ޤުދޫމުގެ ތަޙިއްޔަތު


1.
ވިދާ އަބަދު ބަބުޅާ އެ ނޫރަށް ސަލާމް،
ހިދާޔަތުގެ މަތިވެރި މަނާރަށް ސަލާމް.

2.
ޙަބީބާށަ ރައްބީގެ ލޮބުވެތި ސަލާމް،
ނަބީކަމުގެ މިސްކުލްޚިތާމަށް ސަލާމް.

3.
ޞަފިއްޔުގެ ވަޞިއްޔަތްފުޅަށް ހެޔޮ ސަލާމް،
ވަފިއްޔުގެ ދުޢާ ހެޔޮ ފުޅަށް ވެސް ސަލާމް.

4.
ވަސީލަތުގެ ވެރިޔާށަ މަތިވެރި ސަލާމް،
ފަޟީލަތުގެ މޮޅު ޙައްޤުދާރަށް ސަލާމް.

5.
ދިޔާނަތުގެ ސާބިތު އިމާމަށް ސަލާމް،
ޤިޔާމަތުގެ އަޢުލާ ޝަފީޢަށް ސަލާމް.

6.
އިރާ ހަނދުގެ އަލިކަމުގެ ސިއްރަށް ސަލާމް،
ޙިރާއާއި ޘައުރުގެ ޖަލީސަށް ސަލާމް.

7.
ދިޢާޔަތުގެ ސީދާ ޢަމޫދަށް ސަލާމް،
މި ޢާލަމުގެ ބޮޑު ރަޙްމަތަށް ވެސް ސަލާމް.

8.
އެ ދުނިޔޭގެ ޞާޙިބު ލިވާ އަށް ސަލާމް،
މި ދުނިޔޭގެ ސިލްމާ ސަލާމަށް ސަލާމް.

9.
ރިސާލަތުގެ އައުދާނަ ޞަދުރަށް ސަލާމް،
ވިޝާމޭ މަކާރިމުގެ ވެރިޔަށް ސަލާމް.

10.
މިސާލެއް ނުވާ ޤުދުވަތަށް މޮޅު ސަލާމް،
ލިސާނަށް ވަޙީ ތަރުޖަމާނުގެ ސަލާމް.

<><><> <><><> <><><>
اَلَّلهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِ اْلوُجُوْدِ
سَيِّدِنَا مُحَمَّدٍ صَاحِبِ اْلمَقَامِ اْلمَحْمُوْدِ
<><><> <><><> <><><>

މި ޅެން ނަކަލުކޮށްފައިވަނީ، "ސަރުކާރުގެ ޚަބަރު" ނޫހުންނެވެ.

މާތް ﷲ، މި ޅެން ހެއްދެވި ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ އަށް، މަތިވެރިވެގެންވާ ސުވަރުގެތަކުގައި، ނިމުމެއް ނެތް ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން!