ލޯޔަރެއްގެ ކުޅަދާނަކަން


ލޯޔަރަކު ގެންގުޅޭ ބުޅަލެއް، މަސްވިއްކާ މީހެއްގެ އަތުން މަސްގަނޑެއް ޖަހައިގަނެގެން ގޮސް ކާލި އެވެ. އެ މަސްގަނޑުގެ އަގު، ތަހުޒީބު ގޮތަކަށް އަތުލާނަމޭހިތައި، ލޯޔަރުގެ ގާތުގައި މަސްވިއްކާމީހާ ބުންޏެވެ.

މަސްވިއްކާމީހާ: ލޯޔަރު ސާހަބެވެ! އަޅުގަނޑުގެ ފިހާރައިން ބުޅަލެއް މަސްގަނޑެއް ގެންގޮއްސިނަމަ އޭގެ އަގު ދައްކަންޖެހޭނީ ކާކުތޯ އެވެ؟

ލޯޔަރު: ބުޅަލުގެ ވެރިމީހާ އެވެ!

މަސްވިއްކާމީހާ: ލޯޔަރުސާހަބު ގެންގުޅުއްވާ ބުޅާ ވަނީ، އިއްޔެ މި ފިހާރައިން މަސްގަނޑެއް ގެންގޮސްފަ އެވެ.

ލޯޔަރު: އެ މަސްގަނޑުގެ އަގަކީ ކިހާވަރެއް ހެއްޔެވެ؟

މަސްވިއްކާމީހާ: އޭގެ އަގަކީ، ފަންސާސް ރުފިޔާ އެވެ.

ލޯޔަރު ވަގުތުން ފަންސާސް ރުފިޔާ ދީފައި، ބުޅާކުރި ކަންތަކާމެދު މަޢާފަށް އެދުމަށްފަހު ހިނގައްޖެ އެވެ.

ޖެހިގެން އައިދުވަހު، ލޯޔަރުގެ އޮފީހުން މަސްވިއްކާ މީހާގެ ފިހާރައަށް ބިލެއް ފޮނުވި އެވެ. އެ ބިލުގައިވަނީ، މަސްވިއްކާމީހާ އަށް ލޯޔަރު ދިން މަޝްވަރާގެ އަގެވެ. އެއީ ފަސް ސަތޭކަ ރުފިޔާ އެވެ. ފައިސާ ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަށް ފަންސާސް ރުފިޔާ އިން ޖޫރިމަނާ ވާނެ ކަމަށް ވެސް ބިލުގައި ވެ އެވެ.