ފަހުޒަމާނުގައި ބިމުން ނިކުންނަ ދާއްބަ



ފަހުޒަމާނުގައި ބިމުން ނިކުންނަ ދާއްބައަކީ، ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. އެކަން ބަޔާންކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(إنَّ أوَّلَ الآياتِ خُرُوجًا، طُلُوعُ الشَّمْسِ مِن مَغْرِبِها، وخُرُوجُ الدَّابَّةِ علَى النَّاسِ ضُحًى، وأَيُّهُما ما كانَتْ قَبْلَ صاحِبَتِها، فالأُخْرَى علَى إثْرِها قَرِيبًا)
މާނައީ "ޤިޔާމަތްވުމުގެ ކުރިން ފުރަތަމަ ފާޅުވާނެ ޢަލާމާތަކީ، ހުޅަނގުފަރާތުން އިރުއެރުމާއި، ހެނދުނުގެ ވަގުތުގައި މީސްތަކުންގެ ކުރިމައްޗަށް ބިމުން ދާއްބައެއް ނުކުތުމެވެ. އެ ދެ ޢަލާމާތުންކުރެ އެއް ޢަލާމާތް ފާޅުވުމާ ދާދި ކައިރީގައި އަނެއް ޢަލާމާތް ފާޅުވާނެއެވެ."


އައްނަމްލު ސޫރަތުގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

(إِذَا وَقَعَ ٱلْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَآبَّةً مِّنَ ٱلْأَرْضِ تُكَلِّمُهُمْ أَنَّ ٱلنَّاسَ كَانُواْ بِـَٔايَٰتِنَا لَا يُوقِنُونَ)

އައްނަމްލު: 82

މާނައީ "އެއުރެންގެ މައްޗަށް (ޢަޛާބުގެ) ބަސްފުޅު ޙައްޤުވާހިނދު، ތިމަންރަސްކަލާނގެ، އެއުރެންނަށްޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެއުރެންނާ ވާހަކަދައްކަމުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންނުވާ ބަޔަކު ކަމުގައި މީސްތަކުންވިއެވެ."

މި އާޔަތުގެ ތަފުސީރުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

(وَقَعَ ٱلْقَوْلُ) ގެ މުރާދައަކީ، ޤިޔާމަތްވުން ގާތްވުމެވެ. އަދި އީމާންނުވެ ތިބި މީހުންގެ ކިބައިން އީމާންކަން ޤަބޫލުކުރައްވާނެ ވަގުތު ނިމުމެވެ. އެއަށްފަހު ތައުބާ ޤަބޫލެއްނުކުރައްވާނެއެވެ.

(دَآبَّة) ދާއްބައަކީ، ފުރާނަހުރި ކޮންމެ ޖަނަވާރަކަށް ކިޔާ ނަމެކެވެ. ޢަރަބި ބަހުގެ ޢުރުފުގައި ދާއްބައަކީ ހަތަރެސްފައިގެ މަތީގައި މަޑުމަޑުން ހިނގާބިނގާވެ އުޅޭ ޖަނަވާރެވެ. އަންހެން ޖަނަވާރަށާއި ފިރިހެން ޖަނަވާރަށް ވެސް ޢަރަބި ބަހުން ދާއްބައޭ ކިޔައެވެ.

އާޔަތުގައި ބަޔާންކުރައްވާފައިވާ ދާއްބައަކީ، ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. މާތް ﷲ، އެ ދާއްބަ ނެރުއްވަނީ، ދުންޔަވީ ޙަޔާތުގެ ނިމުމާއި، މުއުމިނުންނާއި ކާފިރުންގެ ހިސާބު ބެއްލެވުން ގާތްވެއްޖެކަން އެންގެވުމަށްޓަކައެވެ.

ޢަރަބިކަރައިގެ ތިން ތަނަކުން ތިން ފަހަރު އެ ދާއްބަ ނިކުންނާނެ ކަމަށް ވާރިދުވެފައި ވެއެވެ. އެ ތިންތަނަކީ:

1. ޔަމަނުކަރައިގެ ބާދިޔާ
2. ތަހާމާ ސަހަރުގެ ސަރަޙައްދު
3. މަސްޖިދުލް ޙަރާމް: ޞަފާ ފަރުބަދައިގެ ތިރި

އެ ދާއްބައިގެ ސިފަތައް ބައެއް މުފައްސިރުން ބަޔާންކުރައްވާފައިވެއެވެ. އޭގެތެރޭގައި އަންނަނިވި ސިފަތައް ހިމެނެއެވެ.

އޭގެ ދިގުމިނަކީ ފަސްދޮޅަސް މުށެވެ.
އޭގެ ބޮލަކީ ގެރީގެ ބޮލެވެ.
އޭގެ ލޮލަކީ އޫރުގެ ލޮލެވެ.
އޭގެ ކަންފަތަކީ އެތުގެ ކަންފަތެވެ.
އޭގެ މޭމައްޗަކީ ސިންގާގެ މޭމައްޗެވެ.
އޭގެ މޫނު އިންސާނެއްގެ މޫނާ އެއްގޮތްވާނެއެވެ.
ދޫނީގެ ތުންގަނޑު ފަދަ ތުންގަނޑެއް އޭގައި ވާނެއެވެ.
އޭގެ ހަށިގަނޑުގައި ވާނީ ކެހެރި ފަޅާފައެވެ.
އޭގައި ތުނބުޅިއެއް ވާނެއެވެ.
އޭގެ ކުލައަކީ މިނިކާވަގުގެ ކުލައެވެ.
އޭގެ އުނަގަނޑަކީ ބުޅަލުގެ އުނަގަނޑެވެ.
އޭގެ ނިގުލަކީ ކަންބަޅިބަކަރީގެ ނިގުލެވެ.
އޭގެ ފައިތަކަކީ ޖަމަލުގެ ފައިތަކެވެ.
އޭގެ (ފައިގެ) ކޮންމެ ދެ ހުޅެއްގެ ދެމެދުގައި ބާރަ މުށް ވާނެއެވެ.
އޭގެ ކަރު ދިގުވާނެއެވެ.
އޭގެ އަތުގައި މޫސާގެފާނުގެ ޢަޞާކޮޅާއި ސުލައިމާނުގެފާނުގެ އަނގޮޓިފުޅު ވާނެއެވެ.
އޭގެ ހަށިގަނޑުގައި ހުރިހައި ކުލައެއް ވާނެއެވެ.

މި ސިފަތައް ބަޔާންވެފައިވާ ޙަދީޘްފުޅުތަކަކީ ޞަޙީޙު ދަރަޖައިގެ ޙަދީޘްފުޅުތަކެއް ނޫނެވެ. އެހެންކަމުން އެ ދާއްބައިގެ ކިބައިގައި މި ސިފަތައް ވާނެ ކަމަށް އީމާންވުމަކީ ލާޒިމުކަމެއް ނޫނެވެ. ނަމަވެސް އެ ދާއްބައަކީ ޤިޔާމަތްވުމުގެ ޢަލާމާތެއްގެ ގޮތުން މާތް ﷲ ނެރުއްވާނެ އެއްޗެއްކަން ކީރިތި ޤުރުއާނުގައި އަންގަވާފައިވާތީ، ފަހުޒަމާނުގައި އެ ދާއްބަ ނެރުއްވާނެ ކަމަށް މުސްލިމުން އީމާންވާންޖެހެއެވެ.

މަޞްދަރު

https://www.alukah.net/sharia/0/137226