ޞައްޔާދުގެ ދަރި ޞާފީއަކީ ދައްޖާލު ހެއްޔެވެ؟



އިސްލާމީ ފިކުރުގައި ދައްޖާލަކީ އިންސާނީ ތާރީޚުގެ ނިމުމާ ގުޅިފައިވާ ފަރާތެކެވެ. އޭނާ ފާޅުވުމަކީ ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. އޭނާގެ ފިތުނައަކީ ނުބައިކަން ބޮޑުވެގެންވާ ނުރައްކާތެރި ފިތުނައެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އެތައް ޙަދީޘްފުޅެއްގައި އޭނާގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އެއިން އެނގޭ ގޮތުގައި، އޭނާގެ ޙަޤީޤަތް އޮޅުވައިލާނެފަދަ އެތައް ކަންތަކެއް އޭނާ މީސްތަކުންނަށް ދައްކާނެއެވެ. އޭގެ ސަބަބުން އޭނާގެ ޙަޤީޤަތް އޮޅި، އޭނާއަކީ ކަލާނގެ ކަމުގައި އެތައް ބަޔަކު ހީކުރާނެއެވެ. އޭނާއާ ތަބާވެ އެތައް ބަޔަކު މަގުފުރެދޭނެއެވެ. އިތުރުއެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ.

"ދައްޖާލުގެ ވާތްފަރާތު ލޯ ވާނީ ހަލާކުވެފައެވެ. އޭނާގެ ހަށިގަނޑުގައި ވާނީ ވަރަށް ގިނައިން އިސްތަށި ފަޅާފައެވެ. އޭނާއާ އެކުގައި ސުވަރުގެއަކާއި ނަރަކައެއް ވާނެއެވެ. ފަހެ، އޭނާގެ ނަރަކައަކީ ސުވަރުގެއެކެވެ. އަދި އޭނާގެ ސުވަރުގެއަކީ ނަރަކައެކެވެ."

ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، އިންސާނަކަށް ލިބިފައިނުވާނެ ބާރުތަކެއް ދައްޖާލަށް ލިބިފައިވާނެއެވެ. އޭނާ އަމުރުކުރުމުން އުޑުން ވާރޭވެހޭނެއެވެ. ބިމުން ގަސްގަހާގެހި ފަޅާނެއެވެ. ޚަރާބާތުގެ ތެރެއިން ޚަޒާނާތައް ފާޅުވާނެއެވެ. އޭނާގެ ފިތުނައަކީ ބޮޑުވެގެންވާނެ ފިތުނައެކެވެ. އެ ފިތުނައިގައި ޖެހި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު މަގުފުރެދޭނެއެވެ. އޭނާގެ އަމާޒަކީ، މީސްތަކުން މަގުފުރައްދައި ކާފިރުކުރުވުމެވެ.

ދައްޖާލާބެހޭ ވާހަކަތަކުގެ ތެރެއިން އެންމެ ޙައިރާންކުރުވަނިވި އެއް ވާހަކައަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ދައްޖާލު ކަމަށް ޝައްކުކުރެވުނު މީހަކު އުޅުނު ވާހަކައެވެ. އޭނާއަކީ މަދީނާގެ ޔަހޫދީންގެ އަވަށްގަނޑެއްގައި އުޅުނު ޒުވާނެކެވެ. އޭނާއަކީ ދައްޖާލުތޯ ބެއްލެވުމަށްޓަކައި އިތުރުއެކަލޭގެފާނު އޭނާއާ އިމްތިޙާންތަކެއް ކުރިމަތިކުރެއްވިއެވެ. އޭނާއަކީ ދައްޖާލު ކަމަށް އިތުރުއެކަލޭގެފާނުގެ އަރިއަހުގައި ޢުމަރުގެފާނު ހުވާކުރެއްވިއެވެ. އެކަމާމެދު އިތުރުއެކަލޭގެފާނު އިޢުތިރާޟެއްނުކުރައްވައެވެ. އެ ޒުވާނާގެ ނަމަކީ، ޢަބްދުﷲ ބްނު ޞައްޔާދެވެ. އޭނާގެ މަންމަ އޭނާއަށް ކިޔާ ނަމަކީ ޞާފީއެވެ. އޭނާއަށް އިބްނު ޞާއިދު ވެސް ކިޔައެވެ. އޭނާ ވަނީ ފަހުން އިސްލާމްވެފަ އެވެ. ނަމަވެސް އޭނާއާމެދު އަޞްޙާބުބޭކަލުން ޝައްކުކުރެއްވިއެވެ.

މި ނަންގަނެވުނު މީހާގެ ބައްޕައަކީ މަދީނާގައި އުޅުނު ޔަހޫދީއެކެވެ. އޭނާގެ ތާރީޚެއް ނަސަބެއް އެނގޭކަށެއް ނެތެވެ. އިބްނު ޞައްޔާދާއި އޭނާގެ ބައްޕަ ދަޢުވާކުރި ގޮތުގައި އެ މީހުންނަކީ ޚަޒުރަޖުގެ ޤަބީލާތަކުގެ ތެރެއިން ނައްޖާރު ވަންހައިގެ ދަރިކޮޅަކުން އައި ބަޔެކެވެ. ނަމަވެސް ނައްޖާރު ވަންހައިގެ މީހުންވަނީ އެ ދަޢުވާ ދޮގުކޮށްފައެވެ.

އިބްނު ޞައްޔާދު ބޮޑުވެ ބާލިޣުވާ ޢުމުރަށް ވާޞިލުވިއިރު، އޭނާގެ ކިބައިން އާދަޔާ ޚިލާފު ކަންކަން ފެންނަންފެށިއެވެ. އެއިން އެއް ކަމަކީ، މަދީނާގެ މީހުންގެ ސިއްރުތަކާއި އެ މީހުންގެ މުސްތަޤުބަލުގައި ހިނގާނެ ކަންކަން އޭނާ ކިޔައިދޭންފެށުމެވެ. މިފަދަ ސަބަބުތަކަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާގެ ޙަޤީޤަތް ބެއްލެވިއެވެ.

އިތުރުއެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވިއެވެ. "ތިމަންކަލޭގެފާނަކީ ރަސޫލުﷲގެފާނު ކަމަށް ތިބާ ހެކިވަން ހެއްޔެވެ؟" އިބްނު ޞައްޔާދު ދެންނެވިއެވެ. "ކަލޭގެފާނަކީ ރަސޫލުލް އުއްމިއްޔީން (އެބަހީ: އުއްމިއްޔަ މީސްތަކުންގެ ގާތަށް ފޮނުއްވެވުނު ރަސޫލު) ކަމަށް ތިމަން ހެކިވަމެވެ."

އިބްނު ޞައްޔާދު ދެންނެވިއެވެ. "ތިމަންނާއަކީ ރަސޫލުﷲ ކަމަށް ކަލޭގެފާނު ހެކިވެވަޑައިގަންނަވަންތޯއެވެ؟" އިތުރުއެކަލޭގެފާނު އެކަމާމެދު އިންކާރުކުރެއްވިއެވެ.

އިތުރުއެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވިއެވެ. "ތިބާ ހޭލާ ހުންނައިރުގައްޔާއި ނިދާފައި އޮންނަ އިރުގައި ފެންނަނީ ކޮންކޮން ކަންކަމެއް ހެއްޔެވެ؟" އިބްނު ޞައްޔާދު ދެންނެވިއެވެ. "ނިދާފައި އޮންނައިރު ތިމަންނާއަށް ފެންނަ ހުވަފެނާ އެއްގޮތަށް ހޭލާ ހުންނައިރު ބައެއް ފަހަރު ކަންކަން ހިނގައެވެ. ބައެއް ފަހަރު އެއާ ޚިލާފަށް ކަންކަން ހިނގައެވެ."

އިތުރުއެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިބާއަށް އެއްޗެއް ސިއްރުކުރައްވައިފީމެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟" އިބްނު ޞައްޔާދު ދެންނެވިއެވެ. "އެއީ "އައްދުޚު" އެވެ."

ދަންނައެ، އިތުރުއެކަލޭގެފާނު އޭނާއަށް ސިއްރުކުރެއްވި އެއްޗަކީ، އައްދުޚާން ސޫރަތުގެ ދިހަވަނަ އާޔަތުގައިވާ "ދުޚާން" އެވެ. އެއީ "އައްދުޚާން" ކަމުގައި ބުނެ އެ ކަލިމަ ފުރިހަމަކުރާކަށެއް އޭނާއަކަށް ނޭނގުނެވެ.

އިތުރުއެކަލޭގެފާނާ އިބްނު ޞައްޔާދާ ދެމެދުގައި ދެކެވުނު މި ވާހަކަތަކަށްފަހު އޭނާ ޤަތުކުރައްވަން ޢުމަރުގެފާނު އުޅުއްވިއެވެ. އެހިނދު އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭނާއަކީ ދައްޖާލު ކަމުގައިވާނަމަ، ކަލޭގެފާނަކަށް އޭނާ ޤަތުލެއްނުކުރެއްވޭނެއެވެ. އޭނާއަކީ ދައްޖާލު ކަމުގައި ނުވާނަމަ، އޭނާ ޤަތުލުކުރުމުގައި ހެވެއްނެތެވެ." އިތުރުއެކަލޭގެފާނުގެ ބައެއް އެހެން ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، ދައްޖާލު ޤަތުލުކުރައްވާނީ ސަލާމްލެއްވި ޢީސާގެފާނެވެ.

މި ބަޔާންކުރެވުނު ހާދިސާއަށް ފަހުގައި ވެސް، އިތުރުއެކަލޭގެފާނު، އިބްނު ޞައްޔާދުގެ ޚަބަރުތައް ބައްލަވައި އޭނާ އިމްތިޙާންކުރައްވަމުން ގެންދެވިއެވެ. އެއްފަހަރަކު ސުވަރުގޭގެ ވެއްޔާބެހޭ ގޮތުން އިތުރުއެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވިއެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާ ދެންނެވީ އެއީ ހުދުކުލައިގެ ޚާލިޞް ގޮމަކަސްތޫރި ފަދަ އެއްޗެއް ކަމަށެވެ. އެއީ ތެދެއް ކަމަށް އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އަދި އެހެން ފަހަރަކު އިތުރުއެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވިއެވެ. "ތިބާއަށް ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ތިމަންނާއަށް ފެންނަނީ، ފެނުގެ މަތީގައިވާ ތަޚުތެކެވެ." އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާއަށް ތިޔަ ފެންނަނީ ކަނޑުގައިވާ އިބްލީހުގެ ތަޚުތެވެ."

އިބްނު ޞައްޔާދާއި އޭނާގެ ޚަބަރުތައް ބެއްލެވި އެއް ބޭކަލަކީ އަބޫ ޛައްރުގެފާނެވެ. އޭނާގެ ކިބައިން އާދަޔާ ޚިލާފު ކަންތައްތަކެއް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެހެންކަމުން، އޭނާއަކީ ދައްޖާލު ނޫން ކަމަށް އެއް ފަހަރު ހުވާކުރެއްވުމަށްވުރެ، އޭނާއަކީ ދައްޖާލު ކަމަށް ދިހަ ފަހަރު ހުވާކުރެއްވުން އެކަލޭގެފާނުގެ އަރިއަހުގައި މާ މަޤުބޫލުކަމަށް ވިދާޅުވެފައި ވެއެވެ. އަބޫ ޛައްރުގެފާނަށްވުރެ ކުރިން ޢުމަރުގެފާނާއި ޢަބްދުﷲ ބްނު ޖާބިރު ވެސް ވަނީ އޭނާއަކީ ދައްޖާލު ކަމަށް ހުވާކުރައްވާފައެވެ.

އިބްނު ޞައްޔާދަކީ ދައްޖާލު ކަމުގައި އަޞްޙާބުބޭކަލުން ބައްލަވާފައިވަނީ، އޭރު އޭނާގެ ޢުމުރުގައިވާ ކުއްޖަކަށް ނޭނގޭނެ ކިތަންމެ ކަންކަމެއްގެ ޚަބަރު އޭނާ ދީފައިވާތީއެވެ. އޭނާގެ ކިބައިން ފެނިފައިވާ އާދަޔާ ޚިލާފު ކަންކަމުގެ ތެރެއިން އެއް ކަމަކީ، އެއްދުވަހަކު މަގު ފުރެންދެން އޭނާގެ ހަށިގަނޑު ފުފިގެންދިއުމެވެ. އެ ދުވަހު އޭނާ މަގުމަތީގައި އުޅެނިކޮށް އިބްނު ޢުމަރަށް ފެނިވަޑައިގަތެވެ. އެކަލޭގެފާނު އޭނާގެ ގާތުގައި ބަސްފުޅެއް ވިދާޅުވިއެވެ. އެ ބަސްފުޅު އަޑުއިވުމުން އޭނާގެ ގާތަށް ވަރަށް ބޮޑަށް ރުޅިއައެވެ. ދެން އޭނާގެ ހަށިގަނޑު ފުއްޕާހަމެއް ފުފޭހެން ފުފެމުންގޮސް މަގުގެ ފުޅާމިނަށް ފެތުރުނެވެ. އެކަމުގެ ސަބަބުން އެ މަގު ބަންދުވިއެވެ.

ދެން އިބްނު ޢުމަރު އެކަލޭގެފާނުގެ އުޚުތު އުއްމުލްމުއުމިނީން ޙަފުޞަތުގެފާނުގެ އަރިއަހަށް ވަޑައިގެންނެވިއެވެ. އޭރު ވަނީ، އިބްނު ޞައްޔާދު ރުޅިއައުމުން އޭނާގެ ހަށިގަނޑު ފުފިގެންދިޔަ ޚަބަރު އެ ކަމަނާގެ އަރިއަހަށް ވާޞިލުވެފައެވެ. އެކަމާ ގުޅުވައިގެން އެ ކަމަނާ ވިދާޅުވިއެވެ. "ދައްޖާލު ނިކުންނާނީ އޭނާގެ ގާތަށް އަންނަ ރުޅިގަނޑެއްގެ ތެރެއިން ކަމުގައި، ރަސޫލު ﷲ ޞައްލަ ﷲ ޢަލައި ވަސައްލަމަ ޙަދީޘްކުރެއްވިކަން ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟"

އިބްނު ޞައްޔާދު ރުޅިއައުމާއި އެ ކަމުގެ ސަބަބުން އޭނާގެ ހަށިގަނޑު ފުފިގެންދިޔަ ވާހަކަ، އެ ދުވަސްވަރު މަޝްހޫރު ވާހަކައަކަށް ވެފައިވިއެވެ. އަދި އެ ކަމުގެ ސަބަބުން އޭނާއަކީ ދައްޖާލު ކަމުގައި ކުރެވުނު ޝައްކުކުރުންތައް ވަރުގަދަވެގެންދިޔައެވެ. އެއަށްފަހު އިބްނު ޞައްޔާދު އިސްލާމްވިއެވެ. އަދި ކާވެނިކޮށްގެން އޭނާއަށް ދަރިއަކު ލިބުނެވެ. ނަމަވެސް މަދީނާގެ އަހުލުވެރިން އޭނާއާމެދު ދެކެމުންދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. އެ ކަމާމެދު އޭނާ ކޮށްފައިވާ ޝަކުވާތައް ފޮތްފޮތުގައި ބަޔާންކުރެވިފައި ވެއެވެ. އެއިން އެއް ޝަކުވާއަކީ އޭނާ އަބޫ ސަޢީދުލް ޚުދްރީގެ އަރިއަހުގައި ދެންނެވި ޝަކުވާއެވެ.

އަބޫ ސަޢީދުލްޚުދްރީ ވިދާޅުވިއެވެ. ޙައްޖަށް ނުވަތަ ޢުމްރާއަށް ވަޑައިގެންނެވުމަށްޓަކައި ތިމަން ބޭކަލުން މަދީނާއިން މައްކާއަށް ދަތުރުފުޅެއް ކުރެއްވީމުއެވެ. އެ ދަތުރުފުޅުގައި އިބްނު ޞައްޔާދު ވެސް ތިމަން ބޭކަލުންނާއެކުގައި ދިޔައެވެ. އެ ދަތުރުފުޅުގައި ތިމަންބޭކަލުން މަންޒިލަކަށް މަޑުކުރެއްވީމުއެވެ. ދެން މީސްތަކުން އެތާނގައިވާ އެކި ތަންތަނަށް ދިޔައެވެ. ތިމަންކަލޭގެފާނާއެކުގައި ވީ އިބްނު ޞައްޔާދެވެ. އޭނާއާ ބެހޭ ގޮތުން މީސްތަކުން ދައްކާ ވާހަކަތަކާހެދި ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ނުތަނަވަސްކަން ވެރިވިއެވެ. ތިމަންކަލޭގެފާނުގެ ސާމާނާ އެކުގައި އޭނާގެ ސާމާނު ބަހައްޓަން އުޅުމުން ތިމަންކަލޭގެފާނު ވިދާޅުވީމެވެ. މިއީ ވަރަށް ހޫނުގަދަ ދުވަހެކެވެ. އެހެރަފެންނަ ގަސްދަށުގައި ތިބާގެ ސާމާނު ބަހައްޓާނެނަމައެވެ. ދެން އޭނާ އެ ގަސްދަށުގައި އޭނާގެ ސާމާނު ބެހެއްޓިއެވެ. ދެން އެ ތަނަށް ބަކަރިތަކެއް އަޔެވެ. އޭނާ އެއިން ބަކަރިއަކުން ކިރުފެލައިގެން ކިރު ކަންވާރެއް ތިމަންކަލޭގެފާނުގެ އަރިއަހަށް ގެނައުމަށްފަހު ބުންޏެވެ. އަބޫ ސަޢީދެވެ. މި ކިރު ކަންވާރުން ހިއްޕަވާށެވެ! ތިމަންކަލޭގެފާނު ވިދާޅުވީމެވެ. މިއީ ހޫނުގަދަ ދުވަހެކެވެ. ކިރު ވެސް ހޫނެވެ. (ތިމަންކަލޭގެފާނު މިހެން ވިދާޅުވީ އޭނާގެ އަތުން އެ ކަންވާރު ނެންގެވުމަށް ބޭނުންފުޅުނުވާތީއެވެ.) ...

އިބްނު ޞައްޔާދު ބުންޏެވެ. "އަބޫ ސަޢީދުގެފާނެވެ! އޭނާއަކީ (އެބަހީ: ދައްޖާލަކީ) ކާފިރެއް ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްނުކުރައްވާތޯއެވެ؟ ތިމަންނާއަކީ މުސްލިމެކެވެ. އޭނާއަށް (އެބަހީ: ދައްޖާލަށް) ދަރިން ނުލިބޭނެ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްނުކުރައްވާތޯއެވެ؟ މަދީނާގައި އެވަނީ ތިމަންނާގެ ދަރިއެވެ. އޭނާ (އެބަހީ: ދައްޖާލު) މަދީނާއަށާއި މައްކާއަށް ނުވަންނާނެ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްނުކުރައްވާތޯއެވެ؟ ތިމަންނާ މިދަނީ މަދީނާއިން ނިކުމެގެން މައްކާއަށެވެ.

އަބޫ ސަޢީދުލްޚުދްރީ ވިދާޅުވިއެވެ. މި މޭރުމުން އިބްނު ޞައްޔާދު ކުރި ޝަކުވާތަކުގެ ސަބަބުން ތިމަންކަލޭގެފާނަށް އޭނާގެ ބަހަނާ ޤަބޫލުފުޅުކުރެއްވޭވަރު ނުވީ ހަމަ ކިރިޔާއެވެ. ވާހަކަ އެ ހިސާބަށް ގެންދިއުމަށްފަހު އޭނާ ބުންޏެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ތިމަންނާ ދައްޖާލު ދަންނަމެވެ. އޭނާ އުފަންވި ތަނާއި އޭނާ މިހާރު އުޅޭ ތަން ވެސް ދަންނަމެވެ." (އޭނާ މިހެން ބުނުމުން) އަބޫ ސަޢީދުލްޚުދްރީ ވިދާޅުވިއެވެ. "ތިބާއަށް ހަލާކުހުއްޓެވެ." އެހެން ރިވާޔަތެއްގައި ވެއެވެ. އިބްނު ޞައްޔާދު މިހެން ބުނުމުން އޭނާއާ ސުވާލުކުރެވުނެވެ. "ތިބާއަކީ އޭނާ ކަމުގައި (އެބަހީ: ދައްޖާލު ކަމުގައި) ވުމަށް ތިބާ ހިތްހަމަޖެހޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި އޭނާ ބުންޏެވެ. "ދައްޖާލު ކަމުގައި ވުމަށް ތިމަންނާއަށް ހުށަހެޅިއްޖެނަމަ، އެ ކަމާމެދު ދެކޮޅެއް ނަހަދާނަމެވެ."

އިބްނު ޞައްޔާދު ދެއްކި ބަހަނާ ޤަބޫލުފުޅުކުރައްވަން އަބޫ ސަޢީދުލްޚުދުރީ އުޅުއްވަނިކޮށް، އޭނާ ވަނީ ދައްޖާލު ދަންނަ ކަމަށާއި ދައްޖާލު އުފަންވީ ތަނާއި ދައްޖާލު އުޅޭ ތަން ދަންނަ ކަމުގައި ބުނެފައެވެ. އެ ކަންކަމަކީ އެއްވެސް މީހަކަށް އެނގިފައިވާ ކަންކަމެއް ނޫނެވެ. އެ ކަންކަން އެނގޭނީ ދައްޖާލަށެވެ. ނުވަތަ އެ ކަންކަން އެނގިފައިވާ ޝައިޠާނަކަށެވެ. މި ސަބަބަށްޓަކައި، އަބޫ ސަޢީދުލްޚުދްރީ އޭނާއާ ދުރުހެލިވެވަޑައިގެންނެވިއެވެ.

އިބްނު ޞައްޔާދަށް ފިރިހެން ދަރިއަކު ލިބުނެވެ. ނަމަކީ ޢުމާރާއެވެ. ޢުމާރާ ހިމެނިވަޑައިގެންނެވީ މަދީނާގައި އުޅުއްވި ތާބިޢީ ބޭކަލުންގެ ތެރޭގައެވެ. އެކަލޭގެފާނަކީ ޙަދީޘް ރިވާކުރައްވާފައިވާ ފުންނާބުއުސް ޢިލްމުވެރިއެއްކަން ވެސް ފާހަގަކުރެވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގެންނެވި ފަހުން ވެސް ޞައްޔާދާ މެދުގައި ޢިލްމުވެރިން ވަނީ އިޚުތިލާފުވެވަޑައިގެންފައެވެ. އޭނާއަކީ ޤިޔާމަތްވުމުގެ ޢަލާމާތެއްގެ ގޮތުން ފާޅުވާނެ ބޮޑު ދައްޖާލު ހެއްޔެވެ؟ ނުވަތަ އޭނާއަކީ އެހެން ދައްޖާލެއް ހެއްޔެވެ؟ އޭނާގެ ޢަމަލުތަކަށް ބަލާއިރު، އޭނާއަކީ ދައްޖާލެއް ކަމާމެދު ޝައްކެއް ނެތް ކަމަށް އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ.

އިމާމު ނަވަވީ ވިދާޅުވަނީ، އިބްނު ޞައްޔާދަކީ ބޮޑު ދައްޖާލު ކަމުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މާތް ﷲ އަންގަވާފައިނުވާ ކަމަށެވެ. އެކަމަކު އިތުރުއެކަލޭގެފާނަށް އަންގަވާފައިވަނީ ދައްޖާލުގެ ސިފަތައް ކަމަށެވެ. އަދި އިބްނު ޞައްޔާދުގެ ކިބައިގައި އެއިން ބައެއް ސިފަތައް ވިޔަސް، އޭނާއަކީ ބޮޑު ދައްޖާލު ކަމުގައި އިތުރުއެކަލޭގެފާނު ކަނޑައަޅުއްވާފައި ނުވާ ކަމަށެވެ.

އިބްނު ޞައްޔާދުގެ އަޚުލާޤަށާއި އޭނާގެ ސިފަތަކަށާއި އޭނާގެ ޢަމަލުތަކަށް ބަލާއިރު އޭނާއަކީ ދައްޖާލު ކަމަށް ބައެއް ފަހަރު ހީކުރެވިދެއެވެ. އަދި އޭނާއަކީ ތަޤުވާވެރި މުއުމިނެއް ކަމަށް ވެސް ބައެއް ފަހަރު ހީކުރެވިދެއެވެ. އޭނާއަކީ އޭނާގެ ޙަޔާތުގެ ކުރީކޮޅުގައި ދައްޖާލުގެ ސިފަތަކެއް ލިބިފައިވުމަށްފަހު، ފަހުން ތައުބާވެ އިސްލާމްވި މީހެއް ކަމުގައި ވެސް ބެލެވެއެވެ. އެހެންކަމާއެކުގައި ވެސް އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުން ވަނީ އޭނާއާމެދު ޝައްކުކުރައްވާފައެވެ. އޭނާގެ ނިމިދިއުމާމެދުގައި ވެސް ވަނީ ޝައްކު އުފެދިފައެވެ. ބައެއް ރިވާގައި ވަނީ ޠަބީޢީ މަރަކުން އޭނާ މަރުވީ ކަމަށެވެ. ބައެއް ރިވާގައި ވަނީ މަޝްހޫރު ޙައްރާ ހަނގުރާމައިގައި އޭނާ ގެއްލުނީ ކަމަށެވެ. ދައްޖާލުގެ ސިފަތައް ލިބިފައިވާ ކަމަށް ބެލެވުނު އިބްނު ޞައްޔާދަކީ، އޭނާ ދުނިޔޭގައި އުޅުނުއިރު އާދަޔާ ޚިލާފު މީހެކެވެ. އޭނާގެ ވަކިވެދިއުން ވެސް ވަނީ ހަމައެފަދައިންނެވެ. އެއަށްފަހު އޭނާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވެސް ވަނީ ހަމަ އެފަދައިންނެވެ.

މަޞްދަރު

އަލްއަލޫކާ