ޖިންނި ކުދިންނާއެކު ކުޅެން ގެންދާ ކުއްޖާގެ ވާހަކަ


މިޞްރުގެ ނީލަކޯރުގެ އައްސޭރީގައިވާ އިމާރާތެކެވެ. އެ އިމާރާތުގެ ތިންވަ ފަންގިފިލާގައި ދިރިއުޅެނީ، ތޯރިގު (ޠާރިޤު) އާއި އޭނާގެ އަންހެނުންނާއި އެ ދެމަފިރިންގެ ދެ ކުދިންނެވެ. އެއް ކުއްޖަކީ އަހުމަދެވެ. އޭނާގެ އުމުރަކީ، 9 އަހަރެވެ. އަނެއް ކުއްޖަކީ މުހަންމަދެވެ. އޭނާގެ އުމުރަކީ 7 އަހަރެވެ.

އަހުމަދާއި މުހަންމަދު ނިދަނީ ވަކި ކޮޓަރިއެއްގަ އެވެ. އެ ދެ ކުދިންގެ މަންމައާއި ބައްޕަ ނިދަނީ ވަކި ކޮޓަރިއެއްގަ އެވެ. އެއްރެއަކު މަސައްކަތުން ނިމިގެން ކުދިންގެ ބައްޕަ، ތޯރިގަށް ގެއަށް އާދެވުނުއިރު ވަނީ ބާރަ ޖަހާ ބޮޑުވެފަ އެވެ. އޭރު އިމާރާތުގައި ދިރިއުޅޭ އެންމެން ވަނީ ނިދާފަ އެވެ. އިމާރާތުގެ މައި ދޮރުވެސް ވަނީ ތަޅުލާފަ އެވެ. ދޮރު ހުޅުވާލާފައި ވަދެ، ނުހަނު ފަރުވާތެރިކަމާއެކު ތޯރިގު ދޮރު ތަޅުލި އެވެ. ދެން އަވަސް އަވަހަށް ސިޑިން ތިންވަނަ ފަންގިފިލާއަށް އަރައި، ގެއަށް ވަދެ، އޭނާގެ ދެ ދަރިންގެ ހާލު ބަލާލި އެވެ. އެ ދެ ކުދިން ތިބީ ގަދަ ނިދީގަ އެވެ. ދެން އޭނާގެ ކޮޓަރިއަށްވަދެ ބެލިއިރު އަންހެނުން (އުންމު އަހުމަދު) އޮތީ އޭނާގެ އިންތިޒާރުގައި ނުނިދަ އެވެ. އަންހެނުން އޭނާއަށް ކާން ހަދާދޭން އުޅުމުން، އޭނާ އައީ މަސައްކަތް ނިންމާފައި ދަންވެފައިވާތީ ކައިގެން ކަމަށް ބުނެ، އަވަހަށް ނިދަން އޮށޯތެވެ.

ދެމަފިރިންނަށް ނިދެމުން ދަނިކޮށް، މުހަންމަދު މާ ބާރަށް ރޮއިގަތް އަޑު އިވުނެވެ. ދެން އަވަސްއަވަހަށް އެދެމަފިރިން ތެދުވެގެން ގޮސް ބެލިއިރު، މުހަންމަދު ހުރީ އޭނާގެ ކޮޓަރީގެ ދޮރުމަތީގަ އެވެ. އަޑުންއަޑުނަގައި ރޮނީ އެވެ. ވީ ކީއްތޯ އެހުމުން ބުނީ ބޮޑު މީހަކު އައިސް ބޭބެ ނަގައިގެން ސްލެބް ފަޅާލާފައި ވަދެގެން ހިނގައްޖެ ކަމަށެވެ. ސްލެބަކީ ކޮޓަރީގެ ތަޅުންގަނޑެވެ. ދަގަނޑާއި ކޮންކްރީޓުން ހަދާފައިވާ ޝީޓެވެ. މުހަންމަދުގެ ވާހަކަ އަޑުއިވުމުން އޭނާގެ މަންމައާއި ބައްޕަ ވަރަށް ބޮޑަށް އަންތަރީސްވި އެވެ. ދެން އަހުމަދު ފެނޭތޯ އެ ދެމަފިރިން މުޅި ގޭތެރެ ހޯދައި ބެލި އެވެ. އެއްވެސް ތާކުން ނުފެނުނެވެ. މުހަންމަދު އެބުނާ މީހަކު އައިސް އަހުމަދު ގެންދިޔައީކަން ގަބޫލުކުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް ގޭގެ އެއްވެސް ދޮރެއް، ކުޑަދޮރެއް ހުޅުވާފައެއް ނެތެވެ. ތަޅުންގަނޑު ފަޅައިގެން ދިޔަ ކަމުގެ އަލާމާތެއް ވެސް ފެންނާކަށެއް ނެތެވެ! ކަންހިނގާދިޔަ ގޮތް މޭރުންވުމުން، ކުދިންގެ މަންމަ، އުންމު އަހުމަދު ހޭނެތިގެން ވެއްޓިއްޖެ އެވެ!

ބަލާކަށް ނުހުރެ ތޯރިގު އަވަހަށް އަވަށްޓެރިންނަށް ގޮވަން ފެށި އެވެ. ގާތްތިމާގެ މީހުނާއި ރައްޓެހިންނަށް ވެސް ފޯނުކޮށްގެން މި ޚަބަރު ދީފި އެވެ. ދެން، އާދެވުނު މީހަކު އައިސް އަހުމަދު ފެނޭތޯ ގޭތެރެއާއި ނީލަކޯރުގެ އައްސޭރި ހޯދަން ފެށި އެވެ. އެއްބަޔަކު ތޯރިގު ގާތުގައި ބުނެފި އެވެ. އަވަހަށް ފުލުހުންނަށް އަންގާށެވެ! ތޯރިގު ބުންޏެވެ. "ފުލުހުންނަކީ ޖިންނި ޝައިޠާނުންގެ މައްސަލަ ބަލާ ބަޔެއް ނޫނެވެ. އެމީހުނަށް އަންގައިފިނަމަ، ޖޯކުޖެހުން ނޫން ކަމެއް އެމީހުންނަކު ނުކުރާނެ އެވެ." ތޯރިގުގެ ވިސްނުން ހުރީ މިގޮތަށެވެ. ނަމަވެސް އޭނާގެ ރައްޓެހިންގެ ބާރު އެޅުމާއެކު، އެންމެފަހުން ފުލުހުންނަށް އެންގި އެވެ. ފުލުހުން ކަންކުރީ ހަމަ އޭނާ ބުނި ގޮތަށެވެ. ޖިންނިއެއް އައިސް އޭނާގެ ދަރިފުޅު ގެންދިޔަ ވާހަކަ ފުލުހުންނަށް އޭނާ ކިޔާދިނެވެ. އޭރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަ އެވެ. ނަމަވެސް ފުލުހުން ތިބީ ފާޑަކަށް ހިނިއައިސްފަ އެވެ. ކަންބޮޑުވުމުގެ އެއްވެސް އަލާމާތެއް، އެންމެ ފުލުހެއްގެ ކިބައިން ވެސް ނުފެނުނެވެ.

އެއްބަޔަކު އަހުމަދު ހޯދަމުން ދަނީ އެވެ. އަނެއް ބަޔަކު އުންމު އަހުމަދު ހޭއަރާތޯ މަސައްކަތްކުރަނީ އެވެ.... ފަތިސްވާން ގާތްވެފައިވަނިކޮށް ޢިމާރާތުގެ ސިޑިދަށަށް ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑު އިވިއްޖެ އެވެ. ދެން އެއްބަޔަކު ގޮސް ބެލިއިރު، ބަންޑުންޖެހިފައިވާ ބޮޑު ތެއްޔެއް ނޫން އެއްޗެއް އެތާކު ނެތެވެ. ތެލި ނެގިއިރު، އޭގެ ދަށުގައި އަހުމަދު އޮތީ ބޯކޮޅު ވަތަށް، ގުޅައަކަށް ޖެހިފަ އެވެ. އޭނާ އޮތީ ހޭ ވެސް ނެތިފަ އެވެ. ދެ ބުމަމަތި، ދެ އޮރެންޖުހެން ދުޅަވެފައިވުމުގެ ސަބަބުން ދެލޯވަނީ މެރިފަ އެވެ. ދެން އެމީހުން އަހުމަދު ނަގައިގެން ގެނެސް ތިންވަނަ ފަންގިފިލާގައިވާ އޭނާގެ ފްލެޓަށް ވެއްދި އެވެ.

އަހުމަދު ސާފުކޮށްފައި، އޭނާގެ އެނދުމަތީގައި ބޭއްވުނެވެ. އެންމެން ބަލަން ތިއްބާ މަޑުމަޑުން އޭނާގެ ދެލޯމަތީގައިވާ ދުޅަގަނޑު ތިރިވަމުން ދިޔަ އެވެ. ދުޅަގަނޑު އެއްކޮށް ތިރިވުމުން އޭނާ ދެލޯ ހުޅުވާލާފައި ބަލާލި އެވެ. އަހުމަދު ދިޔައީ ކޮންތާކަށްތޯ އޭނާގެ ބައްޕަ އަހާލި އެވެ. އަހުމަދުގެ ޖަވާބަކަށްވީ "އެއްވެސް ތާކަށް ނުދަމެވެ. މިއޮތީ އެނދުގައި ނިދާފައި ނޫންހެއްޔެވެ؟" އަހުމަދުގެ ޖަވާބު އިވުމުން އެންމެން އަންތަރީސްވި އެވެ. އޭނާއަކީ ދުވަހަކު ކަމެއްވި ކުއްޖެއް ހެނެއް ހިޔެއް ނުވެ އެވެ. އޭނާ އެއޮތީ ގަދަވެ ސަލާމަތުންނެވެ. ބަލިކަމުގެ ނުވަތަ ވަރުބަލި ކަމުގެ އެއްވެސް އަލާމާތެއް އޭނާގެ ކިބަޔަކު ނެތެވެ. ނަމަވެސް އަހުމަދު ހައިރާންވި ކަމެއް ވި އެވެ. "ފަތިސްނަމާދަށް ބަންގި ނުގޮވަނީސް މާގިނަ ބަޔަކު ގެޔަށް އައިސްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟" ހައިރާންކަމާއެކު އޭނާ ކުރަންފެށީ މިސުވާލެވެ. އޭނާ ގެއްލިގެން ހޯދާ ވާހަކަ ބުނާ ކޮންމެ މީހެއްގެ ގާތުގައި، "އޭނާ އެއްވެސް ތާކަށް ނުދާކަމަށާއި، އޭނާ އޮތީ އެނދުމަތީގައި ނިދާފައި ކަމަށް" ބުނެ އެވެ.

ޖެހިގެން އައި ދުވަހު، ޝަރުޢީ ރުޤާ ހައްދަވާ ޝައިޚެއްގެ އަރިހަށް ތޯރިގު އޭނާގެ ދަރިފުޅު އަހުމަދު ގޮވައިގެން ދިޔަ އެވެ. ޝައިޚު ވިދާޅުވީ، ހިނގާދިޔަ ހާދިސާއާމެދު ކަންބޮޑު ނުވުމަށާއި، އެހާދިސާ އަދިވެސް ތަކުރާރުވެދާނެ ކަމަށެވެ. ވަރަށް ގިނަ ވާހަކަތައް ދެއްކެވުމަށްފަހު، ތޯރިގުގެ ހިތްހަމަޖެހޭވަރުވުމުން، ޝައިޚު އެ ދެ ބަފައިން ގެޔަށް ފޮނުވާލެއްވި އެވެ.

އޭގެފަހުން އެއްދުވަހަކު ހެނދުނު ތޯރިގު މަސައްކަތުގައި އުޅެނިކޮށް، އޭނާގެ އަންހެނުން އުންމު އަހުމަދު، ތިމާގެ މީހެއްގެ ގެޔަށްދާން ބޭނުންކަމަށް ފޯނުކޮށްފައި ބުންޏެވެ. ތޯރިގުގެ އިޒުނައާއެކު އޭނާ ދިޔައިރު ދިޔައީ މުހަންމަދު ގޮވައިގެންނެވެ. އަހުމަދެއް ނުދިޔަ އެވެ. އަހުމަދު ބޭނުންވީ ފިލާވަޅު ދަސްކުރަން ގޭގައި މަޑުކޮށްލުމަށެވެ... އެދުވަހު މަސައްކަތުގައި އުޅެނިކޮށް އަހުމަދާމެދު ތޯރިގުގެ ހިތަށް އާދަޔާޚިލާފު އިހުސާސެއް ވެރިވާހެން ހީވި އެވެ. ދެން އަހުމަދު ކޮބާތޯ ބަލާލަން އޭނާ ގެއަށް ދިޔަ އެވެ. ނަމަވެސް ގެއިން އެއްވެސް މީހަކު ނުފެނުނެވެ. އޭނާ ހީކުރީ، އޭނާގެ އަންހެނުން ތިމާގެ މީހެއްގެ ގެޔަށް ދިޔައީ ދެކުދިން ގޮވައިގެން ކަމަށެވެ. ދެން އޭނާ އެނބުރި މަސައްކަތަށް ދިޔަ އެވެ.

އެދުވަހު އުންމު އަހުމަދު ގެއަށް އައީ، ތޯރިގަށް ވެސް މަސައްކަތުން ނިމިގެން ގެއާ ހަމައަށް އާދެވުނުތަނާ އެވެ. އުންމު އަހުމަދާއެކު ހުރީ މުހަންމަދު އެކަންޏެވެ. އަހުމަދު ކޮބާތޯ ތޯރިގު ސުވާލުކުރި އެވެ. އުންމު އަހުމަދު ބުނީ އޭނާ ފިލާވަޅު ދަސްކުރަން ގޭގައި އެބައިން ކަމަށެވެ. އުންމު އަހުމަދު މިހެން ބުނުމުން، ތޯރިގުގެ ހިތް ރޯމަހެއް ތެޅޭހެން ތެޅެން ފެށި އެވެ.... ކަންބޮޑުވެފައިވާ ހާލު ދެމަފިރިންނާއި މުހަންމަދު ގެއަށްވަދެ އަހުމަދު ފެނޭތޯ ހޯދަންފެށި އެވެ. ނަމަވެސް އެއްވެސް ތާކުން އަހުމަދެއް ނުފެނުނެވެ. ދެން ފިކުރު ބޮޑުވެފައިވާ ހާލު، އެދެމަފިރިން ސިޓިންގރޫމަށް ނިކުމެ އިށީނދެއްޖެ އެވެ. ފުލުހުންނަށް އަންގަންވީތޯ، ނުވަތަ އަހުމަދު އަންނަންދެން މަޑުކުރަންވީތޯ ޚިޔާލުބަދަލުކޮށްލުމަށްޓަކަ އެވެ. އެދެމީހުން ވާހަކަދައްކަން ތިއްބާ އިރުކޮޅަކުން އަހުމަދު އަތުވެއްޖެ އެވެ.

އަހުމަދު އައީ ކޮންތާކުންތޯ އޭނާގެ މަންމަ އެހުމުން އޭނާ ބުނީ، ބަދިގޭގައި އެއްޗެއް ކާން އިނދެފައި އައީ ކަމަށެވެ. އަހުމަދުގެ މި ޖަވާބުވީ އެ ދެމަފިރިންގެ އަންތަރީސްވުން ސަތޭކަ ބައްތިރީސް ދަރަޖައަށް އުފުލާލި ޖަވާބަކަށެވެ. އެހެނީ އެދެމަފިރިން ބަދިގެތެރެއަށްދާންދެން ހޯދައިބެލީ ދާދި ދެންމެއަކު އެވެ.... ދެން އުންމު އަހުމަދު ގޮސް ބަދިގެއަށް ބޯދިއްކޮށްލި އެވެ. އޭނާއަށް ފެނުނީ އަނެއްކާވެސް އަންތަރީސްކަން އިހުނަށްވުރެ ތެއްތިރީސް ގުނަ އިތުރުކޮށްލި ކަމެކެވެ. ތިންތަނުން ކައްކާ އުދުން މަތީގައި އެހެރީ އެއްފަހަރާ ތިންތެލި ކެކިކެކި އެވެ. ދެން ތޯރިގަށް އިޝާރަތްކޮށްގެން ގެނެސް އޭނާއަށް އުނދުން ދައްކާލި އެވެ!

އޭގެފަހުން ވެސް ބައެއް ދުވަސްދުވަހު އަހުމަދު ގެއްލެ އެވެ. މިކަމާމެދު އުންމު އަހުމަދު ކަންބޮޑުވެގެން އުޅޭތީ އަނެއްކާވެސް ޝަރުޢީ ރުޤާ ހައްދަވާ ޝައިޚެއްގެ އަރިހަށް، ތޯރިގު އޭނާގެ އަންހެނުން ގެންދިޔަ އެވެ. ޝައިޚު ވިދާޅުވީ، އަހުމަދަށް ގެއްލުމެއް ނުލިބޭނަމަ އެކަމާމެދު އަޅާނުލުމަށެވެ. އަހުމަދު ގެންދެވެނީ ޖިންނީންގެ އެފުރައިގެ ކުދިންތަކަކާއެކު ކުޅެން ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމަށްވަނީނަމަ، އަހުމަދު ބާލިޣުވުމުން އެކަން ހުއްޓިދާނެ ކަމަށެވެ.

<><><>

ނޫސްވެރިންނާ ހަމައަށް މި ވާހަކައިގެ ޚަބަރު ފޯރުމުން، ނޫސްވެރިން ނީލަކޯރުގެ އައްސޭރީގައިވާ ތޯރިގުގެ ގެޔަށް ދިޔަ އެވެ. ފެހި ވާދީއެއްގެ ތެރޭގައިވާ އެ ގެ، ދުރުން ފެންނައިރު ހީވަނީ ޖިންނީންގެ މަންޒިލެއްހެންނެވެ. ނޫސްވެރިން އެ ގެ އަށް ގޮސް ތޯރިގާއި އޭނާގެ އަންހެނުންނާ ބައްދަލުކޮށް ވަރަށް ގިނަ ވާހަކަދައްކައި، ކަންތައް އޮޅުންފިލުވި އެވެ. ނޫސްވެރިން އަހުމަދާ ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދިނެވެ. ތޯރިގު ބުނި ގޮތުގައި އެއީ އޭނާއަށް އެންގިފައިވާ ގޮތެވެ. އަހުމަދު ގެންދާ ގެންދިއުމާބެހޭ ގޮތުން ވާހަކަދެއްކުން ވަނީ އޭނާއަށް މަނާކުރެވިފަ އެވެ.... ދެން ނޫސްވެރިން ވާހަކަ ދެއްކީ މުހަންމަދާ އެވެ. މުހަންމަދު ބުނީ މިހާރު އޭނާގެ ބޭބެއާއެކު އެއް ކޮޓަރިއެއްގައި ނިދާކަށް އެއްވެސް ބިރެއް ނުގަންނަ ކަމަށެވެ. "އެކުދިން ބޭބެ ގެންދަނީ ކުޅެންވެގެންނޭ، އަނިޔާކުރާކަށް ނޫނޭ." މުހަންމަދު ބުންޏެވެ.