ލޯބި ދާ ކޮންމެ ތަނަކަށް ...


އެއްދުވަހަކު ހެނދުނު އަންހެނަކު އޭނާގެ ގެއިން ބޭރަށް ނުކުތްއިރު، ޢުމުރުން ދުވަސްވެފައިވާ ތިން މީހަކު ފެނުނެވެ. އެ ތިން މީހުން ތިބީ، އޭނާގެ ގޭ ދޮރާށްޓާ ދާދި ކައިރީގައި އިށީނދެގެންނެވެ. އެއީ ކޮން ބަޔެއްކަން އެކަނބުލޭގެއަކަށް ނޭނގެ އެވެ. އެކަނބުލޭގެ ހީކުރީ، އެއީ ދަތުރުވެރި ބީރައްޓެހިންތަކެއް ކަމަށެވެ. މިހެންވެ، އެމީހުން ގެއަށް ވަދެ ކައިބޮއި ހެދުމަށް އިޝާރާތްކުރި އެވެ.

އެމީހުން ބުންޏެވެ. "ކަނބުލޭގެ ފިރިމީހާ ގޭގައި އެބައުޅޭހެއްޔެވެ؟"

އެކަނބުލޭގެ ބުންޏެވެ. "މިވަގުތު އޭނާވީ ބޭރުގަ އެވެ."

އެމީހުން ބުންޏެވެ. "އެހެންކަމަށްވަނީނަމަ، ތިމަންމެންނަކު ތިޔަ ގެއަކަށް ނުވަންނާނަމު އެވެ."

އެދުވަހު ހަވީރު، އެކަނބުލޭގެ ފިރިމީހާ ގެއަށް އައުމުން، އެމީހުންގެ ވާހަކަ ފިރިމީހާއަށް ކިޔާދިނެވެ.

ފިރިމީހާ ބުންޏެވެ. "އެމީހުން ތިބިނަމަ، ގެއަށް ވަނުމަށް ދަޢުވަތު ދީބަލާށެވެ!"

ދެން އެކަނބުލޭގެ އެމީހުންގެ ގާތަށް ގޮސް، އެމީހުން ގެއަށް ވަނުމަށް ފިރިމީހާ ދިން ދަޢުވަތު އެމީހުންނަށް ފޯރުކުރި އެވެ.

އެމީހުން ބުންޏެވެ. "ތިމަންމެންގެ ތިން މީހުންނަށް ދެވޭ ދަޢުވަތެއް ޤަބޫލުކޮށް، އެއްފަހަރާ އެއްވެސް ގެއަކަށް ތިމަންމެން ނުވަންނަމު އެވެ."

އެކަނބުލޭގެ ބުންޏެވެ. "އެއީ ކީއްވެހެއްޔެވެ؟"

އެމީހުންގެ ތެރެއިން އެކަކު ޖަވާބުދިނެވެ. "ތިމަންމެން ތިން މީހުންގެ ތެރެއިން، އެކެއްގެ ނަމަކީ، މުއްސަނދިކަމެވެ. އަނެކެއްގެ ނަމަކީ، ކާމިޔާބެވެ. އަދި ތިމަންނާގެ ނަމަކީ، ލޯތްބެވެ. ތިމަންމެން ތިން މީހުންކުރެ، ގެއަށް ވަންނަންވީ ކާކުތޯ، ތިބާގެ ފިރިމީހާ ކުރެން ނިކަން އަހައިބަލާށެވެ!"

ދެން އެކަނބުލޭގެ ގޮސް ފިރިމީހާއަށް އެމީހުންގެ ކަންތައް ހުރިގޮތުގެ ވާހަކަ ކިޔައިދިނެވެ. ނުހަނު އުފާފާޅުކޮށްފައި ފިރިމީހާ ބުންޏެވެ. "މުއްސަނދިކަމަށް ދަޢުވަތު ދޭށެވެ! އޭނާ މިގެއަށް ވަދެ ތިމަންމެން މުއްސަނދިކޮށްދީފާނެ އެވެ."

އެހިނދު އަނބިމީހާ ބުންޏެވެ. "ކާމިޔާބަށް ދަޢުވަތު ނުދޭންވީ ކީއްވެހެއްޔެވެ؟ އޭނާ އައިސް ތިމަންމެން ކާމިޔާބު ބަޔަކަށް ހަދައިދީފާނެ އެވެ."

މިކަމުގައި ފިރިމީހާއާއި އަނބިމީހާގެ ޚިޔާލު ތަފާތުވެއްޖެ އެވެ. ދެމީހުންކުރެ ކޮންމެ މީހަކު ބޭނުންވީ، ތަފާތު ދެމީހަކަށް ދަޢުވަތުދިނުމަށެވެ. ދެމަފިރިން ޖަދަލުކުރުމުގައި ކުރިޔަށްދާން ފެށުމުގެން، ގޭތެރޭގެ އެއްކަނެއްގައި ހުރެފައި، ދޮންދަރިފުޅު ބުންޏެވެ.

"ލޯތްބަށް ދަޢުވަތު ނުދޭންވީ ކީއްވެހެއްޔެވެ؟ ތިމަންމެންގެ މެދުގައި ނެތް އެއްޗަކީ ލޯބި ނޫންހެއްޔެވެ؟"

ދޮންދަރިފުޅުގެ ޚިޔާލާމެދު، ދެމަފިރިން އިރުކޮޅަކު ވިސްނާ ފިކުރުކުރި އެވެ. އެއަށްފަހު، އޭނާގެ ޚިޔާލު ޤަބޫލުކުރި އެވެ. ދެން އަނބިމީހާ ގޮސް، ލޯތްބަށް ދަޢުވަތު ދިނެވެ. އެ ދަޢުވަތު ޤަބޫލުކޮށް، ގެއަށްވަނުމަށްޓަކައި ލޯބި ހިނގައިގަތުމުން، މުއްސަނދިކަމާއި، ކާމިޔާބު އޭނާގެ ފަހަތުން ހިނގައިގެންފި އެވެ.

އެހިނދު ނުހަނު ޙައިރާންކަމާއެކު، އެކަނބުލޭގެ ބުންޏެވެ. "ތިމަންނާ ދަޢުވަތުދިނީ، ލޯތްބަށެވެ. މުއްސަނދިކަމާއި، ކާމިޔާބަކަށް ދަޢުވަތެއް ނުދެމެވެ. ލޯތްބާއެކު، ތިޔައިގެ ދެމީހުން ގެއަށް ވަންނަން ތިދަނީ ކީއްވެހެއްޔެވެ؟"

މުއްސަނދިކަމާއި، ކާމިޔާބު، އެކަނބުލޭގެއަށް ޖަވާބުދެމުން ބުންޏެވެ.

"ތިބާ، މުއްސަނދިކަމަށް ދަޢުވަތުދިން ނަމަ، ކާމިޔާބާއި ލޯބި، ގެޔަކަށް ނުވަންނާނެ އެވެ.
ތިބާ، ކާމިޔާބަށް ދަޢުވަތުދިންނަ ނަމަ، މުއްސަނދިކަމާއި ލޯބި، ގެޔަކަށް ނުވަންނާނެ އެވެ.
ތިބާ ދަޢުވަތުދިނީ ލޯތްބަކަށް ނޫންހެއްޔެވެ؟
ލޯބި ދާ ކޮންމެ ތަނަކަށް، މުއްސަނދިކަމާއި، ކާމިޔާބު ދާނެ އެވެ."

ދެންފަހެ، ލޯތްކާއެކު، މުއްސަނދިކަމާއި، ކާމިޔާބު، އެ ގެއަށް ވަނެވެ. އަދި އެމީހުން، އެ ގެއަކީ، ލޯތްބާއި، މުއްސަނދިކަމާއި، ކާމިޔާބުން ފުރިފައިވާ ގެއެއް ކަމަށް ހަދައިލި އެވެ.


މަޞްދަރު: ޢިރާޤު.އައިއާރު ފޯރަމް