ޤުރުއާނުގައި ޑައިނަސޯރގެ ވާހަކަ ވޭތޯއެވެ؟


ކީރިތި ޤުރުއާނުގައި ޑައިނަސޯރ ގެ ވާހަކަ ނަންގަނެވިފައިވޭތޯ ސުވާލުކުރެވެ އެވެ. މިސުވާލަށް ޢިލްމުވެރިން ވަނީ، ތަފާތު އުސްލޫބުތަކުން ޖަވާބުދެއްވާފަ އެވެ. މިލިއުމުގައި މިވަނީ، ދީނާއި ސައިންސްގެ ޢިލްމުވެރިން ދެއްވާފައިވާ ޖަވާބުތަކަކުން ނަގާފައިވާ ޚުލާޞާއެކެވެ.

މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
(وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَى لِلْمُسْلِمِينَ)
އައްނަޙުލު: 89
މާނައީ، "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ ގޮތުގަ އެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަޙުމަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގަ އެވެ."

ކީރިތި ޤުރުއާނުގައި، ހުރިހައި އެއްޗެއްގެ ވާހަކަ ބަޔާންކޮށްދެއްވާފައިވާކަން މިއާޔަތުން އެނގެ އެވެ.

ޑައިނަސޯރަކީ، މީގެ 65 މިލިއަން އަހަރު ކުރިން ދުނިޔޭގައި އުޅެފައިވާ ބިޔަ ޖަނަވާރުތަކެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އެ ޖަނަވާރުތައް ފެތުރިފައިވި އެވެ. އެ ޖަނަވާރުތައް ފަނާވެގެންދިޔައީ، ބިމަށް ވެއްޓުނު ގިނިހިލަތަކެއްގެ ސަބަބުންނެވެ. މިޒަމާނުގެ ޢިލްމީ ހޯދުންތަކުންވަނީ، ޑައިނަސޯރގެ އަސަރު ފެނިފަ އެވެ. އެފަދަ އަސަރުތަކުގެ ތެރޭގައި ބިމުއަޑީގައި ވަޅުޖަހާފައިވާ އޭގެ ކަށިތައް ހިމެނެ އެވެ.

ކީރިތި ޤުރުއާނުގައި، "ޑައިނަސޯރ" މިނަމެއް ނެތެވެ. އެހެނީ، މިނަމަކީ، މާތް ﷲ ދެއްވާފައިވާ ނަމެއް ނޫނެވެ. މިނަމަކީ، ސައިންޓިސްޓުން ދެއްވާފައިވާ ނަމެކެވެ. ނަމަވެސް، ޑައިނަސޯރާއި އެނޫން މަޚުލޫޤުންނަށް ކިތަންމެ އިޝާރާތެއް، ކީރިތި ޤުރުއާނުގައި ކުރައްވާފައިވެ އެވެ. ތިރީގައި މިވަނީ، އެފަދަ އިޝާރާތްތަކުގެ ބައެއް މިސާލެވެ.


1. އަލްއަންޢާމު ސޫރަތުގެ 38 ވަނަ އާޔަތް

(وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ ثُمَّ إِلَى رَبِّهِمْ يُحْشَرُونَ)
މާނައީ، "ފުރާނައެއް ހުރެގެން ބިމުގައި ދިރިއުޅޭ ކޮންމެ އެއްޗެއްވިޔަސް، އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ އުއްމަތްތަކެއް ކަމުގައި ނޫނީ ނުވެ އެވެ. ފޮތުގައި (ނުލިއުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (ޤިޔާމަތްދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ ޙަޟުރަތަށެވެ."

ޑައިނަސޯރަކީ ވެސް، އިންސާނުން ފަދައިން މުޖުތަމަޢުތައް ހަދައިގެން އުންމަތެއްގެ ގޮތުގައި އުޅުނު މަޚުލޫޤުންކަން މި އާޔަތުން އެނގެ އެވެ.


2. ޤާފު ސޫރަތުގެ 36 ވަނަ އާޔަތާއި 37 ވަނަ އާޔަތް

(وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هُمْ أَشَدُّ مِنْهُمْ بَطْشًا فَنَقَّبُوا فِي الْبِلَادِ هَلْ مِنْ مَحِيصٍ) 36،
(إِنَّ فِي ذَلِكَ لَذِكْرَى لِمَنْ كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ) 37،
މާނައީ،
(36) "އަދި އެއުރެންގެ ކުރިން، ތިމަންރަސްކަލާނގެ ކިތައްކިތައް އުއްމަތް ހަލާކުރެއްވިން ހެއްޔެވެ؟ އެއުރެންނަށްވުރެ، އެއިހުގެ މީހުން ބާރުގެ ގޮތުން މާ ގަދަފަދަ އެވެ. ފަހެ، އެއުރެން ރަށްތަކަށް ދަތުރުކޮށް ހޯދައި ބެލި އެވެ. އެއުރެންނަށް ފިލަންދާނެ ތަނެއް ފެނުނުހެއްޔެވެ؟"
(37) "ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، (އެބަހީ: ވިސްނައި ފިކުރުކުރާ މީހަކަށް) ނުވަތަ ޙާޟިރުވެހުރެ ކަނުލައި އަހާ މީހަކަށް، އެކަމުގައި ނަޞީޙަތާއި ޢިބްރަތް ވާކަން ކަށަވަރެވެ."

އިހުޒަމާނުގައި، ދުނިޔޭގައި އުޅުނު މަޚުލޫޤުން މާތް ﷲ ހަލާކުކުރައްވާފައިވަނީ، އެ މަޚުލޫޤުން ބިމުގައި ފަސާދަކުރުމުންނެވެ. އެއީ، މިހާރުގެ މީހުންނަށްވުރެ މާ ބާރުގަދަ މަޚުލޫޤުންކަން މިއާޔަތްތަކުން އެނގެ އެވެ. މާތް ﷲ އެތަކެތީގެ އަސަރު ބިމުގައި ލައްވާފައިވަނީ، އިންސާނުން އެއިން ޢިބްރަތް ލިބިގަތުމަށްޓަކަ އެވެ.


3. އަލްބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތް

(وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ)
މާނައީ، "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު، ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫ އެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަކިޔައި، އިބަރަސްކަލާނގެއަށް ތަޤުދީސްކޮށްކޮށް ތިއްބައި، އެބިމުގައި ފަސާދަ އުފައްދައި ލޭ އޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެބިމުގައި ލައްވަނީތޯ އެވެ؟ އެކަލާނގެ ވަޙީކުރެއްވި އެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."

މިއާޔަތުން އެނގޭ ގޮތުގައި، އިންސާނުންނަށްވުރެ ކުރިން، ބިމުގައި އުޅުނު މަޚުލޫޤުންވަނީ، ބިމުގައި ފަސާދަ އުފައްދައި ލޭ އޮހޮރުވާފަ އެވެ. އެ މަޚުލޫޤުންވަނީ، އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިވެފަ އެވެ. އިންސާނުން ބިމުގައި ފަސާދަ އުފައްދައި، ލޭ އޮހޮރުވާނެކަން މަލާއިކަތުންނަށް އެނގިވަޑައިގަތީ، ކުރިން ބިމުގައި އުޅުނު މަޚުލޫޤުން އެކަން ކޮށްފައިވާތީ އެވެ.

ޑައިނަސޯރާބެހޭ ހޯދުންތަކުން އެނގޭ ގޮތުގައި، އެތަކެތި ފަނާވެފައިވަނީ، ދުނިޔެއަށް އައި، ގިނިހިލައިގެ ޠޫފާނެއްގަ އެވެ. ތާރީޚީ މަޞްދަރުތައް ކަށަވަރުކޮށްދޭ ގޮތުގައި، ޑައިނަސޯރަކީ، އެތަކެތީގެ އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވެ، ލޭ އޮހޮރުވައި އުޅުނު މަޚުލޫޤުންގެ އުއްމަތެކެވެ. ބިމުގައި އެތަކެތި ވަރަށް ބޮޑަށް ފަސާދަ އުފެއްދި އެވެ.

ނަންގަނެވިދިޔަ އާޔަތްތަކާމެދު ވިސްނާ ފިކުރުކުރާއިރު، ކީރިތި ޤުރުއާނުގައި ޑައިނަސޯރަށާއި އެފަދަ އެހެން މަޚުލޫޤުންނަށް އިޝާރާތްކުރައްވާފައިވާކަން އެނގެ އެވެ. އެފަދަ ތަކެއްޗާ ބެހޭ މަޢުލޫމާތަކީ، އިންސާނުންނަށް ހޯދައިގަނެވޭނެ އެއްޗެއް ކަމަށްވާތީ، ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ، ހޯދައި ބެލުމަށެވެ. އަދި އިންސާނުންނަށްވުރެ މާ ބިޔަ، މާ ބާރުގަދަ، މަޚުލޫޤުންގެ އެތައް އުއްމަތެއް، މާތް ﷲ ހަލާކުކުރެއްވި ކަމަށެވެ. އެފަދަ މަޚުލޫޤުންގެ ތެރޭގައި ޑައިނަސޯރ ވެސް ހިމެނެ އެވެ.


މަޞްދަރު:
موقع القرية
http://holiness.110mb.com/loyathan.htm
http://www.dinosaurtypes.net