ހަނޑޫ ފުކެއްގެ ބަދަލު


އެއްޒަމާނެއްގައި، މުއްސަނދިވާ ހިތުން އުޅުނު މީހަކު އުޅުނެވެ. އޭނާގެ ހިތަށް އަރައެވެ. ތިމަންނާ މުއްސަނދިވެއްޖެނަމަ، އެހެން މީހުންގެ ދަނޑުތަކަށް ގޮސް، މަޖޫރީއެއްގެ ގޮތުގައި މަސައްކަތެއް ނުކުރާނަމެވެ. ކިއެއްހެއްޔެވެ. ބޮޑު ބިމެއް ގަނެގެން، އަމިއްލަ ބިމުގައި ދަނޑު ހައްދާނީ އެވެ. ދިރިއުޅޭނީ ބޮޑު ގެއެއްގަ އެވެ. ކާނީ އެންމެ މީރު ކާނާ އެވެ. ލާނީ އެންމެ އަގުބޮޑު ފޭރާމެވެ. އަދި މިދުނިޔޭގައިވާ ހުރިހާ އުފަލަކާއި އަރާމެއް ޙާޞިލްކުރާނަމެވެ.

މި ފިކުރުގައި އޭނާ ހުއްޓައި، އެ ޝަހަރުގެ ރަސްގެފާނު ދަނޑުތަކަށް ޒިޔާރަތްކުރައްވާ ޚަބަރު ލިބިއްޖެ އެވެ. އޭނާގެ ހިތަށް އެރި އެވެ. މިލިބެނީ ރަނުގެ ފުރުޞަތެކެވެ. ރަސްގެފާނަކީ ނުހަނު ދީލަތި ބޭފުޅެކެވެ. އެމަނިކުފާނު ވަޑައިގަތުމުން، ބިމެއް ގަނެވޭހައި ރަނާއި ޖަވާހިރުކޮޅެއް ދެއްވުން އެދި ދަންނަވާނީ އެވެ.

ހަފުތާއެއްހައި ދުވަސް ފަހުން ރަސްގެފާނު ދަނޑުތަކަށް ޒިޔާރަތްކުރައްވަން ފަށްޓަވައިފި އެވެ. ފޮނި ހުވަފެންތަކެއް ދެކެމުން ދިޔަ ދަނޑުވެރިޔާގެ ދަނޑާ ހަމައަށް ވެސް އެމަނިކުފާނު ވަޑައިގަތެވެ. އެހިނދު ދަނޑުވެރިޔާގެ މުހުދާތު އެމަނިކުފާނުގެ އަރިހުގައި ދެންނެވި އެވެ.

ހިނިފުޅުވަޑުވާފައި ރަސްގެފާނު ވިދާޅުވި އެވެ.

"ތިމަންމަނިކުފާނު މިވަޑައިގެންނެވީ، ތިޔަބައިމީހުންނަށް އެއްޗެއް ދެއްވާކަށް ނޫނެވެ. އެކަމަކު ތިޔަބައިމީހުން ތިމަންމަނިކުފާނަށް ދޭ އެއްޗެއް ލިބިވަޑައިގަތުމުގެ މަޤުޞަދުގަ އެވެ."

ދަނޑުވެރިޔާ ކަންބޮޑުވެ ހާސްވި އެވެ. އޭނާގެ ހިތަށްއެރި އެވެ. މިއީ ހާދަހާ ދަހި ރަސްކަލެކެވެ. ނަމަވެސް މި ވީގޮތުން ރަސްގެފާނަށް ކޮންމެވެސް އެއްޗެއް ދޭން ޖެހުނީތާ އެވެ. މަޑުން ހުރިނަމަ މި ކަމެއް ނުޖެހުނީސްތާ އެވެ. ދެން ދަނޑުވެރިޔާގެ އަތުގައި އޮތް ހަނޑޫ ކޮތަޅަކުން ހަނޑޫފުކެއް ރަސްގެފާނުގެ އަތްޕުޅަށް އެރުވި އެވެ. ރަސްގެފާނުގެ އަސްގާޑިޔާކޮޅު ދަނޑުގެ ވަށައިގެން ބުރެއް އެޅުމަށްފަހު އޭނާގެ ކައިރިއަށް އެނބުރި އަޔެވެ. އަދި ރަސްގެފާނު އޭނާގެ ހަނޑޫ ކޮތަޅަށް ހަނޑޫ ފުކެއްވަރު އެއްޗެއް ވައްޓަވާލައްވާފައި ވަޑައިގެންފި އެވެ.

ދަނޑުވެރިޔާ، އެދުވަހު ގެޔަށް ދިޔައީ ނުހަނު މަޑުމޮޅިކަމާއެކު، ހިތާމަވެރި ޙާލެއްގަ އެވެ. ގެޔަށް ގޮސް، ހަނޑޫކޮތަޅު އޭނާގެ އަންހެނުންގެ އަތަށް ދިނެވެ. ދެން އޭނާގެ އަންހެނުން ބަތްކައްކަން ވެގެން، އެއިން ހަނޑޫ ނަގައިގެން ދޮންނަން ފެށި އެވެ. އޭގެތެރޭގައި އާދަޔާ ޚިލާފު އެއްޗެއް އޮތްހެން ހީވެގެން ބެލިއިރު، އޭނާއަށް ފެނުނީ ރަން ހަނޑޫފުކެކެވެ. އެއާމެދު އަންތަރީސްވެފައިވާ ޙާލު، ފިރިމީހާއަށް ގޮވާލާފައި ބުންޏެވެ.

"ޚާލިސް ރަނުން ހަދާފައިވާ ރަން ހަނޑޫފުކެއް މީގެ ތެރެއިން ފެނިއްޖެ އެވެ!"

އެހިނދު ބޭއިޚުތިޔާރުގައި ފިރިމީހާގެ ދުލުން ބުނެލެވުނެވެ.

"ހަނޑޫކޮތަޅު އެއްކޮށް ރަސްގެފާނަށް ވެދުންކުރެވުނު ނަމަ އެވެ."

ކަންކުރަންވީ ގޮތް، ދަނޑުވެރިޔާއަށް މިވިސްނުނީ ވަގުތު ފާއިތުވި ފަހުންނެވެ. "މީހަކަށް އެއްޗެއް ދޭއިރު، ދީލަތިވުން ބުއްދިވެރި އެވެ." ރަސްގެފާނު ދަނޑުވެރިޔާއަށް ދެއްވީ މިފިލާވަޅެވެ.

މަޞްދަރު: މުންތަދަޔާތުލްމަޙައްބާ