ޙިކުމަތްތެރި މަޖޫސީއެއްގެ ވާހަކަ
އެއްދުވަހަކު، އަބޫ މުސްލިމުލް ޚުރާސާނީ އަށް،
މަޖޫސީއަކު ފެނިވަޑައިގަތެވެ. އެއީ، މަޖޫސީންގެ ތެރެއިން
ޙިކުމަތްތެރިއެކެވެ.
އަބޫ މުސްލިމު ވިދާޅުވި އެވެ. "ތިބާ ޙިކުމަތްތެރިއަކަށްވީ
ކިހިނަކުންހެއްޔެވެ؟"
މަޖޫސީ ދެންނެވި އެވެ. "ދުނިޔޭގެ ދަހިވެތިކަމާއި
ދޮގުހެދުން ދޫކޮށްލީމެވެ. އަދި ތިމަންނާ އަޅުކަންކުރާ
އިލާހު، ކޮންމެ ދުވަހަކު ހެނދުނު ބިންމައްޗަށް ވައްޓާލައި،
އެއަށް ފައިން އަރަމެވެ."
އޭނާ މިހެން ދެންނެވުމުން، އޭނާ ޤަތުލުކުރުމަށް، އަބޫ
މުސްލިމު އަމުރުކުރެއްވި އެވެ.
އެހިނދު، މަޖޫސީ ދެންނެވި އެވެ. "މާތް މަނިކުފާނެވެ!
ތިމަންނާ ޤަތުލުކުރެއްވުމަށް
އަވަސްވެވަޑައިނުގަންނަވާށެވެ!"
ދެން އަބޫ މުސްލިމު ސުވާލުކުރެއްވި އެވެ. "ތިބާ
އަޅުކަންކުރާ އިލާހު ބިންމައްޗަށް ވައްޓާލައި، އެއަށް
ފައިން އަރާ ކަމަށް ބުނި ބަހުގެ މާނައަކީ ކޮބައިހެއްޔެވެ؟"
މަޖޫސީ ދެންނެވި އެވެ. "ކީރިތި ޤުރުއާނުގައި ވެ އެވެ.
(أَفَرَأَيْتَ مَنِ اتَّخَذَ إِلَهَهُ هَوَاهُ وَأَضَلَّهُ
اللَّهُ عَلَى عِلْمٍ وَخَتَمَ عَلَى سَمْعِهِ وَقَلْبِهِ
وَجَعَلَ عَلَى بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن
بَعْدِ اللَّهِ أَفَلا تَذَكَّرُونَ)
އަލްޖާޘިޔާ: 23
މާނައީ، "ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު
އަޅުކަންކުރާ އިލާހެއް ކަމުގައި ހަދައި، އަދި ޢިލްމު
ލިބިފައިވުމާއެކުވެސް، ﷲ އެމީހަކު މަގުފުރައްދަވައި، އަދި
އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދި އޭނާގެ
ލޮލުގައި ފަރުދާއެއް ލައްވައިފި މީހާ، ކަލޭގެފާނު
ދެކެވަޑައިގަތީމުތޯ އެވެ؟ ﷲ މެނުވީ އެމީހަކަށް ތެދުމަގު
ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން
ހަނދުމަނުކުރަނީހެއްޔެވެ؟"
މި އާޔަތް ކިޔެވުމަށްފަހު މަޖޫސީ ބުންޏެވެ. "އަޅުގަނޑު
ފައިން އަރަނީ، އަޅުގަނޑުގެ އަމިއްލަ އެދުންތައް، އިލާހެއް
ކަމުގައި ދެއްކި އެތީގެ މައްޗަށެވެ."
އަބޫ މުސްލިމު ވިދާޅުވި އެވެ. "ތިހާ ބޮޑު
ޙިކުމަތްތެރިއަކު، އިސްލާމްނުވެ ހުންނަނީ ކީއްވެހެއްޔެވެ؟"
މަޖޫސީ ދެންނެވި އެވެ. "ހިތްވަނީ ތަޅުލެވިފަ އެވެ.
ތަޅުދަނޑި ވަނީ ތިމަންނާގެ އަތަކު ނޫނެވެ."
ދެން އަބޫ މުސްލިމު، ވުޟޫކުރައްވައިގެން އަރިހުގައި
ތިއްބެވި މުސްލިމުންނާއެކު، ދެރަކުޢަތް ނަމާދެއްކުރެއްވި
އެވެ. އަދި މަޖޫސީ ޙިކުމަތްތެރިއާއަށް، ތެދުމަގު
ދެއްކެވުން އެދި ދުޢާކުރެއްވި އެވެ.
އެހިނދު މަޖޫސީ ދެންނެވި އެވެ. "މާތް ސާހިބާއެވެ! ހިތުގައި
ލެވިފައިވާ ތަޅު ހުޅުވެން ފަށައިފި އެވެ. އަވަހަށް
ހިންމަވައިދެއްވުމަށް ދަންނަވާށެވެ!"
އަބޫ މުސްލިމު، ދުޢާކުރައްވައި ނިމިވަޑައިގަތުމުން، މަޖޫސީ
ޙިކުމަތްތެރިއާ، ޝަހާދަތް ކިޔައި އިސްލާމްވި އެވެ.
މަޞްދަރު: ވިޞާލުލް ޢަރަބް