ސަލާމްލެއްވި އިދުރީސުގެފާނު
މާތް ﷲ، ކީރިތި ޤުރުއާނުގައި އިދުރީސުގެފާނު
ބަޔާންކުރައްވާފައިވަނީ، ތެދުވެރިކަންބޮޑު ނަބީބޭކަލެއް
ކަމަށެވެ. އަދި އެކަލާނގެ އެކަލޭގެފާނު މަތިވެރި
މަޤާމަކަށް އުފުއްލެވި ކަމަށެވެ. އަދި އެކަލޭގެފާނަކީ،
ކެތްތެރިންގެ ތެރެއިންވާ ބޭކަލެއް ކަމަށެވެ. އަޅުގަނޑުމެން
ޤަބޫލުކުރުން ޙައްޤުކަންބޮޑީ ކީރިތި ޤުރުއާނުގައި
އެކަލޭގެފާނާބެހޭ ގޮތުން މާތް ﷲ އަންގަވާފައިވާ ގޮތެވެ.
މިއާއެކު، އެކަލޭގެފާނާ ބެހޭ ގޮތުން ވާރިދުވެފައިވާ އެހެން
ކަންކަމުގެ މައްޗަށް އަލިއަޅުވާލާނަމެވެ. މަޢުލޫމާތާއި،
އީމާންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގަ އެވެ. އިސްލާމީ
ބިނާވެށްޓެއް އާރާސްތުކުރުމުގެ ބަހާތައް ދެނެގަތުމުގެ
މުހުތާދުގަ އެވެ.
ސަލާމްލެއްވި އިދުރީސުގެފާނަކީ،
އެކަލޭގެފާނުގެ ޒަމާނުގައި ހުންނެވި، އެންމެ މޮޅުއިތުރު
ނަބިއްޔާ އެވެ. އެޒަމާނުގައި، ތެދުވެރިކަމާއި
އިޚުލާޞްތެރިކަމުގެ ގޮތުން އެކަލޭގެފާނު ފަދަ ދެވަނައެއް
ނެތެވެ. ދީނުގައި އެކަލޭގެފާނު ނުހަނު ތެދުވެރި އެވެ.
އީމާންކަމުގައި އެކަލޭގެފާނު ނުހަނު އިޚުލާޞްތެރި އެވެ.
މާތް ﷲ ބާވައިލެއްވި ޝަރީޢަތުގައިވާ އަމުރުފުޅުތައް
ތަންފީޒުކުރައްވައި، (خشوع) ޚުޝޫޢަތްތެރިކަމާއި، (خضوع)
ޚުޟޫޢަތްތެރިކަމާއެކު އެކަލާނގެ ޙަޟުރަތަށް
އަޅުކަންކުރެއްވި އެވެ. އަދި އެކަލާނގެ ބާވައިލެއްވި
ރިސާލަތު، މީސްތަކުންނަށް ތަބްލީޣުކުރެއްވި އެވެ.
އިދުރީސުގެފާނަކީ، އާދަމުގެފާނަށްފަހު، މާތް ﷲ ފޮނުއްވި
ތިންވަނަ ނަބިއްޔާ ކަމަށާއި، އެކަލާނގެ އެކަލޭގެފާނަށް 30
ފޮތް ބާވައިލެއްވި ކަމަށް ރިވާވެފައި ވެ އެވެ. އެ
ފޮތްތަކުގައި އެކަލާނގެ ޝަރީޢަތާއި، ޢިބާދާތާއި،
މުޙައްލަލާތާއި، މުޙައްރަމާތު ބަޔާންކުރައްވާފައި ވެ އެވެ.
އެކަލޭގެފާނަށްފަހު އައި މަގުފުރެދުނު މީހުން ވަނީ އެ
ފޮތްތައް ތަޙުރީފުކޮށްފަ އެވެ.
ސަލާމްލެއްވި
އިދުރީސުގެފާނުގެ ނަސަބުފުޅު، އިސްލާމީ މަޞްދަރަކުން
ސާފުކޮށް އެނގޭކަށެއް ނެތެވެ. އަހުލުކިތާބީންގެ
މަޞްދަރުތަކުން އެނގޭ ގޮތުގައި އެކަލޭގެފާނަކީ،
އާދަމުގެފާނުގެ ޝީޘު (شِيثُ) ގެފާނުގެ އަނޫޝް (أَنُوشُ) ގެ
ޤީނާނު (قِينَانُ) ގެ މަހްލަލްއީލު (مَهْلَلْئِيلُ) ގެ
ޔާރަދު (يَارَدُ) ގެ އަޚްނޫޚު (أَخْنُوخُ) ގެފާނެވެ.
އަޚްނޫޚަކީ، ސަލާމްލެއްވި އިދުރީސުގެފާނުގެ
އަހުލުކިތާބިއްޔަ ނަންފުޅެވެ. މި ނަސަބުފުޅަށް ބަލާއިރު،
އެކަލޭގެފާނަކީ، އާދަމުގެފާނުގެ ދަރިފަސްކޮޅުން އައި 6
ވަނަ ޖީލުގެ ބޭކަލެއްކަން އެނގެ އެވެ. ބުނެވޭ ގޮތުގައި،
އެކަލޭގެފާނުގެ ޢުމުރުފުޅުން 365 ވަނަ އަހަރު،
އެކަލޭގެފާނު އުޑަށް އުފުއްލެވުނެވެ. އެކަލޭގެފާނު
އެއްހާސް އަހަރު ވަންދެން ދިރިއުޅުއްވި ކަމަށާއި،
އަވަހާރަވީ އުޑުގައި ކަމަށް ވެސް ރިވާވެފައި ވެ އެވެ.
އުޑަށް އުފުއްލެވުމުގެ ކުރިން، އެކަލޭގެފާނުގެ
ވަޞިއްޔަތްޕުޅު، އެކަލޭގެފާނުގެ ދަރިކަލުން މަތޫޝާލަޙު
(مَتُوشَالَحَ) އާ ޙަވާލުކުރެއްވި ކަމަށް އެ ރިވާޔަތުގައި
ވެއެވެ.
ބަދާއިޢުއްޒުހޫރި (بدائع الزهور) އެވެ،
ކިޔާ ފޮތުގައި ވެ އެވެ.
އިދުރީސުގެފާނު،
ބޭކަނބަލަކާ ކާވެނިބައްލަވައިގަތެވެ. އެކަމަނާގެ
ބަނޑުފުޅުން އެކަލޭގެފާނަށް ފިރިހެން ދަރިކަލަކު
ލިބިވަޑައިގަތެވެ. އެ ދަރިކަލުންނަށް ދެއްވި ނަންފުޅަކީ،
މަތޫޝާލަޙު (مَتُوشَالَحَ) އެވެ. އިދުރީސުގެފާނުގެ
މޫނުފުޅުގައިވާ ނޫރާނީ އަލިކަން، އެ ދަރިކަލުންގެ
މޫނުފުޅަށް ނަޤުލުވި އެވެ. އެ ދަރިކަލުން ބޮޑުފުޅުވި
ހިނދު، އިދުރީސުގެފާނު އެ ދަރިކަލުންގެ ކިބައިން
ޢަހުދުކަށަވަރު ހިއްޕެވި އެވެ. ދެން ސަމަޠާއި، ތާބޫތާއި،
އެކަލޭގެފާނުގެ ޞުޙުފުތަކާއި، ޝީޘުގެފާނާއި އާދަމުގެފާނުގެ
ޞުޙުފުތައް، އެ ދަރިކަލުންނާ ޙަވާލުކުރެއްވި އެވެ. އަދި އެ
ފޮތްތައް ކިޔަވާވިދާޅުވުމަށާއި، ދަސްފުޅުކުރެއްވުމަށާއި،
ނަމާދު ޤާއިމުކުރެއްވުމަށް ވަޞިއްޔަތްޕުޅު ކުރެއްވި އެވެ.
އެކަލޭގެފާނު އުޑަށް އަރާވަޑައިގެންވުމުގެ ކުރިން ވިދާޅުވި
އެވެ. "ދަރިކަލުންނޭވެ! ބައްޕާފުޅު މިވަޑައިގަންނަވަނީ
އުޑަށެވެ. އެނބުރި ވަޑައިގެންނެވޭނެ ކަމެއް ނުވަތަ
ނޫންކަމެއް އެނގިވަޑައެއް ނުގަނެ އެވެ. ދަރިކަލުންނަށް
ބައްޕާފުޅު ވަޞިއްޔަތްޕުޅު ކުރެއްވި ކަންތައްތަކުގައި
ހިފަހައްޓަވާށެވެ!"
އައްޝައިޚު ޢަބްދުއްނައްޖާރު
ވިދާޅުވެފައިވަނީ، އިދުރީސުގެފާނުގެ އުޑަށް
އުފުއްލެވުމާއި، އަވަހާރަވުން ފަދަ ކަންތައްތަކުގައި
ތަފުޞީލުކޮށް ވާހަކަ ނުދެއްކުމަށާއި، އެކަންތައްތައް މާތް
ﷲ ގެ ޙަޟުރަތަށް ދޫކޮށްލުމަށެވެ. އިބްނު ކަޘީރު
ވިދާޅުވެފައިވަނީ، އިސްރާއީލިއްޔާތުގެ ތެރެއިން
ވާރިދުވެފައިވާ އެކަލޭގެފާނާބެހޭ ބައެއް މަޢުލޫމާތު ޞައްޙަ
ނޫން ކަމަށެވެ.
އަހުލުކިތާބީންގެ ފޮތްފޮތުގައި،
އިދުރީސުގެފާނުގެ ނަންފުޅު ކަމަށް ވާރިދުވެފައިވަނީ،
ޙަނޫކް (حنوك) ނުވަތަ ޚަނޫޚު (خنوخ) އެވެ. މި ނަންފުޅުގެ
ޢަރަބި ގޮތަކީ، އަޚްނޫޚު (أَخْنُوخُ) އެވެ.
ޔޫނާނީ
ސަގާފަތުގައި އެކަލޭގެފާނުގެ ނަންފުޅަކީ، ޠަރްމީސް (طرميس)
ނުވަތަ އަރްމީސް (أرميس) އެވެ. މި ނަންފުޅުގެ ޢަރަބި
ގޮތަކީ، ހުރުމުސް (هُرمس) އެވެ.
މިޞްރުގެ ޤަދީމީ
ސަގާފަތުގައި، އެކަލޭގެފާނުގެ ނަންފުޅަކީ، އުޒުރީސް
(اوزوريس) އެވެ. މިއީ، ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ
އެކަލޭގެފާނުގެ ނަންފުޅާ ނުހަނު ގާތް ނަންފުޅެއްކަން
ފާހަގަކުރެވެ އެވެ.
އައްޒަމަޚުޝަރީ ވިދާޅުވާ
ގޮތުގައި، އެކަލޭގެފާނަށް އިދުރީސްގެ ނަމުން ނަންފުޅު
ދެއްވިފައިވަނީ، ދިރާސާކުރުމުގެ ރޮނގުން އެކަލޭގެފާނު
ކުރެއްވި މަސައްކަތްޕުޅުތަކުގެ ގިނަގުނަކަމުންނެވެ.
ޢަރަބި ބަހުގެ ބަސްތައް ކިރޭ ވަޒަނުގެ ގޮތުން
ބަލާއިރު، އިދުރީސު (إدريس) ގެ ވަޒަނަކީ، އިފްޢީލު (إفعيل)
ގެ ވަޒަނެވެ. މި ވަޒަނަކީ، މުބާލަޣާގެ ޞީޣާއެކެވެ.
އެހެންކަމުން އެކަލޭގެފާނު އާދަޔާ ޚިލާފަށް މާގިނައިން
ކަމެއް ކުރެއްވިކަން އެނގެ އެވެ. އެކަލޭގެފާނުގެ
ނަންފުޅުގެ މާނައިގެ ގޮތުން ބަލާއިރު އެކަމަކީ،
ދިރާސާކުރެއްވުމެވެ. ޢިލްމުވެރިން ވިދާޅުވެފައިވަނީ،
އެކަލޭގެފާނު ދިރާސާކުރެއްވީ، މާތް ﷲ، އެކަލޭގެފާނަށް
ދެއްވި ޢިލްމު ކަމަށެވެ. އެކަލޭގެފާނު، އެ ޢިލްމު، އެހެން
މީހުންނަށް އުނގަންނަވައި ދެއްވި އެވެ. މާތް ﷲ
ބާވައިލައްވާފައިވާ ފޮތްތައް، އެކަލޭގެފާނު ދިރާސާކުރެއްވި
އެވެ. އެ ފޮތްތައް މީސްތަކުންނަށް ކިޔަވައި ދެއްވި އެވެ.
އެކަމަށްޓަކައި، މާތް ﷲ، އެކަލާނގެ އެކަލޭގެފާނުގެ ދަރަޖަ
މަތިވެރިކުރައްވައި، ޤަދަރު އުފުއްލެވި އެވެ.
އެކި
ސަގާފަތުގައި، އިދުރީސުގެފާނުގެ ނަންފުޅު ތަފާތުވާ
ފަދައިން، އެކަލޭގެފާނުގެ ޢުމުރުފުޅު ވެސް ތަފާތުވެފައި ވެ
އެވެ. އަހުލުކިތާބީންގެ ސަގާފަތުގައި އެކަލޭގެފާނުގެ
ޢުމުރުފުޅަކީ، 365 އަހަރެވެ. ޔޫނާނީ ސަގާފަތުގައި
އެކަލޭގެފާނުގެ ޢުމުރުފުޅަކީ 82 އަހަރެވެ. މިކަމުގެ ސަބަބު
ކަމަށް ބެލެވެނީ، އެކި ސަގާފަތުގެ އަހުލުވެރިންގެ ތެރޭގައި
އެކަލޭގެފާނު އެކި މުއްދަތަށް ދިރިއުޅުއްވާފައިވުން ކަމަށް
ބެލެވެ އެވެ. ޔޫނާނީ ސަގާފަތުގައި ވާރިދުވެފައިވަނީ،
ދުނިޔޭގެ ބައްރުގައިވާ ހުރިހައި ތަނަކަށް އެކަލޭގެފާނު
ވަޑައިގެންނެވި ކަމަށެވެ. ކޮންމެ ބަޔަކަށްމެ
އެނގިފައިވަނީ، އެބަޔަކާއެކު އެކަލޭގެފާނު ދިރިއުޅުއްވި
މުއްދަތެވެ.
އެކި ސަގާފަތުގެ މީހުން، އެމީހުންގެ
ސަގާފަތަށް އިދުރީސުގެފާނު ނިސްބަތްކުރާކަން ވެސް
ފާހަގަކުރެވެ އެވެ. މިއީ، ދުނިޔޭގެ އެންމެންގެ ލޯތްބާއި
އިޙުތިރާމު، އެކަލޭގެފާނަށް ލިބިވަޑައިގަތް މިންވަރު
ހާމަކޮށްދޭ ކަމެކެވެ. މިސާލަކަށް، އިހުގެ ފާރިސީން
ބުނެފައިވަނީ، އެކަލޭގެފާނަކީ، އެމީހުންގެ ތެރެއިންވާ
ބޭކަލެއް ކަމަށެވެ. އިހުގެ މިޞްރު މީހުން ބުނެފައިވަނީ،
އެކަލޭގެފާނަކީ، އެމީހުންގެ ތެރެއިންވާ ބޭކަލެއް ކަމަށެވެ.
ސަލާމްލެއްވި އިދުރީސުގެފާނަކީ، ސަލާމްލެއްވި
އިލްޔާސުގެފާނު ކަމަށް ބުނެވޭ ރައުޔެއް ވެ އެވެ. އެހެނަސް
އެއީ، ޞައްޙަ ރައުޔެއް ނޫނެވެ. ސަބަބަކީ،
އިދުރީސުގެފާނާއި، އިލްޔާސުގެފާނާ ދެ ބޭކަލުން
ދިރިއުޅުއްވި ޒަމާން ތަފާތު ކަމެވެ. ސަލާމްލެއްވި
އިދުރީސުގެފާނު ދިރިއުޅުއްވީ އިންސާނީ ޙަޔާތުގެ ނިސްބަތުން
މާ އިހުޒަމާނެއްގަ އެވެ. ސަލާމްލެއްވި އިލްޔާސްގެފާނު
ދިރިއުޅުއްވީ އިންސާނީ ޙަޔާތުގެ ނިސްބަތުން މާ ފަހު
ޒަމާނެއްގަ އެވެ.
ސަލާމުލެއްވި އިދުރީސުގެފާނު،
ދީނަށް ގޮވައިލެއްވުމުގައި މައިގަނޑު ގޮތެއްގައި
ދެމިހުންނެވީ، ޢިރާޤާއި މިޞްރުގަ އެވެ. އިލްޔާސްގެފާނު
ފޮނުއްވުނީ ޝާމުކަރައަށެވެ.
އިދުރީސުގެފާނު
ދުނިޔޭގެ ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި،
ޝާމުކަރައަށް ވަޑައިގެންނެވި އެވެ. މީގެ އިތުރުން އެ ދެ
ބޭކަލުން ބައިވެރިވެވަޑައިގަންނަވާ އެތައް ކަންތައްތަކެއް
ވެ އެވެ. އެހެންކަމުން އެ ދެ ބޭކަލުންނަކީ އެއް ބޭކަލެއް
ކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮތުމަކީ
އެކަށީގެންވާ ކަމެކެވެ.
ސަލާމްލެއްވި
އިދުރީސުގެފާނު ދުނިޔެއަށް ވަޑައިގެންނެވީ، ޢިރާޤުގައި
ކަމަށާއި، މިޞްރުގައި ކަމަށް ވާރިދުވެފައި ވެ އެވެ. މި ދެ
ރިވާޔަތުން ޞައްޙަކަން ބޮޑީ، ޢިރާޤުގައި ކަމަށް ބުނާ
ރިވާޔަތެވެ. އެހެނީ، އެކަލޭގެފާނު ދުނިޔޭގެ އަލިކަން
ދެކެވަޑައިގަތް ރަށް ކަމުގައި ޢިލްމުވެރިން
ތަރުޖީޙުކުރައްވާފައިވާ ރަށަކީ، ޢިރާޤުގެ ބާބިލެވެ. އެހެން
ނަޒަރަކުން ބަލާއިރު، އާދަމުގެފާނުގެ ޝީޘުގެފާނުގެ
ދަރިފަސްކޮޅު އޮތީ އޭޝިޔާގެ ބައްރުގަ އެވެ. އަދި އެ
ދަރިކޮޅުގެ މީހުން އެފްރިކާގެ ބައްރަށް ހިޖުރަކޮށްފައިވެ
އެވެ. އެހެންކަމުން، އިދުރީސުގެފާނަކީ، ޢިރާޤުގެ ބާބިލަށް
އުފަންވެ ވަޑައިގަތް ބޭކަލެއް ކަމަށާއި، އެއަށްފަހު
އެކަލޭގެފާނު މިޞްރަށް ވަޑައިގެންނެވި ކަމަށް ބުނާ
ރިވާޔަތަށް މިކަމުން ދަލީލުލިބެ އެވެ.
ސަލާމްލެއްވި
އިދުރީސުގެފާނަކީ، ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން ނުހަނު
ފުންނާބު އުސް ބޭކަލެކެވެ. އެކަލޭގެފާނު ތަޢުލީމު
ޙާޞިލުކުރެއްވީ، ޢިރާޤުގެ ބާބިލުން ކަމަށް ވާރިދުވެފައި ވެ
އެވެ. ބާބިލުގެ މާނައަކީ، ސުރިޔާނީ ބަހުން ކޯރެވެ.
އެކަލޭގެފާނުގެ އުސްތާޛުންނަކީ، އާދަމުގެފާނުގެ
ޝީޘުގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި އަޖުދާދުންނެވެ.
އެ ބޭކަލުންގެ އަރިހުން، ޝަރީޢަތާއި، އަޅުކަމާއި،
ޙިކުމަތާއި، ޢިލްމާއި، ޞިނާޢަތާއި، ފަންނުވެރިކަން
އެކަލޭގެފާނު ދަސްފުޅުކުރެއްވި އެވެ. އެއަށްފަހު،
އެކަންތައްތައް އެހެން މީހުންނަށް އުނގަންނަވައިދެއްވި
އެވެ.
ރިވާވެފައި ވެ އެވެ. އޭރު ދުނިޔޭގައި އުޅުނީ
ދެ ދަރިކޮޅެއްގެ މީހުންނެވެ. އެއީ، ޝީޘުގެފާނުގެ ދަރިކޮޅު
މީހުންނާއި، ޤާބީލުގެ ދަރިކޮޅު މީހުންނެވެ. ސަލާމްލެއްވި
އިދުރީސުގެފާނާ ތަބާވީ ޝީޘުގެފާނުގެ ދަރިކޮޅު މީހުންނެވެ.
އެއީ، މަދު ބަޔެކެވެ. އެކަލޭގެފާނަށް ފުރަގަސްދިނީ،
ޤާބީލުގެ ދަރިކޮޅު މީހުންނެވެ. އެއީ ގިނަ ބަޔެކެވެ.
އެހެންކަމުން، އޭރުވެސް ހެޔޮލަފާ މުއުމިނުންނަކީ
މަދުބަޔެއް ކަމާއި، ނުބައިނުލަފާ ކުއްފާރު ފާޖިރުންނަކީ
ގިނަ ބަޔެއްކަން އެނގެ އެވެ. މާތް ﷲ ގެ އަމުފުޅާ ޚިލާފަށް
އުޅޭ ފާޖިރުންގެ މައްޗަށް އެކަލާނގެ ކޯފާ ލައްވާނެ ކަމުގެ
އިންޒާރު، އިދުރީސުގެފާނު ދެއްވި އެވެ. އަދި ނޫޙުގެފާނުގެ
ޒަމާނުގައި އަންނާނެ ބިޔަ ޠޫފާނުގެ ޚަބަރު ދެއްވި ފުރަތަމަ
ފޭތާންބަރަކީ އެކަލޭގެފާނެވެ.
ހުރުމުސްގެ ނަމުގައި
އެކަލޭގެފާނު ބަޔާންކުރެވިފައިވާ މަޞްދަރުތަކުގައި ވެ
އެވެ. "ޠޫފާނެއް އަންނާނެ ކަމާއި، އުޑުން އަލިފާނުގެ
ނުވަތަ ފެނުގެ މުޞީބާތެއް ދުނިޔޭގެ ބިމަށް އަންނާނެ ކަމަށް
ހުރުމުސް ބަޔާންކުރެއްވި އެވެ."
ޢިރާޤުގެ ބާބިލުގެ
ބިމުގައި ފަސާދަކުރުން ގިނަވުމުގެ ސަބަބުން، އެ ބިމުގައި
ދިރިއުޅުނު ފާޖިރުންގެ މައްޗަށް މާތް ﷲ ކޯފާ ލެއްވި އެވެ.
ނަތީޖާއަކަށްވީ، އެ ބިމަށް ވާރޭ ވެހުން މަދުވެ، ރިޒުޤު
ނުތަނަވަސްވުމެވެ. ދެން އެ ބިން ދޫކޮށްފައި ދިއުމަށް،
އިދުރީސުގެފާނު މުއުމިނުންނަށް އެންގެވި އެވެ.
އެކަލޭގެފާނު ވިދާޅުވި ކަމަށް ވާރިދުވެފައި ވެ އެވެ.
"މާތް ﷲ ޢައްޒަ ވަޖައްލަ، ޤާބީލުގެ ދަރިފަސްކޮޅުގެ
މީހުންނަށާއި، އެމީހުންނާ އެއްބައިވި ކުއްފާރުންނަށާއި،
އެމީހުންނާ އެއްބައިވި ފާޖިރުންގެ މައްޗަށް އުޑާއި ބިމުން
ޢަޛާބެއް ފޮނުއްވާނެ އެވެ."
ސަލާމްލެއްވި
އިދުރީސުގެފާނު އެކަލޭގެފާނުގެ ރަށް ދޫކުރައްވައި އެހެން
ބިމަކަށް ހިޖުރަކުރައްވަން އުޅުއްވި ހިނދު، އެކަލޭގެފާނުގެ
ބައްޕާފުޅު ވިދާވި އެވެ.
- މި ބިން ދޫކުރައްވައި
އެހެން ބިމަކަށް ވަޑައިގަންނަވަނީތޯ އެވެ؟
-
އިދުރީސުގެފާނު ވިދާޅުވި އެވެ. އާދޭހެވެ. ތިމަންކަލޭގެފާނު
މި ވަޑައިގަންނަވަނީ، މާތް ﷲ ގެ އަޅުތަކުން
ސަލާމަތްކުރެއްވުމަށްޓަކަ އެވެ. ޤާބީލުގެ ދަރިފަސްކޮޅުގެ
މީހުންގެ ފިތުނައިން އެމީހުން މިންޖުކުރެއްވުމަށްޓަކަ
އެވެ. އަދި އެމީހުންގެ ފައިތިލަތައް ޢަދުލު އިންޞާފުގެ
ޙައްޤު ތެދުމަގުގައި ސާބިތުކުރެއްވުމަށްޓަކަ އެވެ.
- ދެން އެކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވި އެވެ. މާތް ﷲ
ގެ ރިޢާޔަތްތެރިކަން ތިޔަބައިމީހުންގެ މައްޗަށް ލައްވާށި
އެވެ! އަދި ތިޔަބައިމީހުން މަޑުކޮށްލި ކޮންމެ
މަންޒިލެއްގައިމެ، އެކަލާނގެ ޙަޟުރަތުން އަމާންކަމާއި،
ބަރާކާތްތެރިކަން ތިޔަބައިމީހުންގެ މައްޗަށް
މިންވަރުކުރައްވާށި އެވެ!
ދެން އިދުރީސުގެފާނު،
އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް
ނަޞްރާއި ނަސީބު ދެއްވުން އެދި މާތް ﷲ ގެ ޙަޟުރަތަށް
ދުޢާފުޅެއް ކުރެއްވި އެވެ. އެއަށްފަހު، އެމީހުން
ގޮވައިގެން ދަތުރުފުޅު ފެށްޓެވި އެވެ. އެ ދަތުރުފުޅުގައި
އެމީހުންނާއި، އެމީހުންގެ ސަވާރީތަކާއި އެހެނިހެން
އެއްޗިއްސާއެކު، ޝާމުކަރައަށް ވަޑައިގެންނެވި އެވެ. އަދި
ޝާމުކަރަ ހުރަސް ކުރައްވައި، މިޞްރަށް ވަޑައިގެންނެވި
އެވެ. މިޞްރުގެ ބިން ފެނިވަޑައިގަތުމުން، އެކަލޭގެފާނު
ވިދާޅުވި ބަސްފުޅު މިއަދާ ހަމައަށް ވެސް ވާރުތަވަމުން
އައިސްފައި ވެ އެވެ. އެ ބަސްފުޅަކީ، "ބާބިލްޔޫން" އެވެ.
މާނައަކީ، "ބާބިލަށްވުރެ ރަނގަޅު ބިމެކެވެ."
މިޞްރުގެ ބިމުގައި ވަޒަންވެރިވެވަޑައިގެންނެވުމަށް
އެކަލޭގެފާނު ޤަޞްދުކުރެއްވި އެވެ. މިޞްރުގެ ބިމަކީ،
ބާބިލުގެ ބިމަށްވުރެ ރަނގަޅު ބިމެއްކަން، އެކަލޭގެފާނާއެކު
ދިޔަ މީހުންނަށް ބަޔާންކުރެއްވި އެވެ. އަދި އެބިމުގައިވާ
ނީލަކޯރަކީ، ޢިރާޤުގެ ބިމުގައިވާ ފުރާތުކޯރާއި ދިޖުލާ
ކޯރަށްވުރެ ރަނގަޅު ކޯރެއްކަން ވެސް ބަޔާންކުރެއްވި އެވެ.
އިދުރީސުގެފާނު ވަޒަންވެރިވެވަޑައިގެންނެވީ، މިހާރު
މިޞްރުލްޤަދީމާ އެވެ، ކިޔާ ބިމުގައިވާ ރަށެއްގަ އެވެ.
މިޞްރުގެ ޤަދީމީ ބަހުން އެރަށަށް ކިޔަނީ، މަންނަފަރު (من
نفر) އެވެ. ޔޫނާނީ ބަހުން ކިޔަނީ، މެމްފިސް (Memphis)
އެވެ. ޢަރަބި ބަހުން ކިޔަނީ މަންފު (منف) އެވެ. އެ ރަށަށް
މަންފަރު (منفر) ވެސް ކިޔެ އެވެ.
ސަލާމްލެއްވި
އިދުރީސުގެފާނު މިޞްރުގައި އުޅުއްވިއިރު، އެކަލޭގެފާނުގެ
އަރިހުން ޢުލޫމާއި ޙިކުމަތް ޙާޞިލުކުރުމަށްޓަކައި ދުނިޔޭގެ
ކަންކޮޅުތަކުން ދަރިވަރުން ގޮސްއުޅުނެވެ. އޭގެ ތެރޭގައި،
އުތުރުކަރައިގެ އަހުލުވެރިންނާއި، ޢިރާޤުގެ
އަހުލުވެރިންނާއި، ޔޫނާނުގެ އަހުލުވެރިން ހިމެނެ އެވެ.
އެއިން ކޮންމެ ޤައުމެއްގެ ބަޔަކުމެ، އެކަލޭގެފާނުގެ
އަރިހުން ޢުލޫމާއި ޙިކުމަތް ޙާޞިލުކުރުމަށްފަހު،
އެބަޔެއްގެ ޤައުމަށް އެނބުރި ދެ އެވެ. އެމީހުންގެ
މިސާލަކީ، މިޒަމާނުގައި ދުނިޔޭގެ މަޝްހޫރު
ޔުނިވަރސިޓީތަކަށް ކިޔަވަންދާ ދަރިވަރުންގެ މިސާލެވެ. އެ
ދަރިވަރުން އެ ޔުނިވަރސިޓީތަކުން ދަސްވެނިވުމަށްފަހު،
އެނބުރި ޤައުމަށް ދާ ބީދައިން އެމީހުން ވެސް
ޢަމަލުކުރަމުން ގެންދިޔަ އެވެ. އެމީހުންގެ ހިތްތަކުގައި
އިދުރީސުގެފާނަށް ދެވިފައިވަނީ ވަރަށް މަތިވެރި
ދަރަޖައެކެވެ. އެމީހުން އެކަލޭގެފާނުގެ ޤަދަރު
މަތިވެރިކުރި އެވެ. އެމީހުން އެކަލޭގެފާނަށް ނިސްބަތްވި
ފަދައިން، އެމީހުންގެ ޤައުމަށް އެކަލޭގެފާނު ނިސްބަތްކުރި
އެވެ.
ސަލާމްލެއްވި އިދުރީސުގެފާނު ދުނިޔޭގެ
އެކިއެކި ސަރަޙައްދުތަކަށް ދަތުރުކުރެއްވި ކަމަށް ވެސް
ބުނެވެ އެވެ. "އައްތަފްސީރުއްދީނީ ލިއްތާރީޚި" (التفسير
الديني للتاريخ) އެވެ، ކިޔާ ފޮތުގައި ވެ އެވެ.
"ޞާބިއީން ބުނާ ގޮތުގައި، ސަލާމްލެއްވި އިދުރީސުގެފާނު،
ގެފުޅު ބިނާކުރެއްވި އެވެ."
އަދިވެސް އެ ފޮތުގައި
ވެ އެވެ.
"ޢަރަބި ރަށްތަކުގެ ތެރެއިން ބާއްޖަވެރި
ރަށަކަށް އޫޒޫރީސް (أوزوريس) ވަޑައިގެންނެވި އެވެ. ދެން
ޙަބްޝްކަރައަށް ވަޑައިގެން، ކޯރުގެ ފެން ހިފަހައްޓާދޭނެ
ހުރަސްތައް ބިނާކުރެއްވި އެވެ. އެއީ ފެން
ރައްކާކުރުމަށާއި، އެއިން ދަނޑުބިންތަކަށް ފެން
ދިނުމަށްޓަކަ އެވެ. އެއަށްފަހު، އެކަލޭގެފާނު
ޢަރަބިކަރައަށް ވަޑައިގެންނެވި އެވެ. ދެން އެކަލޭގެފާނު
އުތުރުކަރައަށް ވަޑައިގެންނެވި އެވެ." އުތުރުކަރައަކީ،
މިހާރުގެ އިންޑިއާ އެވެ.
ސުންނަތްޖަމާޢަތުގެ
އަހުލުވެރިންގެ މަޞްދަރުތަކުގައި ބަޔާންވެފައި ވެ އެވެ.
ސަލާމްލެއްވި އިދުރީސުގެފާނު މީސްތަކުންނަށް
އުނގަންނަވައިދެއްވީ، މާތް ﷲ ގެ ދީނެވެ. އެއީ މާތްވެގެންވާ
އިސްލާމްދީނެވެ. އެކަލޭގެފާނުގެ ޒަމާނުގައި،
އެކަލޭގެފާނުގެ ޤައުމުގެ މީހުން އަޅުކަންކުރީ މާތް ﷲ
އަށެވެ. އެމީހުންނަކު ޝަރީކުކުރުމުގެ ފާފައެއް ނުކުރެ
އެވެ. އެގޮތުގައި މީސްތަކުން ދިރިއުޅެމުން ގެންދަނިކޮށް،
ލަޢުނަތްލެއްވިގެންވާ އިބްލީސް، މީހުން
މަގުފުރެއްދުމަށްޓަކައި ވަސްވާސްދިނެވެ. އިބްލީސް
ބުންޏެވެ. މިވެނި އެވެނި ޞާލިޙު ބޭކަލުންގެ ސިފަފުޅުގައި
ބުދުތަކެއް ހަދާށެވެ! އެއީ، އެބޭކަލުންގެ ޒިކުރާ
ދެމެހެއްޓުމަށްޓަކަ އެވެ. ދެން އެމީހުން އެ ބޭކަލުންގެ
ސިފަފުޅުގައި ބުދުތަކެއް ހެދި އެވެ. އިދުރީސުގެފާނުގެ
ޝަރީޢަތުގައި ބުދު ހެދުމަކީ ޙަރާމްކުރައްވާފައިވާ ކަމެއް
ކަމުގައި ނުވާތީ އެވެ. އޭގެ ފަހުން އެތައް ދުވަސްތަކެއް
ފާއިތުވެ، މީސްތަކުންގެ މެދުގައި ޖާހިލުކަން ފެތުރި،
ބިމުގައި ފަސާދަކުރުން އާންމުވެގެންދިޔަ ޒަމާނެއް އަޔެވެ.
އެ ޒަމާނުގައި އިބްލީސް މީސްތަކުންނަށް ވަސްވާސްދެމުން
ބުންޏެވެ. އެ ބުދުތަކަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ!
ދެން އެމީހުން އެ ބުދުތަކަށް އަޅުކަންކޮށް، ކާފިރުވެ،
ޝިކުރުކުރި އެވެ. އޭރު އިދުރީސުގެފާނު ވަނީ މިދުނިޔެއާ
ވަކިވެވަޑައިގެންފަ އެވެ. އެމީހުން މަގުފުރެދުނުއިރު،
އެހެން ނަބީބޭކަލަކު ވެސް އެމީހުންގެ ތެރޭގައި ނޫޅުއްވަ
އެވެ. އެއަށްފަހު، އެމީހުންނަށް ތެދުމަގު
ދެއްކެވުމަށްޓަކައި ނޫޙުގެފާނު ވަޑައިގެންނެވި އެވެ.
އެމީހުންގެ ވާހަކަ ބަޔާންކުރައްވަމުން ނޫޙު ސޫރަތުގައި
މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(وَقَالُوا لا
تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا
سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا)
ނޫޙު: 23
މާނައީ، "އަދި އެއުރެން ބުނޫ އެވެ. ހަމަކަށަވަރުން،
ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން
ދޫނުކުރާހުށި ކަމެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން
ވައްދާއި، ސުވާޢާއި، ޔަޣޫޘާއި، ޔަޢޫޤާއި، ނަސްރާއި (މި
ހުރިހާ ބުދުތައް) ދޫކޮށްނުލާހުށި ކަމެވެ!"
ސަލާމްލެއްވި އިދުރީސުގެފާނުގެ ދީނަކީ، އިސްވެ
ބަޔާންކުރެވުނު ފަދައިން އިސްލާމްދީނެވެ. ވާޖިބުތައް
އަދާކުރުމަށާއި، ޙަރާމް ކަންތައްތަކުން ދުރުހެލިވުމަށް،
އެކަލޭގެފާނުގެ ދީނުގައި އަންގަވާފައި ވެ އެވެ. ޢިރާޤުގެ
ބިމުން އެކަލޭގެފާނު ނިކުންނެވީ، އެކަލޭގެފާނުގެ ދީނާ
ތަބާވި މީހުންނާއެކުގަ އެވެ. އެ ދީނާ ޚިލާފުވި މީހުން
އެކަލޭގެފާނާއެކު ނުނިކުމެ އެވެ.
އެކަލޭގެފާނު
ވަޑައިގެންނެވި، މިޞްރުގެ މެމްފިސް ނުވަތަ މަންފަކީ،
ފަސްގަނޑު ރަނގަޅު، ގޮވާން ހެދޭ، ފެހި ވާދީއެއްގައި ވާ
ރަށެކެވެ. އެއީ، ޖައްވު ތާޒާ، މޫސުމް ރަނގަޅު ރަށެކެވެ. އެ
ރަށުގައި އިދުރީސުގެފާނުގެ ގަނޑުވަރުގެ ނަމުން
ނަންދެވިފައިވާ ބިނާއެއް ވެ އެވެ. އެކަލޭގެފާނަށް
ނިސްބަތްކުރެވޭ ގިނަގުނަ ޞުޙުފުތަކެއް، މިޞްރުންނާއި
ޙަބްޝްކަރައިންނާއި އެނޫން ޤައުމުތަކުން ފެނިފައި ވެ އެވެ.
ޢިރާޤުގައި އެކަލޭގެފާނުގެ މަޤާމުފުޅުގެ ނަމުން
ނަންދެވިފައިވާ ތަނެއް ވެ އެވެ. އެތަން ވަނީ ކޫފާގެ
މަސްޖިދުއް ސަހްލާ (مسجد السهلة) އެވެ، ކިޔާ މިސްކިތުގަ
އެވެ. އެ މިސްކިތަކީ، ހިޖުރީ ސަނަތުން ފުރަތަ ޤަރުނުގައި
ބިނާކުރެވިފައިވާ މިސްކިތެކެވެ.
ސަލާމްލެއްވި
އިދުރީސުގެފާނަކީ، ދީނީ ޢިލްމާއި، ދުންޔަވީ ޢުލޫމްތަކާއި
ޞިނާޢަތްތަކާއި ފަންނުތަކުގައި ވެސް ފުންނާބުއުސް
ބޭކަލެކެވެ. އެކަލޭގެފާނު ދެނެވަޑައިގަންނަވާ ދުންޔަވީ
ޢުލޫމުތަކުގެ ތެރޭގައި، ފަލަކީ ޢިލްމާއި، ނުޖޫމީ ޢިލްމާއި،
ދަނޑުވެރިކަމުގެ ޢިލްމާއި، ހިސާބު ޢިލްމާއި، ހަންދަސާ
ހިމެނެ އެވެ. އެކަލޭގެފާނު އުފެއްދެވި ޞިނާޢަތުތަކުގެ
ތެރޭގައި ފޭރާން ވިޔުމާއި، ދަނޑުވެރިކަމުގެ އާލަތްތައް
އުފެއްދުމުގެ ޞިނާޢަތު ހިމެނެ އެވެ. އެކަލޭގެފާނުގެ
ފަންނުތަކުގެ ތެރޭގައި އަތުލިޔުމާއި، ހެދުން ފެހުމުގެ
ފަންނު ހިމެނެ އެވެ. މީސްތަކުންނަށް ފައިދާކުރަނިވި އެތައް
އެއްޗެއް އެކަލޭގެފާނު ފަރުމާކުރައްވައި އީޖާދު ކުރެއްވި
އެވެ. އަދި އެތަކެތި އެހެން މީހުންނަށް ދަސްކޮށްދެއްވި
އެވެ.
ފޭރާން ވިޔުމާއި، ހެދުން ފަރުމާކުރުމާއި،
ފެހުމުގެ ފަންނުގެ ބާނީ އަކީ، ސަލާމްލެއްވި އިދުރީސުގެފާނު
ކަމަށް ރިވާވެފައި ވެ އެވެ. އެންމެ ފުރަތަމަ ފޮތި ވިޔުއްވީ
އެކަލޭގެފާނެވެ. އެކަލޭގެފާނު ފޭރާން އުފެއްދުމުގެ ކުރިން،
މީހުން އުނުއޮރިޔާން ނިވާކޮށް އުޅުނީ، ޖަނަވާރުގެ
ހަމުންނެވެ. ފަހާފައިވާ ހެދުމެއް އެންމެ ފުރަތަމަ
ތުރުކުރެއްވީ އެކަލޭގެފާނެވެ.
އެކަލޭގެފާނު،
އަތުލިޔުމުގެ ފަންނު އީޖާދުކުރެއްވީ އެތައް
ތަޖުރިބާތަކެއްގެ އަލީގަ އެވެ. އެކަލޭގެފާނު ޤަލަމުން
ލިޔުއްވަން ފެށްޓެވުމުގެ ކުރިން، ހިލައިންނާއި،
ކަށިންނާއި، ވެލިން ލިޔުއްވާފައިވާ ކަމަށް ރިވާވެފައި ވެ
އެވެ. އެންމެ ފުރަތަމަ ޤަލަމުން ލިޔުއްވީ ވެސް
އެކަލޭގެފާނެވެ.
ކީރިތި މާތް ނަބިއްޔާ
ޙަދީޘްކުރައްވާފައި ވެ އެވެ.
(يَا أَبَا ذَرٍّ
أَرْبَعَةٌ سُرْيَانِيُّونَ: آدَمُ، وَشِيثُ، وَأَخْنُوخُ
وَهُوَ إِدْرِيسُ، وَهُوَ أَوَّلُ مَنْ خَطَّ بِالْقَلَمِ،
وَنُوحٌ)
ރިވާކުރެއްވީ: އިބްނު ޙައްބާން.
މާނައީ، "އޭ އަބޫ ޛައްރުގެފާނެވެ! ސުރިޔާނީންގެ ތެރެއިންވާ
ހަތަރު ނަބީބޭކަލަކު ވެ އެވެ. އެއީ، އާދަމުގެފާނާއި،
ޝީޘުގެފާނާއި، އަޚްނޫޚުގެފާނާއި، ނޫޙުގެފާނެވެ.
އަޚްނޫޚުގެފާނަކީ، އިދުރީސުގެފާނެވެ. އެންމެ ފުރަތަމަ
ޤަލަމުން ލިޔުއްވީ އެކަލޭގެފާނެވެ."
މުޢާވިޔަތު
ބްނު އަލްޙަކަމުއް ސުލަމީ (مُعَاوِيَة بْنِ الْحَكَمِ
السُّلَمِيِّ) ގެ އަރިހުން ވާރިދުވެފައިވާ
ޙަދީޘްފުޅެއްގައި ވެ އެވެ.
(قُلْتُ: وَمِنَّا
رِجَالٌ يَخُطُّونَ، قَالَ: كَانَ نَبِيٌّ مِنَ
الأَنْبِيَاءِ يَخُطُّ، فَمَنْ وَافَقَ خَطَّهُ، فَذَاكَ)
ރިވާކުރެއްވީ: މުސްލިމު.
މާނައީ، "ތިމަން
ދެންނެވީމެވެ. އަދި ތިމަންމެންގެ ތެރޭގައި ރަމަލުޖަހާ
މީހުން ވެސް ވެ އެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި
އެވެ. ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލަކު (އެބަހީ:
އިދުރީސުގެފާނު) ރަމަލުޖެއްސެވި އެވެ. ފަހެ، އެމީހެއްގެ
ރަމަލުޖެހުން، އެކަލޭގެފާނުގެ ރަމަލު ޖެއްސެވުމާ
އިއްތިފާޤުވެޖެނަމަ، އެއީ ޞައްޙަ ރަމަލުޖެހުމެކެވެ."
މި ޙަދީޘްފުޅާމެދު ޢިލްމުވެރިން ވިދާޅުވެފައިވަނީ، މި
ޙަދީޘްފުޅަކީ، ރަމަލުޖެހުން ހުއްދަކުރައްވާފައިވާ
ޙަދީޘްފުޅެއް ނޫން ކަމަށެވެ. އެކަމަކު މި ޙަދީޘްފުޅުން
ދަލީލު ލިބެނީ، ރަމަލުޖެހުން ޙަރާމްކުރައްވާފައިވާ
ކަމަށެވެ. އެހެނީ، ސަލާމްލެއްވި އިދުރީސުގެފާނުގެ
ރަމަލުޖެއްސެވުމާ، އެހެން މީހުންގެ ރަމަލުޖެހުން
އިއްތިފާޤެއް ނުވާނެ އެވެ. އަދި އިއްތިފާޤުވާނެކަން ޔަޤީން
ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.
އަބޫޛައްރުގެފާނުގެ އަރިހުން ވާރިދުވެފައިވާ
ޙަދީޘްފުޅެއްގައި ވެ އެވެ.
(قُلْتُ: يَا رَسُولَ
اللَّهِ، كَمْ كِتَابًا أَنْزَلَهُ اللَّهُ؟ قَالَ:
مِائَةُ كِتَابٍ وَأَرْبَعَةُ كُتُبٍ، أُنْزِلَ عَلَى
شِيثٍ خَمْسُونَ صَحِيفَةً، وَأُنْزِلَ عَلَى أَخْنُوخَ
ثَلَاثُونَ صَحِيفَةً، وَأُنْزِلَ عَلَى إِبْرَاهِيمَ
عَشَرُ صَحَائِفَ، وَأُنْزِلَ عَلَى مُوسَى قَبْلَ
التَّوْرَاةِ عَشَرُ صَحَائِفَ، وَأُنْزِلَ التَّوْرَاةُ
وَالْإِنْجِيلُ وَالزَّبُورُ وَالْقُرْآنُ)
ރިވާކުރެއްވީ: އިބްނު ޙައްބާން.
މާނައީ،
"ތިމަންކަލޭގެފާނު (އެބަހީ: އަބޫޛައްރުގެފާނު)
ދެންނެވީމެވެ. ﷲ ގެ ރަސޫލާ އެވެ! ﷲ ބާވައިލެއްވީ ކިތައް
ފޮތްތޯ އެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
ސަތޭކަ ހަތަރު ފޮތެވެ. ޝީޘުގެފާނަށް ފަންސާސް ފޮތް
ބާވައިލެއްވުނެވެ. އަޚްނޫޚުގެފާނަށް (އެބަހީ:
އިދުރީސުގެފާނަށް) ތިރީސް ފޮތް ބާވައިލެއްވުނެވެ.
އިބްރާހީމުގެފާނަށް ދިހަ ފޮތް ބާވައިލެއްވުނެވެ.
މޫސާގެފާނަށް ތައުރާތު ބާވައިލެއްވުމުގެ ކުރިން ދިހަ ފޮތް
ބާވައިލެއްވުނެވެ. އަދި ތައުރާތާއި އިންޖީލާއި ޒަބޫރާއި
ޤުރުއާން ބާވައިލެއްވުނެވެ."
މި ޙަދީޘްފުޅުން އެނގޭ
ގޮތުގައި، އެންމެ ގިނަ ފޮތްތައް ބާވައިލައްވާފައިވަނީ،
ޝީޘުގެފާނަށެވެ. އެއީ ފަންސާސް ފޮތެވެ. އެއަށްފަހު، އެންމެ
ގިނަ ފޮތްތައް ބާވައިލައްވާފައިވަނީ، އިދުރީސުގެފާނަށެވެ.
އެއީ، ތިރީސް ފޮތެވެ. އިދުރީސުގެފާނު، މީސްތަކުންނަށް
ތެދުމަގު ދެއްކެވުމަށްޓަކައި، އެކަލޭގެފާނަށްވުރެ ކުރިން
ބާވައިލައްވާފައިވާ ފޮތްތައް ބޭނުންފުޅު ކުރެއްވި އެވެ.
އެހެންކަމުން، އެކަލޭގެފާނުގެ އަތްޕުޅުގައި މާތް ﷲ
ބާވައިލައްވާފައިވާ ޖުމުލަ، އަށްޑިހަ ފޮތް އޮތެވެ.
އެކަލޭގެފާނަށް، އެ ފޮތްތަކުން ގިނަގުނަ ޢިލްމާއި، ދީނުގެ
ޙުކުމްތައް އެނގިވަޑައިގެންފައިވާނެ ކަމާމެދަކު ޝައްކެއް
ނެތެވެ. އެ ފޮތްތަކުގެ ޢަދަދު، އެކިއެކި ރިވާޔަތްތަކުގައި
ތަފާތުކަން ފާހަގަކޮށްލަންޖެހެ އެވެ. އެހެނަސް އެއީ، ގިނަ
ފޮތްތަކެއްކަން ހުރިހައި ރިވާޔަތްތަކުން ވެސް އެނގެ އެވެ.
ކުރިންވެސް ދެންނެވި ފަދައިން، ސަލާމްލެއްވި
އިދުރީސުގެފާނަކީ، ފޭރާން އުފެއްދުމުގެ މަސައްކަތްކުރެއްވި
ބޭކަލެކެވެ. ދިރިއުޅުއްވުމަށްޓަކައި އެކަލޭގެފާނު
އަމިއްލަފުޅަށް މަސައްކަތްޕުޅުކުރެއްވި އެވެ. އެކަލޭގެފާނު
ފަރިއްކުޅުއްވީ ޙަލާލު އެއްޗިއްސެވެ. އެކަލޭގެފާނު ހެދުން
ފައްސަވާއިރު، ތިނޯސް ޖައްސަވާ ކޮންމެ ފަހަރަކުމެ، (سبحان
الله) ނުވަތަ (سبحان الله و بحمده سبحان الله العظيم)
މިފަދައިން ތަސްބީޙަ ވިދާޅުވެ އެވެ. ތަސްބީޙަ ވިދާޅުވުމަށް
ހަނދުމަފުޅު ނެތި ފެއްސެވިއްޖެނަމަ، އެތަން މޮއްސަވައި،
އަލުން ތަސްބީޙަވިދާޅުވަމުން ފައްސަވަ އެވެ. އެކަލޭގެފާނު
ކޮންމެ ދުވަހަކު އެތައް ހެޔޮ ކަމެއް ކުރެއްވި އެވެ.
އެކަލޭގެފާނު ކޮންމެ ދުވަހަކު ކުރައްވާ ހެޔޮ
ޢަމަލުފުޅުތައް، އޭރު ދުނިޔޭގައިވާ އެންމެން ކުރާ ހެޔޮ
ޢަމަލުތަކާ ނުބައްދަލެވެ.
ސަމާވީ އެހެން
ދީންތަކުގައި އަންގަވާފައިވާ ކަންތައްތައް
އިދުރީސުގެފާނުގެ ދީނުގައި ވެ އެވެ. އެ ކަންތައްތަކުގެ
ތެރޭގައި، ނަމާދުކުރުމާއި، ޒަކާތްދިނުމާއި، ރޯދަހިފުމާއި،
ޠާހިރުވުމާއި، ވުޟޫކުރުމާއި، މީސްތަކުންގެ މެދުގައި
ޢަދުލުވެރިކަން ޤާއިމުކުރުމާއި، ދީނަށް ގޮވައިލުމާއި،
ޖިހާދުކުރުމާއި، ހެޔޮ ޢަމަލުތައް ކުރުމާއި، ތަޢުލީމު
ޙާޞިލުކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.
އެކަލޭގެފާނުގެ ދީނުގައި ވަނީ، ބަނގުރާ ފަދަ މަސްތުވާ
އެންމެހައި އެއްޗެއް ޙަރާމްކުރައްވާފަ އެވެ. އަދި
ފާސިޤުކަމާއި، ފާފަކުރުމާއި، މީސްތަކުންގެ މެދުގައި
ފަސާދަކުރުން ވެސް ވަނީ ނަހީކުރައްވާފަ އެވެ.
ހަމައެފަދައިން، ޚިޔާނާތްތެރިވުމާއި، ކަންދެއްކުމާއި،
މުނާފިޤުކަން ފަދަ ކަންތައްތައް ވެސް ވަނީ މަނާކުރައްވާފަ
އެވެ.
ސަލާމްލެއްވި އިދުރީސުގެފާނު ދީނުގައި،
ކޮންމެ އަހަރަކު ފާހަގަކުރާ ގިނަ ޢަދަދެއްގެ ޢީދުތަކެއް ވި
އެވެ. އެއީ، ފިޠުރު ޢީދާއި އަޟުޙާ ޢީދު ފަދަ ޢީދުތަކެކެވެ.
އެހެނަސް އެ ޢީދުތައް ފާހަގަކުރެވޭ ދުވަސްތަކާއި،
ފާހަގަކުރެވޭ ގޮތްތައް ތަފާތުކަމަށް ރިވާވެފައި ވެ އެވެ.
ސަލާމްލެއްވި އިދުރީސުގެފާނުގެ ޖިސްމާނީ ސިފަފުޅުތައް
ވެސް ބަޔާންވެފައި ވެ އެވެ. އެކަލޭގެފާނުގެ ސިފަފުޅުތަކުގެ
ތެރޭގައި، ހަށިކޮޅު ބިޔަކަމާއި، އިސްކޮޅުފުޅު ދިގުކަމާއި،
ބާމަތިފުޅު ފުޅާކަމާއި، ބަނޑުފުޅު ބޮޑުކަމާއި، ހަށިކޮޅުގެ
ކުލަ ދޮންކަން ހިމެނެ އެވެ. ވާހަކަފުޅު ދައްކަވާއިރު،
ޝަހާދަތް އިނގިލިފުޅުން އިޝާރާތްކުރައްވާ ކަމަށާއި،
ކަންކަމާމެދު ފިކުރުފުޅުކުރެއްވުމުގައި ގިނަ ވަގުތު
ހޭދަކުރައްވާ ކަމަށް ވެސް ރިވާވެފައި ވެ އެވެ.
އެކަލޭގެފާނަކީ، އެތައް އެއްޗެއް އަލަށް އީޖާދުކުރެއްވި
ބޭކަލެކެވެ. އެކަލޭގެފާނު އީޖާދުކުރެއްވި ތަކެތީގެ
ތެރޭގައި، ގާޑިޔާގެ ފުރޮޅާއި، ފޭރާން ވިޔުމުގެ ސާމާނާއި،
ފެހުމަށް ބޭނުންކުރާ އާލަތްތައް ހިމެނެ އެވެ. އަދި
އެކަލޭގެފާނު، ބިއްލޫރިން ބައްތި އުފެއްދެވި ކަމަށް ވެސް
ރިވާވެފައި ވެ އެވެ. ފޭރާން ވިޔުމުގެ މަސައްކަތް
އާންމުކުރެއްވީ އެކަލޭގެފާނެވެ.
ބިނާވެށީގައި
އެކަލޭގެފާނު ކުރެއްވި އެންމެ މުހިންމު އެއް
މަސައްކަތްޕުޅަކީ، ރަށްރަށް ޕްލޭންކުރެއްވުމާއި، ރަށްރަށް
އުފެއްދެވުމެވެ. ރަށް އުފެއްދުމާއި ބިނާކުރުމުގެ
ޤަވާޢިދުތަކާއި އުޞޫލުތައް އެކަލޭގެފާނު އެކަށައެޅުއްވި
އެވެ. ޢުމްރާނީ ވެށީގައި މަގުތަކުގެ ވިއުގަ އެކުލަވާލެއްވި
އެވެ. މަގުތައް ހައްދަވައި، ގޯތިގެދޮރާއި ދަނޑުބިންތަކަށް
ފެން ގެންދެވޭނެ ގޮތްތައް ހަމަޖެއްސެވި އެވެ. އެކަން
ކުރައްވާފައިވަނީ، ބިމުގައި ކޮނެވޭ ކޯރުތަކުގެ
ޒަރީޢާއިންނެވެ. މިޞްރުގެ ވާދިއްނީލުގައި އުފެދުނު
ބިނާވެށީގެ ހުރިހައި ކަމެއް އެކަލޭގެފާނު
އިންތިޒާމުކުރެއްވި އެވެ. އަދި އެ ބިނާވެށީގައި އޮތް
އިންސާނީ މުޖުތަމަޢުގެ ހުރިހައި ކަމެއް އެކަލޭގެފާނު
ތަރުތީބުކުރެއްވި އެވެ. އެކަލޭގެފާނުގެ ޒަމާނުގައި،
ދުނިޔޭގެ ބިމުގައި 188 ރަށް އުފެދުނު ކަމަށް ބުނެވެ އެވެ.
އެ ރަށްރަށުގެ މީހުންގެ މެދުގައި ވާހަކަދައްކާނެ
ބަހުރުވަތަކާއި ބަސްތައް އުފެދުނެވެ.
ބުނެވޭ
ގޮތުގައި، ސަލާމްލެއްވި އިދުރީސުގެފާނުގެ ޒަމާނުގައި،
މީހުން ވާހަކަދައްކާއުޅުނީ 72 ބަހުންނެވެ. އެކަލޭގެފާނު އެ
ބަސްތައް ދެނެވަޑައިގަންނަވަ އެވެ. ކޮންމެ ޤައުމެއްގެ
ބަޔަކާއެކު، އެ ޤައުމެއްގެ މީހުންގެ ބަހުން ވާހަކަފުޅު
ދައްކަވައި، އެމީހުންނަށް ކަންތައްތައް
އުނގަންނަވައިދެއްވި އެވެ. އެކަލޭގެފާނުގެ ޒަމާނުގައި
މީހުން ދިރިއުޅުނު ރަށްތަކާ ގުޅޭނެހެން ސުންނަތްތައް
އުފައްދަވައި، އެ ސުންނަތްތައް ޤާއިމުކުރެއްވި އެވެ.
މިޒަމާނުގެ ބަހުން ބުނާނަމަ، އެއީ ޤާނޫނާއި ޤަވާޢިދެވެ.
އަދި ދުނިޔޭގައި މީހުން ދިރިއުޅުނު ސަރަޙައްދުތައް ހަތަރު
ރީޖަނަކަށް ބައްސަވައި، އެއިން ކޮންމެ ރީޖަނަކަށް ސިޔާސީ
ވެރިޔަކު ހަމަޖެއްސެވި އެވެ.
އިސްވެ
އިޝާރާތްކުރެވުނު ފަދައިން، ދަނޑުވެރިކަމުގެ ޢިލްމަކީ ވެސް
އިދުރީސުގެފާނުގެ އަރިހުން އުފެދިގެން އައި ޢިލްމެކެވެ.
ދަނޑުގޮވާން ކުރުމަށް ބޭނުންކުރާނެ އާލަތްތަކާއި
ވަސީލަތްތައް އެކަލޭގެފާނު އީޖާދުކުރެއްވި އެވެ. ގޮވާން
ކުރާނެ އެއްޗިއްސާއި، ގޮވާން ކަނޑާނެ އެއްޗެހި ވެސް
އެކަލޭގެފާނު އުފެއްދެވި އެވެ. އޮށްޓަރު ގޮވާމުގެ
ބާވަތްތައް ގޮވާންކުރާނެ މޫސުމުތައް އެކަލޭގެފާނު
ކަނޑައެޅުއްވި އެވެ. ދަނޑު ގޮވާންކުރުމުގައި ގެރި ބަކަރި
ބޭނުންކުރެއްވި އެވެ. ޖަމަލާއި، ޙިމާރާއި، ބަޣަލު ފަދަ
ޖަނަވާރުތައް ތަރުބިއްޔަތުކުރައްވައި، އޭގެ
ބުރަކަށިމަތީގައި ބަރު އެއްޗެހި އުފުއްލެވި އެވެ.
ބޭސްފަރުވާގެ މައިދާނަށް އެކަލޭގެފާނު ވަނީ،
ފަތްޕިލާވެލީގެ ބޭސްވެރިކަން ގެނެސްދެއްވާފަ އެވެ.
އިދުރީސުގެފާނު އަލަށް ކުރެއްވި ކަންތައްތަކުގެ ތެރޭގައި:
1. މާތް ﷲ ގެ މަގުގައި ޖިހާދުކުރެއްވުމާއި،
2.
ސަވާރީއެއްގެ ގޮތުގައި އަސް ބޭނުންކުރެއްވުމާއި،
3.
މިނެކިރުމުގެ އުޞޫލުތައް ކަނޑައަޅުއްވައި، މިނެ، ކިރާނެ
އެއްޗެހި އުފެއްދެވުން ވެސް ހިމެނެ އެވެ.
އެންމެ
ފުރަތަމަ ޙިސާބު ޢިލްމާއި، އެ ޢިލްމުގެ އުޞޫލުތައް
ދަސްފުޅުކުރެއްވީ އިދުރީސުގެފާނެވެ. އެ ޢިލްމުގެ އަލީގައި،
ތަރިތައް ދިރާސާކުރައްވައި، ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމު
އުފެއްދެވީ އެކަލޭގެފާނެވެ. ރޭގަނޑު ދަތުރުފަތުރުކުރާއިރު،
ތަރިތަކަށް ބަލައިގެން ދަތުރުކުރުމުގެ ޢިލްމު ގެނެސްދެއްވީ
އެކަލޭގެފާނެވެ. ހިސާބު ޢިލްމާއި ފަލަކީ ޢިލްމު
ދަސްފުޅުކުރައްވައި، އެކަލޭގެފާނު އެ ޢިލްމުތައް
ބޭނުންފުޅުކުރެއްވީ މާތް ﷲ ރުހިވޮޑިގަންނަވާ ކަންކަމުގައި،
އެކަލާނގެ ޙަޟުރަތަށް ޠާޢަތްތެރިކަން އަދާކުރެއްވުމަށެވެ.
މިކަމުގެ މިސާލެއްގެ ގޮތުން، ހިސާބު ޢިލްމުގެ ގޮތްޕެއް
ކަމަށްވާ ހަންދަސީ ޢިލްމު، އެކަލޭގެފާނު
ބޭނުންފުޅުކުރެއްވި ގޮތް ފުދެ އެވެ. އެކަލޭގެފާނު އެ
ޢިލްމު ބޭނުންފުޅުކުރެއްވީ ބިނާވެށި
އާރާސްތުކުރެއްވުމަށެވެ. އެ ޢިލްމުގެ ބޭނުން
ހިއްޕަވައިގެން، އެކަލާނގެ ޙަޟުރަތަށް އަޅުކަންކުރާނެ
ބިނާތަކާއި، އެކަލާނގެ އަންގަވާފައިވާ ފަދައިން ތަޢުލީމު
ދޭނެ މަދްރަސާތައް އެކަލޭގެފާނު ބިނާކުރެއްވި އެވެ.
ސަލާމްލެއްވި އިދުރީސުގެފާނަކީ، ބުއްދިފުޅު ތަނަވަސް،
ވިސްނުންފުޅު ތޫނުފިލި، ފަހުމުކުރެއްވުން ބާރުގަދަ
ބޭކަލެކެވެ. މާތް ﷲ، އެކަލޭގެފާނަށް ދެއްވެވި ޢިލްމުތަކުގެ
ބޭނުން ހިއްޕަވައިގެން، އެކަލާނގެ ދީދާރުފުޅަށްޓަކައި
އެކަލޭގެފާނު ކުރެއްވީ އިންސާނިއްޔަތަށް ލާބަޔާއި
މަންފާހުރި ހެޔޮ ކަންކަމެވެ. އެކަލޭގެފާނު، ދުނިޔޭގެ ބިން
ފަހަނަޅުއްވައި، ކައުނުގެ ތެރެއަށް ނަޒަރު ހިންގެވި އެވެ.
އިރުގެ ނިޒާމުން ފެންނަ ޕްލެނެޓްތަކާއި، ތަރިރުހަނދުގެ
ދައުރާނަވުން ދިރާސާކުރެއްވި އެވެ. އެކަމުގެ ނަތީޖާއެއްގެ
ގޮތުން، އަހަރާއި، މަހާއި، ހަފުތާ އާއި، ދުވަސްތައް
ދެނެވަޑައިގެންނެވި އެވެ. އޭގެ އަލީގައި، ވަގުތާއި
ސާޢަތާއި މޫސުމުތައް ބައްސަވައި، ކައުކަބުތަކާއި
ތަރިތަކުގެ ދައުރާނަވުން ބަޔާންކުރެއްވި އެވެ. އަދި އޭގެ
މައްޗަށް ބިނާކުރައްވައިގެން، އިންސާނީ ޙަޔާތުގެ
ދިރިއުޅުން އިންތިޒާމުކުރެއްވި އެވެ.
މިޞްރުގެ
ޒަމާންވީ އެންމެ ހައިބަބޮޑު ބިނާތައް ކަމުގައިވާ
ޕިރަމިޑްތައް ބިނާކުރުމުގެ ޢިލްމާއި، އެ ތަންތަން
ބިނާކުރުމުގެ އާލަތްތަކާއި ވަސީލަތްތަކުގެ ޢިލްމުގެ ބާނީ
އަކީ ވެސް އެކަލޭގެފާނު ކަމަށް ރިވާވެފައި ވެ އެވެ.
މިޞްރުގެ ޞަޢީދު (صعيد مصر) އެވެ، ކިޔާ ބިމުގައި
އެކަލޭގެފާނު ޕިރަމިޑްތައް ބިނާކުރެއްވީ، މާތް ﷲ
އެކަލޭގެފާނަށް ދެއްވި ޢިލްމު، ރައްކާކުރެއްވުމަށްޓަކަ
އެވެ. އެއީ، ނޫޙުގެފާނުގެ ޒަމާނުގައި ދުނިޔެ ޣަރަޤުވާނެ
ޠޫފާނެއް އަންނާނެ ކަމުގެ ޚަބަރު، މާތް ﷲ، އެކަލޭގެފާނަށް
ދެއްވާފައިވާތީ އެވެ. އެކަލޭގެފާނަށް ދެއްވި
ޢިލްމުވެރިކަމާއި، ޙިކުމަތްތެރިކަމާއި، ފަންނުވެރިކަން، އެ
ޠޫފާނުގެ ތެރޭގައި ފަނާވެގެން ދިޔަ ނުދެއްވުމުގެ
މަޤުޞަދުގަ އެވެ. އެކަލޭގެފާނު، ޕިރަމިޑްތައް ބިނާކުރެއްވީ
ޠޫފާނުގައި ހަލާކުވެގެން ނުދާނެހެންނެވެ. ޠޫފާނަށްފަހު،
ދުނިޔޭގެ ބިމުގައި ސަލާމަތުން ހުރި ބިނާތަކުގެ ތެރޭގައި
ޕިރަމިޑްތައް ހިމެނުނެވެ. އެތަންތަނުގެ ތެރޭގައި
އެކަލޭގެފާނު ރައްކާކުރެއްވި ޢިލްމުގެ ފަތްފުށްތައް ވެސް
ސަލާމަތްވި އެވެ. އެހެންކަމުން، ޢިމާރާތްކުރުމުގެ ޢިލްމާއި
ފަންނުގައި ވެސް އެކަލޭގެފާނަކީ، ފުންނާބުއުސް
ބޭކަލެއްކަން އެނގެ އެވެ.
މިއަދާ ހަމައަށްވެސް
ޕިރަމިޑްތައް ވެފައިވަނީ ދުނިޔޭގެ ޢަޖާއިބުތަކުގެ ތެރެއިން
ބޮޑު ޢަޖާއިބެއް ކަމުގަ އެވެ. ދުނިޔެއަށް ބޮޑު
ބިންހެލުމެއް އަޔަސް ސަލާމަތްވާނެ ބިނާތަކަކީ އެއީ އެވެ.
މިޞްރުގެ ޖީޒާގައިވާ ބޮޑެތި ބިޔަ ޕިރަމިޑްތައް
ބިނާކުރެވިފައިވަނީ، އެކަލޭގެފާނު ގެނެސްދެއްވި ޢިލްމުގެ
އަލީގައި ކަމަށް ބުނެވެ އެވެ.
ސަލާމްލެއްވި
އިދުރީސުގެފާނު މިދުނިޔެއަށް ދޫކުރެއްވި ޢިލްމީ ތަރިކައިގެ
ތެރޭގައި އެކަލޭގެފާނުގެ ފޮތްތަކާއި، ޙިކުމަތްތެރި
ބަސްފުޅުތަކާއި، ކުރެއްވި ވަޞިއްޔަތްޕުޅުތައް ހިމެނެ އެވެ.
އެ ފޮތްތަކުގައި ވަނީ، މާތް ﷲ އަށާއި، އާޚިރަތްދުވަހަށާއި،
ޣައިބަށާއި، މިންވަރުފުޅަށާއި، މަލާއިކަތްބޭކަލުންނަށް
އީމާންވުމަށް އަންގަވާފަ އެވެ. އިންސާނުންގެ ހަމަ ލޮލަށް
ނުފެންނަ އެއްޗެހީގެ ތެރެއިން ޖިންނީންނާއި، ފުރާނަ އާއި،
ޤަރީނުގެ ވާހަކަ ވެސް އެ ފޮތްފޮތުގައި ބަޔާންވެފައި ވެ
އެވެ.
އެކަލޭގެފާނު ވިދާޅުވެފައިވާ ޙިކުމަތްތެރި
ބަސްފުޅުތަކުގެ ތެރޭގައި ވެ އެވެ.
ކިތަންމެ
ދޮށްޓަސް ޖާހިލަކީ ކުޑަކުއްޖެކެވެ. ކިތަންމެ ޒުވާނަސް
ޢާލިމަކީ ބޮޑު މީހެކެވެ.
ތިޔަބައިމީހުގެ ދަރީންނަށް
ޅަޢުމުރުގައި ތަޢުލީމު ދޭށެވެ!
ރުޅި މަތަކޮށް، ބަސް
ހިފަހައްޓައި، ނަފުސު ޠާހިރުކޮށްފި މީހާ، އެންމެހައި
ނުބައި ކަންކަމެއްގެ މައްޗަށް ގަދަވެއްޖެކަން ކަށަވަރެވެ.
ޢިލްމާއި ޙިކުމަތުން ދީލަތިވެއްޖެ މީހާ، މުދަލުން
ދީލަތިވެއްޖެ މީހެއް ފަދަ އެވެ. އެހެނަސް މުދަލަކީ
ފަނާވެދަނިވި އެއްޗެކެވެ. ޢިލްމަކީ ދެމިހުންނަނިވި
އެއްޗެކެވެ.
މާތް ﷲ ގެ ޙަޟުރަތަށް ބިރުވެތިނުވާ މީހަކު،
ޢަދުލުވެރިއެއް ކަމުގައި ނުވާނެ އެވެ.
ޙިލްމުން، ރުޅި
މަތަކުރާށެވެ! ޢިލްމުން، ޖާހިލުކަން ނެއްތައިލާށެވެ!
ޒިކުރުން، ހަނދާންނެތުން ފިލުވައިލާށެވެ!
ދަށުދަރަޖައިގެ މަންފާތައް ޙާޞިލުކުރުމުން އެއްކިބާވާށެވެ!
އެއިން ތިޔަބައިމީހުންގެ ދަބަސްތައް ފުރުނު ކަމުގައި
ވިޔަސް، އެއީ ތިޔަބައިމީހުންގެ ހިތްތަކުން އީމާންކަން
ބޭރުކޮށްލާނެ އެއްޗެކެވެ!
މި ނޫނަސް މިފަދަ ކިތަންމެ
ޙިކުމަތްތެރި ބަސްފުޅުތަކެއް އެކަލޭގެފާނު ވިދާޅުވެފައި ވެ
އެވެ.
އިދުރީސުގެފާނުގެ ވަޞިއްޔަތްޕުޅުތަކުގެ
ތެރެއިން، އެކަލޭގެފާނު މިޞްރުގެ ރާޖާއަށް ކުރެއްވި
ވަޞިއްޔަތްޕުޅުތައް ފާހަގަކޮށްލެވެ އެވެ. މިދަންނަވަނީ
އެއިން ބައެއް ވަޞިއްޔަތްޕުޅުތަކެވެ.
ތިމަންކަލޭގެފާނު ތިބާއަށް ވަޞިއްޔަތްޕުޅުކުރައްވާ
ފުރަތަމަ ކަމަކީ، މާތް ﷲ އަށް ތަޤުވާވެރިވުމެވެ. އަދި
އެކަލާނގެ ޙަޟުރަތަށް ޠާޢަތްތެރިކަން އަދާކުރުމެވެ.
މީސްތަކުންގެ ވެރިކަމަކާ ޙަވާލުވެއްޖެ މީހާ ތިންކަމެއް
ދަންނަހުއްޓެވެ.
1. އޭނާ ބަލަހައްޓަންޖެހޭ ގިނަ
ޢަދަދެއްގެ ބަޔަކު ވެ އެވެ.
2. އޭނާގެ ބެލެމުގެ
ދަށުގައިވާ ރައްޔިތުންނަކީ މިނިވަނުންނެވެ. އެއީ އޭނާގެ
އަޅުންނެއް ނޫނެވެ.
3. އޭނާ އަށް ލިބުނު ވެރިކަން
ދާއިމަށް ދެމިއެއް ނޯންނާނެ އެވެ.
ތިބާގެ އާޚިރަތް
ބާއްޖަވެރިކުރުމަށް މަސައްކަތްކުރާށެވެ! އޭރުން ތިބާގެ
ދުނިޔެ ބާއްޖަވެރިވާނެ އެވެ.
ކީމިޔާގެ އަހުލުވެރިން
ރައްކާތެރިކަމާއެކު ބަލަހައްޓާށެވެ! އެމީހުންގެ ސަބަބުން
ބައިތުލްމާލު ތަނަވަސްވާނެ އެވެ. (ކީމިޔާގެ
އަހުލުވެރިންނަކީ، މޮޅު މީހުންނާއި، ބުއްދިވެރިންނާއި
މަސައްކަތްތެރިންނެވެ.)
ޢިލްމުވެރިންނަށް ދީލަތިވެ،
އެމީހުން ކުރިޔަށް ނެރޭށެވެ!
ވެރިކަމުގެ ނިޒާމު
ގަނޑުބަޑުކުރަން އުޅެފި ކޮންމެ މީހަކަށް މަރުގެ އަދަބު
ދޭށެވެ! އަދި އޭނާއަށް އެ އަދަބު ދެވުނުކަން
އިޢުލާންކުރާށެވެ! އެއީ، އެހެން މީހުން ޢިބްރަތް
ޙާޞިލުކުރުމަށްޓަކަ އެވެ. ފަހެ، ވެރިކަމުގެ ނިޒާމު
ފާސިދުވެއްޖެނަމަ، މުޅި ޤައުމު ފާސިދުވާނެ އެވެ.
ވައްކަންކޮށްފި މީހާގެ އަތް ކަނޑާށެވެ!
މަގުފޭރިއްޖެ
މީހާ ޤަތުލުކުރާށެވެ!
މީހުން ކުރާ ކުދިކުދި ކުށްތަކަށް
އަދަބު ދިނުމުގައި އަވަސްވެނުގަންނާށެވެ! އެމީހުންނަށް،
ތައުބާވެ، މަޢާފަށް އެދުމުގެ ފުރުޞަތު ފަހިކުރާށެވެ!
ވެރިކަމުގެ މަޤާމަށް ވާޞިލުވުމުގެ މަގު ފަށަންވާނީ، ތިމާގެ
އަމިއްލަ ނަފުސުގެ މައްޗަށް ވެރިކަން ކުރަން ދަސްކުރަން
ފަށާ ހިސާބުންނެވެ. އެހެން މީހެއްގެ މައްޗަށް ވެރިކަން
ކުރުމުގެ މަގު ސީދާ ވާނީ އޭރުންނެވެ.
މިއީ،
ސަލާމްލެއްވި އިދުރީސުގެފާނު، މިޞްރުގެ ރާޖާއަށް
ވަޞިޔަތްކުރެއްވި ބައެއް ވަޞިއްޔަތްޕުޅުތަކެވެ. މި
ވަޞިއްޔަތްޕުޅުތަކަށް ބަލާއިރު، އެކަލޭގެފާނަކީ، ސިޔާސީ
ޢިލްމުގެ މައިދާނުގައި ވެސް ފުންނާބު އުސް ބޭކަލެއްކަން
މޭރުންވެ އެވެ. މި ވަޞިއްޔަތްޕުޅުތައް ބަޔާންވެފައިވަނީ،
"އަޚްބާރުލް ޢުލަމާއު" (أخبار العلماء) އެވެ، ކިޔާ ފޮތުގަ
އެވެ.
ސަލާމްލެއްވި އިދުރީސުގެފާނުގެ ޙަޔާތްޕުޅު
ނިމުނު ގޮތް ބުނެދޭ އެތައް ރައުޔެއް ވެ އެވެ.
އެކަލޭގެފާނު އުޑަށް އުފުއްލެވުމަށްފަހު އުޑުގައި
އަވަހާރަވި ކަމަށް ބުނާ ރައުޔާއި، އެކަލޭގެފާނު އުޑުގައި
އަވަހާރަވުމަށްފަހު ބިމަށް ތިރިކުރައްވައި ބިމުގައި
ފަސްދާނުލެއްވުނު ކަމަށް ބުނާ ރައުޔާއި، އެކަލޭގެފާނު
އުޑަށް ނުއުފުއްލަވާ ކަމަށް ބުނާ ރައުޔުތައް ވެ އެވެ.
އެއިން އެއްވެސް ރައުޔެއް ތެދުކުރުމާއި، ދޮގުކުރުމަކީ
ކުރެވޭނެ ކަމެއް ނޫނެވެ. އެ ރައުޔުތަކަކީ، ސަލާމަތް ބުއްދި
ޤަބޫލުނުކުރާ ރައުޔުތައް ކަމުގައި ނުވާތީއެއް ނޫނެވެ.
އެކަމަކު، އެއިން އެއްވެސް ރައުޔެއް ޞައްޙަ ރިވާޔަތަކުން
ވާރިދުވެފައި ނުވާތީ އާއި، އޭގެ ޞައްޙަކަން ސާބިތުވެފައި
ނުވާތީ އެވެ.
ސަލާމްލެއްވި އިދުރީސުގެފާނާ ބެހޭ
ގޮތުން ވާރިދުވެފައިވާ ޙަދީޘްފުޅުތަކުގެ ޚުލާޞާގައި
ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.
އިދުރީސުގެފާނު
ދުނިޔެއަށް ވަޑައިގަތީ ޢާޝޫރާ ދުވަހެއްގަ އެވެ.
އެކަލޭގެފާނު އަވަހާރަވީ ވެސް ޢާޝޫރާ ދުވަހެއްގަ އެވެ.
އެކަލޭގެފާނު އުޑަށް އުފުއްލެވުނީ ވެސް ޢާޝޫރާ ދުވަހެއްގަ
އެވެ. އެއީ ބުރާސްފަތި ދުވަހެކެވެ.
އެކަލޭގެފާނު އުޑަށް
އުފުއްލެވުނީ، ޢިރާޤުގެ ކޫފާގައިވާ މަސްޖިދުއްސަހުލާ
ހުންނަ ސަރަޙައްދުންނެވެ.
އެކަލޭގެފާނު އުފުއްލެވުނީ،
ހަތަރުވަނަ އުޑަށް ކަމަށާއި، ފަސްވަނަ އުޑަށް ކަމަށާއި،
ހަވަނަ އުޑަށް ކަމަށް ވާރިދުވެފައި ވެ އެވެ.
މި
ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ކީރިތިވަންތަ މާތް ﷲ
އެވެ.
އަޅުގަނޑުމެން ޤަބޫލުކުރުން ޙައްޤުކަންބޮޑީ
ކީރިތި ޤުރުއާނުގައި އެކަލޭގެފާނާބެހޭ ގޮތުން މާތް ﷲ
އަންގަވާފައިވާ ގޮތެވެ. މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(وَاذْكُرْ فِي الْكِتَابِ إِدْرِيسَ إِنَّهُ كَانَ
صِدِّيقًا نَّبِيًّا
وَرَفَعْنَاهُ مَكَانًا عَلِيًّا)
މަރްޔަމް: 56-57
މާނައީ، "ކަލޭގެފާނު މި ފޮތުގައި
(ވާ ގޮތަށް) އިދުރީސުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ!
ހަމަކަށަވަރުން، އެކަލޭގެފާނީ، ތެދުވެރިކަން ބޮޑު
ނަބިއްޔަކު ކަމުގައި ވި އެވެ.
އަދި ތިމަންރަސްކަލާނގެ،
އެކަލޭގެފާނު މަތިވެރިވެގެންވާ މަޤާމަކަށް
އުފުއްލެވީމެވެ."
އެހެން އާޔަތެއްގައި
ވަޙީކުރައްވާފައި ވެ އެވެ.
(وَإِسْمَاعِيلَ
وَإِدْرِيسَ وَذَا الْكِفْلِ كُلٌّ مِّنَ الصَّابِرِينَ)
އަލްއަންބިޔާ: 85
މާނައީ، "އަދި
އިސްމާޢީލުގެފާނާއި، އިދުރީސުގެފާނާއި، ޛުލްކިފުލިގެފާނު
ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކު ވަނީ،
ކެތްތެރިންގެ ތެރެއިންނެވެ."
ސަލާމްލެއްވި
އިދުރީސުގެފާނަކީ، ޢުމްރާނީ ތަރައްޤީއާއި ބިނާވެށި
އާރާސްތުކުރުމުގައި ވަރަށް މުހިންމު ތާރީޚީ ދައުރެއް
އަދާކުރައްވާފައިވާ ބޭކަލެކެވެ. އެތައް ޢިލްމަކާއި، އެތައް
ފަންނެއް އުފެދިގެންއައީ، އެކަލޭގެފާތުގެ އަތްޕުޅުމަތީގަ
އެވެ. އެތައް ޞިނާޢަތުތަކަކާއި، އެތައް އުފެއްދުންތަކެއް
ވުޖޫދަށް އައީ، އެކަލޭގެފާނުގެ އަތްޕުޅުމަތީގަ އެވެ.