އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

ބަޙުރު އީމަޖައްލާގެ ހަތަރުވަނަ ޢަދަދު، ދުނިޔޭގެ އަލިކަން ދެކޭއިރު، މި މަޖައްލާއަށް މިވަނީ، ވަކި ބުރުސޫރައެއްލިބި ހަށި ބައްޓަންވެފައެވެ. ފުރަތަމަ ޢަދަދުގެ ފުރަތަމަ އިޞްދާރު ވުޖޫދަށް އައިއިރު އޮތް ޙާލަތަށްވުރެ ފަހި ޙާލަތަކަށް ނަގުލުވެފައެވެ. މިކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކުރަމެވެ. މިއަދުގެ އުންމީދަކީ، މުސްތަޤުބަލުގައި މިއަށްވުރެ ފަހި ޙާލަތަކަށް ވާޞިލުވުމެވެ. ރޫފައާއި ބައްޓަމަށް މާބޮޑު ބަދަލެއް ނަޔަސް، ފެންވަރާއި އޮއްޓަރަށް ހެޔޮ ބަދަލުތަކެއް އައުމެވެ.

މި ޢަދަދުގައި ގެނެސްދެވިފައިވާ އެންމެ މުހިންމު އެކައްޗަކީ، ކުދިންނަށް ނަންކިޔުމާބެހޭ ލުއި މަޢުލޫމާތުކޮޅެކެވެ. މާތްވެގެންވާ އިސްލާމްދީނުގައި މަގުދައްކަވާފައިވަނީ، މުސްލިމުންގެ ދަރީންނަށް ރަނގަޅު ނަންތައް ކިޔުމަށެވެ. އެހެނަސް ބައެއް މީހުން އިސްކަންދެނީ ރަނގަޅު ނަންނަމަކަށް ނޫނެވެ. އެކަމަކު، ނަން ކިޔާއިރު، ރީތި ކަމަށް އެމީހުންނަށް ގަބޫލުކުރެވޭ ނަންނަމަށެވެ. އެއްދުވަސްވަރެއްގައި މަޤުބޫލުވެގެންދިޔަ ނަމެއްގެ މާނައަކީ، ބޭރަށް ހިންގުމެވެ!

ބައެއް މީހުންނަށް ރީތިވެގެން ފާސްކުރަން އުޅެފައިވާ ނަންތަކުގެ ތެރޭގައި، "ޝައްރު" އާއި، "ނަބީ" އާއި، "ޖިބުރީލު" ފަދަ ނަންތައް ހިމެނެއެވެ. "ޝައްރު" ގެ މާނައަކީ ނުބައިކަމެވެ. "ނަބީ" އަކީ، ކުދިންނަށް ކިއުމަށް ހުއްދަވެގެންވާ ނަމެއް ނޫނެވެ. "ޖިބުރީލު" އާއި، "މީކާއީލު" ފަދަ މަލާއިކަތްބޭކަލުންގެ ނަންފުޅުތަކުން ކުދިންނަށް ނަން ނުކިއުމަށް މުސްލިމު ޢިލްމުވެރިން އިރުޝާދުދެއްވާފައި ވެއެވެ.

ނަންކިޔުމާބެހޭ އާންމު މަޢުލޫމާތު އިތުރުކުރުމަށްޓަކައި ބައެއް އިސްލާމީ ޤައުމުތަކުން ވަރަށް ބޮޑަށް މަސައްކަތްކުރައްވައެވެ. އެފަދަ އެއް ޤައުމަކީ، ސަޢޫދީ ޢަރަބިއްޔާއެވެ. އެ ޤައުމުގެ ވުޒާރަތުއް ދާޚިލިއްޔާ އިން ނެރުއްވާފައިވާ، ހުއްދަ ނޫން ނަންތަކުގެ ލިސްޓެއް މި މަޖައްލާގެ މި ޢަދަދުގައި ހިމަނާފައި ވާނެއެވެ. ނަންކިޔުމާބެހޭ މަޞްދަރުތަކުގައި މިއަށްވުރެ ތަފުޞީލުކޮށް، ހުއްދަ ނޫން ނަންތައް ބަޔާންކުރެވިފައި ވެއެވެ.

މި ޢަދަދުގައި ގެނެސްދީފައިވާ ވާހަކަތަކުގެ ތެރެއިން، "ޖިންނި ކުދިންނާއެކު ކުޅެން ގެންދާ ކުއްޖާގެ ވާހަކަ" އަކީ، ޙަޤީޤީ ވާހަކައެއް ކަމަކަށް މި މަޖައްލާއިން ނުދެކެމެވެ. ކޮންމެވެސް ބޭނުމަކަށްޓަކައި، ލިޔުންތެރިން އެފަދަ ވާހަކަތައް އުފައްދާކަމީ، ވަންހަނާވެފައިވާ ކަމެއް ނޫނެވެ. އެހެންކަމުން އެފަދަ ވާހަކަތައް ކިޔަންވާނީ، އަދަބިއްޔާތުގެ ފުރޭފުގެ ސިފައިގައެވެ. ޙަޤީޤީ ޙާދިސާގެ ގޮތުގައެއް ނޫނެވެ.

ޅެމުގެ ބައިގައި މިރާއްޖޭގެ ކުރީގެ ދެ ޅެންވެރިއެއްގެ ޅެން ހިމަނާފައިވާނެއެވެ. އެއީ، އަލްމަރްޙޫމް އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އާއި، އަލްމަރްޙޫމް އައްނަބީލު ޖަޢުފަރު ކަމާލުއްދީނެވެ. މާތް ﷲ، އެ ދެ ޝާޢިރުންނަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން!

މި ޢަދަދުގައިވާ ފޫހިފިއްލިތަކުން ވެސް ތިޔަބޭފުޅުންގެ ހިތްޕުޅުތަކަށް ފާގަތިކަމާއި، ޚިޔާލުފުޅުތަކަށް ތެތްކަން ފޯރާނެ ކަމަށް އުންމީދުކުރަމެވެ. މި ޢަދަދަކީ ވެސް ތިޔަބޭފުޅުންނަށް ކޮންމެވެސް މަންފާއެއް ފޯރުކޮށްދެނިވި އެއްޗެއް ކަމުގައި، މާތް ﷲ ލައްވާށިއެވެ! އާމީން!
1 ޖެނުއަރީ 2011