ލިބިވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނު 840 އަހަރު
ވަންދެން ދުނިޔޭގައި އުޅުއްވި އެވެ. މަހްލަލްއީލު ފިޔަވައި
އެހެން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން
އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.
މަހްލަލްއީލު ގެ
ޢުމުރުފުޅުން 65 އަހަރުގައި އެކަލޭގެފާނަށް ޔާރަދު
(يَارَدُ) ލިބިވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނު 830
އަހަރު ވަންދެން ދުނިޔޭގައި އުޅުއްވި އެވެ. ޔާރަދު
ފިޔަވައި އެހެން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން
އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.
ޔާރަދު ގެ
ޢުމުރުފުޅުން 162 އަހަރުގައި އެކަލޭގެފާނަށް އަޚްނޫޚު
(أَخْنُوخُ) ލިބިވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނު
800 އަހަރު ވަންދެން ދުނިޔޭގައި އުޅުއްވި އެވެ. އަޚްނޫޚު
ފިޔަވައި އެހެން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން
އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.
އަޚްނޫޚު ގެ
ޢުމުރުފުޅުން 65 އަހަރުގައި އެކަލޭގެފާނަށް މަތޫޝާލަޙު
(مَتُوشَالَحَ) ލިބިވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނު
800 އަހަރު ވަންދެން ދުނިޔޭގައި އުޅުއްވި އެވެ. މަތޫޝާލަޙު
ފިޔަވައި އެހެން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން
އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.
މަތޫޝާލަޙު ގެ
ޢުމުރުފުޅުން 187 އަހަރުގައި އެކަލޭގެފާނަށް ލާމަކް
(لاَمَكُ) ލިބިވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނު 782
އަހަރު ވަންދެން ދުނިޔޭގައި އުޅުއްވި އެވެ. ލާމަކް
ފިޔަވައި އެހެން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން
އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.
ލާމަކް ގެ
ޢުމުރުފުޅުން 182 އަހަރުގައި އެކަލޭގެފާނަށް ނޫޙުގެފާނު
(نُوحٌ) ލިބިވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނު 595
އަހަރު ވަންދެން ދުނިޔޭގައި އުޅުއްވި އެވެ. ނޫޙުގެފާނު
ފިޔަވައި އެހެން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން
އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.
ނޫޙުގެފާނުގެ
ޢުމުރުފުޅުން 500 އަހަރުގައި އެކަލޭގެފާނަށް ފިރިހެން
ބޭފުޅުންތަކެއް ލިބިވަޑައިގަތެވެ. އެއީ، ސާމު (سام) އާއި،
ޙާމު (حام) އާއި، ޔާފަޘު (يَافَثَ) އެވެ.
ތައުރާތުގެ ސިފްރުއްތަކުވީނުގެ 5 ވަނަ އިޞްޙާޙުގައި
ވާރިދުވެފައިވާ މި މަޢުލޫމާތަކީ، ޞައްޙަ މަޢުލޫމާތު
ކަމަކަށް، މުސްލިމު ޢިލްމުވެރިން ނުބައްލަވަ އެވެ.
ކިއެއްތޯ އެވެ. މި ފަދަ ބައެއް މަޢުލޫމާތު ޞައްޙަ ނޫންކަން
ވެސް އެބޭކަލުން ވަނީ ބަޔާންކޮށްދެއްވާފަ އެވެ.
އަލްއިމާމު، އަބޫ ޖަޢުފަރު ބްނު ޖަރީރު، އޭނާގެ ތާރީޚުގައި
ވިދާޅުވެފައި ވެ އެވެ.
ޙައްވާގެފާނުގެ ބަނޑުފުޅުން
އާދަމުގެފާނަށް ވިހި ފަހަރުމަތިން ސާޅީސް ބޭފުޅުން
ލިބިވަޑައިގަތެވެ.
އެހެން ރިވާޔަތެއްގައި ވެ އެވެ.
ޙައްވާގެފާނު 120 ފަހަރު އާލާސްކަންފުޅާ އިންނެވި އެވެ.
ފުރަތަ ފަހަރު އެކަމަނާގެ ބަނޑުފުޅުން އުފަންވެވަޑައިގަތީ،
ޤާބީލާއި އޭނާގެ އުޚުތު ޤްލީމާ (قليما) އެވެ. އެންމެފަހުން
އެކަމަނާގެ ބަނޑުފުޅުން އުފަންވެވަޑައިގަތީ،
ޢަބްދުލްމުޣީޘް (عبد المغيث) އާއި، އޭނާގެ އުޚުތު
އުއްމުލްމުޣީޘް (أم المغيث) އެވެ. އެއަށްފަހު، އެ
ބޭފުޅުންނަށް ބޭފުޅުން ލިބިވަޑައިގަތެވެ. އަދި
އިންސާނުންގެ ދަރިފަސްކޮޅު ބޮޑުވެ، ދުނިޔޭގެ ބައްރުތަކަށް
ފެތުރިގެންދިޔަ އެވެ.
މުއައްރިޚުންގެ ކިބައިން
ރިވާވެފައި ވެ އެވެ.
އާދަމުގެފާނު އަވަހާރަވީ،
އެކަލޭގެފާނުގެ ބޭފުޅުންނާއި، އެބޭފުޅުންގެ ބޭފުޅުންނާއި،
އެބޭފުޅުންގެ ބޭފުޅުން ދެކެވަޑައިގަތުމަށްފަހުގަ އެވެ.
އޭރު އެހުރިހާ ބޭފުޅުންގެ ޢަދަދު ވަނީ، 400000 (ހަތަރު
ލައްކަ) އަށް އަރާފަ އެވެ.
އާދަމުގެފާނާއި
ޙައްވާގެފާނާ ބެހޭ ގޮތުން ދެކެވޭ ބައެއް ވާހަކަތަކަކީ،
ޞައްޙަ ވާހަކަތަކެއް ނޫނެވެ. އެހެނީ، އެ ވާހަކަތަކަކީ،
ޞައްޙަ މަޞްދަރުތަކުގައި ވާރިދުވެފައިވާ ވާހަކަތަކެއް
ނޫނެވެ. އަދި، އެއީ، އެ ދެ ކަނބަލުންނަށް މާތް ﷲ
ދެއްވާފައިވާ މަތިވެރި މަޤާމާއި، ކުރައްވާފައިވާ މާތް
ތަކުރީމާ ވެސް ލާއިޤުވެގެންވާ ވާހަކަތަކެއް ނޫނެވެ.
މާތް ﷲ، އާދަމުގެފާނު ހެއްދެވީ އެކަލާނގެ
ޔަދުޤުދުރަތްފުޅުންނެވެ.
އެއަށްފަހު، އެކަލާނގެ
ރޫޙުފުޅުން އެކަލޭގެފާނުގެ ހަށިކޮޅުގެ ތެރެއަށް ފުމެލެއްވި
އެވެ.
އެކަލޭގެފާނުގެ ހަށިކޮޅަށް ދިރުން
ދެއްވުމަށްފަހު، އެކަލޭގެފާނަށް އިޙުތިރާމުގެ ސަޖިދަ
ޖެއްސެވުމަށް މަލާއިކަތުންނަށް އެންގެވިއެވެ.
އެކަލޭގެފާނަށް އެންމެހައި ތަކެތީގެ ނަންތައް
އުނގަންނަވައިދެއްވި އެވެ.
އެކަލޭގެފާނުގެ ހަށިކޮޅުން
އެކަލޭގެފާނަށްޓަކައި، ޙައްވާގެފާނު ޚަލްޤުކުރެއްވި އެވެ.
އަދި އެ ދެކަނބަލުން، ސުވަރުގޭގައި ވަޒަންވެރިކުރެއްވި
އެވެ.
އަބޫޛައްރުގެފާނުގެ އަރިހުން ރިވާވެފައި ވެ
އެވެ.
އަބޫޛައްރުގެފާނު ދެންނެވި އެވެ. ﷲ ގެ ރަސޫލާ
އެވެ! ނަބީބޭކަލުންގެ ޢަދަދަކީ ކިހާވަރެއްތޯ އެވެ؟
އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. އެއްލައްކަ
ސައުވީސް ހާސް (124000) އެވެ.
އަބޫޛައްރުގެފާނު
ދެންނެވި އެވެ. އެ ބޭކަލުންގެ ތެރެއިން ރަސޫލުބޭކަލުންގެ
ޢަދަދަކީ ކިހާވަރެއްތޯ އެވެ؟
އިތުރުއެކަލޭގެފާނު
ޙަދީޘްކުރެއްވި އެވެ. ތިންސަތޭކަ ތޭރަ (313) އެވެ.
އަބޫޛައްރުގެފާނު ދެންނެވި އެވެ. ﷲ ގެ ރަސޫލާ އެވެ!
އެބޭކަލުންގެ ތެރެއިން ފުރަތަމަ ބޭކަލަކީ ކޮން ބޭކަލެއްތޯ
އެވެ؟
އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. އެއީ،
އާދަމުގެފާނެވެ.
އަބޫޛައްރުގެފާނު ދެންނެވި އެވެ. ﷲ ގެ
ރަސޫލާ އެވެ! އެކަލޭގެފާނަކީ، ފޮނުއްވެވުނު ނަބީބޭކަލެއްތޯ
އެވެ؟
އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
އާދޭހެވެ. މާތް ﷲ އެކަލޭގެފާނު ޚަލްޤުކުރެއްވީ އެކަލާނގެ
ޔަދުޤުދުރަތްފުޅުންނެވެ. ދެން އެކަލޭގެފާނުގެ ހަށިކޮޅުގެ
ތެރެއަށް އެކަލާނގެ ރޫޙުފުޅުން ފުމެލެއްވެވި އެވެ.
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި، ތިންވަނަ އުޑުން
ޔޫސުފުގެފާނާ ބައްދަލުވެވަޑައިގެންނެވި، ވާހަކަ ކީރިތި
މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ
ބަޔާންކުރައްވާފައިވާ ޙަދީޘްފުޅުގައި ވެ އެވެ.
(فَإِذَا أَنَا بِيُوسُفَ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ إِذَا هُوَ قَدْ أُعْطِيَ شَطْرَ الْحُسْنِ)
ރިވާކުރެއްވީ: އިމާމު މުސްލިމު.
މާނައީ، "ފަހެ،
ސަލާމާއި ޞަލަވާތް ލެއްވި ޔޫސުފުގެފާނާ، ތިމަންކަލޭގެފާނާ
ބައްދަލުވެވަޑައިގަތެވެ. އެހިނދު، އެކަލޭގެފާނަށް
ރިވެތިކަމުގެ ދެބައިކުޅަ އެއްބައި ދެއްވިފައި ވަނިކޮށް
ދެކެވަޑައިގަތީމެވެ."
މި ޙަދީޘްފުޅާމެދު
ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.
މި
ޙަދީޘްފުޅުގައިވާ ރިވެތިކަމުގެ ދެބައިކުޅަ އެއްބަޔަކީ،
އާދަމުގެފާނަށް ދެއްވާފައިވާ ރިވެތިކަމުގެ ދެބައިކުޅަ
އެއްބަޔެވެ. އެހެނީ، މާތް ﷲ، އާދަމުގެފާނު
ހައްދަވާފައިވަނީ، އެކަލާނގެ ޔަދުޤުދުރަތްފުޅުންނެވެ. އަދި
އެކަލޭގެފާނަށް ދިރުން ދެއްވާފައިވަނީ، އެކަލާނގެ
ރޫޙުފުޅުންނެވެ. އެހެންވީމާ، އެންމެ ރިވެތި ބުރުސޫރައިގައި
މެނުވީ އެކަލާނގެ އާދަމުގެފާނު ނަހައްދަވާނެކަން އެނގެ
އެވެ.
ޤާބީލާއި ހާބީލާ ދެ ބޭފުޅުންގެ ދެމެދުގައި
ހިނގި ހާދިސާގެ ޚަބަރު ލިބިވަޑައިގަތުމުން، އާދަމުގެފާނު
އިންތިހާ ދަރަޖައަށް ހިތާމަފުޅުކުރެއްވި އެވެ.
އެކަލޭގެފާނުގެ ދަރިދަރިކަލުންގެ ތެރެއިން ދެ ދަރިކަލަކު
ގެއްލިވަޑައިގަތުމުންނެވެ. އެއް ދަރިކަލަކީ،
ޝަހީދުކޮށްލެވުނު ހާބީލެވެ. އަނެއް ދަރިކަލަކީ، ޝައިޠާނާގެ
ޝިކާރައަކަށްވެގެންދިޔަ ޤާބީލެވެ. އާދަމުގެފާނު، ހާބީލުގެ
މައްޗަށް ކަށުނަމާދުކުރެއްވި އެވެ. އެއަށްފަހު، ދެން
ތިއްބެވި ދަރިދަރިކަލުންނާއިގެން ދުނިޔެ
ޢިމާރާތްކުރައްވައި، ބިނާވެށި އާރާސްތުކުރެއްވުމުގެ
މަސައްކަތްޕުޅު ކުރިޔަށް ގެންދެވި އެވެ. އިންސާނިއްޔަތަށް
ތެދުމަގު ދައްކަވައިދެއްވާ ނަބީބޭކަލެއްގެ ގޮތުގަ އެވެ.
ބައްޕާފުޅު، އާދަމުގެފާނުގެ އަރިހުގައި ހުންނަވަން
ކެރިވަޑައިނުގަތުމުން، ޤާބީލު ވަޑައިގެންނެވީ،
ޔަމަނުކަރައިގެ ޢަދަނުގެ އިރުމަތީގައިވާ ނޫދު އެވެ، ކިޔާ
ބިމަކަށެވެ. އޭނާގެ ދަރިފަސްކޮޅުން އައި މީހުން ދިރިއުޅުނީ
އެ ބިމުގަ އެވެ. މިކަން ސާބިތުވާ އާސާރީ ހޯދުންތަކެއް ވެ
އެވެ. އެ ހޯދުންތަކުން އެނގޭ ގޮތުގައި، އެ ބިމަކީ،
އިހުޒަމާނުގައި މީހުން ދިރިއުޅެފައިވާ ބިމެކެވެ. އެ
ބިމުގައި ވަނީ، ބިނާވެށްޓެއް އުފެދިފަ އެވެ. އެ ބިމުގައި
ހަދާފައިވާ ބޯދާ ބިނާތަކުގައި ޤުއްބު ހުރި ކަމަށް ވެސް
ބުނެވެ އެވެ. އަދި އެ ޤުއްބުތައް ބިނާކުރެވުނީ، ޤާބީލުގެ
ޒަމާނުގައި ކަމަށާއި، އޭނާ އެ ޢިމާރާތްތަކުގައި
ދިރިއުޅުއްވި ކަމަށް ވެސް ބުނެވެ އެވެ.
ދުނިޔޭގެ
ބިމުގައިވާ އެންމެ މާތް އެންމެ މުޤައްދަސް ދެތަން
ބިނާކުރެއްވީ އާދަމުގެފާނު ކަމަށް ރިވާވެފައި ވެ އެވެ.
އެއިން އެއްތަނަކީ، ކަޢުބަތުﷲ ގެފުޅެވެ. އަނެއް ތަނަކީ،
މަސްޖިދުލްއަޤުޞާ އެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅަކުން އެނގޭ ގޮތުގައި،
މަސްޖިދުލްއަޤުޞާ ބިނާކުރެއްވުނީ، ގެފުޅު
ބިނާކުރެއްވުނުތާ، ސާޅީސް އަހަރު ފަހުންނެވެ. މީލާދުގެ
ކުރީގެ 3000 ވަނަ އަހަރުގެ ހިލަތައް، މަސްޖިދުލްއަޤުޞާގެ
ޢިމާރާތުގައި ވެ އެވެ. ގެފުޅަކީ، އެންމެ ފުރަތަމަ
ބިނާކުރެވުނު ޢިމާރާތް ނޫން ކަމަށާއި، އެހެނަސް އެއީ، މާތް
ﷲ ގެ ޙަޟުރަތަށް އަޅުކަންކުރުމަށްޓަކައި އެންމެ ފުރަތަމަ
ބިނާކުރެވުނު ޢިމާރާތް ކަމަށް، ޢިލްމުވެރިން ވިދާޅުވެފައި
ވެ އެވެ.
އާދަމުގެފާނު އަވަހާރަވުން:
އާދަމުގެފާނުގެ ޙަޔާތްޕުޅު އެކަލޭގެފާނު ހޭދަކުރެއްވީ،
މާތް ﷲ، އެކަލޭގެފާނާ ޙަވާލުކުރައްވާފައިވާ ޚިލާފަތުގެ
މަސްއޫލިއްޔަތު އަދާކުރެއްވުމުގަ އެވެ. ނަބީބޭކަލެއްގެ
ހައިސިއްޔަތުން އެކަލޭގެފާނު، މީސްތަކުންނަށް ތެދުމަގު
ދެއްކެވި އެވެ. ޚަލީފާއެއްގެ ހައިސިއްޔަތުން އެކަލޭގެފާނު،
ދުނިޔެ ޢިމާތްކުރައްވައި، ބިނާވެށި އާރާސްތުކުރެއްވި އެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅުން ދުވަސްވެ،
މުސްކުޅިފުޅުވެއްޖައުމަށްދާންދެން އެ ކަންކަމުގައި
އުޅުއްވި އެވެ. އެކަލޭގެފާނު އަވަހާރަވުމުގެ
އާލާސްކަންފުޅުގައި އޮންނަވަނިކޮށް، ހިނގި ހާދިސާއެއް
ކަމަށް އުބައްޔު ބްނު ކަޢުބުގެ އަރިހުން ރިވާވެފައި ވެ
އެވެ.
އާދަމުގެފާނުގެ އަޖަލު ގާތްވި ހިނދު،
އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ވިދާޅުވި އެވެ.
"ތިމަންކަލޭގެފާނު، ސުވަރުގޭގެ މޭވާ ފަރިއްކުޅުއްވާ
ހިތްޕުޅު އެބަ ވެ އެވެ."
ދެން އާދަމުގެފާނުގެ
ބޭފުޅުން، ސުވަރުގޭގެ މޭވާ ހޯއްދެވުމަށްޓަކައި ހިންގެވި
އެވެ. އެބޭފުޅުން އެކަމުގައި އުޅުއްވަނިކޮށް،
ކަށުކަމާކެމީގެ އެއްޗެހި ހިއްޕަވައިގެން ތިއްބެވި
މަލާއިކަތްބޭކަލުންތަކެއް، އެބޭފުޅުންނާ
ބައްދަލުކުރައްވައި ވިދާޅުވި އެވެ.
"އާދަމުގެފާނުގެ
ބޭފުޅުންނޭވެ! ތިޔަ އުޅުއްވަނީ ކޮންކަމަކާތޯ އެވެ؟"
އެ ބޭފުޅުން ވިދާޅުވި އެވެ.
"ބައްޕާފުޅު
އޮންނެވީ އާލާސްކަންފުޅާ އެވެ. ތިމަންމެން މިއުޅުއްވަނީ،
ބައްޕާފުޅު ސުވަރުގޭގެ މޭވާ ފަރިއްކުޅުއްވަން އުޅުއްވާތީ،
އެ މޭވާ ލިބޭތޯ އެވެ."
މަލާއިކަތް ބޭކަލުން
ވިދާޅުވި އެވެ.
"ބައްޕާފުޅުގެ އަރިހަށް އެނބުރި
ވަޑައިގަންނަވާށެވެ! އެކަލޭގެފާނު އަވަހާރަވެއްޖެ އެވެ!"
ދެން އެ ބޭކަލުން ބައްޕާފުޅުގެ އަރިހަށް
ވަޑައިގެންނެވި އެވެ. އަދި މަލާއިކަތްބޭކަލުން ވަޑައިގެން،
އާދަމުގެފާނުގެ ކަށުކަމާކެމީގެ ކަންތައް ކުރައްވައި،
އެކަލޭގެފާނު ފަސްދާނުލައްވައި، އެކަލޭގެފާނުގެ މައްޗަށް
ކަށުނަމާދު ކުރެއްވި އެވެ. އެއަށްފަހު، އެކަލޭގެފާނުގެ
ދަރިދަރިކަލުންނަށް، އެ ބޭކަލުން ވިދާޅުވި އެވެ.
"އާދަމުގެދަރީންނޭވެ! ތިޔަބައިމީހުން މައްޔިތާއާމެދު
ކަންކުރަންވާނީ މިހެންނެވެ."
އައްތިރުމިޛީ
ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވާރިދުވެފައި ވެ
އެވެ.
މާތް ﷲ އާދަމުގެފާނު ހެއްދެވުމަށްފަހު،
އެކަލޭގެފާނުގެ ނަސްލުން ދުނިޔެއަށް އަންނާނޭ އެންމެން
އެކަލޭގެފާނަށް ދެއްކެވި އެވެ. އެހިނދު އެކަލޭގެފާނު
ދެންނެވި އެވެ.
"ހައްދަވައިބޮޑުކުރެއްވި
ރަސްކަލާކޮ! އެއީ ކޮން ބަޔެއްތޯ އެވެ؟"
އެކަލާނގެ
ނިދާ އިއްވެވި އެވެ.
"އެއީ، ކަލޭގެފާނުގެ ނަސްލުން
ދުނިޔެއަށް އަންނާނޭ މީސްތަކުންނެވެ."
އެ
މީސްތަކުންގެ ތެރެއިން، އެ ދަރިކަލެއްގެ ދެލޯފުޅުގެ
ދެމެދުގައިވާ ނޫރާނީ އަލިކަން މާރިވެތި ދަރިކަލަކު
ފެނިވަޑައިގަތެވެ. ދެން އެއީ ކޮން ދަރިކަލެއްތޯ ދެންނެވި
އެވެ.
އެކަލާނގެ ނިދާ އިއްވެވި އެވެ.
"އެއީ،
ކަލޭގެފާނުގެ ނަސްލުގެ ފަހުގެ އުންމަތްތަކުގެ ތެރެއިން
ދުނިޔެއަށް ވަޑައިގަންނަވާނެ ދަރިކަލެކެވެ. އެ
ދަރިކަލުންގެ ނަންފުޅަކީ ދާވޫދެވެ."
އާދަމުގެފާނު
ދެންނެވި އެވެ.
"ހައްދަވައިބޮޑުކުރެއްވި
ރަސްކަލާކޮ! އިނބަރަސްކަލާނގެ އެ ދަރިކަލުންގެ ޢުމުރެއް
ކަމުގައި ލެއްވީ ކިހައި ދުވަހެއްތޯ އެވެ؟"
އެކަލާނގެ ނިދާ އިއްވެވި އެވެ.
"ފަސްދޮޅަސް
އަހަރެވެ."
އެކަލޭގެފާނު ދެންނެވި އެވެ.
"ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ޢުމުރުން
ސާޅީސް އަހަރު އެ ދަރިކަލުންނަށް ދެއްވައިފާންދޭވެ!"
މިކަން މިހެން ހިނގާފައިވަނިކޮށް، އާދަމުގެފާނުގެ
މަރުހިއްޕެވުމަށްޓަކައި މަލަކުލްމައުތު
ވަޑައިގެންނެވުމުން، އެކަލޭގެފާނު ވިދާޅުވި އެވެ.
"އަދި ތިމަންކަލޭގެފާނުގެ ޢުމުރުފުޅުން ސާޅީސް އަހަރު ބާކީ
އެބައޮތެއް ނޫންތޯ އެވެ؟"
މަލަކުލްމައުތު ވިދާޅުވި
އެވެ.
"އެ ސާޅީސް އަހަރު ކަލޭގެފާނުގެ ދަރިކަލުން،
ދާވޫދުގެފާނަށް ދެއްވީމެއް ނޫންތޯ އެވެ؟"
އެހިނދު،
އާދަމުގެފާނު އެކަން ހަނދުމަފުޅެއް ނެތެވެ. އެކަލޭގެފާނެކޭ
އެއްފަދައިން އެކަލޭގެފާނުގެ ދަރިފަސްކޮޅުން އައި
މީސްތަކުން ވެސް ހަނދާންނެތެ އެވެ.
މި މައުޟޫޢު
ނިންމާލުމުގެ ކުރިން، ނިމުމާ ހަމައަށް، ފަސްކޮށްފައިވާ
ބައެއް ނުކުތާތަކުގެ މައްޗަށް އަލިއަޅުވާލާނަމެވެ.
ގިނަ ރިވާޔަތްތައް ބުނާ ގޮތުގައި، އާދަމުގެފާނު ދުނިޔޭގެ
ބިމަށް ފޮނުއްވުނު ހިނދު، އެކަލޭގެފާނަށް
ފައިބާވަޑައިގެންނެވުނީ އޮޅުދޫކަރައިގެ ދިވިލި
ފަރުބަދައިގެ މައްޗަށެވެ. އެއީ، އެ ފަރުބަދައިގެ މަތީގައި
އެކަލޭގެފާނުގެ ފިޔަވަޅުފުޅު ހުންނަ ކަމަށް ބުނެވޭ
ފަރުބަދަ އެވެ. ޙައްވާގެފާނަށް ފައިބާވަޑައިގެންނެވުނީ،
ޢަރަބި ޖަޒީރާގައިވާ ޖުއްދާގެ ބިމަށެވެ. އެ ދެކަނބަލުން
ބައްދަލުވެވަޑައިގަތީ، މުޒުދަލިފާގެ ބިމުގަ އެވެ.
އައްޠަބަރާނީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެ
އެވެ.
(لَمَّا أَهْبَطَ الله آدَمَ أَهْبَطَهُ
بِأَرْضِ اْلهِنْد، ثُمَّ جَاءَ مَكَّة، ثُمّ َخَرَجَ
إِلَى الشَّامِ فَمَاتَ بِهَا)
ރިވާކުރެއްވީ:
އައްޠަބަރާނީ.
މާނައީ، "މާތް ﷲ، އާދަމުގެފާނު
ދުނިޔޭގެ ބިމަށް ފޮނުއްވެވިއިރު، ފޮނުއްވެވީ
އުތުރުކަރައިގެ ބިމަށެވެ. ދެން އެކަލޭގެފާނު މައްކާއަށް
ވަޑައިގެންނެވި އެވެ. ދެން (އެއަށްފަހު) އެކަލޭގެފާނު
ޝާމުކަރައަށް ވަޑައިގެން އެބިމުގައި ދިރިއުޅުއްވި އެވެ.
އެކަލޭގެފާނު އަވަހާރަވީ އެ ބިމުގަ އެވެ."
މި
ޙަދީޘްފުޅުގައިވާ އުތުރުކަރައިގެ ބިމާ، ކުރިން ދެންނެވި
އޮޅުދޫކަރައިގެ ދިވިލި ފަރުބަދައާ ތަޢާރުޟެއް ނުވެ އެވެ.
އެހެނީ، އޭރު އޮޅުދޫކަރަ ހިމެނެނީ، އުތުރުކަރައިގެ ބިމުގެ
ތެރޭގަ އެވެ. ދުނިޔޭގެ އިހުގެ ބައެއް ޗާޓްތަކުގައި
ފާހަގަކޮށްފައިވާ ގޮތުން، އާދަމުގެފާނު ވަޑައިގެންނެވި
ބިން، އިހުޒަމާނުގައި އޮތީ، މިހާރު ދިވެހިރާއްޖެ އޮތް
ތަނުގަ އެވެ. އެބިން، މިހާރު ދިވެހިރާއްޖެ މި އޮތް ތަން
ފަހަނަޅައި ގޮސްފައިވަނީ، އެ ބިން އޮންނަ ފޮތި، ދުނިޔޭގެ
އުތުރު ބިތަށް ޖެހެމުންދާތީ އެވެ.
މާތް ﷲ،
އާދަމުގެފާނު ދުނިޔޭގެ ބިމަށް ފޮނުއްވެވީ، ދުނިޔެ
ޢިމާރާތްކުރައްވައި، ބިނާވެށި އާރާސްތުކުރެއްވުމަށެވެ.
ޤުދުރަތީ ވެށީގައި އިންސާނުން ދިރިއުޅުމަށްޓަކައި ހަދާ
ތަންތަނުގެ ސަބަބުން ބިނާވެށި އުފެދެ އެވެ. އާދަމުގެފާނުގެ
ޒަމާނުގައި ވެސް އިންސާނީ ޙަޟާރަތެއް ޤާއިމުވެފައިވާކަން
އެނގެ އެވެ. އެ ޙަޟާރަތުގައި ދަނޑުގޮވާންކުރުމާއި،
ޖަނަވާރު ގެންގުޅުމާއި، ތަޢުލީމާއި ތަރުބިއްޔަތު ދިނުމާއި،
މަޢުދަންތަކުން އެއްޗެހި އުފެއްދުން ފަދަ މަސައްކަތްތައް
ވެސް އޮތްކަމުގެ އިޝާރާތްތައް ވެ އެވެ. އެހެންވީމާ، އެ
ޙަޟާރަތުގެ އަހުލުވެރިންނާ ހަމައިން ވަނީ، އަވަށްތަކާއި
ރަށްތައް އުފެދި، ބިނާވެށިތައް ޤާއިމުކުރެވި،
ރަށްވެހިކަމުގެ މަސައްކަތް ފެށިފަ އެވެ.