ކަޢުބަތުﷲ ގެފުޅާއި، މަސްޖިދުލްއަޤުޞާ


ގެފުޅާއި، މަސްޖިދުލްއަޤުޞާ ބިނާކުރެއްވީ އާދަމުގެފާނު ކަމަށް ރިވާވެފައި ވެ އެވެ. އެ ދެތަނުގެ ޗާޓަށް ބަލާއިރު، މި ރިވާޔަތް ޤަބޫލުކުރެވެ. ގެފުޅުގެ ތަޅުމުގެ ޗާޓާއި، މަސްޖިދުލްއަޤުޞާގެ ބިމުގެ ޗާޓު އެއްގޮތްވާތީ އެވެ. އެހެންކަމުން، އެ ދެ ތަނަކީ، އެއް ފަރާތެއްގެ އަމުރުފުޅަށް، އެއްފަރާތަކުން އެންގެވި ގޮތަށް، އެއް ބޭކަލަކު ބިނާކުރެއްވި ދެ ތަން ކަމުގައި ޤަބޫލުކުރެ އެވެ. އެ ދެ ތަން ބިނާކުރެއްވުމަށް އެންގެވީ މާތް ﷲ އެވެ. އެ ދެ ތަން ބިނާކުރެއްވީ އާދަމުގެފާނެވެ.

އަކަ މިނުގެ ގޮތުން ބަލާއިރު، ގެފުޅުގެ ތަޅުމުގެ ޗާޓު ކުޑަ އެވެ. މަސްޖިދުލްއަޤުޞާގެ ބިމުގެ ޗާޓު ބޮޑެވެ. ހަމަލޮލަށް ފެންނަ ފެނުމަށް ބަލާއިރު، މަސްޖިދުލްއަޤުޞާގެ ބައްޓަމަކީ، ގެފުޅުގެ ތަޅުމުގެ ޗާޓު، ވަކި ސްކޭލަކަށް ބޮޑުކުރެވިފައިވާ ބައްޓަމެއް ކަމަށް ފެނެ އެވެ. އެއީ، ދާދި އެއްގޮތަކަށް ފަރުމާކުރެވިފައިވާ ދެ ބައްޓަމެކެވެ. އެހެންކަމުން، އެ ދެ ތަނުގެ ބިންގާ އެޅުއްވުމާއި، ބިނާކުރެއްވުމަކީ، މަލާއިކަތްބޭކަލުން ދެއްވި އިރުޝާދާ ގުޅިފައިވާ ކަންކަން ކަމުގައި ވެސް ޤަބޫލުކުރެވެ އެވެ.

ފުރަތަމަ އަލިއަޅުވައިލާނީ، މާތްވެގެންވާ މައްކާގައިވާ ކަޢުބަތުﷲ ގެފުޅުގެ މައްޗަށެވެ. އެއަށްފަހު، މަސްޖިދުލްއަޤުޞާގެ މައްޗަށް އަލިއަޅުވައިލާނަމެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެ އެވެ.

(إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ)
އާލުޢިމްރާން: 96

މާނައީ، "ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި (އަޅުކަމުގެ) ގެޔަކީ، މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތް ލައްވާފައިވާ ތަނެއްގެ ގޮތުގަ އެވެ. އަދި، ޢާލަމްތަކަށް ތެދުމަގެއް ކަމުގަ އެވެ."

ގެފުޅަކީ، ނަމާދުގައި މުސްލިމުންގެ ޤިބުލަ އެވެ. މުސްލިމުން ޙައްޖަށް ގޮސް ގެފުޅުގެ ވަށައިގެން ޠަވާފުކުރެ އެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި މުސްލިމަކު ހުއްޓަސް އޭނާގެ ހިތްވާނީ، ގެފުޅާ ގުޅި ލާމެހިފަ އެވެ. އޭނާގެ ހިތުގައި ގެފުޅަށް ވަރަށް ޚާއްޞަ މަޤާމަކާއި ޤަދަރެއް ދެވިފައިވާނެ އެވެ. ކުޅަދާނަކަން ލިބިއްޖެނަމަ، މައްކާއަށް ގޮސް ގެފުޅުގެ ވަށައިގެން ޠަވާފުކޮށް، ޙައްޖުގެ އަޅުކަން އަދާކުރުމަކީ، ހަމަ ކޮންމެ މުސްލިމަކުމެ ނުހަނު ޝައުޤުވެރިކަމާއެކު ކުރާނެ އުންމީދެކެވެ.

ގެފުޅަށް، "ކަޢުބާގެ" އިތުރުން "އަލްބައިތުލް ޙަރާމް" ގެ ނަން ދެވިފައިވެ އެވެ. މި ނަން ދެވިފައިވަނީ، ގެފުޅު ކައިރީގައި ހަނގުރާމަކުރުން މާތް ﷲ ޙަރާމްކުރައްވާފައިވާތީ އެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ބިންމަތީގައިވާ އެންމެ މާތް، އެންމެ މުޤައްދަސް ތަނަކީ، ގެފުޅެވެ.

އާދަމުގެފާނު އެޅުއްވި ބިންގަލުގެ މަތީގައި، ކަޢުބަތު ﷲ ގެފުޅު ބިނާކުރެއްވުމަށް، މާތް ﷲ، އިބްރާހީމުގެފާނަށް އެންގެވިއެވެ. އެހިނދު، އެ އަމުރުފުޅު ތަންފީޒުކުރެއްވުމަށް އިބްރާހީމުގެފާނު ފެށްޓެވިއެވެ. އެކަމުގައި އެކަލޭގެފާނާ އެހީތެރިވެވަޑައިގެންނެވުމަށް، އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. ދެން ނުހަނު ކިޔަމަންތެރިކަމާއެކު، އިސްމާޢީލުގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅަށް އެހީތެރިވެވަޑައިގެންނެވިއެވެ. އެގޮތުގެ މަތިން، އެ ދެ ބަފައިކަލުން، ގެފުޅު ބިނާކުރައްވައި، މާތް ﷲ ގެ ޙަޟުރަތަށް ހެޔޮ ދުޢާ ކުރެއްވިއެވެ. މިވާހަކަ، ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައި ވެއެވެ.

(وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ)
އަލްބަޤަރާ: 127

މާނައީ، "އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރައްވާށެވެ! (އެހިނދު ދުޢާކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާންދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ގެފުޅު ބިނާކުރައްވައި ނިންމެވުމުން، މާތް ﷲ، އިބްރާހީމުގެފާނަށް އެންގެވީ، ދުނިޔޭގެ ކަންކޮޅުތަކުން ގެފުޅަށް ގޮސް ޙައްޖުވުމަށް މީސްތަކުންނަށް ގޮވާލެއްވުމަށެވެ. ދެން އެކަލޭގެފާނު އެ އަމުރުފުޅު ތަންފީޒުކުރެއްވި އެވެ. އެއަށްފަހު މިއަދާ ހަމައަށްވެސް ކޮންމެ އަހަރަކު ދުނިޔޭގެ ކަންކޮޅުތަކުން އެތައް ބަޔަކު ޙައްޖަށްދެ އެވެ.

ގެފުޅަކީ، ކޮޑިއެއްގެ ބައްޓަމަށް ހެދިފައިވާ ބިނާއެކެވެ. (ކޮޑިއަކީ ކިއުބެވެ.) އެއީ މުޅިން ހަތަރެސްކަން ހަމަ ބިނާއެއް ނޫނެވެ. ގެފުޅުގެ ދޮރުކޮޅު ހުންނަ ބިތާއި އޭގެ އަނެއްފަރާތުގެ ބިތުގެ ދިގުމިނަކީ ގާތްގަނޑަކަށް 12 މީޓަރެވެ. މީޒާބުކޮޅު ހުރި ބިތާއި އޭގެ އަނެއް ކޮޅުގައިވާ ބިތުގެ ދިގުމިނަކީ ގާތްގަނޑަކަށް 10 މީޓަރެވެ. ގެފުޅުގެ އުސްމިނަކީ، 15 މީޓަރެވެ.

ސަލާމްލެއްވި އިސްލާޢީލުގެފާނުގެ ޒަމާނުގައި ގެފުޅުގެ އުސްމިނަކީ، 9 މުށް ކަމަށް ވާރިދުވެފައި ވެ އެވެ. އޭރު ގެފުޅަކު ފުރާޅުކޮޅެއް ނެތެވެ. އޭރު ގެފުޅުގެ ދޮރުކޮޅު ވެސް ވަނީ ބިމާ ހަމައިގަ އެވެ. ގެފުޅުގައި އެންމެ ފުރަތަމަ ފުރާޅުކޮޅެއް ލެއްވީ ތުއްބަޢު ރަސްގެފާނެވެ. އެއަށްފަހު، ޢަބްދުލްމުއްޠަލިބުގެފާނު، ގެފުޅުގެ ދޮރުކޮޅު ދަނގަޑުން ހެއްދެވި އެވެ. އަދި އެ ދޮރުކޮޅު ރަނުން ޒީނަތްތެރި ކުރެއްވި އެވެ. އެއީ ގެފުޅުގެ ދޮރުކޮޅު އެންމެ ފުރަތަމަ ރަނުން ޒީނަތްތެރިކުރެވުނު ފަހަރެވެ.

މިހާރު، ގެފުޅުގައިވަނީ، އެންމެ ދޮރުކޮޅެކެވެ. ކޮންމެ އަހަރަކު ތިންފަހަރު އެދޮރުކޮޅު ހުޅުވެ އެވެ. އެއީ ޒަމްޒަމްފެނުން ގެފުޅުތެރެ ދޮވެ ސާފުކުރުމަށްޓަކަ އެވެ.

މިހާރު، ގެފުޅު ތެރޭގައި ތިން ތަނބުކޮޅާއި ސިޑިކޮޅެއް ވެ އެވެ. އެ ތަނބުކޮޅުތައް ހަދާފައިވަނީ (މާބްލް) ހަރު ހިލައިންނެވެ. އޭގެ ވަޒީފާއަކީ، ފުރާޅުކޮޅު ހިފެހެއެއްޓުމެވެ. ސިޑިކޮޅުން އެރެނީ ފުރާޅުކޮޅުގެ މައްޗަށެވެ. ކޮންމެ އަހަރަކު އެއްފަހަރު ފުރާޅުކޮޅަށް އެރުން އޮވެ އެވެ. އެއީ ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށްޓަކަ އެވެ.

ގެފުޅުގެ ވަށައިގެން ބިނާކުރެވިފައިވާ، ކުދި ބިނާތަކެއް، މީލާދީން ނަވާރަ ވަނަ ޤަރުނުގައި ވެސް ފެންނާން ހުއްޓެވެ. އެކަމަކު، މިހާރަކު އެ ބިނާތަކެއް ފެންނާކަށެއް ނެތެވެ.

ގެފުޅުގައި މުހިންމު އުންސުރުތަކެއް ވެ އެވެ. ގެފުޅާބެހޭ ގޮތުން ވާހަކަދައްކާއިރު އެ އުންސުރުތަކަށް ބަލާލަންޖެހެ އެވެ. އެހެންކަމުން އޭގެ މައްޗަށް ބަލާލާނަމެވެ.

1. ޙަޖަރުލް އަސްވަދު އޮންނަނީ، ގެފުޅުގެ އިރު ދެކުނު ކަނުގަ އެވެ.

2. ގެފުޅުގެ ދޮރުކޮޅު ވަނީ، ގެފުޅުގެ އިރުމަތީ ބިތުގަ އެވެ. ދޮރުކޮޅާއި ބިމާ ދެމެދުގައިވާ އުސްމިނަކީ، 2.13 މީޓަރެވެ.

3. މީޒާބުކޮޅަކީ، ގެފުޅުގެ ދިޔަދޮވި ކޮޅެވެ. އޭގެ ވަޒީފާއަކީ، ފުރާޅުކޮޅަށް ވެހޭ ވާރޭފެން ބޭރުކުރުމެވެ. މީޒާބުކޮޅު ވަނީ، ގެފުޅުގެ އުތުރު ބިތުގަ އެވެ. ޚާލިޞް ރަނުން ހަދާފައިވާ މީޒާބުކޮޅުން ފެން ބޭރުވާނީ ޙިޖުރު އިސްމާޢީލުގެ ތެރެއަށެވެ.

4. ގެފުޅުގެ ބިންގާކޮޅުން ބަޔެއް ބިންމަތިން ފެނެ އެވެ.

5. ޙަޠީމުކޮޅަށް ކިޔާ އަނެއް ނަމަކީ، "ޙިޖުރު އިސްމާޢީލު" އެވެ. އެތާނގައި ނަމާދުކުރުމަކީ، ގެފުޅުގެ ތެރޭގައި ނަމާދުކުރުމާ އެއްފަދަވެގެންވާ ކަމެއް ކަމަށް ރިވާވެފައިވެ އެވެ.

6. މުލްތަޒަމުކޮޅަކީ، ގެފުޅުގެ ދޮރުކޮޅާއި، ޙަޖަރުލް އަސްވަދާ ދެމެދުގައިވާ ތަނެވެ.

7. އިބްރާހީމުގެފާނުގެ މަޤާމުފުޅުގައި ވަނީ، އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވުމަށްޓަކައި އަރާވަޑައިގެން އޭގެ މަތީގައި ހުންނެވި ހިލަކޮޅެވެ.

8. އައްރުކުނުއް ޝަރުޤީ އަކީ، ގެފުޅުގެ ދޮރުކޮޅު ކައިރީގައިވާ ރުކުނެވެ. ޒަމްޒަމް ވަޅުކޮޅު ވަނީ ގާތްގަނޑަކަށް މިރުކުނާ ދިމާވާ ގޮތަށެވެ. މި ރުކުނަށް އައްރުކުނުއް ޝަރުޤީ އެވެ، ކިއުނީ، މި ރުކުން ގާތްގަނޑަކަށް އިރުމަތީފަރާތާ ދިމާވާތީ އެވެ. (ޝަރުޤަކީ އިރުމައްޗެވެ.) މިރުކުނަށް ކިޔޭ އަނެއް ނަމަކީ، ޙަޖަރުލް އަސްވަދުގެ ރުކުނެވެ. އެއީ މިރުކުނުގައި ޙަޖަރުލް އަސްވަދު އޮންނާތީ އެވެ. ގެފުޅު ވަށައިގެން ޠަވާފުކުރަން ފަށަނީ މިރުކުނުންނެވެ.

9. އައްރުކުނުލް ޔަމާނީ އަކީ، ޣަރުބިއްޔަ ރުކުނާ ޖެހިގެން އަންނަ ރުކުނެވެ. މިރުކުނަށް އައްރުކުނުލް ޖުނޫބީ ވެސް ކިޔެ އެވެ. އެއީ، މިރުކުން، ގާތްގަނޑަކަށް ދެކުނު ފަރާތާ ދިމާވާތީ އެވެ. މިރުކުނަށް އައްރުކުނުލް ޔަމާނީ އެވެ، ކިއުނީ، ޔަމަނުކަރަޔާ ވީ ފަރާތުގައި ވާތީ އެވެ.

10. އައްރުކުނުލް ޣަރްބީ އަކީ، ޝިމާލިއްޔަ ރުކުނާ ވިދިގެން އަންނަ ރުކުނެވެ. މިރުކުނަށް، އައްރުކުނުލް ޣަރްބީ އެވެ، ކިއުނީ ގާތްގަނޑަކަށް މަޣުރިބު ފަރާތާ ދިމާވާތީ އެވެ. މި ރުކުނަށް، އައްރުކުނުއް ޝާމީ އެވެ، ވެސް ކިޔަ އެވެ. އެއީ މި ރުކުން، ޝާމުކަރައާ ވީ ފަރާތުގައި ވާތީ އެވެ. މި ރުކުން ވަނީ، ޙިޖުރު އިސްމާޢީލުގެ ހުޅަނގުފަރާތުގަ އެވެ.

11. އައްރުކުނުލް ޢިރާޤީ އަކީ، ޠަވާފުކުރާ ޙަރަކާތުގެ ގޮތުން ބަލާއިރު، ޝަރުޤިއްޔަ ރުކުނާ ވިދިގެން އަންނަ ރުކުނެވެ. މިރުކުނަށް އައްރުކުނުއް ޝިމާލީ އެވެ، ކިޔެ އެވެ. އެއީ މިރުކުން ގާތްގަނޑަކަށް އުތުރު ފަރާތާ ދިމާވާތީ އެވެ. (ޝިމާލަކީ އުތުރެވެ.) މިރުކުން ވަނީ ޙިޖުރު އިސްމާޢީލުގެ އިރުމަތިފަރާތުގަ އެވެ. މިރުކުނަށް ޢިރާޤިއްޔަ ރުކުނެވެ ކިއުނީ، ޢިރާޤާވީ ފަރާތުގައި ވާތީ އެވެ.

12. ގެފުޅުގެ އުރަކޮޅަކީ، ކޮންމެ އަހަރަކު އެއްފަހަރު ބަދަލުކުރެވޭ އެއްޗެކެވެ.

13. ޙަޖަރުލް އަސްވަދާ ދިމާވާ ގޮތަށް ބިންމަތީގައި އަޅާފައިވާ ގާތަކެއް ކުރިން ވެ އެވެ. އޭގެމަތިން ހިނގާފައި ދިއުމަށް މީހުން އެއްވެ ތޮއްޖެހޭތީ، މިހާރުވަނީ އެ ގާތަށް ނަގާފަ އެވެ.

މިދެންނެވީ ގެފުޅުގައިވާ މުހިންމު އުންސުރުތަކެވެ.

ގެފުޅުގެ ހަތަރުކަނުންކުރެ ކޮންމެ ކަނަކަށް ނަންކިޔޭ ދެގޮތެއް ވެ އެވެ. އެއްގޮތަކީ، އެ ކަނެއް ދިމާވާ ފަރާތަށް ނިސްބަތްކޮށްގެން ނަންކިއުމެވެ. އަނެއް ގޮތަކީ، އެކަނުގެ ޚާއްޞިއްޔަތަށް ބަލައިގެން ނަންކިއުމެވެ. މިހެންވެ، ގެފުޅުގެ ހަތަރު ކަނުންކުރެ ކޮންމެ ކަނަކަށް ކިޔޭ އެއް ނަމަށްވުރެ ގިނަ ނަންތައް ވެ އެވެ.

ޢަރަބި ބަހުން ގެފުޅަށް ކިޔަނީ އަލްކަޢުބާ (الكعبة) އެވެ. ކަޢުބާގެ މާނައަކީ ކޮޑި އެވެ. ގެފުޅަށް މިނަން ކިއުނީ، ކޮޑިއެއްގެ ސިފައިގައި ގެފުޅު ބިނާކުރެވިފައި ވާތީ ކަމަށް ބުނެވެ އެވެ. އަދި މިނަން ކިއުނީ ގެފުޅުގެ އުސްކަމުންނާއި، އެހެން ގެތަކަށްވުރެ މައްޗަށް ގެފުޅު އުފުލިފައިވާތީ ކަމަށް ވެސް ބުނެވެ އެވެ. ގެފުޅަށް ކިޔޭ އެހެން ނަންތަކުގެ ތެރޭގައި، އަލްބައިތުލް ޢަތީޤް (البيت العتيق) އާއި، އަލްބައިތުލް ޙަރާމް (البيت الحرام) ހިމެނެ އެވެ.

ހަތަރެސްކަން ބައްޓަމަށް ގެފުޅު ބިނާކުރެވިފައިވަނީ، އުޑުގައިވާ އަލްބައިތުލްމަޢުމޫރާ އެއްގޮތަށް ކަމަށް ވެސް ރިވާވެފައިވެ އެވެ. އަދި ގެފުޅު ބިނާކުރެވިފައިވަނީ، އިސްލާމްދީނުގެ އަސާސީ ހަތަރު ކަލިމައެއްގެ މައްޗަށް ތަރަހަކުރެވިގެން ކަމަށް ވެސް ބުނެވެ އެވެ. އެ ހަތަރު ކަލިމައަކީ:

1. ސުބްޙާނަ ﷲ (سُبْحَانَ اللَّهِ)
2. އަލްޙަމްދު ލިއްލާހި (الْحَمْدُ لِلَّهِ)
3. ލާއިލާހަ އިއްލަ ﷲ (لَا إِلَهَ إِلَّا اللَّهُ)
4. ﷲ އަކުބަރު (اللَّهُ أَكْبَرُ) މި ހަތަރު ކަލިމަ އެވެ.

ކީރިތި ޤުރުއާނުގައި ގެފުޅުގެ ނަންފުޅެއްގެ ގޮތުގައި، އަލްކަޢުބާ (الكعبة) ނަންގަނެވިފައިވަނީ ދެ ފަހަރު އެވެ.

1. ފުރަތަމަ ފަހަރު ނަންގަނެވިފައިވަނީ، އަލްމާއިދާ ސޫރަތުގެ 95 ވަނަ އާޔަތުގަ އެވެ.
2. ދެވަނަ ފަހަރު ނަންގަނެވިފައިވަނީ، އެ ސޫރަތުގެ 97 ވަނަ އާޔަތުގަ އެވެ.

ކީރިތި ޤުރުއާނުގައި ގެފުޅުގެ ތަފާތު ނަންފުޅުތައް ނަންގަނެވިފައި ވެ އެވެ. އެނަންފުޅުތަކުގެ ތެރެއިން:

ފުރަތަމަ ނަންފުޅަކީ، އަލްކަޢުބާ: މިނަންފުޅު ނަންގަނެވިފައިވަނީ، އަލްމާއިދާ ސޫރަތުގެ 95 ވަނަ އާޔަތުގަ އެވެ.
ދެވަނަ ނަންފުޅަކީ، އަލްބައިތު: މިނަންފުޅު ނަންގަނެވިފައިވަނީ، އަލްބަޤަރާ ސޫރަތުގެ 12 ވަނަ އާޔަތުގަ އެވެ.
ތިންވަނަ ނަންފުޅަކީ، އަލްބައިތުލް ޢަތީޤް: މިނަންފުޅު ނަންގަނެވިފައިވަނީ، އަލްޙައްޖު ސޫރަތުގެ 29 ވަނަ އާޔަތުގަ އެވެ.
ހަތަރުވަނަ ނަންފުޅަކީ، އަލްބައިތުލް ޙަރާމް: މިނަންފުޅު ނަންގަނެވިފައިވަނީ، އަލްމާއިދާ ސޫރަތުގެ 2 ވަނަ އާޔަތުގަ އެވެ.
ފަސްވަނަ ނަންފުޅަކީ، އަލްމަސްޖިދުލް ޙަރާމް: މިނަންފުޅު ނަންގަނެވިފައިވަނީ، އަލްމާއިދާ ސޫރަތުގެ 2 ވަނަ އާޔަތުގަ އެވެ.
ހަވަނަ ނަންފުޅަކީ، އަލްބައިތުލް މުޙައްރަމް: މިނަންފުޅު ނަންގަނެވިފައިވަނީ، އިބްރާހީމު ސޫރަތުގެ 37 ވަނަ އާޔަތުގަ އެވެ.
ހަތްވަނަ ނަންފުޅަކީ، އައްވަލު ބައިތު: މިނަންފުޅު ނަންގަނެވިފައިވަނީ، އާލުޢިމްރާން ސޫރަތުގެ 96 ވަނަ އާޔަތުގަ އެވެ.

ގެފުޅު ހުންނަނީ، މައްކާގެ ޙަރަމްފުޅުގެ މެދުތެރޭގަ އެވެ. އެތަނަކީ ދުނިޔޭގެ ޗާޓަށް ބަލާއިރު، ދުނިޔޭގެ ބައްރުތަކުގެ މެދެވެ. މިކަމާބެހޭ ގޮތުން ކުރެވިފައިވާ އެތައް ދިރާސާތަކެއް ވެ އެވެ. އެ ދިރާސާތައް ވަނީ އާންމުކުރެވިފަ އެވެ.

ގެފުޅުގެ ހަތަރު ފާރު އަމާޒުކުރެވިފައިވަނީ ދުނިޔޭގެ ބޮޑެތި ބައްރުތައް ޝާމިލުވާނެހެން، ދުނިޔޭގެ ހަތަރު ބިތަށެވެ.

އެންމެފުރަތަމަ ގެފުޅު ބިނާކުރެއްވީ މަލާއިކަތް ބޭކަލުން ކަމަށް ރިވާވެފައި ވެ އެވެ. ތާރީޚީ ރިވާޔަތްތައް ބުނާ ގޮތުގައި، 12 ފަހަރު ގެފުޅު ބިނާކުރެވިފައިވެ އެވެ.

1. ފުރަތަމަ ފަހަރު ބިނާކުރެއްވީ، މަލާއިކަތް ބޭކަލުންނެވެ.
2. ދެވަނަ ފަހަރު ބިނާކުރެއްވީ، އާދަމުގެފާނެވެ.
3. ތިންވަނަ ފަހަރު ބިނާކުރެއްވީ، އާދަމުގެފާނުގެ ދަރިކަލުން ޝީޘުގެފާނެވެ.
4. ހަތަރުވަނަ ފަހަރު ބިނާކުރެއްވީ، އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނެވެ.
5. ފަސްވަނަ ފަހަރު ބިނާކުރީ، ޢަމާލިޤުންނެވެ.
6. ހަވަނަ ފަހަރު ބިނާކުރީ، ޖުރުހުމް ވަންހައިގެ މީހުންނެވެ.
7. ހަތްވަނަ ފަހަރު ބިނާކުރެއްވީ، ޤުޞައްޔު ބްނު ކިލާބެވެ.
8. އަށްވަނަ ފަހަރު ބިނާކުރީ، ޤުރައިޝު ވަންހައިގެ މީހުންނެވެ.
9. ނުވަވަނަ ފަހަރު ބިނާކުރެއްވީ، ހިޖުރައިން 65 ވަނަ އަހަރު، ޢަބްދު ﷲ ބްނު އްޒުބައިރެވެ.
10. ދިހަވަނަ ފަހަރު ބިނާކުރެއްވީ، ހިޖުރައިން 74 ވަނަ އަހަރު، އަލްޙައްޖާޖު ބްނު ޔޫސުފެވެ.
11. އެގާރަވަނަ ފަހަރު ބިނާކުރެއްވީ، ހިޖުރައިން 1040 ވަނަ އަހަރު، މިޞްރުގެ ވާލީ މުޙައްމަދު ޢަލީ ބާޝާ އެވެ.
12. ބާރަވަނަ ފަހަރު ބިނާކުރެއްވީ ކިންގ ފަހުދު ބްނު ޢަބްދުލްޢަޒީޒެވެ. އެމަނިކުފާނުގެ ޒަމާނުގައި ގެފުޅު ވަރަށް ބޮޑަށް މަރާމާތުކޮށް އާކުރެވުނެވެ.

މަލާއިކަތް ބޭކަލުންނާއި، އާދަމުގެފާނު ގެފުޅު ބިނާކުރެއްވީ ވަކިވަކިން ނޫންކަމަށް ވެސް ރިވާވެފައިވެ އެވެ. އެ ރިވާޔަތް ބުނާގޮތުގައި، ގެފުޅު ބިނާކުރެއްވީ އާދަމުގެފާނެވެ. ހިލަތައް ގެނެސް ދެއްވުމުގައި މަލާއިކަތް ބޭކަލުން އެކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވި އެވެ.

މިދެންނެވީ ގެފުޅުގެ ބިނާއާ ގުޅިފައިވާ ބައެއް ވާހަކަތަކެވެ. މިނޫން ވާހަކަތައް ވެސް އެ ބިނާއާ ގުޅިފައި ވެ އެވެ. އެ ބިނާގެ މައްޗަށް އެތައް ނަޒަރަކުން އަލިއަޅުވާލެވިދާނެ އެވެ. ބަހަވީ ނަޒަރަކުން ބަލާއިރު، ދިވެހި ބަހުގައި ވަނީ އެ މާތް ބިނާއަށް ވަރަށް މަތިވެރި މަޤާމެއް ދެވިފަ އެވެ. އާދޭހެވެ. އެއް ނަޒަރަކުން ބަލާއިރު، އެ މާތް ބިނާއަކީ، މަޢުނަވީ ގޮތުން ފުރާނަ ލައްވާފައިވާ ތަނެއް ކަމަށް ދިވެހި ބަހުގައި ވަނީ ބެލިފަ އެވެ. ދިވެހިބަހުން އެ މާތް ބިނާއަށް ގެފުޅުގެ ނަމުން ނަން ދެވިފައިވަނީ މި ސަބަބަށްޓަކަ އެވެ. އަނެއް ނަޒަރަކުން ބަލާއިރު، އެއީ އެ ތަން މާތް ކުރުމުގެ ގޮތުން ދެވިފައިވާ ނަމެވެ.

ގެފުޅަށް ގޮސް ޙައްޖުވުމަކީ، މުސްލިމު ދިވެހިން ނުހަނު ޝައުޤުވެރިވާ ކަމެކެވެ. ދިވެހި ތާރީޚަށް ބަލާއިރު، ދަރުމަވަންތަ ރަސްގެފާނު ޙައްޖަށް ވަޑައިގެންނެވީއްސުރެ، ދިވެހިންނަކީ، ކުޅަދާނަކަން ލިބިއްޖެނަމަ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުން ގެންދާ ބަޔެކެވެ.

މިތާނގައި ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅު ނަންގަނެވުނީތީ، އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް ލެއްވުން އެދި ދުޢާކުރަމެވެ.
اللهم اغفر له وارحمه وادخله في جنات النعيم آمين

ދެން އަލިއަޅުވާލާނީ، މަސްޖިދުލްއަޤުޞާގެ މައްޗަށެވެ.

މަސްޖިދުލްއަޤްޞާގެ ނަން، ކީރިތި ޤުރުއާނުގައި ނަންގަނެވިފައި ވެ އެވެ. މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.

(سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آَيَاتِنَا إِنَّه هُوَ السَّمِيعُ الْبَصِيرُ)
އަލްއިސްރާ: 1

މާނައީ، "އަލްމަސްޖިދުލްޙަރާމުން، އަލްމަސްޖިދުލްއަޤުޞާ އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާ އެވެ! އެއީ، އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކަ އެވެ. ހަމަކަށަވަރުން، އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ އެވެ."

ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެ އެވެ.

(لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ، الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَمَسْجِدِ الْأَقْصَى)
ރިވާކުރެއްވީ: އިމާމު ބުޚާރީ.

މާނައީ، "ﷲ ގެ ޙަޟުރަތަށް ކުއްތަންވެ އަޅުކަންކުރުމަށްޓަކައި، ތިން މިސްކިތެއް ފިޔަވައި އެހެން ތަނަކަށް ދަތުރުކުރުމެއް ނެތެވެ. އެއީ، މަސްޖިދުލްޙަރާމާއި، މަސްޖިދުއްރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި، މަސްޖިދުލްއަޤުޞާ އެވެ."

މަސްޖިދުލްއަޤުޞާ އަކީ، ދުނިޔޭގައިވާ އެންމެ ބޮޑެތި މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ. އަދި އެއީ، އެންމެ މާތް މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ. އެއީ، މުސްލިމުންގެ ފުރަތަމަ ޤިބުލަ އެވެ. އެ މިސްކިތް ވަނީ، ފަލަސްޠީނުގެ ޤުދުސް ގަ އެވެ. މަސްޖިދުލްއަޤުޞާ އެވެ، ކިޔަނީ، ވަށައިގެން ފާރު ލާފައިވާ ބޮޑު ސަރަޙައްދަކަށެވެ. އެ ފާރުގެ އިމުގެތެރޭގައިވާ ކޮންމެ ތަނަކީ، މަސްޖިދުލްއަޤުޞާ އެވެ. އެތަން ވަނީ، ފަލަސްޠީނުގެ ޤުދުސްގެ އިރު ދެކުނު ކަނުގަ އެވެ.

މަސްޖިދުލްއަޤުޞާގެ އޭރިޔާ އަކީ، 144000 އަކަ މީޓަރެވެ. އެތާނގެ އިރުމަތީ ފަރާތުގެ ދިގުމިނަކީ، 446 މީޓަރެވެ. ދެކުނު ފަރާތުގެ ދިގުމިނަކީ، 281 މީޓަރެވެ. ހުޅަނގު ފަރާތުގެ ދިގުމިނަކީ، 488 މީޓަރެވެ. އުތުރު ފަރާތުގެ ދިގުމިނަކީ، 310 މީޓަރެވެ.

މަސްޖިދުލްއަޤުޞާ ވަނީ އުސް ބިމެއްގެ މަތީގަ އެވެ. އެ ބިމަށް ކިޔަނީ، (هَضْبَة موريا) "މޫރިޔާގެ އުސްބިން" އެވެ. އިހުގެ ޢިބްރާނީ ބަހުން "މޫރިޔާ" ގެ މާނައަކީ، ހޮއްވަވައި އިޚުތިޔާރުކުރެއްވުމެވެ. އެ ބިމުގައިވާ އެންމެ އުސް ތަނަކީ، މާތް ހިލަކޮޅު އޮންނަ ތަނެވެ. ހިލަކޮޅު އޮންނަނީ ގާތްގަނޑަކަށް އެ ބިމުގެ މެދުގަ އެވެ. އެ ބިމުގައިވާ އެންމެ އާސާރީ އެއް ތަނަކީ، މަސްޖިދުލްޤިބްލީ އާއި، ހިލަކޮޅުގެ މަތީގައި ބިނާކުރެވިފައިވާ ޤުއްބަތުއްޞަޚްރާ އެވެ. މަސްޖިދުލްއަޤުޞާގެ ބިމުގައިވާ އާސާރީ ތަންތަނުގެ ޢަދަދު، 200 އަށް އަރަ އެވެ.

އަބޫޛައްރުގެފާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅެއްގައި ވެ އެވެ.

(قُلْتُ: يَا رَسُولَ اللَّهِ، أَيُّ مَسْجِدٍ وُضِعَ فِي الْأَرْضِ أَوَّلَ؟ قَالَ: الْمَسْجِدُ الْحَرَامُ، قُلْتُ: ثُمَّ أَيٌّ، قَالَ: الْمَسْجِدُ الْأَقْصَى، قُلْتُ: كَمْ كَانَ بَيْنَهُمَا، قَالَ: أَرْبَعُونَ سَنَةً)
ރިވާކުރެއްވީ: އިމާމު ބުޚާރީ.

މާނައީ، "ތިމަންކަލޭގެފާނު، ﷲ ގެ ރަސޫލާގެ އަރިހުގައި ދެންނެވީމެވެ. އެންމެ ފުރަތަމަ ބިމުގައި ބިނާކުރެވުނީ ކޮން މިސްކިތެއްތޯ އެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. މަސްޖިދުލްޙަރާމެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. ދެން ކޮން މިސްކިތެއްތޯ އެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. މަސްޖިދުލްއަޤުޞާ އެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އެ ދެ މިސްކިތުގެ ދެމެދުގައި ވަނީ ކިހާ މުއްދަތެއްތޯ އެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. ސާޅީސް އަހަރެވެ."

ދުނިޔޭގެ ބިމުގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ، މަސްޖިދުލްއަޤުޞާ ކަން ބަޔާންކޮށްދޭ ޞައްޙަ ދަލީލެއް ނެތެވެ. އެހެނަސް، އެއީ، މައްކާގެ މަސްޖިދުލްޙަރާމަށްފަހު، ތައުޙީދުގެ ޢަޤީދާ ފާޅުވި ތަން ކަމާމެދަކު ޚިލާފެއް ނެތެވެ. އަދި އެ ދެ މިސްކިތް ބިނާކުރުމުގެ ދެމެދުގައި ފާއިތުވެފައިވާ މުއްދަތަކީ، ސާޅީސް އަހަރު ކަމާމެދަކު ވެސް ޚިލާފެއް ނެތެވެ.

"އަލްޖާމިޢު ލި އަޙުކާމިލް ޤުރުއާނި" (الجامع لأحكام القرآن) އެވެ، ކިޔާ ފޮތުގެ 4 ވަނަ މުޖައްލަދުގެ 138 ވަނަ ޞަފުޙާގައި، އަލްޤުރުޠުބީ ވިދާޅުވެފައި ވެ އެވެ.

"އެންމެ ފުރަތަމަ ބައިތުލްމަޤުދިސް ބިނާކުރެއްވި ބޭކަލަކާމެދު އިޚުތިލާފު އުފެދިފައި ވެ އެވެ. ބައެއް ރިވާޔަތްތަކުގައި ވަނީ އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ އާދަމުގެފާނު ކަމަށާއި، އެއަށްފަހު، ސާޅީސް އަހަރު ފަހުން، އެކަލޭގެފާނުގެ ބޭފުޅުން މަސްޖިދުލްއަޤުޞާގެ ބިންގާ އެޅުއްވުމަކީ ޖާއިޒު ކަމެއް ކަމަށެވެ. އަދި މާތް ﷲ ގެ އިޒުނަފުޅަށް، މަލާއިކަތްބޭކަލުން ގެފުޅު ބިނާކުރެއްވުމަށްފަހު، އެކަލާނގެ އެންގެވުމުން އެ ބޭކަލުން މަސްޖިދުލްއަޤުޞާ ބިނާކުރެއްވުމަކީ ވެސް ޖާއިޒު ކަމެކެވެ. މި ދެ ގޮތުންކުރެ ގޮތަކަށް މިކަން ހިނގާފައި އޮވެދާނެ އެވެ. ދެނެވޮޑިގަތުން ބޮޑީ މާތް ﷲ އެވެ."

އަލްފަތުޙުގެ "ކިތާބު އަޙާދީޘިލް އަންބިޔާއި" (كتاب أحاديث الأنبياء) ގައި، އިބްނު ޙަޖަރު ވިދާޅުވެފައި ވެ އެވެ.

"އެންމެ ފުރަތަމަ، މަސްޖިދުލްއަޤުޞާ ބިނާކުރެއްވީ، އާދަމުގެފާނެވެ. ބައެއް ރިވާޔަތްތަކުގައި ވަނީ، މަލާއިކަތްބޭކަލުން ކަމަށެވެ. ބައެއް ރިވާޔަތްތަކުގައި ވަނީ، ނޫޙުގެފާނުގެ ދަރިކަލުން ސާމުގެފާނު ކަމަށެވެ. ބައެއް ރިވާޔަތްތަކުގައި ވަނީ، ސަލާމްލެއްވި ޔަޢުޤޫބުގެފާނު ކަމަށެވެ."

މީގެ އިތުރުން އިބްނު ޙަޖަރު ވިދާޅުވެފައި ވެ އެވެ.

"އެންމެ ފުރަތަމަ، ދެ މިސްކިތް ބިނާކުރެއްވީ، ސަލާމްލެއްވި އާދަމުގެފާނު ކަމަށް ބުނާ ރައުޔަށް ބާރުލިއްބައިދޭ ހެކި ފެނިފައި ވެ އެވެ. (އެ ދެ މިސްކިތަކީ، ގެފުޅާއި، މަސްޖިދުލްއަޤުޞާ އެވެ.) "ކިތާބުއްތީޖާން" (كتاب التيجان) ގައި، އިބްނު ހިޝާމު ވިދާޅުވެފައި ވެ އެވެ. އާދަމުގެފާނު، ގެފުޅު ބިނާކުރެއްވުމުން، މާތް ﷲ އެކަލޭގެފާނަށް އެންގެވީ، ބައިތުލްމަޤުދިސަށް ވަޑައިގެން އެތަން ބިނާކުރެއްވުމަށެވެ. އެކަލޭގެފާނު އެ ތަން ބިނާކުރައްވައި، އެތާނގައި އަޅުކަންކުރެއްވި އެވެ."

ސުނަނުއްނަސާއީ (سنن النسائي) ގެ ޝަރަޙައިގައި، އައްސުޔޫޠީ (السيوطي) ވިދާޅުވެފައި ވެ އެވެ.

"އެންމެ ފުރަތަމަ މަސްޖިދުލްއަޤުޞާ ބިނާކުރެއްވީ އާދަމުގެފާނެވެ. އިބްރާހީމުގެފާނާއި، ސުލައިމާނުގެފާނު އެތަން ބިނާކުރެއްވި ބިނާކުރެއްވުމަކީ، އެ ދެ ބޭކަލުން ނޫން އެހެން ބޭކަލުން ހައްދަވާފައިވާ ތަނެއް ތަޖުދީދުކުރެއްވުމެވެ."

ތަޖުދީދުކުރުމަކީ، އާކުރުމެވެ. އާބާތުރަ ފިލުވައި މަރާމާތުކުރުމެވެ.

ބައެއް މުއައްރިޚުން ބުނާ ގޮތުގައި، ބައިތުލްމަޤުދިސް ވާކަމެއް އާދަމުގެފާނަކަށް އެނގިވަޑައެއް ނުގަނެ އެވެ. ނޫޙުގެފާނުގެ ޒަމާނުގައި އައި ޠޫފާނަށްފަހު، އެތަން ބިނާކުރެއްވީ ނޫޙުގެފާނުގެ ދަރިކަލުން ސާމުގެފާނެވެ. އެއަށްފަހު އެތަން ބިނާކުރެއްވީ، ޔަޢުޤޫބުގެފާނެވެ. އެއީ، އިބްރާހީމުގެފާނު، ގެފުޅު ބިނާކުރެއްވިތާ ސާޅީސް އަހަރު ފަހުންނެވެ. މުއައްރިޚުންގެ މި ރައުޔަކީ، މުސްލިމު ޢިލްމުވެރިން ޤަބޫލުކުރައްވާ ރައުޔެއް ނޫނެވެ. އަދި މުއައްރިޚުންގެ މި ރައުޔަކީ، ސާބިތު ހެއްކެއްގެ މައްޗަށް ބިނާވެފައިވާ ރައުޔެއް ވެސް ނޫނެވެ.


އިބްރާހީމުގެފާނު ހެއްދެވި ބިނާ:

ފަތުޙުލްބާރީގެ 6 ވަނަ މުޖައްލަދުގެ 407 ވަނަ ޞަފުޙާގައި، އިބްނު ޙަޖަރުލްޢަސްޤަލާނީ އިޝާރާތްކުރައްވާފައިވަނީ، އިބްނުލްޖައުޒީ ވިދާޅުވެފައިވާ ބަސްފުޅަކަށެވެ. އެއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައިވާ (أَرْبَعُونَ سَنَةً) އެވެ. އެއީ، ދެ މިސްކިތް ބިނާކުރުމުގެ ދެ މެދުގައިވާ ސާޅީސް އަހަރުގެ މުއްދަތެވެ. ގެފުޅު ބިނާކުރެއްވީ އިބްރާހީމުގެފާނު ކަމަށާއި، މަސްޖިދުލްއަޤުޞާ ބިނާކުރެއްވީ، ސުލައިމާނުގެފާނު ކަމަށް ބުނާ ރައުޔާ މި ސާޅީސް އަހަރާ ފުށުއަރަ އެވެ. އެހެނީ، އިބްރާހީމުގެފާނާއި، ސުލައިމާނުގެފާނާ ދެމެދުގައިވާ މުއްދަތު، އެއް ހާސް އަހަރަށްވުރެ ދިގެވެ.

މިކަމާބެހޭ ގޮތުން އިބްނުލްޖައުޒީ ވިދާޅުވެފައި ވެ އެވެ.

"އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ އިބްރާހީމުގެފާނެއް ނޫނެވެ. އަދި އެންމެ ފުރަތަމަ ބައިތުލްމަޤުދިސް ބިނާކުރެއްވީ ސުލައިމާނުގެފާނެއް ނޫނެވެ. އެކަމަކު އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ، އާދަމުގެފާނެވެ. އެއަށްފަހު، އެކަލޭގެފާނުގެ ދަރިދަރިކަލުން ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެންދިޔައިރު، އެ ދަރިދަރިކަލުންގެ ތެރެއިން ބަޔަކު، މަސްޖިދުލްއަޤުޞާ ބިނާކުރުމަކީ، ޖާއިޒު ކަމެކެވެ. އިބްރާހީމުގެފާނު، ގެފުޅު ބިނާކުރެއްވިކަން ކީރިތި ޤުރުއާނުން އެނގެ އެވެ. ޤުރުޠުބީ ވިދާޅުވާ ގޮތުގައި، އިބްރާހީމުގެފާނާއި ސުލައިމާނުގެފާނު، އެ ދެ ބިނާ އެންމެ ފުރަތަމަ ބިނާކުރެއްވީއެއް ނޫނެވެ. އެކަމަކު، ކުރިން ކުރެއްވިފައިވާ އެ ދެ ބިނާ، އެ ދެ ބޭކަލުން އާކުރެއްވީ އެވެ."

ގިނަ މުފައްސިރުން ވިދާޅުވެފައިވަނީ، އިބްރާހީމުގެފާނު، މަސްޖިދުލްއަޤުޞާގެ ބިނާ އާކުރެއްވީ ކަމަށެވެ. އެއީ، އެކަލޭގެފާނުގެ ދަރިފަސްކޮޅުން އަންނަ މުސްލިމު އުންމަތުގެ މުއުމިނުން، އެކަލޭގެފާނުގެ ރިސާލަތު ނަގަހައްޓައި ދަމަހައްޓާނޭ މިސްކިތެއް ކަމުގައި ލެއްވުމަށްޓަކަށެވެ.

"އަލްބިދާޔާ ވައްނިހާޔާ" އެވެ، ކިޔާ ފޮތުގެ ފުރަތަމަ މުޖައްލަދުގެ 184 ވަނަ ޞަފުޙާގައި، އިބްނު ކަޘީރު ވިދާޅުވެފައިވަނީ، އިބްރާހީމުގެފާނުގެ ނަސްލުން އައި ޞާލިޙު ބޭކަލުންގެ އަތްޕުޅުމަތީގައި، މަސްޖިދުލްއަޤުޞާގެ އިމާމުކަން ދެމިއޮތް ކަމަށެވެ. އަދި، ޔަޢުޤޫބުގެފާނާއި، އިސްޙާޤުގެފާނުގެ ޒަމާނުގައި، މަސްޖިދުލްއަޤުޞާ ތަޖުދީދުކުރައްވައި، ބިނާކުރެއްވުނު ކަމަށެވެ. އެއީ، އިބްރާހީމުގެފާނު ކުރައްވާފައިވާ އެ މިސްކިތުގެ ބިނާ ބާވުމުންނެވެ.


ސުލައިމާނުގެފާނު ހެއްދެވި ބިނާ:

އިސްލާމްދީނުގެ ޝަރުޢީ ދަލީލުތަކުން އެނގޭ ގޮތުގައި، ސުލައިމާނުގެފާނު ވަނީ، މަސްޖިދުލްއަޤުޞާ ބިނާކުރައްވާފަ އެވެ. އެކަލޭގެފާނު ހެއްދެވި ބިނާއަކީ، އިހުގެ ބިނާ އާކުރައްވައި އިތުރަށް ފުޅާކުރައްވައި ތަނަސްކުރެއްވުމުގެ ގޮތުން ހެއްދެވި ބިނާއެކެވެ. އެއީ، ގިނަ ބަޔަކަށް އެއްފަހަރާ އެތާނގައި އަޅުކަންކުރެވޭނެ މަގު ފަހިކުރެއްވުމުގެ ގޮތުން ކުރެއްވި ކަމެކެވެ.

ޢަބްދުﷲ ބްނު ޢަމްރު ބްނުލް ޢާޞްގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެއްގައި ވެ އެވެ.

(لَمَّا فَرَغَ سُلَيْمَانُ بْنُ دَاوُدَ مِنْ بِنَاءِ بَيْتِ الْمَقْدِسِ سَأَلَ اللَّهَ ثَلَاثًا: حُكْمًا يُصَادِفُ حُكْمَهُ، وَمُلْكًا لَا يَنْبَغِي لَأَحَدٍ مِنْ بَعْدِهِ، وَأَلَّا يَأْتِيَ هَذَا الْمَسْجِدَ أَحَدٌ لَا يُرِيدُ إِلَّا الصَّلَاةَ فِيهِ إِلَّا خَرَجَ مِنْ ذُنُوبِهِ كَيَوْمِ وَلَدَتْهُ أُمُّهُ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَّا اثْنَتَانِ فَقَدْ أُعْطِيَهُمَا وَأَرْجُو أَنْ يَكُونَ قَدْ أُعْطِيَ الثَّالِثَةَ)
ރިވާކުރެއްވީ: އިބްނު މާޖާ.

މާނައީ، "ދާވޫދުގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު، ބައިތުލްމަޤުދިސް ބިނާކުރެއްވުމަށްފަހު، ތިން ކަމަކަށް އެދިވަޑައިގެން، މާތް ﷲ ގެ ޙަޟުރަތުގައި ދެންނެވި އެވެ. އެ ތިން ކަމަކީ، މާތް ﷲ ގެ ޙުކުމްފުޅާ އެއްގޮތްވާ ޙުކުމްފުޅެއް އެކަލޭގެފާނަށް ދެއްވުމާއި، އެކަލޭގެފާނަށްފަހު އެއްވެސް މީހަކަށް ނުދެއްވާނެ ވަރުގެ ރަސްކަމެއް އެކަލޭގެފާނަށް ދެއްވުމާއި، މަސްޖިދުލްއަޤުޞާގައި ނަމާދުކުރުން ފިޔަވައި އެހެން ކަމަކަށް ނޭދި އެތަނަށް އައިސް ނަމާދުކޮށްގެން ނިކުންނަ މީހާގެ ފާފަ ފުއްސަވައި، އޭނާގެ މަންމަ އޭނާ ވިހޭ ދުވަހާ އެއްފަދަކުރެއްވުމެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ.

"ފުރަތަމަ ދެ ކަން އެކަލޭގެފާނަށް (އެބަހީ: ސުލައިމާނުގެފާނަށް) ދެއްވުނުކަން ކަށަވަރެވެ. ތިންވަނަ ކަން، ދެއްވުނު ކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ."

ޝަރުޙު މުސްލިމު ގައި އައްނަވަވީ ވިދާޅުވެފައި ވެ އެވެ.

"ދެ މިސްކިތުގެ ބިންގާ އަޅުއްވައި ބިނާކުރެއްވީ އާދަމުގެފާނު ކަމަށް ވާރިދުވެފައި ވެ އެވެ. އެހެންކަމުން، އެންމެ ފުރަތަމަ އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވި ކަމަށާއި، އެންމެ ފުރަތަމަ ސުލައިމާނުގެފާނު ބައިތުލްމަޤުދިސް ބިނާކުރެއްވި ކަމަށް ބުނެވޭ ވާހަކައިގެ މައްސަލަ ޙައްލުވެ އެވެ. އެހެނީ، އެ ދެ މިސްކިތް ބިނާކުރުމުގެ ދެމެދުގައި ހޭދަވެފައިވާ މުއްދަތަކީ، ސާޅީސް އަހަރެވެ. އެއްވެސް ޝައްކެއްނެތި އެނގޭ ގޮތުގައި، އެ ދެ ބޭކަލުންނަކީ، އެ ދެ މިސްކިތް އާކުރެއްވި ދެ މުޖައްދިދުންނެވެ."

އަލްޖާމިޢު ލި އަޙްކާމިލް ޤުރުއާނި (الجامع لأحكام القرآن) އެވެ، ކިޔާ ފޮތުގައި، އަލްޤުރުޠުބީ ވިދާޅުވެފައި ވެ އެވެ.

"އަލްބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތާއި، އައްނަސާއީ ރިވާކުރައްވާފައިވާ ޙަދީޘްފުޅުން، އިބްރާހީމުގެފާނާއި ސުލައިމާނުގެފާނު އެންމެ ފުރަތަމަ އެ ދެ މިސްކިތް ބިނާކުރެއްވި ކަމަކަށް ދަލީލެއް ނުލިބެ އެވެ. އެކަމަކު އެ ދެ ދަލީލުން ދަލީލު ލިބެނީ، އެ ދެ ބޭކަލުންނަށްވުރެ ކުރިން ބިނާކުރެވިފައިވާ އެ ދެ މިސްކިތް، އެ ދެ ބޭކަލުން އާކުރެއްވި ކަމަށެވެ."

އަލްއިމާމުލް ބަޣަވީ، އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައި ވެ އެވެ.

"ބުޚުތުނައްޞަރު (بختنصر) ހަނގުރާމަކޮށްފުމަށް ދާންދެން، މަސްޖިދުލްއަޤުޞާ ވީ، ސުލައިމާނުގެފާނު ބިނާކުރެއްވި ގޮތަށެވެ. އޭނާ މުޅި ރަށް ޚަރާބުކުރި އެވެ. މިސްކިތް ތަޅައި ސުންނާފަތިކުރި އެވެ. އަދި މިސްކިތުގެ ފާރުތަކާއި ފުރާޅުގައިވާ ރަނާއި، ރިއްސާއި، މުތާއި، ޔާޤޫތާއި، އެހެނިހެން ޖަވާހިރުތައް ހިފައިގެން އޭނާގެ ރަސްކަމުގެ ދާރު ކަމުގައިވާ ޢިރާޤަށް ދިޔަ އެވެ. އޭގެ ހަތްދިހަ އަހަރު ފަހުން އަލުން އެތަން ބިނާކުރެއްވީ، ކޫރަޝް ރަސްގެފާނެވެ."

މި ރިވާޔަތުން އެނގޭ ގޮތުގައި، މަސްޖިދުލްއަޤުޞާގެ ބިމުގައި ސުލައިމާނުގެފާނު ބިނާކުރެއްވީ ހައިކަލެއް ނޫނެވެ. އެކަމަކު، އެކަލޭގެފާނު އެތާނގައިވާ މަސްޖިދުލްއަޤުޞާ އާކުރެއްވީ އެވެ. އިބްރާހީމުގެފާނު ވެސް އެކަން ކުރެއްވި ފަދައިންނެވެ. މަސްޖިދުލްއަޤުޞާ އަކީ، ސުލައިމާނުގެފާނާއި، މޫސާގެފާނާއި، ޔަޢުޤޫބުގެފާނާއި، އިބްރާހީމުގެފާނަށްވުރެ ވެސް ކުރިން ބިނާކުރެވިފައިވާ މިސްކިތެކެވެ. އެ މިސްކިތަކީ، އިސްލާމީ އުންމަތުގެ އަމްޖާދުތަކުގެ ތެރެއިން ހައިބަހުރި ފަޚުރުވެރި މަޖުދެކެވެ.

މަސްޖިދުލްއަޤުޞާއަކީ، އެތައް ފަހަރަކު އެތަން ސުންނާފަތިކޮށް، އެތައް ފަހަރަކު އެތަން ބިނާކުރެވިފައިވާ ތަނެކެވެ. އެންމެ ފަހުން އެތައް ބިނާކުރެވުނީ، އިސްލާމީ ފުތޫޙާތަށްފަހުގަ އެވެ. މިއަދާ ހަމައަށް ވެސް އެތަން އެވަނީ، މުސްލިމުން ބިނާކުރި ގޮތަށެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި، މަސްޖިދުލްއަޤުޞާ އަށް ވަޑައިގެންނެވިއިރު، އެތަން ވަނީ، ރޫމީންގެ ބެލުމުގެ ދަށުގަ އެވެ. އެ ދަތުރުފުޅުގެ ވާހަކަ، ޤުރައިޝުވަންހައިގެ މީހުން ދޮގުކުރި ހިނދު، އެއްވެސް ހުރަހެއް ނެތި، މާތް ﷲ، އިތުރުއެކަލޭގެފާނަށް އެތަން ދެއްކެވި އެވެ. މިކަމާބެހޭ ގޮތުން އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެ އެވެ.

(فَجَلَّى اللَّهُ لِي بَيْتَ الْمَقْدِسِ، فَطَفِقْتُ أُخْبِرُهُمْ عَنْ آيَاتِهِ وَأَنَا أَنْظُرُ إِلَيْه)
ރިވާކުރެއްވީ: އިމާމު ބުޚާރީ.

މާނައީ، "ފަހެ، ﷲ، ތިމަންކަލޭގެފާނަށް ބައިތުލްމަޤުދިސް ހާމަކުރައްވައި ދެއްކެވި އެވެ. ދެން ތިމަންކަލޭގެފާނު އެތަނަށް ބަލަހައްޓަވައިގެން ހުންނަވައި، އެތާނގައިވާ ކަންތައްތަކުގެ ޚަބަރު އެމީހުންނަށް ދެއްވަމުން ގެންދެވީމެވެ."

ޢުމަރުގެފާނުގެ ޚިލާފަތުގައި، މުސްލިމުން ޤުދުސް ފަތަޙަކުރިއިރު، ނަޞާރާދީނުގެ މީހުން ވަނީ މަސްޖިދުލްއަޤުޞާ ކުނިގޮނޑަކަށް ހަދާފަ އެވެ. އޭރު އެތަނަކީ، ޢިމާރާތްކުރެވިފައިވާ ތަނެއް ނޫނެވެ. އިހުގެ ބައެއް ބިނާތަކުގެ ހަލާކުވެފައިވާ އަސަރުތައް ފިޔަވައި އެހެން އެއްޗެއް ފެންނާކަށެއް ވެސް ނެތެވެ. އެތަންތަން ވެސް ވަނީ ކުނިތަކުގެ ތެރޭގައި ފޮރުވިފަ އެވެ. އޭރު މަސްޖިދުލްއަޤުޞާ އަށް ކުނިއެޅުން ފެތުރިފައިވާ މިންވަރަކީ، ދުރުހިސާބުތަކުގައިވާ ރަށްތަކުގެ ނަޞާރާއިންގެ އަންހެނުންގެ ހަށިގަނޑުން ބޭރުވާ ނަޖިސްތަކެތި ވެސް ގެނެސް އުކާލަނީ އެތަނަށެވެ! އެކަން އެހެން އޮއްވައި، އެތަން ފަތަޙަކޮށް، އެތަން ސާފުކޮށް، އެތަން ޢިމާރާތްކުރީ މުސްލިމުންނެވެ. އެތަން ސާފުކުރެއްވުމުގެ މަސައްކަތްޕުޅު ފެށްޓެވީ ޢުމަރުގެފާނެވެ. އެކަލޭގެފާނާ އިޤުދާވެވަޑައިގެން، މުސްލިމުންގެ ޤާއިދުންނާއި، ސިފައިންގެ ވެރިން އެތަން ސާފުކޮށް، އެތާނގައިވާ ކުނިތައް އުކާލީ ވާދީތައް ފަދަ ތިރި ބިންތަކަށެވެ.

މިއަދާ ހަމައަށް ވެސް ބައިތުލްމަޤުދިސް ނުވަތަ މަސްޖިދުލްއަޤުޞާ އެވަނީ، މުސްލިމުން އެތަން ޢިމާރާތްކުރި ގޮތަށެވެ. އެތާނގައި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލެއް ނުވަތަ ބުދުފައްޅިއެއް ވާކަމަށް ބުނެ، އެތަން ސުންނާފަތިކުރަން އުޅެނީ ޔަހޫދީންނެވެ. އެތާނގައި އެމީހުން އެބުނާ ހައިކަލެއް ނުވަތަ ބުދުފައްޅިއެއް ނެތްކަން، ތާރީޚު ޢިލްމުވެރިން ކަށަވަރުކޮށްދެއްވާއިރު ވެސް އެމީހުން އެގެންދަނީ އެތަން ހަލާކުކޮށްލުމަށްޓަކައި ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރަމުންނެވެ.

މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް މަސްޖިދުލް އަޤުޞާއަކީ ކޮބާކަމެއް ނޭނގެ އެވެ. މަސްޖިދުލް އަޤުޞާއަކީ، ޤުއްބަތުއް ޞަޚުރާ ކަމަށް ބައެއް މީހުން ހީކުރެ އެވެ. އަދި މަސްޖިދުލް އަޤުޞާއަކީ، އަލްމަސްޖިދުލް ޤިބްލީ ކަމަށް ބައެއް މީހުން ހީކުރެ އެވެ. ޙަޤީޤަތުގައި އަލްމަސްޖިދުލްއަޤުޞާއަކީ، ޤުދުސްގެ ބޯދާ ރަށުތެރޭގައި ވަށައިގެން ފާރުލެވިފައިވާ ސަރަޙައްދެވެ. އެތަނުގައިވާ ކޮންމެ ތަނެއްމެ ހިމެނެނީ މަސްޖިދުލްއަޤުޞާގެ ތެރޭގަ އެވެ. އަލްމަސްޖިދުލް ޤިބްލީ ބިނާކުރެވިފައިވަނީ، މަސްޖިދުލް އަޤުޞާގައި ޢުމަރުގެފާނު ނަމާދުފުޅު ކުރެއްވި ތަނުގަ އެވެ.

މަސްޖިދުލްއަޤުޞާ އަކީ، އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާ ތަނެކެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އިސްރާގެ ދަތުރުފުޅުގައި، ނަބީބޭކަލުންނާއި މަލާއިކަތް ބޭކަލުންނާއެކު އިމާމުވެވަޑައިގެން ނަމާދުފުޅުކުރެއްވީ އެތާނގަ އެވެ. މިފަދަ އެތައް ސަބަބުތަކަކަށްޓަކައި، އެތަނަކީ، ނަބަވީ ބިނާވެށްޓާއި، އިސްލާމީ ބިނާވެށިން ވަކިކުރެވޭނެ ތަނެއް ނޫނެވެ.