ސަލާމްލެއްވި ޞާލިޙުގެފާނު


ނަސަބުފުޅު:

ސަލާމްލެއްވި ޞާލިޙުގެފާނަކީ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލެކެވެ. މާތް ﷲ އެކަލޭގެފާނު ފޮނުއްވީ، އެކަލޭގެފާނުގެ ޤައުމު ކަމުގައިވާ ޘަމޫދު (ثمود) ބާގައި މީހުންގެ ގާތަށެވެ. މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.

(كَذَّبَتْ ثَمُودُ الْمُرْسَلِينَ)
(إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلا تَتَّقُونَ)
އައްޝުޢަރާއު: 141-142

މާނައީ، "ޘަމޫދު ބާގައި މީހުން ރަސޫލުން ދޮގުކުރޫ އެވެ."
"(އެއީ) އެއުރެންގެ އަޚު، ޞާލިޙުގެފާނު، އެއުރެންނަށް ވިދާޅުވި ހިނދުގަ އެވެ. ތިޔަބައިމީހުން (ﷲ އަށް) ތަޤުވާވެރިނުވަނީ ހެއްޔެވެ؟"

ނަސަބުގެ ގޮތުން ބަލާއިރު، ސަލާމްލެއްވި ޞާލިޙުގެފާނަކީ، ނޫޙުގެފާނު (نوح) ގެ ސާމު (سام) ގެ އިރަމު (إرم) ގެ ޢާމިރު (عامر) ގެ ޘަމޫދު (ثمود) ގެ ޖާބިރު (جابر) ގެ ޙާޛިރު (حاذر) ގެ ޢުބައިދު (عبيد) ގެ މާޝިޚު (ماشخ) ގެ އާސިފު (أسف) ގެ ޢުބައިދު (عبيد) ގެ ޞާލިޙުގެފާނު (صالح) އެވެ. މިނޫން ގޮތްގޮތަށް ވެސް އެކަލޭގެފާނުގެ ނަސަބުފުޅު ބަޔާންވެފައި ވެ އެވެ.


ޘަމޫދުބާގައި މީހުން:

މާތް ﷲ، ޞާލިޙުގެފާނު ފޮނުއްވި ޘަމޫދު ބާގަ އަކީ، ޢަރަބުލްބާއިދާ (البائدة) ގެ ޤަބީލާތަކުގެ ތެރެއިން ޤަބީލާއެކެވެ. އެ ޤަބީލާއަކީ، ނޫޙޫގެފާނުގެ ސާމުގެ ދަރިފަސްކޮޅުން ކަފިކަފިވެފައިވާ ގޮފިތަކުގެ ތެރެއިން ގޮތްޕެކެވެ. ބުނެވޭ ގޮތުގައި، އެ ޤަބީލާގެ ބާނީއަކީ ޘަމޫދު (ثمود) އެވެ. އޭނާއަކީ، ނޫޙުގެފާނު (نوح) ގެ ސާމު (سام) ގެ އިރަމު (إرم) ގެ ޢައުޞު (عوص) ގެ ޢާދު (عاد) ގެ ޘަމޫދު (ثمود) އެވެ. ޞާލިޙުގެފާނަކީ، އެ ޤަބީލާގެ މާތް ބޭކަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅު، ޘަމޫދުގެ ނަސަބާ ވަނީ ގުޅިފަ އެވެ.

ޘަމޫދުބާގައި މީހުންނަކީ، މާތް ﷲ އެމީހުންނަށް އިންތިހާ ދަރަޖައަށް ރިޒުޤުގެ ތަނަވަސްކަން ދެއްވައި ގިނަގުނަ ނިޢުމަތްތައް ދެއްވި ބަޔެކެވެ. އެހެނަސް އެމީހުން އެކަންކަމަށް ކުފުރުވެ، ދެކޮޅުވެރިވި އެވެ. އަދި މާތް ﷲ އަށް އަޅުކަންކުރުމުގެ ބަދަލުގައި، ބުދަށް އަޅުކަންކުރި އެވެ. އެމީހުން ފަޚުރުވެރިވަމުންދިޔައީ، އެމީހުންގެ އާރާއި ބާރަށެވެ. މާތް ﷲ، އެމީހުންގެ ގާތަށް ޞާލިޙުގެފާނު ފޮނުއްވުމުން، އެކަލޭގެފާނުގެ ރަސޫލުކަން ސާބިތުކޮށްދޭނެ މުޢުޖިޒާތެއް ދެއްކެވުމަށް އެދުނެވެ.

އެމީހުންނަށް މާތް ﷲ ދެއްކެވި މުޢުޖިޒާތަކީ، އެމީހުން އެދުނު ފަދައިން، މާބަނޑުވެފައިވާ އަންހެން ޖަމަލެކެވެ. އެކަލާނގެ އެ ޖަމަލު ނެރުއްވީ ހިލައެއްގެ ތެރެއިންނެވެ. އެ ޖަމަލަށް ގޯނާއެއް ނުކުރުމަށް ޞާލިޙުގެފާނު އެމީހުންނަށް އެންގެވި އެވެ. އެހެނަސް އެމީހުން ބޮޑާކަމާއި ކިބުރުވެރިކަން އިސްކޮށް، އެ ޖަމަލު މަރާލި އެވެ. އެކަމުގެ ޢުޤޫބާތެއްގެ ގޮތުން މާތް ﷲ، އެމީހުންގެ މައްޗަށް ޞާޢިޤަތުގެ ޢަޛާބު ފޮނުއްވެވި އެވެ. ޞާލިޙުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން އެ ޢަޛާބުން މިންޖުކުރެއްވި އެވެ. މިއީ، ޘަމޫދުބާގައި މީހުންގެ ވާހަކައިގެ ޚުލާޞާއެކެވެ.


ޘަމޫދުބާގައި މީހުންގެ ރަށް:

ޘަމޫދުބާގައި މީހުން ދިރިއުޅުނީ، އަލްޙިޖުރު (الحِجْر) އެވެ، ކިޔާ ބިމުގަ އެވެ. ކީރިތި ޤުރުއާނުގައި އެމީހުންނަށް ވަނީ، އެމީހުންގެ ބިމުގެ ނަމުން ނަންދެއްވާފަ އެވެ. އަލްޙިޖުރު ސޫރަތުގެ 80 ވަނަ އާޔަތުގައި އެމީހުންގެ ނަން ކަމަށް ބަޔާންކުރައްވާފައިވަނީ، (أَصْحَابُ الْحِجْرِ) އެވެ. މާނައީ، "ޙިޖުރުގެ އަހުލުވެރިންނެވެ." ޙިޖުރުގެ އަހުލުވެރިންނަކީ، ޘަމޫދުބާގައި މީހުންނެވެ.

ޙިޖުރުގެ ބިން ވަނީ، ޢަރަބި ޝިބުހު ޖަޒީރާގައި، މަދީނާގެ އުތުރު ފަރާތުގަ އެވެ. އެއީ، މިހާރުގެ ސަޢޫދީ ޢަރަބިއްޔާގައިވާ ބިމެކެވެ. އެބިމުގައި މިއަދާ ހަމައަށް ވެސް، ޘަމޫދުބާގައި މީހުންގެ ގެދޮރު ފެންނަން އެބަހުއްޓެވެ. އެއީ ފަރުބަދަތަކުގައި ހަދާފައިވާ ގެތަކެކެވެ. އެ ގެދޮރު ހިމެނޭ ސަރަޙައްދަށް، މަދާއިނު ޞާލިޙު (مدائن صالح) ގެ ނަމުން ނަންދެވިފައި ވެ އެވެ. އަދި ފައްޖުއްނާޤާ (فجّ الناقة) ގެ ނަމުން ވެސް ނަންދެވިފައި ވެ އެވެ.

ޙިޖުރު ވަނީ، ޙިޖާޒުކަރަ އާއި، ތަބޫކާ ދެމެދުގަ އެވެ.

ކީރިތި ޤުރުއާނުގައި، ބަޔާންކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން، ޘަމޫދުބާގައި މީހުންގެ ވާހަކަ އާއި، ޢާދުބާގައި މީހުންގެ ވާހަކައަކީ، އަހުލުކިތާބީންގެ ފޮތްފޮތުގައިވާ ދެ ވާހަކައެއް ނޫނެވެ. އެ ދެ ބާގައިގެ ވާހަކަ، އަހުލުކިތާބީންގެ އަތުގައިވާ ތައުރާތުގައި ހިމަނާފައި ނެތް ކަމަށް ބުނެވެ އެވެ. އެހެނަސް އެ ދެ ބާގައިގެ ވާހަކަ، ސަލާމްލެއްވި މޫސާގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވެދެއްވިކަން، ކީރިތި ޤުރުއާނުން އެނގެ އެވެ. އެކަން، އިބްރާހީމް ސޫރަތުގެ 8 ވަނަ އާޔަތާއި 9 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވާތީ އެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ދުނިޔެއަށް ވަޑައިގެންނެވި އިރު، އަހުލުކިތާބީންނަށް ނޭނގޭ ވާހަކަތައް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަން ފާހަގަކޮށްލަންޖެހެ އެވެ. މިކަމީ، ކީރިތި ޤުރުއާނާ ދެކޮޅަށް އަހުލުކިތާބީން ދައްކާ ވާހަކަތައް ބާޠިލުކޮށްލާ ކަމެއް ކަމުގައި ވާތީ އެވެ.

ސަލާމްލެއްވި މޫސާގެފާނު ވިދާޅުވެދެއްވި ކަމުގައި ވިޔަސް، އަހުލުކިތާބީން ވަނީ، އެ ދެ ބާގައިގެ ވާހަކަ ހަނދާންނެއްތައިލާފަ އެވެ. އެއީ، ޢަރަބީންގެ ތެރެއިން ވާ ދެ ބާގައެއް ކަމުގައި ވި އެވެ. ޘަމޫދުބާގައި މީހުން ދުނިޔެއަށް އައީ، ޢާދުބާގައި މީހުންނަށްވިރެ ފަހުންނެވެ. ޘަމޫދުބާގައި މީހުންގެ މައްޗަށް ފޮނުއްވި ޢަޛާބު، ޢާދުބާގައި މީހުންގެ މައްޗަށް ފޮނުއްވި ޢަޛާބާ ތަފާތެވެ. ޢާދުބާގައި މީހުންނެކޭ އެއްފަދައިން، ޘަމޫދުބާގައި މީހުންނަކީ ވެސް ބުދަށް އަޅުކަންކުރި ބަޔެކެވެ.


ކީރިތި ޤުރުއާނުގައި:

ޘަމޫދުބާގައި މީހުންގެ ވާހަކަ ކީރިތި ޤުރުއާނުގެ އެތައް ސޫރަތެއްގައި ބަޔާންކުރައްވާފައި ވެ އެވެ. އެ ސޫރަތްތަކުގައި އެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތްތަކަކީ:

އަލްއަޢުރާފު ސޫރަތުގެ 73 ވަނަ އާޔަތުން ފެށިގެން، 79 ވަނަ އާޔަތުގެ ނިޔަލަށް.
ހޫދު ސޫރަތުގެ 61 ވަނަ އާޔަތުން ފެށިގެން، 67 ވަނަ އާޔަތުގެ ނިޔަލަށް.
އަލްޙިޖުރު ސޫރަތުގެ 80 ވަނަ އާޔަތުން ފެށިގެން، 84 ވަނަ އާޔަތުގެ ނިޔަލަށް.
އަލްއިސްރާ ސޫރަތުގެ 59 ވަނަ އާޔަތުގައި.
އައްޝުޢަރާއު ސޫރަތުގެ 141 ވަނަ އާޔަތުން ފެށިގެން، 159 ވަނަ އާޔަތުގެ ނިޔަލަށް.
އައްނަމްލު ސޫރަތުގެ 45 ވަނަ އާޔަތުން ފެށިގެން، 53 ވަނަ އާޔަތުގެ ނިޔަލަށް.
ފުއްޞިލަތު ސޫރަތުގެ 17 ވަނަ އާޔަތުން ފެށިގެން، 18 ވަނަ އާޔަތުގެ ނިޔަލަށް.
އަލްޤަމަރު ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން، 32 ވަނަ އާޔަތުގެ ނިޔަލަށް.
އައްޝަމްސު ސޫރަތުގެ 11 ވަނަ އާޔަތުން ފެށިގެން، 15 ވަނަ އާޔަތުގެ ނިޔަލަށް.
އޭގެ އިތުރުން، އައްތައުބާ ސޫރަތާއި، އިބްރާހީމު ސޫރަތާއި، އަލްފުރުޤާން ސޫރަތާއި، ޞާދު ސޫރަތާއި، ޤާފު ސޫރަތާއި، އައްނަޖުމު ސޫރަތާއި، އަލްފަޖުރު ސޫރަތުގައި ޘަމޫދުބާގައި މީހުން، ނަންގަނެވިފައި ވެ އެވެ.


ޞާލިޙުގެފާނުގެ ގޮވާލެއްވުން:

ޞާލިޙުގެފާނު ޘަމޫދުބާގައި މީހުންނަށް ގޮވާލެއްވީ، އެހެން ރަސޫލުބޭކަލުން ވެސް އެފަދަ މީހުންނަށް ގޮވާލައްވާ ގޮވާލެއްވުމެވެ.

(قَالَ يَاقَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ)
އަލްއަޢުރާފު: 73

މާނައީ، "އެކަލޭގެފާނު ވިދާޅުވި އެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެ އެވެ."

ބުދަށް އަޅުކަންކުރުން ދޫކޮށް، މާތް ﷲ އަށް އަޅުކަންކުރުމަށް، ޞާލިޙުގެފާނު ގޮވާލެއްވުމުން، އެކަލޭގެފާނުގެ ޤައުމުގެ ބޮޑުން ޙައިރާންވި އެވެ. އެމީހުން އަޅުކަންކުރަމުން ގެންދިޔަ ބުދުތަކަކީ، އެއްވެސް ފައިދާއެއް ނެތް އެއްޗެއް ކަމުގައި އެކަލޭގެފާނު ވިދާޅުވާތީ އެވެ. އެއަށް އަޅުކަން ނުކޮށް، މާތް ﷲ އަށް އަޅުކަންކުރުމަށް އެކަލޭގެފާނު ގޮވާލައްވާތީ އެވެ. އެކަލޭގެފާނުގެ ގޮވާލެއްވުމުގެ ސަބަބުން މުޅި ޤައުމަށް ބޮޑު އިޖުތިމާޢީ ޒަލްޒަލާއެއް އަޔެވެ. ކުރިން ޞާލިޙުގެފާނަކީ، އެ ޤައުމުގައި ބުއްދިވެރިކަމާއި، ޙިކުމަތްތެރިކަމާއި، ޢިލްމުވެރިކަމާއި، ބަނިޔާދަންކަމާއި، ހެޔޮކަމަށް މަޝްހޫރު ބޭކަލެކެވެ. އެކަލޭގެފާނަށް ވަޙީ ބާވައިލެއްވުމުގެ ކުރިން، އެ ޤައުމުގެ މީހުން އެކަލޭގެފާނަށް އިންތިހާ ދަރަޖައަށް އިޙުތިރާމުކުރި އެވެ. އެހެނަސް އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމުން، އެކަލޭގެފާނާ ދެކޮޅުވެރިވެ ބުންޏެވެ.

(قَالُواْ يَا صَالِحُ قَدْ كُنتَ فِينَا مَرْجُوًّا قَبْلَ هَـذَا أَتَنْهَانَا أَن نَّعْبُدَ مَا يَعْبُدُ آبَاؤُنَا وَإِنَّنَا لَفِي شَكٍّ مِّمَّا تَدْعُونَا إِلَيْهِ مُرِيبٍ)
ހޫދު: 62

މާނައީ، "އެއުރެން ދެންނެވޫ އެވެ. އޭ ޞާލިޙުގެފާނޭވެ! ހަމަކަށަވަރުން، މީގެ ކުރިން ތިމަންމެންގެ ތެރޭގައި އެދެވިގެންވާ (މާތް) މީހެއް ކަމުގައި ކަލޭގެފާނު ވީމު އެވެ. (އެހެންކަމާއެކު ވެސް) ތިމަންމެންގެ ކާބަފައިން އަޅުކަންކުރާ ފަރާތްތަކަށް، އަޅުކަންކުރުން ތިމަންމެންނަށް މަނާކުރައްވަނީތޯ އެވެ؟ ހަމަކަށަވަރުން، ތިމަންމެންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތަކާމެދު، ތިމަންމެން މިތިބީ، ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައިކަން ކަށަވަރެވެ."

ޞާލިޙުގެފާނުގެ ޤައުމުގެ ކާފިރުންގެ ބަސްމަގު ހުރި ގޮތާމެދު ވިސްނުންފުޅު ހިންގަވަބައްލަވާށެވެ! އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަން އެމީހުންނަށް ކަށަވަރުވާ އިރު ވެސް، އެމީހުންނަކު އެކަލޭގެފާނު ގޮވާލެއްވި ގޮވާލެއްވުން ޤަބޫލެއް ނުކުރި އެވެ. އެމީހުން ބޭނުންވީ، ކާބަފައިން އަޅުކަންކުރި އެއްޗިއްސަށް އަޅުކަންކުރުންމަތީ ދެމިތިބުމަށެވެ. ޙައްޤު މަގަށް ރުޖޫޢަވާކަށެއް އެމީހުންނަކު ބޭނުމެއް ނުވި އެވެ.


މުޢުޖިޒާތް:

ޞާލިޙުގެފާނުގެ ގޮވާލެއްވުމުގެ ސާދާކަމާއެކު ވެސް، އެކަލޭގެފާނުގެ ޤައުމުގެ މީހުން އެ ގޮވާލެއްވުމަށް އިޖާބައެއް ނުދިނެވެ. ކަނޑައެޅިގެން އެކަލޭގެފާނާ އެމީހުން ދެކޮޅުހެދި އެވެ. އެކަލޭގެފާނުގެ ގޮވާލެއްވުމާމެދު އެމީހުން ޝައްކުތައް އުފެއްދި އެވެ. އެކަލޭގެފާނަކީ، ސިޙުރުވެރިއެއް ކަމަށް ބުންޏެވެ. އަދި އެކަލޭގެފާނަށް ގޮން ޖަހާލުމުގެ ގޮތުން މުޢުޖިޒާތެއް ގެނެސްދެއްވުމަށް އެދުނެވެ. އެމީހުންނަކީ، ފަރުބަދަ ކަނޑައިގެން ހަރު ހިލައިން ގެދޮރު ހަދައި އުޅުނު ބާރުގަދަ ބަޔެކެވެ. ހިލައަކީ، އެމީހުންނަށް ވަރަށް ރަނގަޅަށް އެނގިފައިވާ އެއްޗެކެވެ. އެމީހުންނަކީ، ހިލަ ކެނޑުމާއި، ހިލައިން ޢިމާރާތްކުރުމުގެ މޭސްތެރިންނެވެ. ހިލައަކީ، އޭގެ ތެރެއިން ދިރުން އުފެދޭ އެއްޗެއް ނޫންކަން އެމީހުން ދަނެ އެވެ. އެހެނަސް އެމީހުން އެދުނީ، ފަރުބަދައެއްގައިވާ ހިލައެއްގެ ތެރެއިން، މާބަނޑުވެފައިވާ އަންހެން ޖަމަލެއް ނެރެދެއްވުމަށެވެ.

ދެން ޞާލިޙުގެފާނު ނަމާދުފުޅެއް ކުރައްވައި، އެމީހުން އެދުނު ފަދަ ޖަމަލެއް އެ ހިލައިގެ ތެރެއިން ނެރެދެއްވުމަށް މާތް ﷲ ގެ ޙަޟުރަތުގައި ދެންނެވި އެވެ. އެހިނދު އެކަލާނގެ އެކަލޭގެފާނުގެ ދުޢާފުޅު އިޖާބަކުރެއްވި އެވެ. އެސާހިތަކު އެ ހިލަ ފަޅައިގެން ދިޔަ އެވެ. އަދި އެމީހުން އެދުނު ސިފައިގައިވާ އަންހެން ޖަމަލެއް، އެ ހިލައިގެ ތެރެއިން ނިކުތެވެ. އެ މަންޒަރު ފެނުމުން ޘަމޫދުބާގައިގެ މީހުންގެ ތެރެއިން މަދު ބަޔަކު އީމާންވި އެވެ. ގިނަ ބަޔަކު ފުރަގަސްދިނެވެ. އެމީހުންގެ ތެރޭގައި ގިނައީ އީމާންނުވާ ކާފިރުންނެވެ.

އެ ޖަމަލު ދުނިޔެއަށް އައީ، ޖަމަލު އުފަންވާ ގޮތަކަށެއް ނޫނެވެ. އެ ޖަމަލު ދުނިޔެއަށް އައި ގޮތަކީ، މުޢުޖިޒާތެކެވެ. އަދި އެ ޖަމަލަކީ ވެސް މުޢުޖިޒާތެއް ކަމުގައި މާތް ﷲ ލެއްވި އެވެ. ޞާލިޙުގެފާނު ވިދާޅުވި އެވެ.

(وَيَا قَوْمِ هَـذِهِ نَاقَةُ اللّهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِي أَرْضِ اللّهِ وَلاَ تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ)
ހޫދު: 64

މާނައީ، "އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިއޮތީ ތިޔަބައިމީހުންނަށް ހެތްކެއްގެ ގޮތުގައި އޮތް ﷲ ގެ ޖަމަލެވެ. ފަހެ، ﷲ ގެ ބިމުގައި، އެ ޖަމަލު ކައިއުޅޭން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެކަން ކޮށްފި ނަމަ) ގާތްވެގެންވާ ޢަޛާބެއް އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ."

އެ ޖަމަލުގައި މާތް ﷲ އެތައް މުޢުޖިޒާތްތަކެއް ލައްވާފައި ވި އެވެ. އެ ޖަމަލު ފެންބުއިމަށް ހަމަޖެހިފައިވާ ދުވަހު، ވަޅުތަކުގައިވާ ހުރިހާ ފެނެއް ބޯލަ އެވެ. އަދި އެ ޖަމަލުން އެ ދުވަހު، ޘަމޫދުބާގައިގެ އެންމެނަށް ބޭނުންވާ ވަރަށް ކިރުފެލެ އެވެ. އެ ޖަމަލަކީ އާދައިގެ ޖަމަލެއް ނޫނެވެ. ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ، އެ ޖަމަލަކީ (نَاقَةُ اللّهِ) ކަމަށެވެ. އެއީ، މާތް ﷲ ގެ ޖަމަލުކޮޅެވެ. އެއީ، އެހެން ފަރާތެއްގެ މިލްކެއް ނޫނެވެ. އެއީ، އެކަލާނގެ، މީސްތަކުންނަށް ދެއްކެވި މުޢުޖިޒާތެކެވެ.

މާތް ﷲ، ޞާލިޙުގެފާނަށް އަންގަވާފައިވަނީ، އެ ޖަމަލު، ޤަތުލުނުކުރުމަށާއި، އެއަށް އެއްވެސް ގޯނާއެއް ނުކުރުމަށް، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެންގެވުމަށެވެ. މާތް ﷲ ގެ ބިމުގައިވާ ކާނާއިން ކާނެވަރަކަށް ކެއުމަށް އެ ޖަމަލު ދޫކޮށްލުމަށެވެ. އެ ޖަމަލަށް އެއްވެސް ގޯނާއެއް ކޮށްފިނަމަ، އެމީހުންގެ މައްޗަށް އެކަލާނގެ ނުހަނު އަވަހަށް ބޮޑު ޢަޛާބެއް ފޮނުއްވާނެ ކަމަށެވެ.

ޖަމަލު ދުނިޔެއަށް އައި ގޮތާމެދު، ޘަމޫދު ބާގައިގެ މީހުން ޙައިރާންވެ އަންތަރީސްވި އެވެ. އެ ޖަމަލު އުފަންވީ ހިލައެއްގެ ތެރެއިން ކަމަށް ވީތީ އެވެ. އެއީ ބަރަކާތްތެރި އަންހެން ޖަމަލެއް ކަމުގައި ވީތީ އެވެ. އެތައް ހާސް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންގެ ކެއުމަށް، އެއިން އެންމެ ދުވަހަކު ލިބޭ ކިރު ފުދެ އެވެ. އެހެންވީމާ، އެއީ ދުނިޔޭގައިވާ އެހެން ޖަމަލުތަކާ އެއްފަދަ އާދައިގެ ޖަމަލެއް ނޫންކަން އެމީހުންނަށް ކަށަވަރުވި އެވެ. އެއީ، މާތް ﷲ ދެއްކެވި މުޢުޖިޒާތެއް ކަން ވެސް އެމީހުންނަށް އެނގެ އެވެ. އަމާންކަމާއެކު އެ ޖަމަލު ދިރިއުޅެމުންދިޔައިރު، ޘަމޫދުބާގައި ގިނަ މީހުންނަކީ، ޖައްބާރު، ގޮތްދޫނުކުރާ، އަނިޔާވެރި ކާފިރު ބަޔެއް ކަމުގައި ވި އެވެ. ޞާލިޙުގެފާނުގެ އަރިހުން އެމީހުން މުޢުޖިޒާތަކަށް އެދުނީ، އީމާންވުމުގެ ނިޔަތެއްގައެއް ނޫނެވެ. އެކަމަކު، އެކަލޭގެފާނަށް ގޮންޖެހުމުގެ ނިޔަތުގަ އެވެ. އެކަލޭގެފާނުގެ ނުކުޅެދުންތެރިކަން މީހުންނަށް ހާމަކޮށްދިނުމުގެ މަޤުޞަދުގަ އެވެ. ނަމަވެސް މާތް ﷲ އެމީހުން ނިކަމެތިކުރައްވައި، އެކަލޭގެފާނު މަތިވެރިކުރެއްވި އެވެ. އެމީހުންގެ ބުއްދިތައް ހައިރާންކޮށްލަނިވި ފަދަ ގޮތަކަށް، އެމީހުން އެދުނު މުޢުޖިޒާތް ދެއްކެވި އެވެ.

ޞާލިޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނާ ވާހަކަފުޅުދައްކަވަމުން ގެންދިޔައީ، ނުހަނު އޯގާވެރިކަމާއެކުގަ އެވެ. އެކަލޭގެފާނު ގޮވާލައްވަމުން ގެންދެވީ، ހަމައެކަނި މާތް ﷲ ގެ ޙަޟުރަތަށް އަޅުކަންކުރުމަށެވެ. އެކަލޭގެފާނުގެ ގޮވާލެއްވުމަކީ، ޞައްޙަ ތެދު ގޮވާލެއްވުމެއްކަން އެމީހުންނަށް ވަނީ އެނގިފަ އެވެ. އެއީ، އެމީހުން އެދުނު މުޢުޖިޒާތް ދެއްކެވި އެވެ. އެހެންކަމުން، ކާފިރުކަންމަތީ ދެމިތިބުމަށްޓަކައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ.

މާތް ﷲ ގެ ޖަމަލުކޮޅަށް ގޯނާއެއް ނުކޮށްފިނަމަ، އެކަލާނގެ އެމީހުންނަށް ގިނަގުނަ ނިޢުމަތްތައް އިތުރުކުރައްވާނެ ކަން ވެސް، ޞާލިޙުގެފާނު ބަޔާންކުރެއްވި އެވެ. އެކަލާނގެ ވަނީ، އެމީހުންނަށް ޖިސްމާނީ ބާރު ދެއްވާފަ އެވެ. އެމީހުންގެ ބިމުގައި ގިނަގުނަ ރިޒުޤު ލައްވާފަ އެވެ. އެމީހުންނަކީ، ޢާދުބާގައި މީހުންނަށްފަހު، ބިމުގެ ވެރިން ކަމުގައި ލައްވާފަ އެވެ. އެހެނަސް އެމީހުންނަކު، އެ ނިޢުމަތްތަކަކަށް ޝުކުރުވެރިއެއް ނުވެ އެވެ. ޞާލިޙުގެފާނު ދެއްވި އަގުހުރި މަތިވެރި ނަޞީޙަތްޕުޅުތަކުގައި އެމީހުން ނުހިފި އެވެ. އޭގެ ބަދަލުގައި އެމީހުން މަސައްކަތްކުރީ، އެކަލޭގެފާނަށް އީމާންވި މަދު މީސްކޮޅު ވެސް މަގުފުރެއްދޭތޯ އެވެ. އެމީހުންގެ ކިބުރުވެރި ބޮޑުން، މުއުމިނުންގެ ގާތުގައި ބުންޏެވެ.

(أَتَعْلَمُونَ أَنَّ صَالِحًا مُرْسَلٌ مِنْ رَبِّهِ)
އަލްއަޢުރާފު: 75

މާނައީ، "ޞާލިޙުގެފާނަކީ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ފޮނުއްވި ރަސޫލަކުކަން ތިޔަބައިމީހުން ދެނެތިބީމު ހެއްޔެވެ؟"

މި ސުވާލަށް މުއުމިނުން ދިން ޖަވާބަކީ:

(إِنَّا بِمَا أُرْسِلَ بِهِ مُؤْمِنُونَ)
އަލްއަޢުރާފު: 75

މާނައީ، "ހަމަކަށަވަރުން، އެކަލޭގެފާނު އެކަމަކާއިގެން ފޮނުއްވި ކަމަކަށް، ތިމަންމެން މިތިބީ އީމާންވެގެންނެވެ."

ކިބުރުވެރިވި މީހުން ބުންޏެވެ.

(إِنَّا بِالَّذِي آمَنْتُمْ بِهِ كَافِرُونَ)
އަލްއަޢުރާފު:

މާނައީ، "ތިޔަބައިމީހުން އީމާންވި ކަންތަކަށް ހަމަކަށަވަރުން، އަހުރެމެން މިތިބީ ކާފިރުވެގެންނެވެ."


ޖަމަލު ޤަތުލުކުރުން:

ޘަމޫދުބާގައި މީހުން، ޞާލިޙުގެފާނަށް ކުރަމުންދިޔަ ނަފުރަތު، އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތް ކަމުގައިވާ ބަރަކާތްތެރި ޖަމަލަށް ވެސް ކުރި އެވެ. އެމީހުން ސައްލާތައް ކުރަމުން ގެންދިޔައީ، އެ ބޮޑު މުޢުޖިޒާތް ނެއްތައިލާނެ ގޮތެއް ހޯދުމަށެވެ. އެކަމަށްޓަކައި އެމީހުންގެ ބޮޑުން އެއްރެއަކު ސައްލާކުރަން އެއްވި އެވެ.

ޞާލިޙުގެފާނާ ދެކޮޅަށް ކުރަމުންދިޔަ ސައްލާގެ ބައިވެރިޔަކު ބުންޏެވެ.

"އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، ޖަމަލު ކަތިލުމެވެ. އެއަށްފަހު ޞާލިޙުގެފާނު ޤަތުލުކުރާނީ އެވެ."

ޘަމޫދު ބާގައިގެ މީހުންގެ ތެރެއިން މީހަކު ބުންޏެވެ.

"ޞާލިޙުގެފާނު ވަނީ، ޖަމަލުކޮޅަށް އެއްވެސް ގޯނާއެއް ނުކުރުމަށް އިންޒާރުކުރައްވާފަ އެވެ. އެއަށް ގޯނާއެއް ކޮށްފިނަމަ، ނުހަނު އަވަހަށް އަންނާނެ ޢަޛާބެއްގެ ބިރުވެރި ޚަބަރު ވެސް ދެއްވާފަ އެވެ."

މިވާހަކައިން އެމީހުންގެ މީހެއްގެ ހިތަށް އަސަރުކޮށް، ތެދުމަގަށް ރުޖޫޢަވެދާނެތީ، މި ވާހަކައާ މެދު ވިސްނުން ހިންގުމުގެ ޖާގަ ނުދިނުމަށްޓަކައި އެހެން މީހަކު ބުންޏެވެ.

"ޖަމަލު ޤަތުލުކުރާނެ މީހަކު ތިމަންނަ ދަންނަމެވެ."

އޭރު އެމީހުންގެ ތެރޭގައިވާ އަބާއްޖަވެރިޔަކު ވަނީ އެކަން ކުރުމަށް ތައްޔާރުވެފަ އެވެ. އެމީހުން އޭނާ ހާޒިރުކުރި އެވެ. އެކަން ހިނގި ގޮތުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެ އެވެ.

(فَنَادَوْا صَاحِبَهُمْ فَتَعَاطَى فَعَقَرَ)
އަލްޤަމަރު: 29

މާނައީ، "ފަހެ، އެއުރެންގެ އެކުވެރިޔާ އަށް އެއުރެން ގޮވޫ އެވެ. ފަހެ، އޭނާ ކަނޑި ލިބިގަނެ، ޖަމަލު މަރައިލި އެވެ."

ރިވާވެފައި ވެ އެވެ. ޖަމަލު ޤަތުލުކުރި މީހާ ވަނީ، އެމީހުންނާއެކު ސައްލާކޮށް، ޖަމަލު ޤަތުލުކުރާނެ ތަނަކާއި ވަގުތެއް ކަނޑައަޅާފަ އެވެ. އެމީހުން ކަނޑައަޅާފައިވަނީ، ރޭގަނޑެއްގައި އެކަން ކުރުމަށެވެ. އެ ރޭގެ އެ ވަގުތު ޖެހުނު އިރު، ޖަމަލު ވަނީ އަމާންކަމާއެކު ނިދާފަ އެވެ. ދެން އަބާއްޖަވެރިޔާ ގޮސް، ޖަމަލު ޤަތުލުކުރި އެވެ.


ހަލާކުކުރެއްވުން:

ޖަމަލު ޤަތުލުކޮށްފިކަން އެނގިވަޑައިގަތުމުން ޞާލިޙުގެފާނު، އެމީހުންގެ ކުރިމައްޗަށް ނިކުމެވަޑައިގެން ވިދާޅުވި އެވެ.
"ޖަމަލު ޤަތުލުނުކުރުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އިންޒާރުނުކުރައްވަން ހެއްޔެވެ؟"

އެކަލޭގެފާނު މިހެން ވިދާޅުވުމުން އެމީހުން ބުނި ބަސް، އަލްއަޢުރާފު ސޫރަތުގެ 77 ވަނަ އާޔަތުގައި ވެ އެވެ.

"އޭ ޞާލިޙުގެފާނޭވެ! ކަލޭގެފާނު ވަނީ، ރަސޫލުންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ ވަޢުދުކުރައްވާ ކަމެއް (އެބަހީ: ޢަޛާބު) އަހުރެމެންނަށް ނިކަން ގެންނަވައި ބައްލަވާށެވެ!"

ދެން ޞާލިޙުގެފާނު ވިދާޅުވި ބަސްފުޅު، ހޫދު ސޫރަތުގެ 65 ވަނަ އާޔަތުގައި ވެ އެވެ.

"ތިޔަބައިމީހުންގެ ގެދޮރުގައި، ތިން ދުވަސް ވަންދެން ތިޔަބައިމީހުން އުފާކޮށް އުޅޭށެވެ! އެއީ، ދޮގުނުކުރެވޭނެ ވަޢުދެކެވެ."

އެމީހުންގެ މައްޗަށް ޢަޛާބު ފޮނުއްވައި، އެމީހުން ހަލާކުކުރެއްވި ގޮތުގެ ވާހަކަ، ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ވެ އެވެ. އެ އާޔަތްތަކުގެ ތެރެއިން، އަލްއަޢުރާފު ސޫރަތުގެ 78 ވަނަ އާޔަތުގެ މާނައީ:

"ދެންފަހެ، ބިރުވެރި ބިންހެލުމެއް އެއުރެންނަށް އައިސް ޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިވާ ބަޔަކު ކަމުގައި އެއުރެން ވެއްޖައޫ އެވެ."

ހޫދު ސޫރަތުގެ 67 ވަނަ އާޔަތުގެ މާނައީ:

"އަދި (ބިރުވެރި) އަޑު އައިސް އަނިޔާވެރިވި މީހުން ހަލާކުކުރި އެވެ. ދެން ހެނދުނު ވީއިރު، އެއުރެންގެ ގޯތިގެދޮރުގައި އެއުރެން ތިބީ ކަކޫ މައްޗަށް ތިރިވެ، މަރުވެފަ އެވެ."

އަލްޙިޖުރު ސޫރަތުގެ 83 ވަނަ އާޔަތާއި، 84 ވަނަ ވަނަ އާޔަތުގެ މާނައީ:

"ފަހެ، ފަތިސް ވަގުތު، ގަދަފަދަ އަޑު (އައިސް) އެއުރެން ހަލާކުކުރި އެވެ."
"ފަހެ، އެއުރެން ހޯދައިއުޅުނު ޢަމަލުތައް، އެއުރެންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ."

ފުއްޞިލަތު ސޫރަތުގެ 17 ވަނަ އާޔަތުގެ މާނައީ:

"އަދި ޘަމޫދުބާގައި މީހުން ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދެއްކެވީމެވެ. ފަހެ، އެއުރެން ތެދުމަގު ލިބުމުގެ ބަދަލުގައި، ކަނުކަން (އެބަހީ: މަގުފުރެދުން) އިޚުތިޔާރުކުރޫ އެވެ. އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން، އިހާނަތްތެރި ޢަޛާބުގެ ހޮނުގުގުރި އެއުރެންގައި ހިފި އެވެ."

އަލްޤަމަރު ސޫރަތުގެ 31 ވަނަ އާޔަތުގެ މާނައީ:

މާނައީ، "ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް، ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާ މީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެއުރެން ވޫ އެވެ."

މި އާޔަތްތަކަށް ބަލާއިރު، ޘަމޫދު ބާގައި މީހުން ހަލާކުރެއްވި ގޮތް ވަރަށް ސާފުކޮށް އެބައޮޅުންފިލަ އެވެ.
އެމީހުންގެ މައްޗަށް ޢަޛާބު ފޮނުއްވީ، ޖަމަލު މެރިތާ ތިން ދުވަހުންނެވެ.
އެމީހުންގެ މައްޗަށް ފޮނުއްވި ޢަޛާބުގައި، ބިރުވެރި ބިންހެލުމެއް ވި އެވެ. އެ ބިންހެލުމުގެ ސަބަބުން އެމީހުންގެ ގޯތިގެދޮރުގައި ކަކޫމައްބަށް ތިރިވެފައިވާ ޙާލުގައި ތިއްބައި، އެމީހުން މަރުވި އެވެ.
އެމީހުންގެ މައްޗަށް ފޮނުއްވި ޢަޛާބުގައި، (ބިރުވެރި) ގަދަފަދަ ގަދަ އަޑެއް ވި އެވެ.
އެމީހުންގެ މައްޗަށް ފޮނުއްވި ޢަޛާބުގައި، އިހާނާތްތެރި ޢަޛާބުގެ ހޮނުގުގުރި ވި އެވެ.
މާތް ﷲ، އެމީހުންގެ މައްޗަށް ފޮނުވައިލެއްވި ބިރުވެރި އަޑުގެ ސަބަބުން އެމީހުން މަރުވެ، ހުއިތަކެއް ފަދައިން ވި އެވެ.

ރިވާވެފައި ވެ އެވެ. ޘަމޫދުބާގައި މީހުން ޖަމަލު މެރުމަށްފަހު، ތިން ދުވަސް ވަންދެން، ޞާލިޙުގެފާނަށް މަލާމާތްކުރަމުން ގެންދިޔަ އެވެ. އަދި އެމީހުންގެ މައްޗަށް ފޮނުއްވާނެ ކަމަށް އެކަލޭގެފާނު ވިދާޅުވި ޢަޛާބާމެދު އެމީހުން އާޑަކިޔައި އުޅުނެވެ. ހަތަރުވަނައަށް ވީ ދުވަހުގެ ފަތިހު، އުޑުން ބާރުގަދަ އަޑެއް އިވުނެވެ. އެ އަޑުގެ ބާރުގަދަކަމުން ފަރުބަދަތަކަށް ޒަލްޒަލާއެއް އަޔެވެ. އޭގެ ސަބަބުން ފަރުބަދަތަކުގައިވާ އެންމެހައި އެއްޗެއް ފަނާވި އެވެ. އަދި ޘަމޫދުބާގައިގެ އެންމެހައި ކާފިރުން އެއްފަހަރާ ކުއްލިއަކަށް މަރުވި އެވެ. އެމީހުންގެ މައްޗަށް ފޮނުއްވި އެ ޢަޛާބަކީ ކޮބައިކަން ދެނެގަންނާނެ ވަގުތެއް ވެސް އެމީހުންނަކަށް ނުލިބުނެވެ. އެއީ ކުއްލިއަކަށް އައި އެންމެ އަޑެކެވެ. އޭގެ ފެށުމާއި ނިމުން ވަނީ ވިދިވިދިގެންނެވެ.


ޘަމޫދުބާގައި މީހުންގެ ބިނާތައް:

ޘަމޫދުބާގައި މީހުންގެ ބިނާތަކުގެ ވާހަކަ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެ އެވެ. އެމީހުންގެ ބިނާވެށި އޮތްގޮތް، އެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތްތަކުން އެނގެ އެވެ.

(وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِنْ بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِنْ سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًا فَاذْكُرُوا آلَاءَ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ)
އަލްއަޢުރާފު: 74

މާނައީ، "އަދި ޢާދުބާގައި މީހުންގެ ފަހުން، ޚަލީފާއިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވި ކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރިކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމު އެވެ. އަދި ފަރުބަދަތައް ކަނޑައިގެން ގެތައް ވެސް ތިޔަބައިމީހުން ހަދަމު އެވެ. ފަހެ، ﷲ ގެ ނިޢުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ފާސިދުން ކަމުގައިވެ ތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާހުށި ކަމެވެ!"

(وَكَانُوا يَنْحِتُونَ مِنَ الْجِبَالِ بُيُوتًا آمِنِينَ)
އަލްޙިޖުރު: 82

މާނައީ، "އަދި އަމާންވެގެން ތިބިކަމަށް (ހީކޮށް) ފަރުބަދަތަކުން ކަނޑައި ކޮށައިގެން، ގެތައް ހަދާ ބަޔަކު ކަމުގައި އެއުރެން ވޫ އެވެ."

(وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ)
އައްޝުޢަރާއު: 149

މާނައީ، "އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމު އެވެ."

(فَتِلْكَ بُيُوتُهُمْ خَاوِيَةً بِمَا ظَلَمُوا إِنَّ فِي ذَلِكَ لَآيَةً لِقَوْمٍ يَعْلَمُونَ)
އައްނަމްލު: 52

މާނައީ، "ފަހެ، އެހެރީ އެއުރެންގެ އަނިޔާވެރިކަމުގެ ސަބަބުން ވީރާނާވެފައިވާ އެއުރެންގެ ގޯތިގެދޮރެވެ. ހަމަކަށަވަރުން، އެކަންތަކުގައި ދަންނަ ބަޔަކަށް ހެކިތަކެއް ވާކަން ކަށަވަރެވެ."

މިއާޔަތްތަކުން އެނގޭ ގޮތުގައި، އެމީހުން ދެބާވަތެއްގެ ބިނާތަކެއް ހަދާފައި ވެ އެވެ. އެއް ބާވަތަކީ، ހަމަބިންތަކުގައި ހެދި ގަނޑުވަރެވެ. އަނެއް ބާވަތަކީ، ފަރުބަދަ ކަނޑައިގެން ހެދި ގެތަކެވެ. އެއީ، އެމީހުން ވަރަށް މޮޅަށް ހެދި ބިނާތަކެއް ކަމުގައި ވި އެވެ. އެމީހުންނަކީ، ޢިމާރާތްކުރުމުގެ ރޮނގުން ކުރިއަރާފައިވާ ބަޔެކެވެ. އެއީ އެމީހުންނަށް މާތް ﷲ ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. އެހެނަސް އެ ނިޢުމަތަށް އެމީހުން ޝުކުރުވެރިއެއް ނުވި އެވެ. އެކަމުގެ ނަތީޖާ އަކީ ވަރަށްވެސް ހިތި ނަތީޖާއެއް ކަމުގައި ވި އެވެ. ހިނދުކޮޅެއްގެ ތެރޭގައި އެމީހުން މަރުވެދިޔައިރު، ހަމަ އެވަގުތު އެމީހުންގެ ގަނޑުވަރުތަކާއި ގެދޮރު ފަޅުވި އެވެ. އެމީހުންގެ ސަހަރަކީ، މިއަދާ ހަމައަށް ވެސް އާބާދުވުމެއް ނެތި ވީރާނާވެފައިވާ ފަޅު ސަހަރެކެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ، ޘަމޫދުބާގައި މީހުންގެ ވަޅުތަކުގައިވާ ފެން ބޭނުންކުރުން ނަހީކުރައްވާފަ އެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެފައި ވެ އެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ތަބޫކު ހަނގުރާމައަށް ވަޑައިގެންނެވި މަގުމަތީގައި، އިތުރުއެކަލޭގެފާނާއެކު އަޞްޙާބުބޭކަލުން ޘަމޫދުބާގައި މީހުންގެ ބިމުގައި މަޑުކުރެއްވި އެވެ. ދެން އަޞްޙާބުބޭކަލުން، ޘަމޫދުބާގައި މީހުންގެ ފެންވަޅުން ފެން ނަގައިގެން ރައްކާކުރި އެވެ. އަދި އެއިން ފުށް މޮޑުނެވެ. އެކަން އިތުރުއެކަލޭގެފާނަށް އެނގިވަޑައިގަތުމުން، އެ ބޭކަލުން ރައްކާކުރެއްވި ކަންވާރުތަކުގައިވާ ފެން އުއްކަވައިލެއްވުމަށް އެންގެވި އެވެ. އަދި އެބޭކަލުން މޮޑުއްވި ފުށްގަނޑުތައް ޖަމަލަށް ކާންދެއްވުމަށް އެންގެވި އެވެ. އެއަށްފަހު، އިތުރުއެކަލޭގެފާނު އެބޭކަލުންނާއިގެން ވަޑައިގެންނެވީ، މާތް ﷲ ގެ ޖަމަލުކޮޅު ފެންބޮއިއުޅުނު ވަޅު ހުރި ހިސާބަށެވެ.

ޢަޛާބު ދެއްވުނު، ޘަމޫދުބާގައި މީހުންގެ ގެދޮރުހުރި ބިމަށް، އުފަލާއެކު ވަޑައިގަތުން، އިތުރުއެކަލޭގެފާނު އެބޭކަލުންނަށް ނަހީކުރައްވައި، ޙަދީޘްކުރެއްވި އެވެ.

(لَا تَدْخُلُوا مَسَاكِنَ الَّذِينَ ظَلَمُوا أَنْفُسَهُمْ أَنْ يُصِيبَكُمْ مَا أَصَابَهُمْ إِلَّا أَنْ تَكُونُوا بَاكِينَ)

މާނައީ، "އެބަޔެއްގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިވެގަތް މީހުންގެ ގެދޮރަށް ތިޔަބައިމީހުން ނުވަންނާށެވެ! ތިޔަބައިމީހުން ކަރުނައަޅައި ހިތާމަކުރާ ޙާލުގައި މެނުވީ އެވެ. އެއީ، އެމީހުންނަށް ޖެހުނު ފަދަ މުޞީބާތެއް ތިޔަބައިމީހުންނަށް ޖެހިދާނެ ކަމަށްޓަކަ އެވެ."

މިފަދަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ޙިޖުރުގެ ބިމަށް ނުވަތަ އެބިމާ ކައިރީގައިވާ ތަނަކަށް ފައިބާވަޑައިގެންނެވި އެވެ. އަދި ޙިޖުރުގެ ބިމުގައިވާ ޘަމޫދުބާގައިގެ ތަންތަނުން ފެން ނުބުއިމަށް އިތުރުއެކަލޭގެފާނު އެންގެވި އެވެ. އެމީހުންގެ ގެދޮރަށް ނުވަނުމަށް އޮންނަ ބަސްފުޅާމެދު ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. ޙިޖުރުގެ ބިމުގައި މިހާރު ގެދޮރެއް ނެތެވެ. ފަރުބަދަ ކަނޑައިގެން ހަދާފައިވާ ގެތައް ވަނީ، މިހާރު "މަދާއިނު ޞާލިޙު" އެވެ، ކިޔާ ބިމުގަ އެވެ.

އިބްނު ބަޠޫޠާގެ މަޝްހޫރު ދަތުރުނާމާގައި، އޭނާ ޙިޖުރު ޘަމޫދުގެ ބިމަށް ވަޑައިގެންނެވި ވާހަކަ ލިޔުއްވާފައި ވެ އެވެ. އެ ބިމުގައި ފެން ތިޔާގި ކަމަށާއި، އެ ބިމާ ހަމައަށް ދެވުނުއިރު، ޤާފިލާގެ މީހުން ވަނީ ވަރަށް ބޮޑަށް ފެންބޮވައިގެންފައި ކަމަށާއި، އެހެނަސް ޤާފިލާގެ އެއްވެސް މީހަކު އެ ބިމުން ފެން ނުބޯ ކަމަށް ވެސް ލިޔުއްވާފައި ވެ އެވެ. އެމީހުން އެ ބިމުގެ ފެން ބޭނުންނުކުރީ، ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާ އިޤުތިދާވުމުގެ ގޮތުންނެވެ.

ޘަމޫދުބާގައި މީހުން ދިރިއުޅުނު ސަރަހައްދުގައި، ފަރުބަދަ ކަނޑައިގެން ހަދާފައިވާ ގެތައް ހުރި ކަމަށް އިބްނު ބަޠޫޠާ ލިޔުއްވާފައި ވެ އެވެ. އޭނާ ސިފަކުރައްވާފައިވާ ގޮތުގައި އެ ގެތައް ހީވަނީ، ދާދި ފަހުން ހަދާފައިވާ ގެތަކެއް ހެންނެވެ. އެ ގެތަކުގެ ދޮރުގައި ކުރެހުން އަޅާފައި ވެ އެވެ. ޘަމޫދުބާގައިގެ މީހުންގެ ކަށިތައް އެ ގެތަކުގެ ތެރޭގައި ވެ އެވެ. އޭގައި ޢިބްރަތެއް ވާކަމަށް އިބްނު ބަޠޫޠާގެ ދަތުރުނާމާގައި ބަޔާންކުރައްވާފައި ވެ އެވެ.

އަލްމަނާޒިލު (المنازل) އެވެ، ކިޔާ ފޮތުގައި ވެ އެވެ. މަދާއިނު ޞާލިޙު (مدائن صالح) ގައިވާ ގެތަކަކީ، ފަރުބަދަ ކަނޑައިގެން ހަދާފައިވާ ގެތަކެކެވެ. އެ ގެތަކުގައި މިހާރަކު މީހުންނެއް ނޫޅެ އެވެ. އެތާނގައި އަނާން (أنان) އެވެ، ކިޔާ ފަރުބަދައެއް ވެ އެވެ. އެ ފަރުބަދައިގައި ވާ އުސް ތަނެއްގައި މިސްކިތެއް ހަދާފައި ވެ އެވެ. އެއީ ޞާލިޙުގެފާނުގެ މިސްކިތެވެ. އެ މިސްކިތް ވެސް ހަދާފައިވަނީ ފަރުބަދަ ކަނޑައިގެންނެވެ.

ޘަމޫދުބާގައި މީހުންގެ ގެދޮރު އެހެން އުންމަތްތަކުގެ މީހުންނަށް ނިސްބަތްކޮށް، ކީރިތި ޤުރުއާނާމެދު ޝައްކު އުފެއްދުމަށްޓަކައި، މުސްތަޝްރިޤުން މަސައްކަތްތަކެއް ކޮށްފައި ވެ އެވެ. އެމީހުން ދައްކާފައިވާ ވާހަކަތަކުގެ ޙަޤީޤަތަށް ބެލުމެއްނެތި، ބައެއް މުސްލިމު ލިޔުންތެރިން އެ ވާހަކަތައް ނަކަލުކުރަމުން ގެންދެ އެވެ. ޘަމޫދުބާގައި މީހުންނަށްވުރެ ފަހުން އުފެދުނު ޤައުމުތަކުގެ މީހުން، އެމީހުންގެ ޤައުމުގެ ސަރަހައްދު ފުޅާކުރުމުގެ ތެރޭގައި، ޘަމޫދުގެ ބިމަށް ވެސް އަތްގަދަކޮށްފައި ވެ އެވެ. އެއީ، ޘަމޫދުބާގައި މީހުން އެ ބިމުގައި ދިރިނޫޅޭ ކަމަށާއި، އެމީހުންގެ ގެދޮރު އެތާނގައި ނެތްކަން ބަޔާންކޮށްދޭ ޙުއްޖަތެއް ނޫނެވެ.


ޞާލިޙުގެފާނު ސަލާމަތްކުރެއްވުން:

ޘަމޫދުބާގައި މީހުންގެ މައްޗަށް ކޯފާލައްވައި، އެމީހުންގެ މައްޗަށް ޢަޛާބު ފޮނުއްވިއިރު، ޞާލިޙުގެފާނު ވަނީ އެމީހުންގެ ރަށުން ނުކުމެވަޑައިގެންފަ އެވެ. އެކަލޭގެފާނުގެ އަރިހުގައި، މުއުމިނުން ގެންދެވި އެވެ. މާތް ﷲ، އެކަލޭގެފާނާއި މުއުމިނުން ސަލާމްތަކުރެއްވި ވާހަކަ، ހޫދު ސޫރަތުގެ 65 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ. އެ އާޔަތުގެ މާނައީ:

"ދެންފަހެ، ތިމަންރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައި ހިނދު، ޞާލިޙުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެންތިބި މީހުން، ތިމަންރަސްކަލާނގެ ޙަޟުރަތުން ލެއްވި ރަޙުމަތާއެކު، އެދުވަހުގެ ނިކަމެތިކަމުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެ އެވެ."


ޞާލިޙުގެފާނު އަވަހާރަވުން:

މާތް ﷲ، ޞާލިޙުގެފާނާއި އެކަލޭގެފާނަށް އީމާންވި މުއުމިނުން ސަލާމަތްކުރެއްވުމުން، އެކަލޭގެފާނު މައްކާގެ ޙަރަމްފުޅަށް ވަޑައިގެންނެވި ކަމަށް ރިވާވެފައި ވެ އެވެ. އެ ރިވާޔަތް ބުނާ ގޮތުގައި، އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާންދެން ހުންނެވީ ޙަރަމްފުޅުގަ އެވެ.

އިބްނު ޢައްބާސްގެފާނުގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެއްގެ މާނައިގައި ވެ އެވެ.

"ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ޙައްޖަށް ވަޑައިގެންނެވި މަގުމަތީގައި، ވާދީ ޢުސްފާނު ހުރަސްކުރެއްވިއިރު ޙަދީޘްކުރެއްވި އެވެ. "އޭ އަބޫބަކުރުގެފާނޭވެ! މިއީ ކޮން ވާދީއެއްތޯ އެވެ؟" އެކަލޭގެފާނު ވިދާޅުވި އެވެ. "މިއީ ޢުސްފާނު ވާދީ އެވެ." އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. ހަމަކަށަވަރުން، ހޫދުގެފާނާއި ޞާލިޙުގެފާނު މި ވާދީ ހުރަސްކުރައްވައި ވަޑައިގެންނެވިކަން ކަށަވަރެވެ. ޒުވާން ޖަމަލުގެ މަތީގަ އެވެ. އޭގެ ލަގަނަކީ، ކަދުރުރުކުގެ ވަކައިން ހަދާފައިވާ ވަލެވެ. އެބޭކަލުންގެ ރިދާކޮޅުތަކަކީ، މިނިކާވަގުގެ ހަން ނުވަތަ އެފަދަ ރޮނގުދެމި ފޭރާމެއް ކަމުގައި ވި އެވެ. ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި ތަލްބިޔާ ވިދާޅުވަމުން އެބޭކަލުން ވަޑައިގެންނެވީ، ގެފުޅަށެވެ."

ޞާލިޙުގެފާނު އަވަހާރަވެއްޖައުމަށްދާންދެން އެކަލޭގެފާނު ހުންނެވީ، މައްކާގެ ޙަރަމްފުޅުގައި ކަމަށް ރިވާވެފައި ވެ އެވެ. އަދި އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ ޙަރަމްފުޅުގައި ކަމަށް ވެސް ރިވާވެފައި ވެ އެވެ.