ދައްޖާލު އަރާނެ ދުވަސް ބަޔާންކުރެއްވި ޙަދީޘްފުޅު
ފަހުޒަމާނުގެ ތިން ފިތުނައާއި ދައްޖާލު އަރާނެ ދުވަސް
ބަޔާންކުރެއްވި ޙަދީޘްފުޅެއް ވެއެވެ. ތިން ފިތުނައަކީ،
އަޙްލާސް ފިތުނައާއި، ސައްރާއު ފިތުނައާއި، ދުހައިމާއު
ފިތުނައެވެ. ތިރީގައި މިވަނީ، މި ތިން ފިތުނައަށްފަހު
ދައްޖާލު އަރާނެ ދުވަސް ބަޔާންކުރެއްވި ޙަދީޘްފުޅާއި، އޭގެ
މާނައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ.
(كُنَّا قُعُوْدًا عِنْدَ
رَسُوْلِ اللهِ فَذَكَرَ اْلِفتَنَ فَأَكْثَرَ فِيْ
ذِكْرِهَا، حَتَّى ذَكَرَ فِتْنَةَ اْلأَحْلَاسِ. فَقَالَ
قَائِلٌ: يَا رَسُولَ اللهِ وَمَا فِتْنَةُ الأحْلَاسِ؟
قَالَ: هِيَ هَرَبٌ وَحَرَبٌ، ثُمَّ فِتْنَةُ السَّرَّاءِ
دَخَنُهَا مِنْ تَحْتِ قَدَمَيْ رَجُلٍ مِنْ أَهْلِ
بَيْتِيْ، يَزْعَمُ أَنَّهُ مِنِّيْ وَلَيْسَ مِنِّي،
وَإِنَّمَا أَوْلِيَائِيَ اْلـمُتَّقُوْنَ، ثُمَّ
يَصْطَلِحُ النَّاسُ عَلَى رَجُلٍ كَوَرِكٍ عَلى ضِلَعٍ،
ثُمَّ فِتْنَةُ الدُّهَيْمَاءِ لَا تَدَعُ أَحَدًا مِنْ
هَذِهِ اْلأُمَّةِ إِلَّا لَطَمَتْهُ لَطْمَةً، فَإِذَا
قِيْلَ: انْقَضَتْ تَمَادَتْ، يُصْبِحُ الرَّجُلُ فِيْهَا
مُؤْمِنًا وَيُمْسِيْ كَافِرًا، حَتَّى يَصِيْرَ النَّاسُ
إِلَى فُسْطَاطَيْنِ، فُسْطَاطِ إِيْمَانٍ لَا نِفَاقَ
فِيْهِ، وَفُسْطَاطِ نِفَاقٍ لَا إِيْمَانَ فِيْهِ،
فَإِذَا كَانَ ذَاكُمْ فَانْتَظِرُوْا الدَّجَّالَ مِنْ
يَوْمِهِ أَوْ مِنْ غَدِهِ)
މާނައީ، "(އިބްނު
ޢުމަރު ވިދާޅުވިއެވެ.) ރަސޫލުﷲ (ޞައްލަﷲ ޢަލައިހި
ވަސައްލަމަ) ގެ އަރިއަހުގައި ތިމަންބޭކަލުން
ތިއްބެވީމުއެވެ. އިތުރުއެކަލޭގެފާނު، ފިތުނަތަކުގެ ވާހަކަ
ދެއްކެވިއެވެ. އަދި އެ ވާހަކަތައް ދެއްކެވުން
ގިނަކުރެއްވިއެވެ. އަޙްލާސް ފިތުނައިގެ ވާހަކަ
ބަޔާންކުރައްވައިފުމަށްދާންދެނެވެ. ފަހެ، ޞަޙާބީބޭކަލަކު
ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ! އަޙްލާސް ފިތުނައަކީ
ކޮބައިތޯއެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
އެއީ މީހުން ފިލާނެ އަދި ހަނގުރާމަކުރުން ދެމިއޮންނާނެ
ފިތުނައެކެވެ. ދެން އަންނާނީ ސައްރާއު ފިތުނައެވެ. އެ
ފިތުނައިގެ ފެށުން އަންނާނީ ތިމަންކަލޭގެފާނުގެ
އަހުލުބައިތުންގެ ތެރެއިން އަންނަ މީހެއްގެ
ފައިތިލަދަށުންނެވެ. އޭނާއަކީ (ނަސަބުގެ ގޮތުން)
ތިމަންކަލޭގެފާނާ ގުޅިފައިވާ މީހެއްކަމަށް އޭނާ
ދަޢުވާކުރާނެއެވެ. ނަމަވެސް އޭނާއަކީ ތިމަންކަލޭގެފާނާ
ގުޅިފައިވާނެ މީހެއް ނޫނެވެ. އެހެނީ ތިމަންކަލޭގެފާނާ
ގުޅިފައިވާނީ (އަހުލުބައިތުންގެ ތެރެއިން)
ތަޤުވާވެރިންނެވެ. ދެން (އެއަށްފަހު) ވެރިކަމަށް
އަހުލުވެރި ނޫން މީހަކަށް މީސްތަކުން ބައިޢަތުހިފާނެއެވެ.
ދެން (އެއަށްފަހު) އަންނާނީ ދުހައިމާއު ފިތުނައެވެ. (މި
އުންމަތުގެ މީހުންގެ ތެރެއިން މީހެއްގެ) މޫނުގައި ވަރުގަދަ
އެތިފަހަރެއް ނުޖަހައި އެ ފިތުނަ، ހަމައެކަކުވެސް
ދޫކޮށެއްނުކުރާނެއެވެ. (އެއް ތަނެއްގައި) އެ ފިތުނަ
ނިމިއްޖެކަމަށް ހީކުރެވިއްޖެއްޔާ (އަނެއް ތަނެއްގައި) އެ
ފިތުނަ ބާރަށް ފެތުރިގަންނާނެއެވެ. (އެ ފިތުނައިގެ
ދުވަސްވަރު) ހެނދުނު މުއުމިނެއްގެ ގޮތުގައި ހުންނަ މީހާ،
ހަވީރު ކާފިރުވެދެއެވެ. މީސްތަކުން ދެބަޔަކަށް ބައިވެގެން
ހިނގައްޖައުމަށްދާންދެން އެ ފިތުނަ ދެމިއޮންނާނެއެވެ.
އެއްބަޔަކީ މުނާފިޤުކަމެއް ނެތް އީމާންކަމުގެ
އަހުލުވެރިންނެވެ. އަނެއް ބަޔަކީ އީމާންކަމެއް ނެތް
މުނާފިޤުކަމުގެ އަހުލުވެރިންނެވެ. އެ ދުވަސް
އަތުވެއްޖެއްޔާ، ފަހެ، ތިޔަބައިމީހުން އެދުވަހުގައި ނުވަތަ
އެދުވަހަށް ފަހުގައި އަންނަ މާދަމާގައި ދައްޖާލަށް
އިންތިޒާރުކުރާށެވެ!"
މަޞްދަރު
އައްދުރަރުއް ސުންނިއްޔާ