ޙައްވާގެފާނު ޚަލްޤުކުރެއްވުން
ބިނާވެށި އާރާސްތުވުމުގައި ޙައްވާގެފާނު
އަދާކުރައްވާފައި ވަނީ، ވަރަށް މުހިންމު ދައުރެކެވެ.
އެކަމަނާއާއި، އެކަމަނާގެ ނަސްލުން އައި އަންހެން
ދަރިންނަކީ، މުޖުތަމަޢުގެ ދެބައިކުޅަ އެއްބަޔެވެ. ބައެއް
ޙާލަތުތަކުގައި، އަންހެނުންގެ ބުރަދަން މުޖުތަމަޢުގެ
ދެބައިކުޅަ އެއްބަޔަށްވުރެ ވެސް މާބޮޑެވެ.
އެއް
ނަޒަރަކުން ބަލާއިރު، އަންހެނަކީ، މާމަ އެވެ. ނުވަތަ
މަންމަ އެވެ. ނުވަތަ ބޮޑުދައިތަ އެވެ. ނުވަތަ ދައްތަ އެވެ.
ނުވަތަ އަންހެން ކޮއްކޮ އެވެ. ނުވަތަ އަންހެން ދަރިފުޅެވެ.
އަދި ޒަވާޖީ ޙަޔާތެއް ޤާއިމުކޮށްފައިވާ ކޮންމެ
ފިރިހެނެއްގެ ޙަޔާތުގެ ބައިވެރިޔާ އެވެ. އެހެން ނަޒަރަކުން
ބަލާއިރު، ބިނާވެށި އާރާސްތުކުރާ ބަޠަލުން އުފެދެނީ
އަންހެނުންގެ އުނގުންނެވެ. މައިވަންތަކަމުގެ މަދްރަސާ
އަކީ، މި ދުނިޔޭގައިވާ އެންމެ މުހިންމު ތަރްބަވީ
މުއައްސަސާ އެވެ. އެ މަދްރަސާ ފާސިދުވެއްޖެނަމަ، މުޅި
އުންމަތް ފާސިދުވެދެ އެވެ. އެ މަދްރަސާ
އިޞްލާޙުވެއްޖެނަމަ، މުޅި އުންމަތް އިޞްލާޙުވެދެ އެވެ.
ފުންނާބުއުސް މުސްލިމު ޅެންވެރިޔާ، އައްޝާޢިރު ޙާފިޡު
އިބްރާހީމް (الشاعر الكبير حافظ ابراهيم) ހައްދަވާފައިވާ
އެންމެ މަޝްހޫރު އެއް ޅެން "ޢިލްމާއި އަޚުލާޤު" (العلم
والأخلاق) އެވެ. އެ ޅެމުގައި ވެ އެވެ.
الأم مدرسة
إذا أعددتها أعددت شعبا طيب الأعراق
މާނައަކީ،
"މައިމީހާއަކީ، މަދްރަސާއެކެވެ. އޭނާ އުފައްދައިފިނަމަ،
(އެބަހީ: ތަރުބިއްޔަތުކޮށްފިނަމަ) ހެޔޮލަފާ ޚުލްޤުހެޔޮ
ބަނިޔާދަން އުންމަތެއް އުފައްދަ އެވެ."
އެހެންވީމާ،
އަންހެނެއްގެ ދައުރަކީ، އިންސާނީ ޙަޔާތުގައި ވަރަށް
މުހިންމު، އަދި އެހައިމެ މަތިވެރި ދައުރެއްކަން އެބައެނގެ
އެވެ. މާތް ﷲ، ޙައްވާގެފާނު ހައްދަވައި، އެކަމަނާއަކީ،
އާދަމުގެފާނުގެ ޙަޔާތްޕުޅުގެ ބައިވެރިޔާ ކަމުގައި ލެއްވެވި
އެވެ. އެކަމަނާއާ ނުލައި އެކަލޭގެފާނުގެ ޙަޔާތްޕުޅު
ފުރިހަމަނުވާނެހެންނެވެ. އަދި އެ ދެ ކަނބަލުންގެ ކިބައިން
ދުނިޔެއަށް އައި އަންހެން ދަރީންނަށް، އެކަމަނާގެ ދައުރު
ވާރުތަކުރެއްވެވި އެވެ. އެއީ، އެކަލާނގެ އިންސާނުންނާ
ޙަވާލުކުރައްވާފައިވާ، ދުނިޔެ އާރާސްތުކޮށް ބިނާވެށި
އުފެއްދުމުގެ ޒިންމާ އަދާކުރުމުގެ މަގު
ތަނަވަސްކޮށްދެއްވުމަށްޓަކަ އެވެ.
އައްނިސާ
ސޫރަތުގެ ފުރަތަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެ
އެވެ.
(يَا أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ
الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ
مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً
وَنِسَاء)
އައްނިސާ: 1
މާނައީ، "އޭ
މީސްތަކުނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަށް،
ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އެކަލާނގެއީ، އެންމެ
ނަފުސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެ އެވެ.
އަދި އެ ނަފުސުގެ ކިބައިން އޭގެ އަނެއް ޖިންސް ހެއްދެވި
އެވެ. އަދި އެ ދެކަނބަލުންގެ ކިބައިން ގިނަ
ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވެވި އެވެ."
އިހުގެ ޢިލްމުވެރިންގެ މެދުގައި ވަނީ، ޙައްވާގެފާނު
ޚަލްޤުކުރެއްވުމާމެދު ދޭހަ ތަފާތުވެފަ އެވެ. ފަހުގެ
ޢިލްމުވެރިންގެ މެދުގައި ވެސް އެކަން އެބައޮތެވެ.
އެކަމާމެދު އުފެދިފައިވާ ސުވާލުތަކުގެ ތެރޭގައި ވެ އެވެ.
ޙައްވާގެފާނު ހެއްދެވުނީ، އާދަމުގެފާނުގެ ހަށިކޮޅުންތޯ
އެވެ؟
ނުވަތަ އެކަލޭގެފާނުގެ ޖިންސްގެ އެހެން
ނަފުސަކުންތޯ އެވެ؟
މި ދެ ސުވާލު އުފެދިފައިވަނީ،
ނަންގަނެވިދިޔަ އާޔަތުގައިވާ (مِنْهَا) މާނަކުރެވޭ
ގޮތުންނެވެ.
މި މައުޟޫޢަށް އިންޞާފުކުރާއިރު،
އަލިއަޅުވާލަންޖެހޭ މުހިންމު ނުކުތާތަކެއް ވެ އެވެ.
އެއިން އެއް ނުކުތާއަކީ، ޙައްވާގެފާނުގެ ނަންފުޅުގެ
މާނައާއި އެ ކަމަނާއަށް އެ ނަންފުޅު ދެއްވުނު ސަބަބުގެ
މައްޗަށް ބަލައިލުމެވެ.
އަނެއް ނުކުތާއަކީ،
ޙައްވާގެފާނު ޚަލްޤުކުރެއްވުމާބެހޭ ގޮތުން ކީރިތި
ޤުރުއާނުގައި ވާރިދުވެފައިވާ މޫރިތި އާޔަތްތަކާއި، އެ
އާޔަތްތަކުގެ ތަފުސީރުގައި މުފައްސިރުން (ތަފުސީރު
ޢިލްމުވެރިން) ވިދާޅުވެފައިވާ ބަސްފުޅުތަކަށް
ބަލައިލުމެވެ.
އެއަށްފަހު، މުފައްސިރުންގެ ބަސްފުޅުތައް
މުނާޤަޝާކުރުމަކީ ވެސް ނުހަނު ބޭނުންތެރި ކަމެކެވެ.
އެއީ، ޙައްވާގެފާނު ޚަލްޤުކުރެއްވުމާބެހޭ ގޮތުން
ވާރިދުވެފައިވާ ރާޖިޙު ރައުޔަކީ ކޮބައިކަން ދެނެގަތުމުގެ
މުހުތާދުގަ އެވެ.
މާތް ﷲ ގެ ވާގިފުޅާއެކު، މިހިސާބަށް
ވާޞިލުވެވިއްޖެނަމަ، ޢިލްމުވެރިން ރާޖިޙު ރައުޔު
އިޚުތިޔާރުކުރެއްވި ސަބަބުތައް، އެބޭކަލުންގެ އަރިހުން
ގެނެސްދޭނަމެވެ.
މި ނުކުތާތަކަށް
އަލިއަޅުވާލުމުގައި، މާތް ﷲގެ ވާގިފުޅާއި، އެކަލާނގެ
ހިންމަވައިދެއްވުމަށް އެދި ދުޢާކުރަމެވެ. އެކަލާނގެއީ،
އެކަލާނގެ ޙަޟުރަތުގައި ކަމަކަށް އެދި ދަންނަވައިފި
އަޅަކަށް ހިންމަވައިދެއްވާ ކުޅަދުންވަންތަ ދީލަތިވަންތަ
ރަސްކަލާނގެ އެވެ. (حسبنا الله ونعم الوكيل)
ޙައްވާގެފާނުގެ ނަންފުޅުގެ މާނަ:
ޢަރަބިބަހުގައި،
"ޙައްވާ" ގެ މާނަތަކުގެ ތެރޭގައި، އޮޅަލިކުލަ އާއި، ކަޅު
ރަތްކުލަ ހިމެނެ އެވެ.
އަލްޖައުހަރީ (الجوهري)
ވިދާޅުވެފައި ވެ އެވެ.
ޙައްވާ (الحوّة) އަކީ،
ތުންފަތުގައިވާ އޮޅަލިކުލަ އެވެ. ބަހަވީ ޢިލްމުވެރިން
ވިދާޅުވާ ގޮތުގައި، މީގެ، ފިރިހެން ނަމަކީ ޢަޙްވާ (أحوى)
އެވެ. އަންހެން ނަމަކީ، ޙައްވާ (حوّاء) އެވެ.
އިބްނު މަންޡޫރު (ابن منظور) ވިދާޅުވެފައި ވެ އެވެ.
އަންހެނެއްގެ ގައިގެ ކުލަ، ކަޅުރަތްކުލައަކަށް ދާނަމަ،
އޭނާއަށް "ޙައްވާ" (حوّاء) އެވެ، ކިޔަ އެވެ.
އިބްނު
ސައްޔިދާ (ابن سيده) ވިދާޅުވެފައި ވެ އެވެ.
"ޙައްވާ"
އެވެ، ކިޔޭ ތުންފަތަކީ (شفة حوّاء) ކަޅުރަތްކުލައިގެ
ތުންފަތެވެ.
އައްޒަމަޚުޝަރީ (الزمخشري)
ވިދާޅުވެފައި ވެ އެވެ.
ޙައްވާ އަކީ، އޮޅަލި ކުލައަށް
ކިޔޭ ނަމެކެވެ. އަހުރެމެންގެ މައިކަމަނާ ޙައްވާއަށް އެ
ނަމުން ނަން ދެއްވިފައިވަނީ، އެކަމަނާގެ ހަށިކޮޅުގައި
އެކުލަ ވީތީ އެވެ.
މިދެންނެވީ، "ޙައްވާ" (حواء) ގެ
މާނަ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ މާނަތަކެވެ.
ނަންފުޅު ދެއްވުނު ސަބަބު:
ދެން
ބަލައިލާނީ، "ޙައްވާ" (حواء) ގެ ނަމުން އެކަމަނާ އަށް ނަން
ދެއްވުނު ސަބަބުގެ މައްޗަށެވެ. އެ ސަބަބުތައް ތަފުސީރު
ފޮތްތަކުގައި ވާރިދުވެފައި ވެ އެވެ. އެއިން މުހިންމު
ސަބަބުތަކަކީ:
1. ފުރަތަމަ ސަބަބަކީ، ދިރުން ހުރި
މަޚުލޫޤަކުން އެކަމަނާ ހެއްދެވިކަމެވެ. އެއީ،
އާދަމުގެފާނެވެ. މި މޭރުމުން ނަން ދެއްވުނުގެ ގޮތުގެ
މިސާލަކީ، އަންހެނުންނަށް ޢަރަބި ބަހުން "އަލްމަރްއާ"
(المرأة) ކިޔާ މިސާލެވެ. އަންހެނުންނަށް އަލްމަރްއާ އެވެ،
ކިޔަނީ، "މަރުއެއް" ގެ ހަށިގަނޑުން ހައްދަވާފައިވާތީ އެވެ.
ޢަރަބި ބަހުން "އަލްމަރްއު" (المرء) ކިޔަނީ އިންސާނާ
އަށެވެ.
2. ޙައްވާގެފާނަށް "ޙައްވާ" (حواء) ގެ
ނަމުން ނަންދެއްވުނު ސަބަބެއް ކަމަށް ޢިލްމުވެރިން
ވިދާޅުވާ ދެވަނަ ސަބަބަކީ، އެކަމަނާގެ ތުންފަތްޕުޅުގައި
އޮޅަލި ކުލައެއް ވާތީ އެވެ.
3. ބައެއް ޢިލްމުވެރިން
ވިދާޅުވާ ގޮތުގައި، އެއީ، އެކަމަނާގެ ދަތްދޮޅިފުޅުގައި،
ކަޅު ރަތްކުލަ ވާތީ އެވެ.
4. އެކަމަނާގެ ހަށިކޮޅުގެ
ކުލައަކީ، އޮޅަލިކުލަ ކަމުގައި ވީތީ ކަމަށް ވެސް ބައެއް
ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.
5.
ޢިލްމުވެރިން ގެނެސްދެއްވާފައިވާ މިފަދަ ސަބަބުތަކުގެ
ތެރެއިން ފާހަގަކޮށްލެވޭ އެހެން ސަބަބެއް ގުޅިފައިވަނީ،
އިންސާނިއްޔަތުގެ ދިރުމާ އެވެ. އާދޭހެވެ. ޢިލްމުވެރިން
ވިދާޅުވަނީ އެ ކަމަނާ އަށް "ޙައްވާ" ގެ ނަމުން
ނަންދެއްވުނީ، އެ ކަމަނާއަކީ، އެ ކަމަނާގެ ހަށިކޮޅުން
އިންސާނިއްޔަތުގެ ދިރުން އުފެދުނު މައިކަމަނާ ކަމުގައި
ވީތީ ކަމަށެވެ.
6. މިފަދަ އަނެއް ސަބަބު
ގުޅިފައިވަނީ، އާދަމުގެފާނުގެ ޙަޔާތްޕުޅާ އެވެ. އާދޭހެވެ.
އެކަމަނާ އަށް ނަންފުޅު ދެއްވިފައިވަނީ، އެކަމަނާގެ
ފިރިކަލުން އާދަމުގެފާނުގެ ޙަޔާތްޕުޅުގައި،
އެކަލޭގެފާނާއެކު ޝާމިލުވެ ވަޑައިގަންނަވާތީ ކަމަށް ވެސް
ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. އެ ޙަޔާތްޕުޅުގައި،
އެކަމަނާ، ނުހަނު އޯގާވެރިކަމާއެކު އެކަލޭގެފާނު
ތަޙައްމަލުކުރެއްވި އެވެ. އެކަލޭގެފާނު، ނުހަނު
އިޙުތިރާމާއެކު އެކަމަނާގެ ބަސްފުޅު އަޑުއެއްސެވި އެވެ.
ތަފުސީރު ފޮތްތަކުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ،
އެކަމަނާ އަށް "ޙައްވާ" (حواء) ގެ ނަންފުޅު ދެއްވިފައި
ވަނީ، މިފަދަމިފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ.
ޙައްވާގެފާނު ޚަލްޤުކުރެއްވުމާބެހޭ އާޔަތްތައް:
ޙައްވާގެފާނު ޚަލްޤުކުރެއްވުމާބެހޭ ގޮތުން، މާތް ﷲ
ވަޙީކުރައްވާފައިވާ މޫރިތި އާޔަތްތަކެއް ކީރިތި
ޤުރުއާނުގައި ވެ އެވެ. އެ އާޔަތްތައް އިހުގެ
މުފައްސިރުންނާއި، ފަހުގެ މުފައްސިރުން
ތަފުސީރުކޮށްދެއްވާފައި ވެ އެވެ. އެއިން އެއް އާޔަތަކީ،
އިސްވެ ދެންނެވުނު އައްނިސާ ސޫރަތުގެ ފުރަތަމަ އާޔަތެވެ.
އެ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(يَا أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ الَّذِي
خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا
زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَاء)
އައްނިސާ: 1
މާނައީ، "އޭ މީސްތަކުނޭވެ!
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަށް، ތިޔަބައިމީހުން
ތަޤުވާވެރިވާށެވެ! އެކަލާނގެއީ، އެންމެ ނަފުސަކުން
ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެ އެވެ. އަދި އެ
ނަފުސުގެ ކިބައިން އޭގެ އަނެއް ޖިންސް ހެއްދެވި އެވެ. އަދި
އެ ދެކަނބަލުންގެ ކިބައިން ގިނަ ފިރިހެނުންނާއި، ގިނަ
އަންހެނުން ފެތުރުއްވެވި އެވެ."
އަލްއަޢުރާފު
ސޫރަތުގެ 189 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެ
އެވެ.
(هوَ الَّذِي خَلَقَكُم مِّن نَّفْسٍ
وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ
إِلَيْهَا)
މާނައީ، "އެކަލާނގެއީ، އެންމެ
ނަފުސަކުން ތިޔަބައިމީހުން ހެއްދެވި ކަލާނގެ އެވެ. އަދި އެ
ނަފުސުން، އެ ނަފުސުގެ އަނބި ހެއްދެވި އެވެ. (އެއީ)
އެކަނބުލޭގެ ގާތަށް ގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން
ލިބިގަތުމަށެވެ."
މި ދެ އާޔަތް ތަފުސީރުކުރެއްވި
މުފައްސިރުންގެ މެދުގައި ވަނީ ދޭހަ ތަފާތުވެފަ އެވެ.
މައިގަނޑު ގޮތެއްގައި، މުފައްސިރުން
ބުރަވެވަޑައިގެންފައިވަނީ، ދެ ރައުޔެއްގެ މައްޗަށެވެ.
ފުރަތަމަ ރައުޔު:
ފުރަތަމަ ރައުޔު ބުނާ
ގޮތުގައި، މާތް ﷲ، ޙައްވާގެފާނު ހެއްދެވީ ސީދާ
އާދަމުގެފާނުގެ ހަށިކޮޅުންނެވެ. މި ރައުޔުގެ ޢިލްމުވެރިން
ވިދާޅުވެފައި ވެ އެވެ.
އަލްއަންޢާމު ސޫރަތުގެ
ފުރަތަމަ އާޔަތުގައި ވަޙީކުރައްވާފައިވާ (مِّن نَّفْسٍ
وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا) މި ބަސްފުޅުގައިވާ
"އެންމެ ނަފުސަކީ" އާދަމުގެފާނެވެ. މާތް ﷲ، އެ ނަފުސުން
އެހެން ނަފުސެއް ހައްދަވައި ޖޯޑު ހަމަކުރެއްވެވި އެވެ.
އެކަލާނގެ އެ ނަފުސުން ހެއްދެވި ނަފުސަކީ، ޙައްވާގެފާނެވެ.
އެކަލާނގެ އެކަމަނާ ހެއްދެވީ، އާދަމުގެފާނުގެ
ހަށިކޮޅުންނެވެ. މިކަން އާޔަތުގައި ބަޔާންވެގެންވަނީ، "އެ
ނަފުސުގެ ކިބައިން" ކަމުގެ މާނަ ދޭހަވާ (مِنْهَا) މި
ކަލިމައިންނެވެ. މުފައްސިރުންގެ ޖުމްހޫރުގެ ޢިލްމުވެރިން
ބުރަވެވަޑައިގަންނަވަނީ، މި ރައުޔަށެވެ. މި ރައުޔުގެ
ޢިލްމުވެރިންގެ ތެރޭގައި، އިބްނު ޢައްބާސާއި، އައްޠަބަރީ
އާއި، އިބްނު ކަޘީރާއި، އައްޒަމަޚްޝަރީ އާއި، އަލްއަލޫސީ
އާއި، އިބްނުލްޢަރަބީ ފަދަ ފުންނާބުއުސް މުޢުތަބަރު
ޢިލްމުވެރިން ހިމެނިވަޑައިގަންނަވަ އެވެ.
އިބްނު
ޢައްބާސްގެފާނު ވިދާޅުވެފައި ވެ އެވެ.
(خلق الله
حوّاء من ضلعٍ من أضلاع آدم القُصْرَى)
މާނައީ،
"މާތް ﷲ، ޙައްވާގެފާނު ހެއްދެވީ، އާދަމުގެފާނުގެ
އަރިކަށީގެ ކަށިތަކުގެ ތެރެއިން ކުރު ކަށިކޮޅަކުންނެވެ."
އިބްނު ޢައްބާސްގެފާނުގެ އަރިހުން،
އިބްނުލްމުންޛިރާއި، އިބްނު އަބީ ޙާތިމާއި، އަލްބައިހަޤީ
ރިވާކުރައްވާފައިވާ ބަސްފުޅެއްގައި ވެ އެވެ. އިބްނު
ޢައްބާސްގެފާނު ވިދާޅުވި އެވެ.
"އަންހެނާ
ހެއްދެވުނީ، ފިރިހެނާގެ ހަށިގަނޑުންނެވެ. އެހެންކަމުން،
އަންހެނުން ހިތްޖައްސަވާފައިވަނީ، ފިރިހެނުންނަށެވެ.
(އެބަހީ، ޒަވާޖީ ޙަޔާތާއި ޢާއިލާ ބިނާކުރުމުގެ
މައްޗަށެވެ.) ފިރިހެނާ ހެއްދެވުނީ، ބިމުންނެވެ.
އެހެންކަމުން ފިރިހެނުން ހިތްޖައްސަވާފައިވަނީ، ބިމަށެވެ.
(އެބަހީ، ދުނިޔެ ޢިމާރާތްކޮށް، ބިނާވެށި
އާރާސްތުކުރުމަށެވެ.) ފަހެ، ތިޔަބައިމީހުން އަންހެނުން
ރަނގަޅަށް ބަލަހައްޓާހުށި ކަމެވެ."
މިއީ،
ޢިލްމުވެރިންގެ ތެރެއިން ހަމައެކަނި އިބްނު ޢައްބާސްގެފާނު
ވިދާޅުވެފައިވާ ބަސްފުޅެއް ނޫނެވެ. ޤަތާދާ އާއި، މުޖާހިދު
އާއި އައްޟައްޙާކު ފަދަ މި އުންމަތުގެ މުޢުތަބަރު
ޢިލްމުވެރިން ވެސް މިފަދަ ބަސްފުޅުތައް ވިދާޅުވެފައި ވެ
އެވެ. އެ ބޭކަލުންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި،
އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައިވަނީ، ނަފުރަތުގެ
ގުޅުމެއް ނޫނެވެ. އެކަމަކު، ރަޙުމަތުގެ ގުޅުމެކެވެ.
އައްނިސާ ސޫރަތުގެ ފުރަތަމަ އާޔަތުގައިވާ، (مِّن
نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا) މި
ބަސްފުޅާމެދު އައްޠަބަރީ ވިދާޅުވެފައި ވެ އެވެ.
އާދޭހެވެ. މި އެންމެ ނަފުސަކުން، އެ ނަފުސުގެ އަނެއް ކިބަ،
ނުވަތަ އަނެއް ޖިންސް ހެއްދެވުނެވެ. އެއީ، ޙައްވާގެފާނެވެ.
އެކަމަނާ ހެއްދެވުނީ، އެކަލޭގެފާނުގެ (އެބަހީ:
އާދަމުގެފާނުގެ) އަރިކަށީގެ ކަށިކޮޅަކުންނެވެ.
(وَخَلَقَ مِنْهَا زَوْجَهَا) ގެ ތަފުސީރުގައި އިބްނު
ކަޘީރު ވިދާޅުވެފައި ވެ އެވެ.
މި އާޔަތުގައިވާ
ޒައުޖަކީ، ޙައްވާގެފާނެވެ. އެކަމަނާ ހެއްދެވުނީ،
އާދަމުގެފާނު ގެ ވާތްޕުޅު ފަރާތުގެ އަރިކަށީގެ
ކަށިކޮޅަކުން، އަދި އެކަލޭގެފާނުގެ ފަހަތްޕުޅުނެވެ. އޭރު
އެކަލޭގެފާނު އޮންނެވީ އަވަހާރަފުޅު ލައްޕާވާފަ އެވެ.
އެކަލޭގެފާނު ހޭފުޅުލެއްވިއިރު، އަރިހުގައި އެކަމަނާ
އިންނެވި އެވެ. އެކަމަނާ ފެނިވަޑައިގަތުމުން،
އެކަމަނާއާމެދު އެކަލޭގެފާނު ހިތްޕުޅު
ހަމަޖެހިވަޑައިގަތެވެ. އަދި އެކަމަނާ، އެކަލޭގެފާނާމެދު
ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.
އައްޒަމަޚުޝަރީ
ވިދާޅުވެފައި ވެ އެވެ.
ފިރިހެނެއްގެ އަރިކަށީގެ
ކުރު ކަށިކޮޅަކުން ޙައްވާގެފާނު ނޫން އެހެން އަންހެނަކު
މާތް ﷲ ހައްދަވާފައެއް ނުވެ އެވެ. ޙައްވާގެފާނު
ހައްދަވާފައިވަނީ، އާދަމުގެފާނު ހެއްދެވުމަށްފަހުގަ އެވެ.
މިއިން އެނގޭ އެއްޗަކީ، (ދުނިޔެ ޢިމާރާތްކޮށް ބިނާވެށި
އާރާސްތުކުރުމުގައި) އެކަލޭގެފާނުގެ މަޤާމަށްވުރެ،
އެކަމަނާގެ މަޤާމު ދަށް ކަމެވެ. (މިހާރުގެ ބަހުން
ދަންނަވާނަމަ، އެކަލޭގެފާނުގެ މަޤާމާ، އެކަމަނާގެ މަޤާމު
ތަފާތު ކަމެވެ.)
މިތާނގައި ފާހަގަކޮށްލަންޖެހޭ
ނުކުތާއެއް ވެ އެވެ. އެއީ، ޢިލްމުވެރިންގެ މިފަދަ
ބަސްފުޅުތައް އޭގެ މަޤުޞަދާ ޚިލާފަށް ބައެއް ފަރާތްތަކުން
މާނަކުރާ ކަމެވެ. މިތާނގައި އައްޒަމަޚުޝަރީ މި ވިދާޅުވަނީ،
ބިނާވެށި އާރާސްތުކުރުމާގުޅޭ ޢުމްރާނީ ބުރަ މަސައްކަތް
ކުރުން ފަދަ ކަންކަމުގައި، އާދަމުގެފާނުގެ
މަސްއޫލިއްޔަތަށްވުރެ، ޙައްވާގެފާނުގެ މަސްއޫލިއްޔަތު ކުޑަ
ކަމުގެ ވާހަކަ އެވެ. މީހުން ބިނާކޮށް، ދުނިޔެ
އާރާސްތުކުރާނެ ބަޔަކު އުފެއްދުމުގައި އެކަމަނާގެ މަޤާމު
ދަށް ވާހަކައެއް ނޫނެވެ.
އެހެން ޢިލްމުވެރިއެއްގެ
ބަސްފުޅަށް ނަޒަރު ހިންގައިލުމުން މިކަން އިތުރަށް
އޮޅުންފިލާނެ އެވެ. އެފަދަ އެއް ޢިލްމުވެރިޔަކީ،
އިބްނުލްޢަރަބީ އެވެ. އޭނާ ވިދާޅުވެފައި ވެ އެވެ.
މާތް ﷲ، އަންހެނާގެ މައްޗަށް ފިރިހެނާ
ތަފުޟީލުކުރައްވާފައިވާ ހަ ކަމެއް ވެ އެވެ. އެ ކަންކަމުގެ
ތެރެއިން:
ފުރަތަމަ ކަމަކީ، ފިރިހެނާ އަކީ،
އަންހެނާގެ އަޞްލު ކަމުގައި ލައްވައި، އަންހެނާ އަކީ،
ފިރިހެނާގެ ގޮތްޕެއް ކަމުގައި ލެއްވުމެވެ.
ދެވަނަ
ކަމަކީ، ފިރިހެނާގެ އަރިކަށީގެ ކަށިކޮޅަކުން އަންހެނާ
ހެއްދެވި ކަމެވެ.
ތިންވަނަ ކަމަކީ، ދީނީ
ކަންކަމުގައި (ފިރިހެނާގެ މަސްއޫލިއްޔަތު ބޮޑުކުރައްވައި)
އަންހެނާގެ މަސްއޫލިއްޔަތު ކުޑަކުރެއްވުމެވެ.
ފިރިހެނުންނެކޭ އެއްފަދައިން ދީނީ ކަންކަން ކުރުމުގެ
ޒިންމާ، އަންހެނުންގެ ކިބައިން އުނިކުރެއްވުމެވެ.
ހަތަރުވަނަ ކަމަކީ، (ދުނިޔެ ޢިމާރާތްކޮށް ބިނާވެށި
އާރާސްތުކުރުން ފަދަ ކަންކަމުގައި، ފިރިހެނާގެ ބުއްދި
އިތުރުކުރައްވައި އެފަދަ ކަންކަމުގައި) އަންހެނާގެ ބުއްދި
މަދުކުރެއްވުމެވެ. މިބަހުގެ މާނައަކީ، ހެކިބަސް ދިނުން
ފަދަ ބުއްދީގެ މައްޗަށް ބަރޯސާވާންޖެހޭ ޒިންމާދާރު ބޮޑެތި
ކަންކަން އަންހެނުންގެ މައްޗަށް ލުއިކުރެއްވުމެވެ.
ފަސްވަނަ ކަމަކީ، (ފިރިހެނާގެ ޢާއިލީ ޒިންމާތަކާއި
މަސްއޫލިއްޔަތު އިތުރުކުރައްވައި، މައިންބަފައިންގެ ވާރުތަ
މުދަލުން އޭނާގެ ޒިންމާއާ އެއްވަރަށް އޭނާއަށް
ކަނޑައަޅުއްވައި، އަންހެނާގެ އެފަދަ ޒިންމާތަކާއި
މަސްއޫލިއްޔަތު ކުޑަކުރައްވައި މައިންބަފައިންގެ) ވާރުތަ
މުދަލުން އަންހެނާ އަށް ލިބޭ މިންވަރު މަދު ކުރެއްވުމެވެ.
ހަވަނަ ކަމަކީ، (ދުނިޔެ ޢިމާރާތްކޮށް ބިނާވެށި
އާރާސްތުކުރުން ފަދަ ބުރަމަސައްކަތް ކުރުމުގެ ޠަބީޢަތް
ފިރިހެނާގެ ކިބައިގައި ލައްވައި، އެކަމަށް ބޭނުންވާނެ
ޖިސްމާނީބާރު އެމީހުންނަށް ދެއްވައި، އަންހެނާގެ
ޠަބީޢަތުގައި އެފަދަ ކަންކަން ނުހިމަނުއްވައި) އަންހެނާގެ
ޖިސްމާނީ ބާރު އުނިކުރެއްވުމެވެ. ފަހެ، ހަނގުރާމައިގެ
މައިދާނަށް ނުކުތުން ފަދަ ބުރަ މަސައްކަތްތަކަކީ،
އަންހެނުންގެ މައްޗަށް ލާޒިމުކުރައްވާފައިވާ ކަންކަމެއް
ނޫނެވެ. (އެހެނަސް ދީނާއި ޤައުމަށްޓަކައި އެންމެން
ޖިހާދުކުރަންޖެހޭ ޙާލަތެއް މެދުވެރިވެ، އެކަމަކީ،
ޢައިނިއްޔަ ފަރުޟަކަށް ވެގެންދާ ހިނދު، އެކަމަށް
ނުކުތުމަކީ އެންމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
އެހެންކަމުން މުޢުތަބަރު ފިޤުހުވެރިން ވިދާޅުވެފައިވަނީ،
އެ ޙާލަތުގައި ހަނގުރާމައިގެ މައިދާނަށް ނުކުންނަ
ފިރިހެނުންނަށް ޣަނީމާ މުދަލުން ލިބޭ ފަދައިން،
އަންހެނުންނަށް ވެސް އެއްވެސް އުނިކަމެއް ނެތި، އެއިން
ލިބޭނެ ކަމަށެވެ.)
އަލްއަލޫސީ ވިދާޅުވެފައި ވަނީ:
(وَخَلَقَ مِنْهَا زَوْجَهَا) މި އާޔަތުގައިވާ
"ޒައުޖަކީ" ޙައްވާގެފާނު ކަމަށެވެ. އެކަމަނާ ހެއްދެވުނީ،
އާދަމުގެފާނުގެ ވާތްޕުޅު ފަރާތުގެ އަރިކަށިފުޅުގެ
ކަށިކޮޅަކުން ކަމަށެވެ.
އަދިވެސް އޭނާ ވިދާޅުވެފައި
ވެ އެވެ.
މާތް ﷲ، އެކަލޭގެފާނުގެ އަރިކަށިފުޅުގެ
ކަށިކޮޅަކުން އެކަމަނާ ހެއްދެވި "ކައިފިއްޔާ" (كيفية) ވަނީ
"މަޖުހޫލުވެފަ" (مجهول) އެވެ. (ކައިފިއްޔާ އަކީ، ގޮތެވެ.
މަޖުހޫލުވުމަކީ، ނޭނގުމެވެ.)
މިދެންނެވީ،
އާދަމުގެފާނުގެ ހަށިކޮޅުން ޙައްވާގެފާނު ހެއްދެވުނު ކަމަށް
ބުނާ ރައުޔުގެ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. މިނޫނަސް މި
ރައުޔަށް ބުރަވެވަޑައިގަންނަވާ ކިތަންމެ ޢިލްމުވެރިންނެއް
ވެ އެވެ. އޭގެ ތެރޭގައި، އައްރާޒީ އާއި، އަލްބަޣަވީ އާއި،
އަލްބައިޟާވީ އާއި، އައްސަމަރުޤަންދީ އާއި، އައްސުޔޫޠީ
އާއި، އައްޝައުކާނީ އާއި، އައްޝިންޤީޠީ އާއި
ޖާމިޢުލްއަޒުހަރުގެ ކުރީގެ ޝއިޚުލްއަޒުހަރު، މުޙައްމަދު
ސައްޔިދު ޠަންޠާވީ ފަދަ ކިތަންމެ ޢިލްމުވެރިންނެއް
ހިމެނިވަޑައިގަންނަވަ އެވެ.
ދެވަނަ ރައުޔު:
ޙައްވާގެފާހު ޚަލްޤުކުރެއްވި ގޮތް ބުނެދޭ ދެވަނަ
ރައުޔު ބުނާ ގޮތުގައި، މާތް ﷲ އެކަމަނާ ހެއްދެވީ، ސީދާ
އާދަމުގެފާނުގެ ހަށިކޮޅުންނެއް ނޫނެވެ. މި ރައުޔުގެ
ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.
އަލްއަންޢާމު
ސޫރަތުގެ ފުރަތަމަ އާޔަތުގައި ވަޙީކުރައްވާފައިވާ (مِّن
نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا) މި
ބަސްފުޅުގައި ބަޔާންކުރައްވާފައިވާ "އެންމެ ނަފުސަކީ"
އާދަމުގެފާނެވެ. މާތް ﷲ، ހެއްދެވި ފުރަތަމަ ނަފުސަކީ
އެކަލޭގެފާނެވެ. ދެން އެ ނަފުސުގެ ޖިންސުން އެކަލާނގެ
ޙައްވާގެފާނު ހައްދަވައި ޖޯޑު ހަމަކުރެއްވި އެވެ. މީގެ
މާނައަކީ، އެކަލާނގެ ޙައްވާގެފާނު ހެއްދެވީ، ސީދާ
އާދަމުގެފާނުގެ ހަށިކޮޅުންނެއް ނޫނެވެ. އެކަމަކު،
އާދަމުގެފާނުގެ ޖިންސްގެ ނުވަތަ އެ ބާވަތުގެ އެހެން
މަޚުލޫޤެއްގެ ހަށިގަނޑުންނެވެ.
ދެވަނަ ރައުޔެއްގެ
ގޮތުގައި މި ރައުޔު އޮންނާތީ، މި ރައުޔުގެ ބުރަދަން
ބެލިފައި ވެ އެވެ. އެގޮތުން، ކީރިތި ޤުރުއާނުގެ 30
އަށްވުރެ ގިނަ ތަފުސީރު ފޮތްބައި މުރާޖަޢާކުރެވިފައި ވެ
އެވެ. އެއިން އެނގުނު ގޮތުގައި، ދެ ޢިލްމުވެރިޔަކު
ފިޔަވައި އެހެން ހުރިހާ ޢިލްމުވެރިން
ބުރަވެވަޑައިގަންނަވަނީ، ފުރަތަމަ ރައުޔަށެވެ. ދެވަނަ
ރައުޔަށް ބުރަވެވަޑައިގެންފައިވަނީ ދެ ޢިލްމުވެރިންނަކީ،
އިބްނު ބަޙުރު (ابن بحر) އާއި، އަބޫ މުސްލިމުލް އިޞްފަހާނީ
(أبو مسلم الأصفهاني) އެވެ. އެ ދެ ބޭކަލުން
ބުރަވެވަޑައިގެންފައިވާ އެ ރައުޔު، އެހެން ޢިލްމުވެރިން
ގެނެސްދެއްވާފައިވަނީ، އެއީ ޞައްޙަ ރައުޔެއް ކަމަށް
ވިދާޅުވުމުގެ ނިޔަތުގައެއް ނޫނެވެ. އެކަމަކު، މި ބާބުގައި
ހިމެނޭ ރައުޔުތައް ގެނެސްދިނުމުގެ ބީދައިންނެވެ. ނުވަތަ
ފުރަތަމަ ރައުޔަށް ބުރަވުން ކަށަވަރުކޮށްދެއްވުމުގެ
ގޮތުންނެވެ.
މީގެ މިސާލެއްގެ ގޮތުން އައްޠަބަރީ
ފުދެ އެވެ. އެކަލޭގެފާނުގެ ވިދާޅުވެފައި ވެ އެވެ.
(وَجَعَلَ مِنْهَا زَوْجَهَا) ގެ މާނައަކީ، ފުރަތަމަ
ހެއްދެވި ނަފުސުގެ ޖިންސުން ކަމަށް ބުނެވިފައި ވެ އެވެ.
އެހެނަސް އައުލާކަން ބޮޑީ ފުރަތަމަ ރައުޔެވެ.
މިތާނގައި، އައުލާކަން ބޮޑު ނުވަތަ ޞައްޙަކަން ބޮޑު،
ފުރަތަމަ ރައުޔުކަމަށް އައްޠަބަރީ ވިދާޅުވެފައިވާ
ރައުޔަކީ، އިސްވެ ދެންނެވި ފުރަތަމަ ރައުޔެވެ. އެ ރައުޔު
ބުނާ ގޮތުގައި، ޙައްވާގެފާނު ހެއްދެވީ، އާދަމުގެފާނުގެ
ހަށިކޮޅުންނެވެ.
އިބްނު ޢާދިލު ވިދާޅުވެފައި ވެ
އެވެ.
އެ އާޔަތުގައިވާ ބަސްފުޅުގެ މާނައަކީ،
އާދަމުގެފާނުގެ ހަށިކޮޅުން ޙައްވާގެފާނު ހެއްދެވުމެވެ.
އެހެން ރައުޔެއް ބުނާ ގޮތުގައި، އެކަމަނާ
ޚަލްޤުކުރެއްވުނީ، އެކަލޭގެފާނުގެ ނަފުސުގެ ޖިންސުގައި
ހިމެނޭ އެހެން މަޚުލޫޤެއްގެ ކިބައިންނެވެ.
އިބްނު
ޢަޠިއްޔާ ވިދާޅުވެފައި ވެ އެވެ.
ޞައްޙަ
ރިވާޔަތްތަކުން އެނގޭ ގޮތުގައި، ޙައްވާގެފާނު ހެއްދެވީ،
އާދަމުގެފާނުގެ ހަށިކޮޅުންނެވެ. ނަމަވެސް ބައެއް
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، (منها) ގެ މާނައަކީ،
އެކަލޭގެފާނުގެ ޖިންސުގެ އެހެން މަޚުލޫޤެއްގެ ކިބައިން
އެކަމަނާ ހެއްދެވުމެވެ.
އިބްނު ބަޙުރާއި، އަބޫ
މުސްލިމުލް އިޞްފަހާނީ ގެ ރައުޔު ދިފާޢުކުރުމުގެ ގޮތުން
ދެއްކޭ ޙުއްޖަތްތަކެއް ވެސް ވެ އެވެ. އެއިން ފުރަތަމަ
ޙުއްޖަތަކީ:
އައްނިސާ ސޫރަތުގެ ފުރަތަމަ
އާޔަތުގައިވާ (منها) ގެ މާނައަކީ، ކުރިން ހައްދަވާފައިވާ
ނަފުސުގެ ޖިންސުން ހެއްދެވުން ކަމަށް ބުނުމެވެ. އަދި
އައްނަޙުލު ސޫރަތުގެ 72 ވަނަ އާޔަތުގައިވާ (مِّنْ
أَنفُسِكُمْ) ވެސް ހަމައެފަދަ ކަމަށް ބުނުމެވެ.
ދެވަނަ ޙުއްޖަތަކީ:
މާތް ﷲ އީ، އާ މަޚުލޫޤެއްގެ
ގޮތުގައި އާދަމުގެފާނު ހެއްދެވުމަށް ކުޅަދުންވަންތަ
ރަސްކަލާނގެ ކަމަށް ބުނެ، އެކަލޭގެފާނުގެ ހަށިކޮޅުގެ
ބަޔަކުން ޙައްވާގެފާނު ހެއްދެވުމުގެ ބޭނުމެއް އެބައޮތްތޯ
ސުވާލު އުފެއްދުމެވެ. އަދި ޙައްވާގެފާނު ވެސް އާ
މަޚުލޫޤެއްގެ ގޮތުގައި ހެއްދެވުމަށް އެކަލާނގެ
ކުޅަދުންވަންތަ ކަމަށް ބުނުމެވެ.
ތިންވަނަ
ޙުއްޖަތަކީ:
އެއްޗަކަށް އިޝާރާތްކުރާއިރު، އޭގެ
ބާވަތަށް އިޝާރާތްކުރެވިދާނެ ކަމަށް ބުނެވޭ ޙުއްޖަތުން،
ޙުއްޖަތް ދެއްކެ އެވެ. މީގެ މާނައަކީ، އާޔަތުގައިވަނީ،
އިންސާނީ ނައުޢުގައިވާ (އިންސާނުންގެ ބާވަތުގައި ހިމެނޭ)
އާދަމުގެފާނު ނޫން އެހެން މަޚުލޫޤަކުން ޙައްވާގެފާނު
ހެއްދެވި ވާހަކަ ކަމަށް ބުނުމެވެ. އާޔަތުގެ މަޤުޞަދަކީ،
އާދަމުގެފާނުގެ ޙަޔާތްޕުޅުގެ ބައިވެރިޔަކީ ވެސް
އެކަލޭގެފާނު ފަދަ އިންސާނެއްކަން ސަމާލުކަމަށް
ގެނެސްދެއްވުން ކަމަށް ވަކާލާތުކުރުމެވެ.
މިއީ،
ދެވަނަ ރައުޔުގެ ދިފާޢުގައި ދެއްކޭ އަސާސީ ޙުއްޖަތްތަކެވެ.
ޙައްވާގެފާނު ހެއްދެވުމާބެހޭ މައިގަނޑު ދެ ރައުޔުގެ
މުނާޤަޝާއަކަށް ދިއުމުގެ ކުރިން މަސްރަޙުގައިވާ ތިންވަނަ
ރައުޔެއްގެ ވާހަކަ ވެސް ދަންނަވާލާނަމެވެ. ތިންވަނަ ރައުޔު
ބުނާ ގޮތުގައި، ޙައްވާގެފާނަކީ، ސުވަރުގޭގެ
ޙޫރުލްޢީނެކެވެ. އެކަމަނާ ހެއްދެވުނީ، ސުވަރުގޭގެ
ޙޫރުލްޢީނުން ހެއްދެވުނު ފަދައިންނެވެ.
މި ރައުޔަށް
ރައްދު ދެއްވާ ޢިލްމުވެރިން ވިދާޅުވެފައިވަނީ،
ޙައްވާގެފާނަކީ، ޙޫރުލްޢީނެއް ކަމުގައި
ވެވަޑައިގެންނެވިނަމަ، ބިމުގެ މަށިން ހައްދަވާފައިވާ
އާދަމުގެފާނާ، އެ ކަމަނާއާ ދެމެދުގައި، ދުނިޔެމަތީގައި
ހިނގާ އިންސާނީ ގުޅުންތައް ނުހިނގާނެ ކަމަށެވެ. އަދި އެ ދެ
ކަނބަލުންގެ ފުށުން އިންސާނީ ދަރިފަސްކޮޅު ނުވެސް އުފެދޭނެ
ކަމަށެވެ. އެއީ، ބާވަތުގެ ގޮތުން އެ ދެ ކަނބަލުންނަކީ،
އެއް ޖިންސެއްގެ ދެ މަޚުލޫޤުން ކަމުގައި ނުވާނެތީ އެވެ.
މުޢުތަބަރު ޢިލްމުވެރިން ވިދާޅުވަނީ، ކީރިތި ޤުރުއާނުގެ
އެއްވެސް އާޔަތެއްގައި، އަދި ކީރިތި މާތް ނަބިއްޔާ ޞައްލަ
ﷲ ޢަލައިހި ވަސައްލަމަގެ އެއްވެސް ޙަދީޘްފުޅެއްގައި،
ޙައްވާގެފާނަކީ، ސުވަރުގޭގެ ޙޫރުލްޢީނެއް ކަމުގެ
އިޝާރާތެއް ނެތް ކަމަށެވެ. އެހެންވީމާ، އެކަން
ޤަބޫލުކުރެވޭނެ މަގެއް ނެތްކަން ޔަޤީންވާ ކަމަށެވެ.
މުފައްސިރުންގެ ބަސްފުޅުތައް މުނާޤަޝާކުރުން:
ދެން އަލިއަޅުވާލާނީ، އާދަމުގެފާނުގެ އަރިކަށީގެ
ކަށިކޮޅަކުން ޙައްވާގެފާނު ހެއްދެވި ކަމަށް ބުނާ ރައުޔުގެ
މުނާޤަޝާއަށެވެ.
މިރައުޔަށް ބުރަވެވަޑައިގަންނަވާ
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އިސްވެ ދެންނެވި
އާޔަތުގައިވާ (منها) "އެ ނަފުސުގެ ކިބައިން" މި ބަސްފުޅުގެ
މާނައަކީ، (من بعضها) އެވެ. މީގެ މާނައަކީ، "އޭގެ
ބަޔަކުންނެވެ." ނުވަތަ "އެ ނަފުސުގެ ބަޔަކުންނެވެ."
މިތާނގައި ބަޔެއްގެ މާނައަކީ އާދަމުގެފާނުގެ ހަށިކޮޅުން
ބަޔެކެވެ. އެ ބަޔަކީ، އެކަލޭގެފާނުގެ އަރިކަށީގެ
ކަށިކޮޅެކެވެ.
މި ރައުޔު މުނާޤަޝާކުރައްވާ
ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.
އައްނިސާ
ސޫރަތުގެ ފުރަތަމަ އާޔަތުގައި ބަޔާންކުރައްވާފައިވަނީ،
މުޖުމަލުކޮށްނެވެ. ބަހަވީ ނަޒަރަކުން ބަލާއިރު، އެ
އާޔާތަތުގައިވާ ބަސްފުޅު ދެ ގޮތަށް މާނަކުރެވެ އެވެ. އެއީ،
ފުރަތަމަ ބަޔާންކުރި ދެ ރައުޔުގައިވާ ދެ ގޮތެވެ. އެހެނަސް
ކީރިތި ޤުރުއާނަކީ، އޭގެ އެއް ބައި، އަނެއް ބައިން
ތަފުސީރުކޮށްދޭ ފޮތެކެވެ. އެ ފޮތުގައި ޞަރީޙަ ބަސްފުޅުން
ތަފުސީރު ބަޔާންކުރައްވާފައި ނުވާނަމަ، ދެން ބަލަންޖެހެނީ
ނަބަވީ ސުންނަތަށެވެ.
މި އުޞޫލުން، ފުރަތަ ރައުޔުގެ
ޢިލްމުވެރިން ވަނީ، ޢަމަލުކުރައްވާފަ އެވެ. ކީރިތި
ޤުރުއާނުގެ މޫރިތި އާޔަތުގައި ބަޔާންކުރައްވާފައި
ބަސްފުޅުގެ ޝަރަޙަ، ސުންނަތުގައި ވާރިދުވެފައިވާ
ނައްޞުތަކުން ހޯއްދަވައި، އޭގެ މައްޗަށް
ބުރަވެވަޑައިގެންފަ އެވެ. މި ރައުޔުގެ އަހުލުވެރިން
ގެނެސްދެއްވާފައިވާ ހުރިހާ ބަސްފުޅުތަކަކީ، ޞައްޙަ
ބަސްފުޅުތަކެއް ނޫނެވެ. އޭގެ ތެރޭގައި ޞައްޙަ
ބަސްފުޅުތަކާއި، ޞައްޙަ ނޫން ބަސްފުޅުތައް ހިމެނެ އެވެ.
މިކަމުގެ ސަބަބުން، ޞައްޙަ ބަސްފުޅުތަކަކަށް އުނިކަމެއް
ނާންނާނެ އެވެ. ޢިބްރަތް ލިބިގަންނަން ޖެހޭނީ، ޞައްޙަ
ބަސްފުޅުތަކުން ކަމަށްވާތީ އެވެ.
މިދެންނެވީ،
ފުރަތަމަ ރައުޔުގެ މުނާޤަޝާގައިވާ މައިގަނޑު ނުކުތާތަކެވެ.
ދެން އަލިއަޅުވާލާނީ، އާދަމުގެފާނުގެ ޖިންސްގައި
ހިމެނޭ އެހެން ނަފުސަކުން ޙައްވާގެފާނު ހެއްދެވި ކަމަށް
ބުނާ ރައުޔުގެ މުނާޤަޝާއަށެވެ. މި ރައުޔު ބުނަނީ،
އާދަމުގެފާނުގެ ހަށިކޮޅުން ޙައްވާގެފާނު ނަހައްދަވާ
ކަމަށެވެ.
މި ރައުޔުގެ ޢިލްމުވެރިން ދައްކަވާ
ޙުއްޖަތަކީ، އާޔަތުގައިވާ (منها) މި ކަލިމަ އެވެ. އެ
ބޭކަލުން މި ކަލިމަ މާނަކުރައްވަނީ، "އޭގެ ޖިންސުން"
ކަމަށެވެ. އެ ބޭކަލުންގެ މި ބަސްފުޅަކީ، މުފައްސިރުންގެ
ޖުމްހޫރުގެ ބަސްފުޅާ ޚިލާފު ބަސްފުޅެކެވެ.
މި
ރައުގެ ޢިލްމުވެރިން ވިދާޅުވާ "އޭގެ ޖިންސުން" ދެ
ނަޒަރަކުން މާނަކުރެވިދާނެ އެވެ. އެއް ނަޒަރަކުން
ބަލާއިރު، އޭގެ މަޤުޞަދަކީ، "ޙައްވާގެފާނަކީ،
އާދަމުގެފާނުގެ ޖިންސްގައި ހިމެނިވަޑައިގަންނަވާ
ބޭކަނބަލެކެވެ." ބުނުމެވެ. މީގެ މާނައަކީ، އާދަމުގެފާނާއި،
ޙައްވާގެފާނުގެ ނައުޢަކީ، އެއް ނައުޢެއް ކަމަށް ބުނުމެވެ.
ނުވަތަ އެ ދެކަނބަލުންގެ ބާވަތަކީ އެއް ބާވަތެއް ކަމަށް
ބުނުމެވެ. މި ގޮތަށް މާނަކޮށްފިނަމަ، އެ ބޭކަލުން
ބުރަވެވަޑައިގަންނަވާ ރައުޔާމެދު މައްސަލައެއް ނެތެވެ.
އޭރުން، ޖުމްހޫރުގެ ޢިލްމުވެރިންގެ ރައުޔާ އެ ބޭކަލުން
ޚިލާފުވެ ވަޑައިނުގަންނަވާތީ އެވެ. ކޮންމެ ނައުޢެއްގެ
އަންހެން އެއްޗާއި އޭގެ ފިރިހެން އެތި ހިމެނެނީ އެއް
ބާވަތެއްގެ ތެރޭގަ އެވެ. މިއީ، ހަމައެކަނި އިންސާނީ
ނައުޢަށް ޚާއްޞަވެފައިވާ ކަމެއް ނޫނެވެ. އިންސާނީ ނައުޢާއި
އެހެން ތަކެތީގެ ނައުޢުތަކުގައި ވެސް ކަން އޮތީ ހަމަ
މިގޮތަށެވެ.
ދެވަނަ ރައުޔުގެ ޢިލްމުވެރިން
ބުރަވެވަޑައިގަންނަވާ ރައުޔުގެ މުރާދައަކީ، ހަމައެކަނި،
އާދަމުގެފާނާއި ޙައްވާގެފާނު އެއް ނައުޢެއްގައި
ހިމެނިވަޑައިގަތުން ކަމަށްވަނީނަމަ، ޖުމްހޫރުގެ ރައުޔާ
އެބަ އިއްތިފާޤުވެ އެވެ. އެހެނީ، ޖުމްހޫރުގެ ރައުޔުގައި،
އެކަމަނާ ހައްދަވާފައި ވަނީ، އެކަލޭގެފާނުގެ
ހަށިކޮޅުންނެވެ. އެހެންވީމާ، އެކަމަނާ އަކީ،
އެކަލޭގެފާނުގެ ނައުޢުގައި ހިމެނިވަޑައިގަންނަވާ، އަދި
އެކަލޭގެފާނާ އެއް ބާވަތެއްގެ ބޭކަނބަލެކެވެ.
ދެވަނަ ނަޒަރަކުން ބަލާއިރު، ދެވަނަ ރައުޔުގެ ޢިލްމުވެރިން
ވިދާޅުވެފައިވާ ބަސްފުޅު "އޭގެ ޖިންސުން" ދެވަނަ ގޮތަކަށް
މާނަކުރެވިދާނެ އެވެ. އޭގެ ދެވަނަ މާނައަކީ، "ޙައްވާގެފާނު
ހައްދަވާފައިވަނީ، އާދަމުގެފާނު ހެއްދެވި މާއްދާއިން"
ކަމުގައި މާނަކުރުމެވެ. މި މާނައިގެ ދޭހައަކީ،
އާދަމުގެފާނުގެ ހަށިކޮޅުން އެކަމަނާ ނުހެއްދެވެ އެވެ. އަދި
އާދަމުގެފާނާއި އެކަމަނާ ހައްދަވާފައިވަނީ، ދެ
ނަފުސަކުންނެވެ. އެއް ނަފުސަކުން ނޫނެވެ. މިއީ، ކީރިތި
ޤުރުއާނުގެ މޫރިތި އާޔަތާ މުޅިން ޚިލާފު ދޭހައެކެވެ.
މި މުނާޤަޝާގައި، ދެވަނަ ރައުޔުގެ އަހުލުވެރިންނަށް
ދެއްކިދާނެ ޙުއްޖަތަކީ، (مِّن نَّفْسٍ وَاحِدَةٍ) މި
ބަސްފުޅުގައިވާ (مِّن) އަކީ، އިބްތިދާއީ ކަލިމައެއް
ކަމުގައި ކަނޑައެޅުމެވެ. ދެން އޭގެ މައްޗަށް ބިނާކޮށް،
"ތިޔަބައިމީހުން ހައްދަވަން ފެށްޓެވީ އާދަމުފާނު
ހެއްދެވުމުން" ކަމަށް މާނަކުރުމެވެ. އަދި އާދަމުގެފާނު
ހެއްދެވުމަކީ، މީހުން ހެއްދެވުމުގެ ފެށުން ކަމަށްވާތީ،
"ތިޔަބައިމީހުން ހެއްދެވީ އެއް ނަފުސަކުން" ކަމަށް އޮތް
ވަޙީ ބަސްފުޅާ، އެމީހުންގެ ބަހާ އަރާރުން ނުވާ ކަމަށް
ބުނުމެވެ. އިބްރަތް ލިބިގަތުން އޮތީ، ކަމެއް ފެށުނު
ގޮތުގައި ކަމަށްވާތީ އެވެ.
މިބަހަށް ރައްދު ދެއްވި
ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.
އާދަމުގެފާނުގެ
ހަށިކޮޅުން ޙައްވާގެފާނު ނަހައްދަވާ ކަމަށް ބުނުމާއި،
އެކަމަނާ ހެއްދެވީ ވެލިން ކަމަށް ބުނުމަކީ ޞައްޙަ ބުނުމެއް
ނޫނެވެ. އެހެނީ، އެއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަ ގެ އަރިހުން ވާރިދުވެފައިވާ
އެންމެހައި ޞައްޙަ ބަސްފުޅުތަކާ ޚިލާފު ރައުޔެކެވެ.
އައްރޫމު ސޫރަތުގެ 21 ވަނަ އާޔަތަކީ ވެސް މި
މައުޟޫޢުގައި ހިމެނޭ މުހިންމު އާޔަތެކެވެ. އެ އާޔަތުގައި
މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(وَمِنْ آيَاتِهِ
أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجاً
لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً
وَرَحْمَةً)
މާނައީ، "ތިޔަބައިމީހުންނަށްޓަކައި،
ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވި
ކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ
ތެރެއިންވާ ކަމެކެވެ. އެއީ، ތިޔަބައިމީހުން އެ ކަނބަލުންގެ
ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކަ އެވެ. އަދި
އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި،
އޯގާވެރިކަން ލެއްވި އެވެ."
ބައެއް މުފައްސިރުން
ވިދާޅުވާ ގޮތުގައި މި އާޔަތަކީ، އާދަމުގެފާނާއި
ޙައްވާގެފާނަށް ޚާއްޞަ އާޔަތެކެވެ. މި އާޔަތުގައިވާ (مِّنْ
أَنفُسِكُمْ) "ތިޔަބައިމީހުންގެ ނަފުސުތަކުން" ގެ
މާނައަކީ، އާދަމުގެފާނުގެ ހަށިކޮޅުން ޙައްވާގެފާނު
ހެއްދެވުމެވެ.
ބައެއް މުފައްސިރުން ވިދާޅުވާ
ގޮތުގައި މި އާޔަތަކީ، އާދަމުގެ ދަރީންގެ ތެރެއިން
އަންހެނުންނާއި ފިރިހެނުންނަށް ޢާންމުވެގެންވާ އާޔަތެކެވެ.
މި އާޔަތުގެ މުރާދައަކީ، "މާތް ﷲ އަންހެނުން ހެއްދެވީ،
ފިރިހެނުން އެކަނބަލުންނާ ކާވެނިކުރުމަށްޓަކައި ކަން
އެންގެވުމެވެ."
މި އާޔަތަކީ، އާދަމުގެފާނާއި
ޙައްވާގެފާނަށް ޚާއްޞަކުރައްވާފައިވާ އާޔަތެއް ކަމުގައި
ވިޔަސް، އަދި މި އާޔަތަކީ، އަންހެނުންނާއި ފިރިހެނުންނަށް
ޢާންމުކުރައްވާފައިވާ އާޔަތެއް ކަމުގައި ވިޔަސް، މި އާޔަތް
ލާޒިމުނުކުރާ ކަމެއް ވެ އެވެ. އެއީ، ޙައްވާގެފާނު މަށިން
ހެއްދެވުމެވެ. އެކަމަނާ ހައްދަވާފައިވަނީ، އާދަމުގެފާނުގެ
ހަށިކޮޅުން ނޫން ކަމަށާއި، އެކަމަނާ ހައްދަވާފައިވަނީ،
އާދަމުގެފާނު ހެއްދެވި މާއްދާއިން ކަމަކަށް ނުވަތަ އެ
ބާވަތުގެ އެއްޗަކުން ކަމަކަށް މި އާޔަތް ލާޒިމެއް ނުކުރެ
އެވެ. ޢިލްމުވެރިންގެ ޖުމްހޫރު ބުރަވެވަޑައިގެންފައި ވަނީ،
މިގޮތަށެވެ.
އާދަމުގެފާނުގެ ހަށިކޮޅުގެ ބަޔަކުން
ޙައްވާގެފާނު ހެއްދެވުމުގެ ބޭނުމެއް ނެތް ކަމަށާއި،
އެކަމަނާ ވެލިން ހެއްދެވުމަށް މާތް ﷲ ކުޅަދުންވަންތަ
ކަމަށް ބުނާ ރައުޔަށް ވެސް ޢިލްމުވެރިން ވަނީ ރައްދު
ދެއްވާފަ އެވެ.
އެ ބޭކަލުން ވިދާޅުވެފައި ވެ އެވެ.
އާދަމުގެފާނުގެ ހަށިކޮޅުން ޙައްވާގެފާނު ހެއްދެވުމުގެ
ވަރަށް ބޮޑު އިލާހީ ޙިކުމަތްފުޅެއް ވެ އެވެ. އާދޭހެވެ.
އެކަމުން މާތް ﷲ ބަޔާންކޮށްދެއްވަނީ، ދިރޭ އެއްޗަކުން ދިރޭ
އެއްޗެއް ހެއްދެވުމަށް އެކަލާނގެ ކުޅަދުންވަންތަވެ
ވޮޑިގެންވާ ކަމެވެ. ދިރުމެއް ނެތް ޖަމާދާތުގެ ތެރޭގައި
ހިމެނޭ އެއްޗަކުން (އާދެ، މަށިން) އާދަމުގެފާނު
ހެއްދެވުމަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާ
ފަދައިންނެވެ. އެންމެހައި ޚަލްޤުން ވެލިން ހެއްދެވުމަށް
ވެސް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގަންނަވަ އެވެ.
އެހެންކަމާއެކު ވެސް، އެކަލާނގެ މީސްތަކުން ހެއްދެވުން
ލައްވާފައިވަނީ، އޮހޮރިގެންދާ ދިޔާ އެއްޗެއްގަ އެވެ.
މާތް ﷲ ގެ ކުޅަދުންވަންތަކަމަކީ، މުޠުލަޤު
ކުޅަދުންވަންތަކަމެކެވެ. އެހެނަސް، އެކަލާނގެ ޒާތުފުޅަށް
ސާބިތުވެފައިނުވާ ކަމަކަށް، އެކަލާނގެ މުޠުލަޤު ކަށަ
ކުޅަދުންވަންތަކަމުން ދަލީލު ދެއްކުމަކީ، ޞައްޙަ ކަމެއް
ނޫނެވެ. މީގެ މިސާލަކީ، އެކަލާނގެ ޙައްވާގެފާނު މަށިން
ހެއްދެވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަމަށް ދަލީލު
ދެއްކުމެވެ. މިއީ، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުން
ސާބިތުވެފައިވާ ގޮތާ ޚިލާފު ދަލީލު ދެއްކުމެކެވެ. އެ ދެ
މަޞްދަރުން އެނގި، ކަށަވަރުވެ، ސާބިތުވެފައިވަނީ،
އެކަލާނގެ އެކަމަނާ ހެއްދެވީ، އާދަމުގެފާނުގެ ހަށިކޮޅުން
ކަމެވެ.
ރާޖިޙު ރައުޔު:
ބަޔާންވެދިޔަ
ރައުޔުތަކުގެ މައްޗަށް ނަޒަރު ހިންގައިލާއިރު، އެންމެ
ޞައްޙަ ރާޖިޙު ރައުޔަކީ ކޮބާކަން އެބަ އެނގެ އެވެ. އެއީ،
ކީރިތި ޤުރާނާއި ޠާހިރު ސުންނަތުގެ އަލީގައި، އެނގި،
ކަށަވަރުވެ، ސާބިތުވެފައިވާ ގޮތަށް ބުނާ ރައުޔެވެ. އެއީ،
އިސްވެ ބަޔާންކުރި ފުރަތަމަ ރައުޔެވެ. އެ ރައުޔު ބުނާ
ގޮތުގައި، މާތް ﷲ، ޙައްވާގެފާނު ހެއްދެވީ "އެންމެ
ނަފުސަކުންނެވެ." އެ ނަފުސަކީ އާދަމުގެފާނެވެ. އެކަލާނގެ
އެކަމަނާ ހެއްދެވީ އެކަލޭގެފާނުގެ އަރިކަށީގެ
ކަށިކޮޅަކުންނެވެ. އެއީ، ގުދު ކަށިކޮޅެއް ކަމަށާއި، އެއީ
ކުޑަ ނުވަތަ ކުރު ކަށިކޮޅެއް ކަމަށް ޞައްޙަ އަދި ޞަރީޙަ
ޙަދީޘްފުޅުތަކުގައި ވާރިދުވެފައި ވެ އެވެ. އެއިން ކޮންމެ
ބަސްފުޅަކުން ވެސް އެނގި ކަށަވަރުވަނީ، އެކަމަނާ ހެއްދެވީ
އާދަމުގެފާނުގެ ހަށިކޮޅުން ކަމެވެ. ކީރިތި ޤުރުއާނުގެ
މޫރިތި އާޔަތްތަކުގައި ބަޔާންކުރައްވާފައި ނެތް
ތަފުޞީލުތައް ޠާހިރު ސުންނަތުގައި ވަނީ ބަޔާންކުރައްވާފަ
އެވެ. ސުންނަތަކީ، ކީރިތި ޤުރުއާން ޝަރަޙަކޮށްދޭ
މަޞްދަރެކެވެ. ކީރިތި ޤުރުއާނުގެ މުޖުމަލުގެ ތަފުޞީލު
ސުންނަތުގައި ވެ އެވެ. ކީރިތި ޤުރުއާނުގެ މުޚައްޞަޞުގެ
ޢުމޫމު ވެސް ސުންނަތުގައި ވެ އެވެ. މިކަންކަން އެންމެ
ސާފުކޮށް އޮޅުންފިލުވައިދޭ އެއް ޢިލްމަކީ،
އުޞޫލުލްފިޤުހެވެ.
ރާޖިޙު ރައުޔު
އިޚުތިޔާރުކުރި ސަބަބު:
ޢިލްމުވެރިން ރާޖިޙު ރައުޔު
އިޚުތިޔާރުކުރައްވާފައިވަނީ، އެއީ، އެންމެ ޞައްޙަ ރައުޔު
ކަމަށް ވާތީ އެވެ. އެ ރައުޔުގެ ޞައްޙަކަން ބަޔާންކޮށްދޭ
އެތައް ދަލީލުތަކެއް ވެ އެވެ. މި ދަންނަވަނީ އެއިން ބައެއް
ދަލީލުތަކެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(وَهُوَ الَّذِيَ أَنشَأَكُم مِّن نَّفْسٍ وَاحِدَةٍ
فَمُسْتَقَرٌّ وَمُسْتَوْدَعٌ قَدْ فَصَّلْنَا الآيَاتِ
لِقَوْمٍ يَفْقَهُونَ)
އަލްއަންޢާމު: 98
މާނައީ،
"އަދި އެކަލާނގެއީ، އެންމެ ނަފުސަކުން (އެބަހީ:
އާދަމުގެފާނުގެ ކިބައިން) ތިޔަބައިމީހުން އުފެއްދެވި
ރަސްކަލާނގެ އެވެ. ފަހެ، ޤަރާރުވެ ތިބެވޭނެ ތަނަކާއި،
ރައްކާކުރަން ލެވޭ ތަނެއް (އެބަހީ: ކަށްވަޅުތައް
ތިޔަބައިމީހުންނަށް) ވެ އެވެ. ހަމަކަށަވަރުން،
ތިމަންރަސްކަލާނގެ އާޔަތްތައް ވަކިވަކިން ބަޔާންކޮށްދެއްވީ
ވިސްނާ ބަޔަކަށެވެ."
މި އާޔަތުގައި ވެސް މާތް ﷲ
ބަޔާންކުރައްވާފައިވާ "އެންމެ ނަފުސަކީ" އާދަމުގެފާނެވެ.
އެކަލާނގެ، ޙައްވާގެފާނު ހެއްދެވީ، އެކަލޭގެފާނުގެ
އަރިކަށީގެ ކަށިކޮޅަކުންނެވެ. އެހެންކަމުން، އެންމެހައި
މީސްތަކުން ހައްދަވާފައި ވަނީ، އެންމެ ނަފުސަކުން ކަން
އެނގެ އެވެ.
ކީރިތި ޤުރުއާނުގައިވާ މުޖުމަލު ނުވަތަ
ޖުމުލަ މާނަ ހިމެނޭ އާޔަތްތަކުގެ ތަފުސީރު، ސުންނަތުގައިވާ
ޞައްޙަ ބަސްފުޅުތަކުގައި ވެ އެވެ. ޠާހިރު ސުންނަތުން،
ކީރިތި ޤުރުއާން ޝަރަޙަ ކުރުމަކީ، ޢިލްމުވެރިން
އިޢުތިމާދުވެ ވަޑައިގެންފައިވާ ހަރުދަނާ މަންހަޖެކެވެ.
ކީރިތި ޤުރާން ޝަރަޙަކޮށްދޭ ޙަދީޘްފުޅެއްގެ މިސާލަކީ،
އަބޫހުރައިރަތުގެފާނުގެ އަރިހުން، އިމާމު ބުޚާރީ
ރިވާކުރައްވާފައިވާ މިދަންނަވާ ޙަދީޘްފުޅެވެ.
(اسْتَوْصُوا بِالنِّسَاءِ فَإِنَّ الْمَرْأَةَ خُلِقَتْ
مِنْ ضِلَعٍ وَإِنَّ أَعْوَجَ شَيْءٍ فِي الضِّلَعِ
أَعْلَاهُ فَإِنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ وَإِنْ
تَرَكْتَهُ لَمْ يَزَلْ أَعْوَجَ فَاسْتَوْصُوا
بِالنِّسَاءِ)
ރިވާކުރެއްވީ: އިމާމު ބުޚާރީ.
މާނައީ، "އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން
އެއްބަޔަކު އަނެއް ބަޔަކަށް ވަޞިއްޔަތްކޮށް އުޅޭހުށި
ކަމެވެ! ފަހެ، އަންހެނާ ހެއްދެވިފައިވަނީ، އަރިކަށީގެ ގުދު
ކަށިކޮޅަކުންނެވެ. ހަމަކަށަވަރުން އެ ކަށީގައިވާ އެންމެ
ގުދުކަން ބޮޑު ބަޔަކީ، އޭގެ މަތީކޮޅެވެ. ފަހެ، ތިބާ އެ
ތެދުކުރަންއުޅެގެންފިނަމަ، ތިބާގެ އަތުން އެ ބިންދައިގެން
ހިނގައިދާނެ އެވެ. ތިބާ އެކަން ނުކޮށް ދޫކޮށްލައިފިނަމަ،
އޭގެ ގުދުކަންމަތީގައި ވާނެ އެވެ. ފަހެ، އަންހެނުންނަށް
ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއް
ބަޔަކަށް ވަޞިއްޔަތްކޮށް އުޅޭހުށި ކަމެވެ!"
މި
ޙަދީޘްފުޅުގައި، އަންހެނުން ހެއްދެވި އަޞްލު
ބަޔާންކުރައްވާފައި އެބައޮތެވެ. އެއީ، އާދަމުގެފާނުގެ
އަރިކަށީގެ ކަށިކޮޅެކެވެ. އެ ހަށިކޮޅުން ޚަލްޤުކުރެއްވީ
އަންހެނުންގެ އަޞްލު ކަމުގައިވާ ޙައްވާގެފާނެވެ. މި
ޙަދީޘްފުޅުގައި މިކަން ބަޔާންކުރައްވާފައި މިވަނީ ވަރަށް
ސާފުކޮށް، ވަރަށް ޞަރީޙަ ބަސްފުޅުންނެވެ.
ޙަދީޘްފުޅުގައިވާ (وَإِنَّ أَعْوَجَ شَيْءٍ فِي الضِّلَعِ
أَعْلَاهُ) "ހަމަކަށަވަރުން އެ ކަށީގައިވާ އެންމެ ގުދުކަން
ބޮޑު ބަޔަކީ، އޭގެ މަތީކޮޅެވެ." މިއީ، ވަރަށް މުހިންމު
ކަމެއް ކަށަވަރުކޮށްދޭ ބަސްފުޅެކެވެ. އެއީ، ކަށިކޮޅުގެ
އެންމެ ގުދު ތަނުން ޙައްވާގެފާނު ޚަލްޤުކުރައްވާފައިވާ
ކަމަށް އޮތް އިޝާރާތެކެވެ. މި މޭރުމުން ބަސްފުޅު
ގެނެސްދެއްވާފައިވަނީ، އެ ސިފަ އަންހެނުންނަށް
ލިބިގެންވާކަން ބަޔާންކުރެއްވުމުގެ ބަލާޣާތްތެރި ޞީޣާގަ
އެވެ. އެއީ، އަންހެނުންގެ ހަށިގަނޑުގެ އެންމެ މަތީގައިވާ
ބޮލަށް، އާދެ، ވިސްނުމާއި ފިކުރަށް ނުވަތަ އެމީހުންގެ
ދުލަށް ޖައްސަވާފައިވާ މިސާލެއް ކަމަށް ވެސް ބައެއް
ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. އެހެނީ، އާންމު
ގޮތެއްގައި އަންހެނެއްގެ ކިބައިން ލިބޭ އެންމެ ބޮޑު
އުނދަގުލެއް ލިބެނީ، އޭނާގެ ދުލުންނެވެ. މަޢުނަވީ ގޮތުން
ބަލާއިރު، އޭނާގެ ކިބައިގައިވާ އެންމެ ގުދުކަން ބޮޑު
ގުނަވަނަކީ އެއީ އެވެ. އޭނާގެ ކިބައިން، ކިތަންމެ
އުނދަގުލެއް ލިބުނު ކަމުގައި ވިޔަސް، ކީރިތި މާތް ނަބިއްޔާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަންގަވާފައި މިވަނީ،
އޭނާއަށް ހެޔޮކޮށް ހިތުމަށެވެ. އޭނާއަށް ލިބެންޖެހޭ
ޙައްޤެއް އުނިނުކުރުމަށެވެ. އޭނާއަށް އެއްވެސް އަނިޔާއެއް
ނުކުރުމަށެވެ.
އަބޫ ހުރައިރަތުގެފާނުގެ އަރިހުން
މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެ އެވެ.
(إِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ لَنْ تَسْتَقِيمَ
لَكَ عَلَى طَرِيقَةٍ ، فَإِنِ اسْتَمْتَعْتَ بِهَا
اسْتَمْتَعْتَ بِهَا وَبِهَا عِوَجٌ ، وَإِنْ ذَهَبْتَ
تُقِيمُهَا كَسَرْتَهَا ، وَكَسْرُهَا طَلَاقُهَا)
ރިވާކުރެއްވީ: އިމާމު މުސްލިމު.
މާނައީ،
"ހަމަކަށަވަރުން އަންހެނާ ހެއްދެވިފައިވަނީ، އަރިކަށީގެ
ގުދު ކަށިކޮޅަކުންނެވެ. އެއްވެސް ޙާލެއްގައި ތިބާއަށް އެ
ކަށިކޮޅު ތެދެއް ނުކުރެވޭނެ އެވެ. އޭގައިވާ ގުދުކަމާއެކު
ވެސް ތިބާ އެއިން އުފާފާގަތިކަން ޙާޞިލުކޮށްފިނަމަ،
ތިބާއަށް އެކަން ޙާޞިލުވާނެ ހުއްޓެވެ. ތިބާ އެ ތެދުކުރަން
އުޅެގެންފިނަމަ، ތިބާގެ އަތުން އެ ބިންދައިގެން
ހިނގައިދާނެ އެވެ. އެ ބިންދައިގެން ދިއުމަކީ، އޭނާ
ވަރިކުރުމެވެ."
މި ޙަދީޘްފުޅުގެ ނައްޞުން ވެސް
އެނގޭ ގޮތުގައި، އަންހެނާ ހައްދަވާފައިވަނީ، އަރިކަށީގެ
ކަށިކޮޅަކުންނެވެ. މި ޙަދީޘްފުޅުގައިވާ "އަންހެނާ" ގެ
މުރާދަ އަކީ، ޙައްވާގެފާނު ކަމަށް ޢިލްމުވެރިން
ވިދާޅުވެފައި ވެ އެވެ.
މުއްތަފަޤުންޢަލައިހި
ދަރަޖައިގެ އެހެން ޙަދީޘްފުޅެއްގައި ވެ އެވެ.
(الْمَرْأَةُ كَالضِّلَعِ ، إِنْ أَقَمْتَهَا كَسَرْتَهَا
وَإِنِ اسْتَمْتَعْتَ بِهَا اسْتَمْتَعْتَ بِهَا وَفِيهَا
عِوَجٌ)
ރިވާކުރެއްވީ: އިމާމު ބުޚާރީ.
މާނައީ،
"އަންހެނާ، އަރިކަށީގެ ގުދު ކަށިކޮޅެއް ފަދަ އެވެ. އެ
ތެދުކުރަން ތިބާ އުޅެފިނަމަ، ތިބާގެ އަތުން އެ
ބިންދައިގެން ހިނގައިދާނެ އެވެ. އޭގައިވާ ގުދުކަމާއެކު
ވެސް ތިބާ އެއިން އުފާފާގަތިކަން ޙާޞިލުކޮށްފިނަމަ،
ތިބާއަށް އެކަން ޙާޞިލުވާނެ ހުއްޓެވެ."
މި
ޙަދީޘްފުޅުގައި މިވަނީ، އަންހެނަކު، އަރިކަށީގެ ކަށިކޮޅަކާ
އެއްފަދަ ކަމަށް މިސާލު ޖައްސަވާފަ އެވެ. އަންހެނެއްގެ
ކިބައިގައިވާ މަޢުނަވީ ގުދުކަން، އެ ކަށިކޮޅުގައިވާ
ގުދުކަމާ އެއްސިފަ ކުރައްވާފަ އެވެ. އަންހެނާގެ އަޞްލަކީ،
އަރިކަށީގެ ކަށިކޮޅެއް ކަމުގެ އިޝާރާތް ވެސް މި
ޙަދީޘްފުޅުގައި އެބައޮތެވެ. އިބްނު ޙަޖަރާއި، އަލްޤުރުޠުބީ
ވެސް މިފަދައިން ވިދާޅުވެފައި ވެ އެވެ.
ސަމުރަތު
(سَمُرَة) ބްނު ޖުންދުބް ގެ އަރިހުން ރިވާވެފައިވާ
ޙަދީޘްފުޅެއްގައި ވެ އެވެ.
(إِنَّ الْمَرْأَةَ خُلِقَتْ
مِنْ ضِلْعٍ ، وَإِنَّكَ إِنْ تُرِدْ إِقَامَةَ الضِّلْعِ
تَكْسِرْهَا ، فَدَارِهَا تَعِشْ بِهَا)
ރިވާކުރެއްވީ:
އިމާމު އަޙްމަދު.
މާނައީ، "ހަމަކަށަވަރުން އަންހެނާ
ހެއްދެވިފައިވަނީ، އަރިކަށީގެ ގުދު ކަށިކޮޅަކުންނެވެ.
ފަހެ، ތިބާ އެ ގުދު ކަށިކޮޅު ތެދުކުރަން އުޅެފިނަމަ،
ތިބާގެ އަތުން އެ ބިންދައިގެން ހިނގައިދާނެ އެވެ. ފަހެ،
ތިބާ އެކަނބުލޭގެއާއެކު ލުއިފަސޭހަކަމާއި، ވިލުންތެރިކަމާ
އެކު، އުޅޭހުށި ކަމެވެ! އޭރުން އެކަނބުލޭގެއާއެކު ތިބާއަށް
އުފާވެރި ދިރިއުޅުމެއް ޙާޞިލުވާނެ ހުއްޓެވެ."
ކުރިން ވެސް ދަންނަވާފައިވާނެ ފަދައިން، މާތް ﷲ،
ޙައްވާގެފާނު ހެއްދެވީ، އާދަމުގެފާނުގެ ވާތްޕުޅު ފަރާތުގެ
އަރިކަށީގެ ގުދު އަދި ކުޑަ ކަށިކޮޅަކުން ކަމަށް
މުފައްސިރުންގެ ޖުމްހޫރު ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން، ޤަބޫކުރެވެން އޮތީ، މި އުއްމަތުގެ
މުޢުތަބަރު ޢިލްމުވެރިން ވިދާޅުވާ އެ ރައުޔެވެ.
ޙިކުމަތްތެރިޔަކަށް ހުށަހެޅުނު ސުވާލެއް ކަމަށް ބުނެވޭ
ސުވާލެއްގައި ވެ އެވެ.
އާދަމުގެފާނުގެ އަރިކަށީގެ
ކަށިކޮޅަކުން ޙައްވާގެފާނު ހެއްދެވުނީ ކީއްވެތޯ އެވެ؟
އެ ޙިކުމަތްތެރިޔާ ޖަވާބުދެމުން ބުންޏެވެ.
އާދަމުގެފާނުގެ އިސްތަށިފުޅުން، ޙައްވާގެފާނު
ނުހެއްދެވުނީ، އެކަލޭގެފާނުގެ ސާހިބުމީހާ ކަމުގައި
އެކަމަނާ ނުލެއްވުމަށެވެ.
އެކަލޭގެފާނުގެ
ފައިތިލަފުޅުން އެކަމަނާ ނުހެއްދެވުނީ، އެކަލޭގެފާނުގެ
އަޅެއް ކަމުގައި އެކަމަނާ ނުލެއްވުމަށެވެ.
ކިއެއްތޯ
އެވެ. އެކަލޭގެފާނުގެ އަރިކަށީގެ ކަށިކޮޅަކުން އެކަމަނާ
ހެއްދެވުނީ، އެކަލޭގެފާނުގެ އަރިހުގައި އެކަމަނާ
ބައިވެރިއެއްގެ ގޮތުގައި ލެއްވުމަށެވެ.
އެކަލޭގެފާނުގެ
ކޮނޑުފުޅަށްވުރެ ތިރީގެ ގުނަވަނަކުން، އެކަމަނާ
ހެއްދެވުނީ، އެކަލޭގެފާނުގެ ޙިމާޔަތުގައި އެކަމަނާ
ލެއްވުމަށެވެ.
އެކަލޭގެފާނުގެ ހިތްޕުޅު އޮތް ފަރާތުން
އެކަމަނާ ހެއްދެވުނީ، އެކަލޭގެފާނުގެ ހިތްޕުޅަށް އެކަމަނާ
ލޯބިވެތިކުރެއްވުމަށެވެ.
އެކަލޭގެފާނުގެ ފަހަތްޕުޅުން
އެކަމަނާ ހެއްދެވުނީ، އަބަދުވެސް އެކަލޭގެފާނާއެކު
އެކަމަނާ ހުންނެވުމަށެވެ.
ޙިކުމަތްތެރިޔާ
ދައްކަވާފައިވާ މި ވާހަކަތަކަކީ، އިސްލާމްދީނުގައި
ބަޔާންކުރައްވާފައިވާ ވާހަތަކެއްތޯ ނުވަތަ ނޫންތޯ
އޮޅުންފިލުވުމަށްޓަކައި، އިސްލާމްވެބަށް ސުވާލެއް
ހުށަހެޅިފައި ވެ އެވެ. އެ ސުވާލުގެ ޖަވާބުގައި،
ޢިލްމުވެރިން ވިދާޅުވެފައިވަނީ، އެއީ، އިސްލާމްދީނުގައި
ބަޔާންކުރައްވާފައިވާ ޚަބަރުތަކެއް ނޫން ކަމަށެވެ.
އެކަމަކު، އެއީ ފިލޯސަފަރުންގެ އިޖުތިހާދުން ނެރެފައިވާ
ފަލްސަފާއެއް ކަމަށެވެ.
ބަޔާންވެދިޔައީ،
ޙައްވާގެފާނު ޚަލްޤުކުރެއްވުމާބެހޭ މައުޟޫޢުގައި ހިމެނޭ
ބައެއް ވާހަކަތަކެވެ. އިންސާނީ ޙަޔާތާއި، ބިނާވެށި
އާރާސްތުކުރުމުގައި އެކަމަނާއާއި، އެކަމަނާގެ ނަސްލުން
އައި އަންހެނުންނަކީ، މުޖުތަމަޢުގެ ދެބައިކުޅަ އެއްބަޔެވެ.
އިސްވެ ދަންނަވާފައިވާނެ ފަދައިން، ބައެއް ޙާލަތުތަކުގައި،
އަންހެނުންގެ ބުރަދަން މުޖުތަމަޢުގެ ދެބައިކުޅަ
އެއްބަޔަށްވުރެ މާބޮޑެވެ.