އާދަމުގެފާނު ޚަލްޤުކުރެއްވުން


ބިނާވެށި އުފެދިގެން އައިގޮތް ބުނެދޭ ނަޒަރިއްޔާތައް ވެ އެވެ. އިންސާނުން މި ދުނިޔޭގައި ބިނާވެށި އާރާސްތުކުރަންފެށި ގޮތް ކިޔައިދޭ ވާހަކަތައް ވެ އެވެ. ފަލްސަފީ ވާހަކަތަކާއި، ޢިލްމީ ވާހަކަތަކެވެ. ތާރީޚީ ވާހަކަތަކާއި ދީނީ ވާހަކަތަކެވެ. ތަޙުޤީޤުކުރުމާއި، ހޯދާބެލުމާއި، ދިރާސާކުރުމުގެ މަތިވަރުތަކުގެ ތެރެއިން ފެލާލެވިފައިވާ ޚުލާޞާތައް ވެ އެވެ. އިންސާނުން އެއްތަނަކަށް ޖަމާވެ، ޖަމާޢަތް ހަދައި، ދަނޑުވެރިކަން ކުރަން ފެށި ގޮތުގެ ވާހަކަ އިސްތިޤުރާއު ކުރެވިފައި ވެ އެވެ. އޭގެ ކުރިން މީހުން ދިރިއުޅުނު ގޮތް ކަމަށް ލަފާކުރެވޭ ގޮތްތައް ވެސް ބަޔާންކުރެވިފައި ވެ އެވެ.

އެއިން އެގޭ ގޮތުގައި، ގަސްގަހާގެހީގެ ދަނޑިން ޖިފުޓިތައް ބިނާކޮށް ޙިމާޔަތާއި ރައްކާތެރިކަން އިންސާނުން ހޯދި އެވެ. ހިލައެއް މަތީ ހިލައެއް ބާއްވައިގެން ފާރު ރާނަން ދަސްކުރި އެވެ. ބޯދާ ޒަމާނުގައި ބިދާއީ ގޮތަކަށް އިންސާނުން ފެށި ގެދޮރު އެޅުމުގެ މަސައްކަތަކީ، ގުދުރަތީ ވެށި، ބިނާވެށްޓަށް ބަދަލުކުރުމުގެ މަސައްކަތެވެ. ޒަމާނުގެ ދުވަސްތަކާއެކު، އެ މަސައްކަތް ތަރައްޤީވެ ޢިލްމަކަށް ބަދަލުވެގެން ދިޔަ އެވެ. އަދި އެ ޢިލްމުން ގޮފިތައް ފަޅައި ހެދި ބޮޑުވި އެވެ.

އާދޭހެވެ. މިޒަމާނުގައި އާކިޓެކްޗަރ އަކީ، ފަންނީ ޢިލްމެކެވެ. ސިވިލް އިންޖިނިއަރިންގ އަކީ، ވެސް އެފަދަ ޢިލްމެކެވެ. ޢުމްރާނީ ވެށި ބިނާކުރުމުގެ މަސައްކަތް އިދާރީ ގޮތުން ރާވައި ހިންގުމަކީ ވެސް ޢިލްމެކެވެ. މިކަންކަމާ ގުޅިފައިވާ މަޢުރިފާގެ އެތައް ގޮފިތަކެއް ވެ އެވެ. މިޒަމާނުގައި ބިނާވެށި އާރާސްތުކުރަންޖެހެނީ، މި ހުރިހައި ޢިލްމުތަކާއި އޭގެ ގޮފިތައް ގުޅި ލާމެހިގެންނެވެ. ބިނާވެށީގެ ސަބަބުން ޤުދުރަތީ ވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކަ އެވެ. އިންސާނުންގެ ޢަމަލުތަކުން، އެއްގަމާއި ކަނޑު ފަސާދަވެގެން ދިޔަނުދިނުމަށްޓަކަ އެވެ.

ބިނާވެށްޓާބެހޭ މި ސިލްސިލާގައި ބިނާވެށީގެ މައްޗަށް އަލިއަޅުވައިލާނީ، ސަލާމްލެއްވި އާދަމުގެފާނާ ހިސާބުން ފެށިގެންނެވެ. މާތް ﷲ، އެކަލޭގެފާނު ޚަލްޤުކުރެއްވުން ވަނީ، ބިނާވެށްޓާ ގުޅި ލާމެހިފަ އެވެ. އެހެނީ، އެކަލާނގެ އެކަލޭގެފާނު ޚަލްޤުކުރެއްވީ ދުނިޔޭގެ ބިމުގައިވާ މަށިންނެވެ. ކީރިތި ޤުރުއާނުގެ މޫރިތި އެތައް އާޔަތެއްގައި، އާދަމުގެފާނު ޚަލްޤުކުރެއްވި ވާހަކަ ބަޔާންކުރައްވާފައިވެ އެވެ. އެ އާޔަތްތައް ދިރާސާކުރެއްވި ޢިލްމުވެރިން، މައިގަނޑު ތިން ރައުޔެއް ގެނެސްދެއްވާފައި ވެ އެވެ.

ފުރަތަމަ ރައުޔު ބުނާ ގޮތުގައި، އާދަމުގެފާނު ޚަލްޤުކުރެއްވި މަރްޙަލާތަކުގެ ޢަދަދަކީ ތިނެކެވެ.
ދެވަނަ ރައުޔު ބުނާ ގޮތުގައި، އާދަމުގެފާނު ޚަލްޤުކުރެއްވި މަރްޙަލާތަކުގެ ޢަދަދަކީ ފަހެކެވެ.
ތިންވަނަ ރައުޔު ބުނާ ގޮތުގައި، އާދަމުގެފާނު ޚަލްޤުކުރެއްވި މަރްޙަލާތަކުގެ ޢަދަދަކީ ހަތެކެވެ.


ފުރަތަމަ ރައުޔު

މިރައުޔު ބުނާގޮތުގައި، މާތް ﷲ، އާދަމުގެފާނު ޚަލްޤުކުރެއްވީ މައިގަނޑު ތިން މަރްޙަލާއެއްގަ އެވެ. އެ ތިން މަރްޙަލާއަކީ، ޠީނިއްޔަ މަރްޙަލާއާއި، ޙަމައިއްޔަ މަރްޙަލާއާއި، ޞަލްޞާލިއްޔަ މަރްޙަލާ އެވެ.


1. ޠީނިއްޔަ މަރްޙަލާ

އާދަމުގެފާނު ޚަލްޤުކުރައްވަން ފެށްޓެވީ މި މަރްޙަލާއިންކަމުގެ ދަލީލަކީ، އައްސަޖްދާ ސޫރަތުގެ 7 ވަނަ އާޔަތެވެ.

(الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ وَبَدَأَ خَلْقَ الإِنسَانِ مِن طِينٍ)

މާނައީ، "އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވުން ފެށްޓެވީ މަށިންނެވެ."

މާތް ﷲ، އާދަމުގެފާނު ޚަލްޤުކުރައްވަން ފެށްޓެވީ މަށިން ކަމަށް މި އާޔަތުން ދޭހަވެ އެވެ. އެ މަށީގެ ސިފައެއް އައްޞާއްފާތު ސޫރަތުގެ 11 ވަނަ އާޔަތުގައި ނަންގަނެވިފައިވެ އެވެ. އެއީ ތަތްލުމެވެ. އެ އާޔަތަކީ:

(إِنَّا خَلَقْنَاهُم مِّن طِينٍ لّازِبٍ)

މާނައީ، "ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެން (އެބަހީ: އިންސާނުން) ހެއްދެވީ ތަތްލާ މަށިންނެވެ."



2. ޙަމައިއްޔަ މަރްޙަލާ

މި މަރްޙަލާ އައީ، ޠީނިއްޔަ މަރްޙަލާއަށްފަހުގަ އެވެ. މި މަރްޙަލާގައި މަށީގެ ސިފަ، މަށިން އުފެދިފައިވާ އެހެން އެއްޗެއްގެ ސިފައަށް ބަދަލުވެގެންދިޔަ އެވެ. އެއީ ތަޣައްޔަރުވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށްޓެވެ. މި މަރްޙަލާގެ ދަލީލަކީ، އަލްޙިޖުރު ސޫރަތުގެ 26 ވަނަ އާޔަތެވެ.

(وَلَقَدْ خَلَقْنَا الإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ)

މާނައީ، "ތަޣައްޔަރުވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ."


3. ޞަލްޞާލިއްޔަ މަރްޙަލާ

މި މަރްޙަލާގައި، ތަޣައްޔަރުވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށި، ފައްޚާރު ފަދަ މުށްޓަށް ބަދަލުވި އެވެ. މިމަރްޙަލާގެ ދަލީލަކީ، އައްރަޙުމާން ސޫރަތުގެ 14 ވަނަ އާޔަތެވެ.

(خَلَقَ الإِنسَانَ مِن صَلْصَالٍ كَالْفَخَّارِ)

މާނައީ، "މުށިތަކެއް ފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވި އެވެ."

ފައްޚާރު ފަދަ މުށްޓަކީ، އެންދުމަށްފަހު އެއިން ކަންވާރު ހަދާފައިވާ މުށްޓެވެ.


މި ތިން މަރްޙަލާގެ ތެރޭގައި، ފުރާނަ އެޅުއްވި މަރްޙަލާ ނުހިމެނޭކަން ފާހަގަކޮށްލަން ޖެހެ އެވެ. ފުރާނަ އެޅުއްވި މަރްޙަލާ އިތުރުކޮށްފިނަމަ، މީގެ ޢަދަދު ހަތަރަކަށް އަރާނެ އެވެ.



ދެވަނަ ރައުޔު

މިރައުޔު ބުނާގޮތުގައި، މާތް ﷲ، އާދަމުގެފާނު ޚަލްޤުކުރެއްވީ ފަސް މަރްޙަލާއެއްގަ އެވެ. އެ ފަސް މަރްޙަލާގެ ނަންތައް ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވެ އެވެ. އެ ނަންތަކަކީ، ބިމާއި، ވެއްޔާއި، މަށްޓާއި، ފައްޚާރު ފަދަ މުށްޓާއި، ތަޣައްޔަރުވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށްޓެވެ. ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ މި ނަންތައް ޑރ. މޮރިސް ބުކާއި (Dr. Maurice Bucaille) ދިރާސާކުރެއްވި އެވެ. އޭނާއަކީ، ފަރަންސޭސިވިލާތުގެ ޑަކުޓަރެކެވެ. (ކީރިތި ޤުރުއާން ދިރާސާކުރެއްވުމަށްފަހު ޑރ. މޮރިސް ބުކާއި އިސްލާމްވެވަޑައިގެންނެވި އެވެ. އެއަށްފަހު، ޤުރުއާނާއި ސައިންސްގެ ރޮނގުން އިސްލާމްދީނަށް ޚިދުމަތްކުރެއްވި އެވެ.)

މި ރައުޔުގައިވާ ފަސް ނަމުގެ ތެރެއަށް ފުރާނަ އެޅުއްވި މަރްޙަލާ އިތުރުކޮށްފިނަމަ، ހަ މަރްޙަލާއަށް ވާނެ އެވެ.

ޑރ. މޮރިސް ބުކާއި ވިދާޅުވެފައިވެ އެވެ.

"އެހެންވީމާ، (ފުރަތަމަ) އިންސާނާ (އާދަމުގެފާނު) ޚަލްޤުކުރައްވާފައިވަނީ، ބިމުގައިވާ މާއްދާތަކުންނެވެ. ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން މިކަން ސާފުކޮށް އެނގި ކަށަވަރުވެ އެވެ. އެހެނީ، އާދަމުގެފާނު ހެއްދެވުމާ ބެހޭ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތްތަކުގައި، ތަފާތު ނަންނަމުން އެ މާއްދާތައް ނަންގަނެވިފައިވެ އެވެ."

އެ ނަންތަކަކީ:

1. ބިން (الأرض)

އައްނަޖުމު ސޫރަތުގެ 32 ވަނަ އާޔަތުގައި މިނަން ނަންގަނެވިފައި ވެ އެވެ.

(هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ الأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ)

މާނައީ، "ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބި ހިނދުގައި ވެސް، އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ."

މާތް ﷲ، އާދަމުގެފާނު ހެއްދެވީ ބިމުގެ ކަންކޮޅުތަކުގައިވާ ހުރިހައި ވެއްޔަކުން ނެންގެވުނު ވެލިމުށްވަރަކުންނެވެ. އެހެންކަމުން އެކަލޭގެފާނުގެ ނަސްލުން އައި އިންސާނުންގެ ތެރޭގައި ތަފާތު ކުލަކުލައިގެ މީހުން ލައްވާފައިވެ އެވެ.


2. ވެލި (التراب)

އާލުޢިމްރާނު ސޫރަތުގެ 59 ވަނަ އާޔަތުގައި މިނަން ނަންގަނެވިފައި ވެ އެވެ.

(إِنَّ مَثَلَ عِيسَى عِندَ اللَّهِ كَمَثَلِ آدَمَ خَلَقَهُ مِن تُرَابٍ ثُمَّ قَالَ لَهُ كُن فَيَكُونُ)

މާނައީ، "ހަމަކަށަވަރުން، ﷲ ގެ ޙަޟުރަތުގައި، ޢީސާގެ (ހެއްދެވުމުގެ) މިސާލު، އާދަމުގެފާނުގެ މިސާލު ފަދަ އެވެ. އެކަލާނގެ، އާދަމުގެފާނު ހެއްދެވީ، ވެލީންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) "ވާށޭ" ވަޙީކުރެއްވި އެވެ. ދެން، (ﷲ ވަޙީކުރެއްވި ފަދައިން) ވެއްޖެ އެވެ."

ޢަރަބި ބަހުން ވެއްޔަށް ކިޔަނީ ތުރާބެވެ. ތުރާބުގެ މާނަތަކެއް ވާކަން މިތާނގައި ފާހަގަކޮށްލަން ޖެހެ އެވެ. އެއް މާނައަކީ، ބިމުގެ ބޭރު ފަށަލައިގައިވާ އޮމާން ހިމުން ވެއްޔެވެ. ތުރުބާ (التربة) ގެ މާނައަކީ، ބިމުގެ ސަޠުޙުގައިވާ ގަސްގަހާގެހި ހެދޭ ފަސްގަނޑެވެ. ބިމުގެ ތުރުބާ (تربة الأرض) އަކީ، ބިމުގައިވާ ޠާހިރު ވެއްޔެވެ.

3. މަށި (الطين)

އައްޞާއްފާތު ސޫރަތުގެ 11 ވަނަ އާޔަތުގައި މިނަން ނަންގަނެވިފައި ވެ އެވެ.

(إِنَّا خَلَقْنَاهُم مِّن طِينٍ لّازِبٍ)
އައްޞާއްފާތު: 11

މާނައީ، "ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެން (އެބަހީ: އިންސާނުން) ހެއްދެވީ ތަތްލާ މަށިންނެވެ."

އަދި އަލްމުއުމިނޫން ސޫރަތުގެ 12 ވަނަ އާޔަތުގައި ވެސް މިނަން ނަންގަނެވިފައި ވެ އެވެ.

(وَلَقَدْ خَلَقْنَا الإِنسَانَ مِن سُلالَةٍ مِّن طِينٍ)

މާނައީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ ޚުލާޞާއިން (އެބަހީ: މަށީން އުފެއްދެވި އުފެއްދެވުމަކުން) އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވީމެވެ."


ޢަރަބި ބަހުގައި (طين) އަކީ، ފެނާ އެކުވެފައިވާ ވެއްޔެވެ. ފެނާއެކުވެފައިވާ ވެލިން ތެތްކަން ކެނޑި މަށްޓަށް ވިޔަސް އެއަށް ޠީނެވެ ކިއިދާނެ އެވެ. ޠީނުގެ މާނަތަކުގެ ތެރޭގައި ކިސަޑު ވެސް ހިމެނެ އެވެ. އައްޞާއްފާތުގެ ސޫރަތުގެ 11 ވަނަ އާޔަތުގައި ނަންގަނެވިފައިވާ (طِينٍ لّازِبٍ) އަކީ ތަތްލާ މަށްޓެވެ. އަލްމުއުމިނޫން ސޫރަތުގެ 12 ވަނަ އާޔަތުގައި ނަންގަނެވިފައިވާ (سُلالَةٍ مِّن طِينٍ) އަކީ މަށީގެ ޚުލާޞާ އެކެވެ.


4. މުށި (الصلصال)

އައްރަޙުމާން ސޫރަތުގެ 14 ވަނަ އާޔަތުގައި މިނަން ނަންގަނެވިފައި ވެ އެވެ.

(خَلَقَ الإِنسَانَ مِن صَلْصَالٍ كَالْفَخَّارِ)
އައްރަޙުމާން: 14

މާނައީ، "މުށިތަކެއް ފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވި އެވެ."

ޞަލްޞާލަކީ، ހިކިފައިވާ މަށްޓެވެ. ޞަލްޞާލު މަށި ހިކިފައިވާއިރު އޭގައި ޖެހީމާ އަޑު ގޮވާނެ އެވެ. އެއަށް ޞަލްޞާލެވެ ކިޔަނީ، އެއިން ތަށިތަކާއި ކަންވާރު ފަދަ ތަކެތި ހެދުމުގެ ކުރިންނެވެ. ފައްޚާރެވެ ކިޔަނީ އަންދައިގެން ކަންވާރު ހަދާފައިވާ ޞަލްޞާލަށެވެ.


5. ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށި (حمأ)

އަލްޙިޖުރު ސޫރަތުގެ 26 އާޔަތުގައި މިނަން ނަންގަނެވިފައި ވެ އެވެ.

(وَلَقَدْ خَلَقْنَا الإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ)
އަލްޙިޖުރު: 26

މާނައީ، "ތަޣައްޔަރުވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ."

ޢަރަބި ބަހުގައި، (حَمَأ) އަކީ، ކަޅުކުލައިގެ މަށްޓެވެ. އެ އާޔަތުގައި (حَمَأ) ގެ ސިފައެއްގެ ގޮތުގައި (مَسْنُون) ނަންގަނެވިފައިވެ އެވެ. (مَسْنُون) ގެ މާނަތަކުގެ ތެރޭގައި، "ބައްޓަންވެފައިވާ" އާއި، "ސޫރަކުރެވިފައިވާ" އާއި، "ހިމުންކުރެވިފައިވާ" އާއި، "ތަޣައްޔަރުވެފައިވާ" ހިމެނެ އެވެ. އިބްނު ޢައްބާސް ވިދާޅުވެފައިވެ އެވެ. (حَمَإٍ مَّسْنُونٍ) އަކީ، އޭގައި ތެތްކަންހުރި ވެއްޔެވެ. އަބޫޢުބައިދާ ވިދާޅުވެފައިވެ އެވެ. (مَسْنُون) ގެ މާނައަކީ، ވަކި ބައްޓަމަކަށް، ވަކި ތައްގަނޑަކަށް އޮއްސާލެވިފައިވާ އެއްޗެވެ.


ކީރިތި ޤުރުއާނުގައި އާދަމުގެފާނު ޚަލްޤުކުރެއްވި ވާހަކަ ބަޔާންކުރައްވާފައވާ އާޔަތްތަކުގައި، ނަންގަނެވިދިޔަ ފަސް ކަލިމަ ނަންގަނެވިފައިވެ އެވެ. 4 އާޔަތުގައި ބިން (الأرض) ނަންގަނެވިފައިވެ އެވެ. 6 ފަހަރު ވެލި (التراب) ނަންގަނެވިފައިވެ އެވެ. 8 އާޔަތުގައި މަށި (الطين) ނަންގަނެވިފައިވެ އެވެ. 4 ފަހަރު މުށި (الصلصال) ނަންގަނެވިފައިވެ އެވެ. 3 އާޔަތުގައި ކިސަޑުން އުފެދިގެންއައި މަށި (حمأ) ނަންގަނެވިފައިވެ އެވެ.

ވަހުބަތުއް ޒުޙައިލީ (وهبة الزحيلي) ވިދާޅުވެފައިވެ އެވެ.

"އެންމެ ފުރަތަމަ އާދަމުގެފާނު ޚަލްޤުކުރެއްވީ ވެލިންނެވެ. ދެން އެ ވެލި، މަށްޓަށް ވި އެވެ. ދެން އެ މަށި، ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށްޓަށް ވި އެވެ. ދެން އެ މަށި، ތަތްލާ މަށްޓަށް ވި އެވެ. ދެން އެ ތަތްލާ މަށި، ފައްޚާރު ފަދަ މުށްޓަށް ވި އެވެ."

އައްސަޖްދާ ސޫރަތުގެ 7 ވަނަ އާޔަތުގައި ވަނީ، އާދަމުގެފާނު ހައްދަވަން ފެށްޓެވީ މަށިން ކަމަށެވެ.

(الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ وَبَدَأَ خَلْقَ الإِنسَانِ مِن طِينٍ)
އައްސަޖްދާ: 7

މާނައީ، "އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވުން ފެށްޓެވީ މަށިންނެވެ."

މި އާޔަތުގެ ތަފުސީރުގައި ސައްޔިދު ޤުޠުބު (سيد قطب) ވިދާޅުވެފައިވެ އެވެ.

"މަށްޓަކީ އެއިން އާދަމުގެފާނު ޚަލްޤުކުރައްވަން ފެށްޓެވި މާއްދާ ކަމަށް މި އާޔަތުގެ ތަޢުބީރުން ދޭހަވުމުގެ ފުރުޞަތު އެބައޮތެވެ. އެއީ ޚަލްޤުކުރެއްވުމުގެ ކުރީކޮޅުގެ މަރްޙަލާތަކުގެ ތެރެއިން މަރްޙަލާއެއްގައިވާ މާއްދާއެކެވެ. އެއަށްފަހު، އާދަމުގެފާނު ޚަލްޤުކުރެއްވި މަރްޙަލާތަކުގެ ޢަދަދު ކަނޑައަޅުއްވައި ބަޔާންކުރައްވާފައެއް ނެތެވެ. އަދި އެއިން މަރްޙަލާއެއްގެ ދިގުމިނާއި، އެއިން މަރްޙަލާއެއް ހިނގަމުންދިޔައީ ކޮން ޒަމާނެއްގައި ކަން ވެސް ބަޔާންކުރައްވާފައެއް ނެތެވެ. މިކަމާބެހޭ ގޮތުން ޞައްޙަ ދިރާސާތަކާއި ތަޙުޤީޤުތައްކުރުމުގެ ދޮރުވަނީ ހުޅުވިފަ އެވެ."


ތިންވަނަ ރައުޔު

މިރައުޔު ބުނާގޮތުގައި، މާތް ﷲ، އާދަމުގެފާނު ޚަލްޤުކުރެއްވި މަރްޙަލާތަކުގެ ޢަދަދަކީ ހަތެކެވެ. އެ މަރްޙަލާތަކުގެ ތެރެއިން އެއް މަރްޙަލާ ނިމުމުން އަނެއް މަރްޙަލާ ފެށެ އެވެ. ނަންގަނެވިދިޔަ ދެ ރައުޔުގައިވާ މަރްޙަލާތައް މި ހަތް މަރްޙަލާގެ ތެރޭގައި ހިމެނެ އެވެ.


ފުރަތަމަ މަރްޙަލާ

މި މަރްޙަލާގައި އާދަމުގެފާނު ޚަލްޤުކުރެއްވުމަށްޓަކައި، މާތް ﷲ ގެ އަމުރުފުޅަށް ބިމުގެ ކަންކޮޅުތަކުން ވެލި ނެންގެވުނެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ الأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ)
އައްނަޖުމު: 32

މާނައީ، "ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބި ހިނދުގައި ވެސް، އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ."

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ.

(إِنَّ اللَّهَ تَعَالَى خَلَقَ آدَمَ مِنْ قَبْضَةٍ قَبَضَهَا مِنْ جَمِيعِ الأَرْضِ فَجَاءَ بَنُو آدَمَ عَلَى قَدْرِ الأَرْضِ فَجَاءَ مِنْهُمُ الأَحْمَرُ وَالأَبْيَضُ وَالأَسْوَدُ وَبَيْنَ ذَلِكَ وَالسَّهْلُ وَالْحَزْنُ وَالْخَبِيثُ وَالطَّيِّبُ)
ރިވާކުރެއްވީ: އައްތިރުމިޛީ.

މާނައީ، "ﷲ، އާދަމުގެފާނު ޚަލްޤުކުރެއްވީ ބިމުގެ ހުރިހައި ވެއްޔަކުން ނެންގެވުނު ވެލިމުށްވަރަކުންނެވެ. ފަހެ، އާދަމުގެ ދަރީން އުފެދިފައިވަނީ، ބިމުގެ މިންވަރުންނެވެ. އެމީހުންގެ ތެރޭގައި ދޮން މީހުނާއި، ކަޅު މީހުނާއި، ރަތް މީހުނާއި، އެކުލަތަކުގެ ދެމެދުގައިވާ މީހުން ވެ އެވެ. އަދި މުޢާމަލާތްކުރަން ފަސޭހަ މީހުންނާއި، ގޮތްދޫނުކުރާ ހަރުކަށި މީހުންނާއި، ނުބައި ނުލަފާ މީހުންނާއި، ހެޔޮ ލަފާ ރަނގަޅު މީހުން ވެ އެވެ."

މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކުން އެނގޭ ގޮތުގައި، އިންސާނާގެ ހަށިގަނޑުގައި ވަނީ، ބިމުގައިވާ ޢުންޞުރުތަކާއި މާއްދާތަކެވެ. އާދަމުގެފާނަށް އާދަމުގެ ނަން ދެއްވުނީ، އެކަލޭގެފާނު ބިމުގެ އަދީމުން ޚަލްޤުކުރައްވާފައިވާތީ އެވެ. އަދީމަކީ ބިމުގެ ބޭރުފުށުގެ ވެލި ކަމަށް ބުނެވެ އެވެ. އަދި އެއީ ބިންމަތީގައިވާ އޮމާން ހިމުން ވެލި ކަމަށްވެސް ބުނެވެ އެވެ. ޢަރަބި ބަހުގެ "އަދީމު" ގެ މާނަތަކުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުގެ ހަން ވެސް ހިމެނެ އެވެ.


ދެވަނަ މަރްޙަލާ

މި މަރްޙަލާގައި ވެއްޔާއި ފެނާ އެއްކުރެއްވި އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(إِذْ قَالَ رَبُّكَ لِلْمَلائِكَةِ إِنِّي خَالِقٌ بَشَرًا مِن طِينٍ)
ޞާދު: 71

މާނައީ، "ކަލޭގެފާނުގެ ވެރިރަސްކަލާނގެ، މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން އިންސާނަކު ހައްދަވާހުށީމެވެ."


މަށި އުފެދިފައިވަނީ، ވަރަށް ކުދިކުދި އެތިކޮޅުތަކަކުންނެވެ. ބިމުގައިވާ ތަފާތު މާއްދާތަކާއި މަޢުދަންތައް މަށްޓާ އެކުވެފައި ވެ އެވެ. މަށީގައި ވާ މާއްދާއެއްގެ ގޮތުން އޭގެ ކުލަ ބަދަލުވެ އެވެ. މަށްޓާއި ފެރަސް އޮކްސައިޑް (Ferrous oxide) އެއްވުމުން އެއަށް ރަތްކުލަ އަރަ އެވެ. މަށްޓާއި ކާރބަން (Carbon) ގެ މުރައްކަބާތު އެއްވުމުން އެއަށް އަޅިކުލަ އަރަ އެވެ. މަށްޓާއި އޯގަނިކް (Organic) މާއްދާތައް އެއްވުމުން އެއަށް ކަޅުކުލަ އަރަ އެވެ.

މިތާނގައި އުފެދޭ ސުވާލުތަކެއް ވެ އެވެ. ވެއްޔާއި ފެނާ އެއްކުރެއްވީ ކީއްވެތޯ އެވެ؟ އެނޫން އެހެން ދެ މާއްދާއެއް އެއް ނުކުރެއްވީ ކީއްވެތޯއެވެ؟ ދަގަނޑާއި ތެލާ އެއްކުރައްވައިގެން އާދަމުގެފާނު ޚަލްޤުނުކުރެއްވީ ކީއްވެތޯ އެވެ؟ ނުވަތަ ރަބަރާއި އެހެން އެއްޗެއް އެއްކުރައްވައިގެން އެކަލޭގެފާނު ޚަލްޤުނުކުރެއްވީ ކީއްވެތޯ އެވެ؟

އާދަމުގެފާނު ޚަލްޤުކުރެއްވުމަށްޓަކައި މާތް ﷲ، ވެއްޔާއި ފެން އެއްކުރެއްވީ، އެއީ މިދުނިޔޭގައިވާ އެންމެ ޠާހިރު ދެ ޢުންސުރު ކަމަށްވާތީ އެވެ. މިހެންވެ، ވުޟޫކުރުމަށް އެކަލާނގެ އަންގަވާފައިވަނީ ފެނުންނެވެ. ތަޔައްމަމު ކުރުމަށް އަންގަވާފައިވަނީ ވެލިންނެވެ. ވެއްޔަކީ ޠާހިރުކުރުމުގެ އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ އެއްޗެއްކަން މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކުން ވެސް ސާބިތުވެފައިވެ އެވެ.


ތިންވަނަ މަރްޙަލާ

މި މަރްޙަލާގައި ވެއްޔާއި ފެން، ތަތްލާ މަށްޓަށް ބަދަލުކުރެއްވި އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(إِنَّا خَلَقْنَاهُم مِّن طِينٍ لّازِبٍ)
އައްޞާއްފާތު: 11

މާނައީ، "ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެން (އެބަހީ: އިންސާނުން) ހެއްދެވީ ތަތްލާ މަށިންނެވެ."


ހަތަރުވަނަ މަރްޙަލާ

މި މަރްޙަލާގައި މާތް ﷲ ގެ ޔަދުޤުދުރަތްފުޅުން އާދަމުގެފާނުގެ ހަށިކޮޅު ސޫރަކުރައްވައި ބައްޓަންކުރެއްވި އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ)
ޞާދު: 75

މާނައީ، "އެކަލާނގެ ވަޙީކުރެއްވި އެވެ. އޭ އިބްލީސް އެވެ! ތިމަންރަސްކަލާނގެ ޔަދުޤުދުރަތްފުޅުން (އެއްވެސް ވާސިޠާއަކާ ނުލައި) ހެއްދެވި މީހަކަށް ސަޖިދަކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (ސަޖިދަކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ ކިބުރުވެރިވެގަތް މީހުންގެ ތެރެއިން ކަލޭގެވީހެއްޔެވެ؟"

މި މަރްޙަލާގައި އާދަމުގެފާނުގެ ހަށިކޮޅު ހިކިފައިވާ މައްޓަށް ބަދަލުކުރެއްވި އެވެ.

ފަސްވަނަ މަރްޙަލާ

މި މަރްޙަލާގައި ހިކި މަށީގެ ކުލައާއި، ވަސް ބަދަލުކުރެއްވި އެވެ. އަދި މަށީގައިވާ މަޢުޞޫމުކަމުގެ ތެރެއަށް ޣަރީޒާތަކާއި އެދުންތައް އިތުރުވި އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(وَلَقَدْ خَلَقْنَا الإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ)
އަލްޙިޖުރު: 26

މާނައީ، "ތަޣައްޔަރުވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ."


ހަވަނަ މަރްޙަލާ

މި މަރްޙަލާގައި އާދަމުގެފާނުގެ ހަށިކޮޅުގެ ތެރޭގައި ހޮއި ލެއްވި އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(خَلَقَ الإِنسَانَ مِن صَلْصَالٍ كَالْفَخَّارِ)
އައްރަޙުމާން: 14

މާނައީ، "މުށިތަކެއް ފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވި އެވެ."


ނަންގަނެވިދިޔަ ހަ މަރްޙަލާގެ ޚުލާޞާއަކީ:

1. އާދަމުގެފާނު ޚަލްޤުކުރެއްވުމަށްޓަކައި މާތް ﷲ ގެ އަމުރުފުޅަށް ބިމުގެ ކަންކޮޅުތަކުން ވެލި ނެންގެވުނެވެ.

2. އެއަށްފަހު، އެ ވެއްޔާއި ފެނާ އެއްކުރެއްވި އެވެ.

3. އެއަށްފަހު، ވެއްޔާއި ފެން، ތަތްލާ މަށްޓަށް ބަދަލުކުރެއްވި އެވެ.

4. އެއަށްފަހު، މާތް ﷲ ގެ ޔަދުޤުދުރަތްފުޅުން އާދަމުގެފާނުގެ ހަށިކޮޅު ސޫރަކުރައްވައި ބައްޓަންކުރެއްވި އެވެ.

5. އެއަށްފަހު، ހިކި މަށީގެ ކުލައާއި، ވަސް ބަދަލުކުރެއްވި އެވެ. އަދި މަށީގައިވާ މަޢުޞޫމުކަމުގެ ތެރެއަށް ޣަރީޒާތަކާއި އެދުންތައް އިތުރުވި އެވެ.

6. އެއަށްފަހު، އާދަމުގެފާނުގެ ހަށިކޮޅުގެ ތެރޭގައި ހޮއި ލެއްވި އެވެ.

ދެންއައީ ހަތްވަނަ މަރްޙަލާ އެވެ.


ހަތްވަނަ މަރްޙަލާ

މި މަރްޙަލާގައި މާތް ﷲ، އާދަމުގެފާނުގެ ހަށިކޮޅަށް ފުރާނަ އެޅުއްވި އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُواْ لَهُ سَاجِدِينَ)
އަލްޙިޖުރު: 29

މާނައީ، "ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: އާދަމުގެފާނު ހައްދަވައި، ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ ރޫޙުފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދައަށް ތިރިވާހުށިކަމެވެ!"

އެއީ އެންމެ ފުމެލެއްވުމެކެވެ. އެ ފުމެލެއްވުމަށްފަހު، އެކަލޭގެފާނުގެ ހިތްޕުޅު ވިންދުޖަހަން ފެށި އެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައިވާ ނާރުތަކުގައި ލޭ ދައުރުކުރަން ފެށި އެވެ. އެކަލޭގެފާނުގެ ދެލޯފުޅަށް ފެންނަން ފެށި އެވެ. ދެއަތްޕުޅު ޙަރަކާތްކުރަން ފެށި އެވެ. ދެތުންފަތްޕުޅު ހިނިތުންވެލި އެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް ދިރުން ދެއްވީ އެ ފުމެލެއްވުމުންނެވެ. އޭގެ ކުރިން އެކަލޭގެފާނެކޭ (ހިލަފަދަ) ޖަމާދާތެކޭ ތަފާތެއް ނެތެވެ.

މާތް ﷲ، އާދަމުގެފާނަށް ފުމެލެއްވި ގޮތަށް އެހެން އެއްވެސް މަޚުލޫޤަކަށް ފުމެލެއްވި ކަމެއް އެނގޭކަށް ނެތެވެ. ހަމައެކަނި އެކަލޭގެފާނަށް އެކަލާގެ ރޫޙުފުޅުން ފުމެލެއްވީ، އެކަލޭގެފާނާ ވަރަށް ބޮޑު ކަމެއް ޙަވާލުކުރެއްވުމަށްޓަކައި ކަމަށް ބެލެވެ އެވެ. އެއީ، ބިމުގައި މާތް ﷲ ގެ ޚަލީފާ ކަމުގެ ދައުރު އަދާކުރުމެވެ. އެ ދައުރު، އެކަލޭގެފާނާއި، އެކަލޭގެފާނުގެ ދަރިފަސްކޮޅުން އައި އެންމެހައި އާދަމުގެ ދަރީންނާ ވަނީ، ޙަވާލުކުރައްވާފަ އެވެ.

މާތް ﷲ ގެ ޚަލީފާއެއްގެ ދައުރު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ މައިގަނޑު ދެކަމެއް ވެ އެވެ. އެއީ:

1. ބިން ޢިމާރާތްކުރުން: މިކަމުގެ ތެރެއަށް، ޢިލްމާއި، ޓެކްނޯލޮޖީއާއި، މި ދެކަމާ ގުޅުންހުރި ހުރިހައި ކަމެއް، ބިން ޢިމާރާތްކުރުމުގެ ތެރޭގައި ހިމެނެ އެވެ.

2. ބިން އިޞްލާޙުކުރުން: ހެޔޮކަންތައް ކުރުމާއި، ޢަދުލުވެރިކަން ޤާއިމުކުރުމާއި، އަނިޔާވެރިކަމާ ދެކޮޅުހެދުމާއި، ހަރުކަށިކަން އެއްކިބާކުރުމާއި، މީހުނަށް ތެދުމަގު ދެއްކުމާއި، ޙައްޤު ގޮތް ފާޅުކުރުމާއި، .... މިފަދަ ހުރިހާ ކަންކަމެއް ބިން އިޞްލާޙުކުރުމުގެ ތެރޭގައި ހިމެނެ އެވެ.