ރިބާ ކެއުމުން ލިބޭ ބައެއް ގެއްލުންތައް



ރިބާ އަކީ މާތްﷲ ޙަރާމްކުރައްވާފައިވާ އެއްޗެކެވެ. މިކަން ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ.

(وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰاْ) އަލްބަޤަރާ: 275
މާނައީ "ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ."

(يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ) އަލްބަޤަރާ: 276
މާނައީ "اللَّه، رِبا އުނިކުރައްވައި، އޭގެ بركات ނެތިކުރައްވައެވެ. އަދި، صدقات އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެއެވެ."

ތިރީގައި މިވަނީ ރިބާގެ ސަބަބުން ލިބޭ ބައެއް ގެއްލުންތަކެވެ.

1. މާތްﷲ އަށް އުރެދުމުގެ ފާފަކުރެވުމާއި، އެކަމުގެ ނުބައި ޖަޒާ ދުނިޔެއާއި އާޚިރަތުގައި ލިބުން.
2. ރިބާގެ މުޢާމަލާތުކުރާ މީހުންގެ ދުޢާ އިޖާބަނުކުރެއްވުން.
3. ދިރިއުޅުމާއި ދިރިއުޅުމުގައި ހޯދާ ތަކެތީގައި ބަރަކާތް ނުލެއްވުން.
4. ރިބާގެ މުޢާމަލާތުކުރާ މީހާގެ ހިތް ހަރުވުން.
5. ރިބާގެ މުޢާމަލާތުކުރާ މީހާ ހެޔޮ ޢަމަލުތަކުން އެއްކިބާވުން.
6. ރިބާގެ މުޢާމަލާތުކުރާ މީހާ ރަނގަޅު ތަކެތިން މަޙުރޫމުވުން.
7. ރިބާ ކާ މީހާއާ މާލީ މައްސަލަތައް ކުރިމަތިވެ އޭނާ ފަޤީރުވުން.
8. ރިބާ ކާ މީހާ، މާތްﷲ ގެ ލަޢުނަތަށް ހުށަހެޅުން.

ރިބާގެ މުޢާމަލާތުކުރާ މީހުންނަށް މި ނޫން ގެއްލުންތައް ވެސް ލިބެއެވެ. ރިބާގެ މުޢާމަލާތްތަކުން ހޯދާ ފައިސާ އަނބުރާ ނުދެއްކޭނެ ޙާލަތު މެދުވެރިވެދެއެވެ. އެ ފައިސާ ހޯދައިގެން އެމީހުން ކުރާ ވިޔަފާރިތައް ބަނގުރޫޓުވެދެއެވެ. އެ ފައިސާއިން އެމީހުން ހަދާ ޢިމާރާތްތައް ވިއްކާލަން ޖެހިދެއެވެ. މިފަދަ ކަންކަމުގެ ސަބަބުން އެމީހުން އިފުލާސްވެ މުޅިން ފަޤީރުވެދެއެވެ. މިފަދަ ކަންކަމަކީ، ރިބާއާ ދުރުހެލިވުމަށްޓަކައި ދިރިތިބީން ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ.

މަޞްދަރު

ކީރިތި ޤުރުއާނުގެ ތަފުސީރު