ޢިރާޤުގެ ބަޣަލާއި ސެންޓްރަލް ޕާކުގެ ދޫނި


ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. "ޢިރާޤުގައިވާ ބަޣަލަކަށް މަގުއޮޅި އެއަށް ގެއްލުމެއް ލިބިއްޖެނަމަ، ތިމަންކަލޭގެފާނު އެއަށް މަގު ފަހިކޮށް ނުދެއްވީތީ، އެކަމާމެދު މާތް ﷲ ތިމަންކަލޭގެފާނާ ސުވާލުކުރައްވާނެކަން ކަށަވަރެވެ." (ބަޣަލަކީ، އަހަކާއި ޙިމާރަކަށް ލިބޭ ދަރިއެވެ.) އިސްލާމީ ދައުލަތަކީ، އޭރު ދުނިޔޭގައިވާ އެންމެ ޢަދުލުވެރި، އެންމެ ހައިބަތުހުރި ދައުލަތް ކަމަށްވީ، ޢުމަރުގެފާނުގެ މި ވިސްނުންފުޅުގެ ސަބަބުންނެވެ. އެ ދައުލަތުގައިވާ އެންމެހައި ތަކެއްޗަށް ލިބެންޖެހޭ ޙައްޤުތައް އެކަލޭގެފާނު ދެއްވާފައިވާތީއެވެ.

ނިއުޔޯކުގެ މަސްއޫލުވެރިޔަކު ވިދާޅުވެފައިވެއެވެ. "ސެންޓްރަލް ޕާކުގައިވާ ދޫންޏެއް މަރުވެއްޖެނަމަ، އެކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ތިމަންނާ ކަމަށް ޤަބޫލުކުރަމެވެ." އެމެރިކާއަކީ، މިހާރު ދުނިޔޭގައިވާ އެންމެ އާރާއި ބާރު ހުރި، އެންމެ ވަރުގަދަ ޤައުމުކަމަށްވީ މިހެންވެގެންނެވެ. އެ ޤައުމުގައިވާ މީހުންނަށާއި އެހެނިހެން ދިރޭތަކެއްޗަށް، އޭގެ ޙައްޤުތައް ދީފައިވާތީއެވެ.

އަޅުގަނޑުމެންގެ ތެރެއިން މީހަކު ނުކުމެ، އަޅުގަނޑުމެންގެ ތެރެއިން ބަޔެއްގެ ކުރިމަތީގައި ހުއްޓިހުރެ، ދޫނިސޫފާސޫފީގެ ޙައްޤުތަކުގެ ވާހަކަ ދައްކަން ފަށައިފިނަމަ، ވާނީ ކިހިނަކުންތޯއެވެ؟ އަޑުއަހަންތިބޭ އެންމެން އެމީހަކަށް މަލާމާތްކޮށްކޮށްފައި ހޭނެއެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް މަލާމާތްކުރާނެ މީހަކު އަޅުގަނޑުމެންގެ ތެރެއަކުން ނުނިކުންނާނެއެވެ.

އިންސާނުންނަށް ލިބެންވާ ޙައްޤުތައް ނޭނގޭ ބަޔެއްގެ ތެރޭގައި ހުރެ، ޖަނަވާރުތަކަށް ލިބެންވާ ޙައްޤުތަކުގެ ވާހަކަ ދައްކާނީ ކިހިނަކުންތޯއެވެ؟
އެބަޔެއްގެ ރައްޔިތުންނަށްވުރެ ބޮޑަށް، ހުޅަނގުގެ ކުއްތާތަކަށް ވެސް ލޯބި ދެވިފައިވާ ބަޔެއްގެ ކުރިމަތީގައި ޙައްޤުތަކާބެހޭ ގޮތުން ވާހަކަ ދައްކާނީ ކިހިނަކުންތޯއެވެ؟
އެބަޔަކު އަމިއްލައަށް، އެބަޔެއްގެ ޙައްޤުތައް ނިގުޅައިގަތުމުގައި ބައިވެރިވާ ބަޔެއްގެ ކުރިމަތީގައި ޙައްޤުތައް ހޯދުމަށްޓަކައި ވާހަކަ ދައްކާނީ ކިހިނަކުންތޯއެވެ؟

ފުރިހަމައަށް ޙައްޤުތައް ލިބިފައިވާ މީހަކީ، އެހެން މީހުންނަށް ލިބެންވާ ޙައްޤުތައް ދޭން ދަންނާނެ މީހެކެވެ. މީހުންނަށާއި ގަސްގަހާގެއްސަށާއި، މަސްމަހާމެއްސަށާއި، ދޫނިސޫފާސޫތްޕަށާއި، އެނޫން ތަކެއްޗަށް ވެސް، ލިބެންޖެހޭ ޙައްޤުތަކެއް ވާކަން އޭނާ ދަންނާނެއެވެ. ރަށުގެ މަގުތަކަށް ވެސް، ޙައްޤުތަކެއް ލިބިގެންވާ ކަމާއި، އެމަގުތައް ސާފުތާހިރުކަންމަތީ ދަމަހައްޓަން ޖެހޭނެކަން އޭނާ ދަންނާނެއެވެ. މަގުތަކުގެ ފާރުތައް ހަޑިކުރުމަކީ، ތިމާގެ އަމިއްލަ ގެދޮރު ހަޑިކުރުންކަން އޭނާ ދަންނާނެއެވެ. އެމީހެއްގެ ޤައުމުން އެމީހަކަށް އެއްޗެއް ލިބުމަށް އެދޭނަމަ، ފުރަތަމަ އެމީހެއްގެ ކިބައިން އެމީހެއްގެ ޤައުމަށް އެއްޗެއް ދޭންޖެހޭނެކަން ވެސް އޭނާ ދަންނާނެއެވެ. ނަމަވެސް، މީހަކު ހިނގާ މަގުމަތީގައި ކޮންމެ ދުވަހަކު އޭނާ ޗިސްކުރެވޭނަމަ، އޭނާ އެމަގު ސާފުކޮށް ބަލަހައްޓާނެ ކަމަކަށް ހީނުކުރާށެވެ!

މިމަޒުމޫނު ފަށަމުން ނަންގަތް އުމަރުގެފާނުގެ ބަސްފުޅު ނިއުޅާލަމާ ހިންގަވާށެވެ! އެކަލޭގެފާނަކީ، އެޒަމާނުގެ ޤައުމެއްގައި ހުންނެވި އެންމެ ޢަދުލުވެރި ވެރިޔާއެވެ. އެކަލޭގެފާނު ވިދާޅުވީ، "ޢިރާޤުގައިވާ ބަޣަލަކަށް މަގުއޮޅި އެއަށް ގެއްލުމެއް ލިބިއްޖެނަމަ، ތިމަންކަލޭގެފާނު އެއަށް މަގު ފަހިކޮށް ނުދެއްވީތީ، އެކަމާމެދު މާތް ﷲ ތިމަންކަލޭގެފާނާ ސުވާލުކުރައްވާނެކަން ކަށަވަރެވެ." މިހެންނެވެ. މިބަސްފުޅުގައި އެކަލޭގެފާނު ވާހަކަފުޅު މިދައްކަވަނީ ކޮންކަމަކާބެހޭ ގޮތުންތޯ އެވެ؟ އެކަލޭގެފާނު މިވިދާޅުވަނީ، އިސްލާމީ ދައުލަތުގައި ދިރިއުޅޭ ބަޣަލަކަށް ވެސް އަނިޔާއެއް ލިބުމަކީ، އެކަލޭގެފާނު ނުހަނު ބިރުވެތިވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. މިދަރަޖައަށް އެކަލޭގެފާނު، ޖަނަވާރުތަކާމެދު އޯގާވެރިވެ ވަޑައިގެންނެވިއެވެ. އަދި އެއަށްވުރެ މާބޮޑަށް، އެކަލޭގެފާނު، އިންސާނުންނާމެދު އޯގާވެރިވެ ވަޑައިގެންނެވިއެވެ.

ޢުމަރުގެފާނު ބިރުވެތިވެ ވަޑައިގެންނެވީ، ބަޣަލެއް މަރުވެދާނެތީއެއް ނޫނެވެ. އެކަމަކު އެކަލޭގެފާނު ޤައުމުގެ މަގުތައް ރަނގަޅު ފެންވަރެއްގައި ނުހައްދަވައިފިނަމަ، ބަޣަލަކަށް އަނިޔާއެއް ލިބިދާނެތީއެވެ. އެ ބަޣަލު އޮތީ މަދީނާގެ ރަށްބޭރަކު ނޫނެވެ. އެއަށްވުރެ ވެސް މާދުރުގަ އެވެ. ޢިރާޤަކީ އޭރު އިސްލާމީ ދައުލަތުގެ އެންމެ ދުރު ހިސާބެވެ. ނަމަވެސް ދައުލަތުގެ އެންމެ ދުރު ހިސާބުތަކުގައިވާ ދިރޭތަކެއްޗާމެދު ވެސް އެކަލޭގެފާނު ޒިންމާދާރުވެ ވަޑައިގަންނަވަން ޖެހޭނެކަން ޤަބޫލުފުޅުކުރެއްވިއެވެ.

ޢުމަރުގެފާނު ވިދާޅުވި ބަސްފުޅު، ދެތިން ފޮޅުވަތުގައި ލިޔެލެވިދާނެއެވެ. ނަމަވެސް އޭގައި އެއްހާސް އެތައް ފިލާވަޅެއް ހިމެނިފައިވެއެވެ. ... މަސްއޫލިއްޔަތު ނުއުފުއްލެވިދާނެތީ ޢުމަރުގެފާނު ކަންބޮޑުވެ ވަޑައިގަންނަވަންވީ ކީއްވެތޯއެވެ؟ އެކަލޭގެފާނަކީ، ސުވަރުގެވެރިއެއް ކަމުގެ އުފާވެރި ޚަބަރު ދެއްވިފައިވާ ބޭކަލެކެވެ. ނަމަވެސް ނުހަނު ތަވާޟުޢުވެރިކަމާއެކު އެކަލޭގެފާނު މަސްއޫލިއްޔަތު އުފުއްލެވުމަށް އިސްކަން ދެއްވިއެވެ.

ޢުމަރުގެފާނެވެ! ޢިރާޤުގައިވާ ބަޣަލާއި މީހުން މިހާރު އެއްގޮތަކަށް މަރުވަމުންދާކަން ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟ އިސްލާމީ ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގެ ޙާލަތު ވެސް މިއަދު އޮތީ ހަމަ އެހެންނެވެ.

އަމީރުލް މުއުމިނީން، ޢުމަރުގެފާނެވެ! ކަލޭގެފާނުގެ ނަސްލުން އައި އެތައް ފަހުލަވާނުންނެއް، ކަނޑު ހުރަސްކުރަނިކޮށް ޣަރަޤުވެ މަރުވިކަން ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟ އަމީރުލްމުއުމިނީނެވެ! އެމީހުން އުންމީދުކުރީ، ސެންޓްރަލް ޕާކުގައި މިނިވަންކަމާއެކު އުދުހޭ ދޫނިތަކެއް ފަދައިން ވުމަށެވެ!