އެތެރެ ހުސް ގަބު މީހުން ބޮޑަށް އަޑުގަދަވާނެ އެވެ.



ރޭލެއް ދަތުރުކޮށްފައި ދާއިރު، އޭގެ ބަޔެއް މާބޮޑަށް ތެޅެމުންދާނަމަ އެއީ ހުސް ބަޔެއްކަން ކަށަވަރެވެ. ވިޔަފާރިވެރިޔަކު އޭނާ ވިއްކާ އެއްޗެއް މާބޮޑަށް އިޝްތިހާރުކުރާނަމަ، އެއީ ރަނގަޅު އެއްޗެއް ނޫންކަން ޔަޤީނެވެ.

މި އުސޫލުން ބަލާއިރު، އެތެރެ ހުސް، ހަރުކަމެއް ނެތް މީހުން އަޑުގަދަވެފައި ހަޅޭއްލެވުން ގިނަވާނެއެވެ. އެތެރެ ހުސް (ބޮޑުބެރު ފަދަ) އެއްޗެހިން ގަދަ އަޑު އިވޭ ބީދައިންނެވެ. ނަމަވެސް، ކެތްތެރިކަމާއެކު މަސައްކަތްކުރާ ހަރުދަނާ މީހުން ހަމަހިމޭންވެފައި ހިތްތިރިވާނެއެވެ. އެހެނީ، އެމީހުންނަކީ ކާމިޔާބުގެ އޮނިގަނޑު ފަރުމާކޮށް، އުއްމަތުގެ ބިނާ އާރާސްތުކުރުމުގައި އަވަދިނެތި އުޅޭ ބަޔެކެވެ.

އޮށްޓަރު އަރައި ފުރިފައިވާ ގޮދަންކޯޅި ބަރުވާނެއެވެ. އެ ގޮދަންކޯޅި ވާނީ އަތްއަތަށް ނުލެނބި ސާބިތުކަންމަތީގައެވެ. އެއާ ޚިލާފަށް، އޮށްޓަރު މަދު ގޮދަންކޯޅި ލުއިވާނެ އެވެ. ވަޔާއެކު އެ ގޮދަންކޯޅި އަތްއަތަށް ލެނބޭނެއެވެ.

އިންސާނުންގެ ތެރޭގައި ވެސް، ބުރަދަނެއް ނެތް މީހުން އުޅެ އެވެ. އެ މީހުންނަކީ ޙަޔާތުގެ މަދްރަސާއިން ފޭލްވެފައިވާ ސުންތަކެކެވެ. އެ މީހުން ވަނީ، އުނގެނުމުގެ ވެށްޓާއި، އީޖާދުކުރުމުގެ މައިދާނާއި، އުފެއްދުންތެރިކަމުގެ ކާރުޚާނާގައި ނާކާމިޔާބުވެފައެވެ. އެހެންކަމުން އެ މީހުންގެ މަސައްކަތަކަށް ހަދާފައިވަނީ، އެހެން މީހުންގެ ކާމިޔާބާއި ކުރިއެރުމަށް ހުރަސް އެޅުމެވެ. އެ މީހުންގެ މިސާލަކީ ތަނެއްދޮރެއް ނުދަންނަ ސަފީހުންގެ މިސާލެވެ. ކުރެހުންތެރިޔަކު ކުރަހައި، ރީތިކަމާއި ޗާލޫކަމުން އަތްކަންއަޅާފައިވާ ލާމަސީލު މަންޒަރެއް އެއިން މީހަކަށް ފެނިއްޖެނަމަ، އެޔަށް ކިލާ ޖަހައި އެ ހަޑިކޮށްލާނެއެވެ.

ތަނެއްދޮރެއް ނުދަންނަ އަނދޮޅު މީހުން ހިންގާ ޕްރޮޖެކްޓަކީ ވައިއަނގަތެޅުމެވެ. އެ މީހުންގެ ޙުއްޖަތްތަކަކީ ހަޅޭއްލެވުމެވެ. ދަލީލުތަކަކީ ބުހުތާންދޮގެވެ. އެ މީހުންގެ ތެރެއިން މީހަކީ ކަނޑައެޅިގެން މިވެނި ދާއިރާއަކަށް ނިސްބަތްވާ މީހެކޭ ބުނާކަށް ނޭނގޭނެއެވެ. އެއީ އަދީބުންނެއް ނޫނެވެ. ވާހަކަދެއްކުންތެރިންނެއް ވެސް ނޫނެވެ. ލިޔުންތެރިންނެއް ވެސް ނޫނެވެ. މޭސްތެރިންނެއް ވެސް ނޫނެވެ. ވިޔަފާރިވެރިންނެއް ވެސް ނޫނެވެ. އެމީހުން، ރަނގަޅު މުވައްޒަފުންގެ ތެރެޔަކު ނުހިމެނޭނެ އެވެ. ތޫނުފިލި ޢިލްމުވެރިންގެ ތެރެޔަކު ވެސް ނުހިމެނޭނެއެވެ. ހެޔޮލަފާ ޞާލިޙުންގެ ތެރެޔަކު ވެސް ނުހިމެނޭނެއެވެ. ދީލަތި މީހުންގެ ތެރެޔަކު ވެސް ނުހިމެނޭނެއެވެ. ކީއްތޯއެވެ. އެމީހުންނީ، އަދަދުގެ ވާތްފަރާތުގައި ޖަހާ ސުންތަކެކެވެ. ދިރިއުޅެމުންދާނީ އަމާޒެއް ނެތި އެވެ. ކުރިޔަށްދާނީ ރޭވުމެއް ނެތިއެވެ. ހިނގަމުންދާނީ ހިންމަތެއް ނެތި އެވެ. ފާޑުކިޔޭވަރުގެ ޢަމަލެއް އެ މީހުންނަކަށް ނުކުރެވޭނެއެވެ. އެއީ ސޮހޮލުވެ ބިންމައްޗަށް ވެއްޓިފައިވާ ބަޔެކެވެ. އެހެންކަމުން އެމީހުންނަކު އިތުރަކަށް ނުވެއްޓޭނެއެވެ. އެމީހުންނާމެދު ހެޔޮ ބަހެއް ބުނެވޭތަނެއް ނުފެންނާނެ އެވެ. އެމީހުންނަށް ހެޔޮ ރަނގަޅު ކަމެއް ކުރެވިފައި ނެތީތީއެވެ. އެމީހުންނާ ދިމާއަށް މީހަކު އެއްޗެއްސެއް ވެސް ނުކިޔާނެއެވެ. އެމީހުންގެ ކިބައިން އެކަމަކަށް ހަސަދަވެރިވާނެ ކަމެއް ފެންނަންނެތީތީއެވެ.

އަދަބީ ފޮތްފޮތުގައި ނަންގަނެވިފައިވެ އެވެ. ކަންނެތް، ފަރުވާކުޑަ ޒުވާނަކު އޭނާގެ ބައްޕަ ގާތުގައި ބުންޏެވެ.

"އެވެނި މީހާއާ އެއްގޮތަށް، ތިމަންނައަށް އެއްވެސް މީހަކު ތާރީފުގެ ބަހެއް ވެސް އަދި ބަދު ބަހެއް ވެސް ނުބުނަނީ ކީއްވެ ހެއްޔެވެ؟"

އެހިނދު އޭނާގެ ބައްޕަ ޖަވާބުގައި ބުންޏެވެ.

"ތިބާއަކީ އިންސާނެއްގެ ހަންގަނޑެއްގެ ތެރޭގައި އޮތް ގެރިއަކަށްވީތީއެވެ."

އެތެރެހުސް ގަބު މީހާ އަށް، އެހެން މީހުންގެ މަސައްކަތްތައް ފުނޑުފުނޑުކޮށްލައިގެން ފޮނިކަން ލިބެއެވެ. ރަނގަޅު ކަންކަމުގައި ކުރި ހޯދާފައިވާ މީހުންގެ ކަރާމަތްތެރިކަމަށް އަރައިގަނެގެން އަރާމު ލިބެއެވެ. އެމީހުންގެ މޮޅު އުފެއްދުންތަކާއި އީޖާދުތައް ސުންނާފަތިކޮށްގެން އުފާ ލިބެއެވެ. އެމީހުންނާ އެއް ހަމައިގައި އޭނާއަށް ފައިތިލަ ސާބިތުނުކުރެވުނީތީއެވެ.

ހިވާގި މަސައްކަތްތެރިޔާ އޭނާގެ ވަގުތުތައް ހޭދަކުރާނީ، އޭނާގެ މަސައްކަތްތައް ރަނގަޅަށް ފުރިހަމަކުރެވޭތޯއެވެ. އަދި އޭނާ އުފައްދާތަކެތީގެ ފެންވަރު މަތިކުރެވޭތޯއެވެ. ދިރިތިބީންގެ ނަފުސުތައް ކަތިލައި، މަރްޙޫމުންގެ ކަށްވަޅުތައް ކޮންނާނެ ވަގުތެއް އޭނާއަކަށް ނުލިބޭނެއެވެ. އެއްވެސް ބަޔެއްގެ އައިބުތައް ކިޔައި ނެތިމޮށުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. އަވަދިނެތި އޭނާ އުޅޭނީ އުއްމަތުގެ ބިނާ އާރާސްތުކުރެވޭތޯ އެވެ. ހެޔޮކަމުގެ ފޭރާން ވިޔެ އުފެއްދޭތޯއެވެ.

ރަނގަޅަށް ހެދި ފޯދިފައިވާ ކަދުރު ރުއް، ފެހިކަންމަތީ އަބަދުވެސް ދެމިހުންނާނެއެވެ. އޭގެ މޭވާތައް މީރުވެފައި، ފައިދާތައް ގިނަގުނަވާނެއެވެ. އެހެންކަމުން، ސަފީހަކު އެއްލާ ގާބުރިން ޖެހިފައިވެސް އެ ރުކުން ވެއްޓޭނީ މީރު ފޮނި ކަދުރެވެ. ނަމަވެސް ޙަންޡަލް (Colocynth) ވެލުގެ މޫ ފެނާހަމައަކަށް ނުފޯރަ އެވެ. އޭގެ މަލަ އަބާއްޖަވެރިއެވެ. ރަހަ ހިތްޗެވެ. އެޔަކު ރީތި ސިފައެއް ނެތެވެ. މީރު މޭވާއެއް ނާޅައެވެ.

ކަނޑި، ކަށިތައް ބުރިކުރަމުންދާއިރު ހަޅޭކެއް ނުލަވައެވެ. ނަމަވެސް ޖައްވު ގުގުމާލާ ބޮޑު ބެރަކީ އެތެރެ ހުސް އެއްޗެކެވެ!

އަޅުގަނޑުމެން ކުރަންވީ ކަމަކީ، އަމިއްލަ ނަފުސުތައް އިޞްލާޙުކޮށް، ޢަމަލުތައް ފުރިހަމަކުރުމެވެ. އެހެން މީހުންގެ ފަތް ބަލައި ހިސާބުކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫނެވެ. އެހެން މީހުންގެ ވިސްނުމާއި ފިކުރަށް ފާރަލައި، އެމީހުންގެ ޒަމީރަށް ޙުކުމްކުރުމަކީ ވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫނެވެ. މާތް ﷲ އެމީހުންގެ ހިސާބުބައްލަވާނެތެވެ. ސިއްރާއި ފާޅުގައި އެމީހުން ކުރާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

ހެޔޮލަފާ ބަޔަކަށް، އެހެން މީހުންގެ ކަށިތައް ބިންދާނެ ހުސްވަގުތެއް ނޯންނާނެއެވެ. އަދި އެމީހުންނަކަށް، އެހެން މީހުން ދޮންނަ އެއްޗެހި ހިއްކަން އަޅައި، އެހެން މީހުންގެ ކަފުންތައް އިރާނެ ހުސްވަގުތެއް ވެސް ނޯންނާނެއެވެ.

މެއްސެއް ހެން، މީހުންގެ ފާރުކޮޅުތައް ކޮންނަން އުޅޭނީ ހެޔޮލަފާކަމެއް ނެތް މީހުންނެވެ. ހެޔޮލަފާ މީހުން ވާނީ، ބޭކާރު ކަންތައްތަކުން އެއްކިބާވެގެންނެވެ. އެމީހުންނަކީ މާމުއި ކުޅަނދުރުތަކެއް ފަދަ ބަޔެކެވެ. އެ ކުޅަނދުރު މާމެލާމެލިން ފޮނި ބުއިމުގައި މަޝްޣޫލުވެގެން ވެއެވެ. އެއިން، ޝިފާލިބިދޭ މާމުއި އުފެއްދުމަށްޓަކައެވެ.

މުބާރާތްތަކުގައި ވާދަކުރާ އަސްތައް، ކުޅިބަލަން ތިބޭ މީހުން ފޯރިދޭ އަޑެއް ނާހާނެއެވެ. އޭއްޗެހި އެ އަޑު އަހައިފިނަމަ، އޭއްޗިއްސަށް މުބާރާތް ނާކާމިޔާބުވާނެތީއެވެ. ގަދައަޅައި މަސައްކަތްކުރާށެވެ! ކުރާކަމެއް ރަނގަޅަށް ފުރިހަމަކުރާށެވެ! ހުރަސްއަޅާ މީހަކު ނުވަތަ ހަސަދަވެރިވާ މީހަކު ނުވަތަ ވައިއަނގަތަޅާ މީހަކު ކިޔާ އެއްޗެއް އަޑުނާހާށެވެ!

ކަދުރުރުކަކަށް ތިރިކުރި މަދިރިއެއް އުދުއްސައިގަންނަމުން ބުންޏެވެ.

"ކަދުރުރުކާއެވެ! ސާބިތުވެ ހުންނާށެވެ! އަހަރެން މި އުދުއްސައިގަންނަނީއެވެ."

އެހިނދު އެ ކަދުރުރުއް ބުންޏެވެ.

"މާތް ﷲ ގަންދީ ބުނަމެވެ! އަހަރެންގެ ގަޔަށް ތިބާ ތިރިކުރިކަމެއް އަހަންނަކަށް ނޭނގެއެވެ. ވީމާ، ތިބާ އުދުއްސައިގަންނައިރު، އެކަން އަހަންނަށް އިޙުސާސްވާނެ ހެއްޔެވެ؟

ބަރު މުދާ އުފުލާ ބޮޑެތި ލޮރީތައް މަގުތަކުގައި ދުއްވާފައިދާއިރު، އޭއްޗެހީގައި ލިޔެފައި ހުރެއެވެ. "މިއީ ނުރައްކާތެރި އެއްޗެކެވެ! މިޔާ ގާތްވުމަކީ މަނާކަމެކެވެ!" ކާރުތަކާއި ސައިކަލްތައް އެޔާ ދުރަށްޖެހި ފޭވާއިރު އެތަކެތީގެ ޙާލުގެ ދުލުން ގޮވާ ކަހަލައެވެ.

(لا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لا يَشْعُرُونَ)
ސޫރަތުއް ނަމްލު: 18

"(އެއީ) ނޭނގިތިބެ، ސުލައިމާނުގެފާނާއި އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ."

ސިންގާ މުޅައެއްޗެއް ނުކާނެއެވެ. މިނިކާވަގު އަންހެނަކަށް ހަމަލައެއް ނުދޭނެއެވެ. ނަމަވެސް ކުރަފިތަކާއި ފަނިފަކުސަތައް އުޅޭނީ ކުނިގޮނޑުގައެވެ. އޭއްޗެހީގެ ކުޅިސަމާ އޮންނާނީ އެތާނގައެވެ.