ސަލާމްލެއްވި ހޫދުގެފާނު
ނަސަބުފުޅު:
ސަލާމްލެއްވި ހޫދުގެފާނަކީ،
ޢާދުބާގައި މީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، މާތް
ﷲ ފޮނުއްވި ރަސޫލެވެ. އެކަލޭގެފާނުގެ ނަސަބުފުޅު
ބަޔާންކޮށްދޭ އެތައް ރިވާޔަތެއް ވެ އެވެ. އެއިން
ރިވާޔަތެއް ބުނާ ގޮތުގައި އެކަލޭގެފާނަކީ، (نوح)
ނޫޙުގެފާނުގެ ސާމު (سام) ގެ އަރުފަޚުޝަޛު (أرفحشذ)
(Arfakhshand) ގެ ޝާލިޚު (شالخ) (Shalikh) ގެ (هود)
ހޫދުގެފާނެވެ.
އެކަލޭގެފާނަކީ، (نوح) ނޫޙުގެފާނުގެ ސާމު
(سام) ގެ އަރުފަޚުޝަޛު (أرفحشذ) (Arfakhshand) ގެ ޝާލިޚު
(شالخ) (Shalikh) ގެ ޢާބިރުގެފާނު (عابر) ކަމަށް ވެސް
ރިވާވެފައި ވެ އެވެ.
އިބްނު ޖަރީރު
ވިދާޅުވެފައިވަނީ، އެކަލޭގެފާނަކީ، (نوح) ނޫޙުގެފާނުގެ
ސާމު (سام) ގެ އިރަމު (ارم) ގެ ޢިވަޞު (عوص) ގެ ޢާދު (عاد)
ގެ އަލްޖާރޫދު (الجارود) ގެ ރަބާޙު (رباح) ގެ ޢަބްދުﷲ (عبد
الله) ގެ ހޫދުގެފާނު (هود) ކަމަށެވެ. އެކަލޭގެފާނަކީ،
ޢާދުބާގައިގެ ޤަދަރުވެރި ޚާންދާނަކުން ވަޑައިގެންނެވި
ބޭކަލެއް ކަމަށް ރިވާވެފައި ވެ އެވެ.
ހޫދުގެފާނު
ދުނިޔެއަށް ވަޑައިގެންނެވީ، މީލާދުގެ ކުރީގެ 2500 ވަނަ
އަހަރު ކަމަށާއި، އެކަލޭގެފާނު އަވަހާރަވީ މީލާދުގެ ކުރީގެ
2200 ވަނަ އަހަރު ކަމަށް ބައެއް މަޞްދަރުތަކުގައި ވެ އެވެ.
ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ވާހަކަ
ބަޔާންކުރައްވާފައިވާ ޙަދީޘްފުޅެއް، އަބޫޛައްރުގެފާނުގެ
އަރިހުން ރިވާވެފައި ވެ އެވެ. އެ ޙަދީޘްފުޅުގައި ވެ އެވެ.
(مِنْهُمْ أَرْبَعَةٌ مِنَ اْلعَرَبِ: هُودٌ،
وَصَالِحٌ، وَشُعَيْبٌ، وَنَبِيُّكَ يَا أَبَا ذَرّ)
ރިވާކުރެއްވީ: އިބްނު ޙިއްބާން.
މާނައީ،
"އެބޭކަލުންގެ ތެރޭގައި ހަތަރު ޢަރަބި ބޭކަލަކު
ހިމެނިވަޑައިގަންނަވަ އެވެ. އޭ އަބޫޛައްރުގެފާނެވެ!
އެބޭކަލުންނަކީ، ހޫދުގެފާނާއި، ޞާލިޙުގެފާނާއި،
ޝުޢައިބުގެފާނާއި، ތިބާގެ ނަބިއްޔާ އެވެ."
އެންމެ
ފުރަތަމަ ސާފު ޢަރަބި ބަހުން ވާހަކަފުޅުދެއްކެވީ،
ހޫދުގެފާނު ކަމަށް ރިވާވެފައި ވެ އެވެ.
އެންމެ ފުރަތަމަ
ޢަރަބި ބަހުން ވާހަކަފުޅުދެއްކެވީ، ނޫޙުގެފާނު ކަމަށް ވެސް
ރިވާވެފައި ވެ އެވެ.
އެންމެ ފުރަތަމަ ޢަރަބި ބަހުން
ވާހަކަފުޅުދެއްކެވީ، އާދަމުގެފާނު ކަމަށް ވެސް ރިވާވެފައި
ވެ އެވެ.
ސަލާމްލެއްވި އިސްމާޢީލުގެފާނަށްވުރެ
ކުރިން ދުނިޔޭގައި އުޅުނު ޢަރަބީންނަކީ،
"އަލްޢަރަބުލްޢާރިބާ" އެވެ. އެމީހުންނަކީ، އެތައް
ޤަބީލާތަކެއްގެ ބަޔެކެވެ. ޢާދުބާގަ އާއި، ޘަމޫދުބާގަ އާއި،
ޖުރުހުމް ވަންހަ ފަދަ އެތައް ބަޔަކު އެމީހުންގެ ތެރޭގައި
ހިމެނެ އެވެ.
ސަލާމްލެއްވި އިބްރާހީމުގެފާނުގެ
ދަރިކަލުން، ސަލާމްލެއްވި އިސްމާޢީލުގެފާނުގެ
ދަރިފަސްކޮޅުން އައި މީހުންނަކީ، މުސްތަޢުރިބު (مُستَعرِب)
ޢަރަބީންނެވެ. އެމީހުންނަށް ކިޔަނީ،
"އަލްޢަރަބުލްމުސްތަޢުރިބާ" އެވެ.
ބަލާޣާތްތެރިކަމާއެކު، ފަޞާޙަތްތެރި ޢަރަބި ބަހުން އެންމެ
ފުރަތަމަ ވާހަކަފުޅުދެއްކެވީ، ސަލާމްލެއްވި
އިސްމާޢީލުގެފާނު ކަމަށް ރިވާވެފައި ވެ އެވެ.
އެކަލޭގެފާނަށް ޢަރަބި ބަސް ދަސްފުޅުވީ، ޖުރުހުމް
ވަންހައިގެ މީހުންގެ ކިބައިންނެވެ. އެކަލޭގެފާނުގެ
މަންމާފުޅު، ހާޖަރުގެފާނުގެ އިޒުނަފުޅާއެކު، އެ ވަންހައިގެ
މީހުން އެކަމަނާގެ އަވަށްޓެރިންގެ ގޮތުގައި، މައްކާގައި
ދިރިއުޅުނެވެ. ބަސްމޮށުންތެރިކަމުގެ ގޮތުން އެމީހުންނާ
އެކަލޭގެފާނާ ހުރި ތަފާތަކީ، މާތް ﷲ، އެކަލޭގެފާނުގެ
ދޫފުޅުގައި ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަން
ލެއްވުމެވެ. އެކަލާނގެ ވަނީ، އެ ފަޞާޙަތްތެރިކަމާއި
ބަލާޣާތްތެރިކަން، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި
ވަސައްލަމަގެ ދޫފުޅުގައި ވެސް ލައްވާފަ އެވެ.
އާދުބާގައި މީހުން:
ޢާދުބާގައި މީހުންނަކީ،
ނޫޙުގެފާނުގެ ސާމުގެ ޢިވަޞުގެ ޢާދުގެ ދަރިފަސްކޮޅު
މީހުންނެވެ. މާތް ﷲ، އެމީހުންނަށް ގިނަގުނަ ނިޢުމަތްތައް
ދެއްވި އެވެ. އެކަލާނގެ، އެމީހުންނަށް ދެއްވި
ނިޢުމަތްތަކުގެ ތެރޭގައި، ބިމުގެ ވެރިކަމާއި، ޖިސްމާނީ
ބާރާއި، ނަޢަމް ސޫފިތަކާއި، ދަރީން ގިނަ ކަމާއި، ގިނަގުނަ
ބަގީޗާތަކާއި، އެތަކެއް ފެންއާރުތަކެއް ހިމެނެ އެވެ.
އެކަލާނގެ ދެއްވި އެ ނިޢުމަތްތަކަށް އެމީހުން ކުފުރުވި
އެވެ. އެކަލާނގެ ޙަޟުރަތަށް ޠާޢަތްތެރިކަން އަދާކުރުމުގެ
ބަދަލުގައި އެމީހުން އުރެދުނެވެ. އެމީހުންނަށް ލިބިފައިވާ
ބާރުތަކާއި މުދާވެރިކަމަށްޓަކައި ފަޚުރުވެރިވި އެވެ.
ދުނިޔޭގެ ބިންމަތީގައި ތަވާޟުޢުވެރިވެ ހިތްތިރިކުރުމުގެ
ބަދަލުގައި، ބޮޑާވެ ކިބުރުވެރި ވި އެވެ. އެމީހުންގެ އާރާއި
ބާރު ގަދަ ކަމަށްޓަކައި، އޭރު ދުނިޔޭގައި އުޅުނު އެހެން
މީހުން، އެމީހުން ދެކެ ޖެހިލުންވެ ބިރުގަނެ އެވެ.
ޢާދުބާގައިގެ މީހުންނެވެ، ބުނެވޭ ބަހުގެ މަޤުޞަދަކީ،
އިހުގެ ޢާދުބާގައިގެ މީހުންނެވެ. އެމީހުންނަކީ،
ނޫޙުގެފާނުގެ ޒަމާނުގައި ދުނިޔެ ޣަރަޤުވި ބޮޑު
ޠޫފާނަށްފަހު، ދުނިޔެއަށް އައި މީސްތަކުންގެ ތެރެއިން،
އެންމެ ފުރަތަމަ ބުދަށް އަޅުކަންކުރި މީހުންނެވެ. މާތް ﷲ،
އެމީހުންގެ ގާތަށް، ސަލާމްލެއްވި ހޫދުގެފާނު ފޮނުއްވި
އެވެ. އެމީހުންނަށް އެކަލޭގެފާނު ގޮވާލެއްވީ، ބުދަށް
އަޅުކަންކުރުން ދޫކޮށް، އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ
ގެ ޙަޟުރަތަށް އަޅުކަންކުރުމަށެވެ. އެކަލާނގެ ފިޔަވައި
އެހެން ފަރާތްތަކަށް އަޅުކަން ނުކުރުމަށް ގޮވާލެއްވި އެވެ.
ހޫދުގެފާނުގެ ގޮވާލެއްވުމަށް، ޢާދުބާގައިގެ މީހުން
އިޖާބައެއް ނުދިނެވެ. ކިއެއްތޯ އެވެ. އެކަލޭގެފާނާ
ދެކޮޅުވެރިވެ، އެކަލޭގެފާނު ދޮގުކޮށް، އެކަލޭގެފާނުގެ
ޤަދަރު ކުޑަކޮށް، އެމީހުން އެކަލޭގެފާނަށް ދުއްތުރާތައް
ކުރި އެވެ.
މިދަންނަވަނީ، ކީރިތި ޤުރުއާނުގައި
އެމީހުންގެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތްތަކެވެ.
އަލްއަޢުރާފު ސޫރަތުގެ 65 ވަނަ އާޔަތުން ފެށިގެން އެ
ސޫރަތުގެ 72 ވަނަ އާޔަތުގެ ނިޔަލަށް.
ހޫދު ސޫރަތުގެ 50
ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 60 ވަނަ އާޔަތުގެ
ނިޔަލަށް.
އަލްމުއުމިނޫން ސޫރަތުގެ 31 ވަނަ އާޔަތުން
ފެށިގެން އެ ސޫރަތުގެ 41 ވަނަ އާޔަތުގެ ނިޔަލަށް.
އައްޝުޢަރާއު ސޫރަތުގެ 123 ވަނަ އާޔަތުން ފެށިގެން އެ
ސޫރަތުގެ 140 ވަނަ އާޔަތުގެ ނިޔަލަށް.
ފުއްޞިލަތު
ސޫރަތުގެ 15 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 16 ވަނަ
އާޔަތުގެ ނިޔަލަށް.
އަލްއަޙުޤާފު ސޫރަތުގެ 21 ވަނަ
އާޔަތުން ފެށިގެން އެ ސޫރަތުގެ 25 ވަނަ އާޔަތުގެ ނިޔަލަށް.
އައްޛާރިޔާތު ސޫރަތުގެ 41 ވަނަ އާޔަތުން ފެށިގެން އެ
ސޫރަތުގެ 42 ވަނަ އާޔަތުގެ ނިޔަލަށް.
އައްނަޖުމު
ސޫރަތުގެ 50 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 55 ވަނަ
އާޔަތުގެ ނިޔަލަށް.
އަލްޤަމަރު ސޫރަތުގެ 18 ވަނަ
އާޔަތުން ފެށިގެން އެ ސޫރަތުގެ 22 ވަނަ އާޔަތުގެ ނިޔަލަށް.
އަލްޙާއްޤަތު ސޫރަތުގެ 6 ވަނަ އާޔަތުން ފެށިގެން އެ
ސޫރަތުގެ 8 ވަނަ އާޔަތުގެ ނިޔަލަށް.
އަލްފަޖުރު
ސޫރަތުގެ 6 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 14 ވަނަ
އާޔަތުގެ ނިޔަލަށް.
މީގެ އިތުރުން، ބަރާއަތު
ސޫރަތާއި، އިބްރާހީމު ސޫރަތާއި، އަލްފުރުޤާން ސޫރަތާއި،
އަލްޢަންކަބޫތު ސޫރަތާއި، ޞާދު ސޫރަތާއި، ޤާފު ސޫރަތުގައި،
ޢާދު (عاد) ގެ ނަންގަނެވިފައި ވެ އެވެ.
ޢާދުބާގައި
މީހުންނަކީ، އެމީހުންގެ ޒަމާނުގައި އުޅުނު އެންމެ ބާރުގަދަ
މީހުންނެވެ. އެމީހުންނަކީ، ހަށިތައް ބިޔަ، ބުންވަރު ގަދަ
ބަޔެކެވެ. ހިތް ހަރު، ކާފިރު ބަޔެކެވެ.
ދިރިއުޅުނު ތަން:
ޢާދުބާގައިގެ މީހުން ދިރިއުޅުނީ،
އަޙުޤާފު (الأحقاف) އެވެ، ކިޔުނު ސަރަޙައްދެއްގަ އެވެ.
އަޙުޤާފަކީ، "ޙިޤްފު" (حِقف) ގެ ގިނަ ގޮތެވެ. ޙިޤުފަކީ،
ވެލި ފަރުބަދަ އެވެ. މިހާރު އެ ސަރަޙައްދަށް ކިޔަނީ،
އައްރަބްޢުލްޚާލީ (الربع الخالي) އެވެ. އެ ސަރަޙައްދު
ވަނީ، ޢަރަބި ޖަޒީރާގައި، ޢުމާނާއި ޙަޟުރަމައުތާ ދެމެދުގަ
އެވެ.
ޢާދުބާގައިގެ މީހުން ދިރިއުޅުނީ އިރަމު (إرم)
އެވެ، ކިޔުނު ސަހަރެއްގައި ކަމަށް ވެސް ބުނެވެ އެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(أَلَمْ تَرَ
كَيْفَ فَعَلَ رَبُّكَ بِعَادٍ)
(إِرَمَ ذَاتِ
الْعِمَادِ)
(الَّتِي لَمْ يُخْلَقْ مِثْلُهَا فِي
الْبِلَادِ)
އަލްފަޖުރު: 6-8
މާނައީ:
"ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޢާދުބާގައި މީހުންނާމެދު
ކަންތައް ކުރެއްވި ގޮތް ކަލޭގެފާނަށް
އެނގިވަޑައިނުގަންނަވާތޯ އެވެ؟"
"އެއީ، ތަނބުތަކުގެ
ވެރި، އިރަމެވެ، ކިއުނު ރަށުގެ އަހުލުވެރިންނެވެ."
"އެ
ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި
ނުވާފަދަ ބިނާތަކެކެވެ."
މި އާޔަތްތަކުގައި
ބަޔާންކުރައްވާފައިވާ އިރަމަކީ، ޢާދުބާގައި މީހުންނެވެ.
އެއީ، އިހުގެ ޢާދުބާގައި މީހުން ކަމަށް މުފައްސިރުން
ވިދާޅުވެފައި ވެ އެވެ. އެމީހުންނަށް ކިޔަނީ، "ޢާދުލްއޫލާ"
އެވެ. އެމީހުންގެ ފަހުން ވެސް ޢާދުބާގައެއް އުފެދިފައި ވެ
އެވެ. ފަހުގެ ޢާދުބާގަ އަށް ކިޔަނީ، "ޢާދުއްޘާނިޔާ" އެވެ.
އަލްފަޖުރު ސޫރަތުގެ 8 ވަނަ އާޔަތުގައިވާ (مِثْلُهَا)
ގެ ދެ މާނައެއް ވެ އެވެ. އެއް މާނައިގައި އެއީ، "އެފަދަ
ޤަބީލާއެއް" އެވެ. އަނެއް މާނައިގައި އެއީ، "އެފަދަ
ތަނބުތަކެއް ނުވަތަ އެފަދަ ބިނާތަކެއް" އެވެ. އިބްނު
ކަޘީރު ވިދާޅުވެފައިވަނީ، ޞައްޙަ މާނައަކީ، ފުރަތަމަ މާނަ
ކަމަށެވެ.
އިރަމަކީ، ދުނިޔޭގެ ބިމުގައި
ދައުރުވަމުންދިޔަ ސަހަރެއް ކަމަށް ވެސް ބުނެވެ އެވެ. މި
ރައުޔު ބުނާ ގޮތުގައި، ބައެއް ފަހަރު އެ ސަހަރު އޮންނަނީ،
ޝާމުކަރައިގަ އެވެ. ބައެއް ފަހަރު އެ ސަހަރު އޮންނަނީ،
ޔަމަނުކަރައިގަ އެވެ. ބައެއް ފަހަރު އެ ސަހަރު އޮންނަނީ،
ޙިޖާޒުކަރައިގަ އެވެ.
އެ ސަހަރާބެހޭ ގޮތުން
ވާރިދުވެފައިވާ ވާހަކަތައް ބުނާ ގޮތުގައި، އެ ސަހަރުގެ
ޢިމާރާތްތައް ބިނާކޮށްފައިވަނީ، ރަނާއި ރިހީގެ ގަލުންނެވެ.
އެ ސަހަރުގެ ބިމުގައިވާ އޮށްގަލަކީ، ޖަވާހިރާއި
ރަންމުތެވެ. އެ ސަހަރުގެ ބިމުގައިވާ ވެއްޔަކީ،
ގޮމަކަސްތޫރި އެވެ. ހިނގަމުންދާ ކޯރުތައް އެ ސަހަރުގައި ވެ
އެވެ. ގަސްގަހާގެހީގައި އަޅާ މޭވާތައް ދޮންވެ
ފައްކާވުމުން، ގަސްދަށަށް ވެއްޓެ އެވެ. އެހެނަސް އެއިން
މޭވާއެއް ނަގާނެ މީހަކު ނޫޅެ އެވެ. އެއީ މީހުން ނޫޅޭ ފަޅު
ސަހަރެކެވެ.
މިފަދަ ވާހަކަތަކަކީ،
އިސްރާއީލިއްޔާތުގެ ތެރެއިން ވާ ވާހަކަތައް ކަމަށް
މުސްލިމު ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. ޔަހޫދީންގެ
ޒިންދީޤުން މިފަދަ ވާހަކަތައް ލިޔެފައިވަނީ، މީހުންގެ
އަޖުމަ ބެލުމަށްޓަކަ އެވެ. މިފަދަ ވާހަކަތައް ތެދުކޮށް
ޤަބޫލުކުރާނީ ޖާހިލުންނެވެ. ބުއްދިވެރިއަކު މިފަދަ
ވާހަކައެއް ޤަބޫލެއް ނުކުރާނެ އެވެ. ޢިލްމުވެރިން
ވިދާޅުވެފައިވަނީ، މިފަދަ ވާހަކަތަކުގެ ޞައްޙަކަން
ސާބިތުކޮށްދޭނެ އެއްވެސް ދަލީލެއް ނެތް ކަމަށެވެ.
މައިގަނޑު ނުކުތާތައް:
ސަލާމްލެއްވި
ހޫދުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް
ކުރިމަތިކުރެއްވި ފުރަތަމަ ޙަޤީޤަތަކީ، ޙައްޤު ގޮތުގައި
އަޅުކަންކުރެވޭނެ ފަރާތަށް އަޅުކަންކުރުމެވެ. އެފަރާތަކީ،
ކީރިތިވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އެކަލާނގެ
ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށް
އެކަލޭގެފާނު ގޮވާލެއްވި އެވެ. އެމީހުންނަށް
ހެޔޮއެދިވަޑައިގެން ނަޞީޙަތް ދެއްވާ ބޭކަލެއްގެ ގޮތުގަ
އެވެ. އެކަލޭގެފާނު އެދިވަޑައިގެންނެވީ، އެމީހުންނަށް
ދެދުނިޔޭގެ ލާބައާއި މަންފާ އެވެ. ޝިރުކުކުރުމާއި،
މަގުފުރެދުމުގައި އެމީހުން ތިބި ޖާހިލު ޙާލަތު
ފެނިވަޑައިގަތުމުން އެކަލޭގެފާނުގެ ހިތްޕުޅަށް ދަތިވި
އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ.
(أُبَلِّغُكُمْ
رِسَالاتِ رَبِّي وَأَنَاْ لَكُمْ نَاصِحٌ أَمِينٌ)
އަލްއަޢުރާފު: 68
މާނައީ، "އަހުރެންގެ
ވެރިރަސްކަލާނގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހުރެން
އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށް ވާ
އަމާނާތްތެރި ނަޞީޙަތްތެރިޔަކީމެވެ."
މި މޭރުމުން
ނަޞީޙަތް ދެއްވިޔަސް، އެކަލޭގެފާނުގެ ގޮވާލެއްވުމަށް
އެމީހުން އިޖާބަ ނުދޭނެކަން އެންމެފަހުން
އެނގިވަޑައިގަތެވެ. ދެން އެމީހުންގެ ކުށްފާފަތަކުން
އެކަލޭގެފާނު ބަރީއަވެވަޑައިގަންނަވާކަން އިޢުލާންކުރެއްވި
އެވެ. އެކަލޭގެފާނު، އެމީހުންގެ މައްޗަށް ނަޞްރު
ހޯއްދެވުމުގައި އިޢުތިމާދުވެވަޑައިގެންނެވީ މާތް ﷲ ގެ
ޙަޟުރަތަށެވެ. އެކަލޭގެފާނު ވިދާޅުވި އެވެ.
(إِنِّي
تَوَكَّلْتُ عَلَى اللَّهِ رَبِّي وَرَبِّكُم)
ހޫދު: 56
މާނައީ، "ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި
އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް ތިމަންކަލޭގެފާނު
ވަކީލުކޮށްފީމެވެ."
ހޫދުގެފާނު، އެކަލޭގެފާނުގެ
ޤައުމުގެ މީހުންގެ އަތުން އުޖޫރައެއް ހިއްޕަވަން
ބޭނުންފުޅު ނޫންކަން ބަޔާންކުރެއްވި އެވެ. އަދި އެމީހުންގެ
ކިބައިން ޖަޒާއެއް ނުވަތަ ޝުކުރެއް ވެސް ބޭނުންފުޅު
ނޫންކަން ހާމަކުރެއްވި އެވެ. އެހެން ރަސޫލުބޭކަލުންނެކޭ
އެއްފަދައިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު
އެކަލޭގެފާނު ވެސް މަސައްކަތްޕުޅުކުރެއްވީ، ރިސާލަތު
ފޯރުކޮށްދެއްވުމަށެވެ. އެކަމުގެ ދަރުމައާއި ޘަވާބު
އެކަލޭގެފާނަށް މިންވަރުކުރައްވާނީ މާތް ﷲ އެވެ.
ހޫދުގެފާނު، ޤައުމުގެ މީހުންގެ އަތުން އެއްޗެއް ބޭނުންފުޅު
ނޫންކަން ހަމައެކަނި ބަޔާންކުރެއްވީއެއް ނޫނެވެ. ކިއެއްތޯ
އެވެ. އެމީހުން އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އިޖާބަދީ،
މުގުފުރެދުން ދޫކޮށް، މާތް ﷲ ގެ ޝަރީޢަތާ
އިލްތިޒާމުވެއްޖެނަމަ، އެކަލާނގެ އެމީހުންނަށް ރަޙުމަތުގެ
ޚަޒާނާތައް ހުޅުވައިލައްވާނެ ކަން ވެސް ބަޔާންކުރެއްވި
އެވެ. އެގޮތުން އެކަލާނގެ ފަޟުލުވަންތަވެރިކަމުން،
އެމީހުންގެ ބާރުގެ މައްޗަށް އިތުރު ބާރު ދެއްވައި،
އެމީހުންގެ މުއްސަނދިކަމުގެ މައްޗަށް އިތުރު މުއްދަނދިކަން
ދެއްވާނެ ކަން ވެސް ބަޔާންކުރެއްވި އެވެ.
އެމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، އެކަލޭގެފާނު
އިންތިހާ ދަރަޖައަށް މަސައްކަތްކުރެއްވި އެވެ.
އެކަމަށްޓަކައި ކުރެވެން އޮތް ހުރިހައި މަސައްކަތެއް
ކުރެއްވި އެވެ. މާތް ﷲ، އެމީހުންނަށް ދެއްވާފައިވާ
ގިނަގުނަ ނިޢުމަތްތަކުގެ ވާހަކަ ދައްކަވައި، އެ
ނިޢުމަތްތައް ނެތިގެން ހިނގައިދާނެ ކަމާމެދު ބިރުވެތިވެ
ވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ. އެމީހުންގެ މައްޗަށް
ޢަޛާބު ފޮނުއްވާނެ ދުވަހެއްގައި، އެ ނިޢުމަތްތައް
އެމީހުންގެ އަތުން ބީވެގެން ހިނގައިދާނެތީ އެކަލޭގެފާނު
ބިރުވެތިވެ ވަޑައިގެންނެވި އެވެ.
އެކަލޭގެފާނު
އެމީހުންނަށް ދެއްވި އަގުހުރި ނަޞީޙަތްތަކާއި، ޙިލްމުވެރި
ހަނދުމަކޮށްދެއްވުންތަކުގެ ކުރިމަތީގައި، ހަރުކަށިކަމާއި،
މަގުފުރެދުން އިތުރުކުރުން ނޫން ކަމެއް އެމީހުން ނުކުރި
އެވެ. އެމީހުން ދެއްކީ ބޮޑާކަމާއި ކިބުރުވެރިކަމެވެ.
ގޮތްދޫނުކުރުމާއި، ޖައްބާރުކަމެވެ. އެމީހުން ބުނީ،
މަގުފުރެދިފައިވަނީ އެކަލޭގެފާނު ކަމަށެވެ.
ހޫދުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދެއްކެވި
ތެދުމަގު އެމީހުން ޤަބޫލުނުކުރުމުން، މާތް ﷲ އެމީހުންގެ
މައްޗަށް ކޯފާ ލައްވައިފިކަން އެންގެވި އެވެ. އެކަލޭގެފާނު
ވިދާޅުވި އެވެ.
(قَدْ وَقَعَ عَلَيْكُم مِّن
رَّبِّكُمْ رِجْسٌ وَغَضَبٌ)
އަލްއަޢުރާފު: 71
މާނައީ، "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން
ޢަޛާބަކާއި، ކޯފާއެއް އައިސް، ތިޔަބައިމީހުންގެ މައްޗަށް
ހުށަހެޅިއްޖެކަން ކަށަވަރެވެ."
މާތް ﷲ އެމީހުންގެ
މައްޗަށް ލެއްވި ކޯފާ އާއި، ފޮނުއްވި ޢަޛާބުގެ ވާހަކަ،
ކީރިތި ޤުރުއާނުގެ އެތައް ސޫރަތެއްގައި ބަޔާންކުރައްވާފައި
ވެ އެވެ.
(فَكَذَّبُوهُ فَأَخَذَهُمْ عَذَابُ
يَوْمِ الظُّلَّةِ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ)
އައްޝުޢަރާއު: 189
މާނައީ، "ފަހެ، އެއުރެން
އެކަލޭގެފާނު ދޮގުކުރޫ އެވެ. ދެން ވިލާގަނޑުގެ ދުވަހުގެ
ޢަޛާބު، އެއުރެންނަށް ޖެހުނެވެ. ހަމަކަށަވަރުން، އެ ޢަޛާބު
ވީ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަކަށެވެ."
(فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ
نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ الْخِزْيِ فِي
الْحَيَاةِ الدُّنْيَا وَلَعَذَابُ الآخِرَةِ أَخْزَى
وَهُمْ لا يُنصَرُونَ)
ފުއްޞިލަތު: 16
މާނައީ،
"ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ސުންޕާ
ދުވަސްތަކެއްގައި، ގަދަ އަޑާއި ގަދަ ފިނީގެ ވަޔެއް
ފޮނުއްވީމެވެ. ދުނިޔޭގެ ޙަޔާތުގައި ނިކަމެތިކަމުގެ
ޢަޛާބުގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް
ދެއްކެވުމަށްޓަކަ އެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގެ
ޢަޛާބުގެ ނިކަމެތިކަން މާބޮޑެވެ. އެއުރެންނަށް ނަޞްރެއް
ނުލިބޭނެތެވެ."
(تُدَمِّرُ كُلَّ شَيْءٍ بِأَمْرِ
رَبِّهَا فَأَصْبَحُوا لا يُرَى إِلاَّ مَسَاكِنُهُمْ
كَذَلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ)
އަލްއަޙުޤާފު: 24-25
މާނައީ، "އެ ވައި، އޭގެ
ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެ އެއްޗެއް ހަލާކުކޮށް
ނެތިކޮށްލަ އެވެ. ފަހެ، އެއުރެން އުޅުނު ތަންތަން މެނުވީ،
ފެންނާން ނެތް ބަޔަކު ކަމުގައި އެއުރެން ވެއްޖައޫ އެވެ.
ކުށްވެރިވި މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ
އެފަދައިންނެވެ."
(وَفِي عَادٍ إِذْ أَرْسَلْنَا
عَلَيْهِمُ الرِّيحَ الْعَقِيمَ)
އައްޛާރިޔާތު: 41
މާނައީ، "ޢާދު ބާގައި މީހުން ގައި ވެސް ޢިބްރަތެއް ވެ
އެވެ. އެއީ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް
މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގަ އެވެ."
(وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ)
އަލްޙާއްޤަތު: 6
މާނައީ، "އަދި ޢާދު ބާގައި މީހުން
ދަންނާށެވެ! ފަހެ، ގަދަފަދަ ފިނި ވަޔަކުން އެއުރެން
ހަލާކުކުރެއްވި އެވެ."
އަނިޔާވެރިކަން:
މާތް ﷲ، ޢާދުބާގައިގެ މީހުންނަށް ދެއްވި ނިޢުމަތްތައް
އެމީހުން ބޭނުންކުރީ ނަހަމަ ގޮތުގަ އެވެ. އެކަލާނގެ
އެމީހުންނަށް ދެއްވި އާރާއި ބާރުގެ ބޭނުންކުރީ،
އަނެކުންނަށް އަނިޔާވެރިވުމަށެވެ. އެމީހުން
އަނިޔާވެރިވަމުން ގެންދިޔައީ، ހަމައެކަނި އެހެން
ޤަބީލާތަކުގެ މީހުންނަކަށެއް ނޫނެވެ. ކިއެއްތޯ އެވެ.
އެމީހުންގެ ތެރޭގައި ވެސް އިންތިހާ ދަރަޖައަށް
އަނިޔާވެރިކަން އޮތެވެ. އެމީހުންގެ ބޮޑުންނަކީ، އެމީހުންގެ
ނިކަމެތިންނާއި ފަޤީރުންނަށް އަނިޔާވެރިވުމުގައި
ހައްދުފަހަނަޅާފައިވާ ބަޔެކެވެ. އެމީހުންގެ ހިތްތައް
ކަޅިވެފައިވަނީ، ދުޝްމަނުކަމުންނެވެ. އެމީހުންގެ
ޢަމަލުތައް ފެވިފައިވަނީ ޒުލްމުންނެވެ. އެމީހުންގެ
ނިޔާތަކަކީ، އަނިޔާތަކެކެވެ.
ދުޝްމަނުކަމުން
އެއްކިބާވެ، އަނިޔާވެރިކަން އެއްފަރާތްކޮށް، އިންޞާފުވެރި
ބަޔަކު ކަމުގައި ވާނެ ޢަވާމިލުތަކެއް އެމީހުންގެ
ކިބައިގައި ނުވެ އެވެ. އެމީހުންގެ ނަޒަރުގައި،
އެމީހުންނަކީ އެންމެ ބާރުގަދަ މީހުންނެވެ. އަދި
އެމީހުންނަށްވުރެ ބާރުގަދަ އެހެން އެއްވެސް ފަރާތެއް ނުވާ
ކަމަށް އެމީހުން ބުންޏެވެ.
(مَنْ أَشَدُّ مِنَّا
قُوَّةً)
ފުއްޞިލަތު: 15
މާނައީ،
"ތިމަންމެންނަށްވުރެ ބާރުގަދައީ ކާކު ހެއްޔެވެ؟"
ޢާދުބާގައި މީހުންނަކީ، އެބަޔެއްގެ ހިތުގެ ބަގީޗާތަކުގައި
އީމާންކަމުގެ މޭވާ ނާޅައިފި ކޮންމެ ބަޔެއްގެ މިސާލެވެ.
އީމާންވާޖެހޭ އެއްވެސް ކަމަކަށް އެމީހުންނަކު އީމާނެއް
ނުވެ އެވެ. ޚާއްޞަކޮށް އާޚިރަތް ދުވަހަށް އީމާނެއް ނުވެ
އެވެ. އެހެންކަމުން، އެމީހުން މި ދުނިޔޭގައި ކުރާ
ޢަމަލުތަކުގެ ޙިސާބު ބައްލަވައި، ޖަޒާ ދެއްވާނެ ދުވަހެއް
އަންނާނެ ކަމީ، އެމީހުން ޤަބޫލުކުރި ކަމެއް ނޫނެވެ.
މީހުން މަރުވެ، ކަށި ފީވުމަށްފަހު އަލުން ދިރުއްވާނެ
ކަމާމެދު އެމީހުން އިންކާރުކުރި އެވެ. އެމީހުން ބުނީ،
މީސްތަކުން ދިރިއުޅޭނެ ޙަޔާތަކީ، ދުންޔަވީ ޙަޔާތް އެކަނި
ކަމަށެވެ. މި ޙަޔާތުގައި މަރުވުމަށްފަހު، އާޚިރަތުގައި
އަލުން ނުދިރުއްވޭނެ ކަމަށެވެ. އެމީހުންގެ ޢަޤީދާއަކީ،
އެއްބަޔަކު މަރުވެދިއުމުން، އަނެއް ބަޔަކު ދުނިޔެއަށް
އައިސް، އާ ޙަޔާތެއް ފެށޭ ކަމަށް ބުނާ މީހުންގެ ޢަޤީދާ
އެވެ. އެއީ ދަހުރީންގެ ޢަޤީދާ އެވެ. ޖާހިލު ޒިންދީޤުންގެ
ޢަޤީދާ އެވެ.
ޢާދުބާގައި މީހުންގެ ތެރޭގައި އޮތީ،
ޖަންގަލީގެ އުޞޫލެވެ. ބޮޑެތި އެއްޗެހީގެ ކޭމެއް ކަމުގައި
ވެ، ކުދި އެއްޗެހި ފަނާވުމުގެ ހަމަ އެވެ. އެމީހުންގެ
ތެރޭގައި ނުފޫޒުގަދަ މީހުން، ނިކަމެތިންނާއި ފަޤީރުންނަށް
އަނިޔާވެރިވި އެވެ. އެކިއެކި ގޯނާތައް ކޮށް، ތަޙައްމަލު
ނުކުރެވޭ ފަދަ އަނިޔާތައް ދިނެވެ. އެމީހުން
ދިރިއުޅެމުންދިޔައީ، ޖަނަވާރުތަކެއް ފަދައިންނެވެ.
ރުޅިއަންނަ ހިނދު، އެމީހުންގެ މިސާލަކީ، ރުޅިގަދަ
އެތްތަކެއްގެ މިސާލެވެ. އެ ހިނދުކޮޅުގައި، އެބަޔަކު ދެކެ
އެމީހުން ރުޅިއައި ބަޔަކު މަރާނުލައި ދުލެއް ނުކުރެ އެވެ.
އެބަޔެއްގެ މުދަލާއި، ދަނޑުބިންތައް ސުންނާފަތިކޮށްނުލައި
ނުދެ އެވެ. އެބަޔެއްގެ ގެދޮރާއި، ރަށްތައް
ބިމާހަމަކޮށްނުލައި ނުބަހައްޓަ އެވެ. އޭރު ދުނިޔޭގައި
އުޅުނު އެހެން މީހުން އުޅުނީ، ޢާދުބާގައި މީހުންގެ
އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ފިލައިގެންނެވެ.
ބިނާތައް:
ޢާދުބާގައިގެ މީހުންނަކީ، ޢާންމު
ގޮތެއްގައި ފޭލިގެތަކުގައި ދިރިއުޅުނު ބަޔެއް ކަމަށް
ބުނެވެ އެވެ. އެމީހުންގެ ފޭލިގެތައް ޖެހުމަށް ބޭނުންކުރީ
ބޮޑެތި ބިޔަ ތަނބު ކަމަށް ވެސް ބުނެވެ އެވެ. އެމީހުންނަކީ،
ބޮޑެތި ޢިމާރާތްތައް ހެދި ބަޔެއްކަން ކީރިތި ޤުރުއާނުގެ
މޫރިތި އާޔަތްތަކުން އެނގެ އެވެ. ބޮޑެތި ބިޔަ
ޢިމާރާތްތަކާއި، ބޭކާރު މޮނިއުމަންޓްތައް އެމީހުން
ހަދަމުން ގެންދިޔައީ އުސް ބިންތަކުގެ މަތީގަ އެވެ. އެ
ބިނާތަކަކީ، ބިނާވެށީގެ ޒީނަތްތެރިކަމަށާއި، އެމީހުންގެ
ހައިބަތު ދެއްކުމަށާއި، ކުޅިވަރު ކުޅުމަށާއި، އެމީހުންގެ
ޚުލޫދަށްޓަކައި ހެދި ބިނާތަކެކެވެ.
ޢާދުބާގައިގެ
މުއްސަނދީން ދިރިއުޅެމުން ގެންދިޔައީ، ނުހަނު
ތަނަވަސްކަންމަތީގަ އެވެ. އެހެނަސް އެމީހުންގެ ފަޤީރުން
ދިރިއުޅެމުން ގެންދިޔައީ، ކާބޯތަކެއްޗާއި ބޯހިޔާވަހިކަމުން
މަޙުރޫމުވެފައިވާ ޙާލުގަ އެވެ. މުއްސަނދީން،
ފަޤީރުންނާމެދު އަޅާލުމެއް ނެތެވެ. މުއްސަންޖެއްގެ ގެއަށް،
ފަޤީރަކު ވެއްދުމެއް ވެސް ނެތެވެ. މުއްސަނދީން ދެކެމުން
ދިޔައީ، އެމީހުންނަކީ މާ ޢިއްޒަތްތެރި، މާ ޤަދަރުވެރި، މާ
މަތިވެރި ބަޔެއް ކަމަށެވެ.
ސަލާމްލެއްވި
ހޫދުގެފާނު، އެމީހުންގެ ގާތަށް ވަޑައިގެން، އެމީހުންގެ
ބިނާތަކާބެހޭ ގޮތުން ދެއްކެވި ބައެއް ވާހަކަތައް
އައްޝުޢަރާއު ސޫރަތުގައި ބަޔާންކުރައްވާފައި ވެ އެވެ.
(أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ)
(وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ)
އައްޝުޢަރާއު: 128-129
މާނައީ،
"ތިޔަބައިމީހުން
ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި
ބިނާއެއް ހަދަނީ ހެއްޔެވެ؟"
"އަދި ތިޔަބައިމީހުން
(އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭ ކަމަށް
ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟"
މި ދެ އާޔަތުން
އެނގޭ ގޮތުގައި، ޢާދުބާގައި މީހުން، ދެ ބާވަތެއްގެ ބޮޑެތި
ބިނާތަކެއް ހެދި އެވެ. އެއް ބާވަތަކީ، މަންފާއެއް ނެތް
ބިނާތަކެވެ. އެއީ، ކަންދެއްކުމާއި ކުޅިވަރު ކުޅުމަށްޓަކައި
އުސް ބިންތަކުގެ މަތީގައި ހެދި ބިނާތަކެވެ. އަނެއް
ބާވަތަކީ، ދިރިއުޅުމަށްޓަކައި ހެދި ގަނޑުވަރުތައް ފަދަ
ބިނާތަކެވެ.
އައްޝުޢަރާ ސޫރަތުގެ 129 ވަނަ
އާޔަތުގައިވާ (مَصَانِعَ) އެވެ، ކިއުނު ބިނާތަކުގެ އެތައް
މާނަތަކެއް މުފައްސިރުން ގެނެސްދެއްވާފައި ވެ އެވެ. އެއީ،
ދިއިރުޅުމަށްޓަކައި އާރާސްތުކުރާ ގަނޑުވަރު ކަމަށާއި،
ހައިބަހުރި ބޮޑެތި ޢިމާރާތްތައް ކަމަށާއި، ކިއްލާތައް
ކަމަށާއި، ކޮތަރު ދިރިއުޅުމަށްޓަކައި އުސްކޮށް ހަދާ
ބިނާތައް ކަމަށާއި، އެއީ ފެން ނެގުމަށްޓަކައި ހަދާ
ތަންތަން ކަމަށް މުފައްސިރުން ވިދާޅުވެފައި ވެ އެވެ.
ޢިލްމުވެރިން ވިދާޅުވެފައިވަނީ، އެ ހުރިހައި ބާވަތެއްގެ
ބިނާތައް އެމީހުން ހެދުމަކީ، ޖާއިޒު ކަމެއް ކަމަށެވެ.
ޝައްދާދު ބްނު ޢާދުގެ ސުވަރުގެ:
ޢާދުބާގައި
މީހުންނަކީ، ޢުމްރާނީ ގޮތުން ކުރިއަރާފައިވާ ބަޔެކެވެ.
ތަނބުތަކުގެ މަތީގައި ބޮޑެތި ބިޔަ ޢިމާރާތްތައް ބިނާކޮށް
އުޅުނު ބަޔެކެވެ. އެމީހުންގެ ރަސްރަސްކަލުންގެ ތެރެއިން
އަނިޔާވެރިކަމާއި ޖައްބާރުކަމަށް އަރާހުރި އެއް
ރަސްކަލަކީ، ޝައްދާދެވެ. ޝައްދާދަކީ، ޢާދުގެ، އިރަމުގެ،
ޝައްދާދެވެ. އޭނާގެ ނަން މަޝްހޫރުވެފައިވަނީ، ޝައްދާދު
ބްނު ޢާދުގެ ނަމުންނެވެ. ޝައްދާދާއި، އޭނާގެ ޤައުމަކީ،
"ޢާދުލްއޫލާ" އެވެ، ކިޔާ އިހުގެ ޢާދުބާގައި މީހުން ކަމަށް
ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެމީހުންނަކީ، ބިޔަ
ހަށިތަކެއް ލިބިފައިވާ ބާރުގަދަ ޖައްބާރު ބަޔެކެވެ.
އެމީހުންގެ ރަސްގެފާނު، ޝައްދާދަކީ، ސުވަރުގެ ބިނާކުރުމުގެ
ދޮގު ދަޢުވާކުރި މީހެކެވެ. އޭނާ ބިނާކުރި ސުވަރުގެއާ ބެހޭ
ގޮތުން ވާރިދުވެފައިވާ ރިވާޔަތްތަކުގައިވެ އެވެ.
ޝައްދާދު ބްނު ޢާދު، އޭނާގެ އަމުރުގެ ދަށުގައިވާ ވެރިންގެ
ތެރެއިން ޖައްބާރު އެއްހާސް ވެރިންނަށް އެންގި އެވެ.
"ސަރާސަރު ތަނަވަސް ބިމެއް ހޯދާށެވެ! އެއީ، ފެން
ތިޔާގި، ވައިސާފު، ފަރުބަދަތަކާ ދުރުގައިވާ ބިމެއް
ކަމުގައި ވާންޖެހޭނެ އެވެ. އެފަދަ ބިމެއް ހޯދަނީ،
އެބިމުގައި ރަނުން ސަހަރެއް ބިނާކުރުމަށްޓަކަ އެވެ."
ދެން އެ އެއްހާސް ވެރިންގެ ތެރެއިން ކޮންމެ ވެރިއަކު،
އެއްހާސް ސިފައިންނާއި އެހެނިހެން ތަކެތި ހިފައިގެން
ނިކުތެވެ. އެމީހުން އެކިއެކި ބިންތައް ހޯދައި ބަލަމުން
ދަނިކޮށް، ޝައްދާދު ބުނެފައިވާ ފަދަ ބިމެއް ފެނުނެވެ.
އެބިން އޮތީ ޢަދަނު ފަރުބަދައާ ދިމާގަ އެވެ.
ދެން
އެ ޒަމާނުގެ އާކިޓެކްޓުންނާއި، އިންޖިނިއަރުން ލައްވައި،
އެމީހުން އެ ތާނގައި ބިނާކުރާނެ ސަހަރެއް، އެމީހުންނަށް
އެނގިފައިވާ ސުވަރުގޭގެ ސިފައިގައި ޕްލޭންކުރި އެވެ. އަދި
އެ ސަހަރުގެ ޢިމާރާތްތައް ފަރުމާކުރި އެވެ. އެ ސަހަރުގެ
ބިން ފަރުމާކުރީ ހަތަރެސްކަނަށެވެ. ފަރާތެއްގެ ދިގުމިނަކީ،
ދިހަ ފަރުސަޚެވެ. ހަތަރު ފަރާތުގެ ޖުމުލަ ދިގުމިނަކީ،
ސާޅީސް ފަރުސަޚެވެ. ފަރުސަޚަކީ، ގާތްގަނޑަކަށް، ފަސް
ކިލޯމީޓަރެވެ. އެ ސަހަރު ބިނާކުރުމުގެ މަސައްކަތް ފަށައި،
ވަށައިގެން ފާރު ރޭނުމަށްޓަކައި، ވަރަށް ފުންކޮށް
ކޮނުނެވެ. މުޅި ސަހަރު ވަށައިގެން ބިނާކުރި ފާރުގެ
އުސްމިނަކީ، ބިމުން މައްޗަށް ފަސް ސަތޭކަ މުށެވެ.
ފުޅާމިނަކީ، ވިހި މުށެވެ. އެ ފާރުގެ ބިމުން މަތީގައިވާ
ބައި ބިނާކޮށްފައިވަނީ، ރަތުރަނުން ހަދާފައިވާ ގަލުންނެވެ!
ސަހަރުގެ ހަތަރު ފަރާތުގައިވާ ހަތަރު ފާރުންކުރެ ކޮންމެ
ފާރެއްގައި މާސިންގާ ބިޔަ، ދޮރާށްޓެއް ވެ އެވެ. ފާރުން
އެތެރޭގައި، ތިންސަތޭކަ ފަސްދޮޅަސް ހާސް ގަނޑުވަރު ވެ
އެވެ. އެއިން ކޮންމެ ގަނޑުވަރެއް އާރާސްތުކޮށްފައިވަނީ،
އެއްހާސް ތަނބުގެ މަތީގަ އެވެ. ތަނބުތަކުގެ މަތީގައި
ރަނާއި ރިހީގެ ފިލާތައް އަޅައި އޭގެ މަތީގައި ރަނާއި
ރިހިން ކޮޓަރިތައް ހެދި އެވެ. އަދި އެ ކޮޓަރިތަކުގެ
މަތީގައި ވެސް ކޮޓަރިތައް ހަދައި، ގަނޑުވަރުތައް އުސްކުރި
އެވެ. އެ ތަންތަން ޒީނަތްތެރިކޮށްފައިވަނީ، ޔާގޫތާއި
ޖަވާހިރުންނެވެ!
ދުނިޔެމަތީގައިވާ ސުވަރުގޭގެ
ގޮތުގައި، ޝައްދާދު ބިނާކުރި ސަހަރުގެ މަގުތަކުގައި،
ރަނުން ހަދާފައިވާ ކޯރުތައް ވި އެވެ. އެ ކޯރުތަކުގެ
ތެރޭގައި ޔާގޫތާއި، ޖަވާހިރާއި، ޒަބަރުޖުދާއި، ރަންމުތް
ބަހައްޓާފައި ވި އެވެ. އެ ކޯރުތަކުގެ އައްސޭރިތަކުގައި
ވިނައާއި ގަސްގަހާގެހި ހަދާފައި ވި އެވެ. އެ
ގަސްގަހާގެހީގެ މައިގަނޑު ހަދާފައިވަނީ، ރަނުންނެވެ. އޭގެ
ފަތްތަކާއި މޭވާތައް ހަދާފައިވަނީ، ޒަބަރުޖުދާއި،
ޔާގޫތާއި، ރަންމުތުންނެވެ. އެ ސަހަރުގެ ހަތަރު
ފަރާތުންކުރެ ކޮންމެ ފަރާތަކުން ބަލައިލިޔަސް ފަންސަވީސް
ހާސް މުންނާރު ފެނެ އެވެ!
ބިނާކުރުމުގެ
މަސައްކަތްތައް ނިމުމުން، ނިހާއީ މަސައްކަތް (ނުވަތަ
ފިނިޝިންގގެ މަސައްކަތްތައް) ފެށި އެވެ. އެއީ
ގަނޑުވަރުތަކުގައި ދޮރުފޮތި ދެމުމާއި، ދޫލައެޅުމާއި،
އެކިއެކި ކަންކަމަށް ބޭނުންވާނެ އާލަތްތައް ބެހެއްޓުން
ފަދަ މަސައްކަތްތަކެވެ. ދޮރުފޮތިތަކާއި، ދޫލަތައް ފަދަ
ތަކެތި އުފެއްދީ ފަށުވީގެ ބާވަތްތަކުންނެވެ.
އެކަމަށްޓަކައި ބަރާބަރު ދިހަ އަހަރު ހޭދަވި އެވެ.
ބިނާކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި ތިންސަތޭކަ
އަހަރު ހޭދަވި އެވެ. މުޅި ސަހަރުގެ ހުރިހައި ކަމެއް
ނިންމުމަށްޓަކައި ފަސް ސަތޭކަ އަހަރު ހޭދަވި އެވެ.
މިދުނިޔޭގައިވާ އެންމެ މީރު ކާނާގެ ބާވަތްތައް ވެސް
އެރަށުގެ ކާބޯތަކެއްޗާ ބެހޭ ތަންތަނުން ލިބޭނެ ގޮތް ވަނީ
ހަމަޖައްސާފަ އެވެ. މީރުވަސްދުވާ ތަކެތީގެ ވަސްމީރުކަން
ވަނީ މުޅި ސަހަރަށް ފަތުރާލާފަ އެވެ.
އެސަހަރުގެ
ނަމަކީ، އިރަމް (إرَم) އެވެ. އެ ސަހަރު އާރާސްތުކޮށް
ނިމުމުން، ޝައްދާދު ބްނު ޢާދު، އެ ސަހަރަށް ދިއުމަށްޓަކައި
ރަސްމީ ޢިއްޒަތާއި ހައިބަތުގައި ނިކުތެވެ. އޭނާ އާ
އެކުގައިވާ ޚާދިމުންނާއި، ސިފައިންނާއި، އެހެނިހެން
މީހުންގެ އިތުރުން، ފުރާވަރަށް އަރާފައިވާ އެއްމިލިއަން
ޖާރިޔާއިން ވެސް ގެންދިޔަ އެވެ. އެ ޖާރިޔާއިންގެ، ބުރުސޫރަ
ރިވެތި ހަށިތައް ޒީނަތްތެރިކޮށްފައިވަނީ، އެކި
ބާވަތްބާވަތުގެ ގަހަނާތަކާއި ޖަވާހިރުތަކުންނެވެ. އިރަމު
ސަހަރުގެ މަލަތައް ފެންނަން ފެށުމުން، ޝައްދާދު ބުނަންފެށި
އެވެ. "މަރުވުމަށްފަހު މުއުމިނުންނަށް ދެއްވާނެކަމަށް
ރަސޫލާ އެވިދާޅުވާ ސުވަރުގެ، މިދުނިޔޭގައި ތިމަންނާ އަށް
ލިބުނީތާ އެވެ!"
އިރަމު ސަހަރުގެ މައިދޮރާށްޓާ
ހަމައަށް ގޮސް، ޝައްދާދު އެ ސަހަރަށް ވަންނަން އުޅުނު
ހިނދު، ގަދަ އަޑުފަށްގަނޑެއް އިއްވައިލެއްވުމަށް މާތް ﷲ
މަލާއިކަތްބޭކަލަކަށް އެންގެވި އެވެ. ދެން އެކަލާނގެ
އަމުރުފުޅަށް އެ މަލާއިކަތްބޭކަލަކު އެކަން ކުރެއްވި އެވެ.
އެހިނދު، މަލަކުލްމައުތު ވަޑައިގެން ޝައްދާދުގެ ފުރާނަ
ހިއްޕެވި އެވެ. އޭރު އޭނާގެ އުމުރަކީ ނުވަ ސަތޭކަ
އަހަރެވެ. އޭނާއާ އެކުގައިވާ އެހެން އެންމެންގެ ފުރާނަތައް
ވެސް މަލަކުލްމައުތު ހިއްޕެވި އެވެ. އެހެންކަމުން، އެއިން
ކޮންމެ މީހަކު މަރުވެގެން ހުރިތަނަށް ވެއްޓުނެވެ. އަދި
މާތް ﷲ ގެ އަމުރުފުޅަށް އިރަމު ސަހަރު، މީސްތަކުންގެ
ލޯތަކަށް ނިވާކުރެއްވުނެވެ.
މިއީ، ބައެއް
މަޞްދަރުތަކުގައި ބަޔާންވެފައިވާ ވާހަކައެކެވެ. އެހެނަސް،
މި ވާހަކައިގެ ޞައްޙަކަން ކަށަވަރެއް ނުކުރެވެ އެވެ.
ޢާދުބާގައިގެ މީހުން ހަލާކުކުރެއްވުން:
ޢާދުބާގައި މީހުންގެ ޙަޟާރަތު ވެއްޓި، އެމީހުން
ހަލާކުވުމަށް މެދުވެރިވި މައިގަނޑު ތިން ސަބަބު ވާކަމަށް
ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.
ފުރަތަމަ
ސަބަބަކީ، އެމީހުންގެ އާރާއި ބާރާމެދު އެމީހުން
ފަޚުރުވެރިވުމެވެ. އެމީހުންގެ ޙަޟާރަތު ދިޔައީ ހަލުއި
ބާރުމިނެއްގައި ކުރިއަރަމުންނެވެ. އެމީހުން ހީކުރީ، އެއީ
އެމީހުންގެ ކުޅަދާނަކަމާއި މޮޅުކަމުން އުފެދި
ކުރިއަރަމުންދިޔަ ޙަޟާރަތެއް ކަމަށެވެ.
ދެވަނަ
ސަބަބަކީ، އަނިޔާވެރިކަމެވެ. އެމީހުންނަކީ، ހިތް ހަރު
އަނިޔާވެރި ބަޔެކެވެ. މީހުންގެ މައްޗަށް ރަޙުމުނުކުރާ
ބަޔެކެވެ. އެމީހުން ބަޔެއްގެ މައްޗަށް ގަދަފަދަކަން ދައްކާ
ހިނދު، އެކަން ކުރަނީ އެންމެ އަނިޔާވެރި ޒާލިމު
ޖައްބާރުންގެ ގޮތުގަ އެވެ.
ތިންވަނަ ސަބަބަކީ،
ކާފިރުވުމާއި، އީމާން ނުވުމެވެ. މާތް ﷲ އާއި އެކަލާނގެ
ދެއްވާފައިވާ ނިޢުމަތްތަކަށް އެމީހުން ކުފުރުވި އެވެ.
އީމާންވުމަށް އެކަލާނގެ އަންގަވާފައިވާ އެއްވެސް ކަމަކަށް
އެމީހުންނަކު އީމާނެއް ނުވެ އެވެ. ޚާއްޞަކޮށް ޤިޔާމަތް
ދުވަހަށް އީމާނެއް ނުވެ އެވެ. އެ ދުވަސް އަންނާނެ ކަމާމެދު
އިންކާރުކޮށް، އެ ދުވަސް ދޮގުކުރި އެވެ.
މި
ސަބަބުތަކަށްޓަކައި މާތް ﷲ، އެމީހުންގެ މައްޗަށް ކޯފާ
ލެއްވި އެވެ. ދެން އެމީހުންގެ ބިމަށް ވާރޭ ވެހުން ހުއްޓި،
އެތައް ދުވަހެއް އެ ގޮތުގައި ފާއިތުވެގެންދިޔަ އެވެ. އޭރު
އެމީހުން ކޮންމެ ދުވަހަކުމެ، އިންތިޒާރުކުރަމުން
ގެންދިޔައީ، ވާރޭ ވެހޭނެ ދުވަހަކަށެވެ. ވިއްސާރަ
ވިލާގަނޑެއް އަންނާނެ އިރުވަރަކަށެވެ. އެމީހުން އެގޮތުގައި
ތިއްބައި އެއްދުވަހަކު، އެމީހުންގެ ވާދީތަކާ ދިމާއަށް
އުދަރެހުން އަރައިގެން އައި، ވިލާގަނޑެއްގެ ސިފައިގައިވާ
އެއްޗެއް ފެނުނެވެ. އެމީހުން ހީކުރީ އެއީ، އެމީހުންނަށް
ވާރޭ ވެއްސައިދޭނެ ވިލާގަނޑެއް ކަމަށެވެ.
ހޫދުގެފާނު ވިދާޅުވި އެވެ.
"އެއީ، ވާރޭ
ވެއްސައިދޭނެ ވިލާގަނޑެއް ނޫނެވެ. ކިއެއްތަ! އެއީ
އަވަސްވެގަތުމަށް ތިޔަބައިމީހުން އެދިގެން އުޅުނު
ކަންތަކެވެ. އެއީ ވޭންދެނިވި ޢަޛާބު އޭގައި ހިމެނިގެންވާ
ގަދަ ވަޔެކެވެ." މިވާހަކަ އަލްއަޙުޤާފު ސޫރަތުގެ 24 ވަނަ
އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ.
ހޫދުގެފާނު
ވިދާޅުވި ފަދައިން ވޭންދެނިވި ޢަޛާބު އައިސް އެމީހުންނާ
ކުރިމަތިވި އެވެ. ދުވަހަކުވެސް އެމީހުން ދެކެފައިނުވާ ފަދަ
ބާރުގަދަ ވަޔެއް ޖެހެން ފެށި އެވެ. ގަސްގަހާގެހި ބިމުން
ލުހެލައި، ނަޢަމްސޫފިތަކާއި އެފަދަ އެހެނިހެން އެއްޗެހި
ވަޔާއެކު މާދުރަށް ގެންދަންފެށި އެވެ. ސަޙަރާގައިވާ
ވެއްޔާއި ހިރަފުހުން، ޖައްވު ކިލަނބުވެ، އުޑުމަތި ބަނަވެ،
އަނދިރިކަން ވެރިވި އެވެ. މިކަންކަން ކުރިމަތިވާން
ފެށުމުން، ސަލާމަތްވެވޭތޯ އެމީހުން މަސައްކަތްކުރި އެވެ.
އެހެނަސް، ޖެހެމުންދިޔަ ބާރުގަދަ ވައި، އެމީހުންނާއި
އެމީހުންގެ ހުރިހައި އެއްޗެއް ހަލާކުކޮށް ނެތިކޮށްލި އެވެ.
އެ ވައިގައި ގަދަފަދަ އަޑާއި، ގަދަ ފިނި އެކުލެވިފައި ވި
އެވެ. އެއީ، މަންފާއެއް ނެތް ވަޔެވެ. އޭގެ ސަބަބުން
އެމީހުން ހޭނިގެން ވެއްޓުނެވެ. އެ ވައި، ޖެހުނު ކޮންމެ
އެއްޗެއް، ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް
ނުކުރެ އެވެ. ވައިރޯޅި އައިސް އެމީހުން ތިބިތަނުން ލުހެލަ
އެވެ. އެއަށްފަހު، ވެއްޓިފައިވާ ކަދުރުރުކުގެ ބުޑުތަކެއް
ފަދައިން އެމީހުން ހަދައިލަ އެވެ. އެގޮތުގެ މަތިން،
ހޮއިހެދިފައިވާ ކަދުރުރުކުގެ ބުޑުތަކަކާ، އެމީހުން
އެއްފަދަވެގެން ދިޔަ އެވެ. އަދި އޮޔާދާ ކުނިތަކެއް
ފަދައިން މާތް ﷲ އެމީހުން ލެއްވި އެވެ.
މާތް ﷲ،
އެމީހުންގެ މައްޗަށް އެ ޢަޛާބު ފޮނުއްވީ ސުންޕާ
ދުވަސްތަކެއްގަ އެވެ. އެއީ، ދުނިޔޭގެ ޙަޔާތުގައި
ނިކަމެތިކަމުގެ ޢަޛާބުގެ ރަހަ، އެމީހުންނަށް
ދެއްކެވުމަށްޓަކަ އެވެ. އެމީހުންނަށް ހުރި އާޚިރަތުގެ
ޢަޛާބުގެ ނިކަމެތިކަން އެއަށްވުރެ މާބޮޑެވެ. އެކަލާނގެ
އެމީހުންގެ މައްޗަށް ހަތް ރެޔާއި، އަށް ދުވާ ވަންދެން
ވިދިވިދިގެން އެ ޢަޛާބު ފޮނުއްވި އެވެ.
ހޫދުގެފާނު ސަލާމަތްކުރެއްވުން:
މާތް ﷲ،
ހޫދުގެފާނާއި އެކަލޭގެފަނަށް އީމާންވިމީހުން ޢަޛާބުން
ސަލާމަތްކުރެއްވި އެވެ. މިކަން ބަޔާންކުރައްވައި
ވަޙީކުރައްވާފައިވެ އެވެ.
(وَلَمَّا جَاءَ
أَمْرُنَا نَجَّيْنَا هُودًا وَالَّذِينَ آَمَنُوا مَعَهُ
بِرَحْمَةٍ مِنَّا وَنَجَّيْنَاهُمْ مِنْ عَذَابٍ غَلِيظٍ)
ހޫދު: 58
މާނައީ، "އަދި ތިމަންރަސްކަލާނގެ
(ޢަޛާބުގެ) އަމުރުފުޅު އައި ހިނދު، ތިމަންރަސްކަލާނގެ
ހޫދުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެން
ތިބި މީހުން، ތިމަންރަސްކަލާނގެ ޙަޟުރަތުން އައި
ރަޙުމަތަކާއެކު ސަލާމަތްކުރެއްވީމެވެ. އަދި
ގަދަފަދަވެގެންވާ ޢަޛާބުން ތިމަންރަސްކަލާނގެ އެއުރެން
ސަލާމަތްކުރެއްވީމެވެ."
އެހެންވީމާ، ޢާދުބާގައިގެ
މީހުންގެ މައްޗަށް ލެއްވި ކޯފާއިން ހޫދުގެފާނާއި
އެކަލޭގެފާނަށް އީމާންވި މުއުމިނުން ސަލާމަތްވިކަން އެނގެ
އެވެ. އެއަށްފަހު، އަވަހާރަވަންދެން އެކަލޭގެފާނު
ދުނިޔޭގައި އުޅުއްވި އެވެ.
އެހެނިހެން
ނަބީބޭކަލުންނެކޭ އެއްފަދައިން، ހޫދުގެފާނުގެ ޒިޔާރަތްފުޅު
ވާކަމަށް ބުނެވޭ އެތައް ތަންތަނެއް ވެ އެވެ.
ޙަޟުރަމައުތުގައި މިހާރު މީހުން ނޫޅޭ އަވަށެއްގައި ހުރި
މިސްކިތެއްގައި، އެކަލޭގެފާނުގެ ޒިޔާރަތްފުޅު ކަމަށް
ބުނެވޭ ތަނެއް ވެ އެވެ.
ޒަމްޒަމް ވަޅުކޮޅުގެ ކައިރީގައި
އެކަލޭގެފާނުގެ ޒިޔާރަތްފުޅު ވާކަމަށް ބުނެވެ އެވެ.
ދިމަޝްޤުގައިވާ މިސްކިތެއްގައި އެކަލޭގެފާނުގެ
ޒިޔާރަތްފުޅު ވާކަމަށް ބުނެވެ އެވެ.
ޢިރާޤުގެ
ވާދިއްސަލާމް ގައި އެކަލޭގެފާނުގެ ޒިޔާރަތްފުޅު ވާކަމަށް
ބުނެވެ އެވެ.
އަދި އެނޫން ތަންތަނުގައި ވެސް
އެކަލޭގެފާނުގެ ޒިޔާރަތްފުޅު ވާކަމަށް ބުނެވެ އެވެ.