"ރައްޔާނު" (رَيَّانُ) ގެ މާނަ


ސުވާލު:

ރައްޔާނުގެ މާނައަކީ ކޮބައިތޯއެވެ؟ އަދި އެއީ މުސްލިމުންގެ ދަރިންނަށް ކިއުން ހުއްދަ ނަމެއްތޯއެވެ؟


ޖަވާބު:

ޢަރަބި ބަހުގައި، ރައްޔާނު (رَيَّانُ) އަކީ ފިރިހެން ނަމެކެވެ. ރައްޔާނުގެ ޖަމްޢު ނުވަތަ ގިނަ ގޮތަކީ، ރިވާއު (رِوَاء) އާއި، ރައްޔާނޫން (ريّانون) އެވެ. ރައްޔާނުގެ އަންހެން ނަމަކީ، ރައްޔާ (رَيَّا) އާއި، ރައްޔާނާ (رَيَّانة) އެވެ. މީގެ ޖަމްޢަކީ، ރިވާއު (رِوَاء) އާއި، ރައްޔާނާތު (ريّانات) އެވެ. ރައްޔާނުގައި އެތައް މާނަތަކެއް އެކުލެވެ އެވެ. ރައްޔާނަކީ، (رَوِيَ) ގެ ފާޢިލު (ކަންކުރާ ފަރާތް) އެވެ. އޭގެ އާންމު މާނައަކީ، "ކަރުހިއްކުން ފިލާވަރަށް ފެންބޮއިގެން ވާ މީހާ" އެވެ. ރައްޔާނުގެ އިތުރު މާނަތަކުގެ ތެރޭގައި މިދަންނަވާ މާނަތައް ހިމެނެއެވެ.

1. މަސްޖަހާފައިވުން: ރައްޔާނު މޫނަކީ، ގިނައިން މަސްޖަހާފައިވާ މޫނެވެ.
2. މަސްފަލަވުން: ރައްޔާނު އަހަކީ، މަސްފަލަ އަހެވެ.
3. ތަމްކީނުވެފައިވުން: ރައްޔާނު ޢިލްމުވެރިޔަކީ، ޢިލްމީ މައިދާނުގައި މުތަމައްކިނު ޢިލްމުވެރިޔާއެވެ.
4. ފެހިކަމާއި ރިވެތިކަން: ރައްޔާނު ގޮތްޕަކީ، ގަހުގައިވާ ފެހި ރިވެތި ގޮތްޕެވެ.
5. ކަރުހިއްކުން ފިލާފައިވުން: ރައްޔާނު މީހަކީ، ކަރުހިއްކުން ފިލާވަރަށް ރަނގަޅަށް ފެންބޮއިގެން ހުންނަ މީހާއެވެ.

ނަންގަނެވިދިޔައީ، ބަހަވީ ނަޒަރަކުން ބަލާއިރު، "ރައްޔާނު" ގައި އެކުލެވޭ މާނަތަކެވެ. ދީނީ ނަޒަރަކުން ބަލާއިރު، އޭގައި ނުހަނު މަތިވެރި މާނަ އެކުލެވެއެވެ. އެހެނީ، އެއީ ސުވަރުގޭގައިވާ ޚާއްޞަ ދޮރުކޮޅެއްގެ ނަމެވެ. އެ ދޮރުކޮޅު ޚާއްޞަކުރައްވާފައިވަނީ، ހަމައެކަނި ރޯދަވެރިންނަށެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ޙަދީޘްކުރައްވާފައި ވެއެވެ.

(إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ)
ރިވާކުރެއްވީ: އިމާމު ބުޚާރީ.
މި ޙަދީޘްފުޅު، އިމާމު މުސްލިމު ވެސް ރިވާކުރައްވާފައި ވެއެވެ.

މާނައީ، "ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއް ވެއެވެ. އެ ދޮރުކޮޅަށް ކިޔެނީ (އެބަހީ: އެ ދޮރުކޮޅުގެ ނަމަކީ) އައްރައްޔާނުއެވެ. ޤިޔާމަތްދުވަހު އެ ދޮރުކޮޅުން ވަންނާނީ ރޯދަވެރިންނެވެ. އެނޫން ބަޔަކަށް އެ ދޮރުކޮޅުން ނުވަދެވޭނެއެވެ. (ޤިޔާމަތްދުވަހު) އިއްވެވޭނެއެވެ. ރޯދަވެރިން ވީ ކޮންތާކު ހެއްޔެވެ؟ ދެން ރޯދަވެރިން (އެ ދޮރުކޮޅުން ސުވަރުގެއަށް ވަނުމަށްޓަކައި) ތެދުވާނެއެވެ. އެ ދޮރުކޮޅުން އެމީހުން ނޫން ބަޔަކު (ސުވަރުގެއަށް) ނުވަންނާނެއެވެ. ފަހެ، އެމީހުން (އެ ދޮރުކޮޅުން ސުވަރުގެއަށް) ވަނުމާއެކު، އެ ދޮރުކޮޅު ލެއްޕެވޭނެއެވެ. އެއަށްފަހު އެއްވެސް މީހަކު އެ ދޮރުކޮޅުން ނުވަންނާނެއެވެ."

މި ޙަދީޘްފުޅުން އެނގޭ ގޮތުގައި، އައްރައްޔާނު (الرَّيَّانُ) އަކީ، ސުވަރުގޭގައިވާ ދޮރުކޮޅުތަކުގެ ތެރެއިން، ރޯދަވެރިންނަށްޓަކައި، މާތް ﷲ ޚާއްޞަކުރައްވާފައިވާ ދޮރުކޮޅެކެވެ.

އިސްލާމް ވެބްގެ 21697 ނަންބަރު ފަތުވާ އާއި، އުރުދުންގެ ދާއިރަތުލް އިފުތާއިލް ޢާންމި ގެ 738 ނަންބަރު ފަތުވާގައި ޢިލްމުވެރިން ފަތުވާދެއްވާފައިވަނީ، މުސްލިމުންގެ ދަރިންނަށް "ރައްޔާނު" ގެ ނަމުން ނަންކިއުމަކީ ހުއްދަ ކަމެއް ކަމަށެވެ. އަދި ކީރިތި މާތް ނަބިއްޔާގެ ޙަދީޘްފުޅުތައް ރިވާކުރެއްވި ބޭކަލުންނާއި، މުސްލިމު ޢިލްމުވެރިންގެ ތެރޭގައި ވެސް "ރައްޔާނު" ގެ ނަމުން ނަންދެވިފައިވާ ބޭކަލުން ހިމެނިވަޑައިގަންނަވާ ކަމަށް 738 ނަންބަރު ފަތުވާގައި ވެއެވެ.