"ރާޔިޙު ޢުމްރާ، ވާޔިދު މައްކާ ޙިލްވާ!"



ޖަރުމަނުވިލާތުގެ ޒުވާން އަންހެން ކުއްޖަކު އަޅުގަނޑުގެ ގާތުގައި ބުންޏެވެ. "ޖަރުމަނީން ޗުއްޓީ ހޭދަކުރާ ގޮތަށް ތިމަންނާ ޗުއްޓީ ހޭދަކުރާ ހިތެއް ނުވެއެވެ." އެހިނދު އަޅުގަނޑު އޭނާ ކުރެން އެހީމެވެ. "ޖަރުމަނީން ޗުއްޓީ ހޭދަކުރަނީ ކިހިނަކުން ހެއްޔެވެ؟" މިސުވާލަށް ޒުވާބުދެމުން އޭނާ ބުންޏެވެ.

"ޖަރުމަނުވިލާތަކީ، ފިނިގަދަ ގައުމެކެވެ. އެހެންކަމުން، ޖަރުމަނީން ޗުއްޓީ ހޭދަކުރަން ދާނީ އިރުގެ އަލިކަން ލިބޭ ގައުމުތަކަށެވެ. އެމީހުން ޗުއްޓީ ހޭދަކުރާނީ، އޮރިޔާން ޙާލުގައި، އަވީގައި ތިބެގެންނެވެ. އަވީގައި ތިބުން ނޫން ކަމެއް އެމީހުންނަކު ނުކުރާނެއެވެ. އެގޮތުގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ޖަރުމަނުވިލާތަށް ދާއިރު، އެމީހުންގެ ދޮން ހަށިތަކުގެ ސާފު ކުލަ ވާނީ ގަޑުބަޑުވެ، ތަޣައްޔަރުވެފައެވެ. އެހެނަސް، އެކަމަށްޓަކައި އެމީހުން ފަޚުރުވެރިވެއެވެ!"

ޖަރުމަނުވިލާތު އަންހެން ކުއްޖާ މިހެން ބުނުމުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (الإمارات العربية المتحدة) ގެ ރައްޔިތުން، ޗުއްޓީ ހޭދަކުރާ ގޮތް އަޅުގަނޑުގެ ހަނދާނަށް އައެވެ. އެމީހުންގެ ތެރެއިން ޗުއްޓީ ހޭދަކުރަންދާ ގިނަ ބަޔަކާ އަޅުގަނޑާ ބައްދަލުވެފައިވެއެވެ. "ޗުއްޓީ ހޭދަކުރަން ތިޔަ ދަނީ ކޮން ތާކަށް ހެއްޔެވެ؟" އެއިން މީހަކާ މި ސުވާލު ކޮށްލުމުން ބުނެއުޅެއެވެ. "ރާޔިޙު ޢުމްރާ، ވާޔިދު މައްކާ ޙިލްވާ!" (رايح عُمرة، وايد مكة حلوة). މާނައަކީ، "މިދަނީ ޢުމްރާއަކަށެވެ. މައްކާ ހާދަހާ ރީއްޗެވެ!" އާދޭހެވެ. އެމީހުން އެދަނީ، ޢުމްރާގެ އަޅުކަން އަދާކުރުމަށެވެ. އެމީހުންނަކަށް މައްކާއަށްވުރެ ރީތި ތަނެއް މި ދުނިޔޭގައި ނެތެވެ.

އެއްދުވަހަކު އަޅުގަނޑާ ބައްދަލުވި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ބޭކަނބަލަކަށް އަޅުގަނޑުގެ ސުވާލު ހުށަހެޅީމެވެ. "ޗުއްޓީ ހޭދަކުރައްވަން ތިޔަ ދުރުވަނީ ކޮންތާކަށްތޯއެވެ؟" އޭނާ ބުނުއްވިއެވެ. "ރާޔިޙު ލިލްޙައްޖި" (رايح للحج). މާނައީ، "މިދަނީ ޙައްޖަށެވެ." އޭނާއާ ވާހަކަދައްކާލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުމުން، އަޅުގަނޑުގެ ޙައިރާންކަން އިތުރުވެ އަންތަރީސްވިއެވެ! އެހެނީ އެއީ، ވިދިވިދިގެން އޭނާ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި، މައްކާ އަށް ޒިޔާރަތްކުރައްވާ ބާރަވަނަ ފަހަރެވެ! ކޮންމެ އަހަރަކު ޗުއްޓީ ހޭދަކުރެއްވުމަށްޓަކައި، ޙައްޖުގެ އަޅުކަން އަދާކުރައްވަން ދުރުވަނީ ކީއްވެގެންތޯ އަޅުގަނޑު ދެންނެވީމެވެ. އޭނާ ބުނުއްވިއެވެ. "ވާޔިދު މައްކާ ޙިލްވާ!" (وايد مكة حلوة) "މައްކާ ހާދަހާ ރީއްޗެވެ!" މާނައަކީ، މައްކާ ރީތި ކަމުންނެވެ! މައްކާއަށް ގޮސް ޙައްޖުގެ އަޅުކަން އަދާކުރުމުން ހިތަށް ލިބޭ އުފަލެއްގެ ބޮޑުކަމުންނެވެ!

އެކި ގައުމުތަކުގެ މީހުން ޗުއްޓީ ހޭދަކުރާ ގޮތުގެ މައްޗަށް ނަޒަރު ހިންގައިލިއިރު، ކޮންމެ ގައުމެއްގެ ބަޔަކު ވެސް ޗުއްޓީ ހޭދަކުރުމަށް އާދަވެފައިވާ ގޮތެއް ވާނެކަން އަޅުގަނޑަށް ވިސްނުނެވެ. ދެން އަޅުގަނޑުގެ ގައުމު ކަމަށްވާ ސަޢޫދީ ޢަރަބިއްޔާގެ މީހުން ޗުއްޓީ ހޭދަކުރަން ދަނީ ކޮންކޮން ތަންތަނަކަށްތޯ ބަލައިލީމެވެ. އަދި ޗުއްޓީ ހޭދަކުރަން ގޮސް އެމީހުން ކުރަނީ ކީއްތޯ ވެސް ބަލައިލީމެވެ.

އަޅުގަނޑަށް އެނގުނު ގޮތުގައި، އެމީހުންނާ އިސްތިޤުބާލުކުރުމަށް ތައްޔާރުވެފައިވާ ޚާއްޞަ ތަންތަން ދުނިޔޭގެ ކަންކޮޅުތަކުގައި ވެއެވެ. އެމީހުން އެ ތަންތަނަށް ގޮސް ކުރާ ކަމަކީ، އިސްރާފުކުރުމެވެ. ސަޢޫދީ ޢަރަބިއްޔާއިން އާންމުކޮށް ލިބެން ނުހުންނަ ދުންޔަވީ އުފާތައް ޙާޞިލުކުރުމެވެ. އެމީހުން ދާ ކޮންމެ ތަނަކުން، ސަޢޫދީ މީހަކު ފެނޭތޯ ބަލާނެއެވެ. އެއްފަހަރަކު އަޅުގަނޑު ބައިރޫތުގައި އުޅެނިކޮށް، އަޅުގަނޑު ހުރި ހޮޓަލުގެ މަސައްކަތު މީހަކު ބުންޏެވެ. "ތިބާ ރަށްމެދަށް ގޮސްފިން ހެއްޔެވެ؟" އަޅުގަނޑު ބުނީމެވެ. "ނޫނެކެވެ. އަދި ނުދަމެވެ." އެ މީހާ ބުންޏެވެ. "ތިބާ ބައިރޫތުގެ ރަށްމެދަށް ނިކުމެއްޖެނަމަ، ތިބާއަށް ހީވާނީ ތިބާގެ އަމިއްލަ ރަށް ހެންނެވެ. ބައިރޫތުގެ ރަށްމެދުގައި ސަޢުދީ މީހުން ވަރަށް ގިނަވާނެއެވެ."

އެއްފަހަރަކު، ސަޢޫދީގެ ފަތުރުވެރިއަކު ކުރެން އެހީމެވެ. "ސަޢޫދީ މީހުން އެހެން ގައުމުތަކަށް ގޮސް އުޅޭއިރު، ރަށްމެދަށް ނިކުމެ، ހަނދުވަރު ކުރަފިތަކެއް ހެން އުޅެނީ ކީއްވެގެން ހެއްޔެވެ؟" މިސުވާލަށް ޒުވާބުދެމުން އޭނާ ބުންޏެވެ. "އަސްލުގައި އަހަރެމެންގެ ގައުމަކީ، މަގުތަކުގައި ދިރުމެއް ނެތް އަބާއްޖަވެރި ގައުމެކެވެ. އާންމު ތަންތަނާއި، ކޮފީ ޝޮޕްތަކުގައި އެކަކު އަނެކަކާ ބައްދަލުވެ އުޅުމަކީ އަހަރެމެންގެ ގައުމުގެ ސަގާފަތުގައި އޮތް ކަމެއް ނޫނެވެ. އަހަރެމެންގެ ގައުމުގެ އާންމު ތަންތާނގައި އަންހެން ކުދިންނާ ބައްދަލުވެ އުޅުމަކީ ވެސް އޮތް ކަމެއް ނޫނެވެ. ޚުލާޞާކޮށް ބުނާނަމަ، އަހަރެމެންގެ ގައުމުގެ މީހުންނަކީ، ބަންދުވެފައިވާ އަނދިރި ކޮޓަރިތަކެއްގައި ދިރިއުޅޭ ފަދަ ބަޔެކެވެ. މިހެންވެ، އެމީހުން ގައުމުން ބޭރަށް ނުކުތުމާއެކު، އެއްބަޔަކު އަނެއް ބަޔަކަށް ފެނިދެނިވެ އުޅެވޭތޯ ބަލަނީއެވެ. އަންހެން ކުދިން، ފިރިހެން ކުދިންނަށެވެ. ފިރިހެން ކުދިން، އަންހެން ކުދިންނަށެވެ!"

އަޅުގަނޑަށް ފެނުނު ގޮތުގައި، ފެނިދެނިވެ އުޅުމަށް ބޮޑަށް ދެވިހިފާފައިވަނީ، ސަޢޫދީ ޖިންސްލަޠީފުންނެވެ. ސަޢޫދީގެ ޓީން-އޭޖް ފިރިހެން ކުދިން ވެސް ވަނީ އެކަމަށް ދެވިހިފާފައެވެ. މިކަން ބަޔާންކޮށްދިނުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ކުރެހުންތެރިއަކު، ކާޓޫނެއް ވެސް ކުރަހާފައި ވެއެވެ. އެ ކާޓޫނުގައި ވަނީ، ފަރަންސޭސިވިލާތުގެ ވެރިރަށް ކަމަށްވާ ޕެރިހަށް ގޮސްފައި، އެނބުރި ގައުމަށް ދިޔަ ސަޢޫދީ އަންހެނެކެވެ. އޭނާ ކުރެން މީހަކު އެއްސެވެ. "ފަރަންސޭސިވިލާތުގެ ޕެރިހުން ތިބާއަށް ފެނުނީ ކޮންކޮން އެއްޗިއްސެއް ހެއްޔެވެ؟" މިސުވާލުގެ ޖަވާބުގައި އޭނާ ބުނެ އެވެ. "ޙިއްޞާ އާއި މުނިރާ އާއި، މަޝާޢިލާއި، ނޫރާ ވެސް ދުށީމެވެ!" (މައްދިވެހި ބަހުން ބުނާނަމަ، "ފާތުމަ އާއި، ކަތްދަ އާއި، ހުސޭނާއި، އައިސަ ވެސް ދުށީމެވެ!") މި މީހުން ދުށުމަށްޓަކައި ފަރަންސޭސިވިލާތުގެ ޕެރިހަށް ދާންވީ ކީއްވެ ހެއްޔެވެ؟ މި މީހުންނަކީ، ކޮންމެ ދުވަހަކުމެ ގޭދޮށުން ބައްދަލުވާ އަވަށްޓެރިންނެވެ!!!

ސަޢޫދީ މީހުން ޗުއްޓީ ހޭދަކުރުމަށްޓަކައި ގޮސްއުޅޭ މަންޒިލްތައް، އަވަށްޓެރި ގައުމުތަކުގައި ވެސް ވެއެވެ. އޭން އެއް މަންޒިލަކީ، ޔޫއޭއީ ގެ ޑުބާއީއެވެ. ޑުބާއީ ގައި އެމީހުން ގިނަ ވަގުތު ހޭދަކުރާނީ މޯލްތަކުގައެވެ. އެމީހުންގެ ހިތްއެދޭ ހުރިހައި ކަމެއް މޯލްތަކުގައި ޖަމާވެފައިވާތީއެވެ. އޭގެ ތެރޭގައި ފިހާރަ އާއި ސިނަމާ އާއި، ރެސްޓޯރެންޓާއި، ތަފާތު ކުޅިވަރުތައް ކުޅޭ މައިދާންތައް ވެސް ހިމެނެއެވެ. ޑުބާއީ ގައި، ރާ ބޯ، ބަރތައް ވެސް ވަރަށް ގިނަވާނެއެވެ. ބަރަހަނާވެ، މުޅިން އޮރިޔާން ވެފައިވާ ޖިންސްލަޠީފުން ވެސް އެ ތަންތަނުން ފެންނާނެއެވެ. އެހެންވީމާ، ސަޢޫދީ މީހުން އެތަންތަނަށް ގޮސް ޖަހާ ސަކަރާތަކީ، ލާހިކު ސަކަރާތެއް ނޫންކަން އެނގެއެވެ.

ގައުމުން ބޭރުގައި ޗުއްޓީ ހޭދަކުރާއިރު، ސަޢޫދީ މީހުންނަކީ، ސިނަމާއަށް ގޮސް، ދަންވަރު ގަޑީގައި ފިލްމު ބެލުމަށް ވެސް އަރާތިބި ބަޔެކެވެ. އެއްރެއަކު ޑުބާއީގައި އަޅުގަނޑުގެ ފިރިމީހާއާއެކު، ދަންވަރު ގަޑީގައި ދައްކާ ފިލްމެއް ބަލާލަން ސިނަމާއަކަށް ދިޔައިމެވެ. އެރޭ އަޅުގަނޑު ހީކުރީ އެތަން އޮންނާނީ ހުހަށް ކަމަށެވެ. އެހެނަސް ސިނަމާތެރޭގައި ބޮކިތައް ދިއްލުނު ވަގުތު، އަޅުގަނޑަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. އަޅުގަނޑަށް ފެނުނީ، ކަޅު ހެދުން ލައިގެން މޫނުބުރުގާ އަޅައިގެން ތިބި ސަޢޫދީ ޖިންސްލަޠީފުންނާއި، ކުރު ހަރުވާޅުބުރި ލައިގެން ތިބި ސަޢޫދީ ޒުވާން ފިރިހެންކުދިން އެތަން ފުރެންދެން ވަދެ ތިއްބައެވެ. އަޅުގަނޑު އެތަނަށް ދިޔައިރު، ހީކުރީ ދަންވަރު ގަޑީގައި ދައްކާ ފިލްމު ބަލަން ގިނަ ބަޔަކު ނުދާނެ ކަމަށެވެ. އަދި ސިނަމާގެ މާލަން އޮންނާނީ މުޅިން ހުހަށް ކަހަލަ ގޮތަކަށް ކަމަށެވެ. އެހެނަސް، ސަޢޫދީ ޢަރަބިއްޔާގެ މީހުން ޗުއްޓީ ހޭދަކުރުމަށްޓަކައި ޑުބާއީއަށް ދާ މޫސުމަކީ، ސައުވީސް ގަޑިއިރު ތަންތަން ހުޅުވާފައި ހުންނަ މޫސުމެއްކަން އެފަހަރު އަޅުގަނޑަށް އެނގުނެވެ.

ގައުމުން ބޭރުގައި ޗުއްޓީ ހޭދަކުރާއިރު، ސަޢޫދީ މީހުންނަކީ، ރޭނގަޑު ހޭލާ ތިބުމަށް ވެސް ނުހަނު ލޯބިކުރާ ބަޔެކެވެ. އެމީހުން ނިދާނީ ދުވާލުގެ ވަގުތުތަކުގައެވެ. ބައެއް އާއިލާތަކުގެ ބޮޑެތި މީހުން ދުވާލު ނިދާފައި ތިބޭއިރު، އެ އާއިލާތަކުގެ ކުޑަ ކުދިން ވާނީ، މިނިވަންކަމާއެކު އެކުދިން ބޭނުން ކަމެއް ކުރުމަށް ވީއްލިފައެވެ. ބައެއް އާއިލާތަކުގެ މީހުން ފަތިސް ވަންދެން ހޭލާ އުޅޭއިރު، އެމީހުންނާއެކު އެމީހުންގެ ދަރީން ވެސް ހޭލާ އުޅެއެވެ. އެމީހުން ޗުއްޓީ ހޭދަކުރާ މޫސުމަކީ، އެއްވެސް ހަމައެއްލަމައެއް ނެތި ހިތުހުރި ގޮތަކަށް އުޅޭ މޫސުމެކެވެ. އިސްރާފުކުރުމާއި، ފާޙިޝް ޢަމަލުތައް ކުރުމުގައި ވެސް ހައްދުފަހަނަޅައިދާ މޫސުމެކެވެ. އެ މޫސުމް ނިންމާފައި އެމީހުން އެނބުރި ގައުމަށް ދާނީ، މާޔޫސްވެފައިވާ ޙާލުގައެވެ. އަދި ދެން އަންނަ ޗުއްޓީއެއްގެ މޫސުމާ ހަމައަށް ވެސް އެމީހުން އުޅޭނީ އެ މާޔޫސްކަންމަތީގައެވެ. "ރާޔިޙު ޢުމްރާ" ނުވަތަ "ރާޔިޙު ލިއްޙައްޖި" އަކަށް އެމީހުންނަކު ޝައުޤުވެރިއެއް ނުވެއެވެ! ކިއެއްހެއްޔެވެ؟ "ވާޔިދު މައްކާ ޙިލްވާ!" އަކީ ވެސް އެމީހުން ދަންނަ ކަމެއް ކަމުގައި ނުވެއެވެ!!!