ބައެއް ހަރުބަސް


1. ނުރޯ ލޮލަކީ، ނުފެންނަ ލޮލެކެވެ.

2. އެންމެ މޮޅު ސިޔާސަތަކީ، ތެދުބުނުމެވެ.

3. ގެއްލިދާނެ އެއްޗެއް ނެތް މީހަކަށް ގޮން ނުޖަހާށެވެ!

4. ބަޠަލުންގެ އައިބުތައް ހޯދައިގެން އުފާލިބިގަންނަނީ، ނިކަމެތި ނަފުސުތަކުގެ އަހުލުންނެވެ.

5. ބަސް ގިނަ ކަމަކީ، ޢަމަލު މަދުކަމުގެ ދަލީލެކެވެ.

6. ފާރުތަކުގައި ކަންފަތްތައް ވެއެވެ.

7. ތިބާގެ ފަތިފުށް ސާފުކަމަކީ، ތިބާގެ މޮޅު ސިފައެކެވެ.

8. ކިޔާ އެއްޗެހީގެ ވާހަކަ ނުދައްކައި، ފަހުމުވީ އެއްޗެއްގެ ވާހަކަ ދައްކާށެވެ!

9. ކަންދީ އަޑުއެހުމަކީ ރަނަށްވުރެ އަގުހުރި އެއްޗެކެވެ.

10. ފަޟީޙަތަކީ، ޢުމުރަށްވުރެ ދިގު އެއްޗެކެވެ.

11. ނުބެހޭ ކަންތަކާ ނުބެހި ދޫކޮށްލުމުން، ބެހޭ ކަންތަކާ އަޅާލުމަށް ވަގުތުވާނެއެވެ.

12. އަމިއްލަ ނަފުސަށް އިތުބާރުކުރާ މީހުން، ވާހަކަ ދައްކަން މަޖުބޫރުކުރެވޭނީ މަދު ފަހަރަކުއެވެ.

13. ކޮންމެ ފިޔަވަޅަކަށްމެ ނަތީޖާއެއް ވެއެވެ. ފިޔަވަޅު އަޅަން ފައި ޙަރަކާތްކުރުމުގެ ކުރިން، ވިސްނާ ފިކުރުކުރުމަށް ބުއްދީގެ ކަސްރަތުކުރާށެވެ!

14. ޙިކުމަތްތެރިން ބުނެފައިވެއެވެ. އެންމެ ނުބައި މީހަކީ، އޭނާ އެކަކަށް ވެސް އިތުބާރު ނުކުރާ ޙާލު، އޭނާގެ ނުބައި ނުލަފާކަމަށްޓަކައި، އެހެން މީހަކު އޭނާއަށް އިތުބާރުކުރާ މީހާއެވެ.

15. ބުއްދީގެ ބޭނުން ނުކުރާ މީހާ، ބެލެންސް ގެއްލިދެއެވެ. ތިމާގެ އަމިއްލަ ވިސްނުން މާމޮޅުކަމަށް ހީކޮށްފި މީހާ، ތެދުމަގުން އެއްކިބާވެދެއެވެ. ޙައްޤާ ދެކޮޅަށް ނުކުމެއްޖެ މީހާ، ނިކަމެތިވެދެއެވެ. ސަމާސާކުރުން ގިނަކޮށްފި މީހާ، ފޫހިވެދެއެވެ. ކިބުރުވެރިކަމުން އެއްކިބާވެގެންފި މީހާ، ޤަދަރު އުފުލިދެއެވެ.

16. ގިނައިން އަނގަތެޅުމަކީ، މަގު ބަންދުވެ، ހަކަތަ އިސްރާފުވާ ކަމެކެވެ.

17. ދުޝްމަނަކު ބަލިކޮށްލުމަކީ އޭނާ މަރާލުމެއް ނޫނެވެ. އެކަމަކު އޭނާގެ ފިކުރު ބާޠިލުކޮށްލުމެވެ.

18. ހަނުހުރުމަކީ، ގިނަ ބަޔަކު އެކަން ކުރަން ނުދަންނަ އީޖާދީ މޮޅު ޖަވާބެކެވެ.

19. ތިބާގެ އެހީއަކާ ނުލައި، ތިބާއަށް އިހާނެތިކޮށް ހިތުމަކީ، އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

20. ރުޅިއައިސްފައިވާ ޙާލުގައި ހުރެ ދައްކާ ވާހަކައަކީ، މުޅި ޢުމުރުގައި އެއާމެދު ހިތާމަކުރަންޖެހޭނެ ބޮޑު ވާހަކައެވެ.

21. ޒާލިމުން ކުރާ ކުދި އަނިޔާގެ ވާހަކަ ނުދައްކާށެވެ! އޭގެ ބަދަލުގައި ބޮޑެތި އަނިޔާތައް ކުރަން އެމީހުން ދޫކޮށްލާށެވެ! އެމީހުން ބަލިކޮށްލެވޭނީ އެމީހުން ކުރާ ބޮޑެތި އަނިޔާތަކުންނެވެ.