ސިނގިރޭޓަކާއި ސިވާކު ދަނޑިކޮޅެއްގެ މުޙާވަރާ


އެއްދުވަހަކު ސިނގިރޭޓަކާއި، ސިވާކު ދަނޑިކޮޅެއް މަގެއްގެމަތިން ދިމާވެގެން ވާހަކަދައްކަން ފެށިއެވެ. އެ ދޭއްޗަކީ، ދީނާއި މިއްލަތާއި މަޒުހަބާއި ފިކުރާއި ނިސްބަތްވާ ޕާޓީގެ ގޮތުން ތަފާތު ދޭތި ކަމަށް ވިޔަސް، އެ ދޭތި ނުހަނު އެކުވެރިކަމާއެކު ވާހަކަދެއްކިއެވެ. ތަޅާފޮޅުމެއް، މާރާމާރީ ހިންގުމެއް ނެތި، އެކަތި އަނެކައްޗާމެދު ދެކޭ ގޮތް ދެނެގަތެވެ.

ސިނގިރޭޓް: މަރްހަބާ!
ސިވާކު ދަނޑިކޮޅު: ހާލު ކިހިނެއްހެއްޔެވެ؟

ސިނގިރޭޓް: މިތަންވަޅު މަގޭ ހާލު ރަނގަޅު ކަމަށް ބެލެވެ އެވެ. ތިބާގެ ހާލަކީ ކޮބައިހެއްޔެވެ؟
ސިވާކު ދަނޑިކޮޅު: އަބަދުވެސް މަގޭ ހާލު ރަނގަޅެވެ. އަބަދުވެސް މާތް ﷲ އަށް ޙަމްދުކުރަމެވެ. އަލްޙަމްދު ލިއްލާހި!

ސިނގިރޭޓް: މަށަކަށް ތިކަމެއް އަބަދަކު ނުކުރެވެ އެވެ. އެކިފަހަރު އެކި ގޮތަށް މަގޭ މޫޑު ބަދަލުވެއެވެ.
ސިވާކު ދަނޑިކޮޅު: މަގޭ ހިތަށް އަރާ ސުވާލަކީ، ތިބާ މިދުނިޔޭގައި އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ތިބާގެ ކިބައިން މީހަކަށް އެއްވެސް ފައިދާއެއް ލިބޭހެއްޔެވެ؟

ސިނގިރޭޓް: މަގޭ ބޭނުންތެރިކަން ތިބާއަށް ނޭނގެނީތާއެވެ! މަގޭ ގައިގައި އަލިފާން ރޯކޮށްލައިގެން ބޯ މީހާއަށް ހީވާގިކަމާއި ހިތްހަމަޖެހުން ލިބެއެވެ.
ސިވާކު ދަނޑިކޮޅު: ޙަޤީޤަތުގައި ކަންއޮތީ ތިޔަބުނި ގޮތާ ދިމާ އިދިކޮޅަށެވެ.

ސިނގިރޭޓް: ތިބާ ތިހެން ބުނަނީ، އަނެކުންނާމެދު އަބަދުވެސް ކުށް ހީތައް ކުރަން އާދަވެފައިވާތީއެވެ.
ސިވާކު ދަނޑިކޮޅު: ނޫނެކެވެ. މަށަކު އެއްވެސް މީހަކާމެދު ކުށް ހިއެއް ނުކުރަމެވެ. މަ ބުނާ އެއްޗެއް މިބުނަނީ ޙަޤީޤަތުގެ މައްޗަށް ބުރަވެހުރެއެވެ.

ސިނގިރޭޓް: ނަމަވެސް މަގޭ އަމިއްލަ ނަފުސާމެދު ގައިމުވެސް ހިތްހަމަޖެހިގެން ވަމެވެ. މަގޭ ބޭނުންތެރިކަމާއި، މި ޙަޔާތުގައި މަ އަދާކުރަން ހަމަޖެހިފައިވާ ދައުރާމެދު ވެސް ހިތްހަމަޖެހިގެން ވަމެވެ. މަގޭ އުމުރު ވަރަށްވެސް ކުރެވެ. ދުނިޔެއަށް ނޭވާލުމާއެކު، ކޮންމެވެސް މީހަކު މަގޭ ގައިގައި އަލިފާން ރޯކޮށްލާނެ އެވެ. ދެން ދެތިން މިނެޓް ތެރޭގައި މަގޭ އުމުރު ހުސްވެދެއެވެ.... މިގޮތުގައި އަނެކުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ދޭން އުޅުމަކީ، މަށަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ސިވާކު ދަނޑިކޮޅު: ތިބާގެ ހަޔާތަކީ ވަރަށް ވެސް ހީނަރު ހަޔާތެކެވެ. ދެތިން މިނެޓް ތެރޭގައި އަނދައި އަޅިޔަށްވާ ހަޔާތެކެވެ. އެ ކުރު މުއްދަތުގެ ތެރޭގައި ވެސް ތިބާގެ ގައިން އަރާ ދުމުގެ ސަބަބުން އެތައް ބަޔެއްގެ ޞިއްޙަތު އެބަ ވީރާނާވެ އެވެ. ތިބާ ގަތުމަށްޓަކައި އެތައް ބަޔެއްގެ މުދަލާއި ފައިސާ ވެސް އެބަ އިސްރާފުވެއެވެ.

ސިނގިރޭޓް: އެންމެ ރަނގަޅެވެ. މިހަޔާތުގައި ސިވާކު ދަނޑިކޮޅުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ސިވާކު ދަނޑިކޮޅު: މަށާބެހޭ ގޮތުން ސުވާލެއް ކުރީތީ ޝުކުރުވެރިވަމެވެ. މި ހަޔާތުގައި މަގޭ ބޭނުންތެރިކަމާއި ފައިދާ ވަރަށްވެސް ބޮޑެވެ. މަށަކީ، ހެޔޮކަމުގެ ގަހަކުން ކަނޑާލެވޭ ޠާހިރު ދަނޑިކޮޅެކެވެ. މަގޭ ހަށިގަނޑުގެ ވަސް މީރެވެ. މީހުންގެ ދަތްތައް ސާފުކޮށްދީ، އަނގައިގެ ދުޅަހެޔޮކަން އިތުރުކޮށްދެމެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން މަގޭ ބޭނުން ހިފަ އެވެ. މަގޭ ބޭނުން ހިފަނީ، ސާފުތާހިރު ކަމަށް ލޯބިކުރާ މީހުންނެވެ. އަދި މަށާމެދު އެއްވެސް ޑަކުޓަރަކު ބަދު ބަހެއް ނުބުނެއެވެ. ކީއެއްތަ! ހުރިހާ ޑަކުޓަރުން ވެސް އިރުޝާދުދެނީ ދަތް އުނގުޅުމުގައި މަގޭ ބޭނުން ހިފުމަށެވެ.

ސިނގިރޭޓް: މީހުން ފަކުރުގަންނަ ގޮތްގޮތަށް ވެސް ތިބާގެ ބޭނުން ހިފެއެވެ. ތިބާގެ ބޭނުން ހިފާ މީހުން، އެހެން މީހުންގެ ކުރިމަތީގައި ތިބެގެން ދަތް އުނގުޅައެވެ. އެއީ ވަރަށް މުޑުދާރު ކަމެކެވެ. އެއީ ކިހާ ނޭދެވޭ ކަމެއް ހެއްޔެވެ؟
ސިވާކު ދަނޑިކޮޅު: ހެޔޮގޮތުގައި މަގޭ ބޭނުން ހިފެން އޮއްވައި، ނޭދެވޭ ގޮތެއްގައި މަގޭ ބޭނުން ހިފުމަކީ، އެކަން ކުރާ ބަޔެއްގެ ވިޔާނުދާކަމެވެ. އެއީ މަގޭ މައްސަލައެއް ނޫނެވެ. ހެޔޮ ގޮތުގައި މަގޭ ބޭނުން ހިފެން އެބައޮތެވެ. ނަމަވެސް ތިބާގެ ބޭނުން ހިފޭނެ އެއްވެސް ހެޔޮ ގޮތެއް ނެތެވެ. ރަނގަޅަށް މަގޭ ބޭނުން ހިފާމީހުން، މަގޭ ބޭނުންކުރަނީ، ފާޚާނާތަކުގައްޔާއި، އެހެން މީހުންނަށް ނުފެންނަ ތަންތާނގައެވެ.

ސިނގިރޭޓާއި ސިވާކު ދަނޑިކޮޅާ ދެމެދުގައި ހިނގި މުޙާވަރާ، އެތައް އިރަކަށް ދެމިގެން ދިޔައެވެ. އެ މުޙާވަރާގައި ސިނގިރޭޓަށް އެއިން ލިބޭ ފައިދާއެއް ސާބިތުކޮށެއް ނުދެވުނެވެ. ނަމަވެސް ސިވާކު ދަނޑިކޮޅު، އޭގެ ފައިދާތައް ހިމަނައި ކޮޅުންނުލާހައި ގިނައިން ކިޔައިދިނެވެ....

ސިނގިރޭޓް ބޯމީހާގެ ފުއްޕާމޭ ހަލާކުވެއެވެ. ސިވާކު ދަނޑިކޮޅު ބޭނުންކުރާ މީހާގެ އަނގައިގެ ދުޅަހެޔޮކަން އިތުރުވެއެވެ.... ސިނގިރޭޓް ބޯ މީހާގެ ހަށިގަނޑަށް އޭގެ ދުމުގައިވާ ވިހަމާއްދާތައް އެތެރެވެއެވެ. ސިވާކުދަނޑިކޮޅު ބޭނުންކުރާ މީހާގެ އަނގައިގައިވާ ގެއްލުންދެނިވި ޖަރާސީމުތައް މަރުވެއެވެ.... ސިނގިރޭޓް ބުއިމަކީ، ގެއްލުމާއި ހަލާކާއި އިސްރާފުކުރުން ހިމެނޭ ކަމެކެވެ. ސިވާކު ދަނޑިކޮޅު ބޭނުންކުރުމަކީ، ދެދުނިޔޭގެ ބާއްޖަވެރިކަމާއި މާތް ﷲ ގެ ރުހިވޮޑިގަތުން ލިބޭ ކަމެކެވެ.