އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

ބަޙުރު އީމަޖައްލާގެ މި ޢަދަދު ވެސް ވުޖޫދަށް މިއައީ، ޒަމާނާ ގުޅޭ ގޮތަށް ދިވެހި ލިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ދިވެހި ލިޔުންތެރިކަމުގެ ޢިއްޒަތާއި އަބުރު ރައްކާތެރިކުރެވޭތޯ ހިއްމަތްކުރަމުންނެވެ. ދިވެހި ބަހުގެ މަޖުދާއި ކަރާމަތު ނަގަހައްޓައިދޭ މި ސިލްސިލާގެ އިތުރު ބޮޅެއްގެ ގޮތުގައެވެ. އެގޮތުން މި ޢަދަދުގައި ވެސް ވާނީ، ކިއުންތެރިންނަށް ފައިދާކުރާނެ މަޢުލޫމާތުތަކެއް ހިމަނާފައެވެ.

މި ޢަދަދުގައި ގެނެސްދީފައިވާ ފުރަތަމަ މަޒުމޫނަކީ، ކީރިތި ޤުރުއާނުގައި ދިވެހިރާއްޖޭގެ ވާހަކަ ނަންނަގެވިފައިވާ ކަމުގެ މަޢުލޫމާތު ހިމެނޭ ފޮތަކުން، އެ މަޢުލޫމާތު ނަގައިގެން ލިޔެފައިވާ މަޒުމޫނެކެވެ. އެ ފޮތް އެކުލަވައިލެއްވި މުޞަންނިފަކީ، ސަޢޫދީ ޢަރަބިއްޔާގެ ލިޔުންތެރިއެކެވެ. އެ ފޮތުގައިވާ އެ މަޢުލޫމާތަށް ބައެއް ދިވެހިންގެ ޝައުޤުވެރިވާއިރު، އަނެއް ބަޔަކު އެއާމެދު ސުވާލު އުފައްދައެވެ. ޢަރަބި އިސްލާމީ ޤައުމުތަކުގައި ވެސް އެ ފޮތާމެދު ކަން ހިނގާފައިވަނީ ހަމަ އެފަދައިންނެވެ.

މިދެންނެވި ފޮތުގެ މުއައްލިފަކީ، ސަޢޫދީ ޢަރަބިއްޔާގެ މަޖްލިސުއްޝޫރާގެ މެމްބަރެއް ކަމުގައިވާ އަލްއުސްތާޛު ޙަމްދީ ބްނު ޙަމްޒާ އެވެ. ޙަޤީޤަތުގައި އޭނާ އެ ފޮތް ލިޔުއްވާފައިވަނީ، ޛުލްޤަރުނައިނި ރަސްގެފާނާއި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނާ ބެހޭ ގޮތުންނެވެ. އެ ފޮތުގައި އޭނާ ބަޔާންކުރައްވާފައިވަނީ، ޛުލްޤަރުނައިނި ރަސްގެފާނު، ކުރެއްވި ދަތުރުފުޅުގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވި ކަމަށެވެ. އެހެންކަމަށްވަނީނަމަ، އަލްކަހުފު ސޫރަތުގެ 86 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ތަން ވަނީ ދިވެހިރާއްޖޭގައެވެ. އަދި އެ އާޔަތުގައި ބަޔާންކުރައްވާފައިވާ މީހުންނަކީ، އޭރު މިރާއްޖޭގައި އުޅުނު ރަށްވެހިންނެވެ.

ކޮންމެއަކަސް، އަލްއުސްތާޛު ޙަމްދީ އެވަނީ، ދިވެހިރާއްޖެއާއި، ދިވެހިރާއްޖޭގެ އަހުލުވެރިންގެ ވާހަކަ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކަމަށް ދެކެވަޑައިގެންފައެވެ. އެއީ އޭނާ ކުރެއްވި ދިރާސާތަކުގެ އަލީގައެވެ. އެ ފޮތާ ދިމާ އިދިކޮޅަށް ފާޅުކުރެވޭ އެހެން ޚިޔާލުތަކެއް ވެސް މަސްރަޙުގައި ވާކަން މިތާނގައި ފާހަގަކުރަމެވެ.

މި މަޖައްލާގެ މި ޢަދަދުގައިވާ އެހެން މަޒުމޫނުތަކުގެ ތެރޭގައި، ދުޢާކުރުމުގެ މާތްކަމާއި، ދުޢާކުރުމުގެ އަދަބުތަކާއި، ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކާއި، ދުޢާ އިޖާބަކުރައްވާ ވަގުތާއި ޙާލަތާއި ތަންތަން ބަޔާންކޮށްދޭ މަޒުމޫނުތަކެއް ވެސް ވާނެއެވެ. އަދި ކީރިތި ޤުރުއާނާ ގުޅުންހުރި އެހެން މަޒުމޫނުތަކެއް ވެސް ވާނެއެވެ.

ވާހަކައިގެ ބައިގައި ހިމަނާފައިވާ އެންމެ މުހިންމު އެއް ވާހަކައަކީ، "ޙަޔާތުގެ ދަތުރު" ގެ ނަމުން ނަންދީފައިވާ ވާހަކައެކެވެ. އެއީ، އިންސާނާގެ ޙަޔާތުގެ ވާހަކައެވެ. ޙަޔާތުގެ އެކިއެކި ކަންކަމުގައި މަޝްޣޫލުވެގެން އުޅެނިކޮށް މަރު އައިސް އޭނާއާ ކުރިމަތިވާ ވާހަކައެކެވެ. މި ވާހަކައިގެ އިތުރުން، ނުހަނު ޢިބްރަތްތެރި އެހެން ދެ ވާހަކައެއް ވެސް މި ޢަދަދުގައި ހިމަނާފައި ވާނެއެވެ.

ޅެމުގެ ބައިން ފާހަގަކޮށްލެވޭ ޚާއްޞަ ޅެމަކީ، ފަޟީލަތުއް ޝައިޚު ޢަބްދުﷲ ފަހުމީ ދީދީ ހައްދަވާފައިވާ "ޤުދޫމުގެ ތަޙިއްޔަތު" އެވެ. އެއީ، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާތް އަރިއަހަށް ސަލާމް ދަންނަވާ ޅެމެކެވެ. މާތް ﷲ، އިތުރުއެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ! އަދި ޅެން ހެއްދެވި ޝާޢިރަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން!

މި ޢަދަދުގެ ފޫހިފިއްލީގެ ބައިގައި ވެސް، ޚިޔާލާއި ފިކުރު ހީވާގިކޮށްދޭނެ ފޫހިފިއްލިތަކެއް ވާނެއެވެ. އެހެން ޢަދަދުތަކެކޭ ވެސް އެއްފަދައިން، މި ޢަދަދަކީ ވެސް ތިޔަ ޢިއްޒަތްތެރި ކިއުންތެރިންނަށް ފައިދާހުރި އެއްޗެއް ކަމުގައި މާތް ﷲ ލައްވާށިއެވެ! އާމީން!