ދީނާރުގެ އަޅާ އާއި، ދިރުހަމުގެ އަޅާ އާއި، ޚަމީޞަތުގެ އަޅާ



ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(تَعِسَ عَبْدُ الدِّينَارِ، وَعَبْدُ الدِّرْهَمِ، وَعَبْدُ الخَمِيْصَةِ، إنْ أُعْطِيَ رَضِيَ، وإنْ لَمْ يُعْطَ سَخِطَ، تَعِسَ وَانْتَكَسَ، وإذَا شِيْكَ فلا انْتَقَشَ، طُوْبَى لِعَبْدٍ آخِذٍ بعِنَانِ فَرَسِهِ في سَبِيْلِ اللَّهِ، أَشْعَثَ رَأْسُهُ، مُغْبَرَّةٍ قَدَمَاهُ، إنْ كَانَ فِي اْلحِرَاسَةِ، كَانَ فِي اْلحِرَاسَةِ، وإِنْ كَانَ فِي السَّاقَةِ كَانَ فِي السَّاقَةِ، إِنِ اسْتَأْذَنَ لَمْ يُؤْذَنْ لَهُ، وَإِنْ شَفَعَ لَمْ يُشَفَّعْ.)
މާނައީ:
"ދީނާރުގެ އަޅާ އާއި، ދިރުހަމުގެ އަޅާ އާއި، ޚަމީޞަތުގެ އަޅާ ގެއްލެނިވެ ހަލާކުވެއްޖެއެވެ. (ޚަމީޞަތަކީ ފަށުވި ފޭރާމުގެ ބާވަތެކެވެ.)
އޭނާއަށް ދެވިއްޖެނަމަ ރުހިދެއެވެ. އޭނާއަށް ނުދެވިއްޖެނަމަ ނުރުހިދެއެވެ. (އެބަހީ: ފައިސާއާއި މުދަލާއި މަތީ މަޤާމު އޭނާއަށް ދެވިއްޖެނަމަ، އެ ދިން މީހަކާމެދު އޭނާ ރުހިދެއެވެ.)
އޭނާ ގެއްލެނިވެ ހަލާކުވެއްޖެއެވެ. އަދި އޭނާގެ އުންމީދު ބީވެއްޖެއެވެ. އޭނާގެ ގަޔަށް ކަށްޓެއް ހެރިއްޖެނަމަ އެ އުފުރާލަދޭނެ މީހަކު ނުވާނެއެވެ. (އެބަހީ: އޭނާއަށް ކިތަންމެ ކުޑަ މުޞީބާތެއް ޖެހުނަސް އޭނާއާމެދު ހަމްދަރުދީވާނެ މީހަކު ނުވާނެއެވެ. އެއީ އޭނާގެ ޢަމަލާއި ޚަޞީލަތުގެ ނުބައިކަން މީހުންނަށް އެނގޭތީއެވެ.)
ﷲ ގެ މަގުގައި އެމީހެއްގެ އަހުގެ ލަގަނުގައި ހިފައިގެން ސީދާވެއްޖެ މީހަކަށް ސުވަރުގެ ހުއްޓެވެ. އޭނާގެ ބޯ ވަނީ ފުނާއެޅުމެއްނެތި ހޭވިފައެވެ. (އެބަހީ: ﷲ ގެ މަގުގައި އޭނާ މަޝްޣޫލުވެފައިވާ މިންވަރުގެ ބޮޑުކަމުން އޭނާގެ ބޮލުގައި ފުނާ އަޅައި ރީތިވެލުމުން ވެސް އޭނާ ވަނީ އެއްކިބާވެފައެވެ.)
އޭނާގެ ދެ ފައިތިލައިން ހިރަފުހުގެ އަސަރު ފިލައިގެނެއްނުދެއެވެ. (އެބަހީ: ﷲ ގެ މަގުގައި މަސައްކަތްކުރުން އޭނާ ހުއްޓައެއްނުލައެވެ.)
އޭނާ ވަނީ (ލަޝްކަރުގެ) ކުރީގައި ޙިމާޔަތްކޮށް ބެލެހެއްޓުމުގެ އިސް މަޤާމުގައި ކަމަށްވިޔަސް، އެ ކަމާމެދު ރުހި އެ ކަމުގައި އޭނާ ދެމިހުރެއެވެ.
އަދި އޭނާ ވަނީ (ލަޝްކަރުގެ) ފަހަތުގައި ހުރެ ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ދަށް ވަޒީފާގައި ކަމަށްވިޔަސް، އެ ކަމާމެދު ރުހި އެ ކަމުގައި އޭނާ ދެމިހުރެއެވެ.
އޭނާ ކަމަކަށް އެދިއްޖެނަމަ އޭނާއަށް އިޛުނައެއް ނުދެވެއެވެ.
އަދި އޭނާ (މީހެއްގެ މުހުތާދެއް ފުއްދައިދިނުމަށްޓަކައި ވެރިއެއްގެ އަރިއަހުގައި) ޝަފާޢަތްތެރިވިޔަސް އޭނާގެ ޝަފާޢަތްތެރިކަން ޤަބޫލެއްނުކުރެވެއެވެ. (އެބަހީ: މީހުން އޭނާއާމެދު އިހާނެތިކޮށް ކަންކުރެއެވެ. ނަމަވެސް ﷲ ގެ ޙަޟުރަތުގައި އޭނާގެ ދަރަޖަ މަތިވެރިވެގެންވެއެވެ.)"

<>

މި ޙަދީޘްފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މުސްލިމުންނަށް އިރުޝާދުދެއްވާފައި މިވަނީ، ދުންޔަވީ ކަންކަމުގެ ދަޅައިގައި ނުޖެހުމަށެވެ. ދުންޔަވީ ކަންކަމުގެ ދަހިވެތިކަމުގައި ގެއްލިގެން ނުދިއުމަށެވެ. އަދި މާތްﷲ ގެ މަގުގައި ފައިތިލަ ސާބިތުކޮށް، ތެދުވެރިކަމާއެކު މަސައްކަތްކުރުމަށެވެ.

ދީނާރާއި ދިރުހަމާއި ޚަމީޞަތުގެ އަޅުންނަކީ، ފައިސާ އާއި މުދަލާއި ދުންޔަވީ ތަނަވަސްކަމާއި ރީތި ފޭރާމާއި މަތީ މަޤާމުގެ ދަހިވެތިކަމުގައި އުޅޭ މީހުންނެވެ. އެމީހުންނަކީ އޭގެ ދަހިވެތިކަމުގައި ޖެހި، ޙައްޤާއި ބާޠިލު އޮޅުވައިލާ މީހުންނެވެ.


ރިވާކުރެއްވީ: އަބޫހުރައިރަތުގެފާނު، މުޙައްދިޘް: އަލްއިމާމުލްބުޚާރީ، މަޞްދަރު: ޞަޙީޙުލްބުޚާރީ، ޙަދީޘުގެ ނަންބަރު: 2887


މަޞްދަރު

https://dorar.net/hadith/sharh/14849