ޙައްޖު


1.
ޙައްޖަކަށް މަބްރޫރު އެދިގެން، ޖަންނަތަށް އުންމީދު ކުރަނީ،
ފައްޖުފައްޖުން ފައުޖުފައުޖަށް، ގޮސް އެތާ އަޅުކަންމެ ކުރަނީ.

2.
ހަމަ ގެއިން ނިޔަތާ އެކީގައި، ނިކުތުމާއެކު ޙައްޖުވެރިޔާ،
ކަމަށެ އެއޮތީ އަންގަވާފައި، ވާ މަނާސިކު ޙައްޖު ފަށަނީ.

3.
ބަނދެލުމުން މީޤާތުގައި ހުރެ، އާދެ، އިޙްރާމް ހިތުނިޔަތްގަނެ،
ތެދެކެ މަތިވެރި ދަތުރުގައިތާ، ތެދުވެ އެކަމުން ޙައްޖު ފަށަނީ.

4.
ފޯރިޔާ ޙަޔަވިއްޔަތާއެކު، ތަލްބިޔާ ކިޔަމުން އެދާއިރު،
ކާރި އަށް މައްކާގެ ދެވުމުން، ހެޔޮ ދުޢާ ތަކުރާރުކުރަނީ.

5.
ވަންހައަށް ނަސަބަށް މޮޅެއް ނެތި، މާތްވި އަލްބަލަދުލް އަމީނަށް،
ކަންކޮޅުން ދުނިޔޭގެ އެކިއެކި، ދާ އެ ޙައްޖާޖުން ވަދެލަނީ.

6.
ދެން ޙަރަމްފުޅުގައި ވަށައިގެން، ހަތް ފަހަރު ކޮށްލާ ޠަވާފުން،
ކޮންމެ ފަހަރެއް ޙަޖަރު އަސްވަދު، ވާ ހިސާބުންނޭ އެފަށަނީ.

7.
ލާޒިމެއް ނޫނޭ ޙަޖަރުގައި، ޙައްޖުވެރިޔާ ބޮސްދިނުމަކީ،
ލާހިކެއް ނޫނޭ އެކަންވުން، ޢާންމުކޮށް އެންމެންމެ ބުނަނީ.

8.
ދެން މަޤާމްފުޅު ފަހަތުގާ ހުރެ، ޙައްޖުވެރިޔާ ދެ ރަކުޢަތްކޮށް،
ފުންހިތުން ތަޤުވާގެ ރަހަ ލިބި، ހެޔޮ އަސަރު ނަފުސުގަ ވިނަވަނީ.

9.
އޭގެ ފަހުގައި ސަޢުޔުކުރުމޭ، ދެމެދުގައި މަރްވާ، ޞަފާ އާ،
އޭގެ ދެމެދުގަ ހަތް ފަހަރުތާ، ފިޤުހުގައި އިޖުމާޢު އެވަނީ.

10.
ޙައްޖު މަހު އަށްވަނަ ދުވަހުގައި، ކޮށް ޤުދޫމުގެ ހެޔޮ ޠަވާފާ،
ޙައްޖުވާން އެދިގެން މިނާއަށް، ދާން ދަތުރު ޙައްޖާޖު ފަށަނީ.

11.
އަންނަ ނުވަވަނަ ދުވަހު ދާނީ، ޙައްޖުވާން ޢަރަފާތު ބިމުގައި،
ދެން އެދުހު ދެ ނަމާދު ޖަމްޢަށް، މެންދުރާ ޢަޞްރާއެ ކުރަނީ.

12.
އާދެ، މުޒުދަލިފާގެ ވާދީ، ގައި އެރޭ ރޭކޮށްލުމަށް ގޮސް،
ޖަމްޢުކޮށް ދެ ނަމާދު ކޮށްގެން، ޠާޢަތާއެކުތާ ތިބެލަނީ.

13.
ދިހައަކަށްވާ ދުވަހުގައި ވޭ، ހިލަ އުކުން ޖަމްރާތަކަށް ގޮސް،
ނަހަމައޭ އިބްލީހު ބުންޏަސް، ނުމެއުކައި ޙައްޖާޖު ނުދަނީ.

14.
ކަތިލުމާ އަޟުޙާގެ ޤުރުބާން، ބޯކޮށުން، ބޭލުން އަދާކޮށް،
ދަތިނުވާނޭހެން ދަތުރުކޮށް، ދެން މިނާއަށް އެނބުރި އެދަނީ.

15.
ހިލައުކަން ޖަމްރާތަކަށް ގޮސް، ރަޖަމު އިބްލީސް ކޮށްލެވޭއިރު،
މިލަ ކޮޅެއް ފާފައިން ނުވާނަމަ، ޝައުޤު ހިތުގައި އެކަމަށަވަނީ.

16.
ދެން އެއަށްފަހު ވާ މަނާސިކު، އަލްވަދާޢުގެ ފަހު ޠަވާފާ،
ފެން ފޮދެއް ބޮއިގެންނެ ޒަމްޒަމް، ޠާޢަތާއެކު ފުރިހަމަވަނީ.

17.
ޙައްޖަކަށް މަބްރޫރު އެދިގެން، ޖަންނަތަށް އުންމީދު ކޮށްގެން،
ޙައްޖުގައިވާ ސުންނަތާއެކު، އެންމެހައި އަޅުކަންމެ ފަވަނީ.