އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

މިއީ، ބަޙުރު އީމަޖައްލާގެ 28 ވަނަ ޢަދަދެވެ. މި މަޖައްލާއަކީ މާތްﷲ ގެ ވަޖުހުފުޅަށްޓަކައި ނެރޭ ދަރުމަވެތި މަޖައްލާއެކެވެ. މިހާތަނަށް މި މަޖައްލާ، ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދެވެނީ ހިލޭސާބަހަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

އެހެނިހެން ޢަދަދުތަކެކޭ ވެސް އެއްފަދައިން، މި ޢަދަދުގައި ވެސް ތަފާތު ލިޔުންތައް ހިމަނާފައި ވާނެއެވެ. މަޒުމޫނުގެ ބައިގައި، ބުރަދަންހުރި މަޢުލޫމާތުތަކެއް ގެނެސްދިނުމަށް މަސައްކަތްކޮށްފައި ވާނެއެވެ. އެ ބައިން ފާހަގަކޮށްލެވޭ މަޒުމޫނުތަކުގެ ތެރޭގައި، އިސްކަންދަރު ސްކޫލްގެ ދަރިވަރަކު އީޖާދުކޮށްފައިވާ އާލަތެއް ހިމެނެއެވެ. އެއީ ކަދުރުން އޮށް ނަގާ އާލަތެކެވެ.

މި ޢަދަދުގެ ވާހަކައިގެ ބަޔަށް މިފަހަރު ގެނެވުނީ އެންމެ ވާހަކައެކެވެ. ނަމަވެސް އެއީ ނުހަނު ޢިބްރަތްތެރި ވާހަކައެކެވެ. އެ ވާހަކައިން ހާމަވެގެންދަނީ، ޤަނާޢަތްތެރިކަމުގެ މުހިންމުކަމެވެ. ނުވަތަ މަދު މިންވަރާމެދު ރުހުމަކީ ފަނާނުވާނެ ޚަޒާނާއެއް ކަމެވެ.

ޢަރަބިބަހުގެ ބައިގައި ހިމަނާލެވުނީ، ފިޠުރު ޢީދާ ބެހޭ ޢިބާރާތްތަކަކާއި އޭގެ މާނައެވެ.

ޅެމުގެ ބައި ފަޅުފިލުވައިލެވުނީ އެންމެ ޅެމަކުންނެވެ. އެއީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކީރިތި ނަންފުޅު، ތިން ބައްރުގެ މެދުން ފާޅުވާ ގޮތް ބަޔާންކޮށްދެވިފައިވާ މަދަޙައެކެވެ.

"ފޫހިފިއްލި" ބައިގައި، ވާނީ ފަސް ފޫހިފިއްލިއެވެ.

ބަޙުރު އީމަޖައްލާގެ މި ޢަދަދަކީ ވެސް ޢިއްޒަތްތެރި ކިޔުންތެރިންގެ އަރިއަހުގައި، ނުހަނު މަޤުބޫލު ޢަދަދެއް ކަމުގައި ވާނެ ކަމަށް އުންމީދުކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ، މަޢުލޫމާތުގެ ހެޔޮ މަޞްދަރެއްގެ ގޮތުގައި، ކީރިތިވަންތަ މާތް ﷲ، މި މަޖައްލާ ލެހެއްޓެވުމެވެ. އެކަލާނގެ މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!
1 ޖަނަވަރީ 2022