ދުޢާކުރުމުގެ އަދަބުތަކާއި އިޖާބަކުރެއްވުމުގެ ސަބަބުތައް


1. މާތް ﷲ ގެ ޙަޟުރަތަށް އިޚުލާޞްތެރިވުން.
2. މާތް ﷲ ގެ ޙަޟުރަތަށް ޙަމްދާއި ޘަނާ ދެންނެވުމަށްފަހު ދުޢާކުރަން ފެށުން. އަދި ދުޢާކޮށް ނިމިގެން ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ޞަލަޥާތާއި ސަލާމް ލެއްވުންއެދި ދުޢާކުރުން.
3. ހަމަހިމޭންކަމާއެކު ދުޢާކުރުމާއި ތިމާ ކުރާ ދުޢާ މާތް ﷲ އިޖާބަކުރައްވާނޭ ކަމަށް ޔަޤީންކުރުން.
4. ދުޢާކުރާއިރު ތިމާ ބޭނުންވާ ގޮތް ހިންމަވައިދެއްވުމަށް ނޭދުމާއި، ދުޢާގައި ދެންނެވި ކަމެއް އަވަހަށް ޙާޞިލުމުވުމަށް ނޭދުން.
5. ވިސްނުމާއި ފިކުރާއި ހިތް، ދުޢާއާ އެކުގައި ހާޒިރުވެގެންވާ ޙާލު ދުޢާކުރުން.
6. ތަނަވަސްކަމާއި ނުތަނަވަސްކަމުގައި އާދަކޮށް ދުޢާކުރުން.
7. މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް، ކަންކަމަށް އެދި ނުދެންނެވުން.
8. ތިމާގެ ޢާއިލާއަށާއި، މުދަލަށާއި، ދަރިންނަށާއި، ތިމާގެ އަމިއްލަ ނަފުސަށް ގެއްލުމެއް ލިބުމަށް އެދިގެން ދުޢާ ނުކުރުން.
9. އެހެން މީހުންނަށް އުނދަގޫވާވަރަށް މާ ހަރުއަޑުން ދުޢާ ނުކުރުމާއި، ތިމާގެ އަމިއްލަ ނަފުސަށް ނީވޭ ވަރަށް މާ މަޑުމަޑުން ދުޢާ ނުކުރުން.
10. ކުރެވިފައިވާ ފާފައަށް އިޢުތިރާފުވެ، ފާފަ ފުއްސެވުންއެދި ދުޢާކުރުން. އަދި މާތް ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް އިޢުތިރާފުވެ، އެކަލާނގެ ޙަޟުރަތަށް ޝުކުރު ދެންނެވުން.
11. ފިލިކޯޅިއާއި ޢިބާރާތްތަކުގެ ނިމުން އެއްގޮތްކުރުމަށް އިސްކަންދީގެން ދުޢާނުކުރުން.
12. ދުޢާކުރާއިރު، މާތް ﷲ ގެ ޙަޟުރަތަށް ކުށްތަންވުމަށް އެދިގެންހުރެ، ޚުޝޫޢަތްތެރިކަމާއި ކިޔަމަންތެރިކަމާއި ބިރުވެތިކަމާއެކު ދުޢާކުރުން.
13. މީހަކަށް އަނިޔާއެއް ކޮށްފައިވާނަމަ، އޭގެ ބަދަލުދީ ތައުބާވުން.
14. ތިން ފަހަރު ދުޢާކުރުން.
15. ޤިބުލައަށް ކުރިމަތިލައިގެންހުރެ ދުޢާކުރުން.
16. ދުޢާކުރާއިރު މައްޗަށް ދެއަތް އުފުލާލައިގެން ހުރެ ދުޢާކުރުން.
17. ކުޅަދާނަކަން ލިބިއްޖެނަމަ، ދުޢާކުރުމުގެ ކުރިން ޥުޟޫކުރުން.
18. އެހެން މީހަކަށް ގެއްލުމެއް ދިނުމަށް އެދިގެން ދުޢާނުކުރުން.
19. އެހެން މީހަކަށް ދުޢާކުރާނަމަ، ފުރަތަމަ ތިމާގެ އަމިއްލަ ނަފުސަށް ދުޢާކުރުން.
20. ދުޢާކުރާއިރު، މާތް ﷲ ގެ ރިވެތިވެގެންވާ ނަންފުޅުތަކާއި މަތިވެރިވެގެންވާ ސިފަފުޅުތައް ނަންގަނެ ދުޢާކުރުމާއި، ނުވަތަ ތިމާ ކޮށްފައިވާ ޞާލިޙު ޢަމަލެއް ހަނދުމަކޮށް ދުޢާކުރުން.
21. ދުޢާކުރާ މީހާގެ ކާބޯތަކެއްޗާއި އޭނާ ލައިގެން ހުރި ފޭރާމަކީ ޙަލާލު ތަކެތި ކަމުގައިވުން.
22. ގާތްތިމާގެ މީހަކާ ގުޅުން ކަނޑާލުމަށް ނުވަތަ މީހަކަށް ދެރަގޮތެއް ވުމަށް އެދިގެން ދުޢާ ނުކުރުން.
23. ހެޔޮ ކަންކަމަށް މަގުދައްކައި، މުންކަރާތްތައް ނަހީކުރުން.
24. އެންމެހައި އުރެދުންތަކާއި ފާފަތަކުން ދުރުހެލިވުން.


މަޞްދަރު:
الدعاء ويليه العلاج بالرقى