ކީރިތި ޤުރުއާނުގައި ދިވެހިރާއްޖެ


ކީރިތި ޤުރުއާނުގައި ދިވެހިރާއްޖޭގެ ވާހަކަ ނަންގަނެވިފައިވާ ކަމަށް ބުނާ ފޮތެއް ވެ އެވެ. އެ ފޮތުގެ ނަމަކީ، (فك أسرار ذي القرنين ويأجوج ومأجوج) އެވެ. މާނައަކީ، "ޛުލްޤަރުނައިނި އާއި ޔައުޖޫޖު މައުޖޫޖު ބާގައިގެ ސިއްރުތައް ހޯދުން" އެވެ.

ފޮތުގެ މުއައްލިފަކީ، ސަޢޫދީ ޢަރަބިއްޔާގެ މަޖްލިސުއް ޝޫރާގެ ބޭކަލެކެވެ. އޭނާގެ ނަމަކީ، ޙަމްދީ ބްނު ޙަމްޒާއެވެ. އެފޮތް ލިޔުއްވުމަށްޓަކައި އޭނާވަނީ، ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރައްވައި ގިނަގުނަ ދިރާސާތައް ކުރައްވާފައެވެ.

އަލްއުސްތާޛު ޙަމްދީގެ ފޮތުގައި، ޛުލްޤަރުނައިނި ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަން ބަޔާންކުރައްވާފައިވެއެވެ. އަދި އަލްކަހުފު ސޫރަތުގެ 86 ވަނަ އާޔަތުގައިވާ "އިރުއޮސްފުހޭތަނަކީ" ދިވެހިރާއްޖެ ކަމަށްވެސް އެ ފޮތުގައިވެއެވެ. މިއީ ތެދެއް ކަމަށް ވަނީނަމަ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ (عين حمئة) ވާނީ ދިވެހިރާއްޖޭގައެވެ.

(عين حمئة) ގެ މާނަކަމަށް ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި ވަނީ "ކަޅުކުލައިގެ ފެންގަނޑެކެވެ." އެތަނަށް އިރުއޮއްސޭ ގޮތާމެދު މުފައްސިރުން ވާހަކަދައްކަވާފައި ވެއެވެ. ފެންގަނޑެއްގެ ތެރެއަށް އެއްޗެއް ގެނބިގެންދާ ގޮތަށް، އެތަނަށް އިރުއޮއްސޭކަމަކަށް މުފައްސިރުންގެ ޖުމްހޫރު ވިދާޅެއް ނުވެއެވެ. އެބޭކަލުން ވިދާޅުވެފައިވަނީ، އިރުއޮއްސޭތަނަށް ޛުލްޤަރުނައިނި ރަސްގެފާނު ވަޑައިގެންނެވި އިރު، ކަނޑުގެ ތެރެއަށް އިރު ނިވާވެގެންދާ ފަދައިން އިރުއޮއްސޭ މަންޒަރު އެކަލޭގެފާނަށް ފެނިވަޑައިގަތް ކަމަށެވެ. އެހެންވީމާ އެއީ އިރު އޮއްސޭ މަންޒަރު، އެކަލޭގެފާނަށް ފެނިވަޑައިގަތް ގޮތެވެ. އެއީ ކައުނުގެ ޙަޤީޤަތެއްގެ ގޮތުގައި މާތް ﷲ އަންގަވާފައިވާ ބަސްފުޅެއް ނޫނެވެ.

(عين حمئة) ގެ މާނައަކީ، "ހޫނުގަދަ ފެންގަނޑެއް" ކަމަށް މުފައްސިރުން މާނަކުރައްވާފައި ވެއެވެ. އަދި އެއީ "ކަޅުކުލައިގެ ފެންގަނޑެއް" ކަމަށް ވެސް މާނަކުރައްވާފައި ވެއެވެ. ކަނޑުގައި އަލިފާން ފަރުބަދަ ގޮވައިގެން ހެދިފައިވާ ފެންގަނޑުގައި މި ދެ ސިފަ ވާނެއެވެ. އަލިފާންފަރުބަދަ ގޮވާއިރު އެ ފެންގަނޑު ހޫނުވާނެއެވެ. އަލިފާން ފަރުބަދައިން ބޭރުވާ ތަކެތީގެ ސަބަބުން އެ ފެންގަނޑުގެ ކުލަ ވާނީ ތަޣައްޔަރުވެ ކަޅުވެފައެވެ.

މިޒަމާނުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ދުނިޔޭގެ ކަނޑުގައި ދެކޮޅަށް ދަތުރުކުރާ ދެ އޮއިވަރެއް ވެއެވެ. އޭގެ ތެރެއިން، އެއް އޮއިވަރު ދަތުރުކުރަނީ، އިރުމަތީ ފަރާތަށެވެ. އެއީ ދުނިޔޭގެ ދެ ތަނޑިއާ ކައިރީގައިވާ އޮއިވަރެކެވެ. އަނެއް އޮއިވަރު ވަނީ ޚައްޠުލްއިސްތަވާއާ ކައިރީގައެވެ. މި އޮއިވަރު ދަތުރުކުރަނީ ހުޅަނގު ފަރާތަށެވެ. ދެކޮޅަށް ދަތުރުކުރާ މި ދެ އޮއިވަރުގެ ސަބަބުން ކަނޑުގައި ހޮޅިބުރަށް އެނބުރޭ ފެންގަނޑުތައް އުފެދެއެވެ. އެޔަށް ހޫނު ފެންގަނޑޭ ކިޔެއެވެ. އެފަދަ ފެންގަނޑުތައް ދިވެހިރާއްޖޭގެ ކަނޑުގައި ވެއެވެ.

މިދެންނެވި ފެންގަނޑަކީ، (عين حمئة) ކަމުގައި ވެދާނެ ކަމަށް، އަލްއުސްތާޛު ޙަމްދީ ކަނޑައެޅުއްވީ ދިވެހިރާއްޖެއަށް އޭނާ ވަޑައިގެންނެވުމުގެ ކުރިންނެވެ. އޭނާ ދިވެހިރާއްޖެއަށް ވަޑައިގެން ކުރެއްވި ދިރާސާތަކުން އިތުރު ޙަޤީޤަތްތައް އޭނާއަށް އެނގިވަޑައިގަތެވެ. އޭގެތެރެއިން އެންމެ މުހިންމު ޙަޤީޤަތަކީ، ގޮވާފައިވާ އަލިފާން ފަރުބަދަތަކެއްގެ އަނގަމަތީގައި، ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވާ ކަމެވެ. ޛުލްޤަރުނައިނި ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވި އިރު، ދިވެހިރާއްޖޭގައި އަލިފާން ފަރުބަދަތައް ގޮވަމުން ދިޔަކަމަށް އޭނާ ލަފާކުރައްވައެވެ.

(عين حمئة) ގެ ވާހަކަ ނަންގަނެވިފައިވަނީ، ސޫރަތުލް ކަހުފް ސޫރަތުގެ 86 ވަނަ އާޔަތުގައެވެ. އެއާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

(حَتَّى إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا)

މާނައީ، "އިރުއޮސްފުހޭތަނަށް އޭނާ ވަޑައިގަތުމަށްދާންދެނެވެ. އެހިނދު ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮސްފުހޭތީ، އޭނާއަށް ފެނިވަޑައިގަތެވެ. އަދި އެތާނގެ ކައިރިން އޭނާއަށް ޤައުމެއްގެ މީހުން ފެނިވަޑައިގަތެވެ. ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. އޭ ޛުލްޤަރުނައިނިއެވެ! އެހެންޏާ އެއުރެންނަށް ތިބާ އަދަބުދެއްވާށެވެ! އެހެންޏާ އެއުރެންނާމެދު އޯގާތެރިކޮށް ކަންތައްކުރައްވާށެވެ!"

މިއާޔަތުގައި މާތް ﷲ އަންގަވާފައި މިވަނީ، ޛުލްޤަރުނައިނި ރަސްގެފާނުގެ ވާހަކައެވެ. މިއާޔަތުގައިވާ "އިރުއޮސްފުހޭ" ތަނަކީ ދިވެހިރާއްޖެ ކަމަށްވަނީނަމަ، އެތަނުން އެކަލޭގެފާނަށް ފެނިވަޑައިގަތް މީހުން ވާނީ، އޭރު ދިވެހިރާއްޖޭގައި ދިރިއުޅުނު މީހުންނަށެވެ.

ޛުލްޤަރުނައިނި ރަސްގެފާނު ދަތުރުފުޅު ފަށްޓަވާފައިވަނީ މިޞްރުންނެވެ. ރަތް ކަނޑާއި ޢަރަބި ކަނޑު ހުރަސްކުރައްވައި އެކަލޭގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވި ކަމުގެ އާސާރީ ހެކިތައް، ދިވެހިރާއްޖެއިން ފެނިފައިވާ ކަމަށް ފޮތުގެ މުއައްލިފު ލިޔުއްވާފައި ވެއެވެ. އޭގެތެރެއިން އެއް ހެތްކަކީ، އެޒަމާނުގައި މިޞްރު މީހުން ގެންގުޅުނު ކަހަލަ ފުރާދުއްވާ ތަކެތި ދިވެހިރާއްޖެއިން ފެނިފައިވާ ކަމެވެ.

ޛުލްޤަރުނައިނި ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވުމުން، ވަރަށް އާދަޔާ ޚިލާފު މަންޒަރެއް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެއީ، އިރުއޮއްސޭ މަންޒަރެވެ. އެމަންޒަރު ދިވެހިރާއްޖޭގައި ފެންނަނީ، މާސިންގާ ބިޔަ ކަނޑުގައި އަލިފާން ފަރުބަދަ ގޮވައި ކިލަނބުވެފައިވާ ހޫނު ފެންގަނޑުގެ ތެރެއަށް އިރުއޮއްސޭހެންނެވެ. މިއީ، މިޞްރުން އެކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ މަންޒަރެއް ނޫނެވެ.

ދިވެހިރާއްޖެއަށް ވަޑައިގަތުމަށްފަހު، ޛުލްޤަރުނައިނި ރަސްގެފާނު، ދުނިޔޭގެ އިރުމައްޗަށް ދަތުކުރުކުރެއްވީ ޚައްޠުލްއިސްތަވާގެ މަތީގައެވެ. އެ ދަތުރުފުޅުގައި އެކަލޭގެފާނު ކިރިބަތީއަށް ވަޑައިގެންނެވިއެވެ. ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ (مطلع الشمس) އަކީ އެ ޖަޒީރާއެވެ. އެއަށްފަހު އެކަލޭގެފާނު ޗައިނާއަށް ވަޑައިގެންނެވިއެވެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ އަނިޔާވެރިކަމުން މީހުން ސަލާމަތްކުރެއްވުމަށްޓަކައި އެކަލޭގެފާނު ފާރެއް ބިނާކުރެއްވީ ޗައިނާގައެވެ. މިއަދާ ހަމައަށް ވެސް، ކިރިބަތީއާއި ޗައިނާގައި އެކަލޭގެފާނާބެހޭ އާސާރީ ހެކިތައް އެބަހުއްޓެވެ. ނަމަވެސް މި މަޒުމޫނުގައި އެއަށް އަލިއަޅުވާލާކަށް ނެތީމެވެ. މި މަޒުމޫނުގެ ބޭނުމަކީ، އަލްއުސްތާޛު ޙަމްދީގެ ފޮތުގައިވާ ދިވެހިރާއްޖެއާ ބެހޭ ވާހަކަ ކޮޅެއް ލިޔެލުމެވެ. ކީރިތި ޤުރުއާނުގައި ދިވެހިރާއްޖެ ނަންގަނެވިފައިވާ ކަމަށް އެފޮތުގައި ވާތީ، އެކަން ހާމަކުރުމެވެ.