ދަރިފުޅު މަންމަ ރޮއްވާލި ކުރެހުން


އެ ގޭގައި ތިބީ ތިން ކުދިންނެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. އެކުދިންގެ މަންމައާއި ބައްޕަ ކޮންމެ ދުވަހަކު ވަޒީފާއަށް ދެ އެވެ. ދުވާލު ހަތަރު ދަމު ހެން އެ ދެމަފިރިން އުޅެނީ ގެއިން ބޭރުގައެވެ.

އާދައިގެ މަތިން އެއްރެއަކު، މަންމަ، ކުދިންގެ އަތަށް ކުރަހާ ފޮތާއި ކުލަ ފަންސުރު ދިނެވެ. އޭނާ ބަދިގެއަށް ވަދެ ކާބޯތަކެތި ތައްޔާރުކުރަންދެން ކޮންމެވެސް ކަމެއްގައި ކުދިން މަޝްޣޫލުކުރުވުމަށްޓަކައެވެ.

ރޭގަނޑުގެ ކެއުން ތައްޔާރުކުރުމަށްފަހު، ތަށްޓަކަށް ކާއެއްޗެހި އަޅައިގެން ގެއިން ބޭރަށް މަންމަ ނުކުތެވެ. އޭނާ ދިޔައީ ގެއާ ވަކިން ގޯތިތެރޭގައި ހަދާފައިވާ ކޮޓަރިއަކަށެވެ. އެކޮޓަރީގައި ވަނީ، އޭނާގެ މުސްކުޅި ބައްޕައެވެ.

އެނބުރި އައިސް ކުދިން ކުރެހި ކަރުދާސްތަކަށް މަންމަ ބަލާލިއެވެ.
އަންހެން ކުއްޖާ ކުރަހާފައިވަނީ ހެދުމާއި ރީތި ގަހަނާތަކެވެ. އެކުރެހުންތައް ވަރަށް ރީއްޗެވެ.
އެއާ ޖެހިގެން ހުރި ފިރިހެން ކުއްޖާ ކުރަހާފައިވަނީ އެކި ވައްތަރުގެ ކާރުތަކާއި މީހުންނެވެ. އެކުރެހުންތައް ވެސް ވަރަށް ރީއްޗެވެ.
އެންމެ ހަގު ކުއްޖާ ކުރަހާފައިވަނީ، ހަތަރެސްކަން ކޮޅިތަކެކެވެ. އެ ގޮޅިތައް އަތުރާލާފައި ވަނީ އެއްގޮޅި އަނެއް ގޮޅީގައި ޖެހިފައިވާ ގޮތަށެވެ. ނަމަވެސް ތަންކޮޅެއް ދުރުގައި ވަކިން ގޮޅިއެއް ކުރަހާފައި ވެއެވެ.

ހަގު ކުއްޖާގެ ކުރެހުމާމެދު މަންމަ ޙައިރާންވެ އަންތަރީސްވި އެވެ.

އޭނާ، އެކުއްޖާ ކުރެން އެއްސެވެ.
"ދަރިފުޅާ އެވެ! ދަރިފުޅު ކުރަހާފައި މިވަނީ ކޮންއެއްޗެއް ހެއްޔެވެ؟"

ދަރިފުޅު ބުންޏެވެ.
"ތިމަންނާ ކުރަހާފައި މިވަނީ، ތިމަންނާ ބޮޑުވުމުން ދިރިއުޅޭނެ ގެއެވެ. މިއީ އެ ގޭގެ ތަޅުމުގެ ޗާޓެވެ."

އަނެއްކާވެސް އެއްސެވެ.
"ތަޅުމުގެ ޗާޓުގައި ގެއާ ވަކިން ދުރުގައި މިވާ ކުޑަ ގޮޅިއަކީ ކޮންތަނެއް ހެއްޔެވެ؟

ނިކަން ސީރިއަސްކަމާއެކު ދަރިފުޅު ޖަވާބުދިނެވެ.
"ތިމަންނަ މިގޭގައި ދިރިއުޅޭއިރު، މަންމަ ބައިންދާނީ ގެއާ ވަކިން ދުރުގައި ހަދާފައިވާ މި ކޮޓަރީގައެވެ. ތިމަންނަ ވެސް މަންމަ ގެންގުޅޭނީ، މަންމަ، ކާފަ ގެންގުޅޭހެން އެކަހެރިކޮށް މީހުނާ ދުރުގައެވެ."

ދަރިފުޅުގެ މި ޖަވާބު އިވުމުން މަންމަގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ބޭއިޚުތިޔާރުގައި އޭނާއަށް ރޮވިއްޖެއެވެ. އަލިފާނެއް ފެނެއް ވަކިނުވާ ކުޑަ ކުޑަ ދަރިފުޅު އޭނާއަށް ދޭން ނިންމި ޖަޒާގެ ހިތިކަމުންނެވެ!

ކޮންމެއަކަސް، އެ ދަރިފުޅު ކުރެހި، ތަޅުމުގެ ޗާޓުން މަންމައަށް ޢިބްރަތެއް ޙާޞިލުވިއެވެ. ތިމާމެންގެ މައިންބަފައިންނާމެދު ތިމާމެން ކަންކުރާ ގޮތަށް، ތިމާމެންގެ ދަރީން، ތިމާމެންނާމެދު ކަންކުރާނެ ކަން، އެއިން އޭނާއަށް ވިސްނުނެވެ.