ޙިމާރުގެ ވަޞިއްޔަތް
އެއްރެއަކު، ޢަރަބީންގެ ރަށްފުށު މީހުންގެ ތެރެއިން
ބަދަތްވަކު، އޭނާގެ ފޭލިގޭގައި ނިދާފައި އޮއްވާ ހުވަފެނެއް
ފެނުނެވެ. އެ ހުވަފެނުގައި، އޭނާ ގެންގުޅޭ ޙިމާރު އައިސް
ބުންޏެވެ.
"ސާހިބާއެވެ!
އެވެނި ތަނެއްގައިވާ
މިވެނި ގަހެއްގެ ދަށުގައި، ވިހި މިލިއަން ޑޮލަރުގެ
ކީސާއެއް އެބައޮތެވެ.
އަވަށް ގޮސް އެ ކީސާ ނަގާށެވެ!
ތިބާ އެ ހިފައިގެން އެނބުރި ފޭލިގެއަށް އަންނަ އިރު،
ތިމަންނާ ވާނީ މަރުވެފައެވެ.
އެހެނަސް، ސަހަރާގެ ހޫނު
ބިމަށް ތިމަންގެ ހަށިގަނޑު އެއްލައިނުލާށެވެ!
ތިމަންގެ
ވަޞިއްޔަތަކީ، ފަނޑިޔާރަށް ފަސް މިލިއަން ޑޮލަރު ދިނުމެވެ.
އޭރުން، މީހުން ވަޅުލާ ޤަބުރުސްތާނުގައި ތިމަންގެ
ހަށިގަނޑު ވަޅުލުމަށް އޭނާ ނިޔާކަނޑައަޅުއްވާނެއެވެ!"
މި ހުވަފެން ފެނިގެން ހޭލެވުމާއެކު، ޙިމާރު ބުނި ގަސް
ހުރި ތަނަށް އޭނާ ދިޔައެވެ. ޙިމާރު ބުނި ފައިސާ ކީސާ އެ
ގަހުގެ ދަށުގައި އޮއްވާ އޭނާއަށް ފެނުނެވެ. އެ ކީސާ
ހިފައިގެން އޭނާ ފޭލިގެއަށް އައިއިރު، ޙިމާރު ވަނީ
މަރުވެފައެވެ. ދެން ޙިމާރުގެ މަރު ސާބިތުކުރުމަށްޓަކައި
ފަނޑިޔާރުގެ އަރިއަހަށް ގޮސް، ޙިމާރު ވަޞިއްޔަތްކޮށްފައިވާ
ފަދައިން ކަންކުރިއެވެ. ފަނޑިޔާރަށް ފަސް މިލިއަން ޑޮލަރު
ދިނުމުން، ޙިމާރު އެދިފައިވާ ގޮތަށް، މީހުން ވަޅުލާ
ޤަބުރުސްތާނުގައި ޙިމާރުގެ ހަށިގަނޑު ވަޅުލުމަށް ނިޔާ
ކަނޑައެޅުއްވިއެވެ.
ދެން ބަދަވިމީހާ، އޭނާގެ
ޙިމާރު، އެ ޤަބުރުސްތާނުގައި ވަޅުލަންއުޅުނެވެ. އެހެނަސް،
މީހުން އެކަމާ ދެކޮޅުހަދައި، އެކަން މަނާކުރިއެވެ.
އެހިނދު، އޭނާއަށް ފެނުނު ހުވަފެން އެމީހުންނަށް
ކިޔައިދިނެވެ. އަދި ޙިމާރުގެ ވަޞިއްޔަތް ތަންފީޒުކުރުމުގެ
ގޮތުން ފަނޑިޔާރަށް ފަސް މިލިއަން ޑޮލަރު ދިން ވާހަކަ ވެސް
ބުންޏެވެ.
އެވާހަކަ އަޑުއިވުމުން، އެމީހުން
ބުންޏެވެ.
"ހަމަހިލައި، ތިޔަހެނެއް ތިޔަ ޙިމާރު
ވަޅެއް ނުލެވޭނެއެވެ!
ފަނޑިޔާރަށް ފަސް މިލިއަން
ދިނުމަށްފަހު، ބާކީވާ ފައިސާ އަށް ހަދަންވީ ގޮތެއް އެސޮރު
ނުބުނޭ ހެއްޔެވެ؟
ޤަބުރުސްތާނުގައި އެސޮރުގެ ހަށިގަނޑު
ވަޅުލެވޭނީ، އެ ފައިސާ ތިމަންމެންނަށް ދޭން އެސޮރު
ވަޞިއްޔަތްކޮށްފައި ވާނަމައެވެ!"