ވަޒީފާއެއް ހޯދުމާބެހޭ ބާރަ ނަސޭހަތް



ތިރީގައި މިވަނީ، އެމެރިކާގެ ވަޒީފާއާބެހޭ މަރުކަޒެއް ކަމަށްވާ (Pomerantz Career Center) އިން ދީފައިވާ ނަސޭހަތްތަކެކެވެ.


1. ތިބާގެ ކުޅަދާނަކަން ދައްކާލާށެވެ!

ތިބާގެ ވަނަވަރު (ސީވީ) ގައި ތިބާއަކީ ދެރަ މީހެއްކަން ފާޅުނުކުރާށެވެ! އިންޓަވިއުތަކުގައި ތިބާއަކީ ހަރުދަނާ ކުޅަދާނަ މީހެއްކަން ދައްކާށެވެ! ތިބާއަށް ލިބިފައިވާ ތަޖުރިބާތަކާއި ހުނަރުތަކަށް އިތުބާރުކުރާށެވެ! އެއީ، ތިބާގެ ޚާއްޞަކަން ހާމަކޮށްދޭ ވަސީލަތެއް ކަމަށް ހަދާށެވެ! ވަޒީފާއެއް ހޯދަން ދިއުމުން، ތިބާއާ އިންޓަވިއުކުރާ މީހާ، ތިބާއާމެދު ޚާއްޞަ ނަރަކުން ވިސްނާ ފިކުރުކުރާވަރު ކޮށްލާށެވެ! ނަމަވެސް ތިބާގެ މޮޅުކަން ދެއްކުމަށްޓަކައި ދޮގެއް ނަހަދާށެވެ!


2. ނުހަނު ފަރުވާތެރިކަމާއެކު ތިބާގެ ވަނަވަރު ލިޔާށެވެ!

ތިބާގެ ކިބައިގައިވާ ހުރިހައި ބާރުގަދަ ނުކުތާތަކެއް ވަނަވަރުގައި ހިމެނޭކަން ކަށަވަރުކުރާށެވެ! ވަޒީފާދޭ ފަރާތުން ސަމާލުކަން ދޭނެ ނުކުތާތައް ލިއުމަށް ފަރުވާތެރިވާށެވެ! އޭގައި ލިޔާ ތިބާގެ އެކްޓިވިޓީތަކާއި ތަޖުރިބާތައް ރަނގަޅަށް ދިރާސާކުރާށެވެ! ތިބާގެ ވަނަވަރު ލިޔެފައިވާ ފެންވަރު ވަޒަންކުރަން ބޭނުންނަމަ، އަޅުގަނޑުމެންނަށް އޭގެ ކޮޕީއެއް ފޮނުވާށެވެ! އޭރުން އަޅުގަނޑުމެންގެ މަރުކަޒުގައިވާ މުސްތަޝާރަކާ ތިބާއާ ވާހަކަދެއްކޭނެ ގޮތް ހަދައިދޭނަމު އެވެ. މިކަމަކީ، ދޭތެރެދޭތެރެއިން އަޅުގަނޑުމެން ކުރާ ކަމެކެވެ. (ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓާ ބެހޭ މާހިރަކު ލައްވައި ތިބާގެ ވަނަވަރު ވަޒަންކުރާށެވެ!)


3. ވަޒީފާއެއް ހޯދުމަކީ، ތިބާ ހިތްއެދޭ ވަޒީފާއަށް ވާޞިލްވުމުގެ ފައްތަރަކަށް ހަދާށެވެ!

ތިބާއަށް ވަޒީފާއެއް ލިބުމަކީ، ދަތުރުގެ ނިމުން ކަމުގައި ނަހަދާށެވެ! އެކަމަކު އެއީ ޢަމަލީ މައިދާނުގައި ތިބާގެ މަންޒިލް މަޤުޞޫދަށް ވާޞިލްވުމަށް ބިނާކުރެވޭ ފާލަން ކަމުގައި ހަދާށެވެ! ވަޒީފާއެއް ހޯދުމަށްޓަކައި ކޮންމެހެން ތިބާ އެހެން ޤައުމަކަށް ދާކަށް ނުޖެހެ އެވެ. ތިބާގެ ރަށުން ވެސް ވަޒީފާއެއް ލިބިއްޖެނަމަ، ފަސްނުޖެހި އެ ވަޒީފާ ޤަބޫލުކުރާށެވެ!


4. ތަޚައްޞުޞުން ބޭރު ވަޒީފާއެއް ވެސް ފެނޭތޯ ބަލާށެވެ!

ތިބާ އަދާކުރާ ވަޒީފާއަކީ، ތިބާ ކިޔެވި އެއްޗަކާ ގުޅުންހުރި ވަޒީފާއަކަށްވުން ލާޒިމެއް ނޫނެވެ. ތިބާ ސަމާލުކަންދޭ ދާއިރާއަކާ ގުޅުންހުރި ވަޒީފާއެއް ކަމަށްވެފައި، އެވަޒީފާއަށް ތިބާ ޤާބިލުކަމަށްވަނީނަމަ، ފުރުޞަތު ނަގާނުލާށެވެ! ކިތަންމެ ބަޔަކު ޢަމަލީ މައިދާނުގައި މަސައްކަތްކުރަނީ، އެމީހުންގެ އެކަޑެމިކް ތަޚައްޞުޞު ނޫން އެހެން ދާއިރާތަކުގަ އެވެ. އެމީހުން އުޅެނީ، އެމީހުން ކިޔެވި އެއްޗަކާ ސީދާ ގުޅުމެއް ނެތް ވަޒީފާތަކުގައެވެ.


5. ވަކި އިމެއްގައި ބަންދުވެފައި ނުހުންނާށެވެ!

ވަޒީފާއެއް ހޯދަން މަސައްކަތްކުރާއިރު، އީޖާދީ މީހަކަށް ވާންވީ ހަމައެކަނި ހޯދުންތެރިކަމުގެ ދާއިރާގައެއް ނޫނެވެ. ކީއްހެއްޔެވެ. ވަޒީފާ ހޯދަން މަސައްކަތްކުރާ ގޮތުގައި ވެސް އީޖާދީ މީހެއް ކަމަށް ވާށެވެ! ތިބާގެ އަމިއްލަ ނަފުސާ ސުވާލުކުރާށެވެ! ވަޒީފާއެއް ހޯދުމުގައި ތަބާވާން ޖެހޭ ހުރިހައި ގަވާއިދުތަކެއް ތަންފީޒުކުރެވިއްޖެ ހެއްޔެވެ؟ އިންޓަރނެޓުން ފުދޭ ވަރަކަށް ސަރޗްކުރެވިއްޖެ ހެއްޔެވެ؟ ވަޒީފާ ހުށަހަޅާ ތަންތަނަށް ގޮސް އެކަށީގެންވާ ވަރަށް ބެލިއްޖެ ހެއްޔެވެ؟ ވަޒީފާއެއް ހޯދުމާ ބެހޭ ގޮތުން ގާތްތިމާގެ މީހުންނާއި، ރަޙުމަތްތެރިންނާއި، އަދި ތިބާއަށް ކިޔަވާދިން އެދުރުންނާ މަޝްވަރާކޮށް ވާހަކަދެއްކިން ހެއްޔެވެ؟ ހަނދާންކުރާށެވެ! ވަޒީފާއެއް ހޯދަން މަސައްކަތްކުރާއިރު، ތިބާއަށް ބޭނުންކުރެވެން ހުރި ހުރިހައި މަޞްދަރުތަކެއް ބޭނުންކުރާށެވެ!


6. ތިބާގެ ތަޖުރިބާ (އެކްސްޕީރިއަންސް) އިތުރުކުރާށެވެ!

ތިބާގެ ވަނަވަރަށް އިތުރުވާ ކޮންމެ ނުކުތާއަކީ، ތިބާގެ ކުޅަދާނަކަން އިތުރުކަމަށް ދައްކައިދޭނެ އެއްޗެކެވެ. ތިބާއަކީ ގިނަގުނަ ކަންތައްތައް ދަންނަ، ތަންދޮރު އޮޅުންފިލާފައިވާ މީހެއްކަން އެއިން ސާބިތުވާނެއެވެ. އެއްވެސް އިޖުތިމާޢީ ޙަރަކާތެއްގައި ތިބާ ބައިވެރިވެގެން ނޫޅޭނަމަ، ހަމަ މިހާރުއްސުރެ އެފަދަ ޙަރަކާތެއްގައި ބައިވެރިވާށެވެ! (އެއީ ތިބާގެ ވަނަވަރަށް ނުކުތާތައް އިތުރުކޮށްދޭނެ ކަމެކެވެ. އަދި ތިބާއާ އެހެން މީހުންނާ ގުޅުވައިދީ، ތިބާގެ މަޢުރިފާ އިތުރުކޮށްދޭނެ ކަމެއްވެސްމެއެވެ.)


7. ދާއިރާ ފުޅާކުރާށެވެ!

ވަކިރަށަކުން ނުވަތަ ވަކި ސަރަޙައްދަކުން ވަޒީފާއެއް ހޯދަންއުޅެ ކާމިޔާބު ނުވެއްޖެނަމަ، ދާއިރާ ފުޅާކޮށްލާށެވެ! އޭރުން ގިނަ ވަޒީފާތަކާއި ގިނަ ފުރުޞަތުތައް ފެންނާނެއެވެ.


8. ތައްޔާރީ ޙާލަތުގައި އަބަދުވެސް ހުންނާށެވެ!

ވަޒީފާއެއް ހޯދުމުގެ މަސައްކަތް ލަސްނުކޮށް އަވަހަށް ފަށްޓާށެވެ! ވަޒީފާއަކަށް ކުރިމަތިލުމަށް އަބަދުވެސް ތައްޔާރަށް ހުންނާށެވެ! އެކަމަށްޓަކައި އަބަދުވެސް ވަނަވަރު އާކުރާށެވެ! މަސައްކަތްކުރާ ތަންތަނުން މަސައްކަތްކުރި ގޮތުގެ ލިޔުން ހޯދާށެވެ! ތިބާ ކުރަން އުޅޭ ކަންތައް ކުރުމަށްޓަކައި (ވަޒީފާއެއް ހޯދުމަށްޓަކައި) ރަނގަޅަށް ޕްލޭންކޮށް ރާވާށެވެ! އަވަހަށް މަސައްކަތް ފަށައިފިނަމަ، ލިބޭ ފުރުޞަތުތައް ގިނަވާނެ އެވެ. މުހިންމީ، ވީހާވެސް އަވަހަކަށް ވަޒީފާއެއް ޙާޞިލްކުރުމެވެ. ވަޒީފާއެއް ތިބާއަށް މާގިނަ ދުވަހު އިންތިޒާރު ނުކުރާނެ ކަން ދަންނާށެވެ! އިންޓަރނެޓްގައިވާ ވަޒީފާ ދިނުމާ ބެހޭ ވެބްސައިޓުތަކާ ގުޅުން ބާއްވާށެވެ! އެއިން ސައިޓެއްގައި ތިބާގެ އެކައުންޓެއް ނެތްނަމަ، އަވަހަށް އެކައުންޓެއް ހަދާށެވެ! އެއީ، ވަޒީފާއެއް ލިބުމުގެ މަގުފަހިކޮށްދޭ އަވަސް ވަސީލަތެކެވެ.


9. އަމިއްލައަށް އިޚުތިޔާރުކުރާށެވެ!

އެހެން މީހުން ދައްކާ ވާހަކައަކަށް ނުބަލައި ތިބާ އަމިއްލައަށް ވަޒީފާއެއް އިޚުތިޔާރުކުރާށެވެ! އެހެނީ އެވަޒީފާ އަދާކުރާނީ ތިބާއެވެ. ތިބާގެ ގާތްތިމާގެ މީހުންނާއި، ރަޙުމަތްތެރިންނެއް ނޫނެވެ. ތިބާ އަދާކުރާ ހިތްވާ ވަޒީފާއެއް އެނގޭނީ ތިބާއަށެވެ. މިކަމާމެދު އެހެން މީހުން ދައްކާ ވާހަކަތަކަށް ކަންފަތްދޭނެ ކަމެއް ނެތެވެ.


10. ވަޒީފާގެ ނަމާއި ލަޤަބާމެދު ނުވިސްނާށެވެ!

ވަޒީފާއަށް ކިޔާ ނަން، ނުވަތަ އެވަޒީފާ އަދާކުރާ މީހާއަށް ދޭ ލަޤަބަށް، ނުވަތަ އެ ވަޒީފާ އޮތް އޮފީހުގެ ނަމާމެދު ފިކުރުބޮޑުނުކުރާށެވެ! އޭގެ ބަދަލުގައި، ވަޒީފާގައި ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބަލާށެވެ! އަދި ވަޒީފާ އޮތް އޮފީހާބެހޭ މަޢުލޫމާތު ހޯދާށެވެ! އެއަށްފަހު، އެއީ ތިބާއާ މުނާސިބު ވަޒީފާއެއްތޯ ބަލާށެވެ! އޮފީހުގެ ނުވަތަ ކުންފުނީގެ ނަން މަޝްހޫރުވުމަކީ، ވަޒީފާގެ ރަނގަޅުކަން ބުނެދޭ މިންގަނޑެއް ނޫނެވެ. އަދިވަޒީފާގެ ނަމާއި ލަޤަބަކީ ވެސް ވަޒީފާގެ ރަނގަޅުކަން ބުނެދޭ މިންގަނޑެއް ނޫނެވެ.


11. ކުރިމަތިލާށެވެ!

ތިބާ ސަމާލުކަންދޭ ރޮނގެއްގެ ވަޒީފާއެއް ފެނިއްޖެނަމަ ކުރިމަތިލާށެވެ! އެ ވަޒީފާއިން ތިބާއަށް ބޮޑު މުސާރައެއް ނުލިބުނަސް، އެވަޒީފާ ލިބިއްޖެނަމަ ދޫކޮށްނުލާށެވެ! އެއީ އިތުރު ވަޒީފާތަކަށް ކުރިމަތިލުމާއި އިތުރު ފައިސާ ހޯދުމަށް ހުޅުވާލެވުނު ދޮރެއް ކަމުގައި ހަދާށެވެ!


12. މީޑިއާއަށް ފާޑުކިޔާށެވެ!

ޚަބަރު ފަތުރާ ވަސީލަތްތަކުން ގެނެސްދޭ ރިޕޯޓްތަކާއި، މަޢުލޫމާތުތަކުގައި، ވަރަށް ގިނަފަހަރު ފޮނިތޮށި ކާފޫރުތޮޅި އެކުލެވިފައިވާނެއެވެ. އެއް ތަނެއްގެ ވަޒީފާގެ ބާޒާރުގައި ރަނގަޅު ކަމަށް ބެލެވޭ ކަމެއް، އަނެއް ތަނެއްގެ ވަޒީފާގެ ބާޒާރުގައި ރަނގަޅުކަމަށް ނުވެދާނެއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން އިވޭ އެއްޗަކަށް ބަރޯސާވެ، ކަންބޮޑުވެގެންގޮސް ނާއުންމީދު ނުވާށެވެ! އޭގެ ބަދަލުގައި ކެތްތެރިވެ، ޢަޒުމް ވަރުގަދަކުރާށެވެ!