ވީނަސްގެ ސުވާލު


1.
މިތުރާއެ މާ ފުން ވިސްނުމެއްގައި އިންނަނީ،
ނިތުގައި ފުރެންދެން ރޫތަކެއް ޖެހިފައިވަނީ،
މޮޅި ޙާލުގައި އިނދެ މަޑުމަޑުން ތިޔަ ގިސްލަނީ،
ހިތް ވީ ޒަޚަމް ނުފިލާކަމުންހޭ އަދި މުޅިން؟

2.
އުޑުގައި ވި ހުދު ހުރިހާ ވިލާއެއް ރޫޅިގެން،
އޮއްސޭ ފަރާތަށް މަޣުރިބަށް އެދަނީ ބިރުން،
ޖަލަކުން ފިލައިގެންދާ އަސީރުން ދާ ފަދައިން،
އަލަކުން އެ ދެން ނާރާނެޔޭ އަދު އަންގަމުން،
ރީނދޫ ކުލައިން ކަޅިވާ ގުރުސް ކަމުގައި ހިތައި،
މިތުރާގެ މޫނުގެ ކުލަ އެއަށް ފެނުމާއެކީ.

3.
ފަންތަކު މަތީގައި ދޫނިތައް ތިބެ ރޯ އަޑުން،
ޖައްވާ އަތީރާ މުޅި ފަޒާ ގުގުމާލުމުން،
ތަރިތައް މަދާރުން ނެއްޓެނީހެން ހީވެގެން،
އުރުގައިވިހައި ގުރަހަލިތަކެއް ދޫކޮށްލުމުން،
ގިނިހިލަތަކެއްހެން ތެދު މަގުން ކައްސާލުމުން،
މުޅި ކައުނުގައި އުފެދިއްޖެޔޭ ހައިޖާންގަނޑެއް.

4.
އަސްވާރު އަދު ތިކުރާ ހިތާމައިން ވީ ގޮތުން،
އޯބިޓް މަތީ އިންނަން މަށަށް ދެން ނުކެރިގެން،
ކައުނުގެ ތެރަށް އަޒަލީ ނިޒާމު އައުމަށް އަދައި،
ލޯބީގެ ރަނި ވީނަސް ކަމަށް ވީތީ އައީ،
ބަރުދާސްތު ތިކުރާ ކެކުޅުމަށް ފަރުވާކުރަން،
އަތުގައި މަގޭ ވާހައި ޢިލާޖެއް ދޭން ހިތައި.

5.
ތިޔަހެން ތިތާ އިނދެ ނިމިދިޔަސް ވެއްޔަށްވެގެން،
ހިތަކަށް ލިބޭނޭ ރާޙަތެއް ހަމަ ނެތްމެޔޭ،
ވީމާ، ހިނގާށޭ ގޮސްލަމާ ފަރުބަދަތަކަށް،
ފެހި ދޫލައެއްހެން ފެންނަ ބިޔަ ޖަންގަލިތަކަށް،
ކުދި ދޫނިތައް އުދުހޭތަނާ ގަސްތަކު މަތީ،
ދެކިލައި އެއިން މުނިފޫހި އަދު ފިލުވާލުމަށް.

6.
މަދަނީ ޙަޔާތް ދޫކޮށް ހިނގާށޭ ދެން ދަމާ،
ޤުދުރަތުގެ ތާޒާ ޖައްވަކަށް ނޭވާލުމަށް،
ކިލަނބުގެ އަސަރު ވައިގައި ނުވާ ވާދީއަކަށް،
ގޮފިތަކު މަތީ ތިބެ ދޫނިތައް ހެން ލަވަކިޔައި،
ތަރިތަކުގެ ސިލްވަރު ހުދު އަލީގައި ޑާންސުކޮށް،
ވިނަތަކުގެ ފެހި ބިޔަ ދާން މަތީ ރޭގަނޑު ނިދަން.

7.
ދިގު ކޯރުތައް ދެމެދުން އެދާއިރުގައި އިވޭ،
މިޔުޒިކު ޚަރީރުގެ އަޑު އަހާލަން ހެޔޮ ހިތުން،
ފަހެ، ދެން ނުދާނަންހޭ؟ ދެމޭ ވާދީތަކަށް،
ސިކުނޑީގެ ގިނަ އާލާމްތަކަށް މޮޅު ބޭހެކޭ،
ފެންގަނޑު ދެމޭ އަޑު އިވި ލޮލަށް އަދި ފެނުމަކީ،
އައްސޭރިއަށް ޖަހަމުން އެދާ ކުދި ރާޅުތައް.

8.
އޮޅިތައް ގިރާނުވެވޭ ދުވަސް އައުމުގެ ކުރިން،
ފޮޅިފައި މިވާ ފިނިފެންމަލަށް ބޮސްދީހަދައި،
ފިޔަތަކުމަތީ އިނދެ ރާޙަތެއް ލިބިގަންނަމުން،
ކަރުގަނޑު ތެރޭން މިއަރާ ނަބީޒުގެ ފޮނި ވަހުން،
ރޫޙާ، ޚިޔާލާތް ބާއްޖަވެރިކޮށްލަން ނައިސް،
ތިޔަހެން ތިތާ ތިޔަ އިންނަނީ ފަހެ، ކީއްވެހޭ؟


ނޯޓް: މިއީ، 1993 ވަނަ އަހަރު ހަދާފައިވާ ޅެމެކެވެ. މި ޅެން ހެދި ދުވަސްވަރު އަޅުގަނޑުގެ ވުޖުދާނުގައި ވަނީ، ބަނޑުވައް އަކުރާއި ކާފިޔާއިން މިނިވަންވުމުގެ ޚިޔާލެވެ. މި ޅެން އެންމެ ފުރަތަމަ ޝާއިޢުކުރީ، އަޅުގަނޑު އަތުން ލިޔެގެން ނެރުނު، "ސިޖިއްލު" އެވެ، ކިޔާ މަޖައްލާއެއްގައެވެ.