"ގެއްލުނު ސުވަރުގެ" އިން



ވާދީ ތެރޭ އެނބުރޭ ޞާދާއާ އަދި މުޚާޠަބުކޮށްލަމުން،
ޝާދީތަކެއް ފަދައިން ގޮވައި ވާދީ އެކީ ދިރުވާލަމުން.

ފެނުގައި އެވާ މިޔުޒިކު ޚަރީރުގެ އަޑުއިވޭހެން ލަވަކިޔައި،
ރަނުގައި އެވާ އަޞްލީ ކުލައިން މުޅި ދޭހުގައި ކުލަޖައްސަމުން.

ރަން ހާރަކީ ހިތުގައި އެޅޭ ފެހި ބިންމަތީ އިޙްސާސްތަކުން،
ދޮންދޫނިތައް ފަހަތުން ދުވުން، އަދި ލޭކޮކާ ހިފުމަށް ދުވުން.

ގަސްތެއް ނުލައި މިގޮތަށް ދަނީ އަސްތާ! އުފާވެރިކަންމަތީ،
ރަސްހާ ފަހައި ފަހަތުން ދަނީ މަސްތީ ޝުޢޫރެއް ވާ ކަމުން.

ބުލްބުލްތަކެއް ފަދައިން ގޮވައި ލަވަތައް ކިޔައި ނަށަމުންދަނީ،
އުލްފަތުތަކާ އެކުގައި އުފާ މުޅި ކައުނުގައި ފަތުރާލަމުން.

ދުވަހެއް އެއީ އާރާސްތުވީ ޖައްވުގެތެރޭ ގަނޑުވަރުތަކެއް،
ހުވަފެންތަކާ އުއްމީދުތައް ހިތުގައި ހިނގާހައި ކަންކަމުން.

ފެހި ދަނޑުތަކާ އައްސޭރިޔާ ސަންސެޓްތަކަށްވުރެ ރީތިކޮށް،
ފިހިތައް ޚިޔާލުގެ، ކުރަހަމުންދިޔަ ރަން ޒަމާން ކަމުގައި ވުމުން.

ހުރިހައި ޒަމާނެއްގައި ވިހައި ނަޞްރާ ނަޞީބަށްވުރެ އަރާ-
ހުރި ކަންތަކެއްކަމުގައި ވިޔޭ އުއްމީދުތައް ހިތުގައި ކުޅުން.

ގަސްތަކު ތެރޭ ޖަންގަލި ތެރޭ ކުޅެމުން މަމެން ދާއިރު ތެދޭ،
މަސްތެއްކަމަށް ވެދެޔޭ ޙަކީމުންނަށް، ބަލައި ކަޅިހިންގުމުން.

ކުޅިވަރުތަކަށް އަޅުކަންކުރާ ފަދައިން މަމެން ކުޅެމުން ދަނީ،
ގުޅިގެން އެކީ ކުޅިވަރުތަކަށް ލަވަތައް ކިޔައި އަޑުއުފުލަމުން.

މި ވުޖޫދުގައި ވާ މާތްކަމާ ދެރަ ކަންކަމާ ކުޅެމުން ދަނީ،
ގުޅިގެން އެކީ ކުޅިވަރުތަކަށް ލަވަތައް ކިޔައި އަޑުއުފުލަމުން.

މި ވުޖޫދުގައިވާ މާތްކަމާ ދެރަކަންކަމާ ކުޅެމުން ދަނީ،
މި ވުޖޫދު ވެސް އަގުކޮށް ބަލާނޭ ބުއްދިއެއް ލިބިނެތްކަމުން.