ތިން ސާދާގަރުން ޞަދަޤާތްކުރަން ނިންމި ގޮތް


މުށްބާރުކަމަށް މަޝްހޫރު، ތިން ސާދާގަރަކު އެމީހުން ޞަދަޤާތްކުރާނެ ގޮތުގެ ވާހަކަދެއްކިއެވެ. އެމީހުންގެ ތެރެއިން ފުރަތަމަ ސާދާގަރު ބުންޏެވެ.

ތިމަންނާ ހަދާނެ ގޮތަކީ، ބިންމަތީގައި ވަށްބޮޅެއް ކުރަހާނީއެވެ. ދެން ތިމަންނާގެ މިލްކުގައިވާ ހުރިހައި ފައިސާއެއް ވައިގެ ތެރެއަށް އުކާލާނީއެވެ. ވަށްބޮޅުގެ ތެރެއަށް ފައިބާނީ ތިމަންނާއަށްވީ ފައިސާއެވެ. ވަށްބޮޅުން ބޭރަށް ފައިބާނީ ފަޤީރުންނަށް ޞަދަޤާތްކުރަންވީ ފައިސާއެވެ.


ދެވަނަ ސާދާގަރު ބުންޏެވެ.

ތިމަންނާ ހަދާނެ ގޮތަކީ، ބިންމަތީގައި ތެދު ރޮނގެއް ކުރަހާނީއެވެ. ދެން ތިމަންނާގެ މިލްކުގައިވާ ހުރިހައި ފައިސާއެއް ވައިގެ ތެރެއަށް އުކާލާނީއެވެ. ރޮނގުގެ ކަނާތްފަރާތަށް ފައިބާނީ ތިމަންނާއަށްވީ ފައިސާއެވެ. ރޮނގުގެ ވާތްފަރާތަށް ފައިބާނީ ފަޤީރުންނަށް ޞަދަޤާތްކުރަންވީ ފައިސާއެވެ.


ތިންވަނަ ސާދާގަރު ބުންޏެވެ.

ތިމަންނާ ބިންމަތީގައި އެއްވެސް އެއްޗެއް ނުކުރަހާނަމެވެ. ނަމަވެސް، ތިމަންނާގެ މިލްކުގައިވާ ހުރިހައި ފައިސާއެއް ވައިގެތެރެއަށް އުކާލާނަމެވެ. ބިންމައްޗަށް ފައިބާނީ ތިމަންނާއަށްވީ ފައިސާ އެވެ. ވައިގެ ތެރޭގައި ހަރުލާފައިވާނީ ފަޤީރުންނަށް ޞަދަޤާތްކުރަންވީ ފައިސާ އެވެ!