ސަލާމްލެއްވި ލޫޠުގެފާނު


ނަސަބުފުޅު:

ސަލާމްލެއްވި ލޫޠުގެފާނަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ޒަމާނުގައި އުޅުއްވި ނަބީބޭކަލެކެވެ. އެ ދެ ބޭކަލުންގެ ނަސަބުފުޅު ވަނީ ގުޅިފަ އެވެ. އެހެނީ، ލޫޠޫގެފާނަކީ، އިބްރާހީމުގެފާނުގެ އަޚެއްގެ ދަރިކަލެކެވެ. ލޫޠުގެފާނަކީ، އާޒަރު (آزر) ނުވަތަ ތާރިޙު (تارح) ގެ ހާރާން (هاران) ގެ ލޫޠުގެފާނު (لوط) އެވެ. ލޫޠުގެފާނުގެ ބައްޕާފުޅު، ހާރާން އަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ އަޚެކެވެ. ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ކޯފާލެއްވުމުގެ ހާދިސާ އަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކުގެ ތެރެއިން ހާދިސާއެކެވެ.


ސަދޫމު:

ލޫޠުގެފާނު، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު، ސަލާމްލެއްވި އިބްރާހީމުގެ އިޒުނަފުޅާއެކު، ރަށުން ނިކުމެވަޑައިގެން، ސަދޫމު ސަހަރަށް ވަޑައިގެންނެވި އެވެ. އެ ސަހަރާ ގުޅިފައިވާ އެހެން ރަށްތަކާއި އަވަށްތައް ވި އެވެ. ސަދޫމަކީ ވެރި ރަށެވެ. އެރަށުގެ އަހުލުވެރިންނަކީ، އެންމެ ފާޖިރު، އެންމެ ކާފިރު، އެންމެ އުޅުން ނުބައި މީހުން ކަމުގައި ވި އެވެ. އެމީހުންގެ ނާދީތަކުގައި މުންކަރާތްތަކަށް އަރައިގަނެވެ. އެއްވެސް މުންކަރާތެއް ނަހީ ނުކުރެ އެވެ. އެމީހުންނަށްވުރެ ކުރިން ދުވަހަކުވެސް އެހެން ބަޔަކު އަރައިނުގަންނަ ފާފައަކަށް ވެސް އެމީހުން އަރައިގަތެވެ. އެއީ، ފިރިހެނުން ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގުމެވެ.

ލޫޠުގެފާނު އެމީހުންގެ ގާތަށް ވަޑައިގެން، މާތް ﷲ ގެ ޙަޟުރަތަށް އަޅުކަންކުރުމަށް ގޮވާލެއްވި އެވެ. އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި، އެކަލާނގެ ޙަޟުރަތަށް ޝަރީކުނުކުރުމަށް ގޮވާލެއްވި އެވެ. އަދި އެމީހުން ކުރަމުންގެންދިޔަ ޙަރާމްކަންތައްތަކާއި، ފާޙިޝް މުންކަރާތްތަކާއި، ހަޑިހުތުރު ޢަމަލުތަކުން އެއްކިބާވުމަށް ވެސް ގޮވާލެއްވި އެވެ. އެހެނަސް އެމީހުންނަކު، އެކަލޭގެފާނުގެ ގޮވާލެއްވުމަކަށް އިޖާބައެއް ނުދިނެވެ. އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އެމީހުން ދިނީ، ބީރު ކަންފަތެކެވެ. އެމީހުން ދެމިތިބީ، އެމީހުންގެ ކާފިރުކަމާއި، ފާޖިރުކަމާއި، ފަސާދަކުރުމުގެ މަތީގަ އެވެ.

އެގޮތުގައި އެމީހުން މަގުފުރެދުންމަތީ ތިއްބައި، މާތް ﷲ، އެމީހުން ހީވެސްނުކުރާފަދަ ބޮޑު ޢަޛާބެއް އެމީހުންގެ މައްޗަށް ފޮނުއްވި އެވެ. އެމީހުންނާއެކު، އެމީހުންގެ ރަށް ބަންޑުން ޖައްސަވައިލެއްވި އެވެ. އެމީހުންނަކީ، ޢާލަމްތަކަށް ނުބައި މީހުންގެ މިސާލެއްކަމުގައި ދެއްކެވި އެވެ. އެމީހުންނަކީ، ބުއްދިކުރާ ބަޔަކަށް ޢިބްރަތެއް ކަމުގައި ލެއްވި އެވެ. މިއީ، ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ވާހަކައިގެ ޚުލާޞާ އެވެ.


ކީރިތި ޤުރުއާނުގައި:

މާތް ﷲ، ކީރިތި ޤުރުއާނުގައި ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ވާހަކަ، އެތައް ސޫރަތެއްގެ އެތައް އާޔަތެއްގައި ބަޔާންކުރައްވާފައި ވެ އެވެ. އެ އާޔަތްތަކަކީ:

އަލްއަޢުރާފު ސޫރަތުގެ 80 ވަނަ އާޔަތުން 84 ވަނަ އާޔަތުގެ ނިޔަލަށް.
ހޫދު ސޫރަތުގެ 77 ވަނަ އާޔަތުން 83 ވަނަ އާޔަތުގެ ނިޔަލަށް.
އަލްޙިޖުރު ސޫރަތުގެ 57 ވަނަ އާޔަތުން 74 ވަނަ އާޔަތުގެ ނިޔަލަށް.
އަލްއަންބިޔާ ސޫރަތުގެ 71 ވަނަ އާޔަތުން 75 ވަނަ އާޔަތުގެ ނިޔަލަށް.
އައްޝުޢަރާ ސޫރަތުގެ 160 ވަނަ އާޔަތުން 175 ވަނަ އާޔަތުގެ ނިޔަލަށް.
އައްނަމްލު ސޫރަތުގެ 54 ވަނަ އާޔަތުން 58 ވަނަ އާޔަތުގެ ނިޔަލަށް.
އަލްޢަންކަބޫތު ސޫރަތުގެ 28 ވަނަ އާޔަތުން 35 ވަނަ އާޔަތުގެ ނިޔަލަށް.
އައްޞާއްފާތު ސޫރަތުގެ 133 ވަނަ އާޔަތުން 138 ވަނަ އާޔަތުގެ ނިޔަލަށް.
އައްޛާރިޔާތު ސޫރަތުގެ 31 ވަނަ އާޔަތުން 37 ވަނަ އާޔަތުގެ ނިޔަލަށް.
އަލްޤަމަރު ސޫރަތުގެ 33 ވަނަ އާޔަތުން 40 ވަނަ އާޔަތުގެ ނިޔަލަށް.

މި 10 ސޫރަތުގެ އިތުރުން، ކީރިތި ޤުރުއާނުގެ ބައެއް އެހެން ސޫރަތްތަކުގައި ވެސް ލޫޠޫގެފާނާއި އެމީހުންގެ ޤައުމު، ނަންގަނެވިފައި ވެ އެވެ.


ވާހަކަ:

ލޫޠޫގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވި އެވެ.

"ތިޔަބައިމީހުންގެ ކުރިން، ޢާލަމްތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު ތިޔަބައިމީހުން ކުރަނީ ހެއްޔެވެ؟
"ހަމަކަށަވަރުން، ތިޔަބައިމީހުން ޝަހުވާނީ ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންގެ ގާތަށް ދަމު އެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމު އެވެ."

ލޫޠުގެފާނު މިހެން ވިދާޅުވުމުން، އެކަލޭގެފާނުގެ ޤައުމުގެ މީހުން ބުންޏެވެ.

"ތިޔަބައިމީހުންގެ ރަށުން، ލޫޠުގެފާނާއި، އެކަލޭގެފާނަށް އީމާންވެގެން ތިބި މީހުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، ޠާހިރުވެގަންނަ ބަޔެކެވެ."

އެމީހުން މިހެން ބުނީ ފަހަރެއްގައިވެސް އެމީހުން، ޠާހިރުކަމަށް ލޯބިކުރާތީއެއް ނޫނެވެ. އެކަމަކު، ލޫޠުގެފާނު ޠާހިރުކަމަށް ލޯބިކުރައްވާތީ، އެކަލޭގެފާނަށް އާޑަކިޔުމުގެ ގޮތުންނެވެ.

މާތް ﷲ، ލޫޠުގެފާނުގެ އަރިހަށް، މަލާއިކަތް ބޭކަލުން ފޮނުއްވެވި އެވެ. އެ މަލާއިކަތްބޭކަލުން ފުރަތަމަ ވަޑައިގެންނެވީ، އިބްރާހީމުގެފާނުގެ އަރިހަށެވެ. އެއީ، އެކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވުމަށެވެ. އެއަށްފަހު، އެބޭކަލުން ދުނިޔޭގެ ބިމަށް ވަޑައިގެންނެވި ސަބަބު ބަޔާންކުރައްވަމުން ވިދާޅުވި އެވެ.

"މާތް ﷲ ތިމަންބޭކަލުން ފޮނުއްވެވީ ލޫޠުގެފާނުގެ ރަށުގެ އަހުލުވެރިން ހަލާކުކުރެއްވުމަށެވެ. އެ ރަށުގެ އަހުލުވެރިންނަކީ، އަނިޔާވެރި ބަޔެކެވެ."

ސުދައްޔު އާއި ޤަތާދަތު ފަދަ މުޢުތަބަރު މުސްލިމު ޢިލްމުވެރިންގެ އަރިހުން ރިވާވެފައި ވެ އެވެ.

އިބްރާހީމުގެފާނު ވިދާޅުވި އެވެ.
"އެ ރަށުގައި ތިންސަތޭކަ މުއުމިނުން ވަނިކޮށް، ތިޔަ ބޭކަލުން އެރަށް ހަލާކުކުރައްވާނަމު ތޯއެވެ؟"
އެބޭކަލުން ދެންނެވި އެވެ. "ހަލާކެއް ނުކުރައްވާނަމު އެވެ."

އިބްރާހީމުގެފާނު ވިދާޅުވި އެވެ.
"އެ ރަށުގައި ތިންސަތޭކަ މުއުމިނުން ވަނިކޮށް، ތިޔަ ބޭކަލުން އެރަށް ހަލާކުކުރައްވާނަމު ތޯއެވެ؟"
އެބޭކަލުން ދެންނެވި އެވެ. "ހަލާކެއް ނުކުރައްވާނަމު އެވެ."

އިބްރާހީމުގެފާނު ވިދާޅުވި އެވެ.
"އެ ރަށުގައި ދުއިސައްތަ މުއުމިނުން ވަނިކޮށް، ތިޔަ ބޭކަލުން އެރަށް ހަލާކުކުރައްވާނަމު ތޯއެވެ؟"
އެބޭކަލުން ދެންނެވި އެވެ. "ހަލާކެއް ނުކުރައްވާނަމު އެވެ."

އިބްރާހީމުގެފާނު ވިދާޅުވި އެވެ.
"އެ ރަށުގައި ސާދަ މުއުމިނުން ވަނިކޮށް، ތިޔަ ބޭކަލުން އެރަށް ހަލާކުކުރައްވާނަމު ތޯއެވެ؟"
އެބޭކަލުން ދެންނެވި އެވެ. "ހަލާކެއް ނުކުރައްވާނަމު އެވެ."

އިބްރާހީމުގެފާނު ވިދާޅުވި އެވެ.
"އެ ރަށުގައި އެންމެ މުއުމިނަކު ވަނިކޮށް، ތިޔަ ބޭކަލުން އެރަށް ހަލާކުކުރައްވާނަމު ތޯއެވެ؟"
އެބޭކަލުން ދެންނެވި އެވެ. "ހަލާކެއް ނުކުރައްވާނަމު އެވެ."

އިބްރާހީމުގެފާނު ވިދާޅުވި އެވެ.
"އެރަށުގައި ލޫޠުގެފާނު އެބަހުންނެވި އެވެ."

މަލާއިކަތް ބޭކަލުން ވިދާޅުވި އެވެ.
"އެ ރަށުގައިވާ ބަޔަކު، ތިމަން ބޭކަލުންނަށް މާރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. ހަމަކަށަވަރުން، ތިމަންބޭކަލުން ލޫޠުގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރައްވާނަމު އެވެ. އެ ކަނބުލޭގެ ވަނީ، ހަލާކުވެގެންދާނެ އަނިޔާވެރިންގެ ތެރެއިންނެވެ."

މުފައްސިރުން ވިދާޅުވެފައި ވެ އެވެ.

"އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެންނެވި މަލާއިކަތް ބޭކަލުންނަކީ، ޖިބްރީލުގެފާނާއި، މީކާއީލުގެފާނާއި، އިސްރާފީލުގެފާނެވެ. އިބްރާހީމުގެފާނުގެ އަރިހުން ނިކުމެވަޑައިގެން އެބޭކަލުން ވަޑައިގެންނެވީ ސަދޫމަށެވެ. އެބޭކަލުން ވަޑައިގެންނެވީ، ބުރުސޫރަ ރިވެތި ޒުވާނުންގެ ސިފައިގަ އެވެ. އެއީ، ލޫޠުގެފާނުގެ ޤައުމުގެ މީހުން، އިމްތިޙާން ކުރެއްވުމަށްޓަކަ އެވެ. އަދި އެމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރެއްވުމަށްޓަކަ އެވެ."

އޭރު ލޫޠުގެފާނުގެ ޤައުމުގެ މީހުން، އެކަލޭގެފާނުގެ މައްޗަށް ޝަރުޠެއް ކޮށްފައި ވެ އެވެ. އެއީ، އެކަލޭގެފާނު އެއްވެސް މީހަކަށް މެހްމާންދާރީ އަދާނުކުރެއްވުމެވެ.

ލޫޠުގެފާނާ، މަލާއިކަތް ބޭކަލުންނާ ބައްދަލުވެވަޑައިގަތް ހިނދު، އެކަލޭގެފާނު ހީފުޅުކުރެއްވީ، އެއީ އާދަމުގެދަރިންގެ ތެރެއިން ވާ މެހުމާނުންކޮޅެއް ކަމަށެވެ. މިހެންވެ، ޤައުމުގެ އެހެން ބަޔަކު، އެބޭކަލުންނާ އިސްތިޤުބާލުކޮށް، އެބޭކަލުންނަށް ދެރަ ގޮތެއް ހަދާފާނެތީ ހިތްޕުޅު ދަތިވި އެވެ. މިހެންވެ، އެކަލޭގެފާނުގެ ގެކޮޅުގައި އެބޭކަލުންނަށް މެހުމާންދާރީ އަދާކުރެއްވި އެވެ. އެއީ، ރޭގަނޑެއް ކަމަށާއި، އެކަލޭގެފާނާ އެބޭކަލުން ބައްދަލުވެވަޑައިގަތީ އިރުއޮއްސެނިކޮށް ކަމަށް ރިވާވެފައި ވެ އެވެ.

ޤަތާދަތުގެފާނު ވިދާޅުވެފައިވާ ގޮތުގައި، އެކަލޭގެފާނުގެ އަރިހަށް މަލާއިކަތްބޭކަލުން ވަޑައިގެންނެވީ، އެކަލޭގެފާނުގެ މިލްކުގައިވާ ބިމެއްގައި މަސައްކަތްޕުޅުކުރައްވަން ހުންނަވަނިކޮށެވެ. އެއީ، އިންސާނުންގެ ތެރެއިންވާ ބީރައްޓެހި ބަޔެއް ކަމަށް ހިއްތަވައި، އެބޭކަލުން އެރަށް ނޫން އެހެން ރަށަކަށް ވަޑައިގެންނެވުމަށް އިރުޝާދުދެއްވުމުގެ ގޮތުން ވިދާޅުވި އެވެ.

"މި ސަހަރުގެ އަހުލުވެރިންނަށްވުރެ ނުބައިކަން ބޮޑު ބަޔަކު، ތިމަންކަލޭގެފާނު ދެނެވަޑައެއް ނުގަންނަވަމެވެ."

މިހެން ވިދާޅުވުމަށްފަހު، ތަންކޮޅަކަށް ހިންގަވާފައި، އަނެއްކާވެސް މިހެން ވިދާޅުވަމުން ގެންދެވި އެވެ. އެކަލޭގެފާނު، އެބޭކަލުންގެ އަރިހުގައި ހަތަރު ފަހަރު މިގޮތަށް ވިދާޅުވި އެވެ.

ޙަޤީޤަތުގައި މަލާއިކަތްބޭކަލުން ތިއްބެވީ، އެކަލޭގެފާނުގެ މި ބަސްފުޅުގެ އިންތިޒާރުގަ އެވެ. އެއީ، ސަދޫމުގެ މީހުންނަކީ ނުބައި ބަޔެއް ކަމަށް އެކަލޭގެފާނު ވިދާޅުވުމުގެ ކުރިން، އެމީހުން ހަލާކުނުކުރެއްވުމަށް އެބޭކަލުންނަށް އަމުރުކުރެއްވިފައި ވާތީ އެވެ.

ސުދައްޔު ވިދާޅުވެފައި ވެ އެވެ.

އިބްރާހީމުގެފާނުގެ އަރިހުން ނުކުމެވަޑައިގެން މަލާއިކަތްބޭކަލުން ލޫޠުގެފާނުގެ ސަހަރަށް ވަޑައިގެންނެވީ، ދުވާލެއްގެ މެންދުރު ވަގުތުގަ އެވެ. އެބޭކަލުން ސަދޫމު ކޯރާ ހިސާބަށް ވަޑައިގެންނެވިތަނާ، ލޫޠުގެފާނުގެ ދަރިކަނބަލުން ހުންނެވީ އެ ކޯރުގެ އައްސޭރީގައި، ގެކޮޅުގެ އަހުލުންނަށް ފެން ނެންގެވުމަށެވެ. ލޫޠުގެފާނުގެ ދޮށީ ދަރިކަނބަލުންގެ ނަންފުޅަކީ، އަރީޘާ (أريثا) އެވެ. ހަގު ދަރިކަނބަލުންގެ ނަންފުޅަކީ، ދަޣޫޘާ (دغوثا) އެވެ.

މަލާއިކަތް ބޭކަލުން ވިދާޅުވި އެވެ. "ކަނބުލޯ އެވެ! ކަނބުލޯގެ ގެއަކީ ކޮބައި ހެއްޔެވެ؟"

އެ ދަރިކަނބަލުން ދެންނެވި އެވެ.

"ތިމަން އެނބުރި އަންނަންދެން ތިޔަބޭކަލުން މިތާނގައި ތިއްބަވާށެވެ! ތިމަން އެނބުރި އައުމުގެ ކުރިން ރަށުތެރެއަށް ވެދެވަޑައިނުގަންނަވާށެވެ!"

ދެން އެކަމަނާ، ބައްޕާފުޅުގެ އަރިހަށް ވަޑައިގެން ދެންނެވި އެވެ.

"ބައްޕާފުޅާ އެވެ! ސަހަރުގެ ދޮރޯށި ކައިރިއަށް އައިސްތިބި ޒުވާނުންކޮޅެއް، ބައްޕާފުޅު އެބަ ހޯއްދަވަ އެވެ. އެއަށްވުރެ މޫނު ރިވެތި ބަޔަކު ދުވަހަކުވެސް ނުދެކެމެވެ. ޤައުމުގެ މީހުން އެއުރެން ފަޟީޙަތްކުރިޔަ ނުދެއްވާށެވެ!"

އޭރު އެ ސަހަރުގެ މީހުން ވަނީ، އެއްވެސް މީހަކަށް އެކަލޭގެފާނު މެހުމާންދާރީ އަދާކުރެއްވުން މަނާކޮށްފަ އެވެ. ދެން އެކަލޭގެފާނު ވަޑައިގެން، މަލާއިކަތްބޭކަލުން ގެކޮޅަށް ގެންދެވި އެވެ. އެ ބޭކަލުން އެ ގެކޮޅުގައި ތިއްބެވިކަން، އެ ގެކޮޅުގެ އަހުލުން ނޫން އެހެން ބަޔަކަށް ނޭނގެ އެވެ. އެބޭކަލުން އެ ގެކޮޅުގައި ތިއްބަވަނިކޮށް، ލޫޠުގެފާނުގެ އަނބިކަނބަލުން ގެއިން ބޭރަށް ވަޑައިގެން، ޤައުމުގެ މީހުންގެ ގާތުގައި ވިދާޅުވި އެވެ.

"ލޫޠުގެފާނުގެ ގެކޮޅުގައި ފިރިހެނުންތަކެއް އެބަތިއްބެވެ. އެމީހުންފަދަ މޫނު ރީތި ބަޔަކު ދުވަހަކުވެސް ތިމަން ނުދެކެމެވެ."

އެކަމަނާ މިހެން ވިދާޅުވުމުން، އެމީހުން އަވަސްއަވަހަށް އެކަލޭގެފާނުގެ ގެޔަށް ދިޔަ އެވެ.

މިއީ، އެ ހާދިސާއާމެދު ސުދައްޔު ވިދާޅުވެފައިވާ ގޮތެވެ. މިފަދައިން ބައެއް އެހެން ޢިލްމުވެރިން ވެސް ވިދާޅުވެފައި ވެ އެވެ.

މަލާއިކަތް ބޭކަލުން، ލޫޠުގެފާނުގެ އަރިހަށް ވަޑައިގެންނެވި ހިނދު، ޤައުމުގެ މީހުންގެ ފާސިދުކަމުގެ ސަބަބުން، އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ، ލޫޠުގެފާނު، އެބޭކަލުންނާ މެދު ދެރަފުޅުވެވަޑައިގެން ހިތާމަފުޅުކުރެއްވި އެވެ. އެ ބޭކަލުންނާ މެދު ހިތްޕުޅަށް ދަތިކަން ވެރިވި އެވެ.

ލޫޠުގެފާނު ވިދާޅުވި އެވެ. "މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ."

އެކަލޭގެފާނުގެ ގެކޮޅުގައި، ބުރުސޫރަ ރިވެތި ޒުވާން ފިރިހެނުން ތިބި ޚަބަރު ލިބުމުން، އެކަލޭގެފާނުގެ ޤައުމުގެ މީހުން އެ ގެކޮޅަށް އަވަސް އަވަހަށް ދިޔަ އެވެ. އެހިނދު، އެކަލޭގެފާނު ވިދާޅުވި އެވެ.

"އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެންގެ އަންހެން ދަރީންނާ ތިޔަބައިމީހުން ޝަރުޢީ ގޮތުން ކާވެނިކުރާނަމަ އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީ ހެއްޔެވެ؟"

އެކަލޭގެފާނު މިހެން ވިދާޅުވުމުން، އެމީހުން ދެންނެވި އެވެ.

"ހަމަކަށަވަރުން، ކަލޭގެފާނުގެ އަންހެން ދަރިންގެ ކިބައިން ތިމަންމެންނަށް އެއްވެސް ބޭނުމެއް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ އެވެ. ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.

އެކަލޭގެފާނު ވިދާޅުވި އެވެ.

"ތިޔަބައިމީހުންނާ މެދު، ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައި ވާނަމަ އެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެ ނަމަ އެވެ!"

ލޫޠުގެފާނުގެ ހިތްޕުޅަށް ދަތިވުން މި ހިސާބަށް ވާޞިލުވި ހިނދު، މަލާއިކަތް ބޭކަލުން ދެންނެވި އެވެ.

"އޭ ލޫޠުގެފާނޭވެ! ހަމަކަށަވަރުން، ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ބޭކަލުންނީމު އެވެ. ކަލޭގެފާނާ ހަމައަށް އެއުރެންނަކަށް ވާޞިލެއް ނުވެވޭނެ އެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ އަހުލުވެރިންނާއެކު، ނުކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން، އެ ކާފިރުންނަށް ޖެހޭ ކަމެއް އެ ކަނބުލޭގެ އަށް ވެސް ޖެހޭނެ އެވެ. ހަމަކަށަވަރުން، އެއުރެންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނު ފަތިހެވެ. ފަތިސް ވަގުތު، ގާތުގައި ނުވޭ ހެއްޔެވެ؟"

ލޫޠުގެފާނާއި، މަލާއިކަތްބޭކަލުންނާ ދެމެދުގައި ހިނގި މުޙާވަރާއެއް، އަލްޙިޖުރު ސޫރަތުގައި ބަޔާންކުރައްވާފައި ވެ އެވެ.

ލޫޠުގެފާނު ވިދާޅުވި އެވެ.
އޭ ފޮނުއްވާފައިވާ މަލާއިކަތުންނޭވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯ އެވެ؟
އެ ބޭކަލުން ދެންނެވޫ އެވެ.
ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ، ކުށްވެރި ޤައުމެއްގެ މީހުންގެ ގާތަށެވެ.
ލޫޠޫގެފާނުގެ އަހުލުވެރިން މެނުވީ އެވެ. ހަމަކަށަވަރުން، ތިމަންމެން އެ ހުރިހާ އެންމެން ސަލާމަތްކުރާހުށީމު އެވެ.
އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީ އެވެ. ތިމަންމެން މިންވަރުކޮށްފައި ވަނީ، ހަމަކަށަވަރުން، އެ ކަނބުލޭގެ އަކީ، ޢަޛާބުގެ ތެރެއަށް ދޫކުރައްވާފައިވާ މީހުންގެ ތެރެއިން ވާ މީހެއް ކަމުގަ އެވެ.

އަދިވެސް އެ ސޫރަތުގައި ބަޔާންކުރައްވާފައި ވެ އެވެ.

ފަހެ، ފޮނުއްވާފައިވާ މަލާއިކަތުން ލޫޠޫގެފާނުގެ އަހުލުވެރިންގެ ގާތަށް ވަޑައިގަތް ހިނދެވެ.
(އެހިނދު) އެކަލޭގެފާނު ވިދާޅުވި އެވެ.
ހަމަކަށަވަރުން، ތިޔަބައިމީހުންނަކީ، (ތިމަންކަލޭގެފާނަށް) އެނގިގެންނުވާ ބަޔެކެވެ.
އެ ބޭކަލުން ދެންނެވޫ އެވެ.
އަދި ކީއްތޯ އެވެ؟ ތިމަންމެން ކަލޭގެފާނުގެ އަރިހަށް މިއައީ، އެއުރެން އެކަމަކާމެދު ޝައްކުކޮށްއުޅުނު ކަންތަކާއިގެންނެވެ.
އަދި ތިމަންމެން ކަލޭގެފާނުގެ އަރިހަށް އައީ، ޙައްޤު ބަސްފުޅާޢިގެންނެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތެދު ބުނާ ބަޔަކުކަން ކަށަވަރެވެ.
ފަހެ، ކަލޭގެފާނުގެ އަހުލުވެރިންނާއިގެން ރޭގަނޑުން ބައެއްގައި ކަލޭގެފާނު ދަތުރުކުރައްވައި، ހިންގަވާށެވެ! އަދި ކަލޭގެފާނު އެއުރެންގެ ފަހަތުން ވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުންކުރެ އެކަކުވެސް ފަސްއެނބުރި ނުބަލާށެވެ! އަދި ތިޔަބައިމީހުންނަށް، އަމުރުކުރައްވާފައިވާ ތަނަށް، ތިޔަބައިމީހުން ދާށެވެ!

މަލާއިކަތް ބޭކަލުން ދެއްވި މި އިރުޝާދާ އެއްގޮތަށް، ލޫޠުގެފާނު ޢަމަލުކުރެއްވި އެވެ. މާތް ﷲ، އެކަލޭގެފާނާއި، މުއުމިނުން ނަޖާކުރެއްވި އެވެ.


ލޫޠުގެފާނުގެ ޤައުމުގެ މީހުން ހަލާކުކުރެއްވުން:

ލޫޠުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް އީމާން ނުވުމުން، އެމީހުންގެ މައްޗަށް މާތް ﷲ ފޮނުއްވާނެ ޢުޤޫބާތުގެ ވާހަކައިން އެކަލޭގެފާނު އެމީހުންނަށް އިންޒާރުކުރެއްވި އެވެ. އެމީހުން އެ އިންޒާރުތަކާމެދު ވެސް ޝައްކު އުފެއްދި އެވެ. އަދި މަލާއިކަތްބޭކަލުން ޒުވާން އިންސާނުންގެ ސިފައިގައި އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމުން، އެ މަލާއިކަތްބޭކަލުންނާ އެކުގައި ވެސް ނުބައިކަންތައް ކުރަން އުޅުނެވެ. އެހިނދު، މާތް ﷲ އެމީހުންގެ ލޯތައް ކަނުކުރެއްވި އެވެ. އަދި އެމީހުންގެ މައްޗަށް އެ ރޭގެ ފަތިސް ވަގުތުގައި ދެމިހުންނަނިވި ޢަޛާބު ފޮނުއްވި އެވެ.

އެކަން ހިނގި ގޮތް ބަޔާންކުރައްވަމުން، ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.

ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ސަހަރާއި އެ ސަހަރާ ގުޅިފައިވާ އެހެން ރަށްތައް، ބިމު އަޑިން ފެށިގެން ޖިބުރީލުގެފާނު ނެންގެވި އެވެ. އެއީ، ހަތް ރަށް ކަމުގައި ވި އެވެ. އެރަށްތަކުގެ އާބާދީ އަކީ، ހަތަރު ލައްކަ ކަމަށް އެއް ރިވާޔަތެއްގައި ވެ އެވެ. އަނެއް ރިވާޔަތެއްގައި ވަނީ، އެއީ، ހަތަރު ހާސް މީހުން ކަމަށެވެ. އެ ރަށްތަކުގައިވާ މީހުންނާއި، ޖަނަވާރުތަކާއި، އެހެން ހުރިހައި އެއްޗަކާއެކު، ޖިބުރީލުގެފާނު މައްޗަށް އުފުއްލަވައިލެއްވި އެވެ. އެކަލޭގެފާނު އެ ރަށްތައް އުފުއްލަވައިލެއްވީ ވަރަށް މައްޗަށްކަން ބަޔާންކޮށްދިނުމުގެ ގޮތުން ބުނެވެ އެވެ. އެމީހުންގެ ރަށްތަކުގައިވާ ހާ ގޮވާ އަޑާއި، ކުއްތާގެ ވައްވައްޖެހުން، އުޑުގެ އަހުލުވެރިންނަށް އަޑުއިވިއްޖައުމަށްދާންދެން އެކަލޭގެފާނު އެ ރަށްތައް އުފުއްލެވި އެވެ. ދެން އެރަށްތައް ބަންޑުންޖައްސަވައިލެއްވި އެވެ.

މުޖާހިދު ވިދާޅުވެފައި ވެ އެވެ.

އެމީހުންގެ މައްޗަށް ވެއްސެވީ، ސިއްޖީލުގެ ހިލައިގެ ވާރޭ އެވެ. ސިއްޖީލަކީ، ޢަރަބި ބަހަށް ގެނެވިފައިވާ ފާރިސީ ބަހެކެވެ. އެއީ، ގަދަފަދަ ހަރު ހިލަ އެވެ.

ޢަރަބި ބަހުގައި ސިއްޖީލުގެ އެތައް މާނަތަކެއް ވެ އެވެ. އެ މާނަތަކުގެ ތެރޭގައި، ހިލަވެފައިވާ ހިކި މަށްޓާއި، އަލިފާނުން ކެކި ހިލައަށް ބަދަލުވެފައިވާ މަށްޓާއި، ނަރަކައިގެ ވާދީއެއް ހިމެނެ އެވެ.

ލޫޠުގެފާނުގެ ޤައުމުގެ މީހުން ހަލާކުކުރެއްވި ގޮތުގެ ވާހަކަ ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ބަޔާންކުރައްވާފައި ވެ އެވެ. އެއާޔަތްތަކުގެ ތެރެއިން އަލްއަޢުރާފު ސޫރަތުގެ 84 ވަނަ އާޔަތުގެ މާނައީ:

"އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!"

ހޫދު ސޫރަތުގެ 82 ވަނަ އާޔަތާއި 83 ވަނަ އާޔަތުގެ މާނައީ:

"ދެން ފަހެ، ތިމަންރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައި ހިނދު، އެ ރަށުގެ މައްޗަށް އޮތް ފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ."
"ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ފާހަގަކުރައްވާފައިވާ ގޮތުގަ އެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެ އެވެ."

އެމީހުންގެ މައްޗަށް ވެއްސެވި ހިލައިގެ ވާރޭ ގައިވާ ކޮންމެ ހިލަކޮޅަކީ، އެމީހުންގެ ތެރެއިން ސީދާ ވަކި މީހަކަށް އަމާޒުކުރައްވާފައިވާ ހިލަކޮޅެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. އެ ރަށުގައިވާ މީހުންގެ ގަޔަށާއި، ރަށުން ބޭރުގައިވާ މީހުންގެ ގަޔަށާއި، އަދި އެމީހުންގެ ތެރެއިން ދަތުރުފަތުރުކުރަމުންދިޔަ މީހުންގެ ގަޔަށް ވެސް އެ ހިލަތައް ފޭބިކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. އެމީހުންގެ މައްޗަށް ހިލައިގެ ވާރޭ ވެއްސެވިކަމަށާއި، އެމީހުންގެ ރަށް ބަނޑުން ޖެއްސެވިކަން، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ބަޔާންކުރައްވާފައި ވެ އެވެ.


ބަޙުރުލްމައްޔިތު:

ސަދޫމް ސަހަރު ބަނޑުން ޖެއްސެވުމުން އެ ސަހަރު އޮތް ސަރަޙައްދުގައި އުފެދިފައި ވަނީ، އާދަޔާޚިލާފު ކަނޑެކެވެ. އެ ކަނޑަށް އާންމުކޮށް ކިޔަނީ، ޑެޑްސީ އެވެ. ޢަރަބި ބަހުން ކިޔަނީ، އަލްބަޙުރުލްމައްޔިތު އެވެ. އެއީ ބަންދުވެފައިވާ ކަނޑެކެވެ. އެއީ، ދުނިޔޭގެ އެހެން ކަނޑުތަކާ ގުޅިފައިވާ ކަނޑެއް ނޫނެވެ. ހޫދު ސޫރަތުގެ 82 ވަނަ އާޔަތުން އެނގޭ ގޮތުގައި، ސަދޫމަށް ބާރުގަދަ ބިންހެލުމެއް އަޔެވެ. އަދި އަލިފާން ފަރުބަދައެއް ގޮވި ކަމާއި، އެ އަލިފާން ފަރުބަދައިން މައްޗަށް އެރި އެއްޗެހި ފޭބިކަން ވެސް އެނގެ އެވެ. މިޒަމާނުގެ ހޯދުންތަކުން ވެސް ސާބިތުވެފައިވަނީ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތަށް އެކަން ހިނގި ކަމެވެ.

ތާރީޚީ ގޮތުން ބަލާއިރު، ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ޢަޛާބު ފޮނުއްވި ދުވަސްވަރު ކަމަށް ބެލެވިފައިވަނީ، ސަލާމްލެއްވި ޢީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ ކުރީގެ 1800 ވަނަ އަހަރުގެ ކުރި އެވެ.

ބަޙުރުލްމައްޔިތު އޮންނަނީ، އުރުދުން ވާދީގައިވާ އަޑިގުޑަނުގެ ތެރޭގަ އެވެ. އެއީ، ދުނިޔޭގެ ބިމުގައިވާ އެންމެ އަޑި ތަން ކަމަށް މަޝްހޫރުވެފައި ވެ އެވެ. 2013 ވަނަ އަހަރުގެ މަޢުލޫމާތަށް ބަލާއިރު، ބަޙުރުލްމައްޔިތުގެ އައްސޭރިފަށް އޮންނަނީ، މެދުތެރޭ ކަނޑުގެ ލޮނުގަނޑުގެ މަތިން ފެށިގެން ގާތްގަނޑަކަށް 400 މީޓަރު އަޑީގަ އެވެ.

ބަޙުރުލްމައްޔިތަކީ، ދުނިޔޭގެ އެހެން ކަނޑުތަކަށްވުރެ ލޮނުކަން ގަދަ ކަނޑެކެވެ. އެކަނޑުގެ ލޮނުގެ ނިސްބަތް 34 އިންސައްތައަށް އަރަ އެވެ. އެއީ އެންމެ ކާރީގައިވާ މެދުތެރޭ ކަނޑުގައިވާ ލޮނުގެ ނިސްބަތުގެ 9 ގުނަ އިތުރު މިންވަރެކެވެ. ޢިލްމީ ނަޒަރަކުން ބަލާއިރު، އެ ކަނޑުގެ ލޮނުގެ ނިސްބަތް މަތިވެފައިވަނީ، އެއީ ބަންދުވެފައިވާ ކަނޑެއް ކަމުގައިވާތީ އެވެ. އެއީ، އެ ކަނޑަށް އޮއްސޭ ކަނޑެކެވެ. އުރުދުން ކޯރު އޮއްސެނީ އެ ކަނޑަށެވެ. އެހެނަސް އެއީ، އެ ކަނޑުން ދުނިޔޭގެ އެހެން ކަނޑަކަށް އެއްޗެއް ބޭރުވެގެންދާ ކަނޑެއް ނޫނެވެ.

ބަޙުރުލްމައްޔިތުގެ އެންމެ ފުޅާ ހިސާބުގައި ވަނީ، 17 ކިލޯމީޓަރެވެ. އެކަނޑުގެ ދިގުމިނަކީ، ގާތްގަނޑަކަށް 70 ކިލޯމީޓަރެވެ. އައްސޭރިފަށުގެ ދިގުމިނަކީ، 135 ކިލޯމީޓަރެވެ. އެންމެ ފުންހިސާބުގައި ވަނީ، 399 މީޓަރެވެ. މެދުމިން ފުންމިނަކީ، 200 މީޓަރެވެ. 2010 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެ ކަނޑުގެ އޭރިޔާ އަކީ، ގާތްގަނޑަކަށް 650 އަކަ ކިލޯމީޓަރެވެ. ކޮޑިމިނަކީ، 114 ކޮޑި ކިލޯމީޓަރެވެ. އޭގެ ކުރިން ފާއިތުވެފައިވާ ސާޅީހަކަށް އަހަރުގެ ތެރޭގައި، އެ ކަނޑުގެ 35 އިންސައްތަ އަށްވުރެ ބޮޑުބައި ވަނީ، ނެތިފަ އެވެ. ޢިލްމީ ގޮތުން ބަލާއިރު، އެކަން އެހެން މެދުވެރިވެފައިވަނީ، އެ ސަރަޙައްދުގެ ހޫނުކަން މައްޗަށް ދިއުމާއި، އާވީގެ ގޮތުގައި އެ ކަނޑުން އަރައިގެންދާ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން އެކަނޑުގެ ލޮނުގެ ނިސްބަތް ދުވަހެއް ދުވަހަކަށްވުރެ އިތުރުވަމުންދެ އެވެ. އަދި އެކަނޑުން އެކިއެކި މާއްދާތައް ނެގުމަށްޓަކައި ކުރެވޭ ޞިނާޢީ މަސައްކަތްތަކުގެ ސަބަބުން ވެސް، އެކަނޑު ކުޑައަޑިވަމުންދެ އެވެ.

އިހުޒަމާނުގައި، ބަޙުރުލްމައްޔިތަށް އެތައް ނަންތަކެއް ދެވިފައި ވެ އެވެ. ތައުރާތުގައި އެ ކަނޑަށް ދެވިފައިވާ ނަންތަކުގެ ތެރޭގައި، "ލޮނުކަނޑު" ނުވަތަ ބަޙުރުލްމިލްޙު (بحر الملح) ހިމެނެ އެވެ. ސަލާމްލެއްވި ޢީސާގެފާނުގެ ޒަމާނުގައި އެކަނޑަށް ދެވިފައިވާ ނަމަކީ، "މަރުގެ ކަނޑު" ނުވަތަ ބަޙުރުލްމައުތު (بحر الموت) އާއި، "ސަދޫމު ކަނޑު" ނުވަތަ ބަޙުރު ސަދޫމް (بحر سدوم) އެވެ. "އަޙުސަނުއްތަޤާސީމި ފީ މަޢުރިފަތިލް އަޤާލީމި" (أحسن التقاسيم في معرفة الأقاليم) އެވެ، ކިޔާ ފޮތުގައި އަލްމަޤުދިސީ (المَقْدِسِيّ) އެ ކަނޑަށް ދެއްވާފައިވާ ނަމަކީ، "ބަންޑުންޖެހިފައިވާ ކަނޑު" ނުވަތަ އަލްބުޙައިރަތުލް މަޤުލޫބާ (البحيرة المقلوبة) އެވެ. އެ ކަނޑު ލޫޠުގެފާނަށް ނިސްބަތްކޮށް، ބުޙައިރަތު ލޫޠު (بحيرة لوط) ނުވަތަ ލޭކް އޮފް ލޫޠު ގެ ނަން ވެސް ދެވިފައި ވެ އެވެ. އެންމެ ފުރަތަމަ އެ ކަނޑަށް ބަޙުރުލްމައްޔިތު ގެ ނަމުން ނަންދިނީ ޔޫނާނީންނެވެ. އެމީހުން އެ ނަން ދިނީ، އެ ކަނޑުގައި އެއްވެސް ދިރޭ އެއްޗެއް ނޫޅޭތީ އެވެ. ޢިލްމީ ނަޒަރަކުން ބަލާއިރު، އެ ކަނޑުގައި ދިރޭއެއްޗެއް ނޫޅެނީ، އެ ކަނޑުގެ ފެނުގެ ޑެންސިޓީ ދަށްކަމުންނެވެ. އެކަނޑުގެ ފެނުގެ ޑެންސިޓީއަކީ، ގާތްގަނޑަކަށް 30 އިންސައްތަ އެވެ.

ބަޙުރުލްމައްޔިތުގައި ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ބައެއް އަސަރުތައް މިއަދާ ހަމައަށް ވެސް ފެންނަން އެބަހުއްޓެވެ. އެއީ ޢިބްރަތް ޙާޞިލުކުރާ ބަޔަކަށް، މާތް ﷲ ލައްވާފައިވާ ހެކިތަކެކެވެ. ބަޙުރުލްމައްޔިތުގެ ދެކުނުކޮޅުގައިވާ އެ އަސަރުތައް، ރަނގަޅަށް އިރުގެ އަލި ވާޞިލުވާއިރު، ޙައިރާންކުރުވަނިވި ގޮތެއްގައި ފެނެ އެވެ. އެ އަސަރުތަކުން އެއީ، ކުރިން މީހުން ދިރިއުޅުނު، ތަނެއް ކަން ވެސް އެނގެ އެވެ.


ޢުޤޫބާތް:

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެ އެވެ.

(لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ)
ރިވާކުރެއްވީ: އަޙްމަދު.

މާނައީ، "ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި (ފާޙިޝް) ޢަމަލު ކޮށްފި މީހަކަށް ﷲ ލަޢުނަތް ލެއްވި އެވެ."

މި ޙަދީޘްފުޅު ޙަދީޘްކުރެއްވި ހިނދު، އިތުރުއެކަލޭގެފާނު މިހެން ތިންފަހަރު ޙަދީޘްކުރެއްވި އެވެ.

ޢަބްދު ﷲ ބްނު ޢަމްރު ވިދާޅުވެފައި ވެ އެވެ.

"ލިވާޠުކުރާ މީހުން ޤިޔާމަތްދުވަހު މަޙުޝަރުކުރެއްވޭނީ، ރާމާމަކުނާއި، އޫރުގެ ސިފައިގަ އެވެ."

ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.

ފިރިހެނަކު ފިރިހެނަކާއެކު ލިވާޠުކުރަން ފަށައިފިނަމަ، ރަޙުމަތުގެ މަލާއިކަތުން އެތަނުން ދުރަށް ވަޑައިގަންނަވާނެ އެވެ.
އަދި އެމީހުންގެ ގާތަށް ޝައިޠާނުން އެއްވެ، އެމީހުންގެ ވަށައިގެން ތިބޭނެ އެވެ.
އަދި ބިމުގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ބިން ރޮއި އާދޭސް ދަންނަވާނެ އެވެ.
އަދި އެމީހުންނާއެކު ގަންބަވައިގަތުމުގެ އިޛުނަ ދެއްވުން އެދި ބިން، މާތް ﷲ ގެ ޙަޟުރަތުގައި ދަންނަވާނެ އެވެ.
ދެން ލިވާޠުކުރާ މީހުންގެ މައްޗަށް ޖައްބާރުވަންތަ ރަސްކަލާނގެ ލަޢުނަތް ލައްވާނެ އެވެ.
އެމީހުން މަރުގެންނެވޭހިނދު އެމީހުންގެ ފުރާނަތައް ގެންދެވޭނީ، ޖަހަންނަމައިގައި އެމީހުންނަށް ޢަޛާބުދެއްވާނެ ތަނަށެވެ. އެތަނަކީ، ޒިނޭކުރާ މީހުންނަށް ޢަޛާބުދެއްވާ ތަނަށްވުރެ ޢަޛާބު ގަދަވެގެންވާ ތަނެކެވެ.

ލިވާޠުކުރާ މީހުންނަކީ، ކަށްވަޅުގައި ވެސް ވަރަށް ބޮޑު ޢަޛާބެއް ލިބެމުންދާނެ ބަޔެކެވެ. އެ މީހުންނަށް ހުރި ކަށްވަޅުގެ އަޒާބު ބަޔާންކޮށްދޭ ވާހަކައެއް، "އައްޒަވާޖިރް" އެވެ، ކިޔާ ފޮތުގައި އިބްނު ޙަޖަރު ގެނެސްދެއްވާފައިވެ އެވެ. އެވާހަކައިގައި ވަނީ، ސަލާމްލެއްވި ޢީސާގެފާނަށް ފެނިވަޑައިގަތް ހާދިސާއެކެވެ.

އެ ވާހަކަ ބުނާ ގޮތުގައި، ސަލާމްލެއްވި ޢީސާގެފާނުގެ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއްގައި، އެކަލޭގެނަށް ވަރަށް އާދަޔާ ޚިލާފު ހާދިސާއެއް ފެނިވަޑައިގަތެވެ. އެ ހާދިސާގައި އެކަލޭގެފާނަށް ފެނިވަޑައިގަތީ މަރުވެފައިވާ މީހެއްގެ ގައިގައި އަލިފާން ރޯވެ އަނދަމުންދަނިކޮށެވެ. އެހިނދު އެކަލޭގެފާނު އެ އަލިފާންގަނޑު ނިއްވާލެއްވުމަށްޓަކައި ފެންއެއްޗެއް އެމީހާގެ ގަޔަށް އޮއްސަވައިލެއްވި އެވެ. އެވަގުތު އެމީހާ އަލިފާންގަނޑަކަށް ބަދަލުވެ، އެމީހާގެ ގައިގައި ރޯވެ އަނދަމުންދިޔަ އަލިފާންގަނޑު ޅަފުރައިގެ ފިރިހެން ކުއްޖަކަށް ބަދަލުވި އެވެ. އެކަމާމެދު ޙައިރާންފުޅުވެވަޑައިގެން، އެ ދެ މީހުންގެ ޚަބަރު އޮޅުންފިލުއްވަވައި ދެއްވުން އެދި، އެކަލޭގެފާނު މާތް ﷲ ގެ ޙަޟުރަތުގައި ދެންނެވި އެވެ.

އެހިނދު މާތް ﷲ އެ ދެ މީހުންނަށް ދިރުން ދެއްވައި، އެ ދެ މީހުން އަލުން ދުނިޔެއަށް ފޮނުއްވެވި އެވެ. އެއީ ބާލިޣުވެ ފުރާފުރިހަމަވެފައިވާ ފިރިހެނަކާއި، ޅަފުރައިގެ ފިރިހެން ކުއްޖެކެވެ. ޢީސާގެފާނު އެ ދެ މީހުންކުރެން އެއްސެވި އެވެ. ތިޔައިގެ ދެ މީހުންނަށް ތިޔަ ޙާލު ޖެހުނު ސަބަބަކީ ކޮބައިހެއްޔެވެ؟

ބާލިޣުވެފައިވާ މީހާ ދެންނެވި އެވެ.

ﷲ ގެ ނަބިއްޔާ އެވެ! ތިމަންނާ ދިރިދުނިޔޭގައި އުޅުނުއިރު މި ކުއްޖާ ދެކެ ލޯބިވުމުގެ އިމްތިޙާނަށް ހުށަހެޅުނެވެ. އެ ލޯބީގައި ޝަހުވަތްތެރިކަމަށް އިޖާބަދީ، މި ކުއްޖާއާއެކު ލިވާޠުކޮށް އުޅުނީމެވެ. ފަހެ، އަޖަލުޖެހި ތިމަންނާ މަރުވިފަހުން މި ކުއްޖާ ވެސް މަރުވި އެވެ. ދެން ތިމަންމެން ދެމީހުންނަކީ އެކަކު އަނެކެއްގެ ހަށިގަނޑު އަންދާ އަލިފާނެއް ކަމުގައި މާތް ﷲ ލެއްވެވި އެވެ. ބައެއް ފަހަރު އޭނާގެ ހަށިގަނޑު އަލިފާނަށް ބަދަލުވެ، އެ އަލިފާން ތިމަންނާގެ ހަށިގަނޑު އަންދަމުން ގެންދެ އެވެ. އަދި ބައެއް ފަހަރު ތިމަންނާގެ ހަށިގަނޑު އަލިފާނަށް ބަދަލުވެ، އެ އަލިފާން އޭނާގެ ހަށިގަނޑު އަންދަމުން ގެންދެ އެވެ. ޤިޔާމަތްދުވަސް އަތުވެއްޖައުމަށްދާންދެން ތިމަންމެން ދެމީހުންނަށް މި އަޒާބު ލިބެމުންދާނެ އެވެ.

މި ހާދިސާގައި މާތް ﷲ ދައްކަވާފައި މިވަނީ، ލިވާޠުކުރާ މީހުންނަށް ހުރި ކަށްވަޅުގެ އަޒާބެވެ. ލިވާޠުކުރުމަކީ ބޮޑު ފާފަތަކުގެ ތެރެއިން ފާފައެކެވެ. އެ ފާފަކުރާ މީހުންނަށް ކަށްވަޅުގައި ލައްވާފައިވާ ޢަޒާބަށްވުރެ ވޭންދެނިވި އަޒާބުތައް ޖަހަންނަމައިގައި ވެ އެވެ.


ލޫޠުގެފާނު ސަލާމަތްކުރެއްވުން:

މާތް ﷲ، ސަދޫމު ސަހަރާއި، އެ ސަހަރުގެ މީހުން ހަލާކުކުރެއްވިއިރު، ލޫޠުގެފާނާއި، އެކަލޭގެފާނުގެ އަހުލުބައިތުން ސަލާމަތްކުރެއްވި އެވެ. އެކަލޭގެފާނުގެ އަހުލުބައިތުންގެ ތެރެއިން، ސަލާމަތް ނުކުރައްވަނީ، އެކަލޭގެފާނުގެ އަނބިކަނބަލުންނެވެ. އޭނާގެ ނަމަކީ، ވާލިހާ (والهة) ކަމަށާއި، ވާލިޢާ (والعة) ކަމަށް ރިވާވެފައި ވެ އެވެ. މާތް ﷲ، އެކަލޭގެފާނު ސަލާމަތްކުރެއްވުމުން، އެކަލޭގެފާނު އެކަލާނގެ ޙަޟުރަތަށް އަޅުކަންކުރައްވައި، ހެޔޮ ކަންތައްތައް ކުރެއްވުމުގެ މަތީގައި ދެމިހުންނެވި އެވެ. އެކަލޭގެފާނުގެ އަވަހާރަވެއްޖައުމަށް ދާންދެން ދެމިހުންނެވީ އެގޮތުގެ މަތީގަ އެވެ.

މާތް ﷲ، ލޫޠުގެފާނު ސަލާމަތްކުރެއްވި ވާހަކަ، ކީރިތި ޤުރުއާނުގެ މޫރިތި އެތައް އާޔަތެއްގައި ބަޔާންކުރައްވާފައި ވެ އެވެ. އެ އާޔަތްތަކުގެ ތެރެއިން، އަލްއަންބިޔާއު ސޫރަތުގެ 72 ވަނަ އާޔަތުގެ މާނައީ:

"ލޫޠުގެފާނަށް ތިމަންރަސްކަލާނގެ ޙިކުމަތްތެރިކަމާއި، ޢިލްމު ދެއްވީމެވެ. އަދި ނުބައި ފާފަތައް ކޮށްއުޅުނު ރަށުގެ (މީހުންގެ) ކިބައިން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެން ވީ، ނުބައިކަމުގެ އަހުލުވެރި، ފާސިޤު ބަޔަކު ކަމުގަ އެވެ."

އަލްއަޢުރާފު ސޫރަތުގެ 83 ވަނަ އާޔަތުގެ މާނައީ:

"ފަހެ، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެކަނބުލޭގެވީ، ހަލާކުވެދިޔަ މީހުންގެ ތެރެއިންނެވެ."

އައްޝުޢަރާއު ސޫރަތުގެ 165 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 171 އާޔަތުގެ ނިޔަލަށް، ލޫޠޫގެފާނު ދެއްކެވި ބައެއް ވާހަކަފުޅުތަކާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުން ދިން ޖަވާބާއި، މާތް ﷲ އެކަލޭގެފާނު ސަލާމަތްކުރެއްވި ވާހަކަ ބަޔާންކުރައްވާފައި ވެ އެވެ.

"ޚަލްޤުތަކުންގެ ތެރެއިން ފިރިހެނުންގެ ގާތަށް ތިޔަބައިމީހުން އަންނަނީ ހެއްޔެވެ؟"
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (ޙަލާލުކުރައްވައި) ދެއްވާފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައި ކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމު އެވެ."
އެއުރެން ދެންނެވޫ އެވެ. އޭ ލޫޠޫގެފާނޭވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލައްވައިފިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ."
"އެކަލޭގެފާނު ވިދާޅުވި އެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ ޢަމަލަށް (އެބަހީ: ލިވާޠުގެ ޢަމަލަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ."
"އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ކުރާ ޢަމަލުން މި އަޅާ އާއި، މި އަޅާގެ އަހުލުވެރިން ސަލާމަތްކުރައްވާންދޭވެ!"
"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރި އެންމެން ސަލާމަތްކުރެއްވީމެވެ."
"ޢަޛާބުލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީ އެވެ."


ލޫޠުގެފާނުގެ މަޤާމުފުޅު:

ލޫޠުގެފާނުގެ މަޤާމުފުފުޅު ވަނީ، އުރުދުންގެ ޣޫރުއްޞާފީ (غور الصافي) އެވެ، ކިޔާ ރަށުގެ އިރުމަތީ ފަރުބަދައިގަ އެވެ. އެ މަޤާމުފުޅު ބިނާކުރެވިފައިވަނީ، ދިގު ހަތަރެސްކަން ބައްޓަމަށެވެ. އެތަނުގެ ދޮރުކޮޅު ވަނީ މަތީގަ އެވެ. ދޮރުކޮޅުގެ އިތުރުން އަރިމަތީގައި ތިން ކިޑިކީ ވެ އެވެ. އެ މަޤާމުފުޅު ކަޝްފުވީ، 1986 ވަނަ އަހަރު، އާސާރީ ތަކެއްޗާ ބެހޭ ޢާލިމުން ހޯއްދެވި ހޯއްދެވުންތަކެއްގެ ތެރޭގަ އެވެ. އެ ތަނުން ފެނުނު ބިނާތައް މިހާރު ވަނީ، އާބާތުރަފިލުވައި މަރާމާތުކުރެވިފަ އެވެ.

ޢާލިމުން ވިދާޅުވާ ގޮތުގައި، ލޫޠުގެފާނުގެ މަޤާމުފުޅު ކަމަށް ކަޝްފުވި ހޮހަޅައަކީ، މީގެ ފަސްހާސް އަހަރު ކުރީގެ ތާރީޚަކަށް ރުޖޫޢަވާ ތަނެކެވެ. އެތަން ކަޝްފުވިފަހުން، ދުނިޔޭގެ ކަންކޮޅުތަކުން އެތަނަށް ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. އެއީ، މަސީޙީންގެ ޙައްޖާޖީންގެ މަޒާރެއް ވެސް މެ އެވެ.

އެތާނގެ ތަޅުމުގައިވަނީ، ފުސައިފުސާއު ޖަހާފަ އެވެ. މަތީގައި ވަނީ، ގަސްގަހާގެއްސާއި ޖަނަވާރުތަކާއި ދޫނިސޫފާސޫފީގެ ކުރެހުންތަކެވެ. އެ ކުރެހުންތަކުން ކިޔާދެނީ ލޫޠުގެފާނުގެ ވާހަކަ އެވެ. އެތާނގައިވާ އެއްޗިއްސަށް ބަލާއިރު، އެއީ، ދީނީ ގޮތުން މާތް ތަނެއްކަން އެނގެ އެވެ. އުރުދުންގެ މުސްލިމުންނާއި، ނަޞާރާއިންގެ ގުޅުންތައް އެތަނާގުޅި އިތުރަށް ބަދަހިވެ އެވެ.

ޢާލިމުންނާއި، އާސާރީ ތަކެތި ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، ލޫޠޫގެފާނުގެ ޤައުމަށް ޢަޛާބު ފޮނުއްވި ހިނދު، އެކަލޭގެފާނު ވަޑައިގެންނެވީ އެތަނަށެވެ. ސަދޫމު ސަހަރަށް މާތް ﷲ ކޯފާ ލައްވައި، އެސަހަރު ހަލާކުކޮށްލެއްވި އިރު، އެކަލޭގެފާނު ހުންނެވީ އެތާނގަ އެވެ. އަދި އެކަލޭގެފާނުގެ ދެ ފިރިހެން ބޭފުޅުން ކަމުގައިވާ، މުއާބު (مؤاب) އާއި، ޢަމޫން (عمون) ބޮޑުފުޅުވީ ވެސް އެތާނގަ އެވެ. އެތަނަކީ، ލޫޠޫގެފާނުގެ ޒަމާނުގެ ވާހަކަތައް، ފަހުޒަމާންތަކަށް ވާޞިލުކޮށްދޭ މަޞްދަރެކެވެ.